މޯލްޑިވްސް ކަސްޓަމްސް ސަރވިސް (ދިވެހި ދައުލަތް) ވ. ޢާއިޝަތު ވިލްނީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2023/25، 95-CR/32/2023/20، 146/VTR/2022
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 146/VTR/2022 ނިންމުމުގެ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާތީ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/32/2023/20 ގައި އިސްތިއުނާފު ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/25 ގައި އެ ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 146/VTR/2022 ނިންމުމުގެ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން 19 ފެބުރުއަރީ 2023 ގައި ހައިކޯޓަށް ހުށަހެޅިއެވެ. ހުށަހެޅުން ބަލައިގަތުމަށް ނިންމައި، ޓްރައިބިއުނަލްގެ ރިޕޯޓާއި ފޯމުގެ ހާރޑް ކޮޕީއާއި އެގްޒިބިޓްތައް ހުށަހަޅައި -/300 ރުފިޔާގެ ރަޖިސްޓްރޭޝަން ފީ ދެއްކުމަށް 12 މާރޗް 2023 ގައި ރަޖިސްޓްރާރ އެންގިއެވެ. ފީ ނުދެއްކުމުން އިސްތިއުނާފު ބަލައިނުގަތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައިކޯޓުގެ ޤަވާޢިދު (2011) ގައި މައްސަލަ ރަޖިސްޓްރީކުރުމަށް ފީއެއް ދައްކަންޖެހޭކަމަށް ކަނޑައަޅާފައި އޮތުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނާ ޚިލާފު ކަމެއްތޯއާއި، ކަނޑައަޅާފައިވާ ރަޖިސްޓްރޭޝަން ފީ ދައްކާފައި ނުވާތީ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުން ނިންމުމަކީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކަސްޓަމްސް ސަރވިސް ބުނީ، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 16، 18، 56 އަދި 69 ވަނަ މާއްދާތަކާއި މަދަނީ އިޖުރާއަތުގެ ޤާނޫނާ (ޤާނޫނު ނަންބަރު 32/2021) ޚިލާފު ނިންމުމެއް ކަމަށާއި، ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގައި ނެތް ކަންކަން ފުރިހަމަކުރުމަށް ހައިކޯޓުގެ ޤަވާޢިދު (2011) އަށް ރިޢާޔަތްކުރެވޭނެކަމަށް ނުދެކޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 34 ވަނަ މާއްދާގައިވާ ގޮތުން، ރަޖިސްޓްރީކުރުމަށް ކޯޓުން ކަނޑައަޅާ ފީ ޚަޞްމު ދައްކަންވާނެއެވެ. އެ ފީ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ފީ ނެގުމާ ގުޅޭ ވަކި އިޖުރާއަތެއް ބަޔާންވެފައި ނުވާތީ ޤަވާޢިދުގެ އެ ޙުކުމް އެ ޤާނޫނާ ޚިލާފެއް ނޫނެވެ. އެހެންކަމުން ފީ ނުދެއްކުމުން އިސްތިއުނާފު ބަލައިނުގަތީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ރަޖިސްޓްރޭޝަން ފީ ނުދެއްކުމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސްތިއުނާފު ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން (95-CR/32/2023/20) ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2023/25 "ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަޢުވާ ފޯމު ނުވަތަ އަމުރަކަށް އެދި ހުށަހަޅާ ފޯމު ނުވަތަ އެނޫންވެސް ފޯމެއް ހައިކޯޓުގައި ރަޖިސްޓްރީކުރުމަށްޓަކައި ފީއެއް ދައްކަންޖެހޭކަމަށް ކޯޓުން ކަނޑައަޅާފައިވާނަމަ، އެ ފީ ޚަޞްމުގެ ފަރާތުން ކޯޓަށް ދައްކަންވާނެއެވެ.
HN2 މަދަނީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިންވެސް ޢަމަލުކުރެވެމުން އައި ހައިކޯޓުގެ ޤަވާޢިދު (2011) ގައި މައްސަލަ ރަޖިސްޓްރީކުރުމަށްޓަކައި ފީއެއް ދައްކަންޖެހޭކަމަށް ކަނޑައަޅާފައި އޮތުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނާ ޚިލާފުވާ ކަމެއް ނޫނެވެ. ސަބަބަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި މައްސަލަ ރަޖިސްޓްރީކުރުމަށްޓަކައި ފީ ނެގުމާ ގުޅޭގޮތުން ވަކި އިޖުރާއަތެއް ކަނޑައެޅި ބަޔާންވެފައި ނުވުމެވެ.
HN3 އިސްތިއުނާފީ މައްސަލައެއް ރަޖިސްޓްރީކުރުމަށް ދައްކަންޖެހޭ ފީ ދައްކާފައި ނުވާނަމަ، އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމުމަކީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ނިންމާ ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އަޙްމަދު މުޢުތަޞިމް ޢަދުނާން، ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޙުސްނުއްސުޢޫދު
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2023/SC-HCL/18
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2023/SC-L/74
ހުށަހެޅުނު ތާރީޚު: 13 ޖޫން 2023
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: މޯލްޑިވްސް ކަސްޓަމްސް ސަރވިސް (ދިވެހި ދައުލަތް)
ޢާންމު ނަން: -
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް، މާލެ
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2023/25
ހުށަހެޅުނު ތާރީޚު: 09 އޭޕްރިލް 2023
ނިމުނު ތާރީޚު: 14 މެއި 2023
4. ހުށަހެޅިފައިވާ މައްސަލަ
1ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 146/VTR/2022 މައްސަލައިގެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ދެކިގެން، 19 ފެބުރުއަރީ 2023 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވެއެވެ.
2އިސްތިއުނާފަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ނިންމައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލައިގެ ރިޕޯޓާއި، އިސްތިއުނާފު ފޯމުގެ ހާރޑް ކޮޕީ އާއި އެގްޒިބިޓްތައް ހުށަހެޅުމަށް 12 މާރޗް 2023 ގައި ހައިކޯޓުގެ ރަޖިސްޓްރާރ އަންގާފައިވެއެވެ. އަދި މީގެ އިތުރުން، މައްސަލަ ރަޖިސްޓްރީ ކުރުމަށް -/300ރ. (ތިން ސަތޭކަ ރުފިޔާ) ދެއްކުމަށާއި، ފީ ނުދައްކައިފިނަމަ، މައްސަލައިގެ ދަޢުވާ ފޯމު ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރާރ އަށް ލިބިގެންވާކަން އެ އެންގުމުގައި ބަޔާންވެފައިވެއެވެ.
3ބަޔާންވެދިޔަ އެންގުމާ އެއްގޮތަށް ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ނަންބަރު 95-CR/32/2023/20 "ރަޖިސްޓްރާރ ގެ ނިންމުން" ގައި ކަނޑައަޅާފައިވެއެވެ.
4މި ނިންމުން މުރާޖަޢާ ކުރުމަށް އެދި ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު HC-RM/2023/25 "ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި ނިންމާފައިވަނީ، ރަޖިސްޓްރާރ ގެ ނިންމުން ބާޠިލްކުރަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ.
5މިއީ، ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު 25/HC-RM/2023 ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބަލައި ނިމުނު ގޮތެވެ.
6މައްސަލަ އިސްތިއުނާފުކުރަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 56 ވަނަ މާއްދާއާއި 69 ވަނަ މާއްދާގެ އިތުރުން މަދަނީ އިޖުރާއަތުގެ ޤާނޫނާ ވެސް ޚިލާފުކަމަށެވެ. މި ނުކުތާ ތަފްޞީލުކުރަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ފަރާތުން ބުނެފައިވަނީ، ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގައި ނެތް ކަންކަން ފުރިހަމަ ކުރުމަށް ހައިކޯޓުގެ ޤަވާޢިދު (2011) އަށް ރިޢާޔަތް ކުރެވޭނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ފަރާތުން ނުދެކޭ ކަމަށެވެ.
7ހައިކޯޓުގެ ރަޖިސްޓްރާރ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމުގައި ޙަވާލާދީފައިވަނީ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 33 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ފީ ނުދައްކައިފިނަމަ އެ މާއްދާގެ (ނ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރުމަށް ރަޖިސްޓްރާރ އަށް ލިބިދޭ އިޚްތިޔާރީ ބާރުގެ މައްޗަށެވެ. އަދި މި ނިންމުމަށް ހައިކޯޓުގެ ފަނޑިޔާރުން ތާޢީދުކުރައްވާފައިވަނީ، އިސްތިއުނާފީ މައްސަލަ ރަޖިސްޓްރީ ކުރުމަށްޓަކައި ފީއެއް ކަނޑައަޅައި ޢާންމުކުރެވިފައިވާތީއާއި، އެފަދައިން ކަނޑައަޅާފައިވާ ފީއެއް ދައްކާފައި ނުވާނަމަ މައްސަލަ ބަލައިނުގަތުމުގެ އިޚްތިޔާރު ބަޔާންވެދިޔަ ޤަވާޢިދުން ރަޖިސްޓްރާރ އަށް ލިބިދީފައިވާ ކަމުގެ މައްޗަށް ރިޢާޔަތްކޮށެވެ.
8HN1HN2މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 34 ވަނަ މާއްދާގައިވަނީ، ދަޢުވާ ފޯމު ނުވަތަ އަމުރަކަށް އެދި ހުށަހަޅާ ފޯމު ނުވަތަ އެނޫންވެސް ފޯމެއް ހައިކޯޓުގައި ރަޖިސްޓްރީ ކުރުމަށްޓަކައި ފީއެއް ދައްކަންޖެހޭކަމަށް ކޯޓުން ކަނޑައަޅާފައިވާނަމަ، އެ ފީއެއް ޚަޞްމުގެ ފަރާތުން ކޯޓަށް ދައްކަންވާނެ ކަމަށެވެ. މައްސަލަ ރަޖިސްޓްރީ ކުރުމަށްޓަކައި ނެގޭނެ ފީ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިންވެސް ޢަމަލުކުރެވެމުން އައިސްފައިވާ ހައިކޯޓުގެ ޤަވާޢިދު (2011) ގައި މައްސަލަ ރަޖިސްޓްރީ ކުރުމަށްޓަކައި ފީ އެއް ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައި އޮތް އޮތުން މަދަނީ އިޖުރާއަތުގެ ޤާނޫނާ ޚިލާފުވާ ކަމުގައި ނުދެކެމެވެ. ސަބަބަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި މައްސަލަ ރަޖިސްޓްރީ ކުރުމަށްޓަކައި ފީ ނެގުމާ ގުޅޭގޮތުން ވަކި އިޖުރާއަތެއް ކަނޑައެޅި ބަޔާންވެފައި ނުވާތީއެވެ.
9HN3އެހެންކަމުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ފަރާތުން މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީ ދައްކާފައި ނުވާތީ، މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ދެކެމެވެ.
5. ނިންމުން
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2023/25 "ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
އަޙްމަދު މުޢުތަޞިމް ޢަދުނާން
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
ޙުސްނުއްސުޢޫދު
29 ޛުލްޙިއްޖާ 1444
17 ޖުލައި 2023
ފުޓްނޯޓު
- ޤާނޫނު ނަންބަރު 32/2021
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021)
- ހައިކޯޓުގެ ޤަވާޢިދު (2011) ގެ 33 ވަނަ މާއްދާގެ (ށ) އަދި (ނ)
- ހައިކޯޓުގެ ޤަވާޢިދު (2011) ގެ 34 ވަނަ މާއްދާ
- ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 34 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.