އުބައިދުﷲ މުޙައްމަދު ވ. ފަޒާތަރި ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-IH/2024/17، 4602/Cv-C/2019
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ފަޒާތަރި ޕްރައިވެޓް ލިމިޓެޑުން ތްރީ އެރޯ ޕާރޓްނާރސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާގައި ސިވިލް ކޯޓުން 4602/Cv-C/2019 ގައި ޙުކުމްކުރީ ޣައިރު ޙާޟިރުގައެވެ. މުއްދަތު ފާއިތުވިފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުން، ތަންފީޒީ ޤަޟިއްޔާ 1105/Cv-C/2021 ގެ އަމުރުތައް ރައްދުކުރެވިފައިވާތީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ މަޤުބޫލު ސަބަބެއް ނެތްކަމަށް ހައިކޯޓުން HC-IH/2024/17 ގައި ނިންމިއެވެ.
- ވާޤިޢާ
- އުބައިދުﷲ މުޙައްމަދަކީ ތްރީ އެރޯ ޕާރޓްނާރސް ޕްރައިވެޓް ލިމިޓެޑްގެ ޕާރޓްނަރެކެވެ. 4602/Cv-C/2019 ގެ ޙުކުމް ތަންފީޒުކުރުމަށް ސިވިލް ކޯޓުގައި ހިނގި 1105/Cv-C/2021 ގެ އަޑުއެހުންތަކަށް ޙާޟިރުވުމުގެ އަމުރުތައް 2021 ގެ އޮގަސްޓާއި އޮކްޓޫބަރުގައި އޭނާއާ ޙަވާލުކުރެވި، ބައެއް އަމުރުތައް ވައިބަރ މެދުވެރިކޮށް ރައްދުކުރެވުނެވެ. ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުއްދައަށް އެދުނީ 22 ސެޕްޓެންބަރު 2024 ގައެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މުއްދަތު ފާއިތުވުމަށްފަހު ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭއިރު، އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އޮތީ ކާކުގެ މައްޗަށްތޯއާއި، ކޮވިޑް-19 ގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ޣައިރު ޙާޟިރުގައި ކުރި ޙުކުމެއްގެ މަޢުލޫމާތު ނުލިބުނުކަމަށް ބުނުމަކީ އެފަދަ ސަބަބަކަށް ވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އުބައިދުﷲ ބުނީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) ގެ "އަމިއްލަ ބާރު ނުފޯރާ މަޤްބޫލު ސަބަބު" ހައިކޯޓުން ތަޠުބީޤުކުރީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމުގެ އުޞޫލާ ޚިލާފަށް ކަމަށާއި، ދެ ޤަޟިއްޔާ ހިނގީ ކޮވިޑް-19 ގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކަމުން 2018/SC-A/21 ގެ ސަބަބުތައް ތަޠުބީޤުވާ ކަމަށާއި، 4602/Cv-C/2019 ހިނގާކަން އޭނާއަށް ނޭނގުނު ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- 2018/SC-A/21 ގައިވާ ގޮތުން، މުއްދަތުގައި އިސްތިއުނާފު ނުކުރެވުނީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބަކާހުރެކަން ސާބިތުކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މަސްއޫލިއްޔަތެވެ. ކާރިސާ ނުވަތަ ބަލިމަޑުކަމުގެ ސަބަބުން ހުރަސްއެޅުނު ގޮތް ސާބިތުކޮށްދޭން ޖެހެއެވެ. ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ކޯޓުތަކުން ޚިދުމަތް ދިން ކަމާއި، އަމުރުތައް ވައިބަރ މެދުވެރިކޮށް ރައްދުކުރެވުނުކަން ފާހަގަކޮށް، 4602/Cv-C/2019 ގެ މަޢުލޫމާތު ނުލިބުނުކަމަށް ފަރަޟުކުރިޔަސް، 2021 ގައި 1105/Cv-C/2021 ހިނގާކަން އެނގުނު ހިސާބުން 2024 އާ ހަމައަށް ލަސްވުމަށް މަޤުބޫލު ސަބަބެއް ސާބިތުކޮށްދީފައި ނުވާކަމަށް ކޯޓު ނިންމިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 4602/Cv-C/2019 ޤަޟިއްޔާ މުއްދަތު ފާއިތުވިފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނު މައްސަލަ ބަލައިނުގަތް ހައިކޯޓުގެ HC-IH/2024/17 ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއްކަން ސާބިތުކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
HN2 ޤުދުރަތީ ކާރިސާއެއް ނުވަތަ ފެތުރެމުންދާ ބަލިމަޑުކަމެއް އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއްގެ ގޮތުގައި ހުށަހަޅާނަމަ، އެ ކާރިސާގެ ނުވަތަ ބަލިމަޑުކަމުގެ ސަބަބުން އިސްތިއުނާފު ހުށަހެޅުމަށް ހުރަސްއެޅުނުގޮތް އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދޭންޖެހޭނެއެވެ.
HN3 ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތުމަކީ، އެ ޙާލަތުގައިވެސް ޝަރުޢީ ދާއިރާއިން ޚިދުމަތް ދެމުން ދިޔަ ހިނދު، އެކަނި އިސްތިއުނާފުކުރުމަށް މައްސަލައެއް ކޯޓަށް ހުށަނޭޅޭ ފަދަ މަޤުބޫލު ސަބަބަކަށް ނުވާނެއެވެ. އެ ޙާލަތުގެ ސަބަބުން އިސްތިއުނާފު ހުށަހެޅުމަށް ޢުޒުރުވެރިވި ސަބަބެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތުން ބުނެދޭންޖެހޭނެއެވެ.
HN4 ދަށު ކޯޓުގައި މައްސަލަ ހިނގިކަމުގެ މަޢުލޫމާތު ނުލިބުނުކަމަށް ބުނާ ފަރާތަކަށް، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ޤަޟިއްޔާ ހިނގަމުންދާކަން އެނގުނު ހިސާބުން ފެށިގެން އިސްތިއުނާފަށް ހުށަނޭޅުނު މަޤުބޫލު ސަބަބެއް އޮތްކަން ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އޮވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން، ޙުސްނުއްސުޢޫދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/22
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/114
ހުށަހެޅުނު ތާރީޚު: 17 ޑިސެމްބަރ 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: އުބައިދުﷲ މުޙައްމަދު
ޢާންމު ނަން: އުބައިދުﷲ
ދާއިމީ އެޑްރެސް: ތޯތާގެ، ބ.ކަމަދޫ
މިހާރުގެ އެޑްރެސް: ތޯތާގެ، ބ.ކަމަދޫ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-IH/2024/17
ހުށަހެޅުނު ތާރީޚު: 22 ސެޕްޓެމްބަރ 2024
ނިމުނު ތާރީޚު: 20 ނޮވެމްބަރ 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2019 ޤަޟިއްޔާއަކީ ފަޒާތަރި ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ތްރީ އެރޯ ޕާރޓްނާރސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް އެ ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. މި ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އުބައިދުﷲ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވިފަހުން، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން 22 ސެޕްޓެންބަރު 2024 ގައެވެ. އުބައިދުﷲ މުޙައްމަދުއަކީ ތްރީ އެރޯ ޕާރޓްނާރސް ޕްރައިވެޓް ލިމިޓެޑްގެ ޕާރޓްނަރެކެވެ.
[2]4.2 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނު މައްސަލައަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަލައިގެނެވޭފަދަ މައްސަލައެއްތޯ ބެލުމުގެ ބޭނުމަށް، މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، ސިވިލް ކޯޓަށް ލިޔެގެން ހޯދި ލިޔެކިޔުންތަކުގެ މައްޗަށް ހައިކޯޓުން ރިޢާޔަތްކޮށް، ސިވިލް ކޯޓުގައި މައްސަލަ ހިންގައި ޙުކުމްކޮށްފައިވަނީ އުބައިދުﷲ މުޙައްމަދުގެ ޣައިރު ޙާޟިރުގައިކަމަށް ވާތީ މައްސަލަ ހިންގައި ޙުކުމްކުރިކަން އެ ފަރާތަށް އެނގިފައި ނުވާކަމަށް ބުނާ ބުނުމުގެ ޞައްޙަކަމުގެ މައްޗަށް ހައިކޯޓުން ބަލާފައިވެއެވެ. އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2021 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ޤަޟިއްޔާ ކަމުގައިވާ އެ ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާގެ ޝަރީޢަތަށް ޙާޟިރުވުމަށް އަންގައި ފޮނުވި އަމުރުތަކުގެ ތެރެއިން ބައެއް އަމުރުތައް އުބައިދުﷲ މުޙައްމަދު އަށް ރައްދުކުރެވިފައިވާކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ އެ ކޯޓަށް ބަޔާންދީފައިވާކަން އެ ޤަޟިއްޔާގެ ރިޕޯޓުގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުން އެނގެން އޮންނާތީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަ ބަލައިގަންނަންޖެހޭ މަޤުބޫލު ސަބަބެއް އޮތްކަން އުބައިދުﷲ މުޙައްމަދު އަށް ބުނެދެވިފައި ނުވާކަމަށް ކަނޑައަޅައި، މި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ނަންބަރު HC-IH/2024/17 ނިންމުމުން ނިންމާފައިވެއެވެ.
[3]4.3 މިއީ ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު HC-IH/2024/17 ނިންމުން އުބައިދުﷲ މުޙައްމަދު ގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައި ނިމުނުގޮތެވެ.
[4]4.4 މި މައްސަލަ އިސްތިއުނާފުކުރަމުން އުބައިދުﷲ މުޙައްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ އިސްތިއުނާގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގައި "އަމިއްލަ ބާރު ނުފޯރާ މަޤްބޫލު ސަބަބެއް" އޮތްނަމަ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާކަން ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 42 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވީނަމަވެސް، މި ސަބަބު ނުވަތަ ޙާލަތު މާނަކޮށް ތަޠުބީޤުކޮށްފައިވަނީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭނެ ކަމަށް އޮންނަ އުސޫލާ ޚިލާފަށް ކަމަށެވެ.
[5]4.5 މި ނުކުތާ ތަފްޞީލުކުރަމުން އުބައިދުﷲ މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ، މި މައްސަލަ އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހެޅިފައި ނުވަނީ، ސުޕްރީމް ކޯޓުގެ ފާޠިމަތު ވ. އާމިނަތު ޙުސައިން ޤަޟިއްޔާގެ 17 ވަނަ ނުކުތާގައި ބަޔާންކުރާފަދަ ސަބަބުތަކެއް މެދުވެރިވެގެން ކަމަށެވެ. އެގޮތުން ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2019 ޤަޟިއްޔާއާއި އެ ޤަޟިއްޔާ ތަންފީޒުކުރުމުގެ ގޮތުން ބެލުނު އެ ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާ ހިންގާފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި، މި ދެ ޤަޟިއްޔާ ނިމުނު އިރުވެސް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތް ކަމަށާއި، އެހެން ކަމުން މިއީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބުތައް ކަމުގައިވާ ޠަބީޢީ ކާރިސާ އަދި ފެތުރެމުންދާ ބަލުމަޑުކަން، މި ދެ ސަބަބަށް ތަޠުބީޤު ކުރެވޭ ޙާލަތެއް ކަމަށެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2019 ޤަޟިއްޔާގެ އެއްވެސް އަޑުއެހުމަކަށް ޙާޟިރުވެފައިނުވާނެ ކަމަށާއި، އެފަދަ މައްސަލައެއް ކޯޓުގައި ކުރިއަށްދާކަން އެނގިފައިނުވާ ކަމަށް އުބައިދުﷲ މުޙައްމަދު ބުނެފައިވެއެވެ.
[6]4.6 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައި ހައިކޯޓުން ރިޢާޔަތްކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި، ސިވިލް ކޯޓަށް ލިޔެގެން ހޯދާފައިވާ ލިޔެކިޔުންތައް ވެސް ހިމެނޭތީއާއި، އެ ލިޔެކިޔުންތައް މި މައްސަލައާއެކު ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައި ނުވާތީ، ހައިކޯޓުން އެ ލިޔެކިޔުންތައް މި ކޯޓަށް ހޯދައި ބެލިއިރު، ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2019 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުނު އެ ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާގެ އަޑުއެހުން ބޭއްވުމަށްޓަކައި އަޑުއެހުމަށް ޙާޟިރުވުމަށް ފޮނުވާފައިވާ އަމުރުތަކުގެ ތެރެއިން ބައެއް އަމުރުތައް އުބައިދުﷲ މުޙައްމަދުއަށް ރައްދުކުރެވިފައިވެއެވެ. އެގޮތުން، 03 އޮގަސްޓް 2021 ގެ 11:45 ގައި ބޭއްވުމަށް ތާވަލުކުރެވުނު އަޑުއެހުމަށް ޙާޟިރުވުމުގެ އަމުރާ 1 އޮގަސްޓް 2021 ގެ 5:53 ގައި އުބައިދުﷲ މުޙައްމަދު ޙަވާލުވެފައިވާކަމާއި، 11 އޮކްޓޫބަރު 2021 ގެ 09:15 ގައި ބޭއްވުމަށް ތާވަލުކުރެވުނު އަޑުއެހުމަށް ޙާޟިރުވުމުގެ އަމުރާ 10 އޮކްޓޫބަރު 2021 ގެ 12:57 ގައި އުބައިދުﷲ މުޙައްމަދު ޙަވާލުވެފައިވާކަން އެނގެން އޮވެއެވެ.
[7]4.7 ސުޕްރީމް ކޯޓުގެ ފާޠިމަތު ވ. އާމިނަތު ޙުސައިން ޤަޟިއްޔާގައިވާ ގޮތުން، އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއްކަން ސާބިތުކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެއީ، މި މައްސަލައިގައިނަމަ، ޤުދުރަތީ ކާރިސާގެ ސަބަބުން ނުވަތަ ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން އިސްތިއުނާފު ހުށަހެޅުމަށް ހުރަސްއެޅުނުގޮތް ސާބިތުކޮށްދިނުމެވެ.
[8]4.8 ސިވިލް ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާ ހިންގަމުންދާކަން އެނގުނުއިރު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްކަމުގައި ވީނަމަވެސް އިސްތިއުނާފުކުރުމަށް މައްސަލައެއް ކޯޓަށް ހުށަނޭޅޭ ފަދަ މަޤުބޫލު ސަބަބެއް އުބައިދުﷲ މުޙައްމަދު ހުށަހަޅާފައި ނުވެއެވެ. ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ޝަރުޢީ ދާއިރާއިން ޚިދުމަތް ދެމުން ދިޔަކަން، ސިވިލް ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާ ހިންގުމަށްޓަކައި ނެރެފައިވާ، "އޯޑިއޯ ކޮންފަރެންސް އަމުރު" ތަކުން އެނގެއެވެ. އެފަދަ ބައެއް އަމުރުތައް އުބައިދުﷲ މުޙައްމަދުއަށް ރައްދުކުރެވިފައިވަނީ ވައިބަރ މެދުވެރިކޮށްކަން އެ އަމުރުތަކުގައި ބަޔާންވެފައިވެއެވެ.
[9]4.9 މީގެ އިތުރުން، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އިސްތިއުނާފު ހުށަހެޅުމަށް ޢުޒުރުވެރިވި މި ނޫން ސަބަބެއް އޮތްކަމަކަށްވެސް އުބައިދުﷲ މުޙައްމަދު އަށް ބުނެދެވިފައި ނުވެއެވެ. ކަން މިހެން އޮތްއިރު، ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2019 ޤަޟިއްޔާގައިވާ މައްސަލަ އެ ކޯޓުގެ ހިންގިކަމުގެ މަޢުލޫމާތު އުބައިދުﷲ މުޙައްމަދުއަށް ލިބިފައިނުވާކަމަށް އިފްތިރާޟުކުރި ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާ 2021 ވަނަ އަހަރު އެ ކޯޓުގައި ހިނގަމުންދާކަން އެނގުނު ހިސާބުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފަށް ހުށަނޭޅުނު މަޤުބޫލު ސަބަބެއް އޮތްކަން ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު، އިސްތިއުނާފުކުރާ ފަރާތުގެ ހައިސިއްޔަތުން އުބައިދުﷲ މުޙައްމަދު އަދާކުރެވިފައިވާކަމަށް ނުފެނެއެވެ.
5. ނިންމުން
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2024/17 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
މަޙާޒު ޢަލީ ޒާހިރު
ޢަލީ ރަޝީދު ޙުސައިން
ޙުސްނުއްސުޢޫދު
13 ރަޖަބް 1446
12 ޖަނަވަރީ 2025
ފުޓްނޯޓު
- ޕާރޓްނަރޝިޕް ޕްރޮފައިލް އިންފޮމޭޝަން ޝީޓް، ސިވިލް ކޯޓުގެ ނަންބަރު 1105/Cv-C/2021 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ސ. 39
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2024/17 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" (20 ނޮވެންބަރު 2024)
- ޤާނޫނު ނަންބަރު 22/2010
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/21 ޤަޟިއްޔާ
- އެ ސަބަބުތަކަކީ، (1) ޠާބީޢީ ކާރިސާއެއް ކުރިމަތިވުން، (2) ހަނގުރާމަ އާއި މަދަނީ ހަމަނުޖެހުންތަކާއި އާއްމުވެގެންވާ ރޯގާތަކާއި ބަލިމަޑުކަން، (3) ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމިކަން އެނގިފައި ނެތުމުގެ ސަބަބުން ނުވަތަ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނެތުން، (4) ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން.
- އބމ 4
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 42 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓުގެ 2018/SC-A/21 (ފާޠިމަތު ވ. އާމިނަތު ޙުސައިން)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.