ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/SC-HCL/05, 2026/SC-L/16

ބިޒްނަސް އެންޑް ފައިނޭންޝިއަލް ސަރވިސަސް ކޮންސަލްޓިންގ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢިމާދު

ސުޕްރީމް ކޯޓުބައެއް ބަދަލުކުރި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 އޭޕްރީލް 2026ދަށު ކޯޓު: ހައިކޯޓު HC-RM/2026/09ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2026/09، 95-CR/PRIV/2025/71، 854/Cv-C/2025
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 854/Cv-C/2025 ގައި، 4,595,372.50 ރުފިޔާ ހޯދުމަށް ބީ.އެފް.އެސް އިން ކުރި ދަޢުވާއިން، ދެފަރާތުން އެއްބަސްވި ނުދައްކާ ކުލި 113,000 ރުފިޔާއާއި ވަކީލުންގެ ޚަރަދު 16,500 ރުފިޔާ ނަގައިދީ، ބާކީ ބައިތައް ނަގައިނުދިނެވެ. އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުގެ ރަޖިސްޓްރާރު 95-CR/PRIV/2025/71 ގައި ނުދީ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2026/09 ގައި އެ ނިންމުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ބީ.އެފް.އެސް އިން މެނޭޖްކުރާ މ. ދަރަވަންދޫގެ 2އޭ އެޕާޓްމަންޓް ކުއްޔަށް ހިފުމަށް މުޙައްމަދު ޢިމާދާ ވި އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ، ކުލި، ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް 50 ރުފިޔާގެ ފައިސާ، ބިޒްނަސް ލޮސް، ތަން ޙަވާލުކުރިއިރު ނުދައްކާހުރި ބިލުތަކާއި ވަކީލުގެ ޚަރަދު ހޯދުމަށް ބީ.އެފް.އެސް އިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ ދަށުން ފައިސާ ހޯދުމަށް ކުރި ދަޢުވާއެއްގައި ސިވިލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ރަނގަޅުތޯއާއި، ކުއްޔަށް އުޅުނު މުއްދަތަށް ރިޢާޔަތްނުކޮށް ކުލި ކަނޑައެޅުމާއި ޝަރީޢަތް ނުކޮށް މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ނުކުތާތަކަކީ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތަކެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ރަޖިސްޓްރާރު ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ޙާލަތެއް ނުވަތަ އޮޅިގަނޑު ގިރާކުރާ ބަހުސެއް ނެތްކަމަށެވެ. ސުޕްރީމް ކޯޓަށް ބީ.އެފް.އެސް އިން ހުށަހެޅީ 4 ނުކުތާއެވެ: ކުއްޔަށް އުޅުނު މުއްދަތަށް ރިޢާޔަތްނުކޮށް ކުލި ކަނޑައެޅުން، ދުވަހަކަށް 50 ރުފިޔާގެ ފައިސާ ނަގައިނުދިނުން، ޤާނޫނީ ޚިދުމަތުގެ ފީ ނަގައިދިން ގޮތް، އަދި ޝަރީޢަތް ކުރުމަކާ ނުލައި މައްސަލަ ކުރިއަށް ގެންގޮސް ޙައްޤު ގެއްލުނުކަމެވެ.
ކޯޓުގެ ސަބަބުތައް
ދުވަހަކަށް 50 ރުފިޔާގެ ފައިސާ ސިވިލް ކޯޓުން ނަގައިނުދިނީ ޙަސަން އަލިމަނިކު ވ. އަޙްމަދު ޖަނާޙްގެ ޕެނަލްޓީ ކްލޯޒުގެ މިންގަނޑަށް ބަލައި، އެއީ އަދަބެއްގެ ގޮތުން ނަގާ ފައިސާއެއްކަމަށް ބެލޭތީއެވެ. ވަކީލުގެ ފީ ނަގައިދިނީ ލިޔެކިޔުމުން ސާބިތުވާ މިންވަރަށެވެ. މި ދެ ނުކުތާގައި އެކަށީގެންވާ ޤާނޫނީ ބަހުސެއް ނެތުމުން 2019/SC-L/91 ގެ ދަށުން ހައިކޯޓުގެ ނިންމުން ރަނގަޅެވެ. ނަމަވެސް ކުއްޔަށް އުޅުނު މުއްދަތާއި ކުލި ނުލިބުނު ދުވަސްތަކަކީ ދެފަރާތުން ސާފުކޮށް ކަނޑައަޅަންޖެހޭ ކަންކަމަށްވާތީ، ކުލީގެ ނުކުތާއާއި ޝަރީޢަތް ނުކުރުމުގެ ނުކުތާ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހެއެވެ.

ނިންމުން

ބައެއް ބަދަލުކުރި

ހައިކޯޓުގެ ނިންމުން ބައެއް ބާޠިލު: ސިވިލް ކޯޓުގެ 854/Cv-C/2025 ގެ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ރަޖިސްޓްރާރުގެ 95-CR/PRIV/2025/71 ގެ ނިންމުމަށް ތާއީދުކުރި ހައިކޯޓުގެ ފަނޑިޔާރުންގެ HC-RM/2026/09 ގެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް ކަނޑައަޅައި، މިއީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ނިންމައި، 10 ދުވަހުގެ ތެރޭގައި ބީ.އެފް.އެސް އިން ހުށަހަޅައިފިނަމަ އެ ފޯމު ބަލައިގަތުމަށް ހައިކޯޓަށް އެންގި. ދުވަހަކަށް 50 ރުފިޔާގެ ފައިސާއާއި ވަކީލުގެ ފީއާ ގުޅޭ 2 ނުކުތާ ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމީ ރަނގަޅަށް ކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފުކުރުމަށް ހުށަހަޅާ ނުކުތާއަކާ ގުޅިގެން އެކަށީގެންވާ ޤާނޫނީ ބަހުސެއް ހުށަހެޅިފައިވާކަން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ފޯމުން ނޭނގޭނަމަ، އިސްތިއުނާފީ މައްސަލައެއް ބަލައިގަތުމުގައި ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލު ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުމަށް ޙަވާލާދީ އެ ނުކުތާ ބަލައިނުގަތުމަކީ ރަނގަޅު ނިންމުމެކެވެ.

HN2 އެއްބަސްވުމެއްގެ ދަށުން ކުލި ނުދީގެން ހުށަހަޅާ މައްސަލައެއްގައި ކުލި ނުލިބިވާކަމަށް ދަޢުވާކުރާ ފަރާތުން ފާހަގަކުރާނަމަ، ކުއްޔަށް އުޅުނު މުއްދަތާއި ކުލި ނުލިބިވާކަމަށް ބުނާ ދުވަސްތަކަކީ ކޮބައިކަމަކީ ދެ ފަރާތުން ސާފުވެގެން އެއާމެދު ގޮތެއް ކަނޑައެޅޭނެ ކަންތައްތަކެކެވެ. އެހެންކަމުން ކުލި ނަގައިދިނުމުގައި ކުއްޔަށް އުޅުނު މުއްދަތަށް ރިޢާޔަތްނުކުރާކަމަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާއަކީ ޤާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތަކެއް ހުރި، ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެކެވެ.

HN3 ޝަރީޢަތް ކުރުމަކާ ނުލައި މައްސަލަ ކުރިއަށް ގެންގޮސްފައިވުމުން ޙައްޤު ގެއްލިފައިވާކަމަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާއަކީ ޤާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތަކެއް ހުރި ނުކުތާއެއްކަމުން، އެ ނުކުތާއާ ގުޅިގެން މައްސަލަ ހައިކޯޓަށް ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސައިން ޞަޙީދު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2026/SC-HCL/05

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2026/SC-L/16

ހުށަހެޅުނު ތާރީޚު: 04 މާރިޗު 2026

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ބިޒްނަސް އެންޑް ފައިނޭންޝިއަލް ސަރވިސަސް ކޮންސަލްޓިންގ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ޢާންމު ނަން: ބީ.އެފް.އެސް

ދާއިމީ އެޑްރެސް: ހ. ރަބީޢީމަންޒިލް، މާލެ

މިހާރުގެ އެޑްރެސް: ހ. ރަބީޢީމަންޒިލް، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2026/09

ހުށަހެޅުނު ތާރީޚު: 12 ޖަނަވަރީ 2026

ނިމުނު ތާރީޚު: 02 ފެބްރުވަރީ 2026

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1- ބިޒްނަސް އެންޑް ފައިނޭންޝިއަލް ސަރވިސަސް ކޮންސަލްޓިންގ ގްރޫޕް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ބީ.އެފް.އެސް") އިން މެނޭޖްކުރަމުންދާ "މ. ދަރަވަންދޫގެ" އެވެ ކިޔާ ގޭގެ 2އޭ އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ބީ.އެފް.އެސް އާއި ޏ. ފުވައްމުލައް، ދޫޑިގަން. ޕިޔާނާގެ، މުޙައްމަދު ޢިމާދު އާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ޢިމާދު ދޭންޖެހޭ ފައިސާ ދީފައިނުވާތީ، ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޖުމްލަ 4,595,372/50ރ. (ހަތަރު މިލިއަން ފަސްލައްކަ ނުވަދިހަ ފަސްހާސް ތިން ސަތޭކަ ހަތްދިހަ ދެ ރުފިޔާ ފަންސާސް ލާރި) މުޙައްމަދު ޢިމާދުގެ ކިބައިން ހޯދުމަށް ބީ.އެފް.އެސް އިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 854-Cv-C-2025 ޤަޟިއްޔާގައެވެ.

[2]4.2- އެ ޤަޟިއްޔާ ނިންމާފައިވަނީ ބީ.އެފް.އެސް އާ މުޙައްމަދު ޢިމާދުއާދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން "މ. ދަރަވަންދޫގެ" އެވެ ކިޔާ ގޭގެ 2އޭ އެޕާޓްމަންޓަށް ކުލީގެ ގޮތުގައި ދައްކަންޖެހި ނުދައްކާވަނީ -/113,000ރ. (އެއްލައްކަ ތޭރަހާސް ރުފިޔާ) ކަން ދެފަރާތުން އެއްބަސްވާތީ އެ ފައިސާއާއި، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ވަކީލުންނަށް ޚަރަދުކޮށްފައިވާ -/16,500ރ. (ސޯޅަހާސް ފަސްސަތޭކަ ރުފިޔާ) އާއެކު ޖުމްލަ -/139,500ރ. (އެއްލައްކަ ތިރީސް ނުވަހާސް ފަސްސަތޭކަ ރުފިޔާ) އަކީ މުޙައްމަދު ޢިމާދުގެ ފަރާތުން ބީ.އެފް.އެސްއަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައެވެ. އަދި ޖޫރިމަނާ އާއި ބިޒްނަސް ލޮސްގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއާއި، ތަންހުސްކޮށް ޙަވާލުކުރިއިރު، ނުދައްކާހުރި ބިލުތަކުގެ ފައިސާގެގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމިއެވެ.

[3]4.3- ބީ.އެފް.އެސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 854-Cv-C-2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އަދި ނަންބަރު 95-CR/PRIV/2025/71 "ރަޖިސްޓްރާރގެ ނިންމުން" ގައި ބުނެފައިވަނީ ބީ.އެފް.އެސްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށްފައިނުވާތީއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ނިންމުމާއި، ނަންބަރު 2019/SC-L/91 ނިންމުން އަދި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އހ. ޤަޟިއްޔާގައި ބަޔާންކުރާފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ހުށަހެޅިފައިނުވާތީ، ހައިކޯޓުގެ ޤަވާޢިދު (2011)ގެ 27 ވަނަ މާއްދާއާ ހަވާލާދީ އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.

[4]4.4- ބުނެވުނު ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖައާކުރުމަށް ބީ.އެފް.އެސްގެ ފަރާތުން ހުށަހެޅުމުން ހައިކޯޓުގެ ނަންބަރު HC-RM/2026/09 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ރަޖިސްޓްރާރގެ ނިންމުމަށް އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުން ތާއީދުކުރިއެވެ.

[5]4.5- މިއީ ބުނެވުނު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ބީ.އެފް.އެސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ހުށަހެޅުމާމެދު މި ކޯޓުން ނިންމި ގޮތެވެ.

[6]4.6- ބީ.އެފް.އެސްގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 04 (ހަތަރެއް) ނުކުތާއެކެވެ. އެއީ ކުއްޔަށް ހިފިތަން ބޭނުންކޮށްފައިވާ މުއްދަތަށް ސިވިލް ކޯޓުން ރިޢާޔަތްނުކޮށް މަހު ކުލީގެ ގޮތުގައި ނަގައިދީފައިވާ މިންވަރު ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއާއި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ފާއިތުވާ ކޮންމެ ދުވަހަކަށް -/50ރ. (ފަންސާސް ރުފިޔާ) ގެ މަގުން ފައިސާގެ އަދަދެއް ނެގޭނެކަމަށް އެއްބަސްވުމުގައި އޮތްއިރު، އެ އަދަދު ނަގައި ނުދިނުމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، ޤާނޫނީ ޚިދުމަތުގެ ފީ ނަގައިދީފައިވާ ގޮތުގެ މައްޗަށް ހުށަހަޅާފައިވާ ނުކުތާއާއި، ޝަރީޢަތް ކުރުމަކާ ނުލައި މައްސަލަ ކުރިއަށް ގެންގޮސްފައިވާތީ ޙައްޤު ގެއްލިފައިވާކަމަށް ހުށަހަޅާފައިވާ ނުކުތާއެވެ.

[7]4.7- އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ފާއިތުވާ ކޮންމެ ދުވަހަކަށް -/50ރ. (ފަންސާސް ރުފިޔާ) ގެ މަގުން ފައިސާ ނަގައިނުދެވޭނެކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ޙަސަން އަލިމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި އެއްބަސްވުމުގެ މާއްދާއަކީ ޕެނަލްޓީ ކްލޯޓްއެއްކަން ނުވަތަ ނޫންކަން ވަޒަންކުރުމުގައި ބަލާނެ މިންގަނޑާއި ހަވާލާދީ އެއީ ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ނުދެއްކުމުގެ ސަބަބުން އަދަބެއްގެ ގޮތުން ނެގުމަށް އެދޭ ފައިސާއެއްކަމަށް ބެލޭތީ އެސަބަބަށް ރިޢާޔަތްކޮށެވެ. އަދި ޤާނޫނީ ވަކީލުގެ ފީ އާ ގުޅޭގޮތުން ސިވިލް ކޯޓުން ނަގައިދީފައިވަނީ ލިޔެކިޔުންތަކުން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ސާބިތުވާ މިންވަރުކަމަށް ސިވިލް ކޯޓުގެ ނިންމުމުން އެނގެންއޮވެއެވެ. މި ދެ ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބީ.އެފް.އެސްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެކަށީގެންވާ ޤާނޫނީ ބަހުސެއް ހުށަހެޅިފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އެފަރާތުން ހުށަހެޅި އިސްތިއުނާފީ ފޯމަށް ބަލާއިރު އެނގެންނެވެ. އެހެންކަމުން މި ދެ ނުކުތާއާ ގުޅިގެން އިސްތިއުނާފީ މައްސަލައެއް ބަލައިގަތުމުގައި ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލު ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުމަށް ޙަވާލާދީ މި ދެ ނުކުތާ ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ތާއީދުކޮށް ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ.

[8]4.8- ނަމަވެސް، ބީ.އެފް.އެސްގެ ފަރާތުން ކުލި ނަގައިދިނުމުގައި ކުއްޔަށް އުޅެފައިވާ މުއްދަތަށް ރިޢާޔަތްނުކުރާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި އަދި ޝަރީޢަތް ކުރުމަކާ ނުލައި މައްސަލަ ކުރިއަށް ގެންގޮސްފައިވުމުން ޙައްޤު ގެއްލިފައިވާކަމަށް ހުށަހެޅި ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މި ދެ ހުށަހެޅުމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތަކެއް ހުރިކަމަށް ބެލެވެއެވެ. އެހެނީ، މި މައްސަލައަކީ އެއްބަސްވުމެއް ދަށުން ކުލި ނުދީގެން ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، ކުލި ނުލިބިވާކަމަށް ބީ.އެފް.އެސްގެ ފަރާތުން ފާހަގަކުރާނަމަ، ކުއްޔަށް އުޅުނު މުއްދަތާއި ކުލި ނުލިބިވާކަމަށް ބުނާ ދުވަސްތަކަކީ ކޮބައިކަމާއި، މި ކަންކަމަކީ ދެ ފަރާތުން ސާފުވެގެން އެއާމެދު ގޮތެއް ކަނޑައެޅޭނެ ކަންތައްތަކެކެވެ. އެހެންކަމުން، ބީ.އެފް.އެސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މި ދެ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ބަލަންޖެހޭ ބެލުންތަކެއް ހުރިކަމަށް ބުރަވެވެއެވެ. އަދި މި މައްސަލައަކީ ހައިކޯޓަށް ބަލައިގަނެ މި ދެ ނުކުތާއާ ގުޅިގެން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ދެކެމެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 854-Cv-C-2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބިޒްނަސް އެންޑް ފައިނޭންޝިއަލް ސަރވިސަސް ކޮންސަލްޓިންގ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 95-CR/PRIV/2025/71 ރަޖިސްޓްރާގެ ނިންމުމަށް ތާއީދުކޮށް، ހައިކޯޓުގެ ނަންބަރު HC-RM/2026/09 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް ކަނޑައަޅައި، މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ފެންނާތީ މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބިޒްނަސް އެންޑް ފައިނޭންޝިއަލް ސަރވިސަސް ކޮންސަލްޓިންގ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ފަރާތުން ހުށަހަޅައިފިނަމަ، އެ ފޯމު ބަލައިގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގައި، މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢާއިޝާ ޝުޖޫން މުޙައްމަދު

ޙުސައިން ޞަޙީދު

މުޙައްމަދު ސަލީމް

14 ޝައްވާލް 1447

02 އޭޕްރިލް 2026

ފުޓްނޯޓު

  1. C-167/99
  2. އައިޑީ ކާޑު ނަންބަރު A057047
  3. ޤާނޫނު ނަންބަރު 22/2010
  4. [2022] SC 39
  5. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ