ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/SC-HCL/08, 2025/SC-L/49

މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އިސްމާޢީލް ޝާފިޢީ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 10 ޖުލައި 2025ދަށު ކޯޓު: ހައިކޯޓު HC-RM/2025/05ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2025/05، 95-CR/MFLC/2025/1، 1473-CVC-2023
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 1473-CVC-2023 ގައި ބެލި ތަރިކައިގެ މައްސަލައިގައި، އެމް.އެފް.އެލް.ސީ އިން ދަޢުވާކުރީ 55،903.57 ރުފިޔާއެވެ. ސިވިލް ކޯޓުން ނިންމީ ތަރިކައިން އުނިކުރަންވާނީ 37،632.69 ރުފިޔާކަމަށެވެ. އެ ނިންމުމުގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/MFLC/2025/1 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން HC-RM/2025/05 ގައި އެ ނިންމުން ދެމެހެއްޓިއެވެ.
ވާޤިޢާ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު ހުށަހެޅުމާއި، ފޯމުގެ 6، 7 އަދި 8 ވަނަ ނަންބަރުގައިވާ ޤަޟިއްޔާ ނަންބަރު އިޞްލާޙުކުރުމަށް، ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ބ) ގެ ދަށުން 13 ޖަނަވަރީ 2025 ގައި ރަޖިސްޓްރާރ 7 ދުވަހުގެ މުއްދަތު ދިނެވެ. މުއްދަތުގައި ފޯމު އިޞްލާޙު ނުކުރުމުން، އެ މާއްދާގެ (ޅ) ގެ ދަށުން 05 ފެބުރުވަރީ 2025 ގައި މައްސަލަ ބަލައިނުގަތެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރަޖިސްޓްރާރ ދިން 7 ދުވަހުގެ މުއްދަތުގައި އިސްތިއުނާފު ފޯމު އިޞްލާޙު ނުކުރުމުން، ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ޅ) ގެ ދަށުން އިސްތިއުނާފު ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމި ނިންމުން ދެމެހެއްޓި ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ޞައްޙަތޯ؛ އަދި ފޯމުގެ ގިނަ ތަންތަނުގައި ޤަޟިއްޔާ ނަންބަރު ތަފާތަށް ލިޔެފައިވުމަކީ ލިޔުމުގެ ކުށެއްކަމަށް ބަލައި ދޫކޮށްލެވޭނެ ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އެމް.އެފް.އެލް.ސީ ބުނީ، ރަޖިސްޓްރާރގެ ނިންމުމަކީ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ރ)، (ބ) އަދި (ޅ) އާ ޚިލާފު ނިންމުމެއް ކަމަށާއި، ރަޖިސްޓްރާރގެ އިޚްތިޔާރަކީ އިމެއް ނެތް އިޚްތިޔާރެއް ނޫންކަމަށް 2022/SC-A/26 ގައި ކަނޑައަޅާފައިވާކަމަށާއި، (ރ) ގެ 1 އިން 5 އަށް ފެތޭ ކަމެއް އިޞްލާޙު ނުކޮށްފިނަމަ މެނުވީ މައްސަލަ ބާޠިލުނުކުރެވޭނެކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ (ނ) ގެ ދަށުން ޚުލާޞާއަށް ބިނާކޮށް އިސްތިއުނާފުކުރެވިދާނެ ނަމަވެސް، އިސްތިއުނާފުކުރަނީ ކޮން ޤަޟިއްޔާއެއްކަން ސާފުވާންޖެހެއެވެ. ފޯމުގައި 1473-CVC-2023 ލިޔެފައިވަނީ 2 ތަނެއްގައި ކަމަށާއި 1473-CVC-2024 ލިޔެފައިވަނީ 15 އަށްވުރެ ގިނަ ތަނެއްގައި ކަމަށްވާތީ، އެއީ އަތުކުށެއްކަމަށް ބަލައި ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ބ) އާއި (ޅ) ގެ ދަށުން ރަޖިސްޓްރާރަށް އިޚްތިޔާރު ލިބިގެންވާއިރު، އެ އެންގުމަކީ ޤާނޫނީ އިމުން ބޭރުން އަންގާފައިވާ އެންގުމެއްކަމުގެ އިޝާރާތެއްވެސް މުއްދަތުގައި ނުކޮށް، އީޖާބީ ފިޔަވަޅު ނާޅާތީ ހައިކޯޓުގެ ނިންމުމަށް ބަދަލު ނުގެނެވެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ހައިކޯޓުގެ ނަންބަރު 95-CR/MFLC/2025/1 ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމި HC-RM/2025/05 ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައެޅިއެވެ. (ސިވިލް ކޯޓުގެ 1473-CVC-2023 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިނުގަތުން ދެމިއޮތެވެ.)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށް އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ. ނަމަވެސް، އިސްތިއުނާފު ބަލައިގަތުމުގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރުމަށް އެދެނީ ކޮން ޤަޟިއްޔާއެއްކަން ސުވާލެއް ނުއުފުދޭ މިންވަރަށް ސާފުކޮށްދެވިފައި އޮންނަންވާނެއެވެ.

HN2 ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ހުށަހަޅާ ފޯމާއެކު، ޝަރީޢަތް ނިމުނު ގޮތް ނުވަތަ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ނުވަތަ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ ތެރެއިން ކޮންމެ ލިޔުމެއް ހުށަހަޅާފައިވީނަމަވެސް، އިސްތިއުނާފު ފޯމު ބަލައިގަތުމުގެ ބޭނުމަށް ފުދޭނެއެވެ.

HN3 ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާއަށް ޖުމްލަގޮތެއްގައި ބެލުމުން، ދަޢުވާ ފޯމުގައި ހިމެނުމަށް ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާނަމަ، އެ ފޯމު ބާޠިލުކުރުމަށް ނުވަތަ އެ މަޢުލޫމާތުތައް ހިމަނައި ފޯމު އިޞްލާޙުކުރުމަށް 07 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިދީފައިވެއެވެ. އަދި ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި އެ ކަމެއް އިޞްލާޙުކޮށް އަލުން ހުށަނުއަޅައިފިނަމަ، އެ މައްސަލައެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިދީފައިވެއެވެ.

HN4 އިސްތިއުނާފު ފޯމުގައި އިސްތިއުނާފުކުރަން އެދޭ ޤަޟިއްޔާގެ ނަންބަރު އެއް ގޮތަކަށް ލިޔެފައިވަނީ މަދު ތަންތަނެއްގައި ކަމަށްވެ، އެހެން ނަންބަރެއް ފޯމުގެ ގިނަ ތަންތަނުގައި ލިޔެފައިވާނަމަ، ކުށަކުން ލިޔެވިފައިވަނީ ކޮންތަނެއްގައިކަމާމެދު ސުވާލު އުފެދޭތީ، އެއީ އަތުކުށެއްކަމުގައި ނިންމާ އަޅައި ނުލައި ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. އަދި އެފަދަ ފޯމަކީ ލިޔުމުގެ ކުށަކުންކަމަށް ބަލައި އިސްތިއުނާފަށް ބަލައިގަނެވިގެންވާނެ ފޯމެއް ނޫނެވެ.

HN5 އިސްތިއުނާފު ފޯމު އިޞްލާޙުކުރުމަށް ހައިކޯޓުގެ ރަޖިސްޓްރާރ އަންގައިފިނަމަ، އެ އެންގުމާމެދު ކަމުގެ ވަގުތުގައި އަޅާލުމެއް ނެތި ހަނު ހުރުމުގެ ބަދަލުގައި، ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި އެ އެންގުމުގައި ހިމެނޭ ކަންކަމާމެދު އީޖާބީގޮތެއްގައި ފިޔަވަޅު އަޅަންޖެހޭނެއެވެ. އެ މުއްދަތުގައި ފޯމު އިޞްލާޙު ނުކޮށް، އަދި އެ އެންގުމަކީ ޤާނޫނީ އިމުން ބޭރުން އަންގާފައިވާ އެންގުމެއްކަމަށް ދޭހަވާނެ ފަދަ އިޝާރާތެއްވިޔަސް ނުކޮށްފިނަމަ، މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމި ނިންމުން ދެމެހެއްޓި ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ކަމަކަށް ނުފެނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2025/SC-HCL/08

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2025/SC-L/49

ހުށަހެޅުނު ތާރީޚު: 18 ޖޫން 2025

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ޢާންމު ނަން: އެމް.އެފް.އެލް.ސީ

ދާއިމީ އެޑްރެސް: ހ. އާގެ، މާލެ

މިހާރުގެ އެޑްރެސް: ހ. ފިލިގަސްދޮށުގެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2025/05

ހުށަހެޅުނު ތާރީޚު: 16 ފެބްރުއަރީ 2025

ނިމުނު ތާރީޚު: 18 މޭ 2025

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2023 ޤަޟިއްޔާ އިން ބެލި މ. ލުނބޯގަސްދޮށުގެ، މާލެ، އަލްމަރްޙޫމާ ޔުމްނާ ނިޒާމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A068858) ގެ ތަރިކައިގެ މައްސަލައަށް މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެމް.އެފް.އެލް.ސީ" ކަމަށް ބުނެފައިވާ) އިން ތަދައްޚުލުވެ، އެ ކުންފުނިން މަރްޙޫމާ ނަގާފައިވާ 50،000 (ފަންސާސް ހާސް) ރުފިޔާގެ ލޯނަށް ދައްކަންޖެހި ނުދައްކައިވަނީ 55،903.57 (ފަންސާސް ފަސްހާސް ނުވަސަތޭކަ ތިންރުފިޔާ ފަންސާސް ހަތްލާރި) ރުފިޔާ ކަމަށް ދަޢުވާކޮށް، މަރްޙޫމާގެ ތަރިކަ މުދަލުން އެ ދަރަނި އަދާކޮށް ޚަލާޞްކުރަންޖެހޭކަމަށް ކަނޑައަޅައި ދިނުމަށް އެދުނެވެ. ނަމަވެސް، ސިވިލް ކޯޓުން ނިންމާފައިވަނީ އެމް.އެފް.އެލް.ސީ އިން ނަގާފައިވާ ލޯނަށް މަރްޙޫމާގެ ތަރިކަ މުދަލުން އުނިކުރަންވާނީ އެމަރްޙޫމާ ނިޔާވުމާ ހަމައަށް ނުދައްކައިވާ 37،632.69 (ތިރީސް ހަތްހާސް ހަސަތޭކަ ބައްތިރީސް ރުފިޔާ ފަސްދޮޅަސް ނުވަލާރި) ރުފިޔާ ކަމަށެވެ. ސިވިލް ކޯޓުގެ މި ނިންމުން އިސްތިއުނާފުކުރުމަށް އެދި، އެމް.އެފް.އެލް.ސީގެ ފަރާތުން 26 ފެބުރުވަރީ 2025 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

[2]4.2 އެމް.އެފް.އެލް.ސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުން 2 ކަމެއް ފާހަގަކޮށް، އެކަންކަން އިޞްލާޙުކުރުމަށްފަހު، 23 ޖަނަވަރީ 2025 ގެ ކުރިން އިސްތިއުނާފު ފޯމު އަލުން ހުށަހެޅުމަށް ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ބ) ގެ ދަށުން، 13 ޖަނަވަރީ 2025 ގައި އެމް.އެފް.އެލް.ސީއަށް 7 ދުވަހުގެ މުއްދަތެއް ހައިކޯޓުގެ ރަޖިސްޓްރާރ ދީފައިވެއެވެ.

[3]4.3 ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2023 ޤަޟިއްޔާގެ އިސްތިއުނާފު ފޯމުގައި އިޞްލާޙްކުރުމަށް އަންގާފައިވާ 02 (ދޭއް) ކަމަކީ، (1) އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2023 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު މަޙުޟަރު ބަޔާންތަކާއި ލިޔެކިޔުންތަކާއެކު ހުށަހެޅުމަށާއި؛ (2) އިސްތިއުނާފު ފޯމުގެ 6، 7 އަދި 8ވަނަ ނަންބަރުގައި ލިޔެފައިވާ އިސްތިއުނާފުކުރާ ޤަޟިއްޔާ ނަންބަރު އިޞްލާޙުކުރުމަށެވެ.

[4]4.4 2025 ޖަނަވަރީ 13ވަނަ ދުވަހު އަންގާފައިވާ އެންގުމާ އެއްގޮތަށް ފޯމު އިޞްލާޙުކޮށް ހުށަހަޅާފައިނުވާތީ، ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31ވަނަ މާއްދާގެ (ޅ) އަށް ޙަވާލާދީ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ނަންބަރު 95-CR/MFLC/2025/1 "ރަޖިސްޓްރާރގެ ނިންމުން" އިން ނިންމާފައިވެއެވެ.

[5]4.5 ބަޔާންވެދިޔަ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި އެމް.އެފް.އެލް.ސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގައި އެ މައްސަލަ މުރާޖަޢާކުރި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށެވެ.

[6]4.6 މިއީ، ހައިކޯޓުގެ ނަންބަރު HC-RM/2025/05 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އެމް.އެފް.އެލް.ސީގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެމައްސަލަ ބަލައި ނިމުނު ގޮތެވެ.

[7]4.7 ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރަމުން އެމް.އެފް.އެލް.ސީގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމުމަކީ، ހައިކޯޓުގެ ޤަވާޢިދުގެ 31ވަނަ މާއްދާގެ (ރ) އާއި (ބ) އަދި (ޅ) އާ ޚިލާފު ނިންމުމެއް ކަމަށާއި، އެކަމަށް ހައިކޯޓުން ރިޢާޔަތްނުކޮށް، މައްސަލަ ނިންމާފައިވާ ކަމަށާއި، އިސްތިއުނާފަށް މައްސަލަ ބަލައި ނުގަތުމަށް ރަޖިސްޓްރާރ އިޚްތިޔާރުކުރި ކުރުމަކީ، ކޮންމެ އިޚްތިޔާރަކީ މުޠުލަޤަށް އެއްވެސް އިމެއް ނެތްގޮތަށް ލިބިދެވޭ އިޚްތިޔާރެއް ނޫންކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/26 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށްވާއިރު، އެކަމަށް ހައިކޯޓުން ރިޢާޔަތްނުކޮށް، މައްސަލަ ނިންމާފައިވާކަމަށާއި، ހައިކޯޓުގެ ޤަވާޢިދުގެ 31ވަނަ މާއްދާގެ (ބ) ގެ ދަށުން އިސްތިއުނާފު ފޯމު އިސްލާޙުކުރުމަށް ދެވޭ 7 ދުވަހުގެ މުއްދަތުގައި، ފޯމު އިޞްލާޙުކޮށް އަލުން ހުށަނުއަޅައިފިނަމަ އެ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް މައްސަލައެއް ބާޠިލުކުރެވޭނީ ހައިކޯޓުގެ ޤަވާޢިދުގެ އެ މާއްދާގެ (ރ) ގެ ނަންބަރު 1 އިން 5 ގައިވާފަދަ ޙާލަތަކަށް ފެތޭ ކަމެއް އިސްލާޙުނުކޮށްފިނަމަކަން އެ މާއްދާތައް އެއްކޮށް ކިޔާލުމުން އެނގޭކަމަށާއި، މިކަންތަކަށް ރިޢާޔަތްނުކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށެވެ.

[8]4.8 ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 283ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށް އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2023 ޤަޟިއްޔާއިން ބެލި މައްސަލަ އެމް.އެފް.އެލް.ސީގެ ފަރާތުން އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅި ފޯމާއެކު އެ ޤަޟިއްޔާ ނިމުނުގޮތުގެ ލިޔުން ހުށަހެޅި ކަމަށް އެމް.އެފް.އެލް.ސީގެ ފަރާތުން ބުނެފައިވާއިރު، އެ ފަރާތުން ހުށަހަޅާފައިވާ ފޯމުގެ 8ވަނަ ނަންބަރުގައި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ލިޔުންތަކާއި ހެކިތަކުގެ ގޮތުގައި ލިޔެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2024 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ކޮޕީއެވެ. ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2023 ޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތް ހުށަހެޅިކަމަށް ލިޔެފައިނުވެއެވެ. އެހެންކަމުން އެމް.އެފް.އެލް.ސީގެ ފަރާތުން ހަމަ ޙަޤީޤަތުގައިވެސް އިސްތިއުނާފުކުރުމަށް އެދެނީ ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2023 ޤަޟިއްޔާ ކަމުގައިވާނަމަ، އިސްތިއުނާފު ބަލައިގަތުމުގެ ބޭނުމަށްޓަކައި، އެކަން ސުވާލެއް ނުއުފުދޭ މިންވަރަށް ސާފުކޮށްދެވިފައި އޮންނަންވާނެކަމަށް ދެކެމެވެ.

[9]4.9 ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމަށް ބަލާއިރު، އެ ފޯމުގެ ”އިސްތިއުނާފުކުރުމަށް ހުށަހަޅާ ފަރާތުގެ ސަމާލުކަމަށް:“ މި ސުރުޚީގެ ދަށުން، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ލިސްޓުކޮށްފައިވާއިރު 7ވަނަ ނަންބަރުގައި، [އިސްތިއުނާފުކުރާ ނިންމުމަކީ ޙުކުމެއް ނަމަ ނުވަތަ މައްސަލައިގެ ނިންމުން ނަމަ ޝަރީޢަތް ނިމުނު ގޮތް ނުވަތަ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުވަތަ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ހިމެނެއެވެ. އެހެންކަމުން އިސްތިއުނާފު ފޯމު ބަލައިގަތުމުގެ ބޭނުމަށްޓަކައި، އެއިން ކޮންމެ ލިޔުމެއް ހުށަހަޅާފައިވީނަމަވެސް ފުދޭނެކަމަށް ދެކެމެވެ.

[10]4.10 ހައިކޯޓުގެ ޤަވާޢިދުގެ 31ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ:

ދަޢުވާ ފޯމުން މައްސަލަ ހުށަހެޅުން

31. (ހ) ހައިކޯޓަށް މައްސަލައެއް ހުށަހެޅޭނީ، އެ މައްސަލައެއްގެ މަޞްލަޙަތެއް އޮތް ފަރާތަކަށް ނުވަތަ ފަރާތްތަކަށެވެ. މި ގޮތުން ހައިކޯޓަށް މައްސަލަ ހުށަހަޅާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމުން ނުވަތަ އެ ފޯމާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޕްރިންޓްކޮށްފައިވާ ލިޔުމަކުންނެވެ.

(ށ) ޕްރިންޓްކޮށްގެން ހުށަހަޅާ ދަޢުވާ ފޯމު އޮންނަންވާނީ ފޯމުގެ އަޞްލު ފޯމެޓް ބަދަލު ނުވާނޭހެން އޭގެ އަޞްލާ އެއްގޮތަށެވެ. މިގޮތުން ޕްރިންޓުކޮށްގެން ހުށަހަޅާ ލިޔުންތައް ހުންނަންވާނި ފަރުމާ ފޮންޓު ސައިޒު 13 އާއި 15 އާ ދެމެދުއެވެ.

(ނ) ހައިކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްވެސް ކޯޓަށް ހުށަހެޅުމާއެކު، މައްސަލަ ހުށަހަޅާ ފޯމު ފުރިހަމަކޮށްފައިވަނީ މި ޤަވާޢިދާ އެއްގޮތަށްތޯ ރަޖިސްޓްރާރ ކަށަވަރު ކުރުމަށްފަހު، ފުރަތަމަ މަރުޙަލާގައި މައްސަލަތައް ރަޖިސްޓްރީކުރާ ރަޖިސްޓްރީގައި މައްސަލައާބެހޭ އަންނަނިވި މަޢުލޫމާތު، ރަޖިސްޓްރާރ ހިމަނަންވާނެއެވެ.

1. މައްސަލަ ހުށަހަޅާ ފަރާތުގެ ނަން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު/ ޕާސްޕޯޓް ނަންބަރު، މިހާރު އުޅޭ އެޑްރެސް، ދާއިމީ އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު.

2. މައްސަލަ ރައްދުވާ ފަރާތުގެ ނަން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު/ ޕާސްޕޯޓް ނަންބަރު، މިހާރު އުޅޭ އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު.

3. މަޞްލަޙަތު ހިމެނޭ ތިންވަނަ ފަރާތެއްވާނަމަ އެ ފަރާތަކާބެހޭ މަޢުލޫމާތު.

4. ދަޢުވާގެ ބާވަތް.

5. މައްސަލަ ހުށަހެޅުނު ތާރީޚާއި ގަޑި.

6. ރަޖިސްޓްރާރ އެޅި ފިޔަވަޅު.

(ރ) ތިރީގައިވާ ޙާލަތްތަކުގައި ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޯމު އިޞްލާޙުކުރަން އެންގުމުގެ ނުވަތަ ބާޠިލުކުރުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

1. ދަޢުވާ ބެލުމުގެ ނުވަތަ ހުށަހެޅިފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް ކޯޓަށް ނެތުން.

2. ދަޢުވާ ފޯމުގައި ނުވަތަ ހުށަހެޅުން ހުށަހަޅާ ފޯމުގައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވާ މަޢުލޫމާތު ނެތުން ނުވަތަ މި ޤަވާޢިދާ ޚިލާފަށް ފޯމު ފުރާފައިވުން.

3. ހުށަހަޅަންޖެހޭ ފޯމު ނޫން އެހެން ފޯމަކުން މައްސަލަ ހުށަހަޅާފައިވުން.

4. ރަޖިސްޓްރާރގެ ނަޒަރުގައި އެ ދަޢުވާއެއް ނުވަތަ ހުށަހެޅުމެއް ހުށަހަޅާފައިވަނީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ނުވަތަ ކޯޓުގެ ވަގުތު ނަގާލުމަށް ނުވަތަ އެހެން މީހަކަށް އުނދަގުލެއް ދިނުމަށް ކަމުގައިވުން.

5. ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް އޮންނަ މުއްދަތު ހަމަވުމުގެ ފަހުން ހުށަހަޅާފައިވާ ދަޢުވާއެއް ނުވަތަ މައްސަލައެއް ކަމުގައިވުން.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ފޯމެއް އިޞްލާޙުކުރުމަށް 07 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބެގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ދެވިފައިވާ މުއްދަތުގައި އެކަމެއް އިޞްލާޙުކޮށް އަލުން ހުށަނުއަޅައިފިނަމަ އެ މައްސަލައެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

މިފަދައިންނެވެ.

[11]4.11 ބަޔާންކުރެވުނު ހައިކޯޓުގެ ޤަވާޢިދުގެ 31ވަނަ މާއްދާއަށް ޖުމްލަގޮތެއްގައި ބެލުމުން، ދަޢުވާ ފޯމުގައި ހިމެނުމަށް ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާނަމަ، އެ ފޯމު ބާޠިލުކުރުމަށް ނުވަތަ އެ މަޢުލޫމާތުތައް ހިމަނައި ފޯމު އިޞްލާޙުކުރުމަށް 07 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިދީފައިވާކަމާއި، ފޯމު އިޞްލާޙުކުރުމަށް ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި އެ ކަމެއް އިޞްލާޙުކޮށް އަލުން ހުށަނުއަޅައިފިނަމަ އެ މައްސަލައެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިދީފައިވާކަން އެނގެއެވެ.

[12]4.12 އެމް.އެފް.އެލް.ސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުން 2 ކަމެއް ފާހަގަކޮށް، އެ ކަންކަން އިޞްލާޙުކުރުމަށްފަހު، އަލުން ހުށަހެޅުމަށް، 07 (ހަތެއް) ދުވަހުގެ މުއްދަތެއް، 13 ޖަނަވަރީ 2025 ގައި އެމް.އެފް.އެލް.ސީއަށް ހައިކޯޓުގެ ރަޖިސްޓްރާރ ދީފައިވެއެވެ. އަދި އިޞްލާޙުކުރުމަށްފަހު 23 ޖަނަވަރީ 2025 ގެ ކުރިން އިސްތިއުނާފު ފޯމު އަލުން ހުށަހެޅުމަށް އަންގާފައިވެއެވެ.

[13]4.13 އެމް.އެފް.އެލް.ސީގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ ފޯމަށް ބަލާއިރު، އެ ފޯމުގެ 4ވަނަ ނަންބަރުގައި، ކުރިން ނިމިފައިވާ މައްސަލަ ބަޔާންކުރިއިރު، 1473-CVC-2023 ބަޔާންކޮށްފައިވެއެވެ. ނަމަވެސް ފޯމުގެ 6ވަނަ ނަންބަރުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަ ނިމިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށް ކަމަށް ފެންނަ 3 (ތިނެއް) ނުކުތާ ބަޔާންކޮށްފައިވާއިރު، އެއިން ކޮންމެ ނުކުތާއެއްގައިވެސް ޙަވާލާދީފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2024 ޤަޟިއްޔާއަށެވެ. އަދި އެ ފޯމުގެ 7ވަނަ ނަންބަރުގައި އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި 7.1، 7.1.3، 7.1.4، 7.1.5، 7.2، 7.2.2، 7.2.5، 7.3، 7.3.3، 7.3.4، ގައި ޙަވާލާދީފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2024 ޤަޟިއްޔާއަށެވެ. އޭގެ އިތުރަށް ފޯމުގެ 8ވަނަ ނަންބަރުގައި އިސްތިއުނާފުކުރުމަށް އެދޭ މައްސަލައިގެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ލިޔުންތަކާއި ހެކިތަކުގެ ދަށުން 1ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2024 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ކޮޕީއެވެ. އިތުރު ޤަޟިއްޔާއެއްގެ ޝަރީޢަތް ނިމުނުގޮތް ހުށަހެޅިކަމަށް ބަޔާންކޮށްފައި ނުވެއެވެ. އަދި ފޯމުގެ 9ވަނަ ނަންބަރުގައި އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތުގެ 9.1 އަދި 9.4 ގައިވެސް ޙަވާލާ ދީފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2024 ޤަޟިއްޔާއަށެވެ.

[14]4.14 އެމް.އެފް.އެލް.ސީގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ މުޅި ފޯމަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2023 ޤަޟިއްޔާ ލިޔެފައިވަނީ ޖުމްލަ 2 ތަނެއްގައެވެ. އެއީ ފޯމުގެ 4ވަނަ ނަންބަރުގައި އިސްތިއުނާފުކުރަން އެދޭ ޤަޟިއްޔާ ބަޔާންކުރުމަށް ކަނޑައެޅިފައިވާ ތަނުގައްޔާއި، ފޯމުގެ 6ވަނަ ޞަފްޙާގައިވާ ފުޓް ނޯޓުގައެވެ. ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2024 ޤަޟިއްޔާ 15 އަށްވުރެ ގިނަތަނެއްގައި ލިޔެފައިވެއެވެ. އެހެންކަމުން ފޯމުގައި ބަޔާންކޮށްފައިވާ ޤަޟިއްޔާ ނަންބަރު ލިޔުމުގައި ކުށަކުން ލިޔެވިފައިވަނީ ކޮންތަނެއްގައިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދެއެވެ. އަދި އެއީ އަތުކުށެއްކަމުގައި ނިންމާ އަޅައި ނުލައި ދޫކޮށްލެވޭނެކަމެއް ކަމުގައި ނުދެކެމެވެ.

[15]4.15 އެމް.އެފް.އެލް.ސީއަށް ހައިކޯޓުގެ ރަޖިސްޓްރާރ 2025 ޖަނަވަރީ 13ވަނަ ދުވަހު އަންގާފައިވާ އެންގުމާ އެއްގޮތަށް ފޯމު އިޞްލާޙުކޮށް ހުށަހަޅާފައިނުވާތީ، މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވަނީ އެމް.އެފް.އެލް.ސީއަށް ހައިކޯޓުގެ ރަޖިސްޓްރާރ ދީފައިވާ މުއްދަތު ފާއިތުވި ފަހުން 2025 ފެބުރުވަރީ 05ވަނަ ދުވަހުއެވެ. ފޯމު އިޞްލާޙުކުރުމަށް އެމް.އެފް.އެލް.ސީއަށް ހައިކޯޓުގެ ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި އަދި އެ މުއްދަތު ފާއިތުވިފަހުން، ރަޖިސްޓްރާރ މައްސަލަ ބަލައިނުގަތުމަށް ނިންމި ދުވަހާ ހަމަޔަށް ހިނގާފައިވާ ދުވަސްތަކުގައިވެސް، ހައިކޯޓުގެ ރަޖިސްޓްރާރ އިޞްލާޙުކުރުމަށް އަންގާފައިވާކަންކަމަކީ ޤާނޫނީ އިމުން ބޭރުން އަންގާފައިވާ އެންގުމެއްކަމަށް ދޭހަވާނެ ފަދަ އިޝާރާތެއްވިޔަސް އެމް.އެފް.އެލް.ސީން ނުވަތަ އެ ފަރާތުގެ ވަކީލުންވިޔަސް ކޮށްފައިވާކަން އެނގެން ނެތެވެ. އެއާ ޚިލާފަށް އިސްތިއުނާފު ފޯމު އިޞްލާޙުކުރުމަށް ހައިކޯޓުގެ ރަޖިސްޓްރާރ އަންގާފައިވާ އެންގުމާމެދު ކަމުގެ ވަގުތުގައި އަޅާލުމެއް ނެތި، ހަނު ހުރުމުގެ ބަދަލުގައި އެ އެންގުމުގައި ހިމެނޭ ކަންކަމާމެދު ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި އީޖާބީގޮތެއްގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ދެކެމެވެ.

[16]4.16 ހައިކޯޓުގެ ނަންބަރު HC-RM/2025/05 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އެމް.އެފް.އެލް.ސީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފޯމަށް ބަލާއިރު، އެ ފޯމުގެ 5ވަނަ ނަންބަރު (އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ފަސްފަހަތް) ގެ 5.1، 5.2، 5.3 ގައިވެސް ލިޔެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1473-CVC-2024 ޤަޟިއްޔާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ފޯމުގައިވެސް 2023 ލިޔަންޖެހޭ ތަނެއްގައި 2024 ލިޔެފައިވަނީ ލިޔުމުގެ ކުށަކުންކަމަށް ބަލައި، އިސްތިއުނާފަށް ބަލައިގަނެވިގެންވާނެ ފޯމެއް ކަމަށް ނުފެނެއެވެ.

[17]4.17 ވީމާ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ކަމަކަށް ނުފެއެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ހައިކޯޓުގެ ނަންބަރު 95-CR/MFLC/2025/1 ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކޮށް އެ ކޯޓުން ނިންމާފައިވާ ނަންބަރު HC-RM/2025/05 ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޙުސައިން ޝަހީދު

ޢަބްދުﷲ ޙަމީދު

މުޙައްމަދު ސަލީމް

15 މުޙައްރަމް 1447

10 ޖުލައި 2025

ފުޓްނޯޓު

  1. ހައިކޯޓުގެ ނަންބަރު HC-RM/2025/05 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް"
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 283 ވަނަ މާއްދާގެ (ނ)
  • ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާ
  • ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ނ)
  • ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ރ)
  • ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ބ)
  • ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ޅ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ