ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/SC-HCL/03, 2024/SC-L/13

ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ފްލެކްސް އިންކް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 14 މާރިޗު 2024ދަށު ކޯޓު: ހައިކޯޓު HC-RM/2023/75ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2023/75، 95-CR/PRIV/2023/23، 2876/Cv-C/2021
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 2876/Cv-C/2021 ގައި، ކުލީގެ ގޮތުގައި 2,784,000.00ރ ފްލެކްސްއިންކަށް ދައްކައި، ރޯލަރ ޙަވާލުކުރާ ދުވަހާ ހަމައަށް ދުވާލަކު 3,000.00ރ ދެއްކުމަށް ޙުކުމްކުރިއެވެ. އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/PRIV/2023/23 ގައި ނުދީ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/75 ގައި އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމިއެވެ.
ވާޤިޢާ
ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑުން ރަޖިސްޓްރީ ނަންބަރު V1A2307 ލޭންޑް ރޯލަރ ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނެވެ. ކުލީގެ މުއްދަތު ހަމަވުމުން ތަކުރާރުކޮށް އެދުނު ނަމަވެސް ރޯލަރ ޙަވާލުނުކުރާތީ، ރޯލަރ ހޯދުމަށާއި ޙަވާލުކުރާ ދުވަހާ ހަމައަށް ކުލި ހޯދުމަށް ފްލެކްސްއިންކުން ސިވިލް ކޯޓަށް ދަޢުވާ ކުރިއެވެ. ޝަރީޢަތުގައި 06 ފަހަރެއްގެ މަތިން ފުރުޞަތު ދިން ނަމަވެސް ޓީ.އޭ އިން ބަޔާނާއި ހެކި ލިސްޓް ހުށަނާޅައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އިސްތިއުނާފީ ނުކުތާތަކުގައި ސިވިލް ކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުވާ ގޮތެއް ނުވަތަ ހަދާފައިވާ ގޯހެއް ބަޔާންނުކޮށް، ޝަރީޢަތުގައި ދެވުނު ފުރުޞަތުތަކުގައި ބަޔާނާއި ހެކި ލިސްޓް ހުށަނާޅާ ފަރާތަކުން، އެ ފަރާތުގެ ވާހަކަތަކަށް ރިޢާޔަތްނުކުރި ކަމަށް ބުނުމުން، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމި ނިންމުން ބަދަލުކުރަންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޓީ.އޭ ބުނީ، ރޯލަރއަކީ ހަލާކުވެ ބޭނުންކުރެވޭވަރު ނުވާ ރޯލަރއަކަށްވެ، މަރާމާތުގެ ހުރިހާ ޚަރަދެއް ކުރީ ޓީ.އޭ އިން ކަމަށްވާއިރު، ބޭނުން ނުކުރެވުނު މުއްދަތާއި ފްލެކްސްއިންކުން ރޯލަރ ނުގެންގޮސް ގަސްތުގައި ބެހެއްޓި މުއްދަތު ހިމެނޭގޮތަށް ދުވާލަކު 3,000.00ރ ގެ ރޭޓުން ކުލި ނަގައިދިނުމަކީ ބޮޑު ބޭއިންޞާފެއް ކަމަށާއި، ސިވިލް ކޯޓުން އޭގެ ހެކިތަކާއި ވާހަކަތަކަށް ރިޢާޔަތްނުކުރި ކަމަށާއި، އިސްތިއުނާފު ބަލައިނުގަތުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފު ފޯމާއި ހައިކޯޓުގެ ނިންމުމަށް ބަލާއިރު، އިސްތިއުނާފީ ނުކުތާތަކުގައި ޙަވާލާދީފައިވާ ޤާނޫނީ މާއްދާތަކާއި އުޞޫލުތަކާ ސިވިލް ކޯޓުގެ ޙުކުމް ޚިލާފުވާ ގޮތެއް ބުނެދީފައެއް، ޙުކުމަށް ވާޞިލުވުމުގައި ހަދާފައިވާ ގޯހެއް ސާފުކޮށްދީފައެއް ނުވެއެވެ. 23 ޑިސެމްބަރ 2021 އާއި 04 އޭޕްރިލް 2022 އާ ދެމެދު 06 ފަހަރެއްގެ މަތިން ބަޔާނާއި ހެކި ލިސްޓް ހުށަހެޅުމަށް ފުރުޞަތު ދިން ނަމަވެސް ހުށަނާޅައި، އެ ތަކެތި ނެތި ޝަރީޢަތް ކުރިއަށް ގެންދިއުމަށް އިޢުތިރާޟުނުކުރާކަން އެ ކުންފުނިން އަންގާފައިވާތީ، ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ރަނގަޅެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ ނަންބަރު 2876/Cv-C/2021 މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2023/75 ނިންމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި މައްސަލަ ނިންމި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުން، އިސްތިއުނާފީ ނުކުތާތަކުގައި ޙަވާލާދީފައިވާ ޤާނޫނީ މާއްދާތަކާއި ޤާނޫނީ އުޞޫލުތަކާ ދަށު ކޯޓުގެ ޙުކުމް ޚިލާފުވާ ގޮތެއް ބުނެދީފައި ނުވާނަމަ، އަދި ޙުކުމަށް ވާޞިލުވުމުގައި ދަށު ކޯޓުން ހަދާފައިވާ ގޯހެއް ސާފުކޮށްދީފައި ނުވާނަމަ، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.

HN2 ބަޔާނާއި ހެކި ލިސްޓް ހުށަހެޅުމަށް ދަށު ކޯޓުން ތަފާތު ފަހަރުތަކެއްގެ މަތިން ފުރުޞަތު ދީފައިވާއިރު، އެ ފުރުޞަތުތަކުގައި ބަޔާނެއް އަދި ހެކި ލިސްޓެއް ހުށަނާޅައި، އެ ތަކެތި ހުށަހެޅުމަކާ ނުލައި ޝަރީޢަތް ކުރިއަށް ގެންދިއުމަށް އިޢުތިރާޟުނުކުރާކަން އަންގާފައިވާ ފަރާތަކުން، އެ ފަރާތުގެ ވާހަކަތަކަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނުމަކީ، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، މުޙައްމަދު އިބްރާހީމް
ރިޔާސަތު
މަޙާޒު ޢަލީ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2024/SC-HCL/03

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2024/SC-L/13

ހުށަހެޅުނު ތާރީޚު: 03 މާރިޗު 2024

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

ޢާންމު ނަން: ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް

ދާއިމީ އެޑްރެސް: ގ. މައިލްސް، މާލެ

މިހާރުގެ އެޑްރެސް: ގ. މައިލްސް، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2023/75

ހުށަހެޅުނު ތާރީޚު: 30 ނޮވެންބަރު 2023

ނިމުނު ތާރީޚު: 18 ޖަނަވަރީ 2024

4. ހުށަހެޅިފައިވާ މައްސަލަ

[1]8.1- ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕިވިޓި ލޓޑ ގެ ބޭނުމަށް ފްލެކްސްއިންކް ޕިވިޓ ލޓޑގެ ފަރާތުން ރަޖިސްޓްރީ ނަންބަރު V1A2307 "ރޯލަރ" އެއް ކުއްޔަށް ދޫކޮށްފައިވެއެވެ.

[2]8.2- ފްލެކްސްއިންކް ޕިވިޓި ލޓޑގެ ފަރާތުން ކުއްޔަށް ދޫކުރި ލޭންޑް ރޯލަރ ގެ ކުލީގެ މުއްދަތު ހަމަވުމުން އުޅަނދު ހަވާލުކުރުމަށް އެދި ތަކުރާރުކޮށް ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕިވިޓ ލޓޑ އަށް އެންގުމުންވެސް އެ އުޅަނދު ހަވާލުކޮށްފައި ނުވާތީ، އުޅަނދު ހޯދުމަށާއި، އުޅަނދު ހަވާލުކުރާ ދުވަހާ ހަމައަށް ކުލީގެ ގޮތުގައި ފްލެކްސްއިންކް ޕިވިޓ ލޓޑ އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.

[3]8.3- ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ، ފްލެކްސްއިންކް ޕިވިޓ ލޓޑގެ ފަރާތުން ކުލީގެ ގޮތުގައި ހޯދުމަށް އެދިފައިވާ 2,784,000.00ރ (ދެމިލިއަން ހަތްލައްކަ އަށްޑިހަ ހަތަރުހާސް ރުފިޔާ) އަކީ ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕިވިޓ ލޓޑގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާތީ އެ ފައިސާ 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ދައްކަންޖެހޭ ޢަދަދަށްވުރެ މަދު ނޫން ޢަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކަމުން ގޮސް 2023 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެންމެހައި ފައިސާއެއް ސިވިލް ކޯޓަށް ދައްކާ ޙަލާސްކުރުމަށާއި، ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕިވިޓ ލޓޑ ގެ ބޭނުމަށް ފްލެކްސްއިންކް ޕިވިޓ ލޓޑގެ ފަރާތުން ރަޖިސްޓްރީ ނަންބަރު V1A2307 "ރޯލަރ" 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި، ފްލެކްސްއިންކް ޕިވިޓ ލޓޑ އާ ޙަވާލުކުރުމަށާއި، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން، ދެންނެވުނު ރޯލަރ ޕްލެކްސްއިންކް ޕިވިޓ ލޓޑ އާ ޙަވާލުކުރާ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު 3،000.00ރ (ތިންހާސް ރުފިޔާ) ފްލެކްސްއިންކް އަށް ދެއްކުމަށް ޙުކުމްކޮށެވެ.

[4]8.4- ސިވިލް ކޯޓުގެ ނަންބަރު 2876/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕިވިޓ ލޓޑގެ ފަރާތުން ހުށަހެޅިއެވެ. އެ ހުށަހެޅުން ބަލައި ނުގަނެ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމުން ނިންމާފައި ވެއެވެ. އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި މައިގަނޑު ސަބަބަކީ، ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕިވިޓ ލޓޑ ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ދަށު ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނުވަތަ ދަށު ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށްދީފައި ނުވާތީއާއި، ދިވެހިރާއްޖޭ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށްދީފައި ނުވާތީއާއި، ސުޕްރީމް ކޯޓުގެ ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާއި އިބްރާހިމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އހމ ޤަޟިއްޔާގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުޘެއް ހުށަހެޅިފައި އޮތްކަމަށް ބެލެވެން ނެތަތީ، މިއީ އެ ކޯޓަށް ބަލައިގަނެވެން ނެތް މައްސަލައަކަށްވާތީއެވެ.

[5]8.5- ސިވިލް ކޯޓުގެ ނަންބަރު 2876/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ނަންބަރު 95-CR/PRIV/2023/23 "ރަޖިސްޓްރާރގެ ނިންމުން" (05 މާރިޗް 2023) ނިންމުމުން ނިންމާފައިވާ ނިންމުން މުރާޖަޢާކޮށް ދިނުމަށް އެދި ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕިވިޓި ލޓޑގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.

[6]8.6- ހައިކޯޓުގެ ނަންބަރު HC-RM/2023/75 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމާފައިވަނީ، ހައިކޯޓުގެ ނަންބަރު 93-CR/PRIV/2023/23 "ރަޖިސްޓްރާރގެ ނިންމުން" ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައެވެ.

[7]8.7- ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕިވިޓި ލޓޑގެ ފަރާތުން ސުޕްރީމް ކޯޓަށް 02 (ދޭއް) ނުކުތާ ހުށަހަޅާފައިވާއިރު މި ދެ ނުކުތާގައިވެސް ފާހަގަކޮށްފައިވަނީ މައިގަނޑު އެއް ނުކުތާއެވެ. އެ ނުކުތާއަކީ، ކުއްޔަށް ނަގާފައިވާ ލޭންޑް ރޯލަރއަކީ ހަލާކުވެ ބޭނުންކުރެވޭވަރުނުވާ ރޯލަރއަކަށްވާއިރު އަދި އެ އުޅަނދު މަރާމާތުކުރުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއްކުރީ ޓީ.އޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމަށްވާއިރު އެ އުޅަނދު ބޭނުން ނުކުރެވުނު މުއްދަތާއި ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުޅަނދު ނުގެންގޮސް ގަސްތުގައި ބޭއްވުމަށްފަހު، އެ މުއްދަތު ހިމެނޭ ގޮތަށް ދުވާލަކަށް 3000.00 (ތިންހާސް ރުފިޔާ) ރޭޓުން 2,784,000.00 (ދެ މިލިއަން ހަތްލައްކަ އަށްޑިހަ ހަތަރުހާސް) ރުފިޔާ ކުލިގެ ނަގާދިނުމަކީ އެކަމުގެ ސަބަބުން ވަރަށް ބޮޑު ބޭއިންސާފެއް ޓީ.އޭ ކޮންސްޓްރަކްޝަން ޕިވިޓ. ލޓޑ. އަށް ކުރިމަތިވެފައިވާތީ އެކަންކަން ފާހަގަކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފު ބަލައިނުގަތުމަށް ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް އަދި ޢަދުލުއިންސާފުގެ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

[8]8.8- މި ނުކުތާގެ ތަފުސީލުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މި މައްސަލަ ސިވިލް ކޯޓުން ނިންމުމުގައި ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕިވިޓި ލޓޑގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާއި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމުގައްޔާއި، މި މައްސަލައިގައި އެ ކޯޓުން ވާޤިޢާތައް ކަށަވަރުކޮށްފައިވާ ކަމުގައި އެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ކަން މިހެން އޮތުމުން މި އިސްތިއުނާފު ހައިކޯޓުން ބަލައިނުގަތުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއް ކަމުގައި އެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

[9]8.9- މި މައްސަލައިގައި ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފު ފޯމާއި، އަދި ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ގޮތެއް ނިންމުމުގައި ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އިސްތިއުނާފީ ނުކުތާތަކުގައި ޙަވާލާދީފައިވާ ޤާނޫނީ މާއްދާތަކާއި ޤާނޫނީ އުސޫލުތަކާ ސިވިލް ކޯޓުގެ ޙުކުމް ޚިލާފުވާ ގޮތެއް ބުނެދެވިފައިނުވެއެވެ. އަދި މައްސަލައިގެ ޙުކުމަށް ސިވިލް ކޯޓުން ވާސިލުވުމުގައި ހަދާފައިވާ ގޯހެއް ސާފުކޮށްދީފައިނުވެއެވެ.

[10]8.10- އަދި މި މައްސަލައިގައި ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕިވިޓި ލޓޑގެ ފަރާތުން ދެއްކި ވާހަކަތަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާ ކަމުގައި ފާހަގަކޮށްފައިވާއިރު، އެ ކުންފުނީގެ ފަރާތުން މި މައްސަލައިގައި ޖަވާބު ފޯމު ހުށަހެޅުމަށް ފަހު، ޚުލާޞާ ބަޔާން ހުށަހަޅާފައިވެއެވެ. އަދި އެ ދެމެދުގައި 23 ޑިސެމްބަރ 2021 އިން ފެށިގެން 04 އޭޕްރިލް 2022 ގެ ނިޔަލަށް ތަފާތު 06 ފަހަރެއްގެ މަތިން އެ ކުންފުންޏަށް އެ ކުންފުނީގެ ފަރާތުން ބަޔާން ހުށަހެޅުމަށާއި، ހެކި ލިސްޓް ހުށަހެޅުމަށް ސިވިލް ކޯޓުން ފުރުސަތު ދީފައިވެއެވެ. ނަމަވެސް އެ ކުންފުނީގެ ފަރާތުން މި ފުރުސަތުތަކުގައި ބަޔާނެއް އަދި ހެކި ލިސްޓެއް ހުށަހަޅާފައި ނުވެއެވެ. އަދި އެންމެ ފަހުން 04 އޭޕްރިލް 2022 ދުވަހު އެ ކުންފުނީގެ ފަރާތުން ބަޔާނާއި ލިޔެކިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެ ތަކެތި ހުށަހެޅުމަކާ ނުލައި ޝަރީޢަތް ކުރިއަށް ގެންދިއުމަށް އެ ކުންފުނީގެ ފަރާތުން އިއުތިރާޒު ނުކުރާކަން އެ ކުންފުނީގެ ފަރާތުން އަންގާފައިވާކަން ސިވިލް ކޯޓުން މި މައްސަލައިގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

[11]8.11- ކަންމިހެން އޮތުމުން ޓީ.އޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕިވިޓ ލޓޑގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ދެކެމެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2876/Cv-C/2021 މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2023/75 ނިންމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)

މުޙައްމަދު އިބްރާހީމް

04 ރަމަޟާން 1445

14 މާރޗް 2024

ފުޓްނޯޓު

  1. ސިވިލް ކޯޓުގެ ނަންބަރު 2876/Cv-C/2021
  2. ހައިކޯޓުގެ ނަންބަރު 95-CR/PRIV/2023/23 "ރަޖިސްޓްރާރގެ ނިންމުން" (05 މާރިޗު 2023)
  3. 2019/SC-L/87
  4. 2019/SC-L/91
  5. 2022/SC-A/51
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ