ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/SC-HCL/11, 2024/SC-L/53

އިބްރާހީމް ޝަރީފް ވ. ޔަލްމާ ސަޢީދު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 1 ސެޕްޓެމްބަރު 2024ދަށު ކޯޓު: ހައިކޯޓު HC-RM/2024/37ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2024/37، 95-CR/INDIV/2024/187، 09-CVCHD-2024
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުން 09-CVCHD-2024 ގައި މައްސަލަ ބާޠިލުކުރިއެވެ. އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2024/187 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/37 ގައި ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ނިންމިއެވެ.
ވާޤިޢާ
ޔަލްމާ ސަޢީދު ކުރި ދަޢުވާއެއްގައި އިބްރާހީމް ޝަރީފްގެ ޣައިރު ޙާޟިރުގައި 308-CVCHD-2022 ގައި ޙުކުމްކުރެވުނެވެ. އެ ޙުކުމް ބާޠިލުކުރަން އެދި ހުށަހެޅި މައްސަލައެއް 127-CVCHD-2023 ގައި ނިމިފައިވާތީއާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ހުށަހަޅަންވާނީ ހުރިހާ ސަބަބެއްގެ މައްޗަށް އެއްފަހަރާ ކަމަށް ބުނެ، ދެވަނަ ފަހަރަށް ހުށަހެޅި 09-CVCHD-2024 ބާޠިލުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކުރުމަށް ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ބަލައިނުގަތް ނިންމުމުގެ އިސްތިއުނާފުގައި، އެއްފަހަރަށްވުރެ ގިނަ ފަހަރު ހުށަހެޅިދާނެ ޤާނޫނީ ބިނާއެއް ބަޔާންނުކޮށް، އުފެދޭ ޤާނޫނީ ބަހުސް ސާފުނުކޮށް ހުށަހަޅާ ނުކުތާތަކަކީ 2019/SC-L/91 ގައިވާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މިންވަރުގެ ނުކުތާތަކެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިބްރާހީމް ޝަރީފް ބުނީ، ޣައިރު ޙާޟިރުގައި ކުރި ޙުކުމުގައި، ހުޅުމާލޭގެ ގޯއްޗާއި ފްލެޓު ބަދަލުކުރުމަށް ވެފައިވާ MC/C-428/2007 އެއްބަސްވުމުގެ 9 ވަނަ މާއްދާއިން އޭނާއަށް ކަށަވަރުކޮށްދޭ ޙައްޤުތައް ލިބޭނެ މަގެއް ކަށަވަރުކޮށްދީފައި ނުވާ ކަމަށާއި، [2024] SC 25 ގައިވާ ގޮތުން ޣައިރު ޙާޟިރުގައި ކުރާ ޙުކުމްވެސް އެއްބަސްވުމުގެ މަޤްސަދާ އެއްގޮތްވާންޖެހޭ ކަމަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކުރަން އެ ޙުކުމް ކުރި ކޯޓަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ހުށަހެޅިދާނެ ޤާނޫނީ ބިނާއަކީ ކޮބައިކަން އިބްރާހީމް ޝަރީފް ބަޔާންކޮށްފައެއް ނުވެއެވެ. ޤާނޫނީ ނުކުތާތަކަށް ޙަވާލާދީފައިވިޔަސް އުފެދޭ ޤާނޫނީ ބަހުސް ސާފުކޮށްފައި ނުވާތީ، ނުކުތާތަކަކީ 2019/SC-L/91 ގައިވާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މިންވަރުގެ ނުކުތާތަކެއް ނޫނެވެ. އެހެންކަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ރަނގަޅެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 09-CVCHD-2024 ޤަޟިއްޔާގެ ނިންމުމުގެ އިސްތިއުނާފު ބަލައިނުގަތް ހައިކޯޓުގެ 95-CR/INDIV/2024/187 "ރަޖިސްޓްރާރގެ ނިންމުން" އަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2024/37 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގެ ކަނޑައެޅުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބަދަލުކުރަން ނުވަތަ ބާޠިލުކުރަން އެ ޙުކުމެއް ކުރި ކޯޓަށް އެއްފަހަރަށްވުރެ ގިނަފަހަރު ހުށަހެޅިދާނެ ޤާނޫނީ ބިނާއަކީ ކޮބައިކަން ބަޔާންކޮށްދީފައި ނުވާ އިސްތިއުނާފެއްގައި ހުށަހަޅާފައިވާ ނުކުތާތަކަކީ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ހުށަހަޅާފައިވާ ނުކުތާތައް ކަމުގައި ނުބެލެވޭނެއެވެ.

HN2 ޤާނޫނު މާނަކުރުން ނުވަތަ ތަޠުބީޤުކުރުމުގައި ގޯހެއް ހެދިގެން ވާސިލުވެފައިވާ ނަތީޖާއެއްކަން ބަޔާންކުރުމުގެ ގޮތުން ޤާނޫނީ ނުކުތާތަކަށް ކޮންމެވެސް މިންވަރަކަށް ޙަވާލާދީފައިވިޔަސް، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާނަމަ، އެ ނުކުތާތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ހުށަހަޅާފައިވާ ނުކުތާތައް ކަމުގައި ނުބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު، މުޙައްމަދު އިބްރާހީމް، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2024/SC-HCL/11

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2024/SC-L/53

ހުށަހެޅުނު ތާރީޚު: 08 އޮގަސްޓު 2024

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: އިބްރާހީމް ޝަރީފް

ޢާންމު ނަން: އިބްރާހީމް ޝަރީފް

ދާއިމީ އެޑްރެސް: ހ. ވީސަންގެ، މާލެ

މިހާރުގެ އެޑްރެސް: ހ. ވީސަންގެ، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2024/37

ހުށަހެޅުނު ތާރީޚު: 26 ޖޫން 2024

ނިމުނު ތާރީޚު: 31 ޖުލައި 2024

4. ހުށަހެޅިފައިވާ މައްސަލަ

1ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 09-CVCHD-2024 ޤަޟިއްޔާ އަކީ ހ. ވީސަންގެ، އިބްރާހީމް ޝަރީފްގެ މައްޗަށް މާލެ، ދަފްތަރު. ނަންބަރު ރސ 9782، ޔަލްމާ ސަޢީދުގެ ފަރާތުން ދައުވާކުރުމުން، އިބްރާހީމް ޝަރީފްގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 308-CVCHD-2022 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް ދިނުމަށް އެދި އިބްރާހީމް ޝަރީފް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލަ އެ ކޯޓުން ވަނީ ބާޠިލުކޮށްފައެވެ. މި ގޮތަށް ނިންމާފައިވަނީ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 308-CVCHD-2022 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމަށް އެދި އިބްރާހީމް ޝަރީފް ހުށަހެޅި މައްސަލަ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 127-CVCHD-2023 ޤަޟިއްޔާއިން ގޮތެއް ކަނޑައެޅިފައިވާތީ އާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް އެދޭ ޙާލަތުގައި އެ ހުށަހެޅުމެއް ވާންވާނީ ދަޢުވާލިބޭ ފަރާތުން ބަޔާންކުރަން ބޭނުންވާ ހުރިހާ ސަބަބުތަކުގެ މައްޗަށް އެއްފަހަރަށް ހުށަހެޅޭ ހުށަހެޅުމެއް ކަމުގައި ދެކޭތީއެވެ.

2ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 09-CVCHD-2024 ޤަޟިއްޔާގެ ނިންމުމާމެދު ހިތްހަމަނުޖެހޭތީ އިބްރާހީމް ޝަރީފްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ އިސްތިއުނާފު ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައި ވެއެވެ. އެ ގޮތަށް ނިންމާފައިވަނީ އިބްރާހީމް ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ ތަކުގައި ދަށު ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭފަދަ ސަބަބެއް ނުވަތަ ދަށު ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބަޔާންކޮށްފައި ނުވާތީ އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފު ކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށްދީފައި ނުވާތީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ނިންމުމާއި ނަންބަރު 2019/SC-L/91 ނިންމުން އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޙމ ޤަޟިއްޔާގައި ބަޔާންކުރާފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުޡެއް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގައި އޮތްކަމަށް ބެލެވެން ނެތަތީ އެ ނިންމުން ތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު (2011) ގެ 27 ވަނަ މާއްދާ އާ ޙަވާލާދީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

3ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކުރުމަށް އިބްރާހީމް ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތް ކަމަށް މައްސަލަ ބެލި ފަނޑިޔާރުން ނިންމާފައި ވެއެވެ.

4ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ އިބްރާހީމް ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 02 (ދޭއް) ނުކުތާ ހުށަހަޅާފައި ވެއެވެ. އެ ނުކުތާ ތަކަކީ؛

4.1. އެ މައްސަލަ ޣައިރު ޙާޟިރުގައި ނިންމިއިރު އިސްތިއުނާފު ރައްދުވާ ފަރާތް (ޔަލްމާ ސަޢީދު) އަށް ހުޅުމާލެއިން ލިބިފައިވާ ހުޅުމާލެ ނަންބަރު 10453 ލޮޓް (ގޯތި ނަންބަރު B167) ގޯއްޗާއި، އިސްތިއުނާފު ކުރާ ފަރާތް (އިބްރާހީމް ޝަރީފް) އަށް ހުޅުމާލެއިން ލިބިފައިވާ ނަންބަރު 09-3-3 ފްލެޓު ބަދަލުކުރުމުގެ ގޮތުން ޔަލްމާ ސަޢީދު އާއި އިބްރާހީމް ޝަރީފް އާ ދެމެދު 2007 ޖޫން 21 ވަނަ ދުވަހު ވެފައިވާ ނަންބަރު MC/C-428/2007 އެއްބަސްވުމުގެ 9 ވަނަ މާއްދާގައި "އެއްވެސް ސަބަބަކާއި ހެދި މި މުޢާމަލާތް ކުރިއަށްނުގޮސް ނިމުމަކަށް ގެންނަނަމަ އިސްތިއުނާފު ކުރާ ފަރާތަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް އޭގެ ޒާތުން ލިބޭނެ އެއްވެސް މަގެއް ޙުކުމުގައި ކަށަވަރުކޮށްދީފައި ނުވުން.

4.2. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް މެރިން ސަރވިސަސް ޕވޓ ލޓޑ ވ. ސީޕްރިއާ މެރިން ފުޑްސް ޕވޓ ލޓޑ ޤަޟިއްޔާއަށް ބެލުމުން ޣައިރު ޙާޟިރުގައި ކުރާ ޙުކުމްތައްވެސް ހުންނަންޖެހޭނީ ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުންތަކުގެ މަޤްސަދާއި އެއްގޮތަށް ކަމާއި އެއްބަސްވުންތަކުން ލިބިދީފައިވާ އެއްވެސް ޙައްގެއް ޙުކުމަކުން އޭގެ ޒާތުން އުނިކޮށްގެން ނުވާނެކަން އެނގެން އޮތްހިނދު އެކަމަށް ރިޢާޔަތްކޮށްފައި ނުވުން.

5HN1މި މައްސަލައިގައި ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަމަށާއި، އިބްރާހީމް ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފޯމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމެވި ނިންމެވުމަށާއި، އިބްރާހީމް ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ކުރިމަތީގައި މި އޮތް މައްސަލައަކީ ދަށު ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް އެ މައްސަލަ ދަށު ކޯޓަށް ރިވިއުކުރަން ހުށަހެޅުމުން ރިވިއުކޮށްފައިވަނިކޮށް، ހަމަ އެ މައްސަލަ ދެވަނަ ފަހަރަށް ރިވިއުކުރުމަށް އެ ކޯޓަށް ހުށަހެޅުމުން ބަލައި ނުގަނެފައިވާ މައްސަލައެކެވެ.

6HN2ދަށު ކޯޓުގެ ނިންމުން އެ މައްޗަށް ބިނާވާ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބަދަލުކުރަން ނުވަތަ ބާޠިލުކުރަން އެ ޙުކުމެއް ކުރި ކޯޓަށް އެއްފަހަރަށްވުރެ ގިނަފަހަރު ހުށަހެޅިދާނެ ޤާނޫނީ ބިނާއަކީ ކޮބައިކަން އިބްރާހީމް ޝަރީފްގެ ފަރާތުން އެއްވެސް ވަރަކަށް ބަޔާންކޮށްދީފައި ނުވާ ކަމާއި ޤާނޫނު މާނަކުރުން ނުވަތަ ތަޠުބީޤު ކުރުމުގައި ގޯހެއް ހެދިގެން ވާސިލުވެފައިވާ ނަތީޖާ އެއްކަން ބަޔާންކުރުމުގެ ގޮތުން ޤާނޫނީ ނުކުތާތަކަށް ކޮންމެވެސް މިންވަރަކަށް ޙަވާލާދީފައިވާ ނަމަވެސް އެ ކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށްދީފައިވާ ނުވާކަން ފާހަގަކުރެވޭތީ، އިބްރާހީމް ޝަރީފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުމުގައި ބަޔާންކުރާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ހުށަހަޅާފައިވާ ނުކުތާތައް ކަމުގައި ބެލެވެން ނެތެވެ.

7އެހެންކަމުން އިބްރާހީމް ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ގަބޫލުކުރެވެއެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 09-CVCHD-2024 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް އިބްރާހީމް ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2024/187 "ރަޖިސްޓްރާރގެ ނިންމުން" އަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/37 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ނިންމައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޙުސްނުއްސުޢޫދު

މުޙައްމަދު އިބްރާހީމް

ޢަލީ ރަޝީދު ޙުސައިން

27 ޞަފަރު 1446

01 ސެޕްޓެންބަރު 2024

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 22/2010
  2. ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
  3. އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
  4. [2022] SC 39
  5. ނަންބަރު 95-CR/INDIV/2024/187 (04 ޖޫން 2024) ރަޖިސްޓްރާރގެ ނިންމުން
  6. ނަންބަރު HC-RM/2024/37 (31 ޖުލައި 2024) "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް"
  7. [2024] SC 25
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ