ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/SC-HCL/21, 2024/SC-L/100

ޒުލްފާ އާދަމް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 ޑިސެމްބަރު 2024ދަށު ކޯޓު: ހައިކޯޓު HC-RM/2024/59ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2024/59، 95-CR/INDIV/2024/327، 144-D(RN)/2024/93، 635/Cv-C/2024
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 635/Cv-C/2024 ގައި ޒުލްފާ އާދަމްގެ ޣައިރު ޙާޟިރުގައި އޭނާގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށް ޙުކުމްކުރިއެވެ. ޙުކުމް ބާޠިލުކުރަން އެދި ހުށަހެޅި ފޯމު ސިވިލް ކޯޓުގެ ރަޖިސްޓްރާރ 144-D(RN)/2024/93 ގައި ބަލައިނުގަތެވެ. ޙުކުމްގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2024/327 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/59 ގައި އެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ނިންމިއެވެ.
ވާޤިޢާ
ޒުލްފާ އާދަމްއަށް ދަޢުވާލިބޭ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި އޭނާގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވުނެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ޙުކުމް ބާޠިލުކުރަން އެދުމުން، އެ މާއްދާގެ ޙާލަތެއް ވުޖޫދުވާކަން ފޯމުގައި ބަޔާންކޮށްފައި ނުވާތީ ރަޖިސްޓްރާރ ފޯމު ބަލައިނުގަތެވެ. އެ ނިންމުން ސިވިލް ކޯޓުގައި އަލުން ބަލަން އެދުމެއް ނެތި، ޙުކުމްގެ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އޭނާ ހައިކޯޓަށް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޣައިރު ޙާޟިރުގައި ކުރި ޙުކުމެއް ބާޠިލުކުރަން އެދި ހުށަހެޅި ހުށަހެޅުން ސިވިލް ކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތުމަށްފަހު، އެ ނިންމުން ސިވިލް ކޯޓުގައި އަލުން ބަލަން އެދިފައި ނުވުމަކީ މައުޟޫޢީ މައްސަލައިގެ ޙުކުމް ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުރަހަކަށްވާތޯއާއި، ޙުކުމް އިސްތިއުނާފު ނުކުރެވޭނެ ވަކި ސަބަބެއް ބަޔާންނުކޮށް އިސްތިއުނާފު ބަލައިނުގަތުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޒުލްފާ އާދަމް ބުނީ، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 56 ވަނަ އަދި 65 ވަނަ މާއްދާއާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ އަދި 406 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ޙުކުމް ބާޠިލުކުރަން އެދޭ އެދުމާމެދު ގޮތެއް ކަނޑައަޅަނީ ޙުކުމްކުރި ކޯޓުން ކަމަށާއި، އެ އެދުން ސިވިލް ކޯޓުން ބަލައިނުގަތުމަކީ ޙުކުމް ހައިކޯޓަށް އިސްތިއުނާފު ނުކުރެވޭނެ ޤާނޫނީ ޙުއްޖަތެއް ނޫން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޣައިރު ޙާޟިރުގައި ކުރާ ޙުކުމެއްގައި ދަޢުވާލިބޭ ފަރާތަށް ޙުކުމްކުރި ކޯޓަށް ޙުކުމް ބާޠިލުކުރަން އެދުމާއި، މައުޟޫޢީ ޙުކުމްގެ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުގެ ދެ އިޚްތިޔާރު ލިބެއެވެ. ސިވިލް ކޯޓުން އަލުން ނުބަލާހާހިނދަކު އިސްތިއުނާފު ނުކުރެވޭނީ ރަޖިސްޓްރާރގެ ނިންމުމެވެ. ޒުލްފާ އިސްތިއުނާފުކުރީ ހަމައެކަނި ސިވިލް ކޯޓުގެ ޙުކުމެވެ. ޙުކުމް ބާޠިލުކުރަން އެދުމާއި، ރަޖިސްޓްރާރގެ ނިންމުން އަލުން ބަލަން އެދުމަކީ އިސްތިއުނާފުގެ ކުރިން ލާޒިމް އިޖުރާއަތެއް ނޫނެވެ. ޙުކުމް އިސްތިއުނާފު ނުކުރެވޭނެ ވަކި ސަބަބެއް ހައިކޯޓުން ފާހަގަނުކުރާތީ، އިސްތިއުނާފު ބަލައިނުގަތް ބިނާއަކީ ޤާނޫނު ތަތުބީޤުކުރުމުގައި އަރާފައިވާ އޮޅުމެކެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނިންމުން ބާޠިލު: ސިވިލް ކޯޓުގެ 635/Cv-C/2024 ޤަޟިއްޔާގެ ޙުކުމްގެ އިސްތިއުނާފު ބަލައިނުގަތް ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2024/59 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ބާޠިލުކޮށް، 10 ދުވަހުގެ ތެރޭގައި ޒުލްފާ އާދަމްގެ ފަރާތުން އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހަޅައިފިނަމަ، އިސްތިއުނާފީ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ހައިކޯޓުގެ ރަޖިސްޓްރާރއަށް ލިބިގެންވާކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ދަށު ކޯޓަކުން ޙުކުމްކުރާ ޙާލަތުގައި، އެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތުގައި އަލުން އެ ކޯޓަކަށް ހުށަހެޅުމާއި، މައުޟޫޢީ މައްސަލައިގެ ޙުކުމް އާންމު އިސްތިއުނާފުގެ އުޞޫލުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އިސްތިއުނާފީ ކޯޓަށް ހުށަހެޅުމުގެ ދެ އިޚްތިޔާރު ދަޢުވާލިބޭ ފަރާތަށް ލިބިގެންވެއެވެ.

HN2 ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ކަނޑައަޅާނީ އެ ކޯޓުގެ ރަޖިސްޓްރާރ ކަމަށްވާއިރު، އެފަދަ ހުށަހެޅުމެއް ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމައިފިނަމަ، އެ ނިންމުން އަލުން ބަލައި ސިވިލް ކޯޓުން ގޮތެއް ކަނޑަނާޅާހާހިނދަކު، ރަޖިސްޓްރާރގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެއެވެ.

HN3 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކުރަން އެދި އެ ޙުކުމްކުރި ކޯޓަށް ހުށަހެޅުމަކީ، އެ ޙުކުމް ބިނާވި މައުޟޫޢީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ލާޒިމް އިޖުރާއަތެއް ނޫނެވެ.

HN4 ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކުރަން އެދި ހުށަހަޅާ ހުށަހެޅުން ބަލައިނުގަތުމަށް ކޯޓުގެ ރަޖިސްޓްރާރ ނިންމާ ނިންމުން އަލުން ބަލައިދިނުމަށް އެ ކޯޓަށް ހުށަހެޅުމަކީ މައުޟޫޢީ މައްސަލައިގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ކުރިން ކުރުން ލާޒިމް ކަމެއް ނޫނެވެ. އެހެންކަމުން، އެ ނިންމުން އަލުން ބަލައިދިނުމަށް އެދިފައި ނުވުމަކީ މައުޟޫޢީ މައްސަލައިގެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސްއަޅާ ކަމެއް ނޫނެވެ.

HN5 ޙުކުމް ބާޠިލުކުރަން އެދި ހުށަހެޅި ހުށަހެޅުމާ ގުޅޭ ރަޖިސްޓްރާރގެ ނިންމުމަކީ އިސްތިއުނާފު ނުކުރެވޭ ނިންމުމެއް ކަމުގައިވިޔަސް، މައުޟޫޢީ މައްސަލައިގެ ޙުކުމް އިސްތިއުނާފު ނުކުރެވޭނެ ވަކި ސަބަބުތަކެއް ފާހަގަނުކޮށް އެ ޙުކުމްގެ އިސްތިއުނާފު ބަލައިނުގަތުމަކީ ޤާނޫނު ތަތުބީޤުކުރުމުގައި އަރާފައިވާ އޮޅުމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2024/SC-HCL/21

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2024/SC-L/100

ހުށަހެޅުނު ތާރީޚު: 20 ނޮވެމްބަރ 2024

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ޒުލްފާ އާދަމް

ޢާންމު ނަން: ޒުލްފާ

ދާއިމީ އެޑްރެސް: މއ.ތިންހިރި

މިހާރުގެ އެޑްރެސް: މއ.ތިންހިރި

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2024/59

ހުށަހެޅުނު ތާރީޚު: 23 ސެޕްޓެމްބަރ 2024

ނިމުނު ތާރީޚު: 28 އޮކްޓޯބަރ 2024

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 ސިވިލް ކޯޓުގެ ނަންބަރު 635/Cv-C/2024 ޤަޟިއްޔާއަކީ، ޒުލްފާ އާދަމް އަށް ދަޢުވާލިބޭ ގޮތަށް އެ ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. އެ މައްސަލައިގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ ޒުލްފާ އާދަމްގެ ޣައިރު ޙާޟިރުގައި، އަދި ޒުލްފާ އާދަމްގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށެވެ.

[2]4.2 ސިވިލް ކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުކަމަށް ފެންނާތީ މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 124 ވަނަ މާއްދާގެ ދަށުން އެ ޙުކުމް ބާޠިލުކޮށް މައްސަލަ އަލުން ބަލައިދިނުމަށް އެދި ޒުލްފާ އާދަމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކުން ޙާލަތެއް ވުޖޫދުވެފައިވާކަން ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައި ނުވާތީ، އެ ފޯމު ބަލައިގަނެ ރަޖިސްޓްރީ ކުރެވެން ނެތްކަމަށެވެ.

[3]4.3 އޭގެފަހުން، ސިވިލް ކޯޓުގެ ނަންބަރު 635/Cv-C/2024 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޒުލްފާ އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އެ އިސްތިއުނާފާ ގުޅިގެން ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 61 ވަނަ މާއްދާގެ (ހ) އާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާއާއި، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު ގެ 77 ވަނަ މާއްދާއާއި، "ސިވިލް ކޯޓަށް ދަޢުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 16 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ މި މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތްކަމަށެވެ.

[4]4.4 ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ޒުލްފާ އާދަމްގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު HC-RM/2024/59 ނިންމުމުން ނިންމާފައިވަނީ، ރަޖިސްޓްރާރ ގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށެވެ.

[5]4.5 މިއީ، ބަޔާންދިޔަ ހައިކޯޓުގެ ނަންބަރު HC-RM/2024/59 ނިންމުން ޒުލްފާ އާދަމް ގެ ފަރާތުން އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައި ނިމުނުގޮތެވެ.

[6]4.6 ޒުލްފާ އާދަމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ބުނެފައިވަނީ ހައިކޯޓުން މި އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި 65 ވަނަ މާއްދާ، އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާއާއި، 406 ވަނަ މާއްދާއާ ޚިލާފުކަމަށެވެ. މި ނުކުތާތައް އިތުރަށް ތަފްޞީލުކުރަމުން ޒުލްފާ އާދަމްގެ ފަރާތުން ބުނެފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ޙުކުމެއް ބާޠިލުކޮށްދިނުމަށް އެދޭ އެދުމަކާމެދު ގޮތެއް ކަނޑައަޅަނީ، އެ ޙުކުމެއް ކުރާ ކޯޓުން ކަމަށާއި، އެ މާއްދާގެ ދަށުން ޒުލްފާ އާދަމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހުށަހެޅުން އެ ކޯޓަކުން ބަލައިނުގަތުމަކީ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ހައިކޯޓަށް އިސްތިއުނާފު ނުކުރެވޭނެ ޤާނޫނީ ޙުއްޖަތެއްކަމަށް ޤަބޫލު ނުކުރާކަމަށެވެ.

[7]4.7 ހައިކޯޓުގައި ޒުލްފާ އާދަމް އިސްތިއުނާފިކުރި މައްސަލަ ބަލައިނުގަތުމަށް ނިންމި ސަބަބުގެ ގޮތުގައި އެ ކޯޓުގެ ރަޖިސްޓްރާރ ބަޔާންކޮށްފައިވަނީ، "ޒުލްފާ އާދަމްގެ ފަރާތުން އެފަދައިން ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލުކުރުމަށް އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތުމަށް ނިންމާފައި ވީނަމަވެސް، ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާމެދު ނުވަތަ ނިންމާ އެއްވެސް ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އަލުން އެކަމެއް ނުވަތަ ނިންމުމެއް ބަލައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެކަމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 61 ވަނަ މާއްދާގެ (ހ) އާއި، ސިވިލް ކޯޓުގެ "ސިވިލް ކޯޓަށް ދަޢުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 16 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮންނާތީ، ސިވިލް ކޯޓުގެ ނަންބަރު 635/Cv-C/2024 ޤަޟިއްޔާގެ ޙުކުމާއި އެ ޙުކުމް ބާޠިލުކުރުމަށް އެދި ހުށަހެޅި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 144-D(RN)/2024/93 (9 ސެޕްޓެންބަރު 2024) "ރަޖިސްޓްރާރގެ ނިންމުން" އަކީ މިހިނދަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިދާނެ ނިންމުންތައް ކަމަށް ނުބެލެވޭތީ..." މިފަދައިންނެވެ.

[8]4.8 ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުމުގެ ބަޔާންވެދިޔަ ޢިބާރާތަށް ބަލާއިރު، ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ދެ ނިންމުމެއް ފާހަގަކޮށްފައިވެއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު 635/Cv-C/2024 ޤަޟިއްޔާއާއި، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ، އެ ކޯޓުގެ ނަންބަރު 144-D(RN)/2024/93 ނިންމުމެވެ.

[9]4.9 ޒުލްފާ އާދަމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ހަމައެކަނި ސިވިލް ކޯޓުގެ ނަންބަރު 635/Cv-C/2024 ޤަޟިއްޔާކަން ޒުލްފާ އާދަމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގެ ދެވަނަ ބައިގައިވާ މަޢުލޫމާތަށް ބެލުމުން އެނގެއެވެ. މީގެ އިތުރުން، ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމުގައި އިސްތިއުނާފުކުރާ ނިންމުން ކަމުގައި ބަޔާންވެފައިވަނީ "ސިވިލް ކޯޓުގެ ނަންބަރު 635/Cv-C/2024 ޤަޟިއްޔާ" މިފަދައިންނެވެ. ސިވިލް ކޯޓުގެ އެ ޤަޟިއްޔާ ފިޔަވައި އިތުރު ނިންމުމެއް ޒުލްފާ އާދަމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭކަށް ނެތެވެ.

[10]4.10 މަދަނީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ދަށު ކޯޓަކުން ޙުކުމްކުރާ ޙާލަތުގައި ދަޢުވާލިބޭ ފަރާތަށް ދެ އިޚްތިޔާރެއް ލިބިގެންވެއެވެ. އެއީ، ދަށު ކޯޓުން ކުރި ޙުކުމް ބާޠިލުކޮށްދިނުމަށް އެދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 213 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އަލުން އެ ކޯޓަކަށް ހުށަހެޅުމާއި، ދަށު ކޯޓުން ނިންމާފައިވާ މައުޟޫޢީ މައްސަލައިގެ ޙުކުމް، އާންމު އިސްތިއުނާފުގެ އުސޫލުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އިސްތިއުނާފީ ކޯޓަށް ހުށަހެޅުމެވެ.

[11]4.11 ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ބާޠިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ކަނޑައަޅާނީ އެ ކޯޓުގެ ރަޖިސްޓްރާރ އެވެ. އެފަދަ ހުށަހެޅުމެއް ބަލައިނުގަތުމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމައިފިނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ހ) އާއި، "ސިވިލް ކޯޓަށް ދަޢުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 16 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން އެ ނިންމުމެއް އަލުން ބަލައި ސިވިލް ކޯޓުން ގޮތެއް ކަނޑަނާޅާހާހިނދަކު، ރަޖިސްޓްރާރގެ އެފަދަ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެއެވެ.

[12]4.12 އެހެން ނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން، ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކުރަން އެދި އެ ކޯޓަށް ހުށަހެޅުމަކީ، އެ ޙުކުމެއް ބިނާވި މައުޟޫޢީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ލާޒިމް އިޖުރާއަތެއް ނޫނެވެ. ހަމަ އެފަދައިން، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމެއް ބާޠިލުކުރަން އެދި ހުށަހަޅާ ހުށަހެޅުން ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާރ ނިންމާ ނިންމުން އަލުން ބަލައި ދިނުމަށް އެދި އެ ކޯޓަށް ހުށަހެޅުމަކީވެސް، މައުޟޫޢީ މައްސަލައިގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ކުރިން ކުރުން ލާޒިމްކަމެއް ކަމަށް ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ.

[13]4.13 ޒުލްފާ އާދަމްގެ ފަރާތުން ސިވިލް ކޯޓު ނަންބަރު 635/Cv-C/2024 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން އެ ކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަންނަން ނިންމުމުން، ސިވިލް ކޯޓުގެ ޤަޟިއްޔާގައިވާ މައުޟޫޢީ މައްސަލަ ޒުލްފާ އާދަމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވީއިރު، ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް ސިވިލް ކޯޓުގައި އެދިފައި ނުވުމަކީ، ޒުލްފާ އާދަމްއަށް ލިބިފައިވާ އިސްތިއުނާފުކުރުމުގެ މި ޙައްޤަށް ހުރަސްއަޅާ ކަމެއް ކަމަކަށް ނުފެނެއެވެ. އަދި ހައިކޯޓުން މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމުގައި ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމުގެ އިތުރަށް ސިވިލް ކޯޓުގެ ނަންބަރު 635/Cv-C/2024 ޤަޟިއްޔާގެ ޙުކުމަކީ ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ނިންމުމެއް ނޫންކަމުގައި ނިންމި ނަމަވެސް، ސިވިލް ކޯޓުގެ އެ ޙުކުމް އިސްތިއުނާފު ނުކުރެވޭނެ ވަކި ސަބަބުތަކެއް އެ ނިންމުމުގައި ފާހަގަކޮށްފައި ނުވެއެވެ. އެހެންކަމުން ޒުލްފާ އާދަމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ބިނާއަކީ ޤާނޫނު ތަތުބީޤުކުރުމުގައި އަރާފައިވާ އޮޅުމެއް ކަމުގައި ފެންނާތީ، ހައިކޯޓުގެ ނަންބަރު HC-RM/2024/59 ނިންމުން ބާޠިލުކުރަންޖެހޭކަމަށް ފެނެއެވެ. އަދި އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އަލީގައި، ހައިކޯޓަށް ޒުލްފާ އާދަމްގެ ފަރާތުން ސިވިލް ކޯޓު ނަންބަރު 635/Cv-C/2024 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން އަލުން ބަލަންޖެހޭކަމަށް ފެނެއެވެ.

5. ނިންމުން

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު HC-RM/2024/59 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ބާޠިލުކޮށް، މިއަދުން ފެށިގެން 10 (ދިހަ) ދުވަހުގެ ތެރޭގައި ޒުލްފާ އާދަމްގެ ފަރާތުން އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ، އިސްތިއުނާފީ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ހައިކޯޓުގެ ރަޖިސްޓްރާރ އަށް ލިބިގެންވާ ކަމުގައި ކަނޑައަޅައި، މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢާއިޝާ ޝުޖޫން މުޙައްމަދު

ޢަލީ ރަޝީދު ޙުސައިން

މަޙާޒު ޢަލީ ޒާހިރު

10 ޖުމާދަލްއާޚިރާ 1446

12 ޑިސެމްބަރ 2024

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 32/2021
  2. ސިވިލް ކޯޓުގެ ނަންބަރު 144-D(RN)/2024/93 "ރަޖިސްޓްރާރގެ ނިންމުން" (9 ސެޕްޓެންބަރު 2024)
  3. ޤާނޫނު ނަންބަރު 22/2010
  4. ގަވާއިދު ނަންބަރު 2022/R-105
  5. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2024/327 "ރަޖިސްޓްރާރގެ ނިންމުން" (23 ސެޕްޓެންބަރު 2024)
  6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/59 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" (28 އޮކްޓޫބަރު 2024)
  7. ޒުލްފާ އާދަމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު"، ސ. 3
  8. އބމ 5
  9. މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ބާރުލިބިގެން ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާމެދު، ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އަލުން އެ ކަމެއް ނުވަތަ އެ ނިންމުމެއް ބަލައިދިނުމަށް އެދި އެ ކޯޓަކަށް ހުށަހެޅުމުގެ އިޚްތިޔާރު، އެ ކަމަކާ ނުވަތަ އެ ނިންމުމަކާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ.
  10. ރަޖިސްޓްރާރގެ ނިންމުން ނިންމާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ނިންމުމެއް ރައްދުވި ފަރާތަކުން އެނިންމުން އަލުން ބަލައިދިނުމަށް ސިވިލް ކޯޓަށް ހުށަހެޅިދާނެއެވެ. އަދި މިފަދަ މައްސަލައެއް އަލުން ރަޖިސްޓްރީކުރެވޭނީ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމި ގޮތެއްގެ މައްޗަށެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 124 ވަނަ މާއްދާ
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 213 ވަނަ މާއްދާ
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 115 ވަނަ މާއްދާ
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 406 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 61 ވަނަ މާއްދާގެ (ހ)
  • ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022/R-105) ގެ 77 ވަނަ މާއްދާ
  • "ސިވިލް ކޯޓަށް ދަޢުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" (ސިވިލް ކޯޓު) ގެ 16 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ