ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/83، 95-CR/196/2024/44، 899/Cr-C/2020
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން 899/Cr-C/2020 ގައި ދަޢުވާ ސާބިތުނުވާކަމަށް ނިންމިއެވެ. އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/196/2024/44 ގައި، އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ނެތްކަމަށް ބުނެ ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/83 ގައި އެ ނިންމުމަށް ތާޢީދުކުރިއެވެ.
- ވާޤިޢާ
- ކުޑަކުއްޖަކު އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ އެ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގިކަމަށް ބުނެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 12/2009) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ދަޢުވާކުރިއެވެ. ކުއްޖާ ތަޙްޤީޤަށް ކިޔައިދިނުމުގައި ފުށުއަރާ ކަންކަން ހުރުމާއި ކޮރެބޮރޭޓްކުރާ ހެކި ނެތުމުން ދަޢުވާ ސާބިތުނުވިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުޑަކުއްޖަކާ ޖިންސީ ޢަމަލެއް ހިންގިކަމުގެ ދަޢުވާ ސާބިތުނުވާ ކަމަށް ކުރި ޙުކުމުގެ އިސްތިއުނާފުގައި، ކުއްޖާގެ ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުނުކުރާކަމަށް ތަފްސީލުކޮށް ހުށަހެޅި ނުކުތާއަކީ ޤާނޫނީ ބަހުސެއް އުފެދޭ ނުކުތާއެއްތޯއާއި، އެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ތާޢީދުކުރުން ޤާނޫނީ އުޞޫލުތަކާ އެއްގޮތްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވިފައި ނުވާކަމަށް ކަނޑައެޅީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (22/2010) ގެ 43 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، 2022/SC-A/51 ޤަޟިއްޔާއާ ގުޅޭ ނުކުތާއަށް ރިޢާޔަތްނުކުރާކަމަށާއި، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓަށް ހުށަހެޅި ނުކުތާގެ ތަފްސީލުގައި، ކުއްޖާގެ ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ކްރިމިނަލް ކޯޓުން ކަށަވަރުނުކުރާކަމަށް ބުނެ، ކިޔައިދިނުންތަކުގެ ތަފާތުތަކުގެ ސަބަބާއި ޖައުހަރީ ތަފާތުތައް ބަލައި ބުރަދަން ދިނުމާ ބެހޭގޮތުން 2019/SC-A/77 ޤަޟިއްޔާއާ ހަވާލާދީ ޤާނޫނީ ބަހުސެއް އުފެދޭ ނުކުތާތަކެއް ހުށަހަޅާފައިވާތީ، ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމި ނިންމުމެއް ނޫނެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ހައިކޯޓުގެ ރަޖިސްޓްރާރގެ 95-CR/196/2024/44 ނިންމުމަށް ތާޢީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2024/83 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ބާޠިލުކޮށް، ކްރިމިނަލް ކޯޓުގެ 899/Cr-C/2020 ޤަޟިއްޔާ ހައިކޯޓަށް އިސްތިއުނާފުކުރުމަށް 11 މާރިޗު 2025 އިން ފެށިގެން 10 ދުވަހުގެ ފުރުޞަތު ދައުލަތަށް ލިބިގެންވާކަމުގައި ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުޑަކުއްޖަކު ދެ މަޙައްލުގައި ކިޔައިދޭ ކިޔައިދިނުމުގައި ތަފާތުތައް ހުންނަ ހާލަތްތަކުގައި، ކުއްޖާ ތަފާތުކޮށް ހާދިސާ ކިޔައިދޭން ދިމާވި ސަބަބުތަކާއި، ދެ މަޙައްލުގައި ކިޔައިދިން ކިޔައިދިނުމުގައި ޖައުހަރީ ތަފާތުތައް ހުރިތޯ ބަލައި، ކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް ބުރަދަން ދޭންވާނެއެވެ.
HN2 ޝަރީޢަތުން މައްސަލަ ނިންމުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކޮށްފައި ނުވާކަމަށް ބުނެ، އެ ކަންކަމުގެ ތަފްސީލުތައް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ ޤާނޫނީ ބަހުސެއް އުފެދޭ ނުކުތާއެކެވެ.
HN3 ޤާނޫނީ ބަހުސެއް އުފެދޭ ނުކުތާތަކެއް ހުށަހަޅާފައިވާ އިސްތިއުނާފެއް، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ނެތްކަމަށް ބަލައި ބަލައިނުގަތް ރަޖިސްޓްރާރގެ ނިންމުމަށް ތާޢީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، އަޙްމަދު މުޢުތަޞިމް ޢަދުނާން، މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2025/SC-HCL/04
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2025/SC-L/17
ހުށަހެޅުނު ތާރީޚު: 03 މާރިޗު 2025
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޢާންމު ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ހ. ވެލާނާގެ، މާލެ
މިހާރުގެ އެޑްރެސް: ހ. ވެލާނާގެ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/83
ހުށަހެޅުނު ތާރީޚު: 08 ޑިސެންބަރު 2024
ނިމުނު ތާރީޚު: 16 ޖަނަވަރީ 2025
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ދައުލަތުގެ ފަރާތުން [REDACTED] މުޙައްމަދު ބިޝާރު އިސްމާޢީލްގެ މައްޗަށް ކުޑަކުއްޖަކު އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ އެ ކުޑަކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާ ކަމަށް ބުނެ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުން ކްރިމިނަލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން ބެލި އެ މައްސަލައިގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ، ދައުލަތުން ކުރި ދަޢުވާ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާ ކަމަށެވެ.
[2]4.2 ކްރިމިނަލް ކޯޓުގެ ނަންބަރު 899/Cr-C/2020 ޤަޟިއްޔާގެ ޙުކުމް ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމުން، އެ ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ އެ ކޯޓަށް އިސްތިއުނާފުކުރެވުނު މައްސަލައަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ނިންމުމާއި، ނަންބަރު 2019/SC-L/91 ނިންމުން އަދި ސުޕްރީމް ކޯޓުގެ 2022/SC-A/51 ޤަޟިއްޔާގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި ބެލެވެން ނެތަތީ، އެ ނިންމުންތަކަށާއި، ހައިކޯޓުގެ ޤަވާޢިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ މައްސަލަ ބަލައިގަނެވެން ނެތް ކަމުގައެވެ.
[3]4.3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ރަޖިސްޓްރާރގެ ނިންމުމަށް ތާޢީދުކޮށްފައިވެއެވެ.
[4]4.4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މި ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް 2 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެއީ:
4.4.1 ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވިފައި ނުވާ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވުމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އހމ ޤަޟިއްޔާގެ 15 ވަނަ ނުކުތާއާ ގުޅިގެން ހުށަހެޅި ކަންކަމަށް ހައިކޯޓުން ރިޢާޔަތް ކުރުމެއް ނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
4.4.2 ހައިކޯޓުގެ ނިންމުމަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
[5]4.5 މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުޙައްމަދު ބިޝާރު އިސްމާޢިލްގެ މައްޗަށް ދައުލަތުން ހުށަހެޅި ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ މައިގަނޑު ސަބަބަކީ، އަނިޔާ ލިބުނު ކުއްޖާ ތަޙްޤީޤަށް ކިޔައިދީފައިވާ ކިޔައިދިނުމުގައި ފުށުއަރާ ކަންކަން ހުރުމާއި، އަނިޔާ ލިބުނު ކުއްޖާގެ ވާހަކަތައް ކޮރެބޮރޭޓް ކުރާނެ އެކަށީގެންވާ ހެކިތަކެއް އެ މައްސަލައިގެ ޝަރީޢަތަށް ހުށަހެޅިފައި ނުވުމުން، އެ ހެކިބަސް ބޭރުފުށުން ކަށަވަރުކުރެވިފައިވާ ނުވާތީ ކަމަށް ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވެއެވެ.
[6]4.6 ކްރިމިނަލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފީ 1 (އެކެއް) ނުކުތާއެވެ. އެއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 899/Cr-C/2020 ޤަޟިއްޔާގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[7]4.7 މި ނުކުތާގެ ތަފްސީލުގައި، ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށާއި ބޭރުފުށުން އެއްގޮތްތޯ ބެލުމުގައި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކޮށްފައި ނުވާކަމަށް ބުނެ، އެ ކަންކަމުގެ ތަފްސީލުތައް ހުށަހަޅައިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ކުއްޖާ ދެ މަޙައްލުގައި ކިޔައިދޭ ކިޔައިދިނުމުގައި ތަފާތުތައް ހުންނަ ހާލަތްތަކުގައި، ކުއްޖާ ތަފާތުކޮށް ހާދިސާ ކިޔައިދޭން ދިމާވި ސަބަބުތަކާއި، ދެ މަޙައްލުގައި ކިޔައިދިން ކިޔައިދިނުމުގައި ޖައުހަރީ ތަފާތުތައް ހުރިތޯ ބަލައި، ކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް ބުރަދަން ދިނުމަށް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާއާ ހަވާލާދީ ޤާނޫނީ ބަހުސެއް އުފެދޭ ނުކުތާތަކެއް ހުށަހަޅާފައިވާ ކަމުގައި ދެކެމެވެ.
[8]4.8 އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/83 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ނިންމާފައިވާ ނިންމުން ބަދަލު ކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
5. ނިންމުން
އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ނަންބަރު 95-CR/196/2024/44 މުރާޖަޢާކުރުމަށްފަހު އެ ކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/83 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ބާޠިލުކޮށް، ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 899/Cr-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރަން އެދޭނަމަ، މިއަދު (11 މާރިޗު 2025) އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ލިބިގެންވާކަމުގައި ކަނޑައަޅައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު
އަޙްމަދު މުޢުތަޞިމް ޢަދުނާން
މުޙައްމަދު އިބްރާހީމް
11 ރަމަޟާން 1446
11 މާރޗް 2025
ފުޓްނޯޓު
- ކްރިމިނަލް ކޯޓުގެ ނަންބަރު 899/Cr-C/2020 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 95-CR/196/2024/44 "ރަޖިސްޓްރާރގެ ނިންމުން" (01 ޑިސެންބަރު 2024)
- ހައިކޯޓުގެ ނަންބަރު HC-RM/2024/83 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" (16 ޖަނަވަރީ 2025)
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ
- އބމ 3
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 12/2009) ގެ 9 ވަނަ މާއްދާގެ (ހ)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 12/2009) ގެ 53 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު)
- ސުޕްރީމް ކޯޓުގެ 2019/SC-L/87
- ސުޕްރީމް ކޯޓުގެ 2019/SC-L/91
- ސުޕްރީމް ކޯޓުގެ 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އހމ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.