އަމީޤު މުޙައްމަދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-IH/2024/16، 4602/Cv-C/2019
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 4602/Cv-C/2019 ގައި ފަޒާތަރި ޕްރައިވެޓް ލިމިޓެޑުން ތްރީ އެރޯ ޕާރޓްނާރސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ދަޢުވާގައި ޙުކުމްކޮށް، އެ ޙުކުމް 1105/Cv-C/2021 ގައި ތަންފީޒުކުރިއެވެ. މުއްދަތު ފާއިތުވިފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުން، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން މަޤުބޫލު ސަބަބެއް ބުނެދެވިފައި ނުވާތީ ހައިކޯޓުން HC-IH/2024/16 ގައި މައްސަލަ ބަލައިނުގަތެވެ.
- ވާޤިޢާ
- ތްރީ އެރޯ ޕާރޓްނާރސް ޕްރައިވެޓް ލިމިޓެޑްގެ ޕާރޓްނަރެއް ކަމުގައިވާ އަމީޤު މުޙައްމަދު، ސިވިލް ކޯޓުގެ 4602/Cv-C/2019 ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި 23 ސެޕްޓެންބަރު 2024 ގައި ހައިކޯޓަށް ހުށަހެޅިއެވެ. ތަންފީޒުކުރުމުގެ 1105/Cv-C/2021 ގެ އަޑުއެހުންތަކަށް ޙާޟިރުވުމުގެ އަމުރުތައް އޮގަސްޓް އަދި އޮކްޓޫބަރު 2021 ގައި އޭނާއާ ޙަވާލުވެ، 11 އޮކްޓޫބަރު 2021 ގެ ބަޔާނުގައި އޭނާ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޣައިރު ޙާޟިރުގައި ކުރި ޙުކުމެއް މުއްދަތު ފާއިތުވިފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭއިރު، ކޮވިޑް-19 ގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި، ބަލިވުމާއި، ޙުކުމް އެނގިފައި ނުވާކަމަށް ބުނުމަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އަމިއްލަ ބާރުނުފޯރާ މަޤުބޫލު ސަބަބެއްތޯއާއި، އެ ސަބަބު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އޮންނަނީ ކާކުގެ މައްޗަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އަމީޤު ބުނީ، މުއްދަތުގައި ހުށަނޭޅުނީ ފާޠިމަތު ވ. އާމިނަތު ޙުސައިން (2018/SC-A/21) ގައި ބަޔާންކުރާ ޠަބީޢީ ކާރިސާއާއި ބަލިމަޑުކަމުގެ ސަބަބުން ކަމަށާއި، ދެ ޤަޟިއްޔާ ހިނގީ ކޮވިޑް-19 ގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކަމަށާއި، އަޑުއެހުމަކަށް ޙާޟިރުވެފައި ނުވާނެ ކަމަށާއި، 2021 ގައި ކޮވިޑް-19 އަށް ފައްސިވެ ފަރުވާ ހޯދަންޖެހުނު ކަމަށެވެ. އަދި ހައިކޯޓުން ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ތަޠުބީޤުކުރީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން ހޯދި ލިޔެކިޔުންތަކުން، 1105/Cv-C/2021 ގެ އަޑުއެހުމަށް ޙާޟިރުވުމުގެ އަމުރުތައް އަމީޤާ ޙަވާލުވެ، އޭނާ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެއެވެ. ބަލިވި ޙާދިސާއާއި ފަރުވާއަށް ދިޔަ ޙާދިސާގެ ދެމެދުގައި މަދުވެގެން ފަސް މަސްދުވަސް ހިނގާފައިވާއިރު، އެ މުއްދަތުގައި އިސްތިއުނާފުކުރުމަށް ކުރި މަސައްކަތެއް ބުނެދެވިފައި ނުވެއެވެ. ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޯޓުތަކުން ޚިދުމަތް ދެމުން ދިޔައިރު، އެ ޙާލަތުގެ ސަބަބުން ޢުޒުރުވެރިވި ސަބަބެއް ބުނެދެވިފައި ނުވާތީ، އަމިއްލަ ބާރުނުފޯރާ މަޤުބޫލު ސަބަބެއް އޮތްކަން ސާބިތުކުރުމުގެ މަސްއޫލިއްޔަތު އަމީޤަށް އަދާކުރެވިފައި ނުވެއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 4602/Cv-C/2019 ޙުކުމް މުއްދަތު ފާއިތުވިފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނު މައްސަލަ ބަލައިނުގަތް ހައިކޯޓުގެ HC-IH/2024/16 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މުއްދަތު ފާއިތުވިފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައެއްގައި، ފާޠިމަތު ވ. އާމިނަތު ޙުސައިން ޤަޟިއްޔާގައި ބަޔާންވެފައިވާ ފަދައިން އަމިއްލަ ބާރުނުފޯރާ ފަދަ މަޤުބޫލު ސަބަބެއް އޮތްކަން ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އޮންނަނީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށެވެ.
HN2 ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ޝަރުޢީ ދާއިރާއިން ޚިދުމަތް ދެމުން ދިޔަ ނަމަ، އެ ޙާލަތު ދެމިއޮތުމަކީ އެކަނި މުއްދަތުގައި އިސްތިއުނާފު ހުށަނޭޅުނުކަމަށް މަޤުބޫލު ސަބަބެއް ނޫނެވެ. އެ ޙާލަތުގެ ސަބަބުން އިސްތިއުނާފު ހުށަހެޅުމަށް ޢުޒުރުވެރިވި ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ބުނެދޭންޖެހޭނެއެވެ.
HN3 ޙުކުމެއް ތަންފީޒުކުރުމުގެ ޤަޟިއްޔާގެ އަޑުއެހުމަށް ޙާޟިރުވުމުގެ އަމުރުތައް ރައްދުކުރެވި، އެ ޤަޟިއްޔާގެ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ފަރާތަކަށް، އެ ޤަޟިއްޔާ ހިންގަމުންދާކަން އެނގުނުއިރު އިސްތިއުނާފުކުރުމަށް މައްސަލައެއް ކޯޓަށް ހުށަނޭޅޭ ފަދަ މަޤުބޫލު ސަބަބެއް ބުނެދެވިފައި ނުވާނަމަ، ޙުކުމްކުރިކަން އެނގިފައި ނުވާކަމަށް ބުނުމަކީ މުއްދަތު ފާއިތުވިފަހުން އިސްތިއުނާފުކުރުމުގެ ހުއްދަ ދެވޭ ސަބަބެއް ނޫނެވެ.
HN4 ބަލިވުމުގެ ސަބަބުން އިސްތިއުނާފު ހުށަނޭޅުނުކަމަށް ބުނާ ނަމަވެސް، ބަލިވި ޙާދިސާއާއި ފަރުވާ ހޯދި ޙާދިސާގެ ދެމެދުގައި ދިގު މުއްދަތެއް ހިނގައި، އެ މުއްދަތުގައި ކޯޓުގެ އަމުރުތައް ރައްދުކުރެވިފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ޙުކުމް އިސްތިއުނާފުކުރުމުގެ ގޮތުން ކުރި މަސައްކަތެއް ބުނެދެވިފައި ނުވާނަމަ، އެ ބަލިވުމަކީ އަމިއްލަ ބާރުނުފޯރާ މަޤުބޫލު ސަބަބެއް ކަމުގައި ނުބެލެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން، ޙުސްނުއްސުޢޫދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/23
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/115
ހުށަހެޅުނު ތާރީޚު: 17 ޑިސެމްބަރ 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: އަމީޤު މުޙައްމަދު
ޢާންމު ނަން: އަމީޤު
ދާއިމީ އެޑްރެސް: މާތޮޑާ އަވަށް، ގެސްޓްހޯމް، ފަރެސްމާތޮޑާ
މިހާރުގެ އެޑްރެސް: މާތޮޑާ އަވަށް، ގެސްޓްހޯމް، ފަރެސްމާތޮޑާ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-IH/2024/16
ހުށަހެޅުނު ތާރީޚު: 23 ސެޕްޓެމްބަރ 2024
ނިމުނު ތާރީޚު: 20 ނޮވެމްބަރ 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2019 ޤަޟިއްޔާއަކީ ފަޒާތަރި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތްރީ އެރޯ ޕާރޓްނާރސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް އެ ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. އެ މައްސަލައިގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އަމީޤު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވިފަހުން، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން، 23 ސެޕްޓެންބަރު 2024 ގައެވެ. އަމީޤު މުޙައްމަދުއަކީ ތްރީ އެރޯ ޕާރޓްނާރސް ޕްރައިވެޓް ލިމިޓެޑްގެ ޕާރޓްނަރެކެވެ.
[2]4.2 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނު މައްސަލައަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަލައިގެނެވޭފަދަ މައްސަލައެއްތޯ ބެލުމުގެ ބޭނުމަށް، މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، ސިވިލް ކޯޓަށް ލިޔެގެން ހޯދި ލިޔެކިޔުންތަކުގެ މައްޗަށް ހައިކޯޓުން ރިޢާޔަތްކޮށް، ސިވިލް ކޯޓުގައި މައްސަލަ ހިންގައި ޙުކުމްކޮށްފައިވަނީ އަމީޤު މުޙައްމަދުގެ ޣައިރު ޙާޟިރުގައިކަމަށްވާތީ މައްސަލަ ހިންގައި ޙުކުމްކުރިކަން އެ ފަރާތަށް އެނގިފައި ނުވާކަމަށް ބުނާ ބުނުމުގެ ޞައްޙަކަމުގެ މައްޗަށް ހައިކޯޓުން ބަލާފައިވެއެވެ. އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2021 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ޤަޟިއްޔާ ކަމުގައިވާ އެ ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާގެ ޝަރީޢަތަށް ޙާޟިރުވުމަށް އަންގައި ފޮނުވި އަމުރުތަކުގެ ތެރެއިން ބައެއް އަމުރުތައް އަމީޤު މުޙައްމަދު އަށް ރައްދުކުރެވިފައިވާކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ އެ ކޯޓަށް ބަޔާންދީފައިވާކަން އެ ޤަޟިއްޔާގެ ރިޕޯޓުގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުން އެނގެން އޮންނާތީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަ ބަލައިގަންނަންޖެހޭ މަޤުބޫލު ސަބަބެއް އޮތްކަން އަމީޤު މުޙައްމަދު އަށް ބުނެދެވިފައި ނުވާކަމަށް ކަނޑައަޅައި، މި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ނަންބަރު HC-IH/2024/16 ނިންމުމުން ނިންމާފައިވެއެވެ.
[3]4.3 މިއީ ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު HC-IH/2024/16 ނިންމުން އަމީޤު މުޙައްމަދު ގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައި ނިމުނުގޮތެވެ.
[4]4.4 މި މައްސަލަ އިސްތިއުނާފުކުރަމުން އަމީޤު މުޙައްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، އިސްތިއުނާގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގައި "އަމިއްލަ ބާރު ނުފޯރާ މަޤްބޫލު ސަބަބެއް" އޮތްނަމަ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާކަން ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 42 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވީނަމަވެސް، މި ސަބަބު ނުވަތަ ޙާލަތު މާނަކޮށް ތަޠުބީޤުކޮށްފައިވަނީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހޭނެ ކަމަށް އޮންނަ އުސޫލާ ޚިލާފަށް ކަމަށެވެ.
[5]4.5 މި ނުކުތާ ތަފްޞީލުކުރަމުން އަމީޤު މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ، މި މައްސަލަ އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހެޅިފައި ނުވަނީ، ސުޕްރީމް ކޯޓުގެ ފާޠިމަތު ވ. އާމިނަތު ޙުސައިން ޤަޟިއްޔާގެ 17 ވަނަ ނުކުތާގައި ބަޔާންކުރާފަދަ ސަބަބުތަކެއް މެދުވެރިވެގެން ކަމަށެވެ. އެގޮތުން ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2019 ޤަޟިއްޔާއާއި އެ ޤަޟިއްޔާ ތަންފީޒުކުރުމުގެ ގޮތުން ބެލުނު އެ ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާ ހިންގާފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި، މި ދެ ޤަޟިއްޔާ ނިމުނު އިރުވެސް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތް ކަމަށާއި، އެހެން ކަމުން މިއީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބުތައް ކަމުގައިވާ ޠޮބީޢީ ކާރިސާ އަދި ފެތުރެމުންދާ ބަލުމަޑުކަން، މި ދެ ސަބަބަށް ތަޠުބީޤު ކުރެވޭ ޙާލަތެއް ކަމަށެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2019 ޤަޟިއްޔާގެ އެއްވެސް އަޑުއެހުމަކަށް ޙާޟިރުވެފައިނުވާނެ ކަމަށާއި، އެފަދަ މައްސަލައެއް ކޯޓުގައި ކުރިއަށްދާކަން އެނގިފައިނުވާ ކަމަށް އަމީޤު މުޙައްމަދު ބުނެފައިވެއެވެ.
[6]4.6 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްޓަކައި ހައިކޯޓުން ރިޢާޔަތްކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި، ސިވިލް ކޯޓަށް ލިޔެގެން ހޯދާފައިވާ ލިޔެކިޔުންތައް ވެސް ހިމެނޭތީއާއި، އެ ލިޔެކިޔުންތައް މި މައްސަލައާއެކު ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައި ނުވާތީ، ހައިކޯޓުން އެ ލިޔެކިޔުންތައް މި ކޯޓަށް ހޯދައި ބެލިއިރު، ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2019 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުނު އެ ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާގެ އަޑުއެހުން ބޭއްވުމަށްޓަކައި އަޑުއެހުމަށް ޙާޟިރުވުމަށް ފޮނުވާފައިވާ އަމުރުތަކުގެ ތެރެއިން ބައެއް އަމުރުތައް އަމީޤު މުޙައްމަދުއަށް ރައްދުކުރެވިފައިވެއެވެ. އެގޮތުން، 03 އޮގަސްޓް 2021 ގެ 11:45 ގައި ބޭއްވުމަށް ތާވަލުކުރެވުނު އަޑުއެހުމަށް ޙާޟިރުވުމުގެ އަމުރާ 1 އޮގަސްޓް 2021 ގެ 5:52 ގައި އަމީޤު މުޙައްމަދު ޙަވާލުވެފައިވާކަމާއި، 11 އޮކްޓޫބަރު 2021 ގެ 09:15 ގައި ބޭއްވުމަށް ތާވަލުކުރެވުނު އަޑުއެހުމަށް ޙާޟިރުވުމުގެ އަމުރާ 10 އޮކްޓޫބަރު 2021 ގެ 12:55 ގައި އަމީޤު މުޙައްމަދު ޙަވާލުވެފައިވާކަން އެނގެން އޮވެއެވެ.
[7]4.7 މީގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ލިޔެކިޔުންތަކުގެ ތެރެއިން 11 އޮކްޓޫބަރު 2021 ގައި "ދަޢުވާލިބޭ ފަރާތްތަކުގެ ވާހަކަ" މި ޞުރުޚީގެ ދަށުން ލިޔެފައިވާ ބަޔާނުގެ ތިރީގައި އަމީޤު މުޙައްމަދުގެ ނަމާ ދިމާލުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ.
[8]4.8 އަމީޤު މުޙައްމަދުގެ ފަރާތުން އިތުރަށް ބުނެފައިވަނީ، 10 މެއި 2021 ގައި އަމީޤު މުޙައްމަދު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އޭގެ ދެތިން ދުވަސް ފަހުން ކޮވިޑް-19 ގެ ޚާއްޞަ ފަރުވާދޭ މަރުކަޒަކަށް ބަދަލުކުރެވުނު ކަމަށާއި، ޞިއްޙީ ޙާލަތު ރަނގަޅުވަމުންދާތީ އޭގެ 12 ދުވަސްފަހުން ގޭގައި އެކަހެރިވުމަށް ދޫކުރެވުނު ނަމަވެސް އޭގެ ފަހުން ޞިއްޙީ ޙާލަތު ދަށްވުމާ ގުޅިގެން ޑޮކްޓަރީ ފަރުވާ ހޯދަންޖެހުނުކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން 2021 ވަނަ އަހަރު ޑިސެންބަރު މަހު ޞިއްޙީ ފަރުވާއަށް އިންޑިއާއަށް ދަތުރުކުރި ކަމުގައި ބުނެފައިވެއެވެ.
[9]4.9 މި ބުނުމަށް ބަލާއިރު، ބަޔާންވެދިޔަ ދެ ޙާދިސާގެ ދެމެދުގައި މަދުވެގެން ފަސް މަސްދުވަސް ހިނގާފައިވާއިރު، އަދި ސިވިލް ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާގެ އަޑުއެހުމަށް ހާޟިރުވުމުގެ އަމުރުތައް އަމީޤު މުޙައްމަދުއަށް ރައްދުކުރެވިފައިވަނީ އެ މުއްދަތުގައި ކަމަށްވާއިރު، އެ މުއްދަތުގެ ތެރޭގައި ސިވިލް ކޯޓު ނަންބަރު 4602/Cv-C/2019 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރުމުގެ ގޮތުން ކުރި މަސައްކަތެއް އަމީޤު މުޙައްމަދު އަށް ބުނެދެވިފައި ނުވެއެވެ.
[10]4.10 ސިވިލް ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާ ހިންގަމުންދާކަން އެނގުނުއިރު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްކަމުގައި ވީނަމަވެސް އިސްތިއުނާފުކުރުމަށް މައްސަލައެއް ކޯޓަށް ހުށަނޭޅޭ ފަދަ މަޤުބޫލު ސަބަބެއް އަމީޤު މުޙައްމަދު ހުށަހަޅާފައި ނުވެއެވެ. ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ޝަރުޢީ ދާއިރާއިން ޚިދުމަތް ދެމުން ދިޔަކަން، ސިވިލް ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާ ހިންގުމަށްޓަކައި ނެރެފައިވާ އޯޑިއޯ ކޮންފަރެންސް އަމުރުތަކުން އެނގެއެވެ. މީގެ އިތުރުން، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އިސްތިއުނާފު ހުށަހެޅުމަށް ޢުޒުރުވެރިވި މި ނޫން ސަބަބެއް އޮތްކަމަކަށްވެސް އަމީޤު މުޙައްމަދު އަށް ބުނެދެވިފައި ނުވާތީ، ސުޕްރީމް ކޯޓުގެ ފާޠިމަތު ވ. އާމިނަތު ޙުސައިން ޤަޟިއްޔާގައި ބަޔާންވެފައިވާ ފަދައިން އަމިއްލަ ބާރުނުފޯރާ ފަދަ މަޤުބޫލު ސަބަބެއް އޮތްކަން ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު، އިސްތިއުނާފުކުރާ ފަރާތުގެ ހައިސިއްޔަތުން އަމީޤު މުޙައްމަދު އަށް އަދާކުރެވިފައި ނުވެއެވެ.
5. ނިންމުން
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2024/16 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
މަޙާޒު ޢަލީ ޒާހިރު
ޢަލީ ރަޝީދު ޙުސައިން
ޙުސްނުއްސުޢޫދު
12 ރަޖަބް 1446
12 ޖަނަވަރީ 2025
ފުޓްނޯޓު
- ޕާރޓްނަރޝިޕް ޕްރޮފައިލް އިންފޮމޭޝަން ޝީޓް، ސިވިލް ކޯޓުގެ ނަންބަރު 1105/Cv-C/2021 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ސ. 39
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2024/16 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" (20 ނޮވެންބަރު 2024)
- ޤާނޫނު ނަންބަރު 22/2010
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/21 ޤަޟިއްޔާ
- އެ ސަބަބުތަކަކީ، (1) ޠޮބީޢީ ކާރިސާއެއް ކުރިމަތިވުން، (2) ހަނގުރާމަ އާއި މަދަނީ ހަމަނުޖެހުންތަކާއި އާއްމުވެގެންވާ ރޯގާތަކާއި ބަލިމަޑުކަން، (3) ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމިކަން އެނގިފައި ނެތުމުގެ ސަބަބުން ނުވަތަ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނެތުން، (4) ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން.
- ބަޔާނުގައިވަނީ، "ސިވިލް ކޯޓުގެ ނަންބަރު 4602/Cv-C/2019 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ފަޒާތަރި ޕްރައިވެޓް ލިމިޓެޑް (C-0064/2000) އަށް ތްރީ އެރޯ ޕާރޓްނާރސް ޕްރައިވެޓް ލިމިޓެޑް (P0080/2015) އިން ދައްކަންޖެހޭ 741,830/-ރ. (ހަތްލައްކަ ސާޅީސް އެއްހާސް އަށްސަތޭކަ ތިރީސް ރުފިޔާ) ގެ ތެރެއިން ނުދެއްކިވާ 721,830/01ރ. (ހަތްލައްކަ އެކާވީސްހާސް އަށްސަތޭކަ ތިރީސް ރުފިޔާ އެއްލާރި) ތްރީ އެރޯ ޕާރޓްނާރސް ޕްރައިވެޓް ލިމިޓެޑުގެ ދަރަނިން އުނިކޮށް މި ދަރަނި ދެއްކުމަށް އަޅުގަނޑުމެން ފަރުދީގޮތުން ޒިންމާވެ އަޅުގަނޑުމެން 03 (ތިނެއް) މީހުންކުރެ ކޮންމެ މީހަކު ދަރަނީގެ 1/3 (ތިންބައިކުޅަ އެއްބައި) ދެއްކުމަށް އެއްބަސްވަމެވެ." މިފަދައިންނެވެ. ސިވިލް ކޯޓުގެ ނަންބަރު 1105/Cv-C/2021 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސ. 15
- އބމ 4
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 42 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓުގެ 2018/SC-A/21 (ފާޠިމަތު ވ. އާމިނަތު ޙުސައިން)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.