އެންޓި-ކޮރަޕްޝަން ކޮމިޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/55، 95-CR/123/2024/2، 72/VTR/2023
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން 72/VTR/2023 ގައި އަޙްމަދު ޙުސައިން ވަޒީފާއިން ވަކިކުރީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަމާ ނުލައި ކަމަށް ނިންމައި އަނބުރާ ރުޖޫޢަކުރަން ނިންމިއެވެ. އޭގެ އިސްތިއުނާފުގެ ރަޖިސްޓްރީ ފީ މުހުލަތުގައި ނުދެއްކުމުން ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/123/2024/2 ގައި މައްސަލަ ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/55 ގައި އެ ނިންމުން ބާތިލުކުރަން ނުފެންނަކަމަށް ނިންމިއެވެ.
- ވާޤިޢާ
- އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއިން 2022 ގައި ވަކިކުރެވުނު އަޙްމަދު ޙުސައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކާމިޔާބުވުމުން ކޮމިޝަނުން ހައިކޯޓަށް އިސްތިއުނާފުކުރިއެވެ. ހައިކޯޓުން މައްސަލަ ބަލައިގަންނަން ނިންމައި، 28 އޮގަސްޓް 2024 ގެ 12:00 ގެ ކުރިން ރަޖިސްޓްރީ ފީ ދައްކަން އަންގާ އެންގުން ކޮމިޝަނުގެ އީމެއިލަށް 20 އޮގަސްޓް 2024 ގައި ފޮނުވިއެވެ. ފީ ނުދެއްކުމުން ހައިކޯޓުގެ ޤަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލަ ބަލައިނުގަތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައިކޯޓަށް ކުރާ އިސްތިއުނާފެއްގައި މައްސަލަ ރަޖިސްޓްރީކުރުމުގެ ފީ ދައްކަން އަންގާ އެންގުން ހުށަހަޅާ ފަރާތުން ފޯމުގައި ދީފައިވާ އީމެއިލަށް ފޮނުވުމުން ހައިކޯޓުގެ ރަޖިސްޓްރާރގެ ޤާނޫނީ ޒިންމާ އަދާވޭތޯއާއި، އެ އެންގުން ފަހުން ފެނުމަކީ ހައިކޯޓުގެ ޤަވާއިދު (2011) ގެ 33 ވަނަ މާއްދާގެ ދަށުން ފީ މުހުލަތުގައި ނުދެއްކުމަށް ޤަބޫލުކުރެވޭ ސަބަބެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކޮމިޝަނުން ބުނީ، ހައިކޯޓުގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ 2023/SC-HCL/08 ނިންމުމާ ޚިލާފު ނިންމުމެއް ކަމަށާއި، ފީ ދައްކަން އަންގާ އެންގުން ޚަޞްމުންނަށް ލިބުނުކަން ކަށަވަރުކުރުމަކީ ރަޖިސްޓްރާރގެ ޒިންމާ ކަމަށާއި، އެންގުން ފެނުނީ 9 ދުވަސް ފަހުން ކަމަށާއި ފީ ނުދެއްކުނީ ޓެކްނިކަލް އިޝޫއެއްގެ ސަބަބުން ކަމަށާއި، މި ނިންމުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 56 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތަކުން ކޮމިޝަން މަޙްރޫމްވި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުގެ ޤަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ރަޖިސްޓްރާރގެ ޒިންމާއަކީ މައްސަލަ ބަލައިގަނެވޭނަމަ އެކަން ހުށަހެޅި ފަރާތަށް އެންގުމެވެ. އެންގުމުގެ ރަސްމީ 5 ދުވަހުގެ ތެރޭގައި ފީ ދެއްކުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެވެ. ފޯމުގައިވާ އީމެއިލަށް އެންގުން ފޮނުވައި އެ ދުވަހު ލިބުނުކަމާ ކޮމިޝަން ދެބަސްނުވާތީ ރަޖިސްޓްރާރ ޒިންމާ އަދާކޮށްފައިވެއެވެ. ކޯޓަށް އަންގާ އެޑްރެހަށް ފޮނުވާ ލިޔުންތައް ބެލުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާ ކަމަށާއި، އެންގުން 9 ދުވަސް ފަހުން ފެނުމަކީ އަމިއްލަ ބާރު ނުފޯރުވޭ މަޤްބޫލު ސަބަބެއް ނޫންކަމަށް ކަނޑައެޅިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: މައްސަލަ ރަޖިސްޓްރީކުރުމަށް ދައްކަންޖެހޭ ފީ މުހުލަތުގައި ނުދެއްކުމުން އިސްތިއުނާފު ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ބާތިލުކުރަން ނުފެންނަކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2024/55 "ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ހައިކޯޓަށް ބަލައިގަނެވޭފަދަ މައްސަލައެއް ކަމުގައިވާނަމަ، ހައިކޯޓުގެ ޤަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހައިކޯޓުގެ ރަޖިސްޓްރާރގެ ޒިންމާއަކީ އެކަން މައްސަލަ ހުށަހެޅި ފަރާތަށް އެންގުމެވެ.
HN2 ރަޖިސްޓްރާރ އަންގާ އެންގުން އަންގާތާ ގިނަވެގެން ރަސްމީ 5 ދުވަހުގެ ތެރޭގައި މައްސަލަ ރަޖިސްޓްރީކުރުމަށް ދައްކަންޖެހޭ ފީ ދެއްކުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
HN3 މައްސަލަ ހުށަހަޅާ ފަރާތުން ހައިކޯޓަށް ހުށަހަޅާ ފޯމުގައި އެ ފަރާތުގެ އީމެއިލް ކަމުގައި ލިޔެފައިވާ އީމެއިލް އެޑްރެހަށް "ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން" ފޮނުވައި، އެ އެންގުން އެ އީމެއިލަށް ލިބިފައިވާނަމަ، ހައިކޯޓުގެ ރަޖިސްޓްރާރ އޭނާގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާކަމަށް ބެލެވޭނެއެވެ.
HN4 ކޯޓުން ޚަޞްމުންނަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތައް ފޮނުވާނެ ތަނެއް ނުވަތަ އީމެއިލް އެޑްރެހެއް ކޯޓަށް އެންގުމަށްފަހު، ޒިންމާދާރުގޮތެއްގައި އެތަނަކަށް ނުވަތަ އެ އީމެއިލް އެޑްރެހަކަށް ކޯޓުން ލިޔުންތައް ފޮނުވާފައިވޭތޯ ބެލުމަކީ ކޯޓަށް މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
HN5 ކޯޓަށް އަންގާފައިވާ އީމެއިލް އެޑްރެހަށް ކޯޓުން ފޮނުވި އެންގުން މައްސަލަ ހުށަހެޅި ފަރާތަށް ފެނުނީ ފަހުން ކަމަށްވުމަކީ، މައްސަލަ ރަޖިސްޓްރީކުރުމަށް ދައްކަންޖެހޭ ފީ ކޯޓުން ކަނޑައަޅާފައިވާ މުހުލަތުގައި ނުދެއްކުމަށް އަމިއްލަ ބާރު ނުފޯރުވޭ ފަދަ މަގުބޫލު ސަބަބެއް ނޫނެވެ.
HN6 މައްސަލަ ރަޖިސްޓްރީކުރުމަށް ދައްކަންޖެހޭ ފީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ހައިކޯޓުގެ ޤަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމުމަކީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/20
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/92
ހުށަހެޅުނު ތާރީޚު: 12 ނޮވެމްބަރު 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: އެންޓި-ކޮރަޕްޝަން ކޮމިޝަން
ޢާންމު ނަން: އެންޓި-ކޮރަޕްޝަން ކޮމިޝަން
ދާއިމީ އެޑްރެސް: އެންޓި-ކޮރަޕްޝަން ކޮމިޝަން
މިހާރުގެ އެޑްރެސް: މ. ފިނިފަރު، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/55
ހުށަހެޅުނު ތާރީޚު: 29 އޮގަސްޓް 2024
ނިމުނު ތާރީޚު: 06 އޮކްޓޫބަރު 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ގދ. ތިނަދޫ، އަޞްރުމާގެ، އަޙްމަދު ޙުސައިން އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ ގރޭ 1 މަގާމުގައި ވަޒީފާއަދާކުރަމުން ދަނިކޮށް 13 މާރިޗް 2022 ގައި އެކޮމިޝަނުން އޭނާ ވަޒީފާއިން ވަކި ކުރިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއިން އަޙްމަދު ޙުސައިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު އާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުން އެދި އަޙްމަދު ޙުސައިންގެ ފަރާތުން 18 މޭ 2023 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ބަލާފައިވަނީ އެޓްރައިބިއުނަލުގެ ނަންބަރު 72/VTR/2023 އިންނެވެ.
[2]4.2 ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ބެލުމަށްފަހު 30 މޭ 2024 ގައި ނިންމާފައިވަނީ އަޙްމަދު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއްނެތި ކަމަށްވާތީ އަޙްމަދު ޙުސައިން ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔަ މަގާމަށް އަނބުރާ ރުޖޫއަކޮށް، އަޙްމަދު ޙުސައިން ވަޒީފާއިން ވަކިކުރި ދުވަހުން ފަށައިގެން ވަޒީފާ އަނބުރާ އިއާދަކުރާ ދުވަހާ ހަމައަށް ވަޒީފާގައި ހުރިނަމަ ލިބޭނެ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ލިބެންޖެހޭނެކަމަށް ކަނޑައަޅައެވެ.
[3]4.3 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 72/VTR/2023 މައްސަލަ އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ބުނެ މި ނިންމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން 21 ޖުލައި 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅިއެވެ.
[4]4.4 ހައިކޯޓުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މި ހުށަހެޅުން ބަލައިގަތުމަށް ނިންމައި، މައްސަލަ ރަޖިސްޓްރީ ކުރުމަށް ހައިކޯޓަށް ދައްކަންޖެހޭ ފީ 28 އޮގަސްޓު 2024 ގެ 12:00 ގެ ކުރިން ދެއްކުމަށާއި، ހައިކޯޓުގެ އެންގުމާ އެއްގޮތަށް ފީ ނުދައްކައިފިނަމަ، މައްސަލައިގެ ދައުވާ ފޯމު ބަލައިނުގަތުމުގެ އިޚްތިޔާރު ހައިކޯޓުގެ ރަޖިސްޓްރާރ އަށް ލިބިގެންވާކަން އަންގައި، "ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން" އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އީމެއިލް އެޑްރެހަށް 20 އޮގަސްޓް 2024 ގައި ފޮނުވިއެވެ.
[5]4.5 ބަޔާންވެދިޔަ އެންގުމާ އެއްގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީ ދައްކާފައިނުވާތީ ހައިކޯޓުގެ ޤަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ މި މައްސަލަ ބަލައިގަނެވެން ނެތްކަން ހައިކޯޓުގެ ރަޖިސްޓްރާރ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 29 އޮގަސްޓް 2024 ގައި އެންގިއެވެ.
[6]4.6 ހައިކޯޓުން އެންގި އެންގުމާ އެއްގޮތަށް މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދެއްކިފައިނުވަނީ "ދިމާވި ޓެކްނިކަލް އިޝޫއެއްގެ ސަބަބުން" ކަމަށާއި، ރަޖިސްޓްރޭޝަން ފީ ގަސްދުގައި ނުދައްކައި އޮތުމަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު މުސްތަހީލުކަމެއް ކަމަށްބުނެ، ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖައާ ކުރުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ހުށަހެޅުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ، ފީ ދެއްކުމަށް ދިން މުހުލަތުގައި ފީ ދެއްކިފައިނުވަނީ ދިމާވި ކޮން "ޓެކްނިކަލް އިޝޫ" އެއްގެ ސަބަބުންކަން އެނގެން ނެތުމާއެކު، ރަޖިސްޓްރާރގެ ނިންމުން ބަދަލުކުރަން ޖެހޭފަދަ މަގުބޫލު ސަބަބެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދައްކާފައިނުވާތީ ރަޖިސްޓްރާރގެ ނިންމުން ބާތިލުކުރަން ނުފެންނަކަމަށެވެ.
[7]4.7 މިއީ ބަޔާންވެދިޔަ ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެމައްސަލަ ބަލައި ނިމުނު ގޮތެވެ.
[8]4.8 މައްސަލަ އިސްތިއުނާފުކުރަމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނީ، ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/08 ނިންމުމާ ޚިލާފުކަމަށާއި، އަދި މި ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިންނާއި 56 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ހައްޤުން އެކޮމިޝަން މަހުރޫމް ވެފައިވާކަމަށެވެ. މިނުކުތާތައް ތަފްސީލުކުރަމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/08 ނިންމުމަށް ރިއާޔަތްކުރާއިރު، މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީ ދެއްކުމަށް އަންގާފައިވާ އެންގުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ ހައިކޯޓުގެ ރަޖިސްޓްރާރގެ ގާނޫނީ ޒިންމާއެއްކަމަށެވެ. އަދި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރ އަށް ލިބިފައިވާ އިހްތިޔާރުގެ ބޭނުންކޮށް މައްސަލަ ބަލައިނުގަތުމަށް ނިންމޭނީ، މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީ ދެއްކުމަށް އަންގާ އެންގުން ޙަސްމުންނަށް ލިބުނުކަން ކަށަވަރުކުރުމަށްފަހު މައްސަލަ ހުށަހަޅާ ފަރާތުން ފީ ނުދައްކާ ހާލަތުގައި ކަމަށެވެ.
[9]4.9 މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީ ނުދައްކައިގެން ދަޢުވާ ފޯމު ބަލައިނުގަތުމުގެ އިޚްތިޔާރީ ބާރު ހައިކޯޓުގެ ރަޖިސްޓްރާރ އަށް ބޭނުންކުރެވޭނީ ހައިކޯޓުގެ ރަޖިސްޓްރާރއާ މަތިކުރެވިފައިވާ ޤާނުނީ ޒިންމާ އަދާކުރުމަށް ފަހުގައި ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، މިހާލަތުގައި ހައިކޯޓުގެ ރަޖިސްޓްރާރގެ ޒިންމާއަކީ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ހައިކޯޓަށް ބަލައިގަނެވޭފަދަ މައްސަލައެއް ކަމުގައިވާނަމަ އެކަން މައްސަލަ ހުށަހެޅި ފަރާތަށް އެންގުންކަމާއި، އަދި ހަމަ މިއާއެކު ރަޖިސްޓްރާރ އަންގާ އެންގުން އަންގާތާ ގިނަވެގެން ރަސްމީ 5 ދުވަހުގެ ތެރޭގައި މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީ ދެއްކުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަން ހައިކޯޓުގެ ޤަވާއިދު (2011) ގެ މ. 33 ގެ (ހ) އަދި (ށ) އިން ސާފުކޮށް އެނގެއެވެ.
[10]4.10 މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމުގައި އެކޮމިޝަންގެ އީމެއިލް ކަމުގައި ލިޔެފައިވާ އީމެއިލް އެޑްރެހަށް ހައިކޯޓުގެ ރަޖިސްޓްރާރ ސޮއިކޮށްފައިވާ "ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން" 20 އޮގަސްޓް 2024 ގައި ހައިކޯޓުން ފޮނުވާފައިވާކަމާއި، ހަމަ އެދުވަހު (20 އޮގަސްޓް 2024 ގައި) އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އީމެއިލް އަށް މި އެންގުން ލިބުނުކަމާމެދު އެކޮމިޝަނުންވެސް ދެބަސްނުވާކަން މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމާއި އެފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭތީ، ހައިކޯޓުގެ ރަޖިސްޓްރާރ އޭނާގެ ގާނޫނީ ޒިންމާ އަދާކޮށްފައިނުވާ ކަމަށް ނުދެކެމެވެ.
[11]4.11 އަދި ހަމަ މިއާއެކު، ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޚަސްމުންނަށް ކޯޓުން ރައްދުކުރަންޖެހޭ ލިޔެކިޔުންތައް ފޮނުވާނެ ތަނެއް ނުވަތަ އީމެއިލް އެޑްރެހެއް ކޯޓަށް އެންގުމަށްފަހު، ޒިންމާދާރުގޮތެއްގައި އެތަނަކަށް ނުވަތަ އެ އީމެއިލް އެޑްރެހަކަށް ކޯޓުން ލިޔުންތައް ފޮނުވާފައިވޭތޯ ބެލުމަކީ ކޯޓަށް މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަމުގައިވެސް ދެކެމެވެ.
[12]4.12 އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހައިކޯޓުގެ ރަޖިސްޓްރާރ ފޮނުވި އެންގުން އެކޮމިޝަނަށް ފެނިފައިވަނީ، އެ އެންގުން ފޮނުވުމުގެ 9 ދުވަސް ފަހުން، އިސްތިއުނާފީ މައްސަލައިގެ ސްޓޭޓަސް ހޯދުމަށް ހައިކޯޓަށް ގުޅުމުން "ފައިސާ ދެއްކުމަށް އަންގާފައިވާނެކަމުގައި، ހައިކޯޓުން ދެއްނެވުމުން، ކޮމިޝަނުގެ ފަރާތުން މެއިލް ޗެކުކުރިއިރު، ހައިކޯޓުގެ މެއިލް އައިސްފައިވާކަން އެނގުމުން" ކަމަށާއި، ފީ ދެއްކުމުގެ އިތުރު ފުރުސަތެއް ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް މައްސަލަ ބާތިލް ކުރުމަށް އެންގި އެންގުމުގެ ސަބަބުން އަދުލު އިންސާފަށް ހުރަސް އެޅިފައިވާކަމަށް ސުޕްރީމް ކޯޓަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ ފޯމުގައި ބުނެފައިވީނަމަވެސް، ހައިކޯޓުން ކަނޑައަޅާފައިވާ މުހުލަތުގައި މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދައްކާފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭ ފަދަ މަގުބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައި ނުދެކެމެވެ.
[13]4.13 އެހެންކަމުން، މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހޭ ފީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހައިކޯޓަށް ދައްކާފައިނުވާތީ، މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައިދެކެމެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/55 "ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
އަޒްމިރާލްދާ ޒާހިރު
ޙުސްނުއްސުޢޫދު
ޢާއިޝާ ޝުޖޫން މުޙައްމަދު
30 ޖުމާދަލްއޫލާ 1446
01 ޑިސެމްބަރ 2024
ފުޓްނޯޓު
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު : A305281
- "ވަޒީފާއިން ވަކިކުރި ޗިޓް" ނަންބަރު 123-A/VV/2023/04
- ގާނޫނު ނަންބަރު 2/2008
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ނަންބަރު : 95-CR/123/2024/2
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް ނަންބަރު: HC-RM/2024/55
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ހ) އަދި (ށ)
- ހައިކޯޓުގެ ޤަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/2008)
- ސުޕްރީމް ކޯޓުގެ 2023/SC-HCL/08
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.