—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2018/SC-A/21
އިސްތިއުނާފު ކުރާ ފަރާތް:
ފާޠިމަތު
އިސްތިއުނާފު ރައްދުވާ ފަރާތް:
އާމިނަތު ޙުޞައިން
މައްސަލައިގެ ބާވަތް:
ބިމާބެހޭ
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
23 ޖަނަވަރީ 2018ރަޖިސްޓްރީ ކުރެވުނު ތާރީޚު:
29 މެއި 2018ނިމުނު ތާރީޚު:
01 ސެޕްޓެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2014/HC-A/136
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
19 މެއި 2014ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
08 ނޮވެންބަރު 2017
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
ތައާރަފް
މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ކުރިމަތީގައި އޮތް ސުވާލަކީ ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ މީހަކު މަރުވެފައި ވަނިކޮށް، އަދި އެ ގޯތީގައިވާ އެ މަރުހޫމްގެ ތަރިކަ ވާރިސުންގެ މެދުގައި ބަހާފައި ނެތީސް، އެ ގޯތިން ބައެއް ޝަރީއަތް މެދުވެރިނުކޮށް ރަށު އޮފީހުން ވަކިކުރުމަށްފަހު، އެ ގޯތިން ވަކިކުރެވުނު ބައި ވާރިސުންގެ ތެރޭގައި ހިމެނޭ މީހަކަށް ދީ، އެ ބައި ވަކި ގޯއްޗެއްގެ ގޮތުގައި އޭނާގެ ނަމުގައި ރަޖިސްޓަރީ ކުރި ކުރުމަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ކަމެއްތޯއެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
ސ. ހިތަދޫ، މުރާކިމާގެ އެވެ ކިޔާ ގެއަކީ ސ. ހިތަދޫ މުރާކިމާގޭ އަލްމަރުހޫމް ޙުސައިން ފުތާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބަންޑާރަ ގޯއްޗެއްގައި ހަދާފައިވާ ގެއެކެވެ. އެ ގޯތީގައިވާ އިމާރާތްތަކާއި ތަންތަނާއި އެންމެހައި ތަކެއްޗަކީ ޙުސައިން ފުތާގެ ނަމުގައި މިލްކުވެރިކަން ސާބިތުކޮށްފައިވާ ތަންތަނާއި ތަކެތިކަން ސ. އަތޮޅު ކޯޓުގެ ނަންބަރު 74/ސކ2/290 ގަޒިއްޔާއާ ގުޅިގެން ސ. އަތޮޅު ކޯޓުން ދޫކޮށްފައިވާ، މިލްކުވެރިކަން ސާބިތުކޮށްދޭ ލިޔުމުންނާއި އެ ގޯއްޗަށް ސ. ހިތަދޫ އޮފީހުން ހަދައިދީފައިވާ ރަޖިސްޓަރީ ނަންބަރު 287 "އިމާރާތާއި ގޯތީގެ ރަޖިސްޓަރީ" އިން އެނގެއެވެ.
ސ. ހިތަދޫ މުރާކިމާގޭ ޙުސައިން ފުތާގެ ނަމުގައި ސ. ހިތަދޫ މުރާކިމާގެ އެވެ ކިޔާ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާއި ތަންތަނާއި އެންމެހައި ތަކެތި ރަޖިސްޓަރީ ކުރެވިފައި ވަނިކޮށް، ޙުސައިން ފުތާ ނިޔާވެ، ސ. ހިތަދޫ، މުރާކިމާގެ އެވެ ކިޔާ ގޯތީގައިވާ އެ މަރުހޫމްގެ ތަރިކަ ވާރިސުންގެ މެދުގައި ބެހިފައި ނެތީސް، އެ ގޯތީގެ ތެރެއިން 1966 އަކަ ފޫޓުގެ ބައެއް ސ. ހިތަދޫ، މުރާކިމާގޭ ގޯތިން ވަކިކޮށް ސ. ހިތަދޫ އޮފީހުން މަރްހޫމު ޙުސައިން ފުތާގެ ވާރިސުންގެ ތެރޭގައި ހިމެނޭ ފާޠިމަތު އަށް އެބައި ދީ، 'ލޯރަލް' ގެ ނަމުގައި ވަކި ގޯއްޗެއްގެ ގޮތުގައި އެބައި ފާޠިމަތު އަށް ރަޖިސްޓަރީ ކޮށްދީފައި ވެއެވެ.
ސ. ހިތަދޫ، މުރާކިމާގޭ ގޯތީގެ ތެރެއިން ވަކިކޮށް ފާޠިމަތުގެ ނަމުގައި ރަޖިސްޓަރީ ކޮށްދިން 1966 އަކަފޫޓުގެ ބަންޑާރަ ބިމުގައި ހުރި އިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަން ސ. ހިތަދޫ ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާއިން ފާޠިމަތުގެ މައްޗަށް ސާބިތުކޮށްދިނުމުން އެ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކުގެ ރަޖިސްޓަރީ ފާޠިމަތުގެ ނަމުގައި ސ. ހިތަދޫ އޮފީހުން ހަދައިދީފައިވެއެވެ.
ސ. ހިތަދޫ، މުރާކިމާގޭގައިވާ އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކަ ނުބަހައި ވަނިކޮށް، މުރާކިމާގެ ގޯތިން ބައެއް ވަކިކޮށް، އެ ބައިގައި ހުރި އިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަން ސ. ހިތަދޫ ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާއިން ފާޠިމަތުގެ މައްޗަށް ސާބިތުކޮށް، އެ ބަޔާއި އެ ބައިގައި ހުރި އިމާރާތްތައް "ލޯރަލް" ގެ ނަމުގައި ފާޠިމަތު ޙުސައިން އަށް ރަޖިސްޓަރީ ކޮށްދީފައިވަނީ ވާރިސުންގެ ތެރެއިން ދެ ވާރިސަކު އެކަން އެގޮތަށް ކުރުމަށް ނުރުހޭ ކަމަށް ބުނެސ. ހިތަދޫ އޮފީހަށް ބަޔާންދީފައި ވަނިކޮށް ކަމާއި އެކަން ހިނގާފައިވަނީ ރަނގަޅަށް ނޫންކަމަށް އައްޑު އަތޮޅު ކައުންސިލުގެ އިދާރާއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވެއެވެ.
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 533/S2C/2011 ގަޒިއްޔާ
ސ. ހިތަދޫ ކޯޓުގެ ނަންބަރު 533/S2C/2011 ގަޒިއްޔާގައި، ސ. ހިތަދޫ، ބިލާލުގޭ އާމިނަތު ޙުސައިން ދައުވާކޮށްފައިވަނީ ސ. ހިތަދޫ، މުރާކިމާގޭ ގޯތިން ބައެއް ކުރީގެ ސ. ހިތަދޫ އޮފީހުން ވަކިކޮށް އެބައި "ލޯރަލް" ގެ ނަމުގައި ސ. ހިތަދޫ، މުރާކިމާގޭ ޙުސައިން ފުތާގެ ކުދިންގެ ތެރެއިން ފާޠިމަތު ޙުސައިންއަށް ރަޖިސްޓަރީ ކޮށްދީފައިވަނީ ގަވާއިދާ ޚިލާފަށް ކަމުގައިވާތީ، "ލޯރަލް" އެވެ ކިޔާ ގޯތީގެ ރަޖިސްޓަރީ ބާތިލުކޮށް ދިނުމަށް އެދިގެންނެވެ.
ސ. ހިތަދޫ ކޯޓުގެ ނަންބަރު 533/S2C/2011 ގަޒިއްޔާގައި ސ. ހިތަދޫ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސ. ހިތަދޫ، މުރާކިމާގޭގެ ބައެއް މަރުހޫމް ޙުސައިން ފުތާގެ ކުދިންގެ ތެރެއިން ފާޠިމަތުގެ ނަމުގައި ވަކިކޮށް، އެ ބިން ސ. ހިތަދޫ "ލޯރަލް" ގޯތީގެ ނަމުގައި ރަޖިސްޓަރީ ކޮށްދީފައިވަނީ ސ. ހިތަދޫ ލޯރަލް އެވެ ކިޔާ ގޯތީގައިވާ އިމާރާތްތަކުގެ މިލްކުވެރިކަން ފާޠިމަތުގެ ނަމުގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާއިން ސާބިތުކޮށްގެން ކަމަށްވާތީ، ދަށު ކޯޓުން ނިންމާފައިވާ ގަޒިއްޔާއެއް ދެވަނަ ފަހަރަށް ދަށު ކޯޓަކުން ނުބެލެވޭނެތީ، ސ. ހިތަދޫ ލޯރަލް އެވެ ކިޔާގޯތީގެ ރަޖިސްޓަރީ ބާތިލުކޮށްދެވެން ނެތްކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/161 ގަޒިއްޔާ
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 533/S2C/2011 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ނަންބަރު 2012/HC-A/161 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ:
"އައްޑުއަތޮޅު ހިތަދޫ ކޯޓުގެ ނަންބަރު 533/S2C/2011 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މި ގަޒިއްޔާގައި ސ. ހިތަދޫ ކޯޓުން 2008 ވަނަ އަހަރު ނިންމާފައިވާ އައްޑުއަތޮޅު ހިތަދޫ ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ ގެ ހުކުމް ބާތިލުކުރުމަށް އާމިނަތު ޙުސައިންގެ ފަރާތުން އެދިފައިވާ ކަމަށާއި ނަމަވެސް އެއީ އިސްތިއުނާފު ކުރެވިފައިވާ މައްސަލައަކަށް ނުވާތީ ހައިކޯޓުގެ މި ގަޒިއްޔާގައި އެސ. ހިތަދޫ ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ ގެ ހުކުމް ބާތިލުކޮށްދެވެން ނެތް ކަމަށާއި، ނަމަވެސް، އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާކަން ގާނޫނުއަސާސީގެ 141 ވަނަ މާއްދާއިންނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން އަދުލުއިންސާފު ގާއިމުކޮށް ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާކަން އެނގެން އޮންނާތީވެ، މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކުގެ މައްޗަށާއި، އަދި މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ސ. ހިތަދޫ ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ އާމިނަތު ޙުސައިން ނުވަތަ ކަމާބެހޭ އެހެން ފަރާތަކުން ވިޔަސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިނަމަ، އެ މައްސަލަ ބަލައި ގޮތެއް ކަނޑައަޅަންޖެހޭ" ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާ އަކީ، އިސްވެ ދިޔަ ޕެރެގްރާފުގައި ބަޔާންކުރެވުނު ފަދައިން، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 2008 ގައި ނިންމި އެ ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/161 ގަޒިއްޔާގެ ހުކުމުން ދިނުމުން، އާމިނަތު ޙުސައިންގެ ފަރާތުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މައްސަލައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާގެ ހުކުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ:
މުވައްރިސް ދުނިޔޭގައި ހުރިއިރު އޭނާ ހޯދާފައިވާ އުފުލޭ މުދަލާއި ނުއުފުލޭ މުދަލަކީ އޭނާގެ ތަރިކަ މުދަލުގެ ތެރޭގައި ހިމެނޭ ތަކެތި ކަމަށާއި، ސ. ހިތަދޫ މުރާކިމާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ ސ. ހިތަދޫ މުރާކިމާގެ އަލްމަރުހޫމް ޙުސައިން ފުތާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގޯއްޗެއްކަން ސ. ހިތަދޫ އޮފީހުގެ ނަންބަރު 287 އިމާރާތާއި ގޯތީގެ ރަޖިސްޓަރީ އިން އެނގޭ ކަމަށާއި، ސ. ހިތަދޫ މުރާކިމާގެ އެވެ ކިޔާ ގޯތި ހިމެނެނީ އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކައިގެ ތެރޭގައި ކަން އެނގޭ ކަމަށާއި، އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކަ މުދާ އެހެން ފަރާތަކަށް ބަދަލުކުރެވޭނީ އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކައިގެ މައްސަލަ ނިމުމުން، އެ މައްސަލައިގެ މައްޗަށް ބިނާކޮށްކަން އެނގޭ ކަމަށާއި، އެހެން ނަމަވެސް ހުށަހެޅިފައި މިވާ މައްސަލައިގައި އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކައިގައިވާ ސ. ހިތަދޫ މުރާކިމާގެއިން ބައެއް ބައިކޮށް ފާޠިމަތުގެ މިލްކުކަމުގައި ކަނޑައަޅާފައިވާއިރު، އެ މައްސަލައިގައި ދައުވާލިބޭ ފަރާތެއްނެތް އިރު، ސ. ހިތަދޫ މުރާކިމާގެއިން ވާރުތައިން ލިބެން ތިބި އެއްވެސް ފަރާތެއްގެ ބަހެއްވެސް ހޯދާފައި ނުވާކަން އެނގޭ ކަމަށާއި، ސ. ހިތަދޫ ލޯރަލް އެވެ ކިޔާ ގޯތީގެ ރަޖިސްޓަރީ ހަދައިދީފައިވަނީ ސ.އަތޮޅު އޮފީހުން ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން އޮންނައިރު، އެ ރަޖިސްޓަރީ ހަދާދީފައިވަނީ އަލްމަރުހޫމް ޙުސައިން ފުތާގެ ވާރިސުންގެ ތެރެއިން ދެ ވާރިސަކު އެކަން އެގޮތަށް ކުރުމަށް ނުރުހޭ ކަމުގައި ރަށު އޮފީހަށް ބަޔާންދީފައިވަނިކޮށް ކަން އެނގެން އޮތުމުގެ އިތުރުން، އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކަ ނުބަހައި، އަދި ތަރިކައާ މެދު ގޮތެއް ނުނިންމައި އޮއްވާކަން އެނގޭ ކަމަށާއި، ތަރިކައިގެ މައްސަލަތަކަކީ ހުރިހާ ވާރިސުންގެ ހައްގު އެކުލެވޭ މައްސަލަތަކެއް ކަމުގައިވާއިރު، ވާރިސުންގެ ބަހެއް ނުހޯދައި މިފަދަ މައްސަލަތައް ނިންމުމަކީ ވާރިސުންގެ ހައްގުތަކަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށާއި، އެކަންތައްތައް އެހެން ހުރުމުން، ސ. ހިތަދޫ ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާގެ ހުކުމް ބާތިލުކުރުމަށް ހައިކޯޓުން ކަނޑައަޅާ ކަމަށެވެ.
އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާއިން ސ. ހިތަދޫ ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާގެ ހުކުމް ބާތިލުކުރުމުގެ ނަތީޖާއަކީ ސ. ހިތަދޫ ލޯރަލް އެވެ ކިޔާ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ތަންތަނާއި ތަކެތީގެ މިލްކުވެރިކަން ފާޠިމަތުގެ މައްޗަށް ސާބިތުކޮށްފައި އޮތް އޮތުން ނިމުމަކަށް އައުމާއި، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާގެ ހުކުމުގެ މައްޗަށް ބިނާކޮށް ސ. ހިތަދޫ ލޯރަލް އެވެ ކިޔާ ގޯއްޗަށް ސ. ހިތަދޫ އޮފީހުން ހަދައިދީފައިވާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބާތިލުވުމެވެ.
ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2014/HC-A/136 ގަޒިއްޔާ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ފާޠިމަތުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން ބަލާ މައްސަލައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ 2014/HC-A/136 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ފާޠިމަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(ހ) ސ. ހިތަދޫ ކޯޓުން 2008 ވަނަ އަހަރު ނިންމާފައިވާ އެކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އާމިނަތު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާގައި އެ މައްސަލަ ބަލައިގެންފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 42 ވަނަ މާއްދާ އާއި އެނޫންވެސް އެހެން ގާނޫނީ އަސާސްތަކާ ޚިލާފަށް ކަމުގައި ބުނެ ހުށަހެޅި ނުކުތާ.
(ށ) ސ. ހިތަދޫ ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ އަކީ އިސްތިއުނާފުކުރާ ފާޠިމަތުގެ މިލްކުގައިވާ ސ. ހިތަދޫ ލޯރަލް އެވެ ކިޔާ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ރުއްގަހާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަން ސާބިތުކުރުމަށް އެދި ސ. ހިތަދޫ ކޯޓަށް ހުށަހެޅުމުން ބަލައި ނިޔާ ކަނޑައަޅާފައިވާ ގަޒިއްޔާއެއް ކަމަށާއި، އެ ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ، ފާޠިމަތުގެ ނަމުގައި އެ ގޯތި ރަޖިސްޓަރީ ކުރެވިފައިވާތީ އާއި އެ ގޯތީގައިވާ އެންމެހައި ތަކެއްޗާމެދު ދައުވާކުރާ ފަރާތެއް ވޭތޯ ބެލުމަށް ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައިނުވާތީ، ސ. ހިތަދޫ ލޯރަލް އެވެ ކިޔާ ގޯތީގައިވާ އެންމެހައި ތަންތަނާއި، ތަކެތީގެ މިލްކުވެރި ފަރާތަކީ ސ. ހިތަދޫ މުރާކިމާގެ ފާޠިމަތު ކަމަށް ކަނޑައަޅައި ކަމަށް ވީހިނދު، މި ގޮތުގެމަތިން އެ ކޯޓުން ކުރި ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާގައި ކަނޑައަޅާފައިވިޔަސް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ ހިންގައި ހުކުމްކޮށްފައިވަނީ ގާނޫނީ ހަމަތަކާއި އިޖުރާއަތުތަކާ އެއްގޮތަށް ކަމަށާއި، އެ ގަޒިއްޔާގެ ހުކުމް ހައިކޯޓުން ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ފުރަތަމަ ނުކުތާ: އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވުން
މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާގައި އެ މައްސަލަ ބަލައިގެންފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 42 ވަނަ މާއްދާއާއި އެނޫންވެސް އެހެން ގާނޫނީ އަސާސްތަކާ ޚިލާފަށް ކަމަށެވެ.
ސ. ހިތަދޫ ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާގައި އެ މައްސަލަ ބަލައިގެންފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 42 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އެފަރާތުން ބުނެފައިވާ ސަބަބަކީ އެ މާއްދާގައިވާ ގޮތުން މާލެ ފިޔަވައި އެހެން ރަށްރަށުގެ ކޯޓުތަކުން ނިންމާ މައްސަލަތައް އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން 180 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެ ކަމަށް ބުނެފައިވާއިރު، އެ މައްސަލަ އިސްތިއުނާފުކުރަން ހުށަހަޅާފައިވަނީ އެ މައްސަލަ އިސްތިއުނާފުކުރަން ހުށަހަޅަންޖެހޭ މުއްދަތު ފަހަނައަޅައި ގޮސް 6 އަހަރާއި 2 މަހާއި 1 ހަފްތާ ފާއިތުވިފަހުން ކަމަށެވެ. މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެ މާއްދާގައިވާ ގޮތުން، އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 42 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ލިބެނީ އެންމެ ހާލަތެއްގައި ކަމަށާއި އެއީ "އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވުން" ކަމަށްވާއިރު، އިސްތިއުނާފުކުރުމަށް 2258 ދުވަސް ފާއިތުކޮށްފައިވަނީ އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެން ނޫންކަން ކަންހިނގާފައިވާ ގޮތަށް ބަލާއިރު ސާފުކޮށް އެނގޭ ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުގެ މި ހުށަހެޅުމަށް ބަލާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 42 ވަނަ މާއްދާގައިވާ އިސްތިއުނާފުކުރުމުގެ މުއްދަތަކީ އެއްވެސް އިސްތިސްނާއެއް ނެތި މުތުލަގު ގޮތެއްގައި ބޭނުންކުރެވޭ އުސޫލެއް ނޫންކަމާއި، ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަގުބޫލު އުޒުރެއް މެދުވެރިވުން ކަމުގައިވާނަމަ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވި ފަހުންވެސް އެ މައްސަލަ އިސްތިއުނާފަށް ބަލައިގަތުމުގެ ބާރު ކަމާބެހޭ އިސްތިއުނާފީ ކޯޓަށް ލިބިގެންވާކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ރ) އިން އެނގެއެވެ.
އިސްތިއުނާފުކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފުކުރުމަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަގްބޫލު ސަބަބެއްތޯ ބަލައި ވަޒަންކުރުމުގައި ރިއާޔަތްކުރެވިދާނެ ބައެއް ސަބަބުތައް މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއްގައި ބަޔާންކޮށްފައިވެއެވެ. އެފަދަ ބައެއް ސަބަބުތަކަކީ:
(ހ) ތޮބީއީ ކާރިސާއެއް ކުރިމަތިވުން.
(ށ) ހަނގުރާމަ އާއި މަދަނީ ހަމަނުޖެހުންތަކާއި އާއްމުވެގެންވާ ރޯގާތަކާއި ބަލިމަޑުކަން.
(ނ) ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމިކަން އެނގިފައި ނެތުމުގެ ސަބަބުން ނުވަތަ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނެތުން.
(ރ) ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން. މިސާލަކަށް، ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ޚަސްމަކު ހެދި މަކަރާއި ހީލަތެއްގެ މައްޗަށް ކަމަށްވުން، ނުވަތަ ހުށަހެޅި ދޮގު ލިޔުމެއް ނުވަތަ މުސްތަނަދެއްގެ މައްޗަށް ކަމަށްވުން ނުވަތަ ދޮގު ހެއްކެއްގެ މައްޗަށް ކަމަށްވުން ނުވަތަ ކަނޑައެޅިގެން ދައުވާ ސާބިތުވަނިވި ލިޔުމެއް ހިފެހެއްޓުމުގެ ސަބަބުން ނުވަތަ އެ ހުކުމް ކުރެވިފައިވަނީ ގާނޫނާ ގަވާއިދާ ޚިލާފަށް ބަޔަކު ކޮށްފައިވާ ކަމެއް އެއީ ރަނގަޅު އަސާސެއްކަމަށް ބެލެވިގެން އެފަދަ އަމަލުތަކަކީ ހުއްދަ އަމަލެއް ކަމަށް ދޭހަވާ ގޮތަށް ކަމަށްވުން ފަދަ ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭ ސަބަބުތައް މީގެ ތެރޭގައި ހިމެނެއެވެ.
އިސްތިއުނާފުކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފުކުރުމަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަގްބޫލު ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
މި ހުކުމުގެ އިސްވެދިޔަ 16 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ރިއާޔަތްކޮށް، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާގެ ހުކުމް އިސްތިއުނާފުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަގްބޫލު ސަބަބެއްތޯ ވަޒަންކުރުމުގައި ތިރީގައި މި ބަޔާންކުރާ ކަންކަމަށް ހައިކޯޓުން ބަލާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/161 ގަޒިއްޔާގެ ހުކުމުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާގެ ހުކުމުން އެނގެއެވެ.
(ހ) ސ. ހިތަދޫ މުރާކިމާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ ސ. ހިތަދޫ މުރާކިމާގެ އަލްމަރުހޫމް ޙުސައިން ފުތާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގޯއްޗެއްކަން ސ. ހިތަދޫ އޮފީހުގެ ނަންބަރު 287 އިމާރާތާއި ގޯތީގެ ރަޖިސްޓަރީ އިން އެނގޭކަން.
(ށ) ސ. ހިތަދޫ މުރާކިމާގެ އެވެ ކިޔާ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ތަންތަނާއި ތަކެއްޗަކީ އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކައިގެ ތެރޭގައި ހިމެނޭ ތަންތަނާއި ތަކެތި ކަމަށްވާތީ، އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކަ މުދާ އެހެން ފަރާތަކަށް ބަދަލު ކުރެވޭނީ އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކައިގެ މައްސަލަ ނިމުމުން، އެ މައްސަލައިގެ މައްޗަށް ބިނާކޮށްކަން އެނގޭ ކަމާއި، އެހެންނަމަވެސް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާގައި އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކައިގައިވާ ސ. ހިތަދޫ މުރާކިމާގެއިން ބައެއް ބައިކޮށް އެތަނުގައިވާ ތަކެއްޗަކީ ފާޠިމަތުގެ މިލްކު ކަމުގައި ކަނޑައަޅާފައިވާއިރު، އަދި އެ މައްސަލައިގައި ދައުވާލިބޭ ފަރާތެއް ނެތް އިރު، ސ. ހިތަދޫ މުރާކިމާގޭ ގޯތީގައިވާ އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކައިން ލިބެން ތިބި އެއްވެސް ވާރިސެއްގެ ބަހެއް ހޯދާފައި ނުވާކަން.
(ނ) ސ. ހިތަދޫ ލޯރަލް އެވެ ކިޔާގޯތީގެ ރަޖިސްޓަރީ ހަދައި ދީފައިވަނީ ސ.އަތޮޅު އޮފީހުން ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށްގެން ކަން އެނގެން އޮންނައިރު، އެ ރަޖިސްޓަރީ ހަދައި ދީފައިވަނީ އަލްމަރުހޫމް ޙުސައިން ފުތާގެ ވާރިސުންގެ ތެރެއިން 2 ވާރިސަކު އެކަން އެގޮތަށް ކުރުމަށް ނުރުހޭ ކަމުގައި ރަށު އޮފީހަށް ބަޔާންދީފައި ވަނިކޮށްކަން އެނގެން އޮތުމުގެ އިތުރުން، އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކަ ނުބަހައި، އަދި ތަރިކައާ މެދު ގޮތެއް ނުނިންމާ ވަނިކޮށްކަން އެނގޭ ކަމާއި، ތަރިކައިގެ މައްސަލަތަކަކީ ހުރިހާ ވާރިސުންގެ ހައްގު އެކުލެވޭ މައްސަލަތަކެއް ކަމުގައިވާއިރު، ވާރިސުންގެ ބަހެއް ނުހޯދާ މިފަދަ މައްސަލަތައް ނިންމުމަކީ ވާރިސުންގެ ހައްގުތަކަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށްވުން.
އިސްވެ މިބަޔާންކުރި ކަންކަމަށް ބަލާއިރު ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާގެ ނިންމުން ބިނާވެގެންވަނީ ސ. ހިތަދޫ މުރާކިމާގޭ ގޯތީގައިވާ އަލްމަރްހޫމު ޙުސައިން ފުތާގެ ތަރިކައިގެ ތެރޭގައި ހިމެނޭ އިމާރާތްތަކާއި ތަންތަނާއި ތަކެތީގެ ތަރިކައިގެ މައްސަލަ ނުނިންމައި، ޙުސައިން ފުތާގެ ވާރިސުންގެ ހައްގުތައް ގެއްލިގެންދާ ގޮތަށް، އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ޚިލާފަށް، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭ ގޮތަށް ކަމަށްވާތީވެ، އެ ގަޒިއްޔާގެ ހުކުމް އިސްތިއުނާފުކުރަންޖެހޭ މަގްބޫލު ސަބަބެއް އޮވެގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/161 ގަޒިއްޔާ އާއި ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާގެ ހުކުމުން އެނގެއެވެ.
ދެވަނަ ނުކުތާ: ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނީ ހަމަތަކާއި އިޖުރާއަތުތަކާ އެއްގޮތަށްތޯ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ އަކީ އިސްތިއުނާފުކުރާ ފާޠިމަތުގެ މިލްކުގައިވާ ސ. ހިތަދޫ ލޯރަލް އެވެ ކިޔާ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ރުއްގަހާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަން ސާބިތުކުރުމަށް އެދި ސ. ހިތަދޫ ކޯޓަށް ހުށަހެޅުމުން ބަލައި ނިޔާ ކަނޑައަޅާފައިވާ ގަޒިއްޔާއެއް ކަމަށާއި، އެ ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ، ފާޠިމަތުގެ ނަމުގައި އެ ގޯތި ރަޖިސްޓަރީ ކުރެވިފައިވާތީ އާއި އެ ގޯތީގައިވާ އެންމެހައި ތަކެއްޗާމެދު ދައުވާކުރާ ފަރާތެއް ވޭތޯ ބެލުމަށް ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައިނުވާތީ، ސ. ހިތަދޫ ލޯރަލް އެވެ ކިޔާ ގޯތީގައިވާ އެންމެހައި ތަންތަނާއި، ތަކެތީގެ މިލްކުވެރި ފަރާތަކީ ސ. ހިތަދޫ މުރާކިމާގެ ފާޠިމަތު ކަމަށް ކަނޑައަޅައި ކަމަށް ވީހިނދު، މި ގޮތުގެމަތިން އެކޯޓުން ކުރި ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާގައި ކަނޑައަޅާފައިވިޔަސް ސ. ހިތަދޫ ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާ ހިންގައި ހުކުމްކޮށްފައިވަނީ ގާނޫނީ ހަމަތަކާއި އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ.
ބަންޑާރަ ގޯތީގެ މައްޗަށް އުފެދޭ ހައްގު
މީހަކަށް ދައުލަތުން ބަންޑާރަ ގޯއްޗެއް ދިނުމަށްފަހު އެ ގޯއްޗެއް އެމީހާގެ ނަންމަތީގައި ރަޖިސްޓަރީ ވުމުން ނަފީނުކުރެވޭނެ ހައްގުތަކެއް އެ ގޯއްޗާއި ގުޅިގެން އެމީހަކަށް ލިބެއެވެ. އެކަން ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި އޭގެ ކުރިއްސުރެ އަމަލުކުރަމުން އަންނަ އާދަކާދަ އާއި އުސޫލުތަކުން އެނގެއެވެ. އެފަދަ ބައެއް ހައްގުތަކުގެ މައްޗަށް ބަލާލުމަކީ މި މައްސަލައިގެ ނިންމުމަށް ވާސިލުވުމަށް އެހީތެރިވެދޭނެ ކަމެއްކަމަށް ދެކެމެވެ.
މި ގަޒިއްޔާގެ މައުޒޫއުގައި ހަވާލާދީފައިވާ އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކައިގެ ތެރޭގައި ހިމެނޭ މުރާކިމާގެ އެވެ ކިޔާ ގޯތިފަދަ ބަންޑާރަ ގޯތިތަކަކީ ދިރިއުޅުމަށް ދައުލަތުން މީސްމީހުންނާ ހަވާލުކުރާ ބަންޑާރަ ބިމެވެ. ބަންޑާރަ ބިން ދޫކުރެވެނީ ކަނޑައެޅިފައިވާ ވަކި މުއްދަތެއް ނެތި ދާއިމަށެވެ. އެފަދަ ބިމެއް ދައުލަތަށް ނަގާނަމަ ދައުލަތަށް އެ ބިމެއް ނަގާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އާއްމުވެގެންވާ މަންފާއަކަށް، ޝަރީއަތުން ކަނޑައަޅާ އަދުލުވެރި ބަދަލު ދިނުމަށްފަހުގައެވެ. ބަންޑާރަ ބިމުގެ ފުރިހަމަ މިލްކުވެރިކަން އޮންނަނީ އެ ބިމުގެ ނަމުންވެސް ދޭހަވާ ފަދައިން ދައުލަތަށް ކަމުގައި ވީނަމަވެސް ބަންޑާރަ ބިން ހަވާލުކުރެވެނީ ދާއިމަށް ކަމުގައިވުމާއެކު އެ ބިމުގައި އިމާރާތްކޮށް އެ ބިމުން މަންފާ ހޯދުމުގެ ހައްގު އެ ބިން ރަޖިސްޓަރީ ކޮށްދެވޭ ފަރާތަށް ލިބިގެންވެއެވެ. ބަންޑާރަ ބިން ރަޖިސްޓަރީ ކޮށްދެވިފައިވާ ފަރާތުން އެ ބިމުގައި ކުރާ އިމާރާތްތަކުގެ މިލްކުވެރިކަމާއި ހައްދާ ގަސްގަހާގެހީގެ މިލްކުވެރިކަން އޮންނަނީ އެފަރާތަށެވެ. ބަންޑާރަ ގޯތި ރަޖިސްޓަރީ ކޮށްދެވިފައިވާ ފަރާތެއް މަރުވެއްޖެނަމަ އެ ގޯތީގައި ހުންނަ އިމާރާތްތައް ތަރިކައިން ލިބޭ އެ މީހާގެ ވާރިސުންނަށް، ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކޮށްދޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ބަންޑާރަ ގޯއްޗާއި ބަންޑާރަ ގޯތީގައި ހަދާ އިމާރާތްތައް ދިރިއުޅުމުގެ ބޭނުމަށާއި އެހެނިހެން ކަންކަމަށް ކުއްޔަށް ދިނުމުގެ ހައްގު ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތަށް ލިބިގެންވެއެވެ. އަދި ގޯތީގައި ހަދާ އިމާރާތްތައް ރަހުނުކުރުމުގެ ހައްގުވެސް އެ ގޯއްޗެއް ރަޖިސްޓަރީ ކޮށްދެވިފައިވާ ފަރާތަށް ލިބިގެންވެއެވެ. އަދި ދަރަނި އަދާނުކުރެވިގެން ރަހުނު ތަންފީޒުކުރުމުގެ ގޮތުން އިމާރާތް ވިއްކާލާ ހާލަތުގައި އެ ގޯތީގައި ހުންނަ އިމާރާތްތައް ގަންނަ ފަރާތަކަށް އެ ބަންޑާރަ ގޯތި ރަޖިސްޓަރީ ކޮށްދޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އިސްވެ މި ބަޔާންކުރި ހައްގުތައް ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ލިބިގެންވާތީ އާއި ގޯތީގެ ރަޖިސްޓަރީ ވެރި ފަރާތުން ހަދާފައިވާ އެފަރާތުގެ މިލްކު އިމާރާތްތަކާއި ތަންތަން ހުންނަނީ އެ ބިމުގައި ކަމަށްވުމާއެކު ބަންޑާރަ ގޯތި ރަޖިސްޓަރީ ކޮށްދެވިފައިވާ ފަރާތަކަށް އެ ބަންޑާރަ ބިމުގެ މައްޗަށް އެމީހެއްގެ ކިބައިން ވަކިނުކުރެވޭނެ ހައްގުތަކެއް އުފެދެއެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ، މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫންކަމަށެވެ. ގާނޫނުއަސާސީގެ މި މާއްދާގައި ބަޔާންކޮށްފައިވާ ހައްގު ތަފްސީލީ ގޮތެއްގައި ތިރީގައި މި ބަޔާންކުރާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައި ހައިކޯޓުން އޮޅުން ފިލުވައިދީފައިވެއެވެ.
ސ. ހިތަދޫ 482 ނަންބަރު ކޮށީގައިވާ 896 ނަންބަރު 'އަސްދަނޑި' ގޯތީގެ މައްސަލަ
މިއީ ސ. ހިތަދޫ، މާމެންދޫ ސަރަހައްދުގެ 482 ނަންބަރު ކޮށީގައިވާ 896 ނަންބަރު ބަންޑާރަ ގޯތި، ސާކް ސަމިޓަށް އިމާރާތްކުރެވޭ ކޮންވެންޝަން ސެންޓަރުގެ ބިމަށް އަރާތީވެ، އާއްމު ވެގެންވާ ފައިދާއަށްޓަކައި އެ ގޯތި ދައުލަތަށް ނަގަންޖެހޭ ކަމަށް ބުނެ އެ ގޯތީގައި ކޮށްފައިވާ މަސައްކަތަށް އެގޭ ވެރި ފަރާތް ކަމުގައިވާ ދ. ރިނބުދޫ ޖަންގަލީވިލާ، އާޒިމް އާދަމަށް ޝަރުއީ ބަދަލު ދިނުމަށް އެދި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ސ. ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 395/S2C/2011 ގަޒިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ، ދ. ރިނބުދޫ ޖަންގަލީވިލާ، އާޒިމް އާދަމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ގަޒިއްޔާ އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ނިންމާފައިވާ މައްސަލައެކެވެ. އިސްތިއުނާފުކުރި ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި އެއް ނުކުތާގައި ބުނެފައިވަނީ، ގޯއްޗާއި ގުޅިގެން ލިބިފައިވާ ހައްގުތަކަކީ އިސްތިއުނާފުކުރި ފަރާތުގެ މުދާކަމަށް ވީހިނދު އެ މުދަލަށް ބަދަލު ނަންގަވައި ދެއްވާފައި ނުވާ ކަމަށާއި، ބަންޑާރަ ގޯއްޗެއް ދައުލަތަށް ނަގާ ހާލަތުގައި އެ ގޯތީގެ ބަދަލުގައި އެހެން ގޯއްޗެއް އެ މީހަކަށް ދިނުމަކީ ރާއްޖޭގައި ފެށުނީއްސުރެން އަމަލުކުރަމުން އައިސްފައިވާ ގޮތްކަމަށް ވީހިނދު ބަންޑާރަ ގޯއްޗެއްގެ ބަދަލުގައި ބަންޑާރަ ގޯއްޗެއް ދޭން ނުޖެހޭނެ ކަމަށް ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ ގާނޫނުއަސާސީ އާއި އަދުލު އިންސާފުގެ ހަމަތަކާވެސް ހިލާފަށްކަމަށެވެ.
މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ބ) ގައިވާ އިބާރާތް މި ނަކަލުކުރަނީ އެ އިބާރާތުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ތާއީދުކުރެވޭތީ އެވެ.
"އިސްތިއުނާފު މި ކުރެވޭ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު395/S2C/2011 ގަޒިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އިސްވެ ބަޔާންކުރެވުނު ގާނޫނީ ނައްސުތަކަށާއި، އަދި ޒަމާނުއްސުރެ މިފަދަ މައްސަލަތައް ބަލައި ހުކުމް ކުރުމުގައި ޝަރުއީ ކޯޓުތަކުގައި އަމަލުކުރަމުން އައިސްފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް ބަލާއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިން އިސްވެ ހަވަލާދެވުނު 40 ވަނަ މާއްދާއަކީ ގާނޫނުއަސާސީގެ އަސާސީ ހައްގުތައް ބަޔާން ކޮށްފައިވާ ބާބުގައި ހިމެނިފައިވާ މާއްދާއެއް ކަމާއި، އެ މާއްދާގެ (ހ) ގައި، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުއާމަލާތުކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން ކަށަވަރުކޮށް ދިނުމަށްފަހު، އެ މާއްދާގެ (ށ) ގައި، މީސްމީހުންގެ މުދަލަކީ ނިގުޅައި ގަނެވިގެންވާނޭ ތަކެތި ނޫންކަމަށް ބަޔާން ކޮށްފައިވަނީ، އެތަކެއްޗަށް ރައްކާތެރިކަމާއި ހިމާޔަތްތެރިކަން ލިބިގެންވާކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ކަމާއި، އެ މާއްދާގެ އެ އަކުރުގައި، މީސްމީހުންގެ މުދާ، އާންމުވެގެންވާ މަންފާއަކަށްޓަކައި ނެގިދާނެ އިސްތިސްނާ ހާލަތެއް ބަޔާން ކޮށްފައިވާކަމާއި، އަދި އެ ހާލަތުގައިވެސް އެ މުދަލެއް ނެގުމުގެ ކުރިން ތިންކަމެއް ފުރިހަމަކުރުމަށް އެ މާއްދާގެ އެ އަކުރުން ލާޒިމުކޮށްފައިވާ ކަމާއި،
އޭގެ ތެރެއިން ފުރަތަމަ ކަމަކީ؛ ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެމަތިން ނޫނީ އެއްވެސް މީހެއްގެ މުދަލެއް ނުނެގުންކަމާއި،
ދެވަނަ ކަމަކީ؛ އެމީހެއްގެ ރުހުން ނެތި މުދަލެއް ނަގާނަމަ، އެކަމަށްޓަކައި ކޯޓުން ކޮށްފައިވާ ހުކުމެއް އޮތުން ކަމާއި،
ތިންވަނަ ކަމަކީ؛ ދައުލަތަށް އެމީހެއްގެ މުދަލެއް ނެގުމުގެ ކުރިން ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދީ ނިންމާފައިވުން ކަމާއި، މި ތިން ޝަރުތުކަން ފާހަގަކުރެވޭ ކަމާއި،
މިގޮތުން އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 395/S2C/2011ގަޒިއްޔާގައި ބަޔާންވެގެންވާ ސ ހިތަދޫ، އަސްދަނޑި ނަމަކަށް ކިޔާ ގޯތީގައި ހުރި އިމާރާތް ތަޅާލައި އެ ބިން އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއަށް ނެގިއިރު މިތިން ޝަރުތު ފުރިހަމަ ކޮށްފައިވޭތޯ މި ގަޒިއްޔާ ބެލުމުގެ ތެރެއިން ހައިކޯޓުން ބެލި ބެލުމުން، ގާނޫނުގައި ކަނޑައެޅިފައިވާ ވަކިކަމެއް ވަކިގޮތަކަށް ފުރިހަމަވެފައިވާ ކަމަކަށް އެ ގަޒިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައި ނުވާކަމާއި، އަދި ގާނޫނުއަސާސީން އިސްވެ ބަޔާންކުރެވުނު މާއްދާގައި، ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ނަގައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު، ގާނޫނުގައި މިކަން ކަނޑައެޅި ބަޔާންވެގެންވާ ގޮތް އެނގެން އޮންނަ ގާނޫނީ މާއްދާއަކީ ގާނޫނު ނަންބަރ 68/4 (އާންމު ގާނޫނުތަކެއް) ގެ 7 ވަނަ ނަންބަރު ކަމާއި، އަދި މިއީ މިފަދަ މައްސަލަތަކުގައި ޝަރުއީ ކޯޓުތަކުން މިހާތަނަށް އަމަލުކުރަމުން އައިސްފައިވާ މާއްދާކަން ވެސް ފާހަގަކުރެވޭ ކަމާއި، މިގޮތުން ގާނޫނު ނަންބަރ 68/4 (އާންމު ގާނޫނުތަކެއް) ގެ 7 ވަނަ ނަންބަރުގައި ''ދައުލަތަށް ނުވަތަ ރައްޔިތަށް އާންމު ވެގެންވާ ފައިދާއަކަށްޓަކައި މީހުންގެ މިލްކު ރުއްގަސް، ދަނޑުބިން، ގޮވަތިގެދޮރު އަދި މިނޫންވެސް އެއްޗެއް ދައުލަތަށް ބޭނުން ވެއްޖެނަމަ، އެ އެއްޗެހި ހިފޭނީ އެ އެއްޗަކަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން އެ އެއްޗެއްގެ ބަދަލު ދިނުމަށްފަހު، ނުވަތަ އަގެއް ކިޔުއްވައި، އެއަގު ދިނުމަށްފަހުގައެވެ. ބޭނުންވި އެއްޗަކީ، ބިމެއް ކަމުގައިވާނަމަ އެ ބިމެއް ހުސްކޮށް ދިނުމަށް އެކަށީގެންވާ މުއްދަތެއްވެސް ދޭންވާނެއެވެ. އެއީ، ގެއެއް ކަމުގައި ވާނަމަވެސް ހަމަ މިފަދައެވެ.'' މިފަދައިން ބަޔާންކޮށްފައިވާ ކަމާއި،
އިސްވެ ބަޔާންކުރެވުނު ނައްސަށް ބަލާއިރު، އެ ނައްސު ގައި މިނިސްޓްރީ އޮފް ޖަސްޓިހުގެ ނަމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަން އައިސްފައިވާގޮތުން، މިހާރު އަމަލުކުރެވޭ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީންނާއި ގާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ މިހާރު ބައްޓަންކުރެވިފައިވާ ގޮތާ ތަފާތު ވިކަމުގައި ވިޔަސް، ބަޔާންކުރެވުނު ގާނޫނީ ނައްސުގެ ބޭނުމަކަށްވެފައިވަނީ، އާންމުވެގެންވާ ފައިދާއަކަށްޓަކައި މީސްމީހުންގެ މިލްކު ތަކެއްޗާއި ގޯތިގެދޮރު ދައުލަތަށް ހިފުމުގައި އަމަލުކުރަންޖެހޭ އުސޫލު ބަޔާންކުރުން ކަމަށް ވާތީ، ޒަމާނަށް އަންނަ ބަދަލުތަކާއި ގުޅިގެން އިދާރާތަކުގެ ނަންތަކަށް ބަދަލު އައިކަމުގައި ވިޔަސް އެ ނައްސުން ކަނޑައަޅާފައިވާ އުސޫލަށް ބަދަލެއް ނާންނަ ކަމާއި، އެހެނީ އެއީ ރައްޔިތުންގެ މަޖިލީހުން، ގާނޫނުގައި ކަނޑައަޅައިދީފައިވާ ހައްލުގެ ހަގީގީ މަގުސަދު ކަމަށް ވާތީ ކަމާއި، އަދި އެ އުސޫލަކީ އެހާތަނުން ފެށިގެންވެސް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން އަމަލުކުރަމުން އައިސްފައިވާ އުސޫލެއްކަމާއި، ނަމަވެސް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 395/S2C/2011ގަޒިއްޔާ ނިންމެވުމުގައި އެ އުސޫލަށް ތަބާވެފައި ނުވާކަން އެނގެން އޮތްކަން ފާހަގަކުރެވޭ" ކަމަށެވެ.
ގާނޫނުގައި ސަރީހަ ބަހުން ބަޔާންކުރެވިފައިވާ ގޮތަށް މެނުވީ ވަކިނުކުރެވޭނެ ހައްގުތަކެއް ބަންޑާރަ ގޯތި ހަވާލުކުރެވިފައިވާ ފަރާތަށް ލިބިގެންވާތީ، މި މައްސަލައިގައި ހިމެނޭ ސ. ހިތަދޫ މުރާކިމާގެ އެވެ ކިޔާ ގޯއްޗަކީ އަލްމަރުހޫމް ޙުސައިން ފުތާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގޯއްޗެއް ކަމުގައިވާތީ، ޝަރީއަތް މެދުވެރިނުކޮށް އެ ގޯތިން ބައެއް ރަށު އޮފީހުންނާއި އަތޮޅު އޮފީހުން ވަކިކޮށް އެހެން މީހަކަށް ދީފައިވަނީ އެކަން ކުރިއިރު އަމަލުކުރަމުން ގެންދިޔަ 1968 ގެ ގާނޫނުއަސާސީގެ 10 ވަނަ މާއްދާއާއި ގާނޫނު ނަންބަރ 68/4 (އާންމު ގާނޫނުތަކެއް) ގެ 7 ވަނަ ނަންބަރާ ޚިލާފަށް ކަމަށް ގަބޫލުކުރެވެއެވެ.
މުރާކިމާގޭ ގޯތީގެ ރަޖިސްޓަރީގައިވާ ކަންކަމަށް ބަދަލު ގެނައުން
ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 13 ވަނަ މާއްދާ އާއި 23 ވަނަ މާއްދާގައިވާ ގޮތުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗާއި ގޯތީގައިވާ އިމާރާތްތައް ހުންނަންވާނީ ބިމާބެހޭ އޮފީހުގައި ރަޖިސްޓަރީކޮށްފައެވެ. ގާނޫނުން ނުވަތަ ޝަރީއަތުން ގަބޫލުކުރާ އިސްތިސްނާ ހާލަތެއް ނެތްނަމަ، ގޯތީގެ ރަޖިސްޓަރީއަކީ އެ ގޯއްޗެއްގެ މިލްކުވެރިކަމާއި އެ ގޯތީގެ މައްޗަށް މީސްމީހުންނަށް ލިބިގެންވާ ހައްގުތަކާއި މަސްލަހަތުތައް ސާބިތުކޮށްދޭ އެންމެ ފަހު ބަހެވެ. ގޯތީގެ ބިމުގެ މިލްކުވެރިކަމާއި ބިމާ ގުޅިގެން އެކިއެކި ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާއި މަސްލަހަތުތައް ބިމުގެ ރަޖިސްޓަރީއިން ފެންނަން އޮވެއެވެ. ބިމުގެ ރަޖިސްޓަރީއަށް ބެލުމުން ބިމުގެ މިލްކުވެރިޔަކީ ކާކު ކަމާއި، ބިން ހަވާލުކުރެވިފައިވަނީ ކާކަށް ކަމާއި، ބިމުގެ ބާވަތާއި، ބިމުގެ ބޮޑުމިނާއި ބިމުގެ މިލްކުވެރިކަމުގެ ބާވަތާއި، ބިމުގެ މިލްކުވެރިކަމާ ބެހޭގޮތުން އެއްވެސް ހުދޫދުތަކެއް ކަނޑައެޅިފައިވާނަމަ އެކަމަކާއި، ބިމުގެ މައްޗަށް ރަހުނެއް އޮތްނަމަ އެކަމަކާއި މިނޫންވެސް ގޯތީގެ ރަޖިސްޓަރީގައި ބަޔާންކުރުމަށް ގާނޫނުން ކަނޑައަޅާ އެހެނިހެން މައުލޫމާތު އެ ރަޖިސްޓަރީ އިން އެނގޭނެއެވެ. ކުރުކޮށް ބުނާނަމަ، ބިމުގެ ރަޖިސްޓަރީ އަކީ އެ ބިމެއްގެ ދުސްތޫރެވެ. އެބިމެއްގެ މޫނުބަލާ ލޯގަނޑެވެ. ސަބަބަކީ އެބިމުގެ އިމާއި، ސިފައާއި ބާވަތާއި އަދި މިނޫންވެސް، އެ ބިމެއް ގަންނަން ނުވަތަ އެ ބިމާ ގުޅޭގޮތުން މުއާމަލާތެއް ކުރަން ބޭނުންވާ މީހަކު އެ ބިމާ ބެހޭގޮތުން ދެނެގަންނަން ބޭނުންވާނޭ އެންމެހައި މައުލޫމާތު ގޯތީގެ ރަޖިސްޓަރީއިން އެނގޭނެތީ އެވެ. ބިމުގެ ރަޖިސްޓަރީ އަކީ އެ ބިމާބެހޭ ފަހުބަސް ކަމަށްވާތީވެ، ބިން ގަންނަ ފަރާތް ނުވަތަ އެ ބިމާއި ގުޅިގެން މުއާމަލާތެއް ކުރާ ފަރާތަށް އެ ރަޖިސްޓަރީގައިވާ މައުލޫމާތުތަކަށް އިތުބާރު ކުރެވޭނެއެވެ.
ބިމުގެ މިލްކުވެރިޔާ ކަމަށް ނުވަތަ އިމާރާތުގެ މިލްކުވެރިޔާ ކަމަށް ގޯތީގެ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ފަރާތަކީ އެ ތަނެއްގެ މިލްކުވެރިޔާ ކަމަށް ގާނޫނީ ގޮތުން ބެލުމަކީ ލާޒިމުކަމެކެވެ. އަދި ގޯތީގެ އިމާބެހޭ ގޮތުންނާއި ގޯތީގެ ރަޖިސްޓަރީގައި އެ ގޯއްޗާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ލިބިގެންވާ މަސްލަހަތެއް ރަޖިސްޓަރީ ކުރެވިފައިވާނަމަ، އެ މަސްލަހަތެއް އޮތް ފަރާތް ސާބިތުކުރުމުގެ މުތުލަގު ކިތާބީ ހެއްކަކީ ނުވަތަ ފަހު ބަހަކީ ގޯތީގެ ރަޖިސްޓަރީގައި ބަޔާން ކުރެވިފައިވާ ގޮތްކަމަށް ގާނޫނީ ގޮތުން ބަލަންޖެހެއެވެ. މިގޮތަށް ގާނޫނުގައި ކަނޑައެޅުމުގެ ބޭނުމަކީ ގޯއްޗާ ގުޅޭގޮތުން މުއާމަލާތުކުރާ ފަރާތްތަކަށް، ގޯތީގެ ރަޖިސްޓަރީއަށް ބަރޯސާވެ، އެ މައްޗަށް އިތުބާރުކޮށްގެން މުއާމަލާތު ކުރެވޭނެ ނިޒާމެއް އެކަށައެޅުމެވެ. ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ފަރާތަކީ ބިމުގެ މިލްކުވެރިޔާކަން ނުވަތަ މަސްލަހަތު އޮތް ފަރާތްކަން ދައުލަތުގެ ފަރާތުން ކަށަވަރުކޮށް ދިނުމަކީ ރަޖިސްޓަރީ ކުރުމުގެ ނިޒާމުގެ މަގުސަދެވެ.
ކުރިންވެސް ބަޔާންކުރި ފަދައިން ބިމުގެ ރަޖިސްޓަރީއަކީ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ފަހުބަހެވެ. ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ފަރާތުގެ މިލްކުވެރިކަން ނުވަތަ މަސްލަހަތު ނަފީކުރެވޭނީ ވަރަށް ނާދިރު އަދި ވަރަށް އިސްތިސްނާ ހާލަތެއްގައެވެ. ގިނަ ގައުމުތަކުގައި އެފަދަ ނާދިރު ހާލަތުތައް ގާނޫނުގައި ބަޔާންކޮށްފައި އޮވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/181 ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން ބަލާފައިވާ ނަންބަރު 2010/SC-A/17 ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ، ގާނޫނުގައިވާ ގޮތުގެމަތިން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން، މީހެއްގެ ނަމުގައި މުދަލެއް ރަޖިސްޓަރީކޮށް އެކަން ކަށަވަރުކުރުމަށް އެފަދަ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ރަޖިސްޓަރީ އަކީ އެ މުދަލުގެ މިލްކުވެރިކަން، އެ މުދަލެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މީހަކަށް އޮތްކަން ކަށަވަރުކަމާއި ޔަގީންކަމާއެކު ހާމަކޮށްދެނިވި، އެންމެންގެ މައްޗަށް އޮތް ދަލީލެއް ކަމަށާއި މިގޮތުން، ގާނޫނީގޮތުން ރަޖިސްޓަރީކުރުން ލާޒިމުވާފަދަ މުދަލެއް މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ގާނޫނުގައިވާ ގޮތުގެމަތިން ރަސްމީގޮތުން ރަޖިސްޓަރީ ކުރެވިއްޖެނަމަ އެކަން ކަށަވަރުކޮށްދޭ ރަސްމީ ރަޖިސްޓަރީއަކީ، އެއްވެސް ޝައްކެއްނެތި އެ މުދާ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކީ އެ މުދަލުގެ މިލްކުވެރި ފަރާތްކަން އެނގޭ ޔަގީނީ ދަލީލެއް ކަމަށެވެ. އަދި މީހެއްގެ މިލްކެއް އެމީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާ އަކުން ގާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށް އެ އިދާރާއިން އެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ދޫކުރާ ރަސްމީ ރަޖިސްޓަރީގެ ލިޔުމަކީ، ޝަރީއަތުން ކަންކަން ސާބިތުކުރުމުގެ މުތުލަގު ބާރު އެއަށް ލިބިފައިވާ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ވަސީލަތެއް ކަމަށާއި އަދި އެފަދަ ލިޔުމަކީ ހަގީގަތާ ހިލާފު ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެނޫން ގޮތެއް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާހާ ހިނދަކު އޭގެ ހުއްޖިއްޔަތު ވެއްޓިގެން ނުދާނެ ލިޔުމެއް ކަމަށެވެ.
ގޯތީގެ ރަޖިސްޓަރީ އަކީ ގޯތީގެ ހަގީގީ ހާލަތު އަންގައިދޭ ރަސްމީ ލިޔުން ކަމުގައިވާއިރު، މި މައްސަލައިގައި ހިމެނޭ ސ. ހިތަދޫ މުރާކިމާގެ އެވެ ކިޔާ ގޯތީގެ ރަޖިސްޓަރީ އަލްމަރުހޫމް ޙުސައިން ފުތާގެ ނަމުގައި އޮއްވާ، އެ ގޯތިން ބައެއް ވަކިކުރުމުން އެ ގޯތީގެ ރަޖިސްޓަރީއިން އެ ގޯތީގެ ހަގީގީ ހާލަތު އެނގޭނެ ގޮތެއް ނޯންނާނެއެވެ. އަލްމަރުހޫމް ޙުސައިން ފުތާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ސ. ހިތަދޫ މުރާކިމާގެ އެވެ ކިޔާ ގޯތީގެ ރަޖިސްޓަރީ އިން އެ ގޯތިން ބައެއް އުނިކުރިކަން ނޭނގޭނެ ގޮތަކަށް އެ ގޯތިން ބައެއް ވަކިކޮށްފިނަމަ، ޙުސައިން ފުތާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ސ. ހިތަދޫ މުރާކިމާގެ ޙުސައިން ފުތާގެ ނަމުގައި ކުރިއްސުރެ އޮތް އެގޯތީގެ ރަޖިސްޓަރީގައި އެ ގޯތީގެ ބޮޑު މިން އޮންނާނީ ހަމަކުރިންވެސް އޮތް ގޮތަށެވެ. އެހެންކަމުން ޝަރުއީ ހުކުމެއްގެ ދަށުން އެ ގޯތީގެ މިން ބަދަލުވެއްޖެ ކަން އެނގޭނޭ ގޮތަށް ހުކުމްކޮށް، އެގޮތަށް ސ. ހިތަދޫ މުރާކިމާގޭ ރަޖިސްޓަރީ ބަދަލުކޮށްގެން މެނުވީ އެ ގޯތިން ބައެއް ވަކިކޮށް އެގޮތުން ވަކިކުރެވުނު ބައި އެހެން މީހަކަށް ރަޖިސްޓަރީކޮށް ދިނުމަކީ ހަމަޖެހޭކަމެއް ނޫނެވެ.
ގޯއްޗަށާއި އިމާރާތަށް ބިމާބެހޭ އިދާރާއަކުން ހަދައިދީފައިވާ ރަޖިސްޓަރީއެއް ބިމާބެހޭ އިދާރާއަކުން ބާތިލުކުރެވޭނީ ނުވަތަ އެ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ގޯއްޗާއި އިމާރާތުގެ މިލްކުވެރިކަމަށް ބަދަލުއަންނަ އެއްވެސް ކަމެއް ކުރަންވާނީ ކަމާބެހޭ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ބިނާކޮށްގެންނެވެ.
ގޯތި ގެދޮރުގެ ރަޖިސްޓަރީ ބަދަލުކުރުން
ބަންޑާރަ ގޯއްޗެއް ކަމަށްވީ ނަމަވެސް އަދި އަމިއްލަ ގޯއްޗެއް ކަމަށްވީ ނަމަވެސް، ގާނޫނު ނަންބަރު 68/9 (މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނު) އަދި ގާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ގާނޫނު) ގެ މަގްސަދަށްޓަކައި، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގޯއްޗާއި އެ ގޯތީގައިވާ އެއްވެސް އިމާރާތެއްގެ މިލްކުވެރިކަން އެއްވެސް ގޮތަކަށް ބަދަލުކުރެވޭނީ އެ މައްސަލައެއް ޝަރީއަތަށް ހުށަހަޅައިގެން އެކަމާ ގުޅިގެން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.
މި މައްސަލައަށް ބަލާއިރު ސ. ހިތަދޫ މުރާކިމާގޭ ގޯތީގައިވާ އަލްމަރުހޫމް ޙުސައިން ފުތާގެ މިލްކިއްޔާތު ފާޠިމަތު އަށް ބަދަލުކޮށްފައިވަނީ މި ބަޔާންވެދިޔަ ގާނޫނުތަކުގައި ބަޔާންވެފައިވާ އިޖުރާއަތާ އެއްގޮތަށް ޝަރީއަތް މެދުވެރިވެގެން ނޫންކަން އެނގެއެވެ.
ތަރިކަ މުދާ ހުރި ބަންޑާރަ ގޯއްޗެއް ބައިކުރުން
ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު، މީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައި ވަނިކޮށް އެ މީހާ މަރުވެއްޖެނަމަ އެ މީހާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ އެ ބަންޑާރަ ގޯއްޗެއް ވާރިސުންގެ މެދުގައި ބައިކުރެވޭނީ އެ މީހާގެ ތަރިކައިގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ނިންމުމަށްފަހު، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ އެއްގޮތަށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. އެކަން އެގޮތަށް ހަމަޖެހިފައި އޮންނަނީ، ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ވެފައިވާ ފަރާތެއް މަރުވެއްޖެނަމަ އެ ގޯތި ދެން ދައުލަތުން ރަޖިސްޓަރީ ކޮށްދޭނީ، މަރުހޫމްގެ ތަރިކައިގެ ތެރޭގައި ހިމެނޭ އެ ގޯތީގައިވާ އިމާރާތްތައް ތަރިކައިން މިލްކުވާ ވާރިސުންނަށް ކަމުގައިވާތީ، ބަންޑާރަ ގޯއްޗެއްގައިވާ އިމާރާތްތައް ތަރިކައިން ލިބޭ ވާރިސުން ޝަރީއަތުން އައްޔަން ކުރެވިގެން މެނުވީ އެ ބަންޑާރަ ގޯއްޗެއް އަލުން ރަޖިސްޓަރީ ކޮށްދެވޭނެ ފަރާތް ނުވަތަ ފަރާތްތައް ދައުލަތަށް ކަށަވަރު ނުކުރެވޭނެތީއެވެ.
އެހެންކަމުން، މީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައި ވަނިކޮށް އެ މީހާ މަރުވެއްޖެނަމަ އެމީހާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ބަންޑާރަ ގޯއްޗެއް ވާރިސުންގެ މެދުގައި ދައުލަތުގެ ބިމާބެހޭ އިދާރާގެ އަމިއްލަ އިސްނެގުމަށް، ޝަރީއަތް މެދުވެރިނުކޮށް، އަމިއްލައަށް ކަނޑައަޅާ ގޮތަކަށް ބައިކޮށް އެގޯތިން ބައެއް އެހެން މީހެއްގެ ނަމުގައި (އެ މީހަކީ ވާރިސަކަށް ވީ ނަމަވެސް) ވަކި ގޯއްޗެއްގެ ގޮތުގައި ކަނޑައިދީ ރަޖިސްޓަރީ ކޮށްދިނުމުގެ ބާރު ބިމާބެހޭ އިދާރާއަށް ލިބިގެންނުވެއެވެ. މީހެއްގެ މިލްކުވެރިކަމުގެ ހައްގެއް މީހެއްގެ ކިބައިން ވަކިކުރެވޭނީ އަދި އެހެން ފަރާތަކަށް ނަގުލުކުރެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
މަތީގައި މި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، ސ. ހިތަދޫ މުރާކިމާގޭ އަލްމަރުހޫމް ޙުސައިން ފުތާގެ ނަމުގައި ސ. ހިތަދޫ މުރާކިމާގެއެވެ ކިޔާ ގޯއްޗާއި އެ ގޯތީގެ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އެންމެހައި ތަކެތި ރަޖިސްޓަރީ ކުރެވިފައިވަނިކޮށް، އަދި ސ. ހިތަދޫ މުރާކިމާގޭގައިވާ އަލްމަރުހޫމް ޙުސައިން ފުތާގެ ތަރިކަ ކޯޓު މެދުވެރިކޮށް ވާރިސުންގެ މެދުގައި ބެހިފައި ނެތީސް، އެ ގޯތީގެ ތެރެއިން 1966 އަކަ ފޫޓުގެ ބައެއް ވަކިކޮށް އަލްމަރުހޫމް ޙުސައިން ފުތާގެ ވާރިސުންގެ ތެރޭގައި ހިމެނޭ ފާޠިމަތުއަށް އައްޑުއަތޮޅު އަތޮޅު އޮފީހާއި، ސ. ހިތަދޫ އޮފީހުން ދީ، އެބައި 'ލޯރަލް' އެވެ ކިޔާ ވަކި ގޯއްޗެއްގެ ގޮތުގައި ފާޠިމަތުއަށް ރަޖިސްޓަރީ ކޮށްދީފައިވަނީ ތަރިކަ މުދަލާއި ބިމާބެހޭ ގޮތުން އަމަލުކުރަން ހަމަޖެހިފައި އޮތް އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާގައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S2C/2008 ގަޒިއްޔާގެ ހުކުމް ބާތިލުކޮށްފައިވަނީ ގާނޫނާއި ކޯޓުތަކުން ޝަރީއަތް ކުރުމަށް ހަމަޖެހިފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، މި ގަޒިއްޔާގައި އިސްތިއުނާފު ކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/136 ގަޒިއްޔާގައި ކޮށްފައިވާ ހުކުމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކޮށް ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.