މުޙައްމަދު ރަޝީދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/43، 95-CR/INDIV/2024/199، 4621/Cv-C/2021
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 4621/Cv-C/2021 ޤަޟިއްޔާގައި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ރަޝީދަށް 1,411,412/82ރ ދޭން ޙުކުމްކޮށް، އާމްދަނީގެ ގެއްލުމާއި މުދަލުގެ އަގު ފަދަ އެހެން ބައިތައް ނަގައިނުދެވޭނެކަމަށް ކަނޑައެޅިއެވެ. އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2024/199 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/43 ގައި އެ ނިންމުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- 20 ސެޕްޓެންބަރު 2019 ގައި ހ. ތިލަފުށީ ގޭގައި ހިނގި އަލިފާނުގެ ހާދިސާއިން ހ. އީރާނުގެ އަނދައި ހަލާކުވީ އެ ގޭގައި ގުދަން ހިންގި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑްގެ އިހުމާލުންކަން ސިވިލް ކޯޓުގެ 2100/Cv-C/2020، 1931/Cv-C/2020 އަދި 1932/Cv-C/2020 ގައި ކަނޑައެޅުމުން، ގެ އަލުން ހެދުމާއި، މުދަލާއި، އާމްދަނީގެ ގެއްލުމާއި، ވަކީލުންގެ ފީ ހިމެނޭގޮތަށް 19,251,925/15ރ ހޯދުމަށް މުޙައްމަދު ރަޝީދު ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޝަރުޢީ އަގު ކޮމިޓީން ކަނޑައެޅި ޢަދަދުން ސަރުކާރުން ދިން ފައިސާ އުނިކޮށް ގެއްލުމުގެ ބަދަލު ކަނޑައެޅި ސިވިލް ކޯޓުގެ ޙުކުމުގެ އިސްތިއުނާފު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ޙާލަތެއް ނެތްކަމަށް ބަލައި ހައިކޯޓުން ބަލައިނުގަތުން ރަނގަޅުތޯއާއި، ގެއްލުމުގެ ބަދަލު ކަނޑައަޅާއިރު ޚަޞްމުންނަށް ދޭންޖެހޭ ފުރުޞަތާއި ބަޔާންކުރަންޖެހޭ ޤާނޫނީ ސަބަބު.
- ޚަޞްމުންގެ ހުށަހެޅުންތައް
- މުޙައްމަދު ރަޝީދު ބުނީ، ޤާނޫނީ ގޮތުން ޖަދަލުކުރެވޭ ބަހުސެއް އޮތްއިރު އެފަދަ ބަހުސެއް ނެތްކަމަށް ނިންމީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 282 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށާއި، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ސަރުކާރުން ދިން ފައިސާ ޝަރުޢީ އަގު ކޮމިޓީގެ އަގުން އުނިކުރުމަކީ ދަޢުވާ ލިބޭ ފަރާތަށް ލިބޭ ނުޙައްޤު މުއްސަނދިކަމެއް ކަމަށާއި، ސިވިލް ކޯޓުން ޤާނޫނީ ބިނާ ބަޔާންނުކުރާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުން އިސްތިއުނާފުކުރެވޭނީ ޤާނޫނާ ޚިލާފުވުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދުން، ނުވަތަ ބާޠިލު އިޖުރާއަތެއް ހުރުމުންނެވެ. އިހުމާލު ސާބިތުވާއިރު ޚަޞްމުންނަށް ގެއްލުން ބަޔާންކޮށް ހެކި ހުށަހެޅުމާއި ޝަރުޢީ އަގު ކޮމިޓީގެ ޢަދަދާމެދު ބަހުސްކުރުމުގެ ފުރުޞަތު ދޭންވާނެއެވެ. ދައުލަތުން ދިން ފައިސާ ދަޢުވާ ލިބޭ ފަރާތް ޒިންމާވާ ފައިސާއިން އުނިކުރަންޖެހޭ ޤާނޫނީ ސަބަބު ސާފުކޮށް ބަޔާންކުރަން ޖެހޭތީ، ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ރަނގަޅު ނޫނެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ހައިކޯޓުގެ ރަޖިސްޓްރާރގެ 95-CR/INDIV/2024/199 ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2024/43 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ބާތިލުކޮށް، ސިވިލް ކޯޓުގެ ޙުކުމް (ނިންމުމުގައި 4612/Cv-C/2021) އިސްތިއުނާފުކުރުމަށް 12 ނޮވެންބަރު 2024 އިން ފެށިގެން 10 ދުވަހުގެ ފުރުޞަތު މުޙައްމަދު ރަޝީދަށް ލިބިގެންވާކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރެވޭނީ، އިސްތިއުނާފުކުރަން ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން، ނުވަތަ ހުކުމަށް ނުވަތަ ނިންމުމަށް އަސަރުފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން ފަދަ މައިގަނޑު ދެ ހާލަތެއް މެދުވެރިވެފައިވާ ނަމައެވެ.
HN2 ވަކި ފަރާތެއްގެ އިހުމާލުން ހިނގި ހާދިސާއަކުން ގެއްލުން ލިބުނުކަން ކޯޓުގެ ނިންމުންތަކުން ސާބިތުވާން އޮތް ހިނދު، އެ ހާދިސާއާ ގުޅިގެން މައްސަލައިގެ ޚަޞްމުންނަށް އެ މީހުންގެ ނަޒަރުގައި ލިބުނު ގެއްލުމަކީ ކޮބައިކަން ބަޔާންކޮށްދީ، އެކަމާ ގުޅޭ ހެކި ހުށަހަޅަން ބޭނުންވާނަމަ އެ ހެއްކެއް ހުށަހެޅުމުގެ ފުރުޞަތު ދޭންވާނެއެވެ.
HN3 ގެއްލުން ލިބުނު ތަނެއް ހަލާކުވިއިރު ހުރި މިންގަނޑަށް ހެދުމަށް ދާނެކަމަށް ލަފާކުރެވޭ ޚަރަދަކީ ކޮބައިކަން ޝަރުޢީ އަގު ކޮމިޓީން ކަނޑައަޅާފައިވާއިރު، ޝަރުޢީ އަގު ކޮމިޓީން ކަނޑައަޅާފައިވާ ޢަދަދާމެދު ބަހުސްކުރުމުގެ ފުރުޞަތު ދެފަރާތަށް ދޭންވާނެއެވެ.
HN4 ޝަރުޢީ އަގު ކޮމިޓީން ކަނޑައަޅާފައިވާ އަގަކީ މަރާމާތު ކުރުމަށް ހޭދަވާނެ އަގު ކަމަށް ދެކޭކަމުގައި ވީ ނަމަވެސް، ދައުލަތުން ދީފައިވާ ފައިސާއެއް ދަޢުވާ ލިބޭ ފަރާތުން ޒިންމާވާންޖެހޭ ފައިސާއަކުން އުނިކުރަންޖެހޭ ޤާނޫނީ ސަބަބަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދޭން ޖެހޭނެއެވެ.
HN5 ދައުލަތުން ދީފައިވާ ފައިސާ ދަޢުވާ ލިބޭ ފަރާތް ޒިންމާވާ ފައިސާއިން އުނިކުރަންޖެހޭ ޤާނޫނީ ސަބަބު ބަޔާންކުރުމާއި ޝަރުޢީ އަގު ކޮމިޓީން ކަނޑައެޅި ޢަދަދާމެދު ބަހުސްކުރުމުގެ ފުރުޞަތާ ގުޅޭ ސުވާލުތައް އުފެދޭ ޙުކުމެއްގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ރަނގަޅު ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/17
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/89
ހުށަހެޅުނު ތާރީޚު: 27 ސެޕްޓެންބަރު 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: މުޙައްމަދު ރަޝީދު
ޢާންމު ނަން: _
ދާއިމީ އެޑްރެސް: ހ. އީރާނުގެ، މާލެ
މިހާރުގެ އެޑްރެސް: ހ. އީރާނުގެ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/43
ހުށަހެޅުނު ތާރީޚު: 14 ޖުލައި 2024
ނިމުނު ތާރީޚު: 28 އޮގަސްޓު 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1. 20 ސެޕްޓެންބަރު 2019 ގައި ހ. ތިލަފުށީ ގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހ. އީރާނުގެ، އަނދައި ހަލާކުވެފައިވަނީ، ހ.އީރާނުގެ، އަނދައި ހަލާކުވެފައިވަނީ، ހ. ތިލަފުށީގޭގައި ގުދަން ހިންގަމުންދިޔަ ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑްގެ އިހުމާލުންކަމުގައި މަދަނީ މިންގަނޑުން ސާބިތުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2100/Cv-C/2020 1931/Cv-C/2020, 1932/Cv-C/2020، ޤަޟިއްޔާއިން ކަނޑައަޅާފައިވާތީ، ހ. އީރާނުގެ އަލުން ހެދުމަށް ހިނގާނެ ޚަރަދުގެ އަންދާޒާ އަގާއި، ގެ އެނދިއިރު އެ ތަނުގައިހުރި މަސައްކަތު ސާމާނާއި، އިންޖީނުގެ އަގާއި، އީރާނުގެ ބޭނުން ނުކުރެވޭ ވަރަށް އެނދުމުން، އާމްދަނީއަށް ވީ ގެއްލުމުގެ ބަދަލާއި، އަގު ނުކުރެވޭ މުދަލުގެ އަގާއި، އީރާނުގެ އެނދިއިރު 1 ވަނަ އަދި 2 ވަނަ ފަންގިފިލާގައި ހުރި ހިފާ ގެންގުޅޭ ތަކެތީގެ އަގާއި، މައްސަލަތައް ކުރިއަށް ގެންދިއުމަށް ހޯދި ވަކީލުންގެ ފީ އާއި، އީރާނުގެ ބޭނުން ނުކުރެވޭ ވަރަށް އެނދުމުން، އަމިއްލަ ޚަރަދުގައި ހެދި އެސެސްމެންޓް ރިޕޯޓުގެ އަގާއެކު ޖުމްލަ 19,251,925/15ރ (ނަވާރަމިލިއަން ދެލައްކަ ފަންސާސް އެއްހާސް ނުވަސަތޭކެ ފަންސަވީސް ރުފިޔާ / ފަނަރަލާރި) ހޯދުމަށް އެދި ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މުޙައްމަދު ރަޝީދު ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
[2]4.2. ސިވިލް ކޯޓުގެ ނަންބަރު 4621/Cv-C/2021 ޤަޟިއްޔާއިން ބެލި މައްސަލައިގައި ޙުކުމްކޮށްފައިވަނީ، ހ.އީރާނުގެ ކިޔާ ގޯތީގައިވާ ޢިމާރާތަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް 1,342,310/26ރ (އެއްމިލިޔަން ތިންލައްކަ ސާޅީސްދެހާސް ތިންސަތޭކަ ދިހަރުފިޔާ ސައްބީސްލާރި) އާއި، އެސެސްމެންޓް ހެދުމަށް ޚަރަދުވި 19,102/56 (ނަވާރަހާސް އެއްސަތޭކަ ދެރުފިޔާ ފަންސާސް ހަލާރި) އާއި، ވަކީލު ފީގެ ގޮތުގައި ޚަރަދުކުރަންޖެހުނު 50,000/- (ފަންސާސްހާސް ރުފިޔާ) އާ އެކުޖުމްލަ 1,411,412/82ރ (އެއްމިލިޔަން ހަތަރުލައްކަ އެގާރަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ އަށްޑިހަ ދެލާރި) އަކީ ދަޢުވާ ލިބޭ ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރާ މުޙައްމަދު ރަޝީދަށް ދޭންޖެހޭ ފައިސާއެއް ކަމަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ފައިސާ މުޙައްމަދު ރަޝީދަށް ލިބިދިނުމުގެ ގޮތުން 29 ފެބްރުއަރީ 2024 ވަނަ ދުވަހުން ފެށިގެން މީލާދީ 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މި ފައިސާ ދެއްކުމަށް ގްރީން ޕާތު ޕްރައިވެޓް ލިމިޓެޑްއަށް އަންގައި، ދަޢުވާ ކުރާ ފަރާތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށް ހޯދުމަށް އެދިފައިވާ 7,000,000/-ރ (ހަތްމިލިޔަން ރުފިޔާ) އާއި، ހ. އީރާނުގޭގައި ހުރި މަސައްކަތު ސާމާނާއި، އިންޖީނެއް އަނދައިގެން ގޮސްފައިވާތީކަމަށް ބުނެ އެ ތަކެތީގެ އަގުގެ ގޮތުގައި ހޯދުމަށް އެދުނު 3,500,000/-ރ (ތިން މިލިޔަން ފަސްލައްކަ ރުފިޔާ) އާއި، ޢާއިލާގެ ފޮޓޯތަކާއި، ނިޔާވެފައިވާ މަންމަގެ ގަހަނާ ފޮއްޓާއި، އޭގައި ހުރި ތަކެތިކަމަށް ބުނެ، އެ ތަކެތީގެ އަގުގެ ގޮތުގައި ހޯދުމަށް އެދުނު 1,000,000/-ރ (އެއްމިލިޔަން ރުފިޔާ) އައި، ހ. އީރާނުގެ، 01 ވަނަ ފްލޯރގައި ހުރި ހިފާ ގެންގުޅުނު ތަކެތީގެ އަގުގެ ގޮތުގައި ހޯދުމަށް އެދުނު 165,000/-ރ (އެއްލައްކަ ފަސްދޮޅަސް ފަސްހާސް ރުފިޔާ) އާއި، 2 ވަނަ ފްލޯރގައި ހުރި ހިފާ ގެންގުޅުނު ތަކެތީގެ އަގުގެ ގޮތުގައި ހޯދުމަށް އެދުނު 100,000/-ރ (އެއްލައްކަ ރުފިޔާ) އަކީ ފާހަގަކުރެވުނު ނުކުތާ 04 ގައި ބަޔާންކުރާ ސަބަބުތައް އެ ގޮތުގެމަތިން ހުރުމުން ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި ހުކުމްކޮށެވެ.
[3]4.3. ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، މުޙައްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ދަށު ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނުވަތަ ދަށު ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށްދީފައި ނުވާތީ އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފު ކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށް ދީފައި ނުވާތީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 އާއި 2019/SC-L/91 ނިންމުމާއި ނަންބަރު 2022/SC-A/51 ޤަޟިއްޔާގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ހުށަހެޅިފައި މިވާ އިސްތިއުނާފީ މައްސަލައިގައި އޮތް ކަމަށް ބެލެވެން ނެތަތީ، އެ ނިންމުންތަކާއި، ހައިކޯޓުގެ ޤަވާއިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅައެވެ.
[4]4.4. ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް މުޙައްމަދު ރަޝީދުގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ރަޖިސްޓްރާރގެ ނިންމުމަށް ތާޢީދުކޮށްފައިވެއެވެ.
[5]4.5. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މި ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން މުޙައްމަދު ރަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ:
4.5.1 އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ޤާނޫނީ ގޮތުން ޖަދަލުކުރެވޭ ބަހުސެއް އޮތްއިރު އަދި އެ ބަހުސްގެ ސަބަބުން ސިވިލް ކޯޓުގެ ހުކުމް ބަދަލުވުމުގެ ފުރުސަތު އޮތްއިރު، އެފަދަ ބަހުސެއް ނެތްކަމުގައި ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ އާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 282 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަން. މި ނުކުތާ އިތުރަށް ތަފްސީލުކޮށްދެމުން މުޙައްމަދު ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވަނީ؛
(ހ) ހައިކޯޓަށް ހުށަހެޅި މުޅި އިސްތިއުނާފު ބިނާވެފައިވަނީ ހ. އީރާނުގެ އަލުން ހެދުމަށް ހިނގާނެކަމަށް ޝަރުޢީ އަގު ކޮމިޓީއިން ކަނޑައެޅި އަގުން ސަރުކާރުން ދިން ޢަދަދު އުނިކުރުމުގެ މައްޗަށް ބިނާކޮށްކަން.
(ށ) ސަރުކާރުން ދިން ފައިސާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދޭންޖެހޭ ފައިސާއިން އުނިކުރުން ވެގެންދާނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ހެވަތުގައި އެ ފަރާތަށް ލިބޭ ނުޙައްޤު މުއްސަނދި ކަމަކަށް ކަން.
(ނ) ދެންނެވި ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ އެ ނިންމުމާ ޙަވާލާދީ ސިވިލް ކޯޓުން އެ ނިންމުމަށް ވާސިލުވި ޤާނޫނީ ބިނާއަކީ ކޮބައިކަން ބަޔާންކުރުމެއްނެތި ކަން.
[6]4.1 ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭނެ ހާލަތްތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައެވެ. އެ މާއްދާގައިވާ ގޮތުން ދަށު ކޯޓަކުން ނިންމާ މައްސަލައެއް ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރެވޭނީ މައިގަނޑު ދެ ހާލަތެއް މެދުވެރިވެފައިވާ ނަމައެވެ. އެއީ:
(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން.
(ށ) ހުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން ހުކުމަށް ނުވަތަ ނިންމުމަށް އަސަރުފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.
[7]4.6 މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުޙައްމަދު ރަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލައި ނުގަތުމަށް ނިންމި ސަބަބު ރަނގަޅު ނޫންކަމަށާއި، މި މައްސަލައިގެ ވަށައިގެން ހުރި ވާޤިޢާތަކުން ބޮޑު ގޯސްތަކެއް ހަދާފައިހުރިކަން އެނގޭކަމަށެވެ.
[8]4.7 ހައިކޯޓަށް އިސްތިއުނާފު ހުށަހަޅަމުން މުޙައްމަދު ރަޝީދު ފާހަގަކޮށްފައިވަނީ، ސަރުކާރުން ބަދަލެއްގެ ގޮތުގައި ފައިސާ ދީފައިވަނީ ހާލުގައި ޖެހިފައިވާ ބަޔަކަށް ދައުލަތުން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމުގެ ގޮތުންކަމަށްވެފައި، ދައުލަތުން ދިން ފައިސާ ދައުވާ ލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާގެ ތެރެއިން އުނިކުރުން އެއީ ދަޢުވާލިބޭ ފަރާތަށް ލިބޭ ނުޙައްޤު މުންސަދިކަމެއް ކަމަށެވެ.
[9]4.8 ސިވިލް ކޯޓުގެ ނިންމުމުގައި މުޙައްމަދު ރަޝީދުއަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅާފައިވާ މިންވަރު ކަނޑައަޅާފައިވަނީ ސަރުކާރުން މުޙައްމަދު ރަޝީދުއަށް ދީފައިވާ މިންވަރު ޝަރުޢީ އަގު ކޮމިޓީން ކަނޑައެޅި ޢަދަދުން އުނިކުރުމަށްފަހުކަން އެނގެން އޮވެއެވެ.
[10]4.9 ހ. ތިލަފުށީ ގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހ. އީރާނުގެ، އަނދައި ހަލާކުވެފައިވަނީ، ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑުންގެ އިހުމާލުންކަން ސިވިލް ކޯޓުގެ ނިންމުންތަކުން ސާބިތުވާން އޮތް ހިނދު، އެ ހާދިސާއާ ގުޅިގެން މައްސަލައިގެ ޚަޞްމުންނަށް އެ މީހުންގެ ނަޒަރުގައި ލިބުނު ގެއްލުމަކީ ކޮބައިކަން ބަޔާންކޮށްދީ އެކަމާ ގުޅޭ ހެކި ހުށަހަޅަން ބޭނުންވާނަމަ އެ ހެއްކެއް ހުށަހެޅުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި ހ. އީރާނުގެ އަނދައި ހަލާކުވެފައިވުމުގެ ސަބަބުން އެ ގެ ހަލާކުވިއިރު ހުރި މިންގަނޑަށް ހެދުމަށް ދާނެކަމަށް ލަފާކުރެވޭ ޚަރަދަކީ ކޮބައިކަން ޝަރުޢީ އަގު ކޮމިޓީން ކަނޑައަޅާފައިވާއިރު، ޝަރުޢީ އަގު ކޮމިޓީން ކަނޑައަޅާފައިވާ ޢަދަދާމެދު ބަހުސްކުރުމުގެ ފުރުސަތު ދެފަރާތަށް ދޭންވާނެކަމުގައި ދެކެމެވެ. އަދި ޝަރުޢީ އަގު ކޮމިޓީން ކަނޑައަޅާފައިވާ އަގަކީ ހ. އީރާނުގެ މަރާމާތު ކުރުމަށް ހޭދަވާނެ އަގު ކަމަށް ދެކޭކަމުގައި ވީ ނަމަވެސް، ދައުލަތުން ދީފައިވާ ފައިސާ އެއް ދައުވާ ލިބޭ ފަރާތުން ޒިންމާވާންޖެހޭ ފައިސާއަކުން އުނިކުރަންޖެހޭ ޤާނޫނީ ސަބަބަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދޭން ޖެހޭނެކަމުގައި ދެކެމެވެ.
[11]4.10 އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/43 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމުގައި ނުދެކެމެވެ.
5. ނިންމުން
އިސް ބަޔާންވެ ދިޔަ ކަންކަން އެގޮތަށް ހުރުމުން، ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް (ނަންބަރު 95-CR/INDIV/2024/199) ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/43 'ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް' ބާތިލުކޮށް، މުޙައްމަދު ރަޝީދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 4612/Cv-C/2021 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރަން އެދޭނަމަ، މިއަދު (12 ނޮވެންބަރު 2024) އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު މުޙައްމަދު ރަޝީދުއަށް ލިބިގެންވާކަމުގައި ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
އަޒްމިރާލްދާ ޒާހިރު
ޢާއިޝާ ޝުޖޫން މުޙައްމަދު
މަޙާޒު ޢަލީ ޒާހިރު
11 ޖުމާދަލްއޫލާ 1446
12 ނޮވެމްބަރ 2024
ފުޓްނޯޓު
- ރެޖިސްޓްރޭޝަން ނަންބަރު C-0430/2012
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A124263
- ހައިކޯޓުގެ ނަންބަރު 95-CR/INVID/2024/199 (04 ޖުލައި 2024) "ރަޖިސްޓްރާރގެ ނިންމުން"
- ހައިކޯޓުގެ ނަންބަރު HC-RM/2024/43 (28 އޮގަސްޓް 2024) "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް"
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2022) ގެ 282 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ 2019/SC-L/87 (ޝަމްސުލް މުނާ ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޚުމ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.