ޓެކްނޭ ޕްރައިވެޓް ލިމިޓެޑް ވ. ޗަމްޕާލާސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/19، 95-CR/PRIV/2024/7، 1519/Cv-C/2020
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 1519/Cv-C/2020 ގައި ޗަމްޕާލާސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ޓެކްނޭ ޕްރައިވެޓް ލިމިޓެޑަށް USD 29,514.20 ދައްކަން ޙުކުމްކޮށް، ސަރވިސް ޗާޖާއި ވަކީލަށް ކުރި ޚަރަދު ނަގައިނުދިނެވެ. އޭގެ އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/PRIV/2024/7 ގައި ނުދީ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/19 ގައި އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- ހުރަވަޅި އައިލެންޑް ރިޒޯޓާ ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާއަށް ޓެކްނޭ ދަޢުވާ ކުރިއެވެ. ޙުކުމުގެ އިސްތިއުނާފުގެ ހުއްދައަށް އެދުނު ފޯމުގެ 6 ވަނަ ނަންބަރުގައި 2 އިސްތިއުނާފީ ނުކުތާ ބަޔާންކޮށްފައިވީ ނަމަވެސް، 7 ވަނަ ނަންބަރުގައި ނުކުތާތަކުގެ ތަފްޞީލު ހިމަނާފައިނުވާތީ، ހައިކޯޓުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޤަވާއިދާ ޚިލާފަށް ފުރާފައިވާ ފޯމެއްކަމުގައި ބަލައި ރަޖިސްޓްރާރ ހުއްދަ ނުދިނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިސްތިއުނާފު ފޯމުގެ 7 ވަނަ ނަންބަރުގައި އިސްތިއުނާފީ ނުކުތާތަކުގެ ތަފުސީލު ހިމަނާފައިނުވާއިރު، ހައިކޯޓުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަކީ ރަނގަޅު ނިންމުމެއްތޯއާއި، ތަފުސީލުގައި ހިމެނެންޖެހޭ މިންވަރާއި ތަފުސީލު ނުހިމެނި ސަބަބު މަޤުބޫލު ސަބަބަކަށް ވާންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޓެކްނޭ ޕްރައިވެޓް ލިމިޓެޑުން ބުނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން ފޯމު އިސްލާހުކުރުމުގެ ފުރުޞަތު ނުދެވޭނެކަމަށް ކަނޑައެޅީ އެ މާއްދާއާ ޚިލާފަށާއި ޤާނޫނީ ބަހުސަށް ރިޢާޔަތްނުކޮށް ކަމަށާއި، ތަފްސީލު ނުހިމެނޭ ފޯމަށް އިސްލާހުކުރުމުގެ ފުރުސަތު ދިނުމަކީ ރަޖިސްޓްރާރ މާނަކުރަމުން އައި ގޮތް ކަމަށާއި، ހުށަހެޅުން ބަލައިނުގަތުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭ ޙައްޤާ ޚިލާފު ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ފޯމުގެ 6 ވަނަ ނަންބަރުގައި 2 ނުކުތާ ހުށަހަޅައި ސިވިލް ކޯޓުން ހެދި ކަމަށް ދެކޭ ގޯސް ބަޔާންކޮށްފައިވީ ނަމަވެސް، 7 ވަނަ ނަންބަރުގެ ދަށުން ޤާނޫނީ މާއްދާތަކާއި ޤާނޫނީ އުސޫލުތަކާ ޚިލާފުވީ ގޮތުގެ ތަފުސީލެއް ނުވަތަ ޤާނޫނީ ބަހުސްގެ ކޮންމެވެސް މިންވަރެއް ހިމަނަން ވާނެއެވެ. މިސާލަކަށް ރިޢާޔަތްނުކުރި ހެއްކަކީ ކޮބައިކަން އެންމެ ކުޑަމިންވަރުން ބަޔާންކުރަންވާނެއެވެ. ތަފްސީލު ނުހިމެނި ސަބަބަކީ މަޤުބޫލު ސަބަބަކަށް ވާންވާނެއިރު، މި މައްސަލައިގައި ދެއްކި ސަބަބަކީ މަޤުބޫލު ސަބަބެއް ނޫނެވެ. އެހެންކަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ރަނގަޅެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 1519/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/19 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި މައްސަލަ ނިންމި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓަށް ހުށަހަޅާ އިސްތިއުނާފު ފޯމުގެ 6 ވަނަ ނަންބަރުގެ ދަށުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި، ދަށު ކޯޓުން ހަދާފައިވާ ކަމަށް ދެކޭ ގޯހަކީ ކޮބައިކަން ބަޔާންކޮށްދީފައިވީ ނަމަވެސް، ފޯމުގެ 7 ވަނަ ނަންބަރުގެ ދަށުން އެ ނުކުތާތަކުގެ ތަފުސީލުގައި ދަށު ކޯޓުން ޤާނޫނީ މާއްދާތަކާއި ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފުވީ ގޮތުގެ ތަފުސީލެއް ނުވަތަ ޤާނޫނީ ބަހުސްގެ ކޮންމެވެސް މިންވަރެއް ހިމަނަން ވާނެއެވެ. މިސާލަކަށް ވަކި ހެއްކަކަށް ރިޢާޔަތް ކޮށްފައިނުވާނަމަ، އެ ހެއްކަކީ ކޮބައިކަން އެންމެ ކުޑަމިންވަރުން ބަޔާންކުރެވެން ވާނެއެވެ.
HN2 ވަކި ސަބަބަކާހުރެ އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލު ހުށަހެޅިފައިނުވާ ނަމަ، އެ ސަބަބަކީ މަޤުބޫލު ސަބަބަކަށް ވާންވާނެއެވެ.
HN3 އިސްތިއުނާފު ފޯމުގައި އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލު ހިމަނާފައިނުވެ، އެ ތަފްސީލު ހުށަހެޅިފައިނުވާ ސަބަބަކީ މަޤުބޫލު ސަބަބަކަށް ނުވާނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން، މަޙާޒު ޢަލީ ޒާހިރު، މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/09
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/52
ހުށަހެޅުނު ތާރީޚު: 08 އޮގަސްޓު 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޓެކްނޭ ޕްރައިވެޓް ލިމިޓެޑް
ޢާންމު ނަން: _
ދާއިމީ އެޑްރެސް: ހ. ސްނޫޕީ، މާލެ
މިހާރުގެ އެޑްރެސް: ހ. ސްނޫޕީ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/19
ހުށަހެޅުނު ތާރީޚު: 03 މާރިޗު 2024
ނިމުނު ތާރީޚު: 19 މާރިޗު 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ޗަމްޕާލާސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުންދާ ހުރަވަޅި އައިލެންޑް ރިޒޯޓާއި ޓެކްނޭ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޓެކްނޭ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ޓެކްނޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޗަމްޕާލާސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.
[2]4.2 ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ، ޓެކްނޭ ޕްރައިވެޓް ލިމިޓެޑާއި ހުރަވަޅި މޯލްޑިވްސް އާ ދެމެދު 17 ޖުލައި 2016 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ 17 ވަނަ މާއްދާގެ ދަށުން ޗަމްޕާލާސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ޓެކްނޭ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ މިންވަރަކީ USD 29,514.20 (ނަވާވީސް ހާސް ފަސްސަތޭކަ ސާދަ އެމެރިކާ ޑޮލަރު ވިހި ސެންޓް) ކަމަށް ކަނޑައަޅައި، ސަރވިސް ޗާޖުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއާއި ޤާނޫނީ ވަކީލަށް ޚަރަދުކުރި ފައިސާ ޗަމްޕާލާސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާގައި ސާބިތުވެފައިވާ، USD 29,514.20 (ނަވާވީސް ހާސް ފަސްސަތޭކަ ސާދަ އެމެރިކާ ޑޮލަރު ވިހި ސެންޓް) ޓެކްނޭ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން، 14 ސެޕްޓެންބަރު 2023 ގެ ކުރިން މި ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ޙުކުމްކޮށެވެ.
[3]4.3 ޓެކްނޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1519/CvC/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅިއެވެ. އެ ހުށަހެޅުން ބަލައި ނުގަނެ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުން ނިންމާފައި ވެއެވެ. އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި މައިގަނޑު ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު 1519/CvC/2020 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއިރު، އިސްތިއުނާފު ފޯމުގެ 6 ވަނަ ނަންބަރުގައި އިސްތިއުނާފީ 2 ނުކުތާއެއް ބަޔާންކުރެވިފައިވީ ނަމަވެސް، އިސްތިއުނާފު ފޯމުގެ 7 ވަނަ ނަންބަރުގައި އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލު ހިމެނިފައިނުވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން ދަޢުވާ ފޯމުގައި ނުވަތަ ހުށަހެޅުން ހުށަހަޅާ ފޯމުގައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވާ މަޢުލޫމާތު ނެތުން ނުވަތަ ޤަވާއިދާ ޚިލާފަށް ފުރާފައިވާ ފޯމެއްކަމުން، މިއީ އެ ކޯޓަށް ބަލައިގަނެވެން ނެތް މައްސަލައަކަށްވާތީއެވެ.
[4]4.4 ސިވިލް ކޯޓުގެ ނަންބަރު 1519/CvC/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ނަންބަރު 95-CR/PRIV/2024/7 "ރަޖިސްޓްރާރގެ ނިންމުން" (15 ފެބުރުވަރީ 2024) ނިންމުމުން ނިންމާފައިވާ ނިންމުން މުރާޖަޢާކޮށް ދިނުމަށް އެދި ޓެކްނޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.
[5]4.5 ހައިކޯޓުގެ ނަންބަރު HC-RM/2024/19 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމާފައިވަނީ، ހައިކޯޓުގެ ނަންބަރު 95-CR/PRIV/2024/7 "ރަޖިސްޓްރާރގެ ނިންމުން" ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައެވެ.
[6]4.6 ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ ޓެކްނޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާއެވެ. އެ ނުކުތާއަކީ، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިންމިގޮތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައިގައި ފޯމު އިސްލާހުކުރުމުގެ ފުރުޞަތު ނުދެވޭނެކަމަށް ކަނޑައަޅާފައިވަނީ އެ މާއްދާއާއި ޚިލާފަށްކަމާއި، މި މައްސަލައިގައި ހުށަހެޅިފައިވާ ޤާނޫނީ ބަހުސް ސާފުވާކަމަށް ރިޢާޔަތްކުރުމަކާ ނުލައި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[7]4.7 މި ނުކުތާގެ ތަފުސީލުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ހައިކޯޓުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރު މިހާތަނަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ މާނަކުރަމުން އައި ގޮތަކީ އިސްތިއުނާފީ ނުކުތާތައް ހިމަނައި ތަފްސީލު ހިމަނާފައިނުވާނަމަ، އެ އިސްތިއުނާފެއް އިސްލާހުކުރުމުގެ ފުރުސަތު ދިނުންކަމާއި، މި މާއްދާގައި ފޯމު އިސްލާހުކުރެވޭނެ ވަކި ޙާލަތްތަކެއް ނުވަތަ ބާޠިލުކުރެވޭނެ ވަކި ޙާލަތުތަކެއް ބަޔާންކޮށްފައިނުވާ ކަމާއި، ޓެކްނޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުން އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އެ ފަރާތަށް މި މައްސަލަ އިސްތިއުނާފުކުރުމަށް ލިބިދީފައިވާ ޙައްޤާ ޚިލާފުވާކަމެއް ކަމުގައި އެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
[8]4.8 މި މައްސަލައިގައި ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފު ފޯމާއި، އަދި ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ގޮތެއް ނިންމުމުގައި ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މި މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ޓެކްނޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުގައި އިސްތިއުނާފު ފޯމުގެ 6 ވަނަ ނަންބަރުގެ ދަށުން 2 (ދޭއް) އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާކަން އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމުން އެނގެން އޮވެއެވެ. އަދި އެ ދެ ނުކުތާގައި މައްސަލައިގެ ޙުކުމަށް ވާސިލުވުމުގައި ސިވިލް ކޯޓުން ހަދާފައިވާ ކަމަށް އެ ފަރާތުން ދެކޭ ގޯހަކީ ކޮބައިކަން އެ މިންވަރަށް ބަޔާންކޮށްދީފައިވާއިރު، އިސްތިއުނާފު ފޯމުގެ 7 ވަނަ ނަންބަރުގެ ދަށުން އެ ނުކުތާތަކުގެ ތަފުސީލުގައި ސިވިލް ކޯޓުން ޤާނޫނީ މާއްދާތަކާއި ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފުވީ ގޮތުގެ ތަފުސީލެއް ނުވަތަ ޤާނޫނީ ބަހުސްގެ ކޮންމެވެސް މިންވަރެއް ހިމަނަން ވާނެކަމުގައި ދެކެމެވެ. މިސާލަކަށް ވަކި ހެއްކަކަށް ރިޢާޔަތް ކޮށްފައިނުވާނަމަ އެ ހެއްކަކީ ކޮބައިކަން އެންމެ ކުޑަމިންވަރުން ބަޔާންކުރެވޭނެކަމުގައި ދެކެމެވެ. އަދި ވަކި ސަބަބަކާހުރެ ނުކުތާތަކުގެ ތަފްސީލު ހުށަހެޅިފައިނުވާ ނަމަ އެ ސަބަބަކީ މަޤުބޫލު ސަބަބަކަށް ވާންވާނެ ކަމަށް ދެކެމެވެ. މިގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލު ހުށަހެޅިފައި ނުވާކަމަށް ބުނެ ބަޔާންކޮށްފައިވާ ސަބަބަކީ މަޤުބޫލު ސަބަބެއްކަމުގައި ނުދެކެމެވެ.
[9]4.9 ކަންމިހެން އޮތުމުން ޓެކްނޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ދެކެމެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1519/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/19 ނިންމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢަލީ ރަޝީދު ޙުސައިން
މަޙާޒު ޢަލީ ޒާހިރު
މުޙައްމަދު އިބްރާހީމް
05 ރަބީޢުލްއައްވަލް 1446
08 ސެޕްޓެމްބަރ 2024
ފުޓްނޯޓު
- ސިވިލް ކޯޓުގެ ނަންބަރު 1519/CvC/2020 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 95-CR/PRIV/2024/7 "ރަޖިސްޓްރާރގެ ނިންމުން" (15 ފެބުރުވަރީ 2024)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ރ) ގެ (2)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.