ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/SC-HCL/06, 2026/SC-L/18

އަލްފާ އެމްވީކޭބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އިތުރު 5 ފަރާތް ވ. ބޭންކް އޮފް ސިލޯން

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 7 އޭޕްރީލް 2026ދަށު ކޯޓު: ހައިކޯޓު HC-RM/2026/05ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2026/05، 95-CR/PRIV/2025/79، 3035/Cv-C/2022
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ބޭންކް އޮފް ސިލޯނުން ރަހުނު މުދާ ވިއްކި ގޮތުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި 3035/Cv-C/2022 ގައި، ފަރުވާ ނަގައިނުދެވޭކަމަށް ސިވިލް ކޯޓުން 23 ޖޫން 2025 ގައި ޙުކުމްކުރިއެވެ. އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރު (95-CR/PRIV/2025/79) ބަލައިނުގަތުމުން، ފަނޑިޔާރުން HC-RM/2026/05 ގައި އެ ނިންމުން ދެމެހެއްޓިއެވެ.
ވާޤިޢާ
ލޯނު އެއްބަސްވުންތަކުގެ ދަށުން ރަހުނުކުރި މުދާ ހަމަ އަގަށްވުރެ ދަށް އަގެއްގައި ބޭންކުން ވިއްކި ކަމަށް ބުނެ 33,144,608.16 ރުފިޔާ ހޯދަން ހުށަހެޅި މައްސަލާގެ ޙުކުމް 23 ޖޫން 2025 ގައި ކުރިއެވެ. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު 22 ޖުލައި 2025 ގައި ދޫކުރި ނަމަވެސް، މަޙްޟަރު ބަޔާންތައް ނުލިބުނުކަމަށް ބުނެ، އިސްތިއުނާފު ހުށަހެޅީ 13 ނޮވެންބަރު 2025 ގައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މަޙްޟަރު ބަޔާންތައް ނުލިބުމުން އިސްތިއުނާފު ލަސްވިކަމަށް ބުނެ، ޙުކުމް ކުރިތާ 30 ދުވަސް ފާއިތުވުމަށްފަހު ހުށަހެޅި އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރު ނިންމި ނިންމުން ދެމެހެއްޓި ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަކީ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އާއި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތްތަކުން ހުށަހެޅީ، މަޙްޟަރު ބަޔާންތައް ނުލިބި އިސްތިއުނާފު ލަސްވިކަމަކީ ރަޖިސްޓްރާރު ވަޒަންކުރާނެ ކަމެއް ނޫން، ފަނޑިޔާރުން ވަޒަންކުރަންޖެހޭ ކަމެއްކަމަށް ރަޖިސްޓްރާރު ބުނި ނަމަވެސް، ހައިކޯޓުގެ ފަނޑިޔާރުން އެކަމަށް ރިޢާޔަތްކޮށް ގޮތެއް ނުނިންމީ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އާ ޚިލާފަށާއި، ޤާނޫނުއަސާސީގެ 42 އަދި 56 ވަނަ މާއްދާގެ ޙައްޤުތައް ހަނިވާގޮތަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާއާއި ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 33 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުގެ މުއްދަތަކީ 30 ދުވަހެވެ. މުއްދަތު ފާއިތުވުމަށްފަހު މަޤްބޫލު ސަބަބަކާއެކު އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިގެންވަނީ ފަނޑިޔާރުންނަށެވެ. މި ނިންމުމަކީ އެ މާއްދާގެ ދަށުން ނިންމި ނިންމުމެއް ނޫން، ރަޖިސްޓްރާރުގެ ނިންމުން މުރާޖަޢާކުރި ނިންމުމެއް ކަމުން، ފަނޑިޔާރުންގެ ނިންމުން ޤާނޫނީ އުޞޫލުތަކާ ޚިލާފެއް ނުފެނެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 3035/Cv-C/2022 ގެ ޙުކުމް އިސްތިއުނާފުކުރުމަށް މުއްދަތު ހަމަވުމަށްފަހު ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރު (95-CR/PRIV/2025/79) ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން HC-RM/2026/05 ގައި ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހައިކޯޓުގެ ޤަވާޢިދުގެ 29ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ނުވަތަ އެ ފަދަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކުން، ވަކި ބާވަތެއްގެ މައްސަލައެއް އިސްތިއުނާފުކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާނަމަ، އެ ފަދަ މައްސަލަތަކުގައި އިސްތިއުނާފުގެ މުއްދަތުކަމުގައި ބަލަންވާނީ އެ ޤާނޫނެއްގައި ނުވަތަ އެ ޤަވާޢިދެއްގައި ކަނޑައެޅިފައިވާ މުއްދަތެވެ.

HN2 މަދަނީ މައްސަލައެއްގައި ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގެ ނިންމުމެއް ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ، ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.

HN3 ދަށު ކޯޓުގެ ނިންމުން ނިންމާތާ 30 ދުވަހުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށް އިސްތިއުނާފުކުރުމަށް ހުރަހެއް ނެތެވެ.

HN4 އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވުމަށްފަހުވެސް އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް ހުށަހަޅައިފިނަމަ، އެ ކަމެއްގެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ހައިކޯޓުގެ ޤަވާޢިދުގެ 29ވަނަ މާއްދާގެ (ނ) ގެ ދަށުން ހައިކޯޓުގެ ފަނޑިޔާރުންނަށެވެ. އެހެންކަމުން، އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވެފައިވާ މައްސަލައެއްގެ އިސްތިއުނާފު ހުށަހަޅަންޖެހޭނީ ހައިކޯޓުގެ ފަނޑިޔާރުންނަށެވެ.

HN5 ރަޖިސްޓްރާރުގެ ނިންމުން މުރާޖަޢާކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާ ނިންމުމަކީ، ހައިކޯޓުގެ ޤަވާޢިދުގެ 29ވަނަ މާއްދާގެ (ނ) ގެ ދަށުން މުއްދަތު ފާއިތުވެފައިވާ އިސްތިއުނާފެއް ޤަބޫލުކުރުމާމެދު ހައިކޯޓުގެ ފަނޑިޔާރުން ނިންމާ ނިންމުމެއް ނޫނެވެ. އެހެންކަމުން، މުއްދަތު ހަމަވުމަށްފަހު ހުށަހެޅި އިސްތިއުނާފެއް ބަލައިނުގަތުމަށް ރަޖިސްޓްރާރު ނިންމި ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމުމަކީ، ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު، މުޙައްމަދު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2026/SC-HCL/06

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2026/SC-L/18

ހުށަހެޅުނު ތާރީޚު: 02 މާރިޗު 2026

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

2.1

ފުރިހަމަ ނަން: އަލްފާ އެމްވީކޭބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ޢާންމު ނަން: _

ދާއިމީ އެޑްރެސް: މާލެ ނަންބަރު 39، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މާލެ

މިހާރުގެ އެޑްރެސް: ހ. އޯސިސް ވިއު، މާލެ

2.2

ފުރިހަމަ ނަން: އިބްރާހީމް ޝަފީޤު

ޢާންމު ނަން: އިބްރާހީމް ޝަފީޤު

ދާއިމީ އެޑްރެސް: ހ. ޝަފީޤުގެ، މާލެ

މިހާރުގެ އެޑްރެސް: ހ. އޯސިސް ވިއު، މާލެ

2.3

ފުރިހަމަ ނަން: އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ޢާންމު ނަން: _

ދާއިމީ އެޑްރެސް: ހ. ގާދޫ ބިލްޑިންގ، މާލެ

މިހާރުގެ އެޑްރެސް: ހ. އޯސިސް ވިއު، މާލެ

2.4

ފުރިހަމަ ނަން: ފަހުދު އިބްރާހީމް ޝަފީޤު

ޢާންމު ނަން: ފަހުދު

ދާއިމީ އެޑްރެސް: މ. މާފަންނުއާގެ، މާލެ

މިހާރުގެ އެޑްރެސް: ހ. އޯސިސް ވިއު، މާލެ

2.5

ފުރިހަމަ ނަން: ފަރީދު އިބްރާހީމް ޝަފީޤު

ޢާންމު ނަން: ފަރީދު

ދާއިމީ އެޑްރެސް: މ. މާފަންނުގެ، މާލެ

މިހާރުގެ އެޑްރެސް: ހ. އޯސިސް ވިއު، މާލެ

2.6

ފުރިހަމަ ނަން: އާމިނަތު އިބްރާހީމް

ޢާންމު ނަން: އާމިނަތުދީދީ

ދާއިމީ އެޑްރެސް: މ. މާފަންނުއާގެ، މާލެ

މިހާރުގެ އެޑްރެސް: ހ. އޯސިސް ވިއު، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2026/05

ހުށަހެޅުނު ތާރީޚު: 05 ޖަނަވަރީ 2026

ނިމުނު ތާރީޚު: 28 ޖަނަވަރީ 2026

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 މާލެ، ހ.ޝަފީޤުގެ، އިބްރާހީމް ޝަފީޤް އަދި އަލްފާ އެމްވީކޭބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ބޭންކް އޮފް ސިލޯން އާ ދެމެދު ސޮއިކޮށްފައިވާ ނަންބަރު 265/2011/Cv-C/C، އަދި S-Cv-C/C-80/2010 ލޯން އެއްބަސްވުންތަކުގެ ދަށުން ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދާތައް ވިއްކުމުގައި ބޭންކް އޮފް ސިލޯނުގެ "Bank of Ceylon Ordinance" (1 ޑިސެމްބަރ 1938) ގައި ބަޔާންކޮށްފައިވާ އުޞޫލާއި، ބޭންކްތަކުން ނަގާ ލޯން ޑިފޯލްޓްވާ ޙާލަތުގައި ރަހުނުގެ ގޮތުގައި ބެހެއްޓޭ މުދާ ވިއްކުމުގައި ޢަމަލުކުރާ ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް ބޭންކް އޮފް ސިލޯނުން ޢަމަލުކޮށްފައިވާތީއާއި، ލޯނު އެއްބަސްވުންތަކުގެ ދަށުން ރަހުނުކޮށްފައިވާ މުދާ، އެ މުދަލުގެ ހަމަ އަގަށް ވުރެ ދަށް އަގެއްގައި ބޭންކް އޮފް ސިލޯނުން ވިއްކުމުގެ ސަބަބުން، ރަހުނުކުރެވިފައިވާ މުދާ ވިއްކުމަށްފަހުވެސް ލޯނު އެއްބަސްވުންތަކުގެ މައްސަލަ ހުށަހެޅި ފަރާތުން އިތުރު ފައިސާ ދައްކަންޖެހިފައިވަނީ ބޭންކް އޮފް ސިލޯނުން ރަހުނު ވިއްކުމުގައި ޢަމަލުކުރި ގޮތުގެ ސަބަބުން ކަމުގައިވާތީ، ރަހުނުގެ ގޮތުގައި ބެހެއްޓި މުދާ ވިއްކުމުގައި އުސޫލުން ބޭރުން އަދި ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް އަދި އެ މުދަލުގެ ހަމަ އަގު ހޯދުމުގައި ބޭންކް އޮފް ސިލޯނުން ހެޔޮނިޔަތުގައި ޢަމަލުކޮށްފައިނުވުމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 33,144,608.16/-ރ. (ތިރީސް ތިން މިލިއަން އެއްލައްކަ ސާޅީސް ހަތަރުހާސް ހަސަތޭކަ އަށްރުފިޔާ ސޯޅަލާރި) ހޯދުމަށް އެދި، އިބްރާހީމް ޝަފީޤް އަދި އަލްފާ އެމްވީކޭބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިތުރު ދެ ފަރާތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލައިގައި ސިވިލް ކޯޓުން 23 ޖޫން 2025 ގައި ޙުކުމް ކުރައްވާފައިވަނީ، އިސްތިއުނާފުކުރާ ފަރާތްތަކުން ހޯދުމަށް އެދޭ ފަރުވާތައް ޝަރީޢަތުން ނަގައިދެވެން ނެތްކަމަށެވެ.

[2]4.2 ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އެދި މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކުން 13 ނޮވެންބަރު 2025 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އެ ތާރީޚުގައި އިސްތިއުނާފަށް ހުށަހަޅާފައިވަނީ، ސިވިލް ކޯޓުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާ އެކު މައްސަލައިގެ މަޙުޟަރު ބަޔާންތައް ނުލިބި، ޝަރީޢަތުގެ ރެކޯޑިންގ އަޑުއެހުމަށް ސިވިލް ކޯޓުން ފުރުސަތު ދިން ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެއެވެ.

[3]4.3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/PRIV/2025/79 (ރަޖިސްޓްރާރގެ ނިންމުން) އިން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފު ބަލައިނުގަތުމަށް ނިންމަވާފައިވެއެވެ. އެ ނިންމުމުގައި ބަޔާންކޮށްފައިވަނީ،

"...އިސްތިއުނާފުކުރާ ފަރާތުން "ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް" ހޯދުމަށް ސިވިލް ކޯޓަށް ފޯމު ހުށަހެޅި އިރު އެދިފައިވަނީ މަޙްޟަރު ބަޔާންތަކާއެކު އެ ރިޕޯޓު ހޯދުމަށް ކަމަށާއި، ނަމަވެސް 2025 ޖުލައި 22 ވަނަ ދުވަހު ސިވިލް ކޯޓުން ދޫކުރި "ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް" އާއެކު މަޙްޟަރު ބަޔާންތައް އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިނުވާކަމަށާއި، މި މައްސަލަ އިސްތިއުނާފަށް އެދި މި ހުށަހަޅަނީ އެ ރިޕޯޓާއެކު ހޯދުމަށް އެދުނު އެންމެހައި ލިޔެކިޔުންތަކާއި ބަޔާންތައް ލިބުނު ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމަށް ބަޔާންކޮށް، އަލްފާ އެމްވީކޭބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 05 (ފަހެއް) ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވަނީ 2025 ނޮވެންބަރު 13ވަނަ ދުވަހު ކަން އެނގެން އޮވެއެވެ.

ނަމަވެސް އިސްތިއުނާފަށް ހުށަހެޅޭ މައްސަލައެއްގެ މަޙްޟަރު ބަޔާންތައް ނުލިބި އިސްތިއުނާފު ހުށަހެޅުމަށް ލަސްވެފައިވާކަމީ ރަޖިސްޓްރާރއަށް ހުށަހެޅިފައިވާ ކަމެއް ނޫންކަމާއި، އަދި އެއީ ރަޖިސްޓްރާ ވަޒަންކުރާނެ ކަމެއް ނޫންކަމާއި، އެއީ ހައިކޯޓުގެ ގަވާއިދުގެ 29ވަނަ މާއްދާއިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ފަނޑިޔާރުން ވަޒަންކުރަން ޖެހޭނެ ކަމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/50,51,52,53,54 ޤަޟިއްޔާގެ 26ވަނަ ނުކުތާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.

އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 3045-CVC-2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން 2025 ނޮވެންބަރު 13ވަނަ ދުވަހު ހުށަހަޅާފައިވާއިރު، މައްސަލަ އިސްތިއުނާފުކުރުމަށް ބޭނުންވާނަމަ، 2025 ޖުލައި 24ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަން ޖެހޭކަން އެނގެން އޮންނާތީ، އަލްފާ އެމްވީކޭބީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 05 (ފަހެއް) ފަރާތުން ހުށަހަޅާފައިވާ މި މައްސަލައަކީ އިސްތިއުނާފު މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާ މައްސަލައަކަށްވާތީ ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 283 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/50,51,52,53,54 ޤަޟިއްޔާގެ ނިންމުމަށާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 ނިންމުމަށް ހަވާލާދީ، އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ މި ކޯޓަށް ބަލައިގަނެވެން ނެތްކަން އެންގީމެވެ."

މިފަދައިންނެވެ.

[4]4.4 އިސްވެ ދެންނެވުނު "ރަޖިސްޓްރާރގެ ނިންމުން" 05 ޖަނަވަރީ 2026 ގައި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފުކުރިއެވެ. މިފަދައިން އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2026/05 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ކަނޑައަޅާފައިވަނީ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

[5]4.5 ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިސްތިއުނާފުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 01 (އެކެއް) ނުކުތާއެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/PRIV/2025/79 (ރަޖިސްޓްރާރގެ ނިންމުން) ގައި އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއްގެ މަޙްޟަރު ބަޔާންތައް ނުލިބި އިސްތިއުނާފަށް ހުށަހެޅުން ލަސްވެފައިވާކަން އެއީ ރަޖިސްޓްރާރ ވަޒަންކުރާނެ ކަމެއް ނޫންކަމާއި، އެއީ ހައިކޯޓުގެ ޤަވާޢިދުގެ 29ވަނަ މާއްދާއިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ފަނޑިޔާރުން ވަޒަންކުރަންޖެހޭކަމެއް ކަމަށް ރަޖިސްޓްރާރ ބަޔާންކުރައްވާފައިވަނިކޮށް، އަދި އެ ސަބަބުތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހަޅާފައިވަނިކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2026/05 (ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް) ގައި އެ ކަންކަމަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައަޅުއްވާފައިނުވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29ވަނަ މާއްދާގެ (ނ) އާ ޚިލާފަށް، އަދި ޤާނޫނުއަސާސީގެ 42ވަނަ މާއްދާއާއި 56ވަނަ މާއްދާއިން އިސްތިއުނާފުކުރާ ފަރާތަށް ލިބިދެވޭ ޙައްޤުތައް ހަނިވާގޮތަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

[6]4.6 ހައިކޯޓުގެ ޤަވާޢިދުގެ 29ވަނަ މާއްދާގެ (ށ) ގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ނުވަތަ އެ ފަދަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކުން، ވަކި ބާވަތެއްގެ މައްސަލައެއް އިސްތިއުނާފުކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާނަމަ އެ ފަދަ މައްސަލަތަކުގައި އިސްތިއުނާފުގެ މުއްދަތުކަމުގައި ބަލަންވާނީ އެ ޤާނޫނެއްގައި ނުވަތަ އެ ޤަވާޢިދެއްގައި ކަނޑައެޅިފައިވާ މުއްދަތުކަމަށް ބަޔާންކޮށްފައިވެއެވެ.

[7]4.7 މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 283ވަނަ މާއްދާގެ (ހ) ގައި، ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެން ކަމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށް އިސްތިއުނާފުކުރުމަށް ހުރަހެއް ނެތް ކަން އެ މާއްދާގެ (ށ) އަދި (ނ) އަށް ބެލުމުން އެނގެއެވެ.

[8]4.8 ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 33ވަނަ މާއްދާގެ (ހ) ގައި، ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މަދަނީ މައްސަލައެއްގައި ދަށު ކޯޓަކުން ނިންމައިފައިވާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނީ، އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

[9]4.9 މި މުއްދަތު ފާއިތުވުމަށްފަހުގައި ޢަމަލުކުރަންޖެހޭ އުސޫލު ބަޔާންކޮށްފައިވަނީ ހައިކޯޓުގެ ޤަވާޢިދުގެ 29ވަނަ މާއްދާގެ (ނ) ގައެވެ. އެގޮތުން އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވުމަށްފަހުވެސް އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެ ކަމެއްގެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

[10]4.10 އިސްވެ ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވެފައިވާ މައްސަލައެއްގެ އިސްތިއުނާފު ހުށަހަޅަންޖެހޭނީ، އަދި އެ ފަދަ ހުށަހެޅުމެއް ޤަބޫލުކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ހައިކޯޓުގެ ފަނޑިޔާރުންނަށެވެ. ކުރިމަތީގައި މިއޮތީ މިދެންނެވި އުޞޫލުން ހައިކޯޓުގެ ޤަވާޢިދުގެ 29ވަނަ މާއްދާގެ (ނ) ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމެއް ނޫނެވެ. އަދި މިއީ ރަޖިސްޓްރާރުގެ ނިންމުން މުރާޖަޢާކޮށް ހައިކޯޓުގެ ފަނޑިޔާރު ނިންމާފައިވާ ނިންމުން ބިނާވާ މައްސަލައެކެވެ.

[11]4.11 އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަކަށް ނުފެނެއެވެ.

5. ނިންމުން

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2026/05 (ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް) ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢަލީ ރަޝީދު ޙުސައިން

ޢަބްދުﷲ ޙަމީދު

މުޙައްމަދު އިބްރާހީމް

19 ޝައްވާލް 1447

07 އޭޕްރީލް 2026

ފުޓްނޯޓު

  1. ސިވިލް ކޯޓުގެ ނަންބަރު 3035/Cv-C/2022 ޤަޟިއްޔާ ނިމުނު ގޮތް.
  2. ޤާނޫނު ނަންބަރު 32/2021
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ (ނ)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ)
  • ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 33 ވަނަ މާއްދާގެ (ހ)
  • ހައިކޯޓުގެ 2024/HC-B12/50,51,52,53,54
  • ސުޕްރީމް ކޯޓުގެ 2023/SC-HCL/06

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ