ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/SC-HCL/06, 2024/SC-L/35

ނޫޙް ޢަލީ ވ. ޙުސައިން ނޫޙް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 7 މޭ 2024ދަށު ކޯޓު: ހައިކޯޓު HC-RM/2023/81ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2023/81، 95-CR/INDIV/2023/429، 929/Cv-C/2021
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 929/Cv-C/2021 ގައި، ޙުސައިން ނޫޙް ދިން -/150,000ރ. ނޫޙް ޢަލީ އަނބުރާ ދޭންޖެހޭކަން ސާބިތުވާ ކަމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދުނު -/202,500ރ. ސާބިތުނުވާ ކަމަށް ޙުކުމްކުރިއެވެ. އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2023/429 ގައި ބަލައިނުގަނެ، HC-RM/2023/81 ގައި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ނިންމިއެވެ.
ވާޤިޢާ
2018 ސެޕްޓެންބަރުގައި ޗެސް އެސޯސިއޭޝަންގެ ޓީމާއެކު ރަޝިޔާއަށް ފުރުމަށް ސަރުކާރުން ދިން ޗެކަށް ފައިސާ ލިބުން ލަސްވުމުން، 20 ވަރަކަށް ދުވަހުން އަނބުރާ ދޭގޮތަށް ނޫޙް ޢަލީ އެދުމުން ޙުސައިން ނޫޙް -/150,000ރ. ދިނެވެ. އެ ފައިސާއިން އެއްވެސް މިންވަރެއް އަނބުރާ ނުދިނުމުން، އެ ފައިސާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި -/202,500ރ. އާއެކު ޖުމްލަ -/352,500ރ. ހޯދުމަށް ޙުސައިން ނޫޙް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަރަންޏެއް ސާބިތުވާކަމަށް ނިންމި ނިންމުމުގެ އިސްތިއުނާފުގައި ޤާނޫނުއަސާސީއާއި ހެއްކާބެހޭ ޤާނޫނުގެ މާއްދާތަކަށް ޙަވާލާދީ، ކިތާބީ ހެކި ނެތި ޝަފަވީ ހެކިން މައްސަލަ ސާބިތުކުރެވިދާނެކަމަށް ބުނުމަކީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ހުށަހެޅުން ކަމުގައި ބެލެވޭތޯއާއި، އެ އިސްތިއުނާފު ބަލައިނުގަތް ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަށް ބަދަލުގެންނަންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ނޫޙް ޢަލީ ބުނީ، HC-RM/2023/81 ނިންމުމަކީ ޤާނޫނުއަސާސީގެ 10 ވަނަ އަދި 142 ވަނަ މާއްދާއާއި ހެއްކާބެހޭ ޤާނޫނުގެ (11/2022) 6 ވަނަ މާއްދާގެ ހަމަތަކުގެ ބޭރުން އިސްލާމީ ޝަރީޢަތާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށާއި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)، 17، 18، 20، 42 ވަނަ މާއްދާގެ (ހ) އަދި (ށ)، 69 އަދި ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) އާއި ހެއްކާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސާބިތުވި -/150,000ރ. ދެއްކުމަށް ނިންމި ނިންމުމަކީ ޤާނޫނު މާނަކުރުމުގައި ނުވަތަ ތަޠުބީޤުކުރުމުގައި ގޯހެއް ހެދިގެން ވާޞިލުވި ނަތީޖާއެއްކަން ބަޔާންކުރުމަށް ޤާނޫނީ ނުކުތާތަކަށް ޙަވާލާދީފައިވިޔަސް، އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށްދީފައި ނުވެއެވެ. ހަމައެކަނި ޝަފަވީ ހެކިން މައްސަލަ ސާބިތުކުރެވިދާނެކަމަށް ބުނުން ފިޔަވައި ކިތާބީ ހެކި ހުށަހަޅަން ނުޖެހޭނެކަން ޤާނޫނީ ނައްސުތަކުގެ އަލީގައި ބަޔާންކޮށްފައި ނުވާތީ، ނުކުތާތަކަކީ 2019/SC-L/91 ގައި ބަޔާންކުރާ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރެވޭ މިންވަރުގެ ނުކުތާތަކެއް ނޫނެވެ. އެހެންކަމުން އިސްތިއުނާފު ބަލައިނުގަތް ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ރަނގަޅެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 929/Cv-C/2021 ޤަޟިއްޔާގެ ނިންމުމުގެ އިސްތިއުނާފު ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ 95-CR/INDIV/2023/429 ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2023/81 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށުކޯޓުގެ ނިންމުމަކީ ޤާނޫނު މާނަކުރުމުގައި ނުވަތަ ތަޠުބީޤުކުރުމުގައި ގޯހެއް ހެދިގެން ވާޞިލުވެފައިވާ ނަތީޖާއެއްކަން ބަޔާންކުރުމުގެ ގޮތުން ޤާނޫނީ ނުކުތާތަކަށް ކޮންމެވެސް މިންވަރަކަށް ޙަވާލާދީފައިވިޔަސް، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާނަމަ، އެ ނުކުތާތަކަކީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ހުށަހަޅާފައިވާ ނުކުތާތަކެއް ކަމުގައި ނުބެލެވޭނެއެވެ.

HN2 ކިތާބީ ހެކި ހުށަހެޅުމަކާ ނުލައި ހަމައެކަނި ޝަފަވީ ހެކި ހާޒިރުކޮށްގެން މައްސަލަ ސާބިތުކުރެވިދާނެކަމަށް ބުނުން ފިޔަވައި، ކިތާބީ ހެކި ހުށަހަޅަން ނުޖެހޭނެކަން ޤާނޫނީ ނައްސުތަކުގެ އަލީގައި ބަޔާންކޮށްފައި ނުވާނަމަ، އެއީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ހުށަހަޅާފައިވާ ކަމުގައި ނުބެލެވޭނެއެވެ.

HN3 އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަކީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ހުށަހަޅާފައިވާ ނުކުތާތަކެއް ކަމުގައި ނުބެލެވޭނަމަ، އެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު، މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2024/SC-HCL/06

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2024/SC-L/35

ހުށަހެޅުނު ތާރީޚު: 14 އެޕްރީލް 2024

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ނޫޙް ޢަލީ

ޢާންމު ނަން: ނޫޙް

ދާއިމީ އެޑްރެސް: ހުޅުމާލެ. ފްލެޓްނަންބަރު 02 – ޖީ- 136، މާލެ

މިހާރުގެ އެޑްރެސް: ހުޅުމާލެ. ފްލެޓްނަންބަރު 02 – ޖީ- 136، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2023/81

ހުށަހެޅުނު ތާރީޚު: 10 ޑިސެންބަރު 2023

ނިމުނު ތާރީޚު: 08 ފެބުރުވަރީ 2024

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1. 18 ސެޕްޓެންބަރު 2018 ވަނަ ދުވަހު މ. މިނާވަރު، ޙުސައިން ނޫޙްގެ ގެއަށް ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ-136، ނޫޙް ޢަލީ، ރާޒުވާ ޓީމާއި އެކީ ޗެސް އެސޯސިއޭޝަންގެ ފަރާތުން ރަޝިޔާއަށް ދިއުމަށް ފުރަންއުޅޭ ކަމަށާއި، ޓީމުގައިވާ ފަރާތްތަކުގެ ޓިކެޓާއި ކަމާއިބެހޭ ޚަރަދުކުރުމަށް ސަރުކާރުން ދީފައިވާ ޗެކަށް ފައިސާ ލިބުނު ލަސްވެ ފުރުމަށް ދަތިވާތީ، 20 (ވިހި) ވަރަކަށް ދުވަސް ތެރޭގައި އަނބުރާ ދޭގޮތަށް -/150,000ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ދިނުމަށް އެދުމުން އެ ފައިސާ ނޫޙް ޢަލީއަށް ދީފައިވީނަމަވެސް، އެ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް އަނބުރާ ދީފައިނުވާތީ، އެ -/150,000ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި -/202,500ރ. (ދެލައްކަ ދެހާސް ފައްސަތޭކަ ރުފިޔާ) އާއެކު ޖުމްލަ -/352,500ރ. (ތިންލައްކަ ފަންސާސް ދެހާސް ފައްސަތޭކަ ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށް ނޫޙް ޢަލީގެ މައްޗަށް ޙުސައިން ނޫޙްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

[2]4.2. ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައި ވަނީ އަނބުރާދޭ ގޮތަށް ނޫޙް ޢަލީ އަށް ޙުސައިން ނޫޙް ދީފައިވާ -/150,000ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އަކީ ނޫޙް ޢަލީގެ ފަރާތުން ޙުސައިން ނޫޙް އަށް ދޭންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށާއި އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވާ -/202,500ރ. (ދެލައްކަ ދެހާސް ފައްސަތޭކަ ރުފިޔާ) އަކީ ޙުސައިން ނޫޙް އަށް ނޫޙް ޢަލީ ދޭންޖެހޭ ފައިސާއެއްކަން ސާބިތުނުވާ ކަމަށެވެ. ސިވިލް ކޯޓުގައި އެ މައްސަލަ ބެލި އެ ކޯޓުގެ ނަންބަރު 929/Cv-C/2021 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާމެދު ހިތްހަމަނުޖެހޭތީ ނޫޙް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ.

[3]4.3. ނޫޙް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ އިސްތިއުނާފު ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައި ވެއެވެ. އެ ގޮތަށް ނިންމާފައިވަނީ ނޫޙް ޢަލީގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ ތަކުގައި ދަށުކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭފަދަ ސަބަބެއް ނުވަތަ ދަށުކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބަޔާންކޮށްފައި ނުވާތީ އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފު ކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށްދީފައި ނުވާތީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ނިންމުމާއި ނަންބަރު 2019/SC-L/91 ނިންމުން އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޙމ ޤަޟިއްޔާގައި ބަޔާންކުރާފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުޡެއް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގައި އޮތްކަމަށް ބެލެވެން ނެތަތީ އެ ނިންމުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު (2011) ގެ 27 ވަނަ މާއްދާ އާ ޙަވާލާދީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

[4]4.4. ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކުރުމަށް ނޫޙް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތް ކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވެއެވެ.

[5]4.5. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ ނޫޙް އަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 02 (ދޭއް) ނުކުތާ ހުށަހަޅާފައި ވެއެވެ. އެ ނުކުތާ ތަކަކީ؛

4.5.1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2023/81 ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާ އާއި 142 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ދުސްތޫރީ އުޞޫލުތަކާއި ހެއްކާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައެޅި ބަޔާންވެފައިވާ ޤާނޫނީ ހަމަތަކުގެ ބޭރުން، އިސްލާމީ ޝަރީޢަތާ ކަނޑައެޅިގެން ޚިލާފުވާގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވުން.

4.5.2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2023/81 ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި 16 ވަނަ މާއްދާގެ (ހ) އާއި 17 ވަނަ މާއްދާ އާއި 18 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ އާއި 299 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ ދުސްތޫރީ ހަމަތަކާއި އަދި ހެއްކާބެހޭ ޤާނޫނު ގެ 2 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ޤާނޫނީ ހަމަތަކުގެ ބޭރުން، މި މާއްދާތަކާ ކަނޑައެޅިގެން ޚިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވުން.

[6]4.6. މި މައްސަލައިގައި ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަމަށާއި، ނޫޙް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފޯމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމެވި ނިންމެވުމަށާއި، ނޫޙް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ނޫޙް ޢަލީ ދައްކަންޖެހޭ ކަމަށް ސާބިތުވެފައިވާ -/150,000ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ޙުސައިން ނޫޙް އަށް ދެއްކުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނު މާނަކުރުން ނުވަތަ ތަޠުބީޤު ކުރުމުގައި ގޯހެއް ހެދިގެން ވާސިލުވެފައިވާ ނާތީޖާއެއްކަން ބަޔާންކުރުމުގެ ގޮތުން ޤާނޫނީ ނުކުތާތަކަށް ކޮންމެވެސް މިންވަރަކަށް ޙަވާލާދީފައިވާ ނަމަވެސް އެ ކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށްދީފައިވާ ކަމުގައި ނުފެނެއެވެ. އަދި މައްސަލަ އާ ގުޅިގެން ކިތާބީ ހެކި ހުށަހެޅުމަކާއި ނުލައި ހަމައެކަނި ޝަފަވީ ހެކި ހާޒިރުކޮށްގެން މައްސަލަ ސާބިތުކުރެވިދާނެ ކަމަށް ބުނާ ބުނުން ފިޔަވައި، ކިތާބީ ހެކި ހުށަހަޅަން ނުޖެހޭނެކަން ޤާނޫނީ ނައްސުތަކުގެ އަލީގައި ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވޭތީ، ނޫޙް ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުމުގައި ބަޔާންކުރާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ހުށަހަޅާފައިވާ ނުކުތާތައް ކަމުގައި ބެލެވެން ނެތެވެ.

[7]4.7. އެހެންކަމުން ނޫޙް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ގަބޫލުކުރެވެއެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 929/Cv-C/2021 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމަށް ނޫޙް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2023/429 "ރަޖިސްޓްރާރގެ ނިންމުން" އަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2023/81 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ނިންމައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޙުސްނުއްސުޢޫދު

މުޙައްމަދު އިބްރާހީމް (ރިޔާސަތު)

ޢަލީ ރަޝީދު ޙުސައިން

29 ޝައްވާލް 1445

07 މޭ 2024

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 22/2010
  2. ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
  3. އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
  4. [2022] SC 39
  5. ނަންބަރު 95-CR/INDIV/2023/429 (28 ނޮވެންބަރު 2023) ރަޖިސްޓްރާރގެ ނިންމުން
  6. ނަންބަރު HC-RM/2023/81 (08 ފެބުރުވަރީ 2024) ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް
  7. ޤާނޫނު ނަންބަރު 11/2022
  8. އބމ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ