މުޙައްމަދު މުނައްވަރު ޢަލީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2025/11، 95-CR/INDIV/2025/66، 200-M5/RDA/2025/3، 200-L/INDIV/2024/841
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރަޖިސްޓްރާރ 200-L/INDIV/2024/841 ގައި މައްސަލަ ބަލައިނުގަނެ، ޓްރައިބިއުނަލުން 200-M5/RDA/2025/3 ގައި އެ ނިންމުން ދެމެހެއްޓިއެވެ. އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2025/66 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2025/11 ގައި އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން 2020 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރަކަށާއި ރައީސަކަށް ޢައްޔަންކުރެވުނު މުނައްވަރު، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން އެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (4) ގެ ދަށުން 26 އޮގަސްޓް 2024 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ވަކިކުރެއްވިއެވެ. ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރައީސުލްޖުމްހޫރިއްޔާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ވަކިކުރުމާ ގުޅޭ މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގެ އިސްތިއުނާފުގައި އިޚްތިޞާޞް ލިބޭ ޤާނޫނީ އަސާސް ބަޔާންކުރަންޖެހޭތޯއާއި، އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ނެތް އިސްތިއުނާފުގެ ފޯމު އިޞްލާޙުކުރުމުގެ ފުރުޞަތު ރަޖިސްޓްރާރު ދޭންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- މުނައްވަރު ބުނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގެ މުއްދަތުގައި ރަޖިސްޓްރާރ ނުނިންމި ކަމަށާއި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރުމަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ތެރެއަށް ވަންނަ ނިންމުމެއްތޯ ސުވާލު އުފެދޭއިރު ޤާނޫނީ ބަހުސެއް ނެތްކަމަށް ނިންމުމަކީ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ ޚިލާފު ކަމަށާއި، ފޯމު އިޞްލާޙުކުރުމުގެ ފުރުޞަތު ނުދީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލުވާލި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތީ އިޚްތިޞާޞް ނެތުމުން ކަމަށްވާތީ، މައުޟޫޢާ ގުޅޭ ކަންކަމާމެދު ގޮތެއް ކަނޑައެޅޭނީ އިޚްތިޞާޞާމެދު ގޮތެއް ނިމިގެންނެވެ. ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބޭ ގޮތެއް ނުވަތަ ޤާނޫނީ ނައްސެއް ބަޔާންކޮށްފައި ނުވާތީ ނިންމުން ޤާނޫނާ ޚިލާފުކަން ބުނެދެވިފައި ނުވެއެވެ. ނުކުތާތަކުގެ ތަފްޞީލު ބައްޓަންކުރަން އެންގުމަކީ ރަޖިސްޓްރާރގެ މަސްއޫލިއްޔަތެއް ނޫން ފަދައިން، އޮޅިގަނޑު ގިރާކުރާ ބަހުސެއް ހުށަހަޅަން އެންގުމަކީ ފޯމު އިސްލާޙުކުރުމުގެ ފުރުޞަތު ދެވޭ ސަބަބެއް ނޫނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތް ނިންމުމުގެ އިސްތިއުނާފު ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2025/11 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޓްރައިބިއުނަލަކުން މައްސަލައެއް ބަލައިނުގަތް އަސާސަކީ އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލަށް ލިބިގެންނުވުން ކަމުގައިވާނަމަ، މައްސަލައިގެ މައުޟޫޢާ ގުޅިގެން ހުށަހެޅިފައިވާ ކަންކަމާމެދު ގޮތެއް ކަނޑައެޅޭނީ އިޚްތިޞާޞާމެދު ގޮތެއް ނިމިގެންނެވެ.
HN2 އިޚްތިޞާޞް ލިބިގެންނުވާތީ ޓްރައިބިއުނަލަކުން މައްސަލައެއް ބަލައިނުގަތް ނިންމުމެއް އިސްތިއުނާފުކުރާއިރު، އެ ޓްރައިބިއުނަލަށް އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބޭ ގޮތެއް ނުވަތަ އިޚްތިޞާޞް ލިބިގެންވާ ޤާނޫނީ ނައްސަކީ ކޮބައިކަން ބަޔާންކޮށްދެވިފައި ނުވާނަމަ، މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ބުނެދެވިފައިވާކަމަށް ނުބެލެވޭނެއެވެ.
HN3 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭ މައްސަލައެއްގައި ޚަޞްމުން ހިމަނާފައިވާ ޤާނޫނީ ނުކުތާތަކާއި، އެ ނުކުތާތަކުގެ ތަފްޞީލު ވަކި ގޮތަކަށް ބައްޓަންކުރުމަށް، ނުވަތަ ވަކި ތަފްޞީލުތަކެއް ހިމެނުމަށް އެންގުމަކީ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
HN4 އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ހުށަހެޅުމަށް އެންގުމަކީ ރަޖިސްޓްރާރއަށް ލިބޭ އިޚްތިޔާރުގެ ދަށުން އިސްތިއުނާފުގެ ފޯމު އިސްލާޙުކުރުމުގެ ފުރުޞަތު ދެވޭފަދަ ސަބަބެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު އިބްރާހީމް، ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2025/SC-HCL/10
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2025/SC-L/58
ހުށަހެޅުނު ތާރީޚު: 03 އޮގަސްޓު 2025
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: މުޙައްމަދު މުނައްވަރު ޢަލީ
ޢާންމު ނަން: މުނައްވަރު
ދާއިމީ އެޑްރެސް: ވެސްޓްބީޗް، އއ. މަތިވެރި
މިހާރުގެ އެޑްރެސް: ލޮޓް ނަންބަރު 11234، ހުޅުމާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2025/11
ހުށަހެޅުނު ތާރީޚު: 19 އެޕްރީލް 2025
ނިމުނު ތާރީޚު: 30 ޖޫން 2025
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 މުޙައްމަދު މުނައްވަރު ޢަލީ 29 ނޮވެންބަރު 2020 ގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަންކުރެވި، އެ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް ޢައްޔަން ކުރެވި، އެ މަޤާމު އަދާކުރަމުން ގޮސްފައިވެއެވެ.
[2]4.2 19 އޮގަސްޓް 2024 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާއިން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 59 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމުން މުޙައްމަދު މުނައްވަރު ޢަލީ ވަކިކުރުމަށް އެ މަޖިލީހުން ލަފާ ދީފައިވާތީ، 26 އޮގަސްޓް 2024 އިން ފެށިގެން އެ މަޤާމުން މުޙައްމަދު މުނައްވަރު ޢަލީ ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.
[3]4.3 މުޙައްމަދު މުނައްވަރު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލްގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރަކު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާ ނިންމުމަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޔ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ބޭނުންކުރުން ކަމުގައި ބަލަންޖެހޭއިރު، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތައް ބޭނުންކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު ގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު މުނައްވަރު ޢަލީ ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.
[4]4.4 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅުމުން، ރަޖިސްޓްރާރގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރުން، އިދާރާތައް ބެލެހެއްޓުމަށް ޤާނޫނުތަކާ އެއްގޮތަށް ޢައްޔަނުކުރެވޭ ފަރާތްތަކަކީ، އެފަރާތްތަކާ އެއްކޮށް ވަޒީފާގެ އެއްބަސްވުމެއް އެކުލަވާނުލެވޭ ފަރާތްތަކަކަށްވެފައި، އެ ފަރާތްތަކުން ކުރާ މަސައްކަތުގެ ތަބީޢަތަށާއި، ވަޒީފާދިން ފަރާތުގެ ކޮންޓްރޯލް ހުރި މިންވަރުފަދަ ކަންކަމަށް ބެލުމުން، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފުންތަކެއް ކަމުގައި ބެލެވިދާނެކަމަށް ބުރަނުވެވޭކަން ފާހަގަކޮށް، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް އެ ޓްރައިބިއުނަލުން ނިންމާފައިވެއެވެ.
[5]4.5 ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން މުޙައްމަދު މުނައްވަރު ޢަލީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މި އިސްތިއުނާފާ ގުޅިގެން ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނުވަތަ ޓްރައިބިއުނަލްގެ ނިންމުމަށް ވާޞިލުވުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށްދީފައި ނުވާތީއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށްދީފައި ނުވާތީއާއި، ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ބަޔާންކުރާފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް މި މައްސަލައިގައި އޮތްކަމަށް ބެލެވެން ނެތުމުން، ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.
[6]4.6 ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި މުޙައްމަދު މުނައްވަރު ޢަލީ ހުށަހެޅި ހުށަހެޅުމާ ގުޅިގެން ހައިކޯޓުގެ ނަންބަރު HC-RM/2025/11 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ނިންމާފައިވަނީ، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
[7]4.7 މިއީ ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު HC-RM/2025/11 ނިންމުން، މުޙައްމަދު މުނައްވަރު ޢަލީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ އިސްތިއުނާފާމެދު ނިންމި ނިންމުމެވެ.
[8]4.8 މުޙައްމަދު މުނައްވަރު ޢަލީގެ ފަރާތުން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފުގައި ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ރަޖިސްޓްރާރގެ ނިންމުން ނިންމާފައި ނުވާތީ، އެކަން ފާހަގަކޮށް ހައިކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި، މި މައްސަލައިގައި އޮތް އެންމެ މުހިއްމު ބަހުސް ކަމުގައިވާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރާ ކުރުން އެއީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ތަރަހައިގެ ތެރެއަށް ވަންނަ ނިންމުމެއްތޯ އުފެދޭ ސުވާލަށް ހައިކޯޓުން ޖަވާބެއް ލިބެންޖެހޭއިރު، މުޙައްމަދު މުނައްވަރު ޢަލީ ހުށަހެޅި އިސްތިއުނާފުގައި ޤާނޫނީ ބަހުސެއް ނެތްކަމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. މީގެ އިތުރުން މުޙައްމަދު މުނައްވަރު ޢަލީ ބުނެފައިވަނީ، ރަޖިސްޓްރާރއަށް ޤަބޫލުކުރެވޭ މިންވަރަށް އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލު ހުށަހަޅާފައި ނުވާނަމަ، ރަޖިސްޓްރާރއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން، މައްސަލައިގެ ފޯމު އިޞްލާޙުކުރުމުގެ ފުރުޞަތު ނުދިނުމަކީ، މައްސަލަ ބަލައި ނުގަނެވޭނެކަމަށް ނިންމުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 12 ވަނަ މާއްދާއާއި އެމާއްދާގެ (ނ) އާ ޚިލާފަށް ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެފަދަ ފުރުޞަތެއް ދިނުމަކާ ނުލައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ހައްޤު އެއްކޮށް ގެއްލޭގޮތަށް ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ.
[9]4.9 ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތް އަސާސަކީ، މުޙައްމަދު މުނައްވަރު ޢަލީ ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލަށް ލިބިގެންނުވުން ކަމުގައިވެފައި، މައްސަލައިގެ މައުޟޫޢުއާ ގުޅިގެން ހުށަހެޅިފައިވާ ކަންކަމާމެދު ގޮތެއް ކަނޑައެޅޭނީ، އިޚްތިޞާޞާމެދު ގޮތެއް ނިމިގެން ކަމުގައިވާއިރު، މުޙައްމަދު މުނައްވަރު ޢަލީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބޭ ގޮތެއް ނުވަތަ އިޚްތިޞާޞް ލިބިގެންވާ ޤާނޫނީ ނައްސަކީ ކޮބައިކަން ބަޔާންކޮށްދެވިފައި ނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ބުނެދެވިފައިވާކަމަށް ނުފެނެއެވެ.
[10]4.10 މީގެ އިތުރުން، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭ މައްސަލައެއްގައި ޚަޞްމުން ހިމަނާފައިވާ ޤާނޫނީ ނުކުތާތަކާއި، އެ ނުކުތާތަކުގެ ތަފްޞީލު ވަކި ގޮތަކަށް ބައްޓަންކުރުމަށް، ނުވަތަ ވަކި ތަފްޞީލުތަކެއް ހިމެނުމަށް އެންގުމަކީ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވެފައި، އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ހުށަހެޅުމަށް އެންގުމަކީ ރަޖިސްޓްރާރއަށް ލިބޭ އިޚްތިޔާރުގެ ދަށުން ފޯމު އިސްލާޙުކުރުމުގެ ފުރުޞަތު ދެވޭފަދަ ސަބަބެއް ނޫނެވެ.
5. ނިންމުން
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2025/11 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
މުޙައްމަދު އިބްރާހީމް
ޢަލީ ރަޝީދު ޙުސައިން
ޢަބްދުﷲ ޙަމީދު
27 ޞަފަރު 1447
21 އޮގަސްޓު 2025
ފުޓްނޯޓު
- ޤާނޫނު ނަންބަރު 3/2010
- ޤާނޫނު ނަންބަރު 3/2010
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 1-PAO/2024/1740 ސިޓީ (26 އޮގަސްޓް 2024)
- ގަވާއިދު ނަންބަރު 2022/R-14
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-L/INDIV/2024/841 "ރަޖިސްޓްރާރގެ ނިންމުން" (22 ޑިސެންބަރު 2024)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-M5/RDA/2025/3 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓު" (23 ޖަނަވަރީ 2025)
- ޤާނޫނު ނަންބަރު 22/2010
- ޝަމްސުލް މުނާ ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ނަންބަރު 2019/SC-L/87 ޤަޟިއްޔާ)، އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ނަންބަރު 2019/SC-L/91 ޤަޟިއްޔާ)، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޚުމ (ނަންބަރު 2022/SC-A/51 ޤަޟިއްޔާ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2025/66 "ރަޖިސްޓްރާރގެ ނިންމުން" (6 އެޕްރިލް 2025)
- ޤާނޫނު ނަންބަރު 4/2011
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (ޤާނޫނު ނަންބަރު 3/2010) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2)
- ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (ޤާނޫނު ނަންބަރު 3/2010) ގެ 59 ވަނަ މާއްދާގެ (ހ) ގެ (4)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޔ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2022/R-14) ގެ 26 ވަނަ މާއްދާގެ (ހ)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2022/R-14) ގެ 26 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާ
- މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 4/2011) ގެ 12 ވަނަ މާއްދާގެ (ނ)
- ސުޕްރީމް ކޯޓުގެ 2019/SC-L/87 (ޝަމްސުލް މުނާ ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޚުމ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.