ޙުސައިން ޒައިދާން ޖަލީލު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2025/13، 95-CR/INDIV/2025/65، 200-M5/RDA/2025/2، 200-L/INDIV/2024/840
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއިން ވަކިކުރުމާ ގުޅޭ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރަޖިސްޓްރާރ 200-L/INDIV/2024/840 ގައި ބަލައިނުގަނެ، 200-M5/RDA/2025/2 ގައި ޓްރައިބިއުނަލުން އެ ނިންމުން ދެމެހެއްޓިއެވެ. އެ ނިންމުމުގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2025/65 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2025/13 ގައި އެ ނިންމުމަށް ބަދަލު ނުގެނައެވެ.
- ވާޤިޢާ
- ޙުސައިން ޒައިދާން ޖަލީލު 2020 ގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (3/2010) ގެ 56 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރަކަށާއި ނައިބު ރައީސަކަށް ޢައްޔަންކުރެވުނެވެ. ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން، އެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (4) ގެ ދަށުން 26 އޮގަސްޓް 2024 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އޭނާ ވަކިކުރެއްވިއެވެ. ޤާނޫނާ ޚިލާފަށް ވަކިކުރި ކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޓްރައިބިއުނަލަކުން އިޚްތިޞާޞް ނެތުމުގެ އަސާސްމަތީ މައްސަލައެއް ބަލައިނުގަތުމާ ގުޅިގެން ހުށަހަޅާ އިސްތިއުނާފެއްގައި، އެ ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބޭ ގޮތް ނުވަތަ ޤާނޫނީ ނައްސު ބަޔާންކޮށްފައި ނުވާނަމަ، އެއީ ޤާނޫނީ ބަހުސެއް އޮތް އިސްތިއުނާފެއްތޯއާއި، އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލު ފުރިހަމަނުވާ ފޯމު އިޞްލާޙުކުރުމުގެ ފުރުޞަތު ދިނުމަކީ ހައިކޯޓުގެ ރަޖިސްޓްރާރގެ ވާޖިބެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ މުއްދަތުގައި ރަޖިސްޓްރާރ ނިންމުން ނުނިންމި ކަމަށާއި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރުމަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ތެރެއަށް ވަންނަ ކަމެއްތޯ ސުވާލުގައި ޤާނޫނީ ބަހުސް އޮތް ކަމަށާއި، ފޯމު އިޞްލާޙުކުރުމުގެ ފުރުޞަތު ނުދިނުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާ ޚިލާފު ކަމަށް ހުށަހަޅާ ފަރާތުން ބުނެއެވެ.
- ކޯޓުގެ ސަބަބުތައް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތީ އިޚްތިޞާޞް ނެތުމުގެ އަސާސްމަތީއެވެ. މައުޟޫޢާ ގުޅޭ ކަންކަމާމެދު ގޮތެއް ކަނޑައެޅޭނީ އިޚްތިޞާޞާމެދު ގޮތެއް ނިމިގެން ކަމަށްވާއިރު، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބޭ ގޮތް ނުވަތަ ޤާނޫނީ ނައްސު ބަޔާންކޮށްފައި ނުވާތީ، ބަލައިނުގަތުމުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ބުނެދެވިފައި ނުވެއެވެ. ޤާނޫނީ ނުކުތާތައް ވަކި ގޮތަކަށް ބައްޓަންކުރުމަށް އެންގުމަކީ ރަޖިސްޓްރާރގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، ޤާނޫނީ ބަހުސެއް ހުށަހެޅުމަށް އެންގުމަކީ ފޯމު އިޞްލާޙުކުރުމުގެ ފުރުޞަތު ދެވޭފަދަ ސަބަބެއް ނޫން ކަމަށްވެސް ކަނޑައެޅިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތުމުގެ ނިންމުމުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް ބަދަލު ނުގެނައި ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2025/13 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޓްރައިބިއުނަލަކަށް ހުށަހެޅޭ މައްސަލައެއްގެ މައުޟޫޢާ ގުޅިގެން ހުށަހެޅިފައިވާ ކަންކަމާމެދު ގޮތެއް ކަނޑައެޅޭނީ، އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞާމެދު ގޮތެއް ނިމިގެންނެވެ.
HN2 ޓްރައިބިއުނަލަކުން މައްސަލައެއް ބަލައިނުގަތް އަސާސަކީ އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލަށް ލިބިގެންނުވުން ކަމުގައިވާއިރު، އެ ނިންމުމާ ގުޅިގެން ހުށަހަޅާ އިސްތިއުނާފުގައި އެ ޓްރައިބިއުނަލަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބޭ ގޮތެއް ނުވަތަ އިޚްތިޞާޞް ލިބިގެންވާ ޤާނޫނީ ނައްސަކީ ކޮބައިކަން ބަޔާންކޮށްދެވިފައި ނުވާނަމަ، މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ބުނެދެވިފައިވާކަމަށް ނުބެލެވޭނެއެވެ.
HN3 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭ މައްސަލައެއްގައި ޚަޞްމުން ހިމަނާފައިވާ ޤާނޫނީ ނުކުތާތަކާއި، އެ ނުކުތާތަކުގެ ތަފްޞީލު ވަކި ގޮތަކަށް ބައްޓަންކުރުމަށް، ނުވަތަ ވަކި ތަފްޞީލުތަކެއް ހިމެނުމަށް އެންގުމަކީ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
HN4 އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ހުށަހެޅުމަށް އެންގުމަކީ، ރަޖިސްޓްރާރއަށް ލިބޭ އިޚްތިޔާރުގެ ދަށުން ފޯމު އިސްލާޙުކުރުމުގެ ފުރުޞަތު ދެވޭފަދަ ސަބަބެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2025/SC-HCL/12
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2025/SC-L/59
ހުށަހެޅުނު ތާރީޚު: 05 އޮގަސްޓު 2025
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޙުސައިން ޒައިދާން ޖަލީލު
ޢާންމު ނަން: ޒައިދާން
ދާއިމީ އެޑްރެސް: މ. ފާމުދޭރިގެ، މާލެ
މިހާރުގެ އެޑްރެސް: މ. ފާމުދޭރިގެ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2025/13
ހުށަހެޅުނު ތާރީޚު: 19 އެޕްރީލް 2025
ނިމުނު ތާރީޚު: 30 ޖޫން 2025
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 މ. ފާމްދޭރިގެ، ޙުސައިން ޒައިދާން ޖަލީލު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް 29 ނޮވެންބަރު 2020 ގައި ޢައްޔަންކުރެވި، އެ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަޤާމަށް ޢައްޔަން ކުރެވި، އެ މަޤާމު އަދާކުރަމުން ގޮސްފައިވެއެވެ.
[2]4.2 19 އޮގަސްޓް 2024 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމުން ޙުސައިން ޒައިދާން ޖަލީލު ވަކިކުރުމަށް އެ މަޖިލީހުން ލަފާ ދީފައިވާތީ، 26 އޮގަސްޓް 2024 އިން ފެށިގެން އެ މަޤާމުން ޙުސައިން ޒައިދާން ޖަލީލު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.
[3]4.3 ޙުސައިން ޒައިދާން ޖަލީލު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލްގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރަކު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާ ނިންމުމަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޔ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ބޭނުންކުރުން ކަމުގައި ބަލަންޖެހޭއިރު، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތައް ބޭނުންކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު ގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ޙުސައިން ޒައިދާން ޖަލީލު ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.
[4]4.4 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅުމުން، ރަޖިސްޓްރާރގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރުން، އިދާރާތައް ބެލެހެއްޓުމަށް ޤާނޫނުތަކާ އެއްގޮތަށް ޢައްޔަނުކުރެވޭ ފަރާތްތަކަކީ، އެފަރާތްތަކާ އެއްކޮށް ވަޒީފާގެ އެއްބަސްވުމެއް އެކުލަވާނުލެވޭ ފަރާތްތަކަކަށްވެފައި، އެ ފަރާތްތަކުން ކުރާ މަސައްކަތުގެ ތަބީޢަތަށާއި، ވަޒީފާދިން ފަރާތުގެ ކޮންޓްރޯލް ހުރި މިންވަރުފަދަ ކަންކަމަށް ބެލުމުން، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފުންތަކެއް ކަމުގައި ބެލެވިދާނެކަމަށް ބުރަނުވެވޭކަން ފާހަގަކޮށް، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް އެ ޓްރައިބިއުނަލުން ނިންމާފައިވެއެވެ.
[5]4.5 ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ޙުސައިން ޒައިދާން ޖަލީލުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މި އިސްތިއުނާފާ ގުޅިގެން ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނުވަތަ ޓްރައިބިއުނަލްގެ ނިންމުމަށް ވާޞިލުވުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށްދީފައި ނުވާތީއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށްދީފައި ނުވާތީއާއި، ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ބަޔާންކުރާފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް މި މައްސަލައިގައި އޮތްކަމަށް ބެލެވެން ނެތުމުން، ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.
[6]4.6 ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ޙުސައިން ޒައިދާން ޖަލީލު ހުށަހެޅި ހުށަހެޅުމާ ގުޅިގެން ހައިކޯޓުގެ ނަންބަރު HC-RM/2025/13 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ނިންމާފައިވަނީ، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
[7]4.7 މިއީ ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު HC-RM/2025/13 ނިންމުން، ޙުސައިން ޒައިދާން ޖަލީލުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ އިސްތިއުނާފާމެދު ނިންމި ނިންމުމެވެ.
[8]4.8 ޙުސައިން ޒައިދާން ޖަލީލުގެ ފަރާތުން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފުގައި ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ރަޖިސްޓްރާރގެ ނިންމުން ނިންމާފައި ނުވާތީ، އެކަން ފާހަގަކޮށް ހައިކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި، މި މައްސަލައިގައި އޮތް އެންމެ މުހިއްމު ބަހުސް ކަމުގައިވާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރާ ކުރުން އެއީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ތަރަހައިގެ ތެރެއަށް ވަންނަ ނިންމުމެއްތޯ އުފެދޭ ސުވާލަށް ހައިކޯޓުން ޖަވާބެއް ލިބެންޖެހޭއިރު، ޙުސައިން ޒައިދާން ޖަލީލު ހުށަހެޅި އިސްތިއުނާފުގައި ޤާނޫނީ ބަހުސެއް ނެތްކަމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. މީގެ އިތުރުން ޙުސައިން ޒައިދާން ޖަލީލު ބުނެފައިވަނީ، ރަޖިސްޓްރާރއަށް ޤަބޫލުކުރެވޭ މިންވަރަށް އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލު ހުށަހަޅާފައި ނުވާނަމަ، ރަޖިސްޓްރާރއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން، މައްސަލައިގެ ފޯމު އިޞްލާޙުކުރުމުގެ ފުރުޞަތު ނުދިނުމަކީ، މައްސަލަ ބަލައި ނުގަނެވޭނެކަމަށް ނިންމުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 12 ވަނަ މާއްދާއާއި އެމާއްދާގެ (ނ) އާ ޚިލާފަށް ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެފަދަ ފުރުޞަތެއް ދިނުމަކާ ނުލައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ހައްޤު އެއްކޮށް ގެއްލޭގޮތަށް ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ.
[9]4.9 ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތް އަސާސަކީ، ޙުސައިން ޒައިދާން ޖަލީލު ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލަށް ލިބިގެންނުވުން ކަމުގައިވެފައި، މައްސަލައިގެ މައުޟޫޢުއާ ގުޅިގެން ހުށަހެޅިފައިވާ ކަންކަމާމެދު ގޮތެއް ކަނޑައެޅޭނީ، އިޚްތިޞާޞާމެދު ގޮތެއް ނިމިގެން ކަމުގައިވާއިރު، ޙުސައިން ޒައިދާން ޖަލީލުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބޭ ގޮތެއް ނުވަތަ އިޚްތިޞާޞް ލިބިގެންވާ ޤާނޫނީ ނައްސަކީ ކޮބައިކަން ބަޔާންކޮށްދެވިފައި ނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ބުނެދެވިފައިވާކަމަށް ނުފެނެއެވެ.
[10]4.10 މީގެ އިތުރުން، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭ މައްސަލައެއްގައި ޚަޞްމުން ހިމަނާފައިވާ ޤާނޫނީ ނުކުތާތަކާއި، އެ ނުކުތާތަކުގެ ތަފްޞީލު ވަކި ގޮތަކަށް ބައްޓަންކުރުމަށް، ނުވަތަ ވަކި ތަފްޞީލުތަކެއް ހިމެނުމަށް އެންގުމަކީ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވެފައި، އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ހުށަހެޅުމަށް އެންގުމަކީ ރަޖިސްޓްރާރއަށް ލިބޭ އިޚްތިޔާރުގެ ދަށުން ފޯމު އިސްލާޙުކުރުމުގެ ފުރުޞަތު ދެވޭފަދަ ސަބަބެއް ނޫނެވެ.
5. ނިންމުން
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2025/13 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޑރ. މުޙައްމަދު އިބްރާހީމް
ޢަލީ ރަޝީދު ޙުސައިން
ޢަބްދުﷲ ޙަމީދު
11 ރަބީޢުލްއައްވަލް 1446
03 ސެޕްޓެމްބަރ 2025
ފުޓްނޯޓު
- ޤާނޫނު ނަންބަރު 3/2010
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 1-PAO/2024/1741 ސިޓީ (26 އޮގަސްޓް 2024)
- ގަވާއިދު ނަންބަރު 2022/R-14
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-L/INDIV/2024/840 "ރަޖިސްޓްރާރގެ ނިންމުން" (22 ޑިސެންބަރު 2024)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-M5/RDA/2025/2 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓް" (23 ޖަނަވަރީ 2025)
- ޤާނޫނު ނަންބަރު 22/2010
- ޝަމްސުލް މުނާ ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ނަންބަރު 2019/SC-L/87 ޤަޟިއްޔާ)، އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ނަންބަރު 2019/SC-L/91 ޤަޟިއްޔާ)، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޚްމާ (ނަންބަރު 2022/SC-A/51 ޤަޟިއްޔާ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2025/65 "ރަޖިސްޓްރާރގެ ނިންމުން" (6 އެޕްރިލް 2025)
- ޤާނޫނު ނަންބަރު 4/2011
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2)
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ހ) ގެ (4)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޔ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2022/R-14) ގެ 26 ވަނަ މާއްދާގެ (ހ)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2022/R-14) ގެ 26 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ އަދި އެ މާއްދާގެ (ނ)
- ސުޕްރީމް ކޯޓުގެ 2019/SC-L/87 (ޝަމްސުލް މުނާ ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޚްމާ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.