ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/SC-HCL/27, 2023/SC-L/122

މުޙައްމަދު ޙަލީމް ވ. އިބްރާހީމް ޔޫސުފް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 21 ނޮވެމްބަރު 2023ދަށު ކޯޓު: ހައިކޯޓު HC-RM/2023/64ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2023/64، 95-CR/INDIV/2023/311، 3187/Cv-C/2021
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 3187/Cv-C/2021 ގައި، އެއްބަސްވުމާ އެއްގޮތަށް މއ. ސަނދޮރުގެ ދެ ފްލޯ 10 އޮގަސްޓު 2023 ގެ ނިޔަލަށް އިބްރާހީމް ޔޫސުފްއާ ޙަވާލުކުރުމަށް މުޙައްމަދު ޙަލީމްއަށް އެންގިއެވެ. އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2023/311 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/64 ގައި އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމިއެވެ.
ވާޤިޢާ
17 ޖުލައި 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން 35 އަހަރުގެ މުއްދަތަށް މއ. ސަނދޮރުގެ 1 ވަނަ އަދި 2 ވަނަ ފްލޯ އިބްރާހީމް ޔޫސުފްއާ ޙަވާލުކުރަންޖެހޭ ނަމަވެސް، އެ ފްލޯތައް މުޙައްމަދު ޙަލީމް ބޭނުންކުރަމުންދާތީ، އެކަން ހުއްޓުވައި ފްލޯތައް ހޯދުމަށް އެދި އިބްރާހީމް ޔޫސުފް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޢިމާރާތެއްގެ ދެ ފްލޯ 35 އަހަރަށް ޙަވާލުކުރުމަށް އަންގާފައިވާ ސިވިލް ކޯޓުގެ ޙުކުމުގެ ނަތީޖާއަކީ ނުޙައްޤު މުއްސަނދިކަމެއް އަނެއް ފަރާތަށް މަގުފަހިވުން ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، އިސްތިއުނާފީ ނުކުތާތަކުގައި ބަދަލުކުރަންޖެހޭ ސަބަބެއް ނުވަތަ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ނެތްކަމަށް ބުނެ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމުން ރަނގަޅުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޙަލީމް ބުނީ، ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށާއި، 20,000,000 ރުފިޔާގެ ފައިސާ ހިމެނޭ މި މުޢާމަލާތުގައި، އެ ފައިސާ ނުދެއްކުމުގެ ސަބަބުން 6 ބުރީގެ ޢިމާރާތެއްގެ ދެ ފްލޯ 35 އަހަރަށް އިބްރާހީމް ޔޫސުފްއަށް ލިބުމުގެ ނަތީޖާއަކީ ނުޙައްޤު މުއްސަނދިކަމެއް އޭނާއަށް މަގުފަހިވުން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުގެ ނުކުތާތަކާއި މުޢާމަލާތު ހިނގާފައިވާ ގޮތަށް ބަލާއިރު، 20,000,000 ރުފިޔާ ހިމެނޭ މުޢާމަލާތެއްގައި ފައިސާ ނުދެއްކުމުގެ ސަބަބުން ދެ ފްލޯ 35 އަހަރަށް އިބްރާހީމް ޔޫސުފްއަށް ލިބުމުގެ ނަތީޖާއަކީ ނުޙައްޤު މުއްސަނދިކަމެއް މަގުފަހިވުން ކަމަށް ޙަލީމް ބުނަމުންދާތީ، ހައިކޯޓަށް ހުށަހެޅި ކަންކަން އިތުރަށް ކަށަވަރުކުރެވި، އިސްތިއުނާފާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭތީ، މިއީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެކެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނިންމުން ބާޠިލު: ސިވިލް ކޯޓުގެ 3187/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމި ނިންމުމާއި، އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2023/64 ނިންމުން ބަދަލުކޮށް، މިއީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހުށަހަޅައިފިނަމަ ހައިކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭނެކަމަށް ނިންމި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކާއި މުޢާމަލާތު ހިނގާފައިވާ ގޮތަށް ބަލާއިރު، ދަށު ކޯޓުގެ ޙުކުމުގެ ނަތީޖާއަކީ ނުޙައްޤު މުއްސަނދިކަމެއް އަނެއް ފަރާތަށް މަގުފަހިވުން ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނަމުންދާނަމަ، އެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ކަންކަން އިތުރަށް ކަށަވަރުކުރެވި، އިސްތިއުނާފާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެއެވެ.

HN2 ހުށަހަޅާފައިވާ ކަންކަން އިތުރަށް ކަށަވަރުކުރެވި އިސްތިއުނާފާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައަކީ، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އަޒްމިރާލްދާ ޒާހިރު، މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު
ރިޔާސަތު
މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2023/SC-HCL/27

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2023/SC-L/122

ހުށަހެޅުނު ތާރީޚު: 09 ނޮވެމްބަރު 2023

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: މުޙައްމަދު ޙަލީމް

ޢާންމު ނަން: މުޙައްމަދު ޙަލީމް

ދާއިމީ އެޑްރެސް: މއ. ސަނދޮރު، މާލެ

މިހާރުގެ އެޑްރެސް: މއ. ސަނދޮރު، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2023/64

ހުށަހެޅުނު ތާރީޚު: 21 ސެޕްޓެމްބަރު 2023

ނިމުނު ތާރީޚު: 10 އޮކްޓޯބަރު 2023

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 މިއީ، ސިވިލް ކޯޓުގެ ނަންބަރު 3187/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި، މއ. ސަނދޮރު، މާލެ، މުޙައްމަދު ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އެ ކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުން އަލުން ބަލައި، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މުޙައްމަދު ޙަލީމްގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެކެވެ.

[2]4.2 ސިވިލް ކޯޓުގެ ނަންބަރު 3187/Cv-C/2021 ޤަޟިއްޔާ އަކީ މުޙައްމަދު ޙަލީމް އާއި އިބްރާހީމް ޔޫސުފް އާ ދެމެދު 17 ޖުލައި 2019 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން 35 (ތިރީސް ފަހެއް) އަހަރުގެ މުއްދަތަށް ޙަވާލުކުރަންޖެހޭ މއ. ސަނދޮރުގެ، 1 ވަނަ ފްލޯ އާއި 2 ވަނަ ފްލޯ މުޙައްމަދު ޙަލީމް ބޭނުން ކުރަމުންދާތީ އެކަން ހުއްޓުވުމާއި، އެ ދެ ފްލޯ މުޙައްމަދު ޙަލީމްގެ އަތުން ހޯދުމަށް އެދިގެން އިބްރާހީމް ޔޫސުފް ހުށަހެޅުމުން ބެލުނު މައްސަލަ އެއް ކަމާއި އެ މައްސަލައިގައި ޙުކުމް ކޮށްފައިވަނީ ދެފަރާތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ދެ ފްލޯ އިބްރާހީމް ޔޫސުފް އާ ޙަވާލުކޮށްފައި ނުވާތީ، 10 އޮގަސްޓު 2023 ގެ ނިޔަލަށް އެ ދެ ފްލޯ އިބްރާހީމް ޔޫސުފް އާ ޙަވާލުކުރުމަށް މުޙައްމަދު ޙަލީމްއަށް އަންގައެވެ.

[3]4.3 މުޙައްމަދު ޙަލީމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 3187/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 95-CR/INDIV/2023/311 "ރަޖިސްޓްރާރގެ ނިންމުން" އިން ނިންމާފައިވަނީ، މުޙައްމަދު ޙަލީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު މުޙައްމަދު ޙަލީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ދަށު ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނުވަތަ ދަށު ކޯޓުގެ ނިންމުމަށް ވާސިލުވުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބަޔާންކޮށްދީފައިވާ ނުވާތީ އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފު ކުރުމަށް ފުދޭ ޙާލަތެއް ބަޔާންކޮށްދީފައި ނުވާތީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ނިންމުމާއި، ނަންބަރު 2019/SC-L/91 ނިންމުން އަދި އެ ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ހުށަހެޅިފައިވާ މައްސަލައިގައި ބަޔާންކޮށްދެވިފައި ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު (2011) ގެ 27 ވަނަ މާއްދާގެ ދަށުން މި މައްސަލަ ބަލައިގަނެވެން ނެތް ކަމުގައެވެ.

[4]4.4 މުޙައްމަދު ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު HC-RM/2023/64 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ރިޕޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ބިނާކޮށްފައިވަނީ ޤާނޫނީ ރަނގަޅު ސަބަބުތަކެއްގެ މައްޗަށް ކަމަށް ފެންނާތީ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމުގައެވެ.

[5]4.5 މުޙައްމަދު ޙަލީމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 3187/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާ ތަކާއި އަދި މި މުޢާމަލާތް ހިނގާފައިވާ ގޮތަށް ބަލައި، 20,000,000ރ. (ވިހި މިލިއަން ރުފިޔާ) ގެ ފައިސާ ހިމެނި، އެ ފައިސާ ނުދެއްކުމުގެ ސަބަބުން 6 (ހައެއް) ބުރީގެ ޢިމާރާތެއްގެ ފަސްޓް ފްލޯއާއި އަދި ސެކަންޑް ފްލޯ 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އިބްރާހީމް ޔޫސުފްއަށް ލިބުމުގެ ނަތީޖާއަކީ ނުޙައްޤު މުއްސަނދިކަމެއް އިބްރާހީމް ޔޫސުފްއަށް މަގުފަހިވުން ކަމަށް މުޙައްމަދު ޙަލީމް ބުނަމުންދާތީވެ، މުޙައްމަދު ޙަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ކަންކަން އިތުރަށް ކަށަވަރުކުރެވި، މުޙައްމަދު ޙަލީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފާ މެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ދެކެމެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެ ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 3187/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި، މއ. ސަނދޮރު، މާލެ، މުޙައްމަދު ޙަލީމްގެ ފަރާތުން ހުށަހެޅުމުން އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް ދެކޭ ހިނދު، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް މުޙައްމަދު ޙަލީމްގެ ފަރާތުން ހުށަހަޅައިފިނަމަ އެ ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

އަޒްމިރާލްދާ ޒާހިރު

މުޙައްމަދު އިބްރާހީމް (ރިޔާސަތު)

ޢާއިޝާ ޝުޖޫން މުޙައްމަދު

09 ޖުމާދަލްއޫލާ 1445

21 ނޮވެންބަރު 2023

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ