ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/SC-HCL/11, 2025/SC-L/60

އަޙްމަދު އަޝްރަފް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 21 އޮގަސްޓް 2025ދަށު ކޯޓު: ހައިކޯޓު HC-RM/2025/12ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2025/12، 95-CR/INDIV/2025/67، 200-M5/RDA/2025/4، 200-L/INDIV/2024/839
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއިން ވަކިކުރުމުގެ މައްސަލަ އިޚްތިޞާޞް ނެތްކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރަޖިސްޓްރާރ ބަލައިނުގަތުމުން، ޓްރައިބިއުނަލުން 200-M5/RDA/2025/4 ގައި އެ ނިންމުން ދެމެހެއްޓިއެވެ. އެ ނިންމުމުގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަނެ، HC-RM/2025/12 ގައި ހައިކޯޓުގެ ފަނޑިޔާރުން އެ ނިންމުމަށް ބަދަލު ނުގެނައެވެ.
ވާޤިޢާ
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (3/2010) ގެ 56 ވަނަ މާއްދާގެ ދަށުން 2020 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރަކަށް ޢައްޔަންކުރި އަޙްމަދު އަޝްރަފް، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން އެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (4) ގެ ދަށުން 26 އޮގަސްޓް 2024 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ވަކިކުރެއްވިއެވެ. ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އިޚްތިޞާޞް ނެތްކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައިނުގަތް މައްސަލައެއްގެ އިސްތިއުނާފުގައި، ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބިގެންވާ ޤާނޫނީ އަސާސެއް ބަޔާންކޮށްފައި ނުވާއިރު، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭތޯއާއި، އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ނެތް ފޯމެއް އިޞްލާޙުކުރުމުގެ ފުރުޞަތު ރަޖިސްޓްރާރ ދޭންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އަޙްމަދު އަޝްރަފް ބުނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު (2022/R-14) ގެ 26 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތުގައި ރަޖިސްޓްރާރ ނިންމާފައި ނުވާ ކަމަށާއި، މެންބަރުން ޢައްޔަންކުރުމަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ތެރެއަށް ވަންނަ ކަމެއްތޯ ހައިކޯޓުން ނިންމަންޖެހޭ ކަމަށާއި، ފޯމު އިޞްލާޙުކުރުމުގެ ފުރުޞަތު ނުދިނުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު (4/2011) ގެ 12 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޓްރައިބިއުނަލުން މައްސަލަ ބަލައިނުގަތީ އިޚްތިޞާޞް ނެތުމުން ކަމަށްވާތީ، މައުޟޫޢީ ކަންކަމާމެދު ގޮތެއް ކަނޑައެޅޭނީ އިޚްތިޞާޞާމެދު ގޮތެއް ނިމިގެންނެވެ. ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބޭ ގޮތެއް ނުވަތަ އެ ލިބިގެންވާ ޤާނޫނީ ނައްޞެއް ބަޔާންކޮށްފައި ނުވެއެވެ. އަދި ނުކުތާތަކުގެ ތަފްޞީލު ވަކި ގޮތަކަށް ބައްޓަންކުރަން އެންގުމަކީ ރަޖިސްޓްރާރގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، އޮޅިގަނޑު ގިރާކުރާ ބަހުސެއް ހުށަހެޅުމަށް އެންގުމަކީ ފޯމު އިޞްލާޙުކުރުމުގެ ފުރުޞަތު ދެވޭ ސަބަބެއް ނޫން ކަމަށް ކަނޑައެޅިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 200-M5/RDA/2025/4 ނިންމުމުގެ އިސްތިއުނާފު ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ނުގެނައި ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2025/12 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ބުނެ މައްސަލަ ބަލައިނުގަންނަ ހާލަތުގައި، މައްސަލައިގެ މައުޟޫޢާ ގުޅިގެން ހުށަހެޅިފައިވާ ކަންކަމާމެދު ގޮތެއް ކަނޑައެޅޭނީ އިޚްތިޞާޞާމެދު ގޮތެއް ނިމިގެންނެވެ.

HN2 އިޚްތިޞާޞް ނެތްކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައެއް ބަލައިނުގަތް ނިންމުމެއް އިސްތިއުނާފުކުރާ އިސްތިއުނާފެއްގައި، އެ ޓްރައިބިއުނަލަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބޭ ގޮތެއް ނުވަތަ އިޚްތިޞާޞް ލިބިގެންވާ ޤާނޫނީ ނައްސަކީ ކޮބައިކަން ބަޔާންކޮށްދެވިފައި ނުވާނަމަ، މައްސަލަ ބަލައި ނުގަންނަން ނިންމި ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ބުނެދެވިފައިވާކަމަށް ނުބެލެވޭނެއެވެ.

HN3 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭ މައްސަލައެއްގައި ޚަޞްމުން ހިމަނާފައިވާ ޤާނޫނީ ނުކުތާތަކާއި، އެ ނުކުތާތަކުގެ ތަފްޞީލު ވަކި ގޮތަކަށް ބައްޓަންކުރުމަށް ނުވަތަ ވަކި ތަފްޞީލުތަކެއް ހިމެނުމަށް އެންގުމަކީ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

HN4 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމެއްގައި އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ނެތްނަމަ، އެފަދަ ބަހުސެއް ހުށަހެޅުމަށް އެންގުމަކީ ރަޖިސްޓްރާރއަށް ލިބޭ އިޚްތިޔާރުގެ ދަށުން ފޯމު އިސްލާޙުކުރުމުގެ ފުރުޞަތު ދެވޭފަދަ ސަބަބެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު އިބްރާހީމް، ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2025/SC-HCL/11

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2025/SC-L/60

ހުށަހެޅުނު ތާރީޚު: 10 އޮގަސްޓު 2025

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: އަޙްމަދު އަޝްރަފް

ޢާންމު ނަން: އަޙްމަދު އަޝްރަފް

ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 7883، މާލެ

މިހާރުގެ އެޑްރެސް: މއ. ބާބީވިލާ، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2025/12

ހުށަހެޅުނު ތާރީޚު: 19 އެޕްރީލް 2025

ނިމުނު ތާރީޚު: 30 ޖޫން 2025

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 އަޙްމަދު އަޝްރަފް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް 29 ނޮވެންބަރު 2020 ގައި ޢައްޔަންކޮށްފައިވެއެވެ.

[2]4.2 19 އޮގަސްޓް 2024 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާއިން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމުގެ މަޤާމުން އަޙްމަދު އަޝްރަފް ވަކިކުރުމަށް އެ މަޖިލީހުން ލަފާ ދީފައިވާތީ، 26 އޮގަސްޓް 2024 އިން ފެށިގެން އެ މަޤާމުން އަޙްމަދު އަޝްރަފް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

[3]4.3 އަޙްމަދު އަޝްރަފް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލްގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރަކު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާ ނިންމުމަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޔ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ބޭނުންކުރުން ކަމުގައި ބަލަންޖެހޭއިރު، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތައް ބޭނުންކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާތީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު ގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން އަޙްމަދު އަޝްރަފް ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.

[4]4.4 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅުމުން، ރަޖިސްޓްރާރގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރުން، އިދާރާތައް ބެލެހެއްޓުމަށް ޤާނޫނުތަކާ އެއްގޮތަށް ޢައްޔަނުކުރެވޭ ފަރާތްތަކަކީ، އެފަރާތްތަކާ އެއްކޮށް ވަޒީފާގެ އެއްބަސްވުމެއް އެކުލަވާނުލެވޭ ފަރާތްތަކަކަށްވެފައި، އެ ފަރާތްތަކުން ކުރާ މަސައްކަތުގެ ތަބީޢަތަށާއި، ވަޒީފާދިން ފަރާތުގެ ކޮންޓްރޯލް ހުރި މިންވަރުފަދަ ކަންކަމަށް ބެލުމުން، ވަޒީފާއާބެހޭ ޤާނޫނު ގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފުންތަކެއް ކަމުގައި ބެލެވިދާނެކަމަށް ބުރަނުވެވޭކަން ފާހަގަކޮށް، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް އެ ޓްރައިބިއުނަލުން ނިންމާފައިވެއެވެ.

[5]4.5 ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން އަޙްމަދު އަޝްރަފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މި އިސްތިއުނާފާ ގުޅިގެން ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނުވަތަ ޓްރައިބިއުނަލްގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށްދީފައި ނުވާތީއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށްދީފައި ނުވާތީ އާއި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ބަޔާންކުރާފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް މި މައްސަލައިގައި އޮތްކަމަށް ބެލެވެން ނެތުމުން، ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ މި މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.

[6]4.6 ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި އަޙްމަދު އަޝްރަފް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ހައިކޯޓުގެ ނަންބަރު HC-RM/2025/12 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ނިންމާފައިވަނީ، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

[7]4.7 މިއީ ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު HC-RM/2025/12 ނިންމުން، އަޙްމަދު އަޝްރަފްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ އިސްތިއުނާފާމެދު ނިންމި ނިންމުމެވެ.

[8]4.8 އަޙްމަދު އަޝްރަފްގެ ފަރާތުން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފުގައި ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ރަޖިސްޓްރާރގެ ނިންމުން ނިންމާފައި ނުވާތީ، އެކަން ފާހަގަކޮށް ހައިކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި، މި މައްސަލައިގައި އޮތް އެންމެ މުހިއްމު ބަހުސް ކަމުގައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރާ ކުރުން އެއީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ތަރަހައިގެ ތެރެއަށް ވަންނަ ނިންމުމެއްތޯ އުފެދޭ ސުވާލަށް ހައިކޯޓުން ޖަވާބެއް ލިބެންޖެހޭއިރު، އަޙްމަދު އަޝްރަފް ހުށަހެޅި އިސްތިއުނާފުގައި ޤާނޫނީ ބަހުސެއް ނެތްކަމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. މީގެ އިތުރުން އަޙްމަދު އަޝްރަފް ބުނެފައިވަނީ، ރަޖިސްޓްރާރ ޤަބޫލުކުރެވޭ މިންވަރަށް އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލު ހުށަހަޅާފައި ނުވާނަމަ، ރަޖިސްޓްރާރއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން، މައްސަލައިގެ ފޯމު އިޞްލާޙުކުރުމުގެ ފުރުޞަތު ނުދިނުމަކީ، މައްސަލަ ބަލައި ނުގަނެވޭނެކަމަށް ނިންމުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 12 ވަނަ މާއްދާއާއި އެމާއްދާގެ (ނ) އާއި ޚިލާފަށް ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެފަދަ ފުރުޞަތެއް ދިނުމަކާ ނުލައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ހައްޤު އެއްކޮށް ގެއްލޭގޮތަށް ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށެވެ.

[9]4.9 ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ބަލައިނުގަތް އަސާސަކީ، އަޙްމަދު އަޝްރަފް ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލަށް ލިބިގެންނުވުން ކަމުގައިވެފައި، މައްސަލައިގެ މައުޟޫޢުއާ ގުޅިގެން ހުށަހެޅިފައިވާ ކަންކަމާމެދު ގޮތެއް ކަނޑައެޅޭނީ، އިޚްތިޞާޞާމެދު ގޮތެއް ނިމިގެން ކަމުގައިވާއިރު، އަޙްމަދު އަޝްރަފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބޭ ގޮތެއް ނުވަތަ އިޚްތިޞާޞް ލިބިގެންވާ ޤާނޫނީ ނައްސަކީ ކޮބައިކަން ބަޔާންކޮށްދެވިފައި ނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލައި ނުގަންނަން ނިންމި ނިންމުން ޤާނޫނާ ޚިލާފުވާ ގޮތެއް ބުނެދެވިފައިވާކަމަށް ނުފެނެއެވެ.

[10]4.10 މީގެ އިތުރުން، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭ މައްސަލައެއްގައި ޚަޞްމުން ހިމަނާފައިވާ ޤާނޫނީ ނުކުތާތަކާއި، އެ ނުކުތާތަކުގެ ތަފްޞީލު ވަކި ގޮތަކަށް ބައްޓަންކުރުމަށް ނުވަތަ ވަކި ތަފްޞީލުތަކެއް ހިމެނުމަށް އެންގުމަކީ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވެފައި، އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ހުށަހެޅުމަށް އެންގުމަކީ ރަޖިސްޓްރާރއަށް ލިބޭ އިޚްތިޔާރުގެ ދަށުން ފޯމު އިސްލާޙުކުރުމުގެ ފުރުޞަތު ދެވޭފަދަ ސަބަބެއް ނޫނެވެ.

5. ނިންމުން

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2025/12 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

މުޙައްމަދު އިބްރާހީމް

ޢަލީ ރަޝީދު ޙުސައިން

ޢަބްދުﷲ ޙަމީދު

27 ޞަފަރު 1446

21 އޮގަސްޓު 2025

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 3/2010
  2. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 1742/1-PAO/2024 ސިޓީ (26 އޮގަސްޓް 2024)
  3. ގަވާއިދު ނަންބަރު 2022/R-14
  4. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-L/INDIV/2024/839 "ރަޖިސްޓްރާރގެ ނިންމުން" (22 ޑިސެންބަރު 2024)
  5. ޤާނޫނު ނަންބަރު 2/2008
  6. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-M5/RDA/2025/4 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓު" (23 ޖަނަވަރީ 2025)
  7. ޤާނޫނު ނަންބަރު 22/2010
  8. ޝަމްސުލް މުނާ ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ނަންބަރު 2019/SC-L/87 ޤަޟިއްޔާ)، އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ނަންބަރު 2019/SC-L/91 ޤަޟިއްޔާ)، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ (ނަންބަރު 2022/SC-A/51 ޤަޟިއްޔާ)
  9. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2025/67 "ރަޖިސްޓްރާރގެ ނިންމުން" (6 އެޕްރިލް 2025)
  10. ޤާނޫނު ނަންބަރު 4/2011
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ