ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/SC-HCL/07, 2026/SC-L/23

ޙަސަން އިބްރާހީމް ވ. ޢަބްދުލްޣަފޫރު ޢަލީ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 22 އޭޕްރީލް 2026ދަށު ކޯޓު: ހައިކޯޓު HC-RM/2025/49ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2025/49، HC-IH/2025/12، 95-CR/INDIV/2025/253، 2024-O6C-CIV-93
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ 2024-O6C-CIV-93 ގައި، ޙަސަން އިބްރާހީމް އެދުނު ފަރުވާ ހޯދައިދެވެން ނެތްކަމަށް ޙުކުމްކުރިއެވެ. އެ ޙުކުމުގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2025/49 ގައި އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމިއެވެ.
ވާޤިޢާ
ލ. ގަން، ގްރީންގޯލްޑް ކިޔާ 4000 އަކަފޫޓުގެ ގޯތި ގަނެވިއްކުމަށް ޢަބްދުލްޣަފޫރު ޢަލީއާއި ޙަސަން އިބްރާހީމްގެ މެދުގައި 10 ޖުލައި 2023 ގައި އެއްބަސްވުމެއް ވެވުނެވެ. ގޯތީގެ އަގު 550,000 ރުފިޔާގެ ތެރެއިން 115,000 ރުފިޔާ ޙަސަން އިބްރާހީމް ދެއްކިއެވެ. އެޗް.ޑީ.އެފް.ސީގައިވާ ރަހުނު ފިލުވުމަށްފަހު ރަޖިސްޓްރީ ޙަވާލުނުކުރުމުން، އެ ފައިސާއާއި ޝަރީޢަތުގެ ޚަރަދު 133,000 ރުފިޔާ އަނބުރާ ހޯދަން އޭނާ ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރަޖިސްޓްރޭޝަން މަރުޙަލާގައި އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާ ނިންމުމުގައި ސަބަބުތައް ތަފްޞީލުކޮށް ބަޔާންކުރަންޖެހޭތޯއާއި، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ 2024-O6C-CIV-93 ގެ ޙުކުމުގެ އިސްތިއުނާފުގައި، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ސާބިޤާތަކުގެ މިންގަނޑުން ހުއްދަ ދޭންޖެހޭ ޤާނޫނީ ބަހުޘެއް އޮތްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ހައިކޯޓުގެ ފަނޑިޔާރުން ނިންމުމަށް ވާސިލުވި ގޮތާއި ސަބަބު ބަޔާންނުކުރާތީ އެއީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއްކަމަށާއި، ރަޖިސްޓްރާރގެ ނިންމުން އެކަށީގެންވާ ގޮތެއްގައި މުރާޖަޢާ ނުކުރާތީ ކޯޓުތަކުގެ ޤާނޫނާ ޚިލާފުކަމަށް ޙަސަން އިބްރާހީމް ބުނެއެވެ. ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ކޮންޓްރެކްޓާއި ރަހުނާއި ހެއްކާބެހޭ ޤާނޫނުތަކަށް ޙަވާލާދީ 4 ގޯހެއް ފާހަގަކޮށްފައިވެއެވެ. ޢަބްދުލްޣަފޫރު ޢަލީގެ ހުށަހެޅުންތައް ނިންމުމުގައި ނެތެވެ.
ކޯޓުގެ ސަބަބުތައް
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންވާނީ، ކާމިޔާބުވުމުގެ އެކަށީގެންވާ ފުރުޞަތެއް އޮތް ޤާނޫނީ ބަހުޘެއް ހިމެނޭ މައްސަލަތަކުގައެވެ. އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަންކަމަށް މަތިމަތިން ބަލާއިރު، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި 2019/SC-L/87، 2019/SC-L/91 އާއި 2022/SC-A/51 ގެ މިންގަނޑުން ޤާނޫނީ ބަހުޘެއް ބުނެދެވިފައިނުވެއެވެ. ރަޖިސްޓްރޭޝަން މަރުޙަލާގައި ފަނޑިޔާރުންގެ ނިންމުމުގެ ސަބަބުތައް ތަފްޞީލުކުރުން ލާޒިމުނުވާތީ، ހައިކޯޓުގެ ނިންމުން ރަނގަޅެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ 2024-O6C-CIV-93 ގެ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުން ދެމެހެއްޓި ހައިކޯޓުގެ HC-RM/2025/49 ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންވާނީ، ހަމައެކަނި އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަދޭ އޮޅިގަނޑު ގިރާކުރެވޭ މައްސަލަތަކުގައެވެ. އިސްތިއުނާފީ ދަޢުވާއަކީ އެފަދަ މައްސަލައެއް ކަމަށް ކަނޑައަޅާނީ، އިސްތިއުނާފުކުރަން ހުށަހަޅާފައިވާ ނުކުތާގައި އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބުކުރެވޭނޭ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ޤާނޫނީ ބަހުޘެއް ހިމެނޭނަމައެވެ.

HN2 އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަދޭ އޮޅިގަނޑު ގިރާނުކުރެވޭ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަކީ ކޯޓުތަކުގެ ރަޖިސްޓްރާރާއި ފަނޑިޔާރުންގެ ޤާނޫނީ ޒިންމާއެކެވެ.

HN3 އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ ޤާނޫނީ ބަހުޘެއް އޮތްތޯ ބަލާނީ، ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަންކަމަށް މަތި މަތިން (prima facie) ބަލައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކުގައި ކަނޑައަޅާފައިވާ މިންގަނޑުންނެވެ.

HN4 ރަޖިސްޓްރޭޝަން މަރުޙަލާގައި ފަނޑިޔާރުން ނިންމާ ނިންމުންތަކުގެ ސަބަބުތައް ތަފްސީލީ ގޮތެއްގައި ބަޔާންކުރުން ލާޒިމުނޫނެވެ. ފަނޑިޔާރުންގެ ނިންމުން ބިނާކުރި ސަބަބުތައް ތަފްސީލީ ގޮތެއްގައި ބަޔާންކުރުން ލާޒިމުވާނީ މައުޟޫޢީ ގޮތުން މައްސަލަ ބަލާ ހާލަތުގައެވެ.

HN5 ދަށު ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބެއް ނުވަތަ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާކަން ބަޔާންކޮށްދީފައިނުވާ، އަދި 2019/SC-L/87، 2019/SC-L/91 އާއި 2022/SC-A/51 ގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުޘެއް ނެތް އިސްތިއުނާފެއް ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމުމާއި، އެ ނިންމުން މުރާޖަޢާކޮށް ތާއީދުކުރުމަކީ ރަނގަޅު ނިންމުމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު، މުޙައްމަދު ސަލީމް، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2026/SC-HCL/07

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2026/SC-L/23

ހުށަހެޅުނު ތާރީޚު: 23 މާރިޗު 2026

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ޙަސަން އިބްރާހީމް

ޢާންމު ނަން: ޙަސަން

ދާއިމީ އެޑްރެސް: ނަންރީތިގެ، ލ. މާވަށް

މިހާރުގެ އެޑްރެސް: ނަންރީތިގެ، ލ. މާވަށް

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2025/49

ހުށަހެޅުނު ތާރީޚު: 19 އޮކްޓޫބަރު 2025

ނިމުނު ތާރީޚު: 15 ޖަނަވަރީ 2026

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 ލ. ގަން / ބޮޑުގެ، ޢަބްދުލްޣަފޫރު ޢަލީގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ “ގްރީންގޯލްޑް” އެވެ ކިޔާ 4000 އަކަފޫޓުގެ ބަންޑާރަ ގޯތި ގަނެ ވިއްކުމުގެ އެއްބަސްވުމެއްގައި، ޢަބްދޫލްޣަފޫރު ޢަލީއާއި ލ. މާވަށް / ނަންރީތިގެ، ޙަސަން އިބްރާހީމްއާ ދެމެދު 10 ޖުލައި 2023 ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

[2]4.2 ލ. ގަން، ގްރީންގޯލްޑް އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ އެޗް.ޑީ.އެފްސީގައި ރަހުނު ކޮށްފައިވާ ގޯއްޗެއް ކަމުން، އެ ގޯތީގެ ރަހުނު ނިމުމަކަށް ގެނައުމުގެ ގޮތުން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުން ވެވުނު ދުވަހު ޙަސަން އިބްރާހީމްގެ ފަރާތުން ގޯތީގެ ޖުމްލަ އަގަށްވާ -/550000ރ (ފަސްލައްކަ ފަންސާސް ހާސްރުފިޔާ) ގެ ތެރެއިން -/100000ރ (އެއްލައްކަ ރުފިޔާ) ދީ އަދި ފަހުން ޢަބްދުލްޣަފޫރު ޢަލީގެ އެދުމުގެ މަތިން އިތުރު -/15000ރ (ފަނަރަހާސް ރުފިޔާ) ޙަސަން އިބްރާހީމްގެ ފަރާތުން ޢަބްދުލްޣަފޫރު ޢަލީއަށް ދައްކާފައިވެއެވެ.

[3]4.3 އެޗް.ޑީ.އެފް.ސީގައި ކޮށްފައިވާ ގޯތީގެ ރަހުނު، ޙަސަން އިބްރާހީމްގެ ފަރާތުން ފިލުވުމަށްފަހު ޢަބްދުލްޣަފޫރު ޢަލީއަށް އެކަން އަންގާފައިނުވާތީ، ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން ގޯތި ގަތުމުގެ އެއްބަސްވުމާ ގުޅިގެން އެޑްވާންސްކޮށް ދައްކާފައިވާ -/115000ރ (އެއްލައްކަ ފަނަރަހާސް ރުފިޔާ) އާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމުން ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި -/18000 (އަށާރަ ހާސްރުފިޔާ)، އެކު ޖުމްލަ -/133000ރ (އެއްލައްކަ ތިރީސްތިންހާސް ރުފިޔާ) އެކީ އެއްފަހަރާ ޢަބްދުލްޣަފޫރު ޢަލީގެ އަތުން ނަގައިދިނުމަށް އެދި ޙަސަން އިބްރާހީމްގެ ފަރާތުން ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.

[4]4.4 ޙަސަން އިބްރާހީމްގެ ފަރާތުން ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދަޢުވާގައި އެ ކޯޓުން ނިންމާފައިވަނީ، ދަޢުވާ ލިބޭ ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން އެއްބަސްވުން ދެމެހެއްޓުމަށް ބޭނުންކަމަށް ބުނެފައިވާތީއާއި، މައްސަލައިގައި އުފެދިފައިވާ ޚިލާފަކީ، ލ. ގަން، ގްރީންގޯލްޑްގެ ރަހުނު ފިލުވުމަށްފަހު ރަޖިސްޓްރީ، ގޯތި ވިއްކާ ފަރާތުން ގޯތި ގަންނަ ފަރާތާ ޙަވާލު ނުކުރުން ކަމުގައިވެފައި، މިފަދަ ކަންކަމަކީ، އެކަންކަން ތަންފީޛުކޮށްދިނުމަށް އެއްބަސްވުމާ ޚިލާފުވާ ފަރާތުގެ މައްޗަށް ކޯޓަށް ހުށަހެޅިދާނެ ކަންކަން ކަން އެނގެން އޮންނާތީ، އެ ގޮތުގެމަތިން އެ އެއްބަސްވުމާއި ގުޅިގެން ޢަމަލުކުރެވެން އޮތުމުން ދަޢުވާގައި ޙަސަން އިބްރާހީމްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާ އެހިނދަށް ހޯދައިދެވެން ނެތް ކަމަށް ކަނޑައަޅައި ޙުކުމް ކޮށެވެ.

[5]4.5 ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ޙުކުމާމެދު ހިތްހަމަ ނުޖެހިގެން، އެ ޙުކުމް އިސްތިއުނާފު ކުރުމަށް އެދި ޙަސަން އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ޙަސަން އިބްރާހީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކުގެ ތަފްސީލުގައި، ދަށު ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބެއް ނުވަތަ ދަށު ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށްދީފައިނުވާތީއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، އާއި 2019/SC-L/91 އާއި 2022/SC-A/51 ގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުޘެއް ހުށަހެޅިފައިވާ ކަމަށް ބެލެވެން ނެތަތީ މި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅައެވެ.

[6]4.6 ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ދިނުމަށްއެދި ޙަސަން އިބްރާހީމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނަންބަރު HC-IH/2025/12 ނިންމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމިއެވެ.

[7]4.7 މިއީ، ބުނެވިދިޔަ ހައިކޯޓުގެ ނިންމުން ޙަސަން އިބްރާހީމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ އިސްތިއުނާފާމެދު ނިންމި ނިންމުމެވެ.

[8]4.8 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އިސްތިއުނާފުކުމުގެ ހުއްދަ ކޯޓުން ދޭންވާނީ، ހަމައެކަނި އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަދޭ އޮޅިގަނޑު ގިރާކުރެވޭ މައްސަލަތަކުގައި އެކަނިކަމާއި، އަދި އިސްތިއުނާފީ ދަޢުވާއަކީ އިސްތިއުނާފު ކުރުމުގެ ހުއްދަ ކޯޓުން ދޭންޖެހޭ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ކަމަށް ކަނޑައަޅާނީ އިސްތިއުނާފުކުރަން ހުށަހަޅާފައިވާ ނުކުތާގައި އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބުކުރެވޭނޭ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ޤާނޫނީ ބަހުޘެއް ހިމެނޭ މައްސަލަތައް ކަމުގައި ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގެ އިތުރުން މިކޯޓުގެ ގިނަ ނިންމުތަކެއްގައި ބަޔާންކޮށްފައިވެއެވެ.

[9]4.9 ހަމައެއާއެކު، އެ އޮޅިގަނޑު ގިރާނުކުރެވޭ މައްސަލަތަކުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނުދިނުމަކީ ކޯޓުތަކުގެ ރަޖިސްޓްރާއާއި ފަނޑިޔާރުންގެ ޤާނޫނީ ޒިންމާއެއް ކަމަށްވެސް ސުޕްރީމް ކޯޓުގެ އިސްވެ ބަޔާންކުރެވުނު މައްސަލައިގައި އިތުރަށް ކަނޑައަޅާފައިވެއެވެ.

[10]4.10 ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-O6C-CIV-93 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޙަސަން އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި، ދަށު ކޯޓުގެ ނިންމުމުން ފާހަގަވާ ޤާނޫނީ ގޯސްތަށްކަމަށް ބަޔާންކޮށް ޖުމްލަ 4 ކަމެއް ފާހަގަކޮށްފައިވެއެވެ. އަދި އެ ގޯސްތަކުގެ ތަފްސީލުގައި ކޮންޓްރެކްޓާބެހޭ ޤާނޫނާއި، ރަހުނާބެހޭ ޤާނޫނާއި، އަދި ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ ދަށު ކޯޓުގެ ނިންމުން އެ ޤާނޫނުތަކާ ޚިލާފުވާކަމަށް ޙަސަން އިބްރާހީމށް ފެންނަ ސަބަބުތައް ފާހަގަކޮށްފައިވެއެވެ.

[11]4.11 ޙަސަން އިބްރާހީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކުގެ ތަފްސީލުގައި ފާހަގަކޮށްފައިވާ ކަންކަމުން، ދަށު ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބެއް ނުވަތަ ދަށު ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށްދީފައިނުވާތީއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، އާއި 2019/SC-L/91 އާއި 2022/SC-A/51 ގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުޘެއް އޮތްކަމަށް ނުދެކޭތީ، އިސްތިއުނާފު ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމަށް ހައިކޯޓުގައި އެ ނިންމުން މުރާޖައާކުރި ފަނޑިޔާރުންގެ އިއްތިފާޤުން ތާއިދުކޮށް އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.

[12]4.12 ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޙަސަން އިބްރާހީމްގެ ފަރާތުން 2 ސަބަބެއް ހުށަހަޅާފައިވެއެވެ. އެއީ،

4.12-1. ފަނޑިޔާރުންގެ ނިންމުމަށް ވާސިލުވި ގޮތާއި ސަބަބު ބަޔާންކޮށްދީފައި ނުވާތީ އެ ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.

4.12-2. ރަޖިސްޓްރާރގެ ނިންމުން ފަނޑިޔާރުން އެކަށީގެންވާ ގޮތެއްގައި ބަލައި މުރާޖަޢާ ކޮށްފައިވާކަމަށް ނުބެލެވޭތީ ފަނޑިޔާރުންގެ އެ ނިންމުމަކީ ކޯޓުތަކުގެ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ބަޔާންކޮށް ހުށަހެޅި ސަބަބެވެ.

[13]4.13 ބުނެވިދިޔަ ސަބަބަތުގެ ތަފުސީލުގައި ޙަސަން އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-O6C-CIV-93 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޙަސަން އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަންކަމަށް މަތި މަތިން (prima facie) ބަލާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި އަދި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރުމާ ގުޅޭގޮތުން މި ކޯޓުން މީގެކުރިން ނިންމާފައިވާ ނިންމުންތަކުގައި ކަނޑައަޅާފައިވާ މިންގަނޑުން ޤާނޫނީ ބަހުޘެއް އޮތްކަމަށް ބުނެދެވިފައިވާކަމަށް ނުދެކެމެވެ.

[14]4.14 ރަޖިސްޓްރޭޝަން މަރުޙަލާގައި ފަނޑިޔާރުން ނިންމާ ނިންމުންތަކުގެ ސަބަބުތައް ތަފްސީލީ ގޮތެއްގައި ބަޔާންކުރުން ލާޒިމުނޫންކަމާއި، ފަނޑިޔާރުންގެ ނިންމުން ބިނާކުރި ސަބަބުތައް ތަފުސީލީގޮތެއްގައި ބަޔާންކުރުން ލާޒިމުވާނީ މައުޟޫއީގޮތުން މައްސަލަބަލާ ހާލަތުގައެވެ.

[15]4.15 އެހެންކަމުން، ޙަސަން އިބްރާހީމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، އާއި 2019/SC-L/91 ނަންބަރު ނިންމުމާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުޘެއް ނެތް ކަމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމާއި، ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކުރުމަށްފަހު، އެ ނިންމުމަށް ތާޢީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ރަނގަޅުކަމުގައި ދެކެމެވެ.

4. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2025/49 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލު ގެންނަންޖަހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢާއިޝާ ޝުޖޫން މުޙައްމަދު

މުޙައްމަދު ސަލީމް

ޢަލީ ރަޝީދު ޙުސައިން

04 ޛުލްޤަޢިދާ 1447

22 އޭޕްރިލް 2026

ފުޓްނޯޓު

  1. ޢަބްދުލްޣަފޫރު ޢަލީއަށް ދޫކޮށްފައިވާ ނަންބަރު 399-D/2016/06 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގައި ގޯތީގެ ނަމުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ”ގްރީންގޯލްޑް” އެވެ. ނަމަވެސް، މި ނިންމުމުގައި ޙަވާލާދޭ ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމާއި، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-O6C-CIV-93 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި އަދި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގައި މި ގޯތީގެ ނަމުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ”ގްރީންލޯޑް” އެވެ.
  2. ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު O6C-A/2023/2 އެއްބަސްވުން.
  3. ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-O6C-CIV-93 ޤަޟިއްޔާ.
  4. ހައިކޯޓުގެ ނަންބަރު 95-CR/INDIV/2025/253 "ރަޖިސްޓްރާރގެ ނިންމުން"
  5. ހައިކޯޓުގެ ނަންބަރު HC-RM/2025/49 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް"
  6. 2019/SC-L/91
  7. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، އާއި 2019/SC-L/91 ޤަޟިއްޔާއާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ބަޔާންކޮށްފައިވެއެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ