އަޙްމަދު ޝަރީފް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-IH/2024/13، 22/C09C/1990
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ށ. މާކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުން 22/C09C/1990 ޤަޟިއްޔާއިން 30 ސެޕްޓެންބަރު 1990 ގައި ތަރިކައިގެ މައްސަލަ ނިންމިއެވެ. އޭގެ 34 އަހަރު ފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުން، މަޤުބޫލު ސަބަބެއް ހުށަހެޅިފައި ނުވާތީ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން HC-IH/2024/13 ގައި އިއްތިފާޤުން ނިންމިއެވެ.
- ވާޤިޢާ
- އަޙްމަދު ޝަރީފް، އޭނާގެ ބައްޕަ އުމަރު އާދަމްގެ ތަރިކަ ބެހުމަށް ށ. މާކަނޑޫދޫ ކޯޓަށް ހުށަހެޅި މައްސަލަ 30 ސެޕްޓެންބަރު 1990 ގައި ނިމުނެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ، 34 އަހަރު ފަހުން އެ ނިންމުން އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ހުއްދަ ނުދިނުމުން، އެ ނިންމުމާމެދު ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަރިކައިގެ މައްސަލައެއް ދަށު ކޯޓުން ނިންމާތާ 34 އަހަރު ފަހުން ހުށަހަޅާ އިސްތިއުނާފެއްގައި، މައްސަލަ ނިމުނުއިރު ކުޑަކަމުގައިވުމާއި ޢަމަލުކުރާނެ ގޮތް ނޭނގުމަކީ، އެ މައްސަލަ ދަށު ކޯޓަށް ހުށަހަޅައި ބެލީ އެ ފަރާތުން ކަމަށްވާއިރު، އިސްތިއުނާފީ މުއްދަތު ފަހަނައަޅައި ދިއުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ދެވޭނެ މަޤުބޫލު ސަބަބެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އަޙްމަދު ޝަރީފް ބުނީ، ތަރިކައިގެ މައްސަލަ ނިމުނީ އޭނާ ކުޑައިރު ކަމަށާއި، ޢަމަލުކުރަންޖެހޭ ގޮތް އެއިރު ނޭނގޭތީ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކުރެވުނު ކަމަށެވެ. ހައިކޯޓުން ފާހަގަކުރީ، މައްސަލަ ނިމުނުއިރު އޭނާއަކީ 16 އަހަރުގެ މީހެއްކަމާއި، އެއިރު ޢަމަލުކުރި ޤާނޫނުގައި 16 އަހަރުގެ ކުއްޖަކީ ކުޑަކުއްޖެއްކަން ބަޔާންކޮށްފައި ނެތްކަމާއި، ޤާނޫނު ނަންބަރު 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށީ މައްސަލަ ނިމުމަށްފަހު ކަމެވެ.
- ކޯޓުގެ ސަބަބުތައް
- ށ. މާކަނޑޫދޫ މެޖިސްޓްރޭޓް ކޯޓަށް ތަރިކައިގެ މައްސަލަ ހުށަހަޅައި ބެލުނީ އަޙްމަދު ޝަރީފްގެ ފަރާތުން ކަމަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގޭތީ، މައްސަލަ ނިމުނު ފަހުން ޢަމަލުކުރާނެ ގޮތެއް އޭނާއަށް އެނގިފައި ނުވާކަމަށް ބުނުމަކީ ޙަޤީޤަތާ ދުރު ކަމެކެވެ. އެހެންކަމުން، އިސްތިއުނާފީ މުއްދަތު ފަހަނައަޅައި ދިއުމަށްފަހު ހުށަހެޅި ސަބަބަކީ ގަވާއިދުގައިވާ ގޮތުގެ މަތިން މަޤުބޫލު ސަބަބެއް ކަމުގައި ތަބްރީރުކުރާނެ ހަމައެއް ނެތުމުން، މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި ނިންމުން ރަނގަޅެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ށ. މާކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ 22/C09C/1990 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-IH/2024/13 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށު ކޯޓަށް މައްސަލަ ހުށަހަޅައި ބެލުނީ އިސްތިއުނާފުކުރަން އެދޭ ފަރާތުގެ ފަރާތުން ކަމަށްވާނަމަ، އެ މައްސަލަ ނިމުނު ފަހުން ޢަމަލުކުރާނެ ގޮތެއް އެ ފަރާތަކަށް އެނގިފައިނުވާ ކަމަށް ބުނުމަކީ ޙަޤީޤަތާ ދުރު ކަމެއް ކަމަށްވާތީ، މައްސަލަ ނިމުނުއިރު ކުޑަކަމުގައިވުމާއި ޢަމަލުކުރާނެ ގޮތް ނޭނގުމަކީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކުރުމުގެ މަޤުބޫލު ސަބަބެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
HN2 އިސްތިއުނާފީ މުއްދަތު ފަހަނައަޅައި ދިއުމަށްފަހު ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމުގެ ހުއްދަ ދެވޭނީ، ހުށަހަޅާ ސަބަބަކީ ގަވާއިދުގައިވާ ގޮތުގެ މަތިން މަޤުބޫލު ސަބަބެއް ކަމުގައި ތަބްރީރުކުރާނެ ހަމައެއް އޮތްނަމައެވެ. އެފަދަ ހަމައެއް ނެތްނަމަ، އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، މުޙައްމަދު އިބްރާހީމް، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/18
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/84
ހުށަހެޅުނު ތާރީޚު: 20 އޮކްޓޫބަރު 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: އަޙްމަދު ޝަރީފް
ޢާންމު ނަން: އަޙްމަދު ޝަރީފް
ދާއިމީ އެޑްރެސް: އާރާސްތުގެ، ށ.މިލަންދޫ
މިހާރުގެ އެޑްރެސް: އާރާސްތުގެ، ށ.މިލަންދޫ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-IH/2024/13
ހުށަހެޅުނު ތާރީޚު: 07 އޯގަސްޓު 2024
ނިމުނު ތާރީޚު: 22 ސެޕްޓެންބަރު 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 އަޙްމަދު ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އޭނާގެ ބައްޕަ އުމަރު އާދަމްގެ ތަރިކައިގެ މައްސަލަ ދަށު ކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅާފައި މައްސަލައެކެވެ. މި މައްސަލަ ނިންމާފައިވަނީ ށ. މާކަނޑޫދޫ ކޯޓުގެ ނަންބަރު 22/C09C/1990 ޤަޟިއްޔާއިން 30 ސެޕްޓެންބަރު 1990 ގައެވެ. މި ތަރިކަ ބެހުމަށް އެ ކޯޓަށް ހުށަހަޅާފައިވަނީ އަޙްމަދު ޝަރީފް އެވެ. އެ ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ކަމަށް ބަޔާންކޮށް އޭގެ 34 އަހަރު ފަހުން ދަށު ކޯޓުގެ އެ ނިންމުން އަޙްމަދު ޝަރީފް އިސްތިއުނާފު ކުރުމަށްޓަކައި 07 އޮގަސްޓު 2014 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ.
[2]4.2. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބަލައިގަނެފައި ނުވަނީ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިނުވާ ސަބަބެއްގެ ގޮތުން އަޙްމަދު ޝަރީފްގެ ފަރާތުން ބަޔާންކުރާ ސަބަބު އެއީ މަގުބޫލު ސަބަބެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ބުރަވެފައި ނުވާތީއެވެ.
[3]4.3. އަޙްމަދު ޝަރީފްއަށް އިސްތިއުނާފީ މުއްދަތުގެ ތެރޭގައި އެ މައްސަލަ ހުށަހެޅިފައިނުވާ ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ ތަރިކައިގެ މައްސަލަ ނިމުނީ އޭނަ "ކުޑައިރު" ގައި ކަމަށާއި އެފަދަ މައްސަލަތަކުގައި ޢަމަލު ކުރަންޖެހޭގޮތް އޭނާއަށް އެއިރު ނޭގޭތީ ކަމުގައެވެ. އަޙްމަދު ޝަރީފްގެ ފަރާތުން މިގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން ށ. މާކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 22/C09C/1990 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވެއެވެ. މި ގޮތަށް ނިންމާފައިވަނީ އިސްތިއުނާފު ކުރުމަށް އެދޭ ދަށު ކޯޓުގެ ޤަޟިއްޔާ ހުށަހަޅައި އަދި ނިންމާފައިވަނީ އަޙްމަދު ޝަރީފްގެ ޢުމުރުން 16 (ސޯޅަ) އަހަރުގައިކަން އެނގެން އޮތްނަމަވެސް، އެއިރު ޢަމަލުކުރަމުންދިޔަ ޤާނޫނުގައި 16 (ސޯޅަ) އަހަރުގެ ކުއްޖަކީ ކުޑަކުއްޖެއްކަން ބަޔާންކޮށްފައި އޮތްކަން އެނގެން ނެތަތީ އާއި ޤާނޫނު ނަންބަރު 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށީވެސް މި މައްސަލަ ނިންމި ފަހުންކަން އެނގެން އޮންނާތީ އާއި މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ ފަދަ މަޤްބޫލު ސަބަބެއް ހުށަހެޅިފައި ނެތަތީއެވެ.
[4]4.4. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން އަޙްމަދު ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެވެ. މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި އަޙްމަދު ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ށ. މާކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 22/C09C/1990 ޤަޟިއްޔާ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިނުވަނީ މި މައްސަލަ ނިންމާފައިވަނީ އަޙްމަދު ޝަރީފް "ކުޑައިރު" ކަމަށް ބުނާއިރު، ށ. މާކަނޑޫދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ތަރިކައިގެ މައްސަލައަކީ ވެސް އަޙްމަދު ޝަރީފްގެ ފަރާތުން އެ ކޯޓަށް ހުށަހަޅައި ބެލުނު މައްސަލައެއްކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނާތީ އާއި އެ މައްސަލަ ނިމުނު ފަހުން ޢަމަލުކުރާނެ ގޮތެއް ކުރިން އެނގިފައިނުވާ ކަމަށް އަޙްމަދު ޝަރީފްގެ ފަރާތުން ބުނި ކަމުގައިވިޔަސް އެއީ ހަޤީގަތާ ދުރުކަމެކެވެ. ވުމާއެކު، އިސްތިއުނާފީ މުއްދަތު ފަހަނައަޅައި ދިއުމަށްފަހު އަޙްމަދު ޝަރީފްގެ ފަރާތުން ދަށުކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި މިހާރު ހުށަހަޅާފައިވާ ސަބަބަކީ ގަވާއިދުގައިވާ ގޮތުގެ މަތިން މަޤުބޫލު ސަބަބެއް ކަމުގައި ތަބުރީރު ކުރާނެ ހަމައެއް އޮތްކަމަކަށް ނުދެކެމެވެ.
[5]4.5. އެހެންކަމުން އަޙްމަދު ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ގަބޫލުކުރެވެއެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2024/13 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު
މުޙައްމަދު އިބްރާހީމް
ޢަލީ ރަޝީދު ޙުސައިން
11 ޖުމާދަލްއޫލާ 1446
12 ނޮވެންބަރު 2024
ފުޓްނޯޓު
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2024/13 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް"
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 9/91)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.