ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/SC-HCL/14, 2025/SC-L/63

ޑރ.އިބްރާހީމް މަޙްފޫޡް ވ. މުމްތާޒް ސައްޔިދު އަޙްމަދު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 18 ސެޕްޓެމްބަރު 2025ދަށު ކޯޓު: ހައިކޯޓު HC-RM/2025/22ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2025/22، 95-CR/INDIV/2025/127، 2843/Cv-C/2022
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޙަސަންމަނިކުގެ ވާރިޘުން ސާބިތުކޮށްދިނުމަށް ޑރ. އިބްރާހީމް މަޙްފޫޡް ހުށަހެޅި ސިވިލް ކޯޓުގެ 2843/Cv-C/2022 ގައި، ހުވަފަތް އަނބި މުމްތާޒް ސައްޔިދު އަޙްމަދާއި 5 ދަރިން ހިމެނޭ 6 ވާރިޘުން ސާބިތުކުރިއެވެ. އެ ޙުކުމުގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ (95-CR/INDIV/2025/127) ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2025/22 ގައި އެ ނިންމުމަށް ބަދަލު ނުގެނައެވެ.
ވާޤިޢާ
21 ޖުލައި 2022 ގައި ޙަސަންމަނިކު ނިޔާވިއެވެ. ހެކިން ބުނީ ނިޔާވިއިރު ކައިވެންޏެއްގައި އުޅޭކަން ނޭނގޭކަމަށެވެ. ނަމަވެސް ފެމިލީ ކޯޓުގެ 146-D1/144/2022/15 ސިޓީގައި މުމްތާޒް ސައްޔިދު އަޙްމަދާ ކައިވެނިކުރި ތާރީޚު ބަޔާންކޮށްފައިވާއިރު، ވަރިކުރި ތާރީޚެއް ނުވަތަ ވަރީގެ ނަންބަރެއް އެ ސިޓީން ނޭނގޭތީ، އޭނާއަކީ ވާރިޘެއްކަމަށް ސިވިލް ކޯޓުން ނިންމިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަށު ކޯޓުގެ ޙުކުމް ޚިލާފުވަނީ ޤާނޫނުގެ ކޮން މާއްދާއަކާ ނުވަތަ ޝަރުޢީ ކޮން އުޞޫލަކާ ކަމާއި ޚިލާފުވާ ގޮތް ބަޔާންނުކޮށް ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަޙުޘެއް އުފެދޭތޯއާއި، ފެމިލީ ކޯޓުގެ ލިޔުމުން ކައިވެނިކުރިކަން އެނގެން އޮންނައިރު ކައިވެނި ރޫޅުނުކަން ސާބިތުނުވާނަމަ އަނބިމީހާ ވާރިޘެއްގެ ގޮތުގައި ކަނޑައެޅުން ރަނގަޅުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޑރ. އިބްރާހީމް މަޙްފޫޡް ބުނީ، ނިޔާވިއިރު މުމްތާޒް ސައްޔިދު އަޙްމަދު އަނބިމީހާގެ ގޮތުގައި ނޫންކަން މަރްޙޫމް އެތައް މީހެއްގެ ކައިރީގައި ބުނި ވާހަކަތަކުން ދޭހަވާކަމަށާއި، އޭނާގެ ބަސް ސިވިލް ކޯޓުން ނުހޯދާކަމަށާއި، މަރުވި މީހެއްގެ ބަސްނެތި ކައިވެނީގެ ކަމެއްގައި ގޮތެއް ނިންމުމަކީ ނަޞްލާއި މުދާ ޙިމާޔަތްކުރުމުގެ ޝަރީޢަތުގެ މަޤްސަދުތަކާ ފުށުއަރާ ކަމެއްކަމަށެވެ. ސުޕްރީމް ކޯޓަށް ހުށަހެޅީ ހައިކޯޓަށް ހުށަހެޅި އެ 2 ނުކުތާއެވެ.
ކޯޓުގެ ސަބަބުތައް
ސިވިލް ކޯޓުގެ ޙުކުމް ޚިލާފުވަނީ ޤާނޫނާއި ގަވާއިދުގެ ކޮން މާއްދާއަކާ ކަމާއި ކޮންގޮތަކަށްކަން، އަދި ޝަރީޢަތުގެ މަޤްސަދުތަކާ ފުށުއަރަނީ ކޮންގޮތަކުން ކޮން އުޞޫލަކާކަން އިސްތިއުނާފީ ނުކުތާތަކުގައި ބަޔާންކޮށްފައި ނުވެއެވެ. ފެމިލީ ކޯޓުގެ ލިޔުމުން ކައިވެނިކުރިކަން އެނގެން އޮންނައިރު، ކައިވެނި ރޫޅުނުކަން ރަސްމީ ލިޔުމަކުން ނުވަތަ ބަހަކުން ނޭނގޭތީ، ކައިވެނި ދެމިއޮތްކަމުގައި ބަލަންޖެހެއެވެ. ވީމާ 2019/SC-L/87، 2019/SC-L/91 އަދި 2022/SC-A/51 ގައިވާ ފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަޙުޘެއް ނެތެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 2843/Cv-C/2022 ގެ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ (95-CR/INDIV/2025/127) ނިންމި ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2025/22 ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފީ ނުކުތާތަކުގައި، ދަށު ކޯޓުގެ ޙުކުމް ޚިލާފުވަނީ ޤާނޫނާއި ގަވާއިދުގެ ކޮން މާއްދާއަކާ ކަމާއި، އެ މާއްދާއަކާ ޚިލާފުވަނީ ކޮންގޮތަކަށްކަން ބަޔާންކޮށްފައި ނުވާނަމަ، އެ ނުކުތާތަކުން މައްސަލައިގައި އުފެދިފައިވާ ޤާނޫނީ ބަޙުޘެއް ސާފުކޮށްދެވިފައެއް ނުވެއެވެ.

HN2 ދަށު ކޯޓުގެ ނިންމުން އިސްލާމީ ޝަރީޢަތުގެ މަޤްސަދުތަކަކާ ފުށުއަރާގޮތަށް ކަމުގައި ބުނާބުނުމަކުން އިސްތިއުނާފީ ނުކުތާއެއް ސާފުކޮށްދެވިފައެއް ނުވެއެވެ. އެ ނިންމުން ޝަރީޢަތުގެ މަޤްސަދުތަކާ ފުށުއަރަނީ ކޮން ގޮތަކުން ކަމާއި، ޚިލާފުވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ކޮން އުސޫލަކާކަން ސާފުކޮށް ބުނެދޭންޖެހެއެވެ.

HN3 ކައިވެނިކުރިކަން ރަސްމީ ފަރާތެއްގެ ލިޔުމުން (ފެމިލީ ކޯޓުގެ ލިޔުމުން) އެނގެން އޮންނައިރު، ކައިވެނި ރޫޅުނުކަން ކޯޓެއްގެ ރަސްމީ ލިޔުމަކުން ނުވަތަ ހާޒިރުކުރެވުނު ފަރާތެއްގެ ބަހުން ސާފުކޮށް އެނގެން ނެތްނަމަ، އެ ނޫން އެހެން ގޮތަކަށް ޝަރީޢަތަށް ސާބިތުނުވާހާ ހިނދަކު ޤާނޫނީ އަދި ޝަރުޢީ ގޮތުން ބަލަންޖެހޭނީ ކައިވެނި ދެމިއޮތްކަމުގައެވެ.

HN4 މައްސަލައިގައި އުފެދިފައިވާ ޤާނޫނީ ބަޙުޘެއް ހައިކޯޓަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކުން ސާފުކޮށްދެވިފައި ނުވާނަމަ، ސުޕްރީމް ކޯޓުގެ 2019/SC-L/87، 2019/SC-L/91 އަދި 2022/SC-A/51 ގައި ބަޔާންކުރާފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަޙުޘެއް ނެތްކަމަށް ބަލައި، އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމުމާއި، އެއަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2025/SC-HCL/14

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2025/SC-L/63

ހުށަހެޅުނު ތާރީޚު: 19 އޮގަސްޓް 2025

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ޑރ.އިބްރާހީމް މަޙްފޫޡް

ޢާންމު ނަން: އިބްރާހީމް

ދާއިމީ އެޑްރެސް: މ.އެލްސިއޯން، މާލެ

މިހާރުގެ އެޑްރެސް: ހ. ސްނޫޕީ، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2025/22

ހުށަހެޅުނު ތާރީޚު: 10 ޖޫން 2025

ނިމުނު ތާރީޚު: 07 ޖުލައި 2025

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 21 ޖުލައި 2022 ގައި ޙަސަންމަނިކު، މ.އެލްސިއޯން، މާލެ، ނިޔާވެފައިވާތީ އެ މަރްޙޫމްގެ ވާރިޘުން ސާބިތުކޮށްދިނުމަށް އެދި ޑރ. އިބްރާހީމް މަޙްފޫޡްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2843/Cv-C/2022 ޤަޟިއްޔާއިންނެވެ.

[2]4.2 ސިވިލް ކޯޓުގެ ނަންބަރު 2843/Cv-C/2022 ޤަޟިއްޔާއިން ބެލި މައްސަލައިގެ ޝަރީޢަތުގެ މަޖިލިހަށް ހެކިބަސްދިން ފަރާތްތަކުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މަރްޙޫމް ޙަސަންމަނިކު ނިޔާވިއިރު ކައިވެއްޏެއްކޮށްގެން އުޅޭކަން އެނގިފައިނުވާކަމަށެވެ. ނަމަވެސް، މަރްޙޫމް ޙަސަންމަނިކު އާއި، މ. އެލާސިއޯ، މުމްތާޒް ސައްޔިދު އަޙްމަދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:A394086) ކައިވެނި ކުރި ތާރީޚު ފެމިލީ ކޯޓުގެ ނަންބަރު 146-D1/144/2022/15 (26 ސެޕްޓެންބަރު 2022) ސިޓީގައި ބަޔާންކޮށްފައިވާތީ، އަދި ވަރިކުރި ތާރީޚެއް، އަދި ވަރީގެ ނަންބަރެއް އެ ސިޓީން އެނގެން ނެތުމާއެކު، އެ ސިޓީއަށް ރިޢާޔަތްކޮށް، މުމްތާޒް ސައްޔިދު އަޙްމަދު އަކީ ޙަސަންމަނިކުގެ ވާރިޘެއްގެ ގޮތުގައި ސިވިލް ކޯޓުން ނިންމިއެވެ.

[3]4.3 އަދި މީގެ އިތުރަށް، ސިވިލް ކޯޓުން ނިންމާފައިވަނީ، ޙަސަންމަނިކުގެ ވާރިޘުންގެ ބަހުންނާއި، އެ ކޯޓަށް ހުށަހެޅުނު ހެކިންގެ ހެކިބަހުންނާއި، ލިޔެކިޔުމުން މަރްޙޫމްގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ ހުވަފަތް އަނބި މުމްތާޒް ސައްޔިދު އަޙްމަދުގެ އިތުރުން، މަރްޙޫމްގެ 4 ފިރިހެން ދަރިންކަމުގައިވާ ޑޮކްޓަރ މުޙައްމަދު މުނީޒް އާއި، އަޙްމަދު މުނީޒް އާއި، ޑރ. އިބްރާހީމް މަޙްފޫޡް އާއި، އިސްމާޢީލް ފަޔާޟް އާއި މަރްޙޫމްގެ 1 އަންހެންދަރި ކަމުގައިވާ، ޑރ. ޢާއިޝަތު މަޙްފޫޡާ އާއެކު ޖުމްލަ 06 ވާރިޘުން ކަމަށް ޝަރީޢަތަށް ސާބިތުވާ ކަމަށެވެ.

[4]4.4 ސިވިލް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހޭތީ، ޑރ.އިބްރާހީމް މަޙްފޫޡުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ބުނެފައިވަނީ، މަރްޙޫމް ޙަސަންމަނިކުގެ ވާރިޘެއްގެ ގޮތުގައި މުމްތާޒް ސައްޔިދު އަޙްމަދު ކަނޑައަޅާފައިވަނީ، މުމްތާޒް ސައްޔިދު އަޙްމަދު އަކީ މަރްޙޫމް ޙަސަންމަނިކު ނިޔާވިއިރު އަނތްބެއްގެ ގޮތުގައި އިން ފަރާތެއް ނޫންކަމަށް ދޭހަވާގޮތަށް އެތައް މީހެއްގެ ކައިރީގައި މަރްޙޫމް ޙަސަންމަނިކުގެ ބުނެފައިވާ ވާހަކަތަކުން ދޭހަވާއިރުކަމަށެވެ.

[5]4.5 އަދި ސިވިލް ކޯޓުގެ ނިންމުން ނިންމުމުގައި މުމްތާޒް ސައްޔިދު އަޙްމަދުގެ ބަހެއްވެސް މި މައްސަލައާ ގުޅިގެން ސިވިލްކޯޓުން ހޯދާފައިނުވާކަމަށެވެ. އަދި، ކައިވެންޏަކީ އިސްލާމީ ޝަރީޢަތުގައި ހިމެނޭ ޝަރުޢީ ކަމަކަށްވެފައި، އިސްލާމީ ޝަރީޢަތުގެ އެންމެ ބޮޑު 6 މަޤްސަދުތަކުގެ ތެރޭގައި ނަޞްލު ޙިމާޔަތްކުރުމާއި، މުދާ ޙިމާޔަތްކުރުން ހިމެނޭއިރު މީހަކު މަރުވުމަށްފަހު ޝަރުޢީ (ކައިވެނީގެ) ކަމެއްގައި، އެ މީހެއްގެ ބަސްނެތި އެކަމުގައި ގޮތެއް ނިންމުމުގެ ނަތީޖާއަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މުހިންމު ދެ މަޤްސަދާއި ސިވިލްކޯޓުގެ ޙުކުމް ފުށުއެރުންކަމަށެވެ.

[6]4.6 ޑރ.އިބްރާހީމް މަޙްފޫޡުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމުމުން، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށްދިނުން އެދި ޑރ.އިބްރާހީމް މަޙްފޫޡުގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅިއެވެ.

[7]4.7 ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް އެދި ޑރ.އިބްރާހީމް މަޙްފޫޡުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ، ހައިކޯޓުގެ ނަންބަރު 95-CR/INDIV/2025/127 "ރަޖިސްޓްރާރގެ ނިންމުން" އަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައެވެ.

[8]4.8 ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށްބުނެ ޑރ.އިބްރާހީމް މަޙްފޫޡުގެ ފަރާތުން ސުޕްރީމް ކޯޓަށް 2 ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ ސިވިލް ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމުގެ ގޮތުން ޑރ.އިބްރާހީމް މަޙްފޫޡުގެ ފަރާތުން ހައިކޯޓަށްވެސް ހުށަހެޅި 2 ނުކުތާއެވެ.

[9]4.9 މި މައްސަލައިގައި ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފު ފޯމާއި، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ގޮތެއް ނިންމުމުގައި ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށާއި، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ޙުކުމް ޚިލާފުވަނީ ޤާނޫނާއި ގަވާއިދުގެ ކޮން މާއްދާއަކާ ކަން އަދި އެ މާއްދާއަކާ ޚިލާފުވަނީ ކޮންގޮތަކަށްކަން ޑރ.އިބްރާހީމް މަޙްފޫޡުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ބަޔާންކޮށްފައި ނުވެއެވެ. އަދި ހަމަ އެހެންމެ، ސިވިލް ކޯޓުގެ މައްސަލަ ނިންމާފައިވަނީ އިސްލާމީ ޝަރީޢަތުގެ މަޤްސަދުތަކަކާ ފުށުއަރާގޮތަށް ކަމުގައި ބުނާބުނުމުގެ އިތުރަށް، އެ ނިންމުން އިސްލާމީ ޝަރީޢަތުގެ މަޤްސަދުތަކާ ފުށުއަރަނީ ކޮން ގޮތަކުން އަދި ޚިލާފުވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ކޮން އުސޫލަކާކަން ސާފުކޮށް ބުނެދީފައި ނުވެއެވެ.

[10]4.10 މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ފެމެލީ ކޯޓުގެ ލިޔުމުން އެނގެން އޮތީ މަރުޙޫމް ޙަސަންމަނިކާއި މުމްތާޒް ސައްޔިދު އަޙްމަދާ ދެމީހުން ކައިވެނި ކުރިކަމެވެ. އަދި އެ ދެމީހުންގެ ކައިވެނި އެއްވެސް ސިފައެއްގައި ރޫޅުނުކަން އެއްވެސް ކޯޓެއްގެ ރަސްމީ ލިޔުމަކުން އެނގެން ނެތެވެ. މީގެ އިތުރުން އެ ދެ މީހުންގެ ކައިވެނި ރޫޅިފައިވާކަން މައްސަލައާ ގުޅިގެން ހާޒިރުކުރެވިފައިވާ އެއްވެސް ފަރާތެއްގެ ބަހުންވެސް ސާފުކޮށް އެނގެން ނެތެވެ. އެހެންކަމުން ކައިވެނީގެ މަތީގައި ތިބިކަން ރަސްމީ ފަރާތެއްގެ ލިޔުމުން އެނގެން އޮންނައިރު، އެ ނޫން އެހެން ގޮތަކަށް ޝަރީޢަތަށް ސާބިތުނުވާހާ ހިނދަކު ޤާނޫނީ އަދި ޝަރުޢީ ގޮތުން ބަލަންޖެހޭނީ އެ ދެ މީހުންގެ ކައިވެނި ދެމިއޮތްކަމުގައެވެ.

[11]4.11 ވީމާ، މި މައްސަލައިގައި އުފެދިފައިވާ ޤާނޫނީ ބަޙުޘެއް ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުން ސާފުކޮށްދެވިފައިނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ނިންމުމާއި، ނަންބަރު 2019/SC-L/91 ނިންމުން އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާގައި ބަޔާންކުރާފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަޙުޘެއް ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމާއި، ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށްފަހު، އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ރަނގަޅުކަމުގައި ފެނެއެވެ.

5. ނިންމުން

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2025/22 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢަލީ ރަޝީދު ޙުސައިން

ޢަބްދުﷲ ޙަމީދު

މުޙައްމަދު ސަލީމް

26 ރަބީޢުލްއައްވަލް 1447

18 ސެޕްޓެމްބަރ 2025

ފުޓްނޯޓު

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A053699
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A056664
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A059160
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A040555
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A050560
  6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2025/127 "ރަޖިސްޓްރާރގެ ނިންމުން"
  7. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2025/22 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް"
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ