ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/SC-HCL/15, 2024/SC-L/71

ޢަބްދުﷲ ޚާލިދު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 20 އޮކްޓޫބަރު 2024ދަށު ކޯޓު: ހައިކޯޓު HC-RM/2024/31ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2024/31، 95-CR/INDIV/2024/167، 86/VTR/2023
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން 86/VTR/2023 ގައި، ޢަބްދުﷲ ޚާލިދު ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/2008) ގެ 23 ވަނަ މާއްދާގައިވާ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށާއި ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ކަމަށް ނިންމިއެވެ. ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2024/167 ގައި ހުއްދަ ނުދީ، ފަނޑިޔާރުން HC-RM/2024/31 ގައި އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމިއެވެ.
ވާޤިޢާ
ޢަބްދުﷲ ޚާލިދު 03 މެއި 1998 އިން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޕޭމަންޓް ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 03 މެއި 2023 ގައި ވަޒީފާއިން ވަކިކުރިއެވެ. ވަކިކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި، އެދުނު ފަދަ އަމުރެއް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ޓްރައިބިއުނަލުން ނިންމުމުން، އެ ނިންމުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓްރައިބިއުނަލްގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގެ އުސޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ބުނި ނަމަވެސް، ޚިލާފުވާ ގޮތް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައި ނުވާއިރު، ހުއްދަ ނުދިން ރަޖިސްޓްރާރގެ ނިންމުން ހައިކޯޓުގެ ފަނޑިޔާރުން ދެމެހެއްޓުމުގައި ކުށެއް ހެދިތޯއާއި، އެ ފަނޑިޔާރުންގެ ނިންމުމަށް ވާސިލުވި ސަބަބު [2021] SC 30 ގެ އަލީގައި ތަފުސީލުނުވާކަމަށް ބެލެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޢަބްދުﷲ ޚާލިދު ބުނީ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ނެތްކަމަށް ހައިކޯޓުން ކަނޑައެޅީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ އުސޫލުތަކާ ޚިލާފަށް، އިސްތިއުނާފީ ޙައްޤަށް އުނިކަން ލިބޭގޮތަށް ކަމަށާއި، ފަނޑިޔާރުންގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންނުކުރުމަކީ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 30 ގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބިނާކުރީ 2014/SC-A/27 އާއި 2018/SC-A/49 ގެ އުސޫލުތަކާ ޓްރައިބިއުނަލްގެ ނިންމުން ޚިލާފުކަމަށް ބުނުމުގެ މައްޗަށް ނަމަވެސް، ޚިލާފުވާ ގޮތެއް ނުވަތަ ޓްރައިބިއުނަލުން ޙަވާލާދީ ނިންމި ކަންކަން ރަނގަޅު ނޫންކަމުގެ ތަފުސީލު ފޯމުން ފާހަގައެއް ނުވެއެވެ. 14 ނުކުތާއިން ސުޕްރީމް ކޯޓުގެ އުސޫލުތައް ތަޠުބީޤުކުރުމާއި ނޯޓިހާ ގުޅޭ ކަންކަމުގައި ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅު ނޫން ސަބަބު އެ ނިންމުމާ ގުޅުވައިގެން ބަޔާންކޮށްފައި ނުވާތީ، ޤާނޫނާ ޚިލާފުކަމަށް ޤަބޫލުކުރެވޭ ސަބަބެއް ސާފުކޮށްދީފައި ނުވެއެވެ. މިއީ ރަޖިސްޓްރާރ މައްސަލަ ބަލައިނުގަތް ސަބަބާއި ފަނޑިޔާރުން އެ ނިންމުން ދެމެހެއްޓި ސަބަބު ކަމަށްވާތީ، ފަނޑިޔާރުންގެ ނިންމުމަށް ވާސިލުވި ސަބަބު ތަފުސީލުނޫން ކަމަށް ބުރައެއް ނުވެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 86/VTR/2023 ނިންމުން އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ރަޖިސްޓްރާރގެ 95-CR/INDIV/2024/167 ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2024/31 ނިންމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި މައްސަލަ ނިންމި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ އިސްތިއުނާފު ފޯމުގައި، ޓްރައިބިއުނަލްގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއްގައި ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ބުނެފައިވި ނަމަވެސް، އިސްތިއުނާފުގެ ތަފުސީލުގައި ޓްރައިބިއުނަލްގެ ނިންމުން އެ އުސޫލުތަކާ ޚިލާފުވާ ގޮތެއް ބުނެދީފައި ނުވާނަމަ، ނުވަތަ ޓްރައިބިއުނަލުން އެ ޤަޟިއްޔާއަށް ޙަވާލާދީ ނިންމާފައިވާ ކަންކަން ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމުގެ ތަފުސީލު އިސްތިއުނާފު ފޯމުން ފާހަގަ ނުވާނަމަ، ޓްރައިބިއުނަލްގެ ނިންމުން ޚިލާފުވާ ގޮތެއް ބުނެދީފައިވާކަމުގައި ނުބެލެވޭނެއެވެ.

HN2 ޓްރައިބިއުނަލުން ގޮތެއް ނިންމާފައިވާ ކަންކަމާ ގުޅޭ އިސްތިއުނާފީ ނުކުތާތަކުގައި، ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ސަބަބުތައް އެ ނިންމުމާ ގުޅުވައިގެން އިސްތިއުނާފީ ފޯމުން ބަޔާންކޮށްދީފައި ނުވާނަމަ، ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބެއް ސާފުކޮށްދީފައި ނުވާކަމުގައި ނިންމަންޖެހޭނެއެވެ.

HN3 ރަޖިސްޓްރާރގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ހުށަހަޅާ ނުކުތާތަކާމެދު ހައިކޯޓުގެ ފަނޑިޔާރުން ޖުމުލަ ގޮތެއްގައި ގޮތެއް ނިންމާފައިވިޔަސް، އެ ނުކުތާތަކުގައި ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ޤަބޫލުކުރެވޭ ސަބަބެއް ސާފުކޮށްދީފައި ނުވުމަކީ ރަޖިސްޓްރާރ މައްސަލަ ބަލައިނުގަތް ސަބަބާއި، އެ ނިންމުން ބަދަލުކުރާނެ ތަނެއް ނެތްކަމަށް ފަނޑިޔާރުން ނިންމަން ޖެހުނު ސަބަބު ކަމުގައިވާނަމަ، ހައިކޯޓުގެ ފަނޑިޔާރުން ނިންމުމަށް ވާސިލުވި ސަބަބު ތަފުސީލު ނޫންކަމުގައި ނުބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2024/SC-HCL/15

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2024/SC-L/71

ހުށަހެޅުނު ތާރީޚު: 22 ސެޕްޓެންބަރު 2024

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ޢަބްދުﷲ ޚާލިދު

ޢާންމު ނަން: ޢަބްދުﷲ ޚާލިދު

ދާއިމީ އެޑްރެސް: އަސުރުމާގެ، ބ. އޭދަފުށި

މިހާރުގެ އެޑްރެސް: މ. ޗެރީބެލް ދެކުނުވައި، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2024/31

ހުށަހެޅުނު ތާރީޚު: 02 ޖޫން 2024

ނިމުނު ތާރީޚު: 13 އޮގަސްޓު 2024

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1. ޢަބްދުﷲ ޚާލިދު، 03 މެއި 1998 އިން ފެށިގެން، މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީގެ ޕޭމަންޓް ސެކްޝަންގެ ޑެޕިއުޓީ މެނޭޖަރެއްގެ ގޮތުގައި ވަޒީފާއަދާ ކުރަމުން ދަނިކޮށް 03 މެއި 2023 ގައި ވަޒީފާއިން ވަކިކޮށްފައިވެއެވެ. ޢަބްދުﷲ ޚާލިދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅިއެވެ.

[2]4.2. ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މި މައްސަލަ ނިންމާފައިވަނީ، ޢަބްދުﷲ ޚާލިދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙާލަތެއް މެދުވެރިވެ، އެކަށީގެންވާ ސަބަބެއް އޮވެގެންކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ސާބިތު ކޮށްދީފައިވާތީ އާއި، މި މައްސަލައިގައި ޢަބްދުﷲ ޚާލިދު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ކަމަށް ބުރަވެވޭތީ، މި މައްސަލަ ހުށަހެޅި ޢަބްދުﷲ ޚާލިދުގެ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައެވެ.

[3]4.3. ޢަބްދުﷲ ޚާލިދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2023 ނިންމުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅިއެވެ. އެ ހުށަހެޅުން ބަލައި ނުގަނެ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައި ވެއެވެ. އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި މައިގަނޑު ސަބަބަކީ، ޢަބްދުﷲ ޚާލިދުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ނުވަތަ ޓްރައިބިއުނަލްގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާތީއެވެ. މީގެ އިތުރަށް އެ އިސްތިއުނާފުން ޓްރައިބިއުނަލުން ރިއާޔަތްކުރި ކަންކަން ނަފީ ކުރެވޭ ފަދަ ބަހުސެއް ޤާނޫނީ އުސޫލުތަކުގެ އަލީގައި އެ އިސްތިއުނާފުގައި ބަޔާންކޮށްދީފައި ނުވާކަން ރަޖިސްޓްރާރ ފާހަގަކޮށްފައިވެއެވެ.

[4]4.4. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2023 ނިންމުން އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ނަންބަރު 95-CR/INDIV/2024/167 "ރަޖިސްޓްރާރގެ ނިންމުން" ނިންމުމުން ނިންމާފައިވާ ނިންމުން މުރާޖަޢާކޮށް ދިނުމަށް އެދި ޢަބްދުﷲ ޚާލިދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.

[5]4.5. ހައިކޯޓުގެ ނަންބަރު HC-RM/2024/31 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމާފައިވަނީ، ހައިކޯޓުގެ ނަންބަރު 95-CR/INDIV/2024/167 ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައެވެ.

[6]4.6. ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ ޢަބްދުﷲ ޚާލިދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި 2 (ދޭއް) ނުކުތާއެވެ.

(ހ) ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިންމި ގޮތުގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާ، އިސްތިއުނާފުކުރުމަށް ހުށަހެޅުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ޚިލާފަށް، އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ޙައްޤަށް އުނިކަން ލިބޭ ގޮތަށްކަން.

(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގައި، ފަނޑިޔާރުންގެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކޮށްފައި ނުވާއިރު، މިއީ ޙުކުމަށް ވާސިލުވި ސަބަބުތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 30 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަން.

[7]4.7. މި މައްސަލައިގައި ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފު ފޯމާއި، އަދި ރަޖިސްޓްރާރގެ ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަށް ބަލާއިރު، ހައިކޯޓަށް ހުށަހެޅުނު މައިގަނޑު އިސްތިއުނާފު ބިނާވެފައިވަނީ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް މައްސަލަ އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުތަކާ ޓްރައިބިއުނަލްގެ ނިންމުން ޚިލާފުކަމުގައި ބުނެއެވެ. އެހެން ނަމަވެސް، މި އިސްތިއުނާފުގެ ތަފުސީލުގައި ޓްރައިބިއުނަލްގެ ނިންމުން ޚިލާފުވާ ގޮތެއް ބުނެދީފައިވާކަމުގައި ނުބެލެވެއެވެ. ޓްރައިބިއުނަލްގެ ނިންމުމުގައި ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް މައްސަލައަށް ހަވާލާދީފައިވާއިރު، ޓްރައިބިއުނަލްއިން އެ ފަދައިން ޙަވާލާދީ ނިންމާފައިވާ ކަންކަން ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމުގެ ތަފުސީލު ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފު ފޯމުން ފާހަގައެއް ނުވެއެވެ. އަދި އެ ތަފުސީލުތަކުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގެ ވާހަކައެއް ހިމެނިފައިނުވެއެވެ.

[8]4.8. ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން [2021] SC 30 މައްސަލައިގެ އަލީގައި ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގެ ތަފުސީލު ހިމެނިފައިވުމުގެ މައްޗަށް ބަލާއިރު، ރަޖިސްޓްރާރގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނެ ޢަބްދުﷲ ޚާލިދުގެ ފަރާތުން 14 (ސާދަ) ނުކުތާއެއް ހައިކޯޓަށް ހުށަހަޅާފައިވެއެވެ. މި ނުކުތާތަކާމެދު ޖުމުލަ ގޮތެއްގައި ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ އެ ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމުގައެވެ.

[9]4.9. ހައިކޯޓަށް ހުށަހެޅިފައިވާ 14 (ސާދަ) ނުކުތާއަށް ބަލާއިރު، އެ ނުކުތާތަކުގައި ބަޔާންވެފައިވަނީ މައިގަނޑު ގޮތެއްގައި ދެ ކަމެކެވެ. އެއްކަމަކީ ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ހުރި ކަމާބެހޭ އުސޫލުތައް ތަޠުބީޤު ކުރުމާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމެވެ. ދެވަނަ ކަމަކީ، ނޯޓިހުގެ މުއްދަތަށް ދީފައިވާ ފައިސާ އާއި ނޯޓިހާ ގުޅޭ ކަންކަމެވެ. މި ދެ ކަންތަކަށް ބެލިނަމަވެސް، މިއީ ޓްރައިބިއުނަލުން މި ކަންކަމާމެދު ގޮތްތަކެއް ނިންމާފައިވާ ކަންތައްތަކެކެވެ. ނަމަވެސް ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ފޯމުން މި ދެ ނުކުތާގައި ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ސަބަބުތައް އެ ނިންމުމާ ގުޅުވައިގެން ބަޔާންކޮށްދީފައިނުވެއެވެ. ކަންމިހެން އޮތުމުން އާޚިރުގައި ނުކުންނަ ނަތީޖާއަކީ، ޓްރައިބިއުނަލުގެ ނިންމުން ޤާނޫނާ ޚިލާފުކަމުގައި ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލު ކުރެވޭ ސަބަބެއް ސާފުކޮށްދީފައިނުވާ ކަމުގައި ނިންމަންޖެހުމެވެ. މިއީ ހައިކޯޓުގެ ރަޖިސްޓްރާރ މި މައްސަލަ ބަލައިނުގަތުމަށް ނިންމި ސަބަބެވެ. އަދި އެ ނިންމުން ބަދަލުކުރާނެ ތަނެއް ނެތްކަމުގައި އެ ކޯޓުގެ ފަނޑިޔާރުން ނިންމަން ޖެހުނު ސަބަބުވެސް މެއެވެ. ކަން މިހެން އޮތުމުން ހައިކޯޓުގެ ފަނޑިޔާރުން ނިންމުމަށް ވާސިލުވި ސަބަބު ތަފުސީލު ނޫންކަމުގައި ބުރައެއް ނުވެވެއެވެ.

[10]4.10. ކަންމިހެން އޮތުމުން ޢަބްދުﷲ ޚާލިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ދެކެމެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2023 ނިންމުން އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/31 ނިންމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

ޢަލީ ރަޝީދު ޙުސައިން

17 ރަބީޢުލްއާޚިރު 1446

20 އޮކްޓޯބަރ 2024

ފުޓްނޯޓު

  1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2023 މައްސަލަ
  2. ހައިކޯޓުގެ ނަންބަރު 95-CR/INDIV/2024/167 "ރަޖިސްޓްރާރގެ ނިންމުން"
  3. 2020/SC-A/100
  4. 2014/SC-A/27
  5. 2018/SC-A/49
  6. 4 ފުޓް ނޯޓް
  7. 5 ފުޓް ނޯޓް
  8. 2020/SC-A/100
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ