ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/SC-HCL/08, 2026/SC-L/25

ފާޠިމަތު އަޙްމަދު ވ. މޫސާ ޙަލީމް އަދި އަޙްމަދު ޝަރީފް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 މޭ 2026ދަށު ކޯޓު: ހައިކޯޓު HC-RM/2026/14ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2026/14، 95-CR/PRIV/2026/80، 320-CVC-2025
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 320-CVC-2025 ގައި، މޫސާ ޙަލީމްގެ ނަމުގައިވާ މއ. އެމްޓޭޝަންގެ ގޯތި 10 މިލިއަން ރުފިޔާއަށް އަޙްމަދު ޝަރީފަށް ވިއްކި ވިޔަފާރި ޞައްޙަކަމަށް ޙުކުމްކުރިއެވެ. ފާޠިމަތު އަޙްމަދު ހުށަހެޅި އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ (95-CR/PRIV/2026/80) ބަލައިނުގަނެ، ފަނޑިޔާރުން HC-RM/2026/14 ގައި އެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ނިންމިއެވެ.
ވާޤިޢާ
ވިޔަފާރީގެ ޞައްޙަކަން ކަނޑައަޅަން މޫސާ ޙަލީމް ހުށަހެޅި މައްސަލައިގައި ފާޠިމަތު އަޙްމަދަކީ ޚަޞްމެއް ނޫނެވެ. 29 މޭ 2025 ގައި ނިމުނު މައްސަލަ އިސްތިއުނާފުކުރުމަށް އޭނާ 20 ނޮވެންބަރު 2025 ގައި ހުށަހެޅީ، 23 އޮކްޓޫބަރު 2025 ގައި މުއްދަތު ހަމަވި ފަހުން، ހުއްދައަށް އެދޭ ފޯމު މެދުވެރިނުކޮށް، ފުރަތަމަ މަރުޙަލާގެ ނިންމުންތައް އިސްތިއުނާފުކުރާ ފޯމުންނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އިސްތިއުނާފުގެ މުއްދަތު ފާއިތުވި ފަހުން، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ރ) ގައިވާ ހުއްދައަށް އެދޭ ފޯމު މެދުވެރިނުކޮށް، ދަށު ކޯޓުގެ ޚަޞްމަކު ނޫން ފަރާތަކުން ހުށަހެޅި އިސްތިއުނާފު ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމި ނިންމުން ދެމެހެއްޓި ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަކީ ޤާނޫނީ އުޞޫލާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ފާޠިމަތު އަޙްމަދު ބުނީ، މޫސާ ޙަލީމް ޝަރުޢީގޮތުން ބަލަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދިރިއުޅޭނެ ތަނެއް ހަމަޖެހިފައިނުވާކަމަށާއި، ކުދިންނާއި މަންމަ ޝަރީޢަތަށް ޙާޟިރުނުކުރާތީ މައްސަލަ ނިމުނުކަން ނޭނގޭކަމަށާއި، ލަސްވުމުގެ ސަބަބު ވަޒަންކުރާނީ ރަޖިސްޓްރާރ ނޫން ފަނޑިޔާރުންކަމަށާއި، ކުދިންގެ އަސާސީ ޙައްޤުތައް ގެއްލޭގޮތަށް ޤާނޫނު މާނަނުކުރެވޭނެކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޚަޞްމަކު ނޫނަސް ޙައްޤެއް ނިގުޅައިގެންފިނަމަ ދަޢުވާކުރުމުގެ ޙައްޤު ޤާނޫނުއަސާސީއިން ލިބިދެއެވެ. ނަމަވެސް ހުށަހެޅުން ލަސްވިކަން އޭނާގެ ނުކުތާއިން އެނގެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ރ) އާއި [2021] SC 30 އަށް ބަލާއިރު، މުއްދަތު ފާއިތުވި ފަހުން ހުށަހަޅަންވީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަކި ފޯމަކުންނެވެ. ލަސްވި ސަބަބު ބަޔާންކޮށް ހުށަހެޅުމުގެ ފުރުޞަތު އަދިވެސް އޮތުމުން، ހައިކޯޓުގެ ނިންމުން ޤާނޫނީ އުޞޫލަކާ ޚިލާފެއް ނޫނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 320-CVC-2025 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށާއި، ހައިކޯޓުގެ HC-RM/2026/14 ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ނިންމި. ލަސްވި ސަބަބު ބަޔާންކޮށް ހައިކޯޓުގެ އިޖުރާއަތުތަކާ އެއްގޮތަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އިސްތިއުނާފުކުރަން އެދުނު ފަރާތަށް އަދިވެސް އޮންނަކަން ފާހަގަކުރި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށު ކޯޓުގެ ޤަޟިއްޔާގައި ހިމެނޭ ޚަޞްމަކަށް ނުވިޔަސް، އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ހިފަހައްޓައިފިނަމަ، އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި ދަޢުވާކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީއިން ލިބިދީފައިވާ ޙައްޤެކެވެ.

HN2 ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު މައްސަލައެއް އިސްތިއުނާފު ކުރެވިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އަދި ދަށު ކޯޓުގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމަ، ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފުކުރެވިދާނެއެވެ.

HN3 އިސްތިއުނާފުކުރުން ފަދަ އިޖުރާއީ ކަންކަމުގައި ޤާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ފަރުވާބަހައްޓަން ޖެހޭނެއެވެ. ނަމަވެސް މައްސަލަ ގެއްލޭ ފަރާތަށް އިންޞާފުގެ ދޮރު މުޅިން ބަންދުކުރުމުގެ ކުރީން، ހުށަހެޅުން ލަސްވީ ކީއްވެގެންތޯ އަޑު އެހުމުގެ ފުރުޞަތު އޭނާއަށް ދޭން ޖެހެއެވެ.

HN4 ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން އިސްތިއުނާފު މުއްދަތު ފާއިތުވި ފަހުން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަންޖެހެނީ ވަކި ފޯމެއް (އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފޯމު) މެދުވެރިކޮށެވެ. އެ އިޖުރާއަތާ އެއްގޮތަށް ހުށަހަޅާފައިނުވާ މައްސަލައެއް ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތުމަށް ނިންމި ނިންމުން ހައިކޯޓުގެ ފަނޑިޔާރުން ދެމެހެއްޓުމަކީ، ލަސްވި ސަބަބު ބަޔާންކޮށް ހައިކޯޓުގެ އިޖުރާއަތުތަކާ އެއްގޮތަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އެ ފަރާތަށް އަދިވެސް އޮތްހާލަތުގައި، ޤާނޫނީ އުޞޫލަކާ ޚިލާފަށް ނިންމި ނިންމުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، ޢަބްދުލްޣަނީ މުޙައްމަދު، ޢަބްދުﷲ ޙަމީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2026/SC-HCL/08

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2026/SC-L/25

ހުށަހެޅުނު ތާރީޚު: 26 މާރިޗު 2026

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ފާޠިމަތު އަޙްމަދު

ޢާންމު ނަން: ފާޠިމަތު ދީދީ

ދާއިމީ އެޑްރެސް: ހޯދަޑު، ހެޕީ، ޏ. ފުވައްމުލައް

މިހާރުގެ އެޑްރެސް: ހޯދަޑު، ހެޕީ، ޏ. ފުވައްމުލައް

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2026/14

ހުށަހެޅުނު ތާރީޚު: 12 ފެބްރުވަރީ 2026

ނިމުނު ތާރީޚު: 23 ފެބްރުވަރީ 2026

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 މއ. އެމްޓޭޝަންގެ، މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެމްޓޭޝަންގެ އެވެ ކިޔާ 1495 (އެއްހާސް ހަތަރު ސަތޭކަ ނުވަދިހަ ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުޅޭ މުދަލާއި އަމިއްލަ ބިން -/10,000,000ރ. (ދިހަ މިލިއަން ރުފިޔާ) ގެ އަގަށް ސ. ހުޅުދޫ، ނޫރީގެ، އަޙްމަދު ޝަރީފް އަށް ވިއްކުމަށް މޫސާ ޙަލީމް ހުށަހެޅިއެވެ. 30 ޖަނަވަރީ 2025 ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވުނު މި މައްސަލަ ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 320-CVC-2025 ޤަޟިއްޔާއިންނެވެ.

[2]4.2 ސިވިލް ކޯޓުގެ ނަންބަރު 320-CVC-2025 ޤަޟިއްޔާ ނިންމާފައިވަނީ، މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެމްޓޭޝަންގެ އެވެކިޔާ 1495 (އެއްހާސް ހަތަރު ސަތޭކަ ނުވަދިހަ ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުޅޭ މުދަލާއި އަމިއްލަ ބިން އަޙްމަދު ޝަރީފުއަށް-/10,000,000ރ. (ދިހަ މިލިއަން ރުފިޔާ) ގެ އަގަށް ވިއްކުމުން، އެ އަގަށް އެ ބިމާއި އިމާރާތްތައް އަޙްމަދު ޝަރީފް ގަނެ، މި ވިޔަފާރި ޢަޤުދުކޮށް، މި ވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، މި ވިޔަފާރި ޞައްޙަކަމަށާއި، މި ވިޔަފާރީގެ ސަބަބުން މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. އެމްޓޭޝަންގެ އެވެކިޔާ 1495 (އެއްހާސް ހަތަރު ސަތޭކަ ނުވަދިހަ ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުޅޭ މުދަލާއި އަމިއްލަ ބިމުގެ މިލްކުވެރި ފަރާތަކީ، އަޙްމަދު ޝަރީފު ކަމަށް، ކަނޑައަޅައި ޙުކުމް ކޮށެވެ. މި ޤަޟިއްޔާ ސިވިލް ކޯޓުން ބަލައި ނިންމާފައިވަނީ، 29 މޭ 2025 ގައެވެ.

[3]4.3 ސިވިލް ކޯޓުގެ ނަންބަރު 320-CVC-2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި 12 ފެބްރުވަރީ 2026 ގައި ހޯދަޑު. ހެޕީ، ޏ. ފުވައްމުލައް، ފާޠިމަތު އަޙްމަދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ބުނެފައިވަނީ،

4.3.1- ސިވިލް ކޯޓުގެ ނަންބަރު 320-CVC-2025 ޤަޟިއްޔާގައި މޫސާ ޙަލީމްއާއި އޭނާ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނޭ ތަނެއް ހަމަޖެހިފައިވާ ކަމަށް ނިންމާފައިވަނީ އެފަދަ ތަނެއް ހަމަޖެހިފައިނުވަނީސް ކަމުގައިވާކަން؛

4.3.2- ސިވިލް ކޯޓުގެ ނަންބަރު 320-CVC-2025 ޤަޟިއްޔާގައި މޫސާ ޙަލީމްއާއި އޭނާ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭވޭނޭ ގޮތް، މ. ކަރާމާތު ކޯނާ އެވެކިޔާ ހަމަޖެހިފައިވާކަމަށް ނިންމާފައިވާއިރު، އެ ގޯއްޗަކީ ގޯތިއެކުގައި 50 އަހަރަށް ކުއްޔަށްދީ، އެ ތަނަށް މޫސާ ޙަލީމް ނޫނީ އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ އެއްވެސް މީހަކަށް ވަނުމުގެ ފުރުޞަތު ނޫނީ ހުއްދައެއް އޮތްތަނެއްކަމުގައި ނުވާކަން؛ އަދި

4.3.3-ސިވިލް ކޯޓުގެ ނަންބަރު 320-CVC-2025 ޤަޟިއްޔާގައި މޫސާ ޙަލީމްއާއި އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ މީހުން ދިރިއުޅޭނޭ ތަނެއް ހަމަޖެހިފައިވާ ކަމަށް ނިންމާފައިވަނީ މޫސާ ޙަލީމްގެ ކުދިންގެ މަޢުލޫމާތުވެސް ހޯއްދެވުމެއްނެތި، އެއްވެސް ކުއްޖަކުވެސް އަދި ޝަރުޢީގޮތުން ބަލަންޖެހޭ ކުދިންގެ މަންމަވެސް ޝަރީޢަތަށް ޙާޟިރުކޮށްގެން އަދި އެ ނޫން ގޮތަކަށްވިޔަސް މަޢުލޫމާތު ހޯއްދުމެއްނެތި ކަމުގައިވުން؛ މިއެވެ.

[4]4.4 ފާޠިމަތު އަޙްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފާ ގުޅިގެން ހައިކޯޓުގެ ނަންބަރު 95-CR/PRIV/2026/80 "ރަޖިސްޓްރާރގެ ނިންމުން" އިން ނިންމާފައިވަނީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ އިޖުރާއަތަކީ އިސްތިއުނާފު މުއްދަތު ފާއިތުވި ފަހުން ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރަން އެދޭނަމަ އެ ކަމެއް ހުށަހެޅޭނެ މައިދޮރުކަމާއި، އެދޮރުން ވަނުމަށް ލިބިދެވޭ ތަޅުދަނޑިއަކީ އިސްތިއުނާފު މުއްދަތު ފާއިތުވި ފަހުން މައްސަލަ ހުށަހަޅަން އެދޭ ފަރާތަށް މުއްދަތުގައި އިސްތިއުނާފު ހުށަހެޅިފައިނުވާ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް އޮތުމާއި، އެ ކަން ފަނޑިޔާރުން ވަޒަންކުރާ މަހައްލަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއިން އެ ފަދަ ހުށަހެޅުމެއް ހުށަހެޅުމުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/50,51,52,53,54 ޤަޟިއްޔާގެ 23 ވަނަ ނުކުތާގައި ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއް އިސްތިއުނާފު ހުށަހެޅުމަށް ލަސްވެފައިވާކަމީ ރަޖިސްޓްރާރއަށް ހުށަހެޅިފައިވާ ކަމެއް ނޫންކަމާއި އަދި އެއީ ރަޖިސްޓްރާރ ވަޒަންކުރާނެ ކަމެއް ނޫންކަމާއި އެއީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ފަނޑިޔާރުން ވަޒަންކުރަން ޖެހޭކަމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/50,51,52,53,54 ޤަޟިއްޔާގެ 26 ވަނަ ނުކުތާގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރު 320-CVC-2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ފާޠިމަތު އަޙްމަދުގެ ފަރާތުން 2025 ނޮވެންބަރު 20 ވަނަ ދުވަހު ހުށަހަޅާފައިވާއިރު، މައްސަލަ އިސްތިއުނާފުކުރުމަށް ބޭނުންވާނަމަ، 2025 އޮކްޓޯބަރު 23 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަންޖެހޭކަން އެނގެން އޮންނާތީ، އިސްތިއުނާފު މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/50,51,52,53,54 ޤަޟިއްޔާގެ ނިންމުމަށާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 ނިންމުމަށް ހަވާލާދީ މި މައްސަލަ ބަލައި ގެނެވެން ނެތްކަމަށެވެ.

[5]4.5 ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ފާޠިމަތު އަޙްމަދުގެ ފަރާތުން ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 14/HC-RM/2026 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ނިންމާފައިވަނީ "ރަޖިސްޓްރާރގެ ނިންމުން" ބާޠިލުކުރާނެ ތަނެއް ނެތްކަމަށެވެ. މި ނިންމެވުން ނިންމެވީ ހައިކޯޓުން މައްސަލަ މުރާޖަޢާކުރެއްވި 03 (ތިނެއް) ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

[6]4.6 ހައިކޯޓުގެ ބުނެވުނު "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިސްތިއުނާފުކުރުމަށްޓަކައި ފާޠިމަތު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 03 (ތިނެއް) ނުކުތާއެއް ހުށަހެޅިއެވެ. އެ ނުކުތާތަކަކީ:

4.6.1 އިސްތިއުނާފު ހުށަހަޅާފައިވަނީ އިސްއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވާ ފަހުންކަމުގައި ނިންމަވާފައިވާ ނިންމެވުން ޤާނޫނީގޮތުން ރަނގަޅު ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ؛

4.6.2 އިސްތިއުނާފުގެ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ އިސްތިއުނާފުގެ މައްސަލަތައް ހުށަހެޅެނީ، އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް އޮތުމުންކަމާއި އަދި އެއީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށްކަމުގައިވާ ކަމާއި، އަދި އެފަދަ ހުށަހެޅުމެއްގައި ގޮތް ކަނޑައަޅާނީ ފަނޑިޔާރުކަމާއި އެއީ ރަޖިސްޓްރާގެ ނިންމުންނޫންކަމުގައި ނިންމަވާފައިވާ ނިންމެވުން ޤާނޫނީގޮތުން ރަނގަޅުކަމުގައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި

4.6.3 ސިވިލް ކޯޓުގެ ނިންމެވުން ނިންމަވާފައިވަނީ ޤާނޫނުއަސާސީގައި ޚާއްޞަ ރައްކާތެރިކަމެއް ލިބިދީފައިވާ ބައެއްގެ (ނުކުޅެދުންތެރިކަން ހުންނަ ކުދިން) އަސާސީ ޙައްޤުތަކެއް ގެއްލޭގޮތަށް ކަމުގައިވާއިރު، ފަންނީ ތަރުޖަމާއަކުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކެއް ނިގުޅޭގޮތަށް ޢަމަލުކުރުމަށް ޤާނޫނުއަސާސީ އަދި ޤާނޫނުތަކާއި ގަވާއިދުތައް މާނަނުކުރެވޭނެކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އެވެ.

[7]4.7 މި މައްސަލައިގައި ކަން ހިންގާފައިވާ ގޮތަށް ރިޢާޔަތްކުރާއިރު، މިއީ، މއ. އެމްޓޭޝަންގެ އެވެކިޔާ ގޯތި ވިއްކުމުގެ މުޢާމަލާތުގެ ޞައްޙަކަން ކަނޑައެޅުމުގެ މައުޟޫޢުގައި ސިވިލް ކޯޓުގެ ނަންބަރު 320-CVC-2025 ޤަޟިއްޔާއިން ބެލުނު މައްސަލައެކެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅި ފާޠިމަތު އަޙްމަދުއަކީ ސިވިލް ކޯޓުގެ ނަންބަރު 320-CVC-2025 ޤަޟިއްޔާގައި ހިމެނޭ ޚަޞްމެއްނޫނެވެ. އެހެންނަމަވެސް އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ހިފަހައްޓައިފިނަމަ، އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި ދަޢުވާކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤެކެވެ.

[8]4.8 ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ރަނގަޅުކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ބިނާކުރައްވާފައިވާ ސަބަބަކީ، އިސްތިއުނާފުގެ މުއްދަތުގެ ފަހުން ހުށަހެޅުމާއި، އިސްތިނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައި ނުވުމެވެ. އަދި ހައިކޯޓުގެ ރަޖިސްޓްރާރ މައްސަލަ ބަލައި ނުގަންނަން ނިންމި މައިގަނޑު ސަބަބަކީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ވާގޮތުގެ މަތިން މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިނުވުމެވެ. މިގޮތުން، މި މައްސަލަ ފާޠިމަތު އަޙްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ، ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމުންނެވެ. މި ފޯމުގައި ފާޠިމަތު އަޙްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ (ރ) ގައި "މި މައްސަލަ ކޯޓުން ކުރިއަށް ގެންދަވާ ނިންމެވިއިރުވެސް އެއްވެސް ކުއްޖަކުވިޔަސް އަދި ކުއްޖެއްގެ މަންމަ ވިޔަސް ޝަރީޢަތަށް ޙާޟިރުކުރައްވާފައިނުވާތީ، މި މައްސަލަ ޝަރީޢަތުގައި ހިނގާ ނިމިގެން ގޮސްފައިވާކަމެއް ދަޢުވާކުރާ ފަރާތަށް އެނގިފައި ނުވެއެވެ. އެހެންކަމުން އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގަނެފައިވަނީ ޤާނޫނު ނަންބަރު: 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ (ރ) ގެ ދަށުންކަމުގައި ފާހަގަކުރަމެވެ..." މިފަދައިން ބަޔާންކޮށްފައިވެއެވެ.

[9]4.9 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، "މި މާއްދާގެ (ހ) ގައި އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރެވިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އަދި ދަށު ކޯޓުގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމަ، ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފުކުރެވިދާނެއެވެ." މިފަދައިންނެވެ.

[10]4.10 ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ މުއްދަތުގެ ފަހުން ހުށަހެޅޭ މައްސަލައެއްކަން ފާޠިމަތު އަޙްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނުކުތާތަކުގެ (ރ) އިން އެނގެން އޮވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 30 ޤަޟިއްޔާގައި "ޝަރީއަތުގެ ބައެއް މަރުހަލާތަކަށް ގާނޫނުން މުއްދަތުތަކެއް ކަނޑައަޅާފައިވަނީ އެންމެންގެ ހެވާއި ލާބައަށެވެ. ގާނޫނުގައި ބަޔާންކުރާ ހައްގުތައް ލިބިގަތުމުގައި، ޚާއްސަކޮށް އިސްތިއުނާފުކުރުމަށް ހުށަހެޅުން ފަދަ އިޖުރާއީ ކަންކަމުގައި ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ފަރުވާބަހައްޓަން ޖެހެއެވެ. ފަރުވާ ނުބަހައްޓާ ފަރާތްތަކަށް ހިމާޔަތެއް ނުލިބެއެވެ. އިސްތިއުނާފުކުރަން އޮންނަމުއްދަތު ފަހަނައަޅައި ހިނގައްޖެނަމަ އެ މައްސަލައެއް ކޯޓުން ބަލައެއް ނުގަންނާނެއެވެ. ގާނޫނުއަސާސީއިން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެން ވަކި ހަމަތަކެއްގެ ތެރެއިން ގާނޫނުކުން ތަންޒީމުކުރެވިފައެވެ. އެގޮތުން، ކަނޑައެޅިފައިވާ އެއްކަމަކީ އިސްތިއުނާފުކުރުމުގެ ހައްގު ބޭނުންކުރުމަށް މުއްދަތެއް ކަނޑައެޅުމެވެ. އެ މުއްދަތަށް ފަހު އެ ހައްގު ގެއްލޭނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މައްސަލަ ގެއްލޭ ފަރާތަށް އިންސާފުގެ ދޮރު މުޅިން ބަންދުކުރުމުގެ ކުރީން، އޭނާގެ ވާހަކަ އަޑުއަހައި އޭނާއަށް ދިމާވެފައިވާ ހާލަތަކީ ކޮބައިތޯ ބަލައި ހުށަހެޅުން ލަސްވީ ކީއްވެގެންތޯ އަޑު އެހުމުގެ ފުރުސަތު އޭނާއަށް ދޭން ޖެހެއެވެ. މިއީ ކޮންމެހެން ލަސްވުން ގަބޫލުކުރާތީ ނުވަތަ ލަސްވި ލަސްވުން މައާފުކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫނެވެ. އެއީ އިންސާފުގެ ދޮރު ބަންދުކުރުމުގެ ކުރީން އަދާލަތުގެ ޒަމީރަށް އުނދަގޫކުރާ ކަމެއް އޮތްތޯ ބެލުމުގެ ގޮތުން ކުރާ ކަމެކެވެ. އަދާލަތުގެ ޒަމީރާ ފުށުއަރާ ހާލަތެއް އޮތްތޯ ބެލުމަށް ކުރާ ކަމެކެވެ. އެފަދަ ކަމެއް އޮތްނަމަ އެމަގުން އެ މީހަކަށް ފުރުސަތު ދިނުމަކީ އެންމެ މަސްލަހަތު ހުރި ގޮތެވެ. އިންސާފާ އެންމެ ގާތްކުރާ ގޮތެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

[11]4.11 މި މައްސަލައަކީ ހައިކޯޓުގައި އިސްތިނާފުކުރުމަށް އޮންނަ މުއްދަތު ފާއިތުވާފަހުން ހުށަހަޅާ ހުށަހެޅުންތައް ހައިކޯޓަށް ހުށަހެޅުމަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ހުށަހަޅާފައިނުވާތީ، ހައިކޯޓުގެ ރަޖިސްޓްރާރ ބަލައި ނުގަންނަން ނިންމި ނިންމުން މުރާޖައާކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމެވި ނިންމުމެކެވެ. ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން އިސްތިއުނާފު މުއްދަތު ފާއިތުވި ފަހުން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަންޖެހެނީ ވަކި ފޯމެއް މެދުވެރިކޮށް ކަން އެނގެން އޮންނާތީއާއި މި މައްސަލަ ހައިކޯޓަށް ހުށަހެޅުން ލަސްވި ސަބަބު ބަޔާންކޮށް ހައިކޯޓުގެ އިޖުރާއަތުތަކާ އެއްގޮތަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ފާޠިމަތު އަޙްމަދުއަށް އަދިވެސް އޮތުމުން މި މައްސަލައިގައި ހައިކޯޓުގެ ނަންބަރު HC-RM/2026/14 ނިންމުން ނިންމާފައިވަނީ ޤާނޫނީ އުޞޫލަކާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތެވެ.

[12]4.12 އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ހައިކޯޓުގެ ނަންބަރު 14/HC-RM/2026 ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމަން ފެނެއެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 320-CVC-2025 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 14/HC-RM/2026 ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޙުސައިން ޝަހީދު

ޢަބްދުލްޣަނީ މުޙައްމަދު

ޢަބްދުﷲ ޙަމީދު

17 ޛުލްޤަޢިދާ 1447

05 މެއި 2026

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A070881
  2. ރަޖިސްޓްރީ ނަންބަރު އ.5590
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A026189
  4. ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނީ " މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިންފިނަމަ، ނުވަތަ ހިފަހައްޓައިފިނަމަ، އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް ލިބިގެންވެއެވެ." މިފަދައިންނެވެ.
  5. މި މައްސަލައިގައި ހައިކޯޓަށް މައްސަލަ ހުށަހެޅުނު ފޯމުގައި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި މޫސާ ޙަލީމް ޝަރުޢީގޮތުން ބަލަންޖެހޭ ތިންކުދިންގެ މަންމަ ކަމަށްބުނެ ފާޠިމަތު އަޙްމަދު ދީފައިވާ އެފިޑެވިޓް އަދި މޫސާ ޙަލީމްގެ ދަރިއެއްގެ ފަރާތުންކަމަށްބުނެ އާމިނަތު އަންޖޫނާ މޫސާގެ ފަރާތުން ހުށަހަޅާފައިވާ އެފެޑެވިޓް ހިމެނެއެވެ.
  6. ހައިކޯޓުގެ ނަންބަރު 14/HC-RM/2026 (ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް) ނިންމުން
  7. ޤާނޫނު ނަންބަރު 32/2021
  8. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ
  9. އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ ފޯމު
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ