ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/82، 95-CR/196/2024/43، 898/Cr-C/2020
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކުޑަކުއްޖަކު އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ ޢަމަލު ހިންގި ކަމަށް ކުރި ދަޢުވާ ކްރިމިނަލް ކޯޓުގެ 898/Cr-C/2020 ގައި ސާބިތުނުވާ ކަމަށް ނިންމިއެވެ. އެ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުގެ ރަޖިސްޓްރާރު 95-CR/196/2024/43 ގައި ނުދީ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/82 ގައި އެ ނިންމުމަށް ތާޢީދުކުރިއެވެ.
- ވާޤިޢާ
- ދައުލަތުން ދަޢުވާކުރީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ ފިޔަވަޅުއަޅައި ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ކުށުގެ ދަޢުވާއެވެ. ކުއްޖާގެ ކިޔައިދިނުމުގައި ފުށުއަރާ ކަންކަން ހުރުމާއި ކުއްޖާގެ ވާހަކަ ކޮރެބޮރޭޓްކުރާ ހެކި ނެތުމުން ދަޢުވާ ސާބިތުނުވިއެވެ. ރަޖިސްޓްރާރު ހުއްދަ ނުދިނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ހައިކޯޓުގެ ޤަވާޢިދު (2011) ގެ 27 ވަނަ މާއްދާއަށް ޙަވާލާދީއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ދަޢުވާ ސާބިތުނުވާ ކަމަށް ކުރި ޙުކުމުގައި، ކުއްޖާގެ ކިޔައިދިނުމުގެ ތަފާތުތަކާއި އޭގެ ބަރުދަނާ ގުޅޭ ނުކުތާތަކަކީ ޤާނޫނީ ބަހުސެއް އުފެދޭ ނުކުތާތަކެއް ނޫންކަމަށް ބުނެ، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމި ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ، އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ކަމަށް ހައިކޯޓުން ނިންމީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، 2022/SC-A/51 ގެ 15 ވަނަ ނުކުތާއާ ގުޅޭ ހުށަހެޅުންތަކަށް ރިޢާޔަތް ނުކުރި ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ކްރިމިނަލް ކޯޓުން ކުއްޖާގެ ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރު ނުކުރި ކަމަށް ބުނެ، ދެ މަޙައްލުގައި ކިޔައިދިނުމުގެ ތަފާތުތަކާއި ޖައުހަރީ ތަފާތުތައް ބަލައި ބަރުދަން ދިނުމާ ގުޅޭގޮތުން 2019/SC-A/77 އަށް ހަވާލާދީ ހުށަހަޅާފައިވާ ނުކުތާތަކަކީ ޤާނޫނީ ބަހުސެއް އުފެދޭ ނުކުތާތަކެއް ކަމަށް ކޯޓުން ދެކެއެވެ. އެހެންކަމުން ހުއްދަ ނުދިން ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމި ނިންމުމެއް ނޫނެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ހައިކޯޓުގެ ރަޖިސްޓްރާރުގެ 95-CR/196/2024/43 ގެ ނިންމުން މުރާޖަޢާކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި 82/HC-RM/2024 (HC-RM/2024/82) ގެ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމި ނިންމުމެއް ނޫންކަމަށް ބުނެ އެ ނިންމުން ބާޠިލުކޮށް، ކްރިމިނަލް ކޯޓުގެ 898/Cr-C/2020 ގެ ޙުކުމް އިސްތިއުނާފުކުރަން އެދޭނަމަ 11 މާރިޗު 2025 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުޑަކުއްޖަކާ ގުޅޭ ޖިންސީ ކުށެއްގެ މައްސަލައެއްގައި، ކުއްޖާގެ ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ދަށު ކޯޓުން ކަށަވަރުކޮށްފައި ނުވާކަމަށް ބުނެ، ކުއްޖާ ދެ މަޙައްލުގައި ކިޔައިދޭ ކިޔައިދިނުމުގައި ތަފާތުތައް ހުންނަ ހާލަތްތަކުގައި ކުއްޖާ ތަފާތުކޮށް ހާދިސާ ކިޔައިދޭން ދިމާވި ސަބަބުތަކާއި، ޖައުހަރީ ތަފާތުތައް ހުރިތޯ ބަލައި ކުއްޖާގެ ކިޔައިދިނުމަށް ބަރުދަން ދިނުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާއާ ޙަވާލާދީ ހުށަހަޅާ ނުކުތާތަކަކީ ޤާނޫނީ ބަހުސެއް އުފެދޭ ނުކުތާތަކެކެވެ.
HN2 ޤާނޫނީ ބަހުސެއް އުފެދޭ ނުކުތާތަކެއް ހުށަހަޅާފައިވާ މައްސަލައެއްގައި، ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ރަޖިސްޓްރާރު ނިންމި ނިންމުން މުރާޖަޢާކުރުމަށްފަހު، އެ ނިންމުމަށް ތާޢީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، އަޙްމަދު މުޢުތަޞިމް ޢަދުނާން، މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2025/SC-HCL/05
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2025/SC-L/19
ހުށަހެޅުނު ތާރީޚު: 03 މާރިޗު 2025
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޢާންމު ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ހ. ވެލާނާގެ، މާލެ
މިހާރުގެ އެޑްރެސް: ހ. ވެލާނާގެ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/82
ހުށަހެޅުނު ތާރީޚު: 08 ޑިސެންބަރު 2024
ނިމުނު ތާރީޚު: 16 ޖަނަވަރީ 2025
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ދައުލަތުގެ ފަރާތުން [REDACTED] މުޙައްމަދު ބިޝާރު އިސްމާޢީލްގެ މައްޗަށް ކުޑަކުއްޖަކު އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ އެ ކުޑަކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާ ކަމަށް ބުނެ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ ފިޔަވަޅުއަޅައި ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ކްރިމިނަލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން ބެލި އެ މައްސަލައިގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ، ދައުލަތުން ކުރި ދަޢުވާ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާ ކަމަށެވެ.
[2]4.2 ކްރިމިނަލް ކޯޓުގެ ނަންބަރު 898/Cr-C/2020 ޤަޟިއްޔާގެ ޙުކުމް ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމުން، އެ ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ އެ ކޯޓަށް އިސްތިއުނާފުކުރެވުނު މައްސަލައަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ނިންމުމާއި، ނަންބަރު 2019/SC-L/91 ނިންމުން އަދި ސުޕްރީމް ކޯޓުގެ 2022/SC-A/51 ޤަޟިއްޔާގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި ބެލެވެން ނެތަތީ، އެ ނިންމުންތަކަށާއި، ހައިކޯޓުގެ ޤަވާޢިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ މައްސަލަ ބަލައިގަނެވެން ނެތް ކަމުގައެވެ.
[3]4.3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ރަޖިސްޓްރާރގެ ނިންމުމަށް ތާޢީދުކޮށްފައިވެއެވެ.
[4]4.4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މި ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް 2 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެއީ:
4.4.1 ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވިފައި ނުވާ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ އހމ ޤަޟިއްޔާގެ 15 ވަނަ ނުކުތާއާ ގުޅިގެން ހުށަހެޅި ކަންކަމަށް ހައިކޯޓުން ރިޢާޔަތް ކުރުމެއް ނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
4.4.2 ހައިކޯޓުގެ ނިންމުމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
[5]4.5 މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުޙައްމަދު ބިޝާރު އިސްމާޢިލްގެ މައްޗަށް ދައުލަތުން ހުށަހެޅި ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ގައިގަނޑު ސަބަބަކީ، އަނިޔާ ލިބުނު ކުއްޖާ އަށްދީގެން ކިޔައިދީފައިވާ ކިޔައިދިނުމުގައި ފުށުއަރާ ކަންކަން ހުރުމާއި، އަނިޔާ ލިބުނު ކުއްޖާގެ ވާހަކަތައް ކޮރެބޮރޭޓް ކުރާނެ އެކަށީގެންވާ ހެކިތަކެއް އެ މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައި ނުވުމުން، އެ ހެކިބަސް ބޭރުފުށުން ކަށަވަރުކުރެވިފައިވާ ނުވާތީ ކަމަށް ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވެއެވެ.
[6]4.6 ކްރިމިނަލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފީ 1 (އެކެއް) ނުކުތާއެވެ. އެއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 898/Cr-C/2020 ޤަޟިއްޔާގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[7]4.7 މި ނުކުތާގެ ތަފްސީލުގައި، ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކޮށްފައި ނުވާކަމަށް ބުނެ، އެ ކަންކަމުގެ ތަފްސީލުތައް ހުށަހަޅައިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ކުއްޖާ ދެ މަޙައްލުގައި ކިޔައިދޭ ކިޔައިދިނުމުގައި ތަފާތުތައް ހުންނަ ހާލަތްތަކުގައި، ކުއްޖާ ތަފާތުކޮށް ހާދިސާ ކިޔައިދޭން ދިމާވި ސަބަބުތަކާއި، ދެ މަޙައްލުގައި ކިޔައިދިން ކިޔައިދިނުމުގައި ޖައުހަރީ ތަފާތުތައް ހުރިތޯ ބަލައި، ކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް ބަރުދަން ދިނުމަށް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާއާ ހަވާލާދީ ޤާނޫނީ ބަހުސެއް އުފެދޭ ނުކުތާތަކެއް ހުށަހަޅާފައިވާ ކަމުގައި ދެކެމެވެ.
[8]4.8 އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 82/HC-RM/2024 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ނިންމާފައިވާ ނިންމުން ބަދަލު ކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
5. ނިންމުން
އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ނަންބަރު 95-CR/196/2024/43 މުރާޖަޢާކުރުމަށްފަހު އެކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 82/HC-RM/2024 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ބާޠިލުކޮށް، ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 898/Cr-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރަން އެދޭނަމަ، މިއަދު (11 މާރިޗު 2025) އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާކަމުގައި ކަނޑައަޅައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު
އަޙްމަދު މުޢުތަޞިމް ޢަދުނާން
މުޙައްމަދު އިބްރާހީމް
11 ރަމަޟާން 1446
11 މާރޗް 2025
ފުޓްނޯޓު
- ކްރިމިނަލް ކޯޓުގެ ނަންބަރު 898/Cr-C/2020 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 95-CR/196/2024/43 "ރަޖިސްޓްރާރގެ ނިންމުން" (01 ޑިސެންބަރު 2024)
- ހައިކޯޓުގެ ނަންބަރު 82/HC-RM/2024 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" (16 ޖަނަވަރީ 2025)
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ
- އބމ 3
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ ފިޔަވަޅުއަޅައި ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ ފިޔަވަޅުއަޅައި ޢަމަލުކުރުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ހައިކޯޓުގެ ޤަވާޢިދު (2011) ގެ 27 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2019/SC-L/87
- ސުޕްރީމް ކޯޓުގެ 2019/SC-L/91
- ސުޕްރީމް ކޯޓުގެ 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލް ވ އހމ)
- ސުޕްރީމް ކޯޓުގެ 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.