ސާޖިދާ މުޙައްމަދު ވ. ސިވިލް ސަރވިސް ކޮމިޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2023/48، 95-CR/INDIV/2023/218، 217/VTR/2022
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން 217/VTR/2022 ގައި، ތަފާތުކުރި ދާއިރާ ނުވަތަ ހަމަ ބަޔާންކޮށްދީފައި ނުވާތީ ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރެއް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ނިންމިއެވެ. އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2023/218 ގައި ބަލައިނުގަނެ، ފަނޑިޔާރުން HC-RM/2023/48 ގައި އެ ނިންމުން ދެމެހެއްޓިއެވެ.
- ވާޤިޢާ
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ސާޖިދާ ހޮވިފައިވާކަން 2020 ގައި މިނިސްޓްރީ އޮފް ހެލްތުން އަންގައި، ފަހުން އޮނިގަނޑަށް ބަދަލު ގެނައުމަށް ނިންމާފައިވާތީ އިޢުލާން ބާޠިލުކުރިއެވެ. 2022 ގައި ސިވިލް ސަރވިސް ކޮމިޝަނުން އެ މަޤާމަށް އަލުން އިޢުލާންކުރުމުން، ސާޖިދާއަށް ވަޒީފާ ނުދިނުމަށް އިޢުލާން ބާޠިލުކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަ، ސިވިލް ކޯޓުގެ 2336/Cv-C/2022 ނިންމުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާ ހޯދުމުގައި ތަފާތުކުރި ކަމަށް ބުނާ މައްސަލައެއްގެ އިސްތިއުނާފުގައި، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް މައްސަލަ ބަލައިގަތުމަށް ބޭނުންވާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ބަޔާންކޮށްފައިވޭތޯއާއި، ހެކިތަކަށް ރިޢާޔަތްނުކުރި ކަމަށް ނުވަތަ ތަފާތުކުރި ކަމަށް ބުނާ ފަރާތުން ބަޔާންކޮށްދޭންޖެހޭ ކަންކަން.
- ޚަޞްމުންގެ ހުށަހެޅުންތައް
- ސާޖިދާ ބުނީ، ރަޖިސްޓްރާރގެ ނިންމުން ރަނގަޅު ނޫންކަން ފާހަގަކޮށް ހައިކޯޓަށް ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކުރުމަކާ ނުލައި، ފަނޑިޔާރުން ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންނުކޮށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 42، 56 އަދި 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށެވެ. ހައިކޯޓަށް ހުށަހެޅި ނުކުތާތަކުގައި ބުނެފައިވަނީ ވަކީލުގެ ވާހަކަ މުވައްކިލުގެ ބަސް ކަމަށް ބެލުމާ ގުޅޭ ގޮތުންނާއި، ސިޔާސީ ގުޅުމުގެ ސަބަބުން ތަފާތުކުރި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ތަފާތުކުރެވިފައިވަނީ ކޮން ފަރާތްތަކެއްގެ މެދުގައިކަމާއި ތަފާތުކުރި ގޮތާއި، ރިޢާޔަތްނުކުރި ހެކިތަކަކީ ކޮބައިކަމާއި އެ ހެކިތަކުން ނަތީޖާ ބަދަލުވާނެ ގޮތް ބުނެދީފައި ނުވެއެވެ. 2019/SC-L/91 ގައިވާ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނުމުގެ އިތުރަށް ކާމިޔާބުކުރެވޭނެ އެކަށީގެންވާ ފުރުޞަތެއް އޮތް ޤާނޫނީ ބަހުސެއް ބުނެދޭންޖެހޭއިރު، އެ މިންގަނޑު ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ކުރާ އިސްތިއުނާފަށްވެސް ހިނގައެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ނެތްކަމަށް ބުނެ މައްސަލަ ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2023/48 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށުކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ވެސް، އިސްތިއުނާފުކުރުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑަކީ، އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބުކުރެވޭނެކަމުގެ އެކަށީގެންވާ ފުރުޞަތެއް އޮތް ޤާނޫނީ ބަހުސެއް ހިމެނޭކަން ބުނެދިނުމުގެ މިންގަނޑެވެ.
HN2 އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންވާނީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރެވޭ މައްސަލަތަކުގައި އެކަނި ކަމަށްވާއިރު، އިސްތިއުނާފީ ދައުވާއަކީ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ކަމަށް ކަނޑައެޅޭނީ، އިސްތިއުނާފުކުރަން ހުށަހަޅާފައިވާ ނުކުތާގައި ކާމިޔާބުކުރެވޭނެކަމުގެ އެކަށީގެންވާ ފުރުޞަތެއް އޮތް ޤާނޫނީ ބަހުސެއް ހިމެނޭކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާނަމައެވެ.
HN3 އިސްތިއުނާފުގެ އޮޅިގަނޑު ގިރާނުކުރެވޭ މައްސަލަތަކުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަކީ ކޯޓުތަކުގެ ރަޖިސްޓްރާރުންނާއި ފަނޑިޔާރުންގެ ޤާނޫނީ ޒިންމާއެކެވެ.
HN4 ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް، ނުވަތަ ހެކިތަކަށް ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް، ނުވަތަ ޙައްޤުތައް ގެއްލިފައިވާ ކަމަށް، ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާ ކަމަށް ހަމައެކަނި ބުނުމުގެ އިތުރަށް، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ނުކުތާގައި ސާފުކޮށް ބުނަންވާނެއެވެ.
HN5 ތަފާތުކުރިކަން ސާބިތުކުރަން ހުށަހެޅި ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ އިސްތިއުނާފުކުރާނަމަ، އެއީ ކޮން ހެކިތަކެއްކަމާއި، އެ ހެކިތަކަށް ރިޢާޔަތްކުރުމުން ނަތީޖާ ބަދަލުވެގެން އަންނާނެ ގޮތްކަމަށް އެ ފަރާތަށް ފެންނަ ގޮތް، އިސްތިއުނާފުކުރާ ފަރާތުން ބުނެދެވެން ޖެހެއެވެ.
HN6 ތަފާތުކުރުމާ ގުޅޭ އިސްތިއުނާފީ ނުކުތާއެއްގައި، ތަފާތުކުރެވިފައިވަނީ ކޮން ފަރާތްތަކެއްގެ މެދުގައިކަމާއި ތަފާތުކޮށްފައިވާ ގޮތަކީ ކޮބައިކަން އެނގެން ނެތްނަމަ، މައްސަލައިގެ ނިންމުމަށް އަސަރުކުރާނެ ޤާނޫނީ ބަހުސެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައިވާކަމަށް ނުބެލެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2023/SC-HCL/25
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2023/SC-L/112
ހުށަހެޅުނު ތާރީޚު: 18 އޮކްޓޯބަރު 2023
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ސާޖިދާ މުޙައްމަދު
ޢާންމު ނަން: ސާޖިދާ
ދާއިމީ އެޑްރެސް: މއ. ބާބުލްޢަވާލީ، މާލެ
މިހާރުގެ އެޑްރެސް: މ. ދިމްޔާތު، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2023/48
ހުށަހެޅުނު ތާރީޚު: 16 ޖުލައި 2023
ނިމުނު ތާރީޚު: 18 ސެޕްޓެމްބަރު 2023
4. ހުށަހެޅިފައިވާ މައްސަލަ
112 އޮގަސްޓް 2020 ގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ މިނިސްޓްރީ އޮފް ހެލްތުގެ ނަންބަރު (IUL)23/23/2020/110 އިޢުލާނާ ގުޅިގެން އެ މަޤާމަށް ސާޖިދާ މުޙައްމަދު ކުރިމަތިލާފައިވެއެވެ. އަދި، އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި އިންޓަރވިއު މަރުޙަލާއަށްފަހު ސާޖިދާ މުޙައްމަދު އެ މަޤާމަށް ހޮވިފައިވާކަމަށާއި، ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ހެލްތްގެ ނަންބަރު 23-HRD(LR)/INDIV/2020/1787 (25 އޮކްޓޫބަރު 2020) ސިޓީ އިން ސާޖިދާ މުޙައްމަދު އަށް އަންގާފައިވެއެވެ.
2އެހެން ނަމަވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހިންގުމުގެ އޮނިގަނޑަށް 2021 ވަނަ އަހަރު ބަދަލު ގެނައުމަށް ނިންމާފައިވާތީ، ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ އިޢުލާން ބާޠިލުކޮށްފައިވާކަން 08 ޑިސެންބަރު 2020 ގައި ސާޖިދާ މުޙައްމަދު އަށް މިނިސްޓްރީ އޮފް ހެލްތުން އަންގާފައިވެއެވެ.
3އެއަށްފަހު 11 މޭ 2022 ގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް އިތުރު އިޢުލާނެއް، ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-CRSD-IUL/2022/27 އިޢުލާނުން ކޮށްފައިވެއެވެ. މި އިޢުލާނު ކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނެސް ކަމުގައި ސާޖިދާ މުޙައްމަދު ގެ ފަރާތުން ބުނެފައިވެއެވެ. އަދި މިނިސްޓްރީ އޮފް ހެލްތް ގެ ނަންބަރު (IUL)23/23/2020/110 އިޢުލާނު ބާޠިލުކޮށްފައިވަނީ ސާޖިދާ މުޙައްމަދުއަށް ވަޒީފާ ނުދިނުމަށް ކަމަށް ދެކި، އިޢުލާނު ބާޠިލުކުރި ކުރުމަކީ ބާޠިލު ނިންމުމެއް ކަމަށް ކަނޑައަޅައިދީ، އިޢުލާނު ބާޠިލުކުރި ހިސާބުން ވަޒީފާގެ ކަންކަން ކުރިއަށް ގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް ސާޖިދާ މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.
4މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ކަމަށް ސިވިލް ކޯޓުގެ ނަންބަރު 2336/Cv-C/2022 ގަޟިއްޔާއިން 07 ޖޫން 2022 ގައި ނިންމުމާ ގުޅިގެން ސާޖިދާ މުޙައްމަދުގެ ފަރާތުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ.
5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 217/VTR/2022 މައްސަލައިގެ ނިންމުމުގައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަކަށް ތަފާތުކޮށްފައިވަނީ ކޮން ދާއިރާއަކުން ނުވަތަ ކޮން ހަމައަކުންކަން ބަޔާންކޮށްދީފައި ނުވާތީ، ސާޖިދާ މުޙައްމަދު އެދިފައިވާފަދަ އަމުރެއް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ސާޖިދާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ސާޖިދާ މުޙައްމަދު ހުށަހެޅި އިސްތިއުނާފު ފޯމުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ނުފެންނާތީ، މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތްކަމަށް، އެކޯޓުގެ ނަންބަރު 95-CR/INDIV/2023/218 "ރަޖިސްޓްރާރގެ ނިންމުން" އިން ނިންމާފައިވެއެވެ. އަދި އެ ކޯޓުގެ ނަންބަރު HC-RM/2023/48 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ރަޖިސްޓްރާރ ގެ ނިންމުން ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅާފައިވެއެވެ.
7ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު HC-RM/2023/48 ނިންމުން ސާޖިދާ މުޙައްމަދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
8އިސްތިއުނާފީ ނުކުތާގައި ސާޖިދާ މުޙައްމަދު ގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރަންޖެހޭނެ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ، ރަޖިސްޓްރާރގެ ނިންމުން ރަނގަޅު ނޫންކަން ފާހަގަކޮށް ސާޖިދާ މުޙައްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކުރުމަކާ ނުލައި، އަދި އެ ނިންމުމަށް ފަނޑިޔާރުން ވާޞިލުވި ސަބަބު ބަޔާންކުރުމެއް ނެތި، ޤާނޫނުއަސާސީގެ 42، 56 އަދި 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށެވެ.
9HN1ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ހާލަތު ބަޔާންކުރާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވެއެވެ. އެމާއްދާގައި ބަޔާންވެގެންވަނީ؛ "މި ޤާނޫނުގެ 38 ވަނަ މާއްދާއާއި، 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ.
(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން.
(ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.
(1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން.
(2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރު ކަމުގައިވުން.
(3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން.
(4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން." މިހެންނެވެ.
10ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުމުގައި އަދި ފަނޑިޔާރުންގެ ނިންމުމުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ސާޖިދާ މުޙައްމަދު ހުށަހެޅި އިސްތިއުނާފުގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ނެތްކަމަށެވެ.
11HN6ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފީ ދެނުކުތާއެވެ. ފުރަތަމަ ނުކުތާގައި ވާހަކަދައްކާފައިވަނީ ވަކީލުގެ ވާހަކަތަކަކީ މުވައްކިލުގެ ބަސް ކަމަށްބުނެ ތައުކީލު ކުރުމާ ގުޅޭ ގޮތުން ކަމަށްވާއިރު، ޓްރައިބިއުނަލްގެ ރިޕޯޓުގައިވާ ވާހަކަތަކަށް ބަލައި، މިއިން އުފެދޭ ބަހުސަކީ މައްސަލައިގެ ނިންމުމަށް އަސަރެއް ކުރާނެ ވާހަކަތަކެއް ކަމަށް ތަޞައްވުރު ނުކުރެވެއެވެ. އެހެނީ ވަކީލު ދައްކާފައިވާ ވާހަކަތަކަކީ މުވައްކިލުގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކެއް ނޫންކަން ޓްރައިބިއުނަލްގެ ރިޕޯޓުން ދޭހަނުވެއެވެ. ދެވަނަ ނުކުތާގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކަނީ ތަފާތު ކުރުމާގުޅޭ ގޮތުން ކަމަށްވާއިރު، މި މައްސަލައިގައި ޝަކުވާ ކޮށްފައިވަނީ އެހެން މީހަކަށް ވަޒީފާ ދިނުމުގެ ކުރިން ކަމަށްވެފައި، ތަފާތުކުރެވިފައިވަނީ ކޮންފަރާތްތަކެއްގެ މެދުގައިކަމާއި، ތަފާތުކޮށްފައިވާ ގޮތަކީ ކޮބައިކަން އެނގެން ނެތްއިރު، މައްސަލައިގެ ނިންމުމަށް އަސަރު ކުރާނެ ޤާނޫނީ ބަހުސެއް އޮތްކަން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދީފައި ނުވެއެވެ. އަދި ވަޒީފާދޭ ފަރާތުގެ ނިންމުމަކީ، އިސްތިއުނާފުކުރާ ފަރާތް މާލެ ސިޓީ މޭޔަރ ގެ އަނބިކަނބަލުންނަށް ވެފައި، އިދިކޮޅު ސިޔާސީ ފަރާތަކާ ގުޅުންހުރި ފަރާތްތަކަށްވާތީ ނިންމާފައިވާ ނިންމުމެއް ކަމަށް މިނުކުތާގައި ދައްކާފައިވާ ވާހަކަތަކުން ބާރުނުދެއެވެ.
12HN4HN5ތަފާތު ކުރިކަން ސާބިތުކުރަން ހުށަހެޅި ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެފައިވާއިރު، އެއީ ކޮން ހެކިތަކެއްކަމާއި އެހެކިތަކަށް ރިޢާޔަތް ކުރުމުން ނަތީޖާ ބަދަލުވެގެން އަންނާނެ ގޮތްކަމަށް އެފަރާތަށް ފެންނަ ގޮތް ބުނެދެވެން ޖެހޭއިރު، އިސްތިއުނާފު ކުރާ ފަރާތަށް އެކަން ބަޔާންކޮށްދެވިފައި ނުވާކަން ފާހަގަކުރެވެއެވެ. ސުޕްރީމް ކޯޓުން ނިންމާފައިވާ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ނިންމުމުގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. "ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމުގެ، ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ، ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ، ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާ ކަމަށް ބުނާބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ.".
13HN2HN3އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މި މައްސަލަ ނިންމުމުގައި ސުޕްރީމް ކޯޓުން އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންވާނީ އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަދޭ އޮޅިގަނޑު ގިރާކުރެވޭ މައްސަލަތަކުގައި އެކަނި ކަމަށެވެ. އަދި އިސްތިއުނާފީ ދައުވާއަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންޖެހޭ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ކަމަށް ކަނޑައަޅާނީ އިސްތިއުނާފު ކުރަން ހުށަހަޅާފައިވާ ނުކުތާގައި އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބު ކުރެވޭނެކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ގާނޫނީ ބަހުސެއް ހިމެނޭކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާ ނަމަ ކަމުގައި އެ މައްސަލައިގެ ނިންމުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. އެ އޮޅިގަނޑު ގިރާނުކުރެވޭ މައްސަލަތަކުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނުދިނުމަކީ ކޯޓުތަކުގެ ރަޖިސްޓްރާރ އާއި ފަނޑިޔާރުންގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ސުޕްރީމް ކޯޓުން އެ މައްސަލައިގައި އިތުރަށް ކަނޑައަޅާފައި ވެއެވެ. އިސްތިއުނާފުކުރުމުގައި ގިރާކުރަންޖެހޭ މި ބަޔާންކުރެވުނު އޮޅިގަނޑަކީ ދަށުކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ވެސް ގިރާ ކުރަންޖެހޭ މިންގަނޑެވެ.
14ސާޖިދާ މުޙައްމަދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ބިނާކޮށް ހުށަހަޅާފައި އޮތްގޮތުން، ހައިކޯޓަށް މައްސަލަ ބަލައިގަތުމަށްޓަކައި ބޭނުންވާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާވަރުގެ ޤާނޫނީ ބަހުސެއް އޮތްކަން ބަޔާންކޮށްދެވިފައި ނުވެއެވެ. އަދި އެހެންކަމުން، ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށް ބުރަވެވެއެވެ.
5. ނިންމުން
އިސްވެ ބަޔާންވެދިޔަ ކަންތައް އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2023/48 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
އަޒްމިރާލްދާ ޒާހިރު
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
ޢާއިޝާ ޝުޖޫން މުޙައްމަދު
17 ރަބީޢުލްއާޚިރު 1445
01 ނޮވެމްބަރ 2023
ފުޓްނޯޓު
- މިނިސްޓްރީ އޮފް ހެލްތް ގެ ނަންބަރު 23-HRD(LR)/INDIV/2020/2127 ސިޓީ
- މިނިސްޓްރީ އޮފް ހެލްތް ގެ ނަންބަރު (IUL)23/23/2020/110 އިޢުލާނު
- ޤާނޫނު ނަންބަރު 22/2010
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ގަޟިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާ
- ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/2008) ގެ 4 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.