ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/SC-HCL/26, 2023/SC-L/107

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް (ދައުލަތް) ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ސުޕްރީމް ކޯޓުބައެއް ބަދަލުކުރިޚިލާފު ރައުޔެއް
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 އޮކްޓޫބަރު 2023ދަށު ކޯޓު: ހައިކޯޓު HC-RM/2023/47ބާވަތް: އިދާރީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2023/47، 95-CR/32/2023/30، ICOM-A/2023/25
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
އިންފޮމޭޝަން ކޮމިޝަނަރ ICOM-A/2023/25 ގައި މަޢުލޫމާތު ދޫކުރަން އެންގުމުން ދައުލަތުން ކުރި އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތެވެ. HC-RM/2023/47 ގައި ހައިކޯޓުގެ ފަނޑިޔާރުން ދެވަނަ ނުކުތާއާ ގުޅޭ ބައި އިއްތިފާޤުން ބާޠިލުކޮށް، ފުރަތަމަ ނުކުތާގައި ޤާނޫނީ ބަހުސެއް ނެތްކަމަށް އަޣުލަބިއްޔަތުން ނިންމިއެވެ.
ވާޤިޢާ
ރާއްޖޭގެ އިޤްތިޞާދު ކޮޅަށްޖެހިގޮތުގެ ފޯމިއުލާ ބޭރު ޤައުމުތަކުގެ ވެރިން ހޯދަމުންދާކަމަށް ވިދާޅުވި ޤައުމުތަކާއި ވެރިންގެ ނަން ހާމަކުރަން އެދުމުން، ވިއެނާ ކޮންވެންޝަންތަކާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދީ މިނިސްޓްރީން ދޫނުކުރުމުން، އިންފޮމޭޝަން ކޮމިޝަނަރ އެ މަޢުލޫމާތު 5 ދުވަހުގެ ތެރޭގައި ދޫކުރަން އެންގިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރަސްމީ ބައްދަލުވުންތަކުގެ ބޭރުން ޑިޕްލޮމެޓުންނާ ދެކެވުނު ވާހަކައަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން މިނިސްޓްރީން ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތެއް ނޫންކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ޤާނޫނީ ބަހުސެއް އޮތްތޯއާއި، އެ ނުކުތާ ބަލައިނުގަތް ހައިކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ، ހޯދަން އެދުނީ ރަސްމީ ބައްދަލުވުންތަކުގެ ބޭރުން ޑިޕްލޮމެޓުންނާއި އިސްވެރިންނާ ދެކެވުނު ވާހަކައަށްވާތީ، އެއީ ޢާންމު އުޞޫލުން ރެކޯޑުކުރެވޭ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން މިނިސްޓްރީން ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތެއް ނޫންކަމަށާއި، އެ ނުކުތާގައި ޤާނޫނީ ބަހުސެއް ނެތްކަމަށް ނިންމީ އެ މާއްދާއާ ޚިލާފަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ފުރަތަމަ އިސްތިއުނާފީ ނުކުތާއާއި އޭގެ ތަފުސީލުގައި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ހޯދަން އެދުނު މަޢުލޫމާތަކީ މިނިސްޓްރީން ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތެއްތޯ ޤާނޫނީ ގޮތުން ބަހުސްކުރެވިދާނެ ކަންކަން ހުރިކަމަށް ފެންނާތީ، އެ ނުކުތާ ބަލައިނުގަތް ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުގެ ނިންމުމަށް ބަދަލު ގެންނަންޖެހެއެވެ.

ނިންމުން

ބައެއް ބަދަލުކުރި

ހައިކޯޓުގެ ނިންމުމުގެ ބައެއް ބާޠިލު: ދައުލަތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާ ބަލައިނުގަތުމަށް HC-RM/2023/47 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި ބައި ބާޠިލުކޮށް، 10 ދުވަހުގެ ތެރޭގައި މި ނުކުތާ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ހައިކޯޓަށް ހުށަހަޅައިފިނަމަ، ކުރިން ބަލައިގަނެފައިވާ ދެވަނަ ނުކުތާއާއެކު ދެ ނުކުތާ އެއް މައްސަލައެއްގެ ތެރޭގައި ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓަށް އެންގި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހޯދުމަށް އެދުނު މަޢުލޫމާތަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދައިން މިނިސްޓްރީއިން ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތެއް ނޫންކަމަށާއި، ރަސްމީ ބައްދަލުވުންތަކުގެ ބޭރުން އެކި ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި އިސްވެރިންނާ ދެކެވިފައިވާ ވާހަކައަކީ ޢާންމު އުޞޫލުން ރެކޯޑުކުރެވޭ މަޢުލޫމާތެއް ނޫންކަމަށް ބުނެ ހުށަހަޅާ އިސްތިއުނާފީ ނުކުތާއެއްގައި، އެ މަޢުލޫމާތަކީ އެ ޤާނޫނުގެ ދަށުން ދޫކުރަންޖެހޭ މަޢުލޫމާތެއްތޯ ޤާނޫނީ ގޮތުން ބަހުސްކުރެވިދާނެ ކަންކަން ހުރެއެވެ.

HN2 އިސްތިއުނާފީ ނުކުތާއެއްގައި ޤާނޫނީ ގޮތުން ބަހުސްކުރެވިދާނެ ކަންކަން ހުރިނަމަ، އެ ނުކުތާ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު، އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2023/SC-HCL/26

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2023/SC-L/107

ހުށަހެޅުނު ތާރީޚު: 03 އޮކްޓޯބަރު 2023

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް (ދައުލަތް)

ޢާންމު ނަން: މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް

ދާއިމީ އެޑްރެސް: ހ. ވެލާނާގެ، މާލެ

މިހާރުގެ އެޑްރެސް: ހ. ވެލާނާގެ، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2023/47

ހުށަހެޅުނު ތާރީޚު: 17 ޖުލައި 2023

ނިމުނު ތާރީޚު: 16 އޮގަސްޓް 2023

4. ހުށަހެޅިފައިވާ މައްސަލަ

1މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ އިޤްތިޞާދު ކޮޅަށްޖެހިގޮތުގެ ފޯމިއުލާ ހޯދަން ބޭރު ޤައުމުތަކުގެ ވެރިން އެދެމުންދާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ވިދާޅުވެފައިވާތީ، އެ ޤައުމުތަކަކީ ކޮބައިކަމާއި އެ ޤައުމުތަކުގެ ވެރިންގެ ނަން ހާމަކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް (މީގެ ފަހުން "މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް" ނުވަތަ "ދައުލަތް") އަށް ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިންފޮމޭޝަން އޮފިސަރ ދީފައިވާ ޖަވާބުގައި ބުނެފައިވަނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ބަދަލުކުރެވޭ ލިޔެކިޔުންތަކަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އަދި ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލަރ ރިލޭޝަންސް (1963) ގެ ދަށުން ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ ލިޔެކިޔުން ކަމުގައިވާތީ، ބައިނަލްއަޤްވާމީ ޑިޕްލޮމެޓިކް އުސޫލުތަކާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދީ، ހޯދަން އެދިފައިވާ މައުލޫމާތު ހިއްސާކުރެވެން ނެތްކަމަށެވެ.

2މި ޖަވާބު މުރާޖަޢާކޮށްދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އެދުމުން، އެ މިނިސްޓްރީގެ މުރާޖަޢާ ކޮމިޓީން އިންފޮމޭޝަން އޮފިސަރ ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ނިންމިއެވެ.

3މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މުރާޖަޢާ ކޮމިޓީން ނިންމާފައިވާ ނިންމުން އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރިއެވެ. އަދި އެ ކޮމިޝަންގެ ނަންބަރު ICOM-A/2023/25 "އިލްތިމާސް/ޝަކުވާ ނިންމިގޮތުގެ ރިޕޯޓު"ގައި ނިންމާފައިވަނީ ހޯދުމަށް އެދުނު މަޢުލޫމާތަކީ މިނިސްޓްރީގައި ގެންގުޅެ ބަލަހައްޓާ މަޢުލޫމާތުގެ ތެރޭގައި ހިމެނޭ މަޢުލޫމާތެއްކަމަށް ބެލެވޭތީ، އަދި އެ މަޢުލޫމާތު ފޯރުކޮށްދީފައިނުވަނީ ޤާނޫނުގައި ބަޔާންވެގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ސާބިތުކޮށްދެވިފައިނުވާތީ، އެ މަޢުލޫމާތު ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތަށް ދޫކުރުމަށް އަންގައެވެ.

4އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ދައުލަތުގެ ފަރާތުން ހައިކޯޓުގައި ހުށަހެޅި 2 (ދޭއް) އިސްތިއުނާފީ ނުކުތާއެވެ. ފުރަތަމަ ނުކުތާއަކީ، ހޯދުމަށް އެދުނު މަޢުލޫމާތަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދައިން މިނިސްޓްރީއިން ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތުކަމަށް ނުވާތީ އެ މަޢުލޫމާތަކީ އެ ޤާނޫނުގެ ދަށުން ދޫކުރަންޖެހޭ މަޢުލޫމާތެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ. ދެވަނަ ނުކުތާއަކީ ޝަކުވާއާމެދު ގޮތެއް ނިންމަން 25 އެޕްރީލް 2023 ގައި ބޭއްވުނު ބައްދަލުވުމުގައި އިއްވި ނިންމުމާއި މިނިސްޓްރީއަށް ދީފައިވާ ރިޕޯޓުގައި މައްސަލަ ނިންމިގޮތް ތަފާތުކަމުގައި ވުމުން އެއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ޅ) އަދި (ކ) އާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ މި ދެނުކުތާގައިވެސް އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް އޮތްކަމަށް ނުފެންނާތީ، އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.

5ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު HC-RM/2023/47 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ހައިކޯޓުގެ ފަނޑިޔާރުން އަޣުލަބިއްޔަތުން ނިންމާފައިވަނީ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޤާނޫނީ ބަހުސެއް ނެތްކަމަށް ރަޖިސްޓްރާރ ނިންމާފައިވަނީ ރަނގަޅަށްކަމަށެވެ. ތަފާތުވި ރަޢުޔުގައި ބުނެފައިވަނީ މި ނުކުތާގައި ޤާނޫނީ ބަހުސެއް އޮތްކަމަށް ފެންނާތީ ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަން ޖެހޭކަމަށެވެ. އަދި އިސްތިއުނާފީ ދެވަނަ ނުކުތާގައި ހައިކޯޓު ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ އެ ނުކުތާގައި ޤާނޫނީ ބަހުސެއް އޮތްކަމަށް ފެންނާތީ އެ ނުކުތާއާ ގުޅޭގޮތުން ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ބާޠިލުކަމަށެވެ.

6މިއީ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ބަލައިނުގަތުމަށް ނިންމި ނުކުތާގައި ޤާނޫނީ ބަހުސެއް އެކުލެވޭކަމަށް ބުނެ، ދައުލަތުގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، މި ކޯޓުން ބެލި މައްސަލައެވެ.

7HN1ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ދައުލަތުން ހައިކޯޓަށް ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ހޯދުމަށް އެދުނު މަޢުލޫމާތަކީ މިނިސްޓްރީން ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތު ކަމަށްނުވާތީ އެ މަޢުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ދޫކުރަންޖެހޭ މަޢުލޫމާތެއް ނޫންކަމަށް ބުނިނަމަވެސް، އެ ނުކުތާގައި ޤާނޫނީ ބަހުސެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށެވެ.

8މި ނުކުތާގެ ތަފުސީލުގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ހޯދުމަށް އެދުނު މަޢުލޫމާތަކީ ރަސްމީ ބައްދަލުވުންތަކުގެ ބޭރުން އެކި ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި އިސްވެރިންނާ ދެކެވިފައިވާ ވާހަކަކަމަށްވާތީ، މިއީ ޢާންމު އުޞޫލުން ރެކޯޑުކުރެވޭ މަޢުލޫމާތެއް ނޫންކަމަށް ދައުލަތުން ބުނެފައިވެއެވެ.

9HN2ދައުލަތުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފީ ނުކުތާއަށާއި މިނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މި ނުކުތާގައި ޤާނޫނީ ގޮތުން ބަހުސްކުރެވިދާނެ ކަންކަން ހުރިކަމަށް ފެނެއެވެ.

10އެހެންކަމުން، ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާ ބަލައިގަނެވެން ނެތްކަމަށް، ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް ދެކެމެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ދައުލަތުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާ ބަލައިނުގަތުމަށް ނަންބަރު HC-RM/2023/47 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ނިންމުމުގެ އެ ބައި ބާޠިލުކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި ނުކުތާ އިސްތިއުނާފުކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ހައިކޯޓަށް ހުށަހަޅައިފިނަމަ، މި ނުކުތާއާއި ހައިކޯޓުން ކުރިން ބަލައިގަނެފައިވާ ނުކުތާއާއި، ދެ ނުކުތާ އެއް މައްސަލައެއްގެ ތެރޭގައި ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓަށް އަންގައި، މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢާއިޝާ ޝުޖޫން މުޙައްމަދު

އަޒްމިރާލްދާ ޒާހިރު

މަޙާޒު ޢަލީ ޒާހިރު

11 ރަބީޢުލްއާޚިރު 1445

26 އޮކްޓޯބަރ 2023

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 1/2014
  2. ހައިކޯޓުގެ ނަންބަރު 95-CR/32/2023/30 ރަޖިސްޓްރާރގެ ނިންމުން
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2014) ގެ 22 ވަނަ މާއްދާގެ (ނ)
  • މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2014) ގެ 59 ވަނަ މާއްދާގެ (ޅ) އަދި (ކ)
  • މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2014) ގެ 72 ވަނަ މާއްދާގެ (ނ)
  • ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961)
  • ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލަރ ރިލޭޝަންސް (1963)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ