އަޙްމަދު ސިރާޖް ވ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/44، 95-CR/INDIV/2024/197، 1327-CVC-2023
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 1327-CVC-2023 ގައި އަޙްމަދު ސިރާޖުގެ ދަޢުވާ ޝަރީޢަތަށް ސާބިތު ނުވާކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2024/197 ގައި އޭގެ އިސްތިއުނާފު ބަލައިނުގަތީ، އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ނެތުމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީއެވެ. HC-RM/2024/44 ގައި ފަނޑިޔާރުން އެއަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- "ޤައުމީ ކުންފުނި ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ހުށަހަޅައި ނަން ފާސްކޮށް ފީ ދެއްކުމަށްފަހު، ރަޖިސްޓްރާރ އޮފް ކޮމްޕެނީގެ ނުފޫޒާ ބާރުން ރަޖިސްޓްރީ ދޫނުކޮށް ހިފަހައްޓާފައިވާތީ ވިޔަފާރި ނުކުރެވި ގެއްލުން ލިބުނުކަމަށް ބުނެ، ކުންފުނީގެ ރަޖިސްޓްރީއާއި ޖުމްލަ 2,341,995 ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މައްޗަށް އަޙްމަދު ސިރާޖު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައިކޯޓަށް ކުރާ އިސްތިއުނާފެއްގައި ދަށުކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށާއި ބޮޑު ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނުމުން ފުދޭތޯ، ނުވަތަ ނިންމުން ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފުވި ގޮތާއި އުފެދޭ ޤާނޫނީ ބަހުސް ސާފުކޮށްދޭންޖެހޭތޯއާއި، ސުޕްރީމް ކޯޓުގެ 2019/SC-L/91 ނިންމުމާ ޙަވާލާދީ ހައިކޯޓުގެ ރަޖިސްޓްރާރަށް އިސްތިއުނާފެއް ބަލައިނުގަނެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ސުޕްރީމް ކޯޓަށް ހުށަހެޅި ދެ ނުކުތާގައި އަޙްމަދު ސިރާޖު ބުނީ، ސިވިލް ކޯޓުގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުވާތީ ހައިކޯޓުން އިސްތިއުނާފު ބަލައިނުގަތް ސަބަބު ރަނގަޅު ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި އިސްތިއުނާފުކުރެވޭ ދެ ޙާލަތެއް ބަޔާންކޮށްފައިވާއިރު، މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު ފާޅުކަން ބޮޑު ގޯސްތަކެއް ނިންމުމުގައި ހަދާފައިހުރިކަން އެނގޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރެވޭނީ ނިންމުން ޤާނޫނާ ޚިލާފުވުން ނުވަތަ ބާޠިލު އިޖުރާއަތެއް ފަދަ ދެ ޙާލަތެއް މެދުވެރިވެގެންނެވެ. އަޙްމަދު ސިރާޖުގެ ނުކުތާތަކުގައި ހައިކޯޓުގެ ނިންމުން ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފުވި ގޮތެއް ބުނެދީފައި ނުވެއެވެ. 2019/SC-L/87 އަދި 2019/SC-L/91 ގައިވާ ގޮތުން، ޤާނޫނީ އުސޫލުތަކާ ޚިލާފު ކަމަށް ބުނުމުގެ އިތުރުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދޭންޖެހެއެވެ. 2019/SC-L/91 އަކީ ޢާންމު އުސޫލު ބަޔާންކުރާ ނިންމުމަކަށްވާތީ، އެއާ ޙަވާލާދީ ރަޖިސްޓްރާރ ނިންމި ނިންމުމަށް ފަނޑިޔާރުން ތާއީދުކުރީ ރަނގަޅަށެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 1327-CVC-2023 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ 95-CR/INDIV/2024/197 ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2024/44 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތުގެ ރިޕޯޓު" ގެ ކަނޑައެޅުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުން، ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއް ހައިކޯޓަށް އިސްތިއުނާފުކުރެވޭނީ، އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން، ނުވަތަ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރުފޯރުވި އިޖުރާއަތަކީ އެ މާއްދާގައިވާ ބާވަތެއްގެ އައިބެއްގެ ސަބަބުން ބާޠިލު އިޖުރާއަތެއް ކަމުގައިވުން ފަދަ މައިގަނޑު ދެ ހާލަތެއް މެދުވެރިވެފައިވާ ނަމައެވެ.
HN2 އިސްތިއުނާފީ ނުކުތާގައި ދަށު ކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ސަބަބު ރަނގަޅު ނޫންކަމަށާއި، މައްސަލައިގެ ވާޤިޢާތަކުން ބޮޑު ގޯސްތަކެއް ހަދާފައިހުރިކަން އެނގޭކަމަށް ބަޔާންކުރުމަކީ، އެ ނިންމުން ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފުވި ގޮތެއް ބުނެދިނުމެއް ނޫނެވެ.
HN3 ކޯޓަކުން މައްސަލައެއްގައި ޙުކުމްކޮށްފައިވަނީ ނުވަތަ ދަޢުވާއާ ގުޅިގެން ވަކި ނުކުތާއެއް ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާނަމަ، އެފަދައިން ބުނުމުގެ އިތުރުން، ކޯޓުގެ ނިންމުމުގައިވާ ކަންކަމުގެ ތެރެއިން އިސްތިއުނާފުކުރާ ނުކުތާތަކާ ގުޅިގެން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން، އަދި ދަށު ކޯޓުން ރިޢާޔަތްކޮށްފައިނުވަނީ ކޮން ކަމަކަށްކަން، އިސްތިއުނާފުކުރާ ފަރާތުން ކޯޓަށް ސާފުކޮށްދޭންޖެހެއެވެ.
HN4 ސުޕްރީމް ކޯޓުގެ 2019/SC-L/91 ނިންމުމަކީ ކޯޓުން އިސްތިއުނާފީ މައްސަލައެއް ބަލައިގަތުމުގައި ޢަމަލުކުރަންޖެހޭ ޢާންމު އުސޫލު ބަޔާންކޮށްފައިވާ ނިންމުމެއް ކަމުން، އެ ނިންމުމާ ޙަވާލާދީ އިސްތިއުނާފީ މައްސަލައެއް ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު، ޢާއިޝާ ޝުޖޫން މުޙައްމަދު، މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/13
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/60
ހުށަހެޅުނު ތާރީޚު: 03 ސެޕްޓެންބަރު 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: އަޙްމަދު ސިރާޖް
ޢާންމު ނަން: އަޙްމަދު ސިރާޖް
ދާއިމީ އެޑްރެސް: ހަޒާރުމާގެ، ހއ. ދިއްދޫ
މިހާރުގެ އެޑްރެސް: ހ. ޓެޑްރެލް، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/44
ހުށަހެޅުނު ތާރީޚު: 15 ޖުލައި 2024
ނިމުނު ތާރީޚު: 04 އޮގަސްޓު 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 މިއީ، ހއ.ދިއްދޫ / ހަޒާރުމާގެ، އަޙްމަދު ސިރާޖު "ޤައުމީ ކުންފުނި ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ހުށަހެޅުމުން އެ ނަން ފާސްކޮށް ސަރުކާރަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުމަށްފަހު، ކުންފުނީގެ ރަޖިސްޓްރީ ބަލައި ދިއުމުން ރަޖިސްޓްރާރ އޮފް ކޮމްޕެނީގެ ނުފޫޒާ ބާރުން އެ ނަމުގައި ރަޖިސްޓްރީ ދޫނުކޮށް ހިފަހައްޓާފައިވުމުގެ ސަބަބުން ކުންފުނިން ކުރަން ގަސްދުކޮށްފައިވާ ވިޔަފާރިއާއި މަސައްކަތައް ނުކުރެވިވާތީ، އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމުގައި ބުނެ، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އަޙްމަދު ސިރާޖުގެ ފަރާތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ) (ދިވެހި ދައުލަތް) ގެ މައްޗަށް ރައްދުވާގޮތަށް ހުށަހެޅި އެ މައްސަލައިގައި އެދުނީ ކުންފުނީގެ ރަޖިސްޓްރީއާއި ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މިގޮތުން، ރަޖިސްޓްރީ ފީއާއި ކުންފުނީގެ އަހަރީފީގެ ގޮތުގައި -/3,230ރ. (ތިންހާސް ދުއިސައްތައް ތިރީސް ރުފިޔާ) ނަގައި އެ ފައިސާ ދައުލަތުގެ ބެލުމުގެ ދަށުގައި 3,925 (ތިންހާސް ނުވަސަތޭކަ ފަންސަވީސް) ދުވަހު ބެހެއްޓުމުން ބާޒާރުގައި ގަނެވިއްކައިގެން ވިޔަފާރިކޮށްގެން ދުވާލަކަށް %18 (އަށާރަ އިންސައްތަ) ގެ ރޭޓުން އެންމެ މަދުވެގެން ލިބެންޖެހޭ 581/40ރ. (ފަސްސަތޭކަ އަށްޑިހަ އެއްރުފިޔާ ސާޅީސްލާރި) ގެ ރޭޓުން -/2,281,995ރ. (ދެމިލިއަން ދެލައްކަ އަށްޑިހަ އެއްހާސް ނުވަސަތޭކަ ނުވަދިހަ ފަސްރުފިޔާ) އާއި ޙުކުމްކުރާ ދުވަހާ ހަމައަށް ޖެހޭ ފައިސާއާއި ވަކީލުފީ ގެ ގޮތުގައި -/60,000ރ. (ފަސްދޮޅަސްހާސް ރުފިޔާ) އާއެކު ޖުމްލަ -/2,341,995ރ. (ދެމިލިއަން ތިންލައްކަ ސާޅީސް އެއްހާސް ނުވަސަތޭކަ ނުވަދިހަ ފަސްރުފިޔާ) ހޯދުމަށް އަޙްމަދު ސިރާޖު އެދިފައިވެއެވެ.
[2]4.2 ސިވިލް ކޯޓުގެ ނަންބަރު 1327-CVC-2023 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި ޙުކުމްކޮށްފައިވަނީ، އަޙްމަދު ސިރާޖުގެ ފަރާތުން ހުށަހަޅާފައިވާ އެ މައްސަލަ ޝަރީޢަތަށް ސާބިތު ނުވާ ކަމަށެވެ. ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި އަޙްމަދު ސިރާޖުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، އަޙްމަދު ސިރާޖުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ނިންމުމާއި، ނަންބަރު 2019/SC-L/91 ނިންމުން އަދި ނަންބަރު 2022/SC-A/51 ޤަޟިއްޔާގައި ބަޔާންކުރާ ފަދައިން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤަނޫނީ ބަހުސެއް އަޙްމަދު ސިރާޖުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ނުބެލެވޭތީ، އެ ނިންމުންތަކަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި ހައިކޯޓުގެ ޤަވާޢިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
[3]4.3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް އަޙްމަދު ސިރާޖުގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ރަޖިސްޓްރާރގެ ނިންމުމަށް ތާއިދުކޮށްފައިވެއެވެ.
[4]4.4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މި ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން އަޙްމަދު ސިރާޖުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 2 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެއީ:
4.4.1 ސިވިލް ކޯޓުގެ ނަންބަރު 1327-CVC-2023 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށްވާތީ އެ ޤަޟިއްޔާގެ އިސްތިއުނާފުކުރުމަށްޓަކައި ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގަނެވެން ނެތް ކަމަށް ނިންމެވި ސަބަބު ރަނގަޅު ނޫންކަން.
4.4.2 ދަށުކޯޓުން ނިންމާ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ ދެ ހާލަތެއް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މި މުޅި މައްސަލައިގެ ވަށައިގެންހުރި ވާޤިޢާތަކަށް ބެލުމުން ފާޅުކަން ބޮޑު ގޯސްތަކެއް މި މައްސަލަ ނިންމުމުގައި ހަދާފައިހުރިކަން އެނގޭކަން.
[5]4.5 ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭނެ ހާލަތްތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައެވެ. އެ މާއްދާގައިވާ ގޮތުން ދަށު ކޯޓަކުން ނިންމާ މައްސަލައެއް ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރެވޭނީ މައިގަނޑު ދެ ހާލަތެއް މެދުވެރިވެފައިވާ ނަމައެވެ. އެއީ:
(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން.
(ށ) ހުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން ހުކުމަށް ނުވަތަ ނިންމުމަށް އަސަރުފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.
(1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން.
(2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން.
(3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން.
(4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން.
[6]4.6 މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އަޙްމަދު ސިރާޖުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ދެ ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލައި ނުގަތުމަށް ނިންމި ސަބަބު ރަނގަޅު ނޫންކަމަށާއި، މި މައްސަލައިގެ ވަށައިގެން ހުރި ވާޤިޢާތަކުން ބޮޑު ގޯސްތަކެއް ހަދާފައިހުރިކަން އެނގޭކަމަށް ކަމުގައިވެފައި، އެފަދައިން ބަޔާންކުރުމުގެ އިތުރުން މި ދެ ނުކުތާގެ ތަފްސީލުގައި ހައިކޯޓުގެ ނިންމުން ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފުވި ގޮތެއް އަޙްމަދު ސިރާޖު ބުނެދީފައި ނުވެއެވެ.
[7]4.7 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 އަދި 2019/SC-L/91 ނިންމުމުގައިވާފަދައިން، ކޯޓަކުން މައްސަލައެއްގައި ޙުކުމްކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމުގައި ނުވަތަ ހުށަހަޅާފައިވާ ދަޢުވާއާ ގުޅިގެން ވަކި ނުކުތާއެއް ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމުގައި ބުނުމުގެ އިތުރުން، އެފަދަ ޙާލަތެއް މެދުވެރިވެފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާނަމަ، ކޯޓުގެ ނިންމުމުގައިވާ ކަންކަމުގެ ތެރެއިން އިސްތިއުނާފު ކުރާ ނުކުތާތަކާ ގުޅިގެން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފު ކުރާ ފަރާތުން ކޯޓަށް ސާފުކޮށްދޭންޖެހެއެވެ. މިގޮތުން، ހައިކޯޓުގެ ނަންބަރު HC-RM/2024/44 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓު" ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައިނުވަނީ ކޮން ކަމަކަށްކަން އަދި އެފަދައިން ރިޢާޔަތްނުކުރުމުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އަޙްމަދު ސިރާޖުގެ ފަރާތުން ބުނެދީފައިނުވެއެވެ.
[8]4.8 މީގެ އިތުރުން، އަޙްމަދު ސިރާޖުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުގައި ޙަވާލީދީފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 މައްސަލައިގެ ނިންމުމަކީ، ކޯޓުން އިސްތިއުނާފީ މައްސަލައެއް ބަލައިގަތުމުގައި ޢަމަލުކުރަންޖެހޭ ޢާންމު އުސޫލު ބަޔާންކޮށްފައިވާ ނިންމުމެއް ކަމުގައިވާއިރު، އެ ނިންމުމާ ޙަވާލާދީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް އެ ކޯޓުގެ ފަނޑިޔާރުން ތާއީދުކޮށް ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1327-CVC-2023 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް ހއ.ދިއްދޫ / ހަޒާރުމާގެ، އަޙްމަދު ސިރާޖުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2024/197 "ރަޖިސްޓްރާރގެ ނިންމުން" އަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު HC-RM/2024/44 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތުގެ ރިޕޯޓު" ގައި ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޙުސްނުއްސުޢޫދު
ޢާއިޝާ ޝުޖޫން މުޙައްމަދު
މުޙައްމަދު އިބްރާހީމް
03 ރަބީޢުލްއާޚިރު 1446
06 އޮކްޓޫބަރު 2024
ފުޓްނޯޓު
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A085841
- ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (ނަން އުނިކުރެވިފައި) [2022] SC 39
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2024/197 "ރަޖިސްޓްރަރގެ ނިންމުން" (4 ޖުލައި 2024)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/44 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" (04 އޮގަސްޓް 2024)
- ޝަމްސުލްމުނާ ވ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2019/SC-L/87 (ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2022/SC-A/51 [2022] SC 39 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. (ނަން އުނިކުރެވިފައި))
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.