ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/SC-HCL/13, 2025/SC-L/64

ރިޔާޟް ޙުސައިން ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 14 ސެޕްޓެމްބަރު 2025ދަށު ކޯޓު: ހައިކޯޓު HC-IH/2025/09ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-IH/2025/09، 4320/Cv-C/2018
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 4320/Cv-C/2018 ގައި ރިޔާޟް ޙުސައިންގެ ޣައިރު ހާޟިރުގައި 5 މާރޗް 2019 ގައި ޙުކުމްކޮށް، 656,945ރ. 12 މަސް ދުވަހުގެ ތެރޭ ދައްކައި ޚަލާސްކުރުމަށާއި ރަހުނު ދެމިއޮންނާނެ ކަމަށް ކަނޑައެޅިއެވެ. 6 އަހަރު ފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުން، ހައިކޯޓުގެ ފަނޑިޔާރުން 09/HC-IH/2025 ގައި އިއްތިފާޤުން ހުއްދަ ނުދިނެވެ.
ވާޤިޢާ
27 މެއި 2014 ގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ގއ. ކޮލަމާފުށީގެ ރޯހައުސްއެއް ގަތުމަށް އެޗް.ޑީ.އެފް.ސީއިން ރިޔާޟް ޙުސައިންއަށް 720,000ރ. ގެ ފެސިލިޓީއެއް ދޫކުރިއެވެ. ފައިސާ ނުދައްކާތީ 2018 ގައި ފައިސާއާއި ޚަރަދު ހޯދައި ރަހުނު ސާބިތުކުރުމަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލިއެވެ. މައްސަލަ ނިމުނުކަން އެނގުނީ 2025 ފެބްރުއަރީގައި ކަމަށާއި، ރިޕޯޓު ލިބުނީ 28 އެޕްރީލް 2025 ގައި ކަމަށް އޭނާ ބުނެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޣައިރު ހާޟިރުގައި ކުރި ޙުކުމެއް ނިމުނުކަން ނޭނގި އޮތުމަކީ، މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް މަޤްބޫލު ސަބަބެއްތޯއާއި، މައްސަލަ ނިމުނުކަން އެނގި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމަށްފަހުވެސް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގައިވާ މުއްދަތުގައި ހުށަނާޅާ މައްސަލައެއްގައި ހުއްދަ ނުދިން ހައިކޯޓުގެ ނިންމުން ރަނގަޅުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ރިޔާޟް ޙުސައިން ބުނީ، ޙުކުމް ކުރީ އޭނާގެ ޣައިރު ހާޟިރުގައި ކަމަށްވާތީ މައްސަލަ ނިމުނުކަން ނޭނގުމަކީ ހައިކޯޓު ޤަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވާ ފަދަ އަމިއްލަ ބާރު ނުފޯރާ މަޤްބޫލު ސަބަބެއް ކަމަށެވެ. ހައިކޯޓުން ފާހަގަކުރީ، ރިޕޯޓު ލިބުމަށްފަހުވެސް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ށ) ގެ މުއްދަތުގައި ހުށަނާޅާ، އޭގެ މަޤްބޫލު ސަބަބެއްވެސް ފާހަގަނުކުރާކަމެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ޙައްޤެއް ނަމަވެސް، އޭގެ މުއްދަތަކީ މުޠުލަޤަށް ދޫކޮށްލެވިފައިވާ ކަމެއް ނޫނެވެ. ޣައިރު ހާޟިރުގައި ކުރި ޙުކުމެއް ނިމުނުކަން ނޭނގުމަކީ މަޤްބޫލު ސަބަބެއް ނަމަވެސް، އެނގޭ ހިސާބުން ޤާނޫނީ މުއްދަތަށް ބަލަންޖެހެއެވެ. 28 އެޕްރީލް 2025 ގައި ރިޕޯޓު ލިބުމަށްފަހު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ (32/2021) 283 ވަނަ މާއްދާގެ މުއްދަތުގައި ހުއްދައަށް އެދި ހުށަނާޅާތީ، ހުއްދަ ނުދިން ހައިކޯޓުގެ ނިންމުން ރަނގަޅެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 4320/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން 09/HC-IH/2025 ގައި ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފު ކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމުގައިވީނަމަވެސް، އެ ޙައްޤު ހޯދައި ލިބިގަތުމުގެ ބޭނުމަށް އިސްތިއުނާފު ކުރުމުގެ މުއްދަތަކީ އެއްވެސް އިސްތިސްނާއެއްނެތި މުޠުލަޤަށް ދޫކޮށްލެވިފައިވާ ކަމެއްނޫނެވެ.

HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ ދަށުން، ހައިކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅޭނީ ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ.

HN3 އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެން ޤާނޫނުގައި ބަޔާންކުރާ މުއްދަތަށް އިސްތިއުނާފަށް ހުށަނޭޅޭ މައްސަލައެއްގައި، މައްސަލަ ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް ކަމުގައިވާނަމަ، މުއްދަތު ފާއިތުވުމަށްފަހުގައިވެސް މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

HN4 ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއްގެ ސަބަބުން މައްސަލައެއް ނިމުނުކަން ނޭނގި އޮތުމަކީ، އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ކޯޓުތަކުން ބަލައިގަންނަ އަމިއްލަ ބާރު ނުފޯރާ ފަދަ މަޤްބޫލު ސަބަބެކެވެ.

HN5 ޣައިރު ހާޒިރުގައި ޙުކުމްކޮށްފައިވާ މައްސަލައެއް ނިމުނުކަން އެނގޭ ހިސާބުން ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފު ކުރުމުގެ މުއްދަތަށް ބަލަންޖެހޭނެއެވެ. އެހެންކަމުން، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުނު ތާރީޚުން ފެށިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިނުވާނަމަ، އަދި އެ މުއްދަތުގައި ހުށަނޭޅުނު މަޤްބޫލު ސަބަބެއް ފާހަގަކޮށްފައިނުވާނަމަ، މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް، ޢަބްދުﷲ ޙަމީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2025/SC-HCL/13

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2025/SC-L/64

ހުށަހެޅުނު ތާރީޚު: 20 އޮގަސްޓު 2025

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ރިޔާޟް ޙުސައިން

ޢާންމު ނަން: ރިޔާޟް

ދާއިމީ އެޑްރެސް: ނިވައިދަށުގެ، ގއ. ކޮލަމާފުށި

މިހާރުގެ އެޑްރެސް: ނިވައިދަށުގެ، ގއ. ކޮލަމާފުށި

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-IH/2025/09

ހުށަހެޅުނު ތާރީޚު: 01 ޖޫން 2025

ނިމުނު ތާރީޚު: 24 ޖުލައި 2025

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 ހައުސިންގ މިނިސްޓްރީއިން ގއ. ކޮލަމާފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްގެ ތެރެއިން ރޯހައުސްއެއް ގަތުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕިލިކ (އެޗްޑީއެފްސީ) އާއި، ގއ. ކޮލަމާފުށި / ނިވައިދޮށުގެ، ރިޔާޟް ޙުސައިންއާ ދެމެދު 27 މެއި 2014 ގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން، 720,000ރ. (ހަތްލައްކަ ވިހިހާސް ރުފިޔާ) ގެ ފެސިލިޓީއެއް އެޗް.ޑީ.އެފް.ސީއިން ރިޔާޟް ޙުސައިންއަށް ދޫކުރިއެވެ.

[2]4.2 ބުނެވިދިޔަ ފެސިލިޓީގެ ދަށުން ދައްކަންޖެހޭ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާތީ، ލޯނު ފެސިލިޓީގެ ދަށުން ލިބެންޖެހޭ ފައިސާއާއި ފެސިލިޓީގެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް ހިނގާ އެންމެހައި ޚަރަދާއި އަދި އެ ފެސިލިޓީއާ ގުޅިގެން، ރަހުނު ކޮށްފައިވާ ގއ. ކޮލަމާފުށި "އަންނި" އެވެ ކިޔާ ރޯހައުސްގެ ރަހުނު ސާބިތުކޮށްދިނުމަށް އެދި 22 އޮކްޓޯބަރު 2018 ގައި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އިން ރިޔާޟް ޙުސައިންގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2018 ޤަޟިއްޔާއިންނެވެ.

[3]4.3 ރިޔާޟް ޙުސައިންގެ ޣައިރު ހާޟިރުގައި ސިވިލް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕިލިކ (އެޗްޑީއެފްސީ) އާއި ރިޔާޟް ޙުސައިންއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޗް.ޑީ.އެފް.ސީ އިން ދޫކުރި ހޯމް ފައިނޭންސް ލޯނު ފެސިލިޓީއަށް އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ އަދާކުރަމުން ގޮސްފައިނުވުމުގެ ސަބަބުން، 5 މާރޗް 2019 ގެ ނިޔަލަށް 656,945ރ. (ހަލައްކަ ފަންސާސް ހަ ހާސް ނުވަސަތޭކަ ސާޅީސް ފަސް ރުފިޔާ) ދައްކަންޖެހިވާކަމަށް ކަނޑައަޅައި، އެ ފައިސާ 5 މާރޗް 2019 އިން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި، ދައްކައި ޚަލާސްކުރުމަށާއި، ފައިސާ ދައްކާ ޚަލާސްކުރުމާ ހަމައަށް އެއްބަސްވުމުގެ ދަށުން އަރަމުންދާ ޖޫރިމަނާގެ ފައިސާ ފެސިލިޓީ އެކައުންޓަށް ޗާޖުކުރެވެމުން ދިޔުމުގެ އިތުރުން، ރަހުނު އެއްބަސްވުން ދެމިއޮންނާނެ ކަމަށް ކަނޑައަޅައެވެ.

[4]4.4 ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2018 ޤަޟިއްޔާ އެ ކޯޓުން ނިންމިތާ 6 (ހައެއް) އަހަރު ދުވަސް ފަހުން، ރިޔާޟް ޙުސައިންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ.

[5]4.5 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 09/HC-IH/2025 [އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް] ގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ، ސިވިލް ކޯޓުގެ ރިޕޯޓު ލިބުނު ތާރީޚަކީ 28 އޭޕްރީލް 2025 ކަމަށް ވާއިރު، ރިޕޯޓު ދޫކުރި ތާރީޚުން ފެށިގެން އިސްތިއުނާފީ މުއްދަތު ގުނުމުންވެސް، މައްސަލަ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހުށަހަޅާފައި ނުވާކަމާއި، މުއްދަތުގެ ފަހުން ހުށަހެޅި މަގުބޫލު ސަބަބެއް ބަޔާންކޮށްފައިނެތަތީ، ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަކަމަށް ކަނޑައަޅައެވެ.

[6]4.6 މިއީ، ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު 09/HC-IH/2025 ނިންމުން، ރިޔާޟް ޙުސައިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ އިސްތިއުނާފާމެދު ނިންމި ނިންމުމެވެ.

[7]4.7 އިސްތިއުނާފު ކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމުގައިވީނަމަވެސް، އެ ޙައްޤު ހޯދައި ލިބިގަތުމުގެ ބޭނުމަށް އިސްތިއުނާފު ކުރުމުގެ މުއްދަތަކީ އެއްވެސް އިސްތިސްނާއެއްނެތި މުޠުލަޤަށް ދޫކޮށްލެވިފައިވާ ކަމެއްނޫނެވެ.

[8]4.8 ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ރިޔާސީ ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއިރު، މަދަނީ މައްސަލަތައް އިސްތިއުނާފުކުރުމުގެ މުއްދަތާގުޅޭ އަސާސްތައް ބަޔާންކޮށްފައިވާ ޤާނޫނަކީ، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) އެވެ.

[9]4.9 އިސްވެ ބަޔާންކުރެވުނު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާއަށް ބަލާއިރު، ހައިކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅޭނީ ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމާއި، އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކަމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާކުރާ ތާރީޚުން ފެށިގެން ކަމަށް ބަޔާންކޮށްފައިވެއެވެ.

[10]4.10 އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެން ޤާނޫނުގައި ބަޔާންކުރާ މުއްދަތަށް އިސްތިއުނާފަށް ހުށަނޭޅޭ މައްސަލަތައް، އެ މައްސަލައެއް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް ކަމުގައިވާނަމަ، މުއްދަތު ފާއިތުވުމަށްފަހުގައިވެސް މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން އެނގެއެވެ.

[11]4.11 ޝަރީޢަތުގެ ކުރިމަތީގައި މިއޮތް މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2018 ޤަޟިއްޔާގެ ޙުކުމް އެ ކޯޓުން ކޮށްފައިވަނީ ރިޔާސީ ޙުސައިންގެ ޣައިރު ހާޒިރުގައި ކަމަށްވާތީ، މި މައްސަލަ ނިމުނުކަން ރިޔާސީ ޙުސައިންއަށް އެނގިފައިނެތުމީ، ހައިކޯޓު ޤަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް ކަމަށް ބަޔާންކޮށް، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ރިޔާޟް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ބަޔާންކުރެވުނު މައްސަލަ، އިސްތިއުނާފަށް ބަލައިގަތުމަށް ހުއްދަދޭން ނުފެންނަކަމަށް، ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ، މައްސަލައަކީ ޣައިރު ހާޒިރުގައި ޙުކުމްކޮށްފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، މައްސަލަ ނިމުނުކަން އެނގި، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމަށްފަހުވެސް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތުގައި އިސްތިއުނާފަށް ހުނަނާފައި، އަދި އެ މުއްދަތުގައި އިސްތިއުނާފަށް ހުށަނޭޅުނު މަޤްބޫލު ސަބަބެއްވެސް ރިޔާޟް ޙުސައިންގެ ފަރާތުން ފާހަގަކޮށްފައިނުވާތީ އެ ސަބަބުގެ މައްޗަށް ނަޒަރުކޮށް ކަން ހައިކޯޓުގެ ނަންބަރު 09/HC-IH/2025 [އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް] އަށް ބެލުމުން އެނގެއެވެ.

[12]4.12 ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމެއްގެ ސަބަބުން މައްސަލައެއް ނިމުނުކަން ނޭންގި އޮވެދާނެއެވެ. އަދި އެ ސަބަބަކީ، އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ކޯޓުތަކުން ބަލައިގަންނަ އަމިއްލަ ބާރު ނުފޯރާ ފަދަ މަޤްބޫލު ސަބަބެއްވެސް މެއެވެ. ނަމަވެސް، އެ މައްސަލައެއް ނިމުނުކަން އެނގޭ ހިސާބުން ޤާނޫނުގައި ބަޔާންކުރާ އިސްތިއުނާފު ކުރުމުގެ މުއްދަތަށް ބަލަންޖެހޭނެ ކަމުގައި ދެކެމެވެ.

[13]4.13 ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2018 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ 05 މާރިޗު 2019 ގައެވެ. މި މައްސަލަ ނިމުނު ކަން ރިޔާޟް ޙުސައިނަށް އެނގިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީގައި ކަމަށް ރިޔާޟް ޙުސައިން ބުނެފައިވާއިރު، މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް އެދި ހުށަހެޅުމުން، 28 އެޕްރީލް 2025 ދުވަހު ރިޕޯޓު ލިބިފައިވާކަން ރިޔާޟް ޙުސައިންގެ ބަހުން އެނގޭއިރު، ރިޕޯޓު ލިބުނު ތާރީޚުން ފެށިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި، ހުށަހަޅާފައި ނުވާތީ، މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި ނިންމުން ރަނގަޅުކަމަށް ދެކެމެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ރިޔާޟް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 09/HC-IH/2025 ”އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް“ އަށް ބަދަލު ގެންނަންޖަހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޙުސައިން ޝަހީދު

މުޙައްމަދު ސަލީމް

ޢަބްދުﷲ ޙަމީދު

22 ރަބީޢުލްއައްވަލް 1447

14 ސެޕްޓެންބަރު 2025

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ (ށ)
  • ހައިކޯޓު ޤަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ (އިސްތިއުނާފުކުރުމުގެ ޙައްޤު)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ