ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/SC-HCL/19, 2024/SC-L/85

ޢަބްދުﷲ އިބްރާހީމް ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 20 ނޮވެމްބަރު 2024ދަށު ކޯޓު: ހައިކޯޓު HC-IH/2024/11ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-IH/2024/11، 88/Cv-C-HD/2020
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 88/Cv-C-HD/2020 ގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގެ 6 ވަނަ މާއްދާއާ އެއްގޮތަށްކަމަށް ބަލައި، ޢަބްދުﷲ އިބްރާހީމް އެދުނު ގޮތަށް ކަނޑައަޅައިނުދެވޭނެކަމަށް ޙުކުމްކުރިއެވެ. އޭގެ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަކަމަށް ހައިކޯޓުގެ ފަނޑިޔާރުން HC-IH/2024/11 ގައި ނިންމިއެވެ.
ވާޤިޢާ
ހުޅުމާލެ ރޯހައުސް 2011 ގެ މަޝްރޫޢުގެ 05-R11 ރޯހައުސް ޢަބްދުﷲ އިބްރާހީމްއަށް ވިއްކުމަށް ކަނޑައަޅައި ޕްރީސޭލް އެއްބަސްވުމެއް ވެވި، ފައިނޭންޝަލް ސްކްރީނިންގއާބެހޭ އެއްބަސްވުމުގައިވެސް ސޮއިކުރެވުނެވެ. ރޯހައުސް ޙަވާލުނުކުރުމުން ޙަވާލުކޮށްދިނުމަށް އަމުރުކުރުމަށް އެދި ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ. ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު 24 ޖަނަވަރީ 2022 ގައި އޭނާގެ ބަދަލުގައި ޙާޟިރުވި ފަރާތަށް ދޫކުރެވި، ހައިކޯޓަށް ހުއްދައަށް އެދުނީ 30 ޖޫން 2024 ގައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުގެ ބަދަލުގައި ޙާޟިރުވި ފަރާތަށް ދޫކުރިތާ 2 އަހަރަށްވުރެ ގިނަ ދުވަސް ފަހުން ހުށަހެޅި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުން ހައިކޯޓުގެ ފަނޑިޔާރުން ބަލައިނުގަތުމަށް ބަދަލުގެންނަންޖެހޭތޯއާއި، ހައިކޯޓަށް ހުށަހެޅި ފޯމުގެ ހަމަ އެ ނުކުތާތައް ކުދިކުދި ބަދަލުތަކާއެކު ހުށަހެޅުމުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާނެ ޤާނޫނީ ނުކުތާއެއް ހުށަހެޅޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޢަބްދުﷲ އިބްރާހީމް ބުނީ، ސިވިލް ކޯޓުން ހުށަހެޅުނު ލިޔުންތަކަށް ރިޢާޔަތްނުކޮށް، 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ) ގެ އުޞޫލާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ) އާ ޚިލާފަށް މައްސަލަ ނިންމި ކަމަށާއި، ކިތާބީ ހެކި ބަލައިނުގަތުމަކީ ހެއްކާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ހުއްދަ ނުދިނީ ރިޕޯޓު ވަކީލަށް ދޫކުރިތާ 2 އަހަރަށްވުރެ ގިނަ ދުވަސް ފަހުން، އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ހުށަހެޅުމުންނެވެ. ލަސްވި މަޤުބޫލު ސަބަބަކަށް ބާރުދޭ ލިޔުމެއް މައްސަލައިގެ ލިޔެކިޔުންތަކުގައި ނުހިމެނެއެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތަކަކީ ސިވިލް ކޯޓުގެ ނިންމުމާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި ހަމަ އެ ނުކުތާތަކެވެ. ގެނެސްފައިވަނީ މާއްދާގެ ނައްޞު ބަޔާންކުރުން ފަދަ ކުދިކުދި ބަދަލުތަކެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާނެ ޤާނޫނީ ނުކުތާއެއް ހުށަހެޅިފައި ނުވާތީ، ހައިކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭނެ ތަނެއް ނެތެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 88/Cv-C-HD/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމުގައި ހައިކޯޓުގެ ފަނޑިޔާރުން HC-IH/2024/11 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" ގައި ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހައިކޯޓުގެ ފަނޑިޔާރުން އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާ ނުކުތާތަކަކީ، ދަށު ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަން ފާހަގަކޮށް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނު ފޯމުގައި ހިމެނިފައިވާ ހަމަ އެ ނުކުތާތަކަށްވެ، ގެނެސްފައިވާ ބަދަލަކީ ޤާނޫނެއްގެ މާއްދާގެ ނަންބަރާއެކު އެ ނަންބަރުގައި އޮތް ޤާނޫނީ ނައްޞު ބަޔާންކުރުން ފަދަ ކުދިކުދި ބަދަލުތައް ކަމުގައިވާނަމަ، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާނެ ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައެއް ނުވެއެވެ.

HN2 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުގެ ބަދަލުގައި ޙާޟިރުވި ފަރާތަށް ދޫކުރިތާ 2 އަހަރަށްވުރެ ގިނަ ދުވަސް ފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅައި، ހުށަހެޅުން ލަސްވި މަޤުބޫލު ސަބަބަކަށް ބާރުދޭ ލިޔުމެއް މައްސަލައިގެ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައި ނުވާނަމަ، އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި ބަލައި ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭނެ ތަނެއް ނުވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު، މުޙައްމަދު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2024/SC-HCL/19

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2024/SC-L/85

ހުށަހެޅުނު ތާރީޚު: 20 އޮކްޓޯބަރ 2024

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ޢަބްދުﷲ އިބްރާހީމް

ޢާންމު ނަން: ޢަބްދުﷲ އިބްރާހީމް

ދާއިމީ އެޑްރެސް: ގ.ވިންޑް، މާލެ

މިހާރުގެ އެޑްރެސް: ގ.ވިންޑް، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-IH/2024/11

ހުށަހެޅުނު ތާރީޚު: 30 ޖޫން 2024

ނިމުނު ތާރީޚު: 17 ސެޕްޓެމްބަރ 2024

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1- "ހުޅުމާލެ ރޯހައުސް 2011" ގެ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރުމަށް ކަނޑައެޅި 15 ރޯހައުސްގެ ތެރެއިން 05-R11 ގެ ރޯހައުސް ގ.ވިންޑް، ޢަބްދުﷲ އިބްރާހީމް ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން ކަނޑައަޅައި، ޢަބްދުﷲ އިބްރާހީމް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު އެ މުޢާމަލާތުގެ މައްޗަށް "ޕްރީސޭލް" އެއްބަސްވުމެއް ވެވުނެވެ. މި އެއްބަސްވުމުގެ ދަށުން ފައިނޭންޝަލް ސްކްރީނިންގ އާއިބެހޭ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވީނަމަވެސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން 05-R11 ރޯހައުސް ޢަބްދުﷲ އިބްރާހީމްއާ ހަވާލުކޮށްފައި ނުވާތީ އެ ރޯހައުސް ޢަބްދުﷲ އިބްރާހީމްއާ ޙަވާލުކޮށްދިނުމަށް އަމުރު ކޮށްދިނުމަށް އެދި ހައުސިންގ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ޢަބްދުﷲ އިބްރާހީމް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

[2]4.2- ސިވިލް ކޯޓުގެ ނަންބަރު 88/Cv-C-HD/2020 ޤަޟިއްޔާ ނިންމާފައިވަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގެ 6 ވަނަ މާއްދާއާ އެއްގޮތަށްކަން އެނގެން އޮންނާތީ، ޢަބްދުﷲ އިބްރާހީމްގެ ފަރާތުން އެދުނު ފަދައިން މި ދަޢުވާގައި ކަނޑައަޅައިދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށެވެ.

[3]4.3- ސިވިލް ކޯޓުގެ ނަންބަރު 88/Cv-C-HD/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ޢަބްދުﷲ އިބްރާހީމްގެ ފަރާތުން ހުށަހެޅިއެވެ. އެ ހުށަހެޅުން ބަލައި ނުގަނެ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމުން ނިންމާފައި ވެއެވެ. އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި މައިގަނޑު ސަބަބަކީ، ސިވިލް ކޯޓުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ޢަބްދުﷲ އިބްރާހީމްގެ ބަދަލުގައި ސިވިލް ކޯޓަށް ހާޒިރުވި ފަރާތަށް ދޫކޮށްފައިވާ ނަމަވެސް، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެ ރިޕޯޓު ދޫކުރި ފަހުން 02 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވީ ފަހުންކަމުގައި ވުމެވެ.

[4]4.4- ހައިކޯޓުން މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ނިންމި ސަބަބުގެ ތަފުސީލަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 88/Cv-C-HD/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު 24 ޖަނަވަރީ 2022 ގައި ޢަބްދުﷲ އިބްރާހީމްގެ ބަދަލުގައި ޙާޟިރުވި ފަރާތަށް ދޫކުރެވިފައިވެއެވެ. އަދި ހައިކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވަނީ 30 ޖޫން 2024 ގައެވެ. ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން ލަސްވި މަޤުބޫލު ސަބަބަކަށް ބާރުދޭ ލިޔުމެއް މައްސަލައިގެ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައިނުވެއެވެ.

[5]4.5- ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ ސިވިލް ޢަބްދުﷲ އިބްރާހީމްގެ ފަރާތުން ސުޕްރީމް ކޯޓަށް މައިގަނޑު 03 (ތިނެއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެ ނުކުތާތައް ތިރީގައި މިވަނީއެވެ.

4.5-1. ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު ލިޔުންތަކަށް ރިއާޔަތް ނުކޮށް ދަލީލުތައް ބަލައިގަތުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަން.

4.5-2. ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓަށް ހުށަހެޅުނު ލިޔުންތަކަށް ރިއާޔަތް ނުކޮށް، ޤާނޫނުއަސާސީން ޢަބްދުﷲ އިބްރާހީމްއަށް ލިބިފައިވާ ޢަދުލުވެރިކަމާއި، ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤު ހަނިވާގޮތަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ) އާ ޚިލާފަށްކަން.

4.5-3. ޢަބްދުﷲ އިބްރާހީމް އަތުން ކުއްލިއަކަށް ތަން އަތުލާފައިވަނީ، ޢަބްދުﷲ އިބްރާހީމްގެ މަސްލަޙަތައް ރިޢާޔަތް ކުރުމެއް ނެތި ކަމަށާއި، ކިތާބީ ހެކި ބަލައި ނުގަތުމަށް ނިންމާފައިވާ ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.

[6]4.6- އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި މައިގަނޑު ސަބަބަކީ، ޢަބްދުﷲ އިބްރާހީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށްއެދި ހައިކޯޓަށް ހުށަހަޅާފައިވަނީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޢަބްދުﷲ އިބްރާހީމްގެ ވަކީލަށް ސިވިލް ކޯޓުން ދޫކުރިތާ 2 (ދޭއް) އަހަރަށްވުރެ ގިނަ ދުވަސް ފަހުންކަން އެނގެން އޮންނާތީ މި މައްސަލައަކީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުން ހުށަހަޅާފައިވާ މައްސަލައަކަށްވާތީކަން އެ ނިންމުމަށް ބެލުމުން އެނގެން އޮވެއެވެ.

[7]4.7- މި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފުކަމުގައި ބުނެ ސުޕްރީމް ކޯޓުގައި އެ ނިންމުން އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކަކީ، ސިވިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަން ފާހަގަކޮށް، ޢަބްދުﷲ އިބްރާހީމްގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދުނު ފޯމުގައި ހިމެނިފައިވާ ނުކުތާތަކެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފޯމުގައި ހަމައެކަނި ގެނެސްފައިވާ ބަދަލަކީ، ޤާނޫނެއްގެ ވަކި މާއްދާގެ ނަންބަރު ހައިކޯޓަށް ހުށަހެޅި ފޯމުގައި ބަޔާންކުރުމަށް ފަހު، އެ މާއްދާގެ އެ ނަންބަރުގައި އޮތް ޤާނޫނީ ނައްޞު ސުޕްރީމް ކޯޓަށް ހުށަހެޅި ފޯމުގައި ބަޔާންކުރުން ފަދަ ކުދިކުދި ބަދަލުތަކެވެ.

[8]4.8- ކަން މިހެން އޮތުމުން މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާނެ ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައި ނެތެވެ. އަދި ޢަބްދުﷲ އިބްރާހީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުން މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމުގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް މި މައްސަލައިގައި ނެތެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ޢަބްދުﷲ އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 88/Cv-C-HD/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 11/HC-IH/2024 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" ގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

އަޒްމިރާލްދާ ޒާހިރު

މަޙާޒު ޢަލީ ޒާހިރު

މުޙައްމަދު އިބްރާހީމް

18 ޖުމާދަލްއޫލާ 1446

20 ނޮވެމްބަރ 2024

ފުޓްނޯޓު

  1. ސިވިލް ކޯޓުގެ ނަންބަރު 88/Cv-C-HD/2020 ޤަޟިއްޔާ
  2. ހައިކޯޓުގެ ނަންބަރު 11/HC-IH/2024 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް"
  3. ދިވެހިރާއްޖޭގެ ހައިކޯޓުގެ "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" ގައި ސިވިލް ކޯޓުގެ ނަންބަރު 144-J/95/2024/39 (28 އޮގަސްޓް 2024) ސިޓީއާ ޙަވާލާދީ ސިވިލް ކޯޓުން މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރި ތާރީޚުކަމުގައި 24 ޖެނުއަރީ 2024 ހިމެނިފައިވަނީ އޮޅުމަކުން ކަމުގައި ބެލެވެއެވެ. ރަނގަޅު ތާރީޚަކީ 24 ޖެނުއަރީ 2022 އެވެ. މި ކަން ސިވިލް ކޯޓުގެ އެ ސިޓީއިން ސާފުވެއެވެ.
  4. ނަންބަރު 2010/SC-A/02 ޤަޟިއްޔާ
  5. ޤާނޫނު ނަންބަރު 2010/13
  6. ޤާނޫނު ނަންބަރު 2022/11
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ