އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/72، 95-CR/PRIV/2024/51، 3431/Cv-C/2023
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 3431/Cv-C/2023 ގައި ތެލުގެ އަގު USD 106,720.00 އާއި، އެއްބަސްވުމުގެ 12.3 ގެ ދަށުން USD 16,008.00 އާއި، ބައުންސްވި ޗެކަށް 200 ރުފިޔާ ދައްކަން ޙުކުމްކުރިއެވެ. އޭގެ އިސްތިއުނާފުގެ ރަޖިސްޓްރޭޝަން ފީ މުއްދަތުގައި ނުދެއްކުމުން ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/PRIV/2024/51 ގައި މައްސަލަ ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/72 ގައި އެ ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށް ނުދެކެއެވެ.
- ވާޤިޢާ
- ކްރެޑިޓަށް ނެގި ތެލުގެ އަގާއި ޖުރިމަނާ ހޯދުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ކުރި ދަޢުވާގެ ޙުކުމް އެޓޯލް ނެވިގޭޝަން ސަރވިސަސް ހައިކޯޓުގައި އިސްތިއުނާފުކުރުމުން، 23 އޮކްޓޫބަރު 2024 ގައި މައްސަލަ ބަލައިގަތްކަން އަންގައި 31 އޮކްޓޫބަރު 2024 ގެ 12:00 ގެ ކުރިން ރަޖިސްޓްރޭޝަން ފީ ދައްކަން އެންގިއެވެ. ފީ ނުދެއްކި، 06 ނޮވެމްބަރު 2024 ގައި ހައިކޯޓުން ސާފުކުރުމުން ބުނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރަޖިސްޓްރޭޝަން ފީ ދައްކަން އެންގި މުއްދަތުގައި ފީ ނުދެއްކުމުން އިސްތިއުނާފު ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރާރ ބޭނުންކުރާއިރު، ފަހު ތާރީޚުގެ ފަހުން ސަރުކާރު ބަންދު ދުވަސްތަކެއް އައިސް ދިގު މުއްދަތެއް ފާއިތުނުވާނަމަ ލުއި މިންގަނޑެއް ގެންގުޅެވިދާނެތޯއާއި، ކާމިޔާބުކުރުމުގެ އިޙްތިމާލު އޮތް މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އެޓޯލް ނެވިގޭޝަން ސަރވިސަސް ބުނީ، މުއްދަތުގައި ފީ ދައްކަން މަސައްކަތްކުރި ނަމަވެސް ބަނޑޭރި ޕޯޓަލަށް މަޢުލޫމާތު ލޯޑްވުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ފީ ނުދެއްކުނު ކަމަށެވެ. އިސްތިއުނާފުގެ ނުކުތާއަކީ އެއްބަސްވުމުގެ 12.3 އާއި 12.2 ގެ ދަށުން ފައިސާ ދައްކަން ކަނޑައެޅީ ސުޕްރީމް ކޯޓުގެ [2021] SC 50، [2021] SC 53، [2024] SC 35 އާއި [2024] SC 02 ގެ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (13/2010) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފަށް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މައްސަލަ އިސްތިއުނާފުގެ މުއްދަތުގައި ހުށަހަޅައި ހައިކޯޓުން ބަލައިގަނެފައިވާއިރު، ފީ ދައްކަން އޮތް ފަހު ތާރީޚުގެ ފަހުން އައީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށްވާތީ 06 ނޮވެމްބަރު 2024 ގެ ނިޔަލަށް އެކަށީގެންވާ ދިގު މުއްދަތެއް ފާއިތުވެފައި ނުވެއެވެ. ފީ ނުދެއްކުމުން މައްސަލަ ބަލައިނުގަތުމަކީ ހައިކޯޓުގެ ގަވާއިދު (2011) ގެ ދަށުން ރަޖިސްޓްރާރއަށް ލިބޭ އިޚްތިޔާރެއް ނަމަވެސް، މި މަރުޙަލާގައި އޭގެ ބޭނުންކުރުމުގައި ލުއި މިންގަނޑެއް ގެންގުޅެވިދާނެއެވެ. އަދި 2019/SC-L/87 ގެ މިންގަނޑަށް ބަލާއިރު، ކާމިޔާބުކުރުމުގެ އިޙްތިމާލު އޮތް މައްސަލައަކަށްވާތީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހެއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ސިވިލް ކޯޓުގެ 3431/Cv-C/2023 ގަޒިއްޔާގެ އިސްތިއުނާފު ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުން ނިންމި HC-RM/2024/72 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް އެންގި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ހައިކޯޓުން އަންގާފައިވާ މުއްދަތުގައި ފީ ނުދެއްކުމުން މައްސަލަ ބަލައިނުގަތުމަކީ ހައިކޯޓުގެ ގަވާއިދުގެ ދަށުން ރަޖިސްޓްރާރއަށް ލިބިގެންވާ އިޚްތިޔާރެއް ކަމުގައިވީ ނަމަވެސް، ފީ ދެއްކުމަށް އޮތް ފަހު ތާރީޚުގެ ފަހުން ދެން އައިސްފައިވަނީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައިވެ، ފީ ނުދެއްކިވާތާ އެކަށީގެންވާ ދިގު މުއްދަތެއް ފާއިތުވެފައި ނުވާނަމަ، އެ އިޚްތިޔާރުގެ ބޭނުންކުރުމުގައި ލުއި މިންގަނޑެއް ގެންގުޅެވިދާނެއެވެ.
HN2 އިސްތިއުނާފީ ދަޢުވާއަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންޖެހޭ މިންގަނޑު ގިރާކުރާ މައްސަލައެއްކަމަށް ކަނޑައަޅާނީ، އެ މައްސަލައަކީ އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބުކުރެވޭނޭ ކަމުގެ އެކަށީގެންވާ ފުރުޞަތެއް އޮތް ޤާނޫނީ ބަހުސެއް އޮތް މައްސަލައެއްކަމަށްވާނަމައެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2025/SC-HCL/02
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2025/SC-L/02
ހުށަހެޅުނު ތާރީޚު: 05 ޖަނަވަރީ 2025
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
ޢާންމު ނަން:
ދާއިމީ އެޑްރެސް: ގ. ޑެއިލީވޯރކް، މާލެ
މިހާރުގެ އެޑްރެސް: ގ. ލިވަރޕޫލް، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/72
ހުށަހެޅުނު ތާރީޚު: 09 ނޮވެމްބަރ 2024
ނިމުނު ތާރީޚު: 03 ޑިސެމްބަރ 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1. އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ތެލުގެ ބާވަތްތައް ކްރެޑިޓަށް ނެގުމަށްފަހު، USD 106,720.00 (އެއްލައްކަ ހަހާސް ހަތްސަތޭކާ ވިހި ޔޫ.އެސް ޑޮލަރު) އާއި ތެލަށް އަގު އަދާކުރުމުގެ ގޮތުން ދީފައިވާ ޗެކް އަނބުރާ ރައްދުވެފައިވާތީ، ޗެކަށް ދައްކަންޖެހޭ ޖުރިމަނާ އާއި ކަނޑައެޅިފައިވާ ތާރީޚުގައި ފައިސާ ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ 12.3 ވަނަ މާއްދާގެ ދަށުން އަރަމުންދާ ޖުރިމަނާ ފައިސާއާއި، މި ފައިސާ ހޯދުމަށް ކުރަންޖެހޭ ޤާނޫނީ ޚަރަދު ހޯދުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 3431/Cv-C/2023 ގަޒިއްޔާގައި ދަޢުވާކުރިއެވެ.
[2]4.2. އެ ގަޒިއްޔާގައި ސިވިލް ކޯޓުން ނިންމާފައިވަނީ އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކްރެޑިޓަށް ނަގާފައިވާ ތެލުގެ އަގުގެ ގޮތުގައި ދައްކާ ޚަލާޞްކޮށްފައިނުވާ USD 106,720.00 (އެއްލައްކަ ހަހާސް ހަތްސަތޭކާ ވިހި ޔޫ.އެސް ޑޮލަރު) ދެއްކުމަށް އެއްބަސްވެފައިވާތީ، އެއީ ދައްކަންޖެހޭ ފައިސާއެއްކަން އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ އިޢުތިރާފުން ސާބިތުވާކަމަށް ކަނޑައަޅައި، ތެލުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގެ 12.3 ވަނަ މާއްދާގެ ދަށުން ހޯދުމަށް އެދިފައިވާ USD 16,008.00 (ސޯޅަހާސް އަށެއް އެމެރިކާ ޑޮލަރު) އާއި، ބައުންސްވެފައިވާ ޗެކަށް އެއްބަސްވުމުގެ 12.2 ގެ ދަށުން ހޯދުމަށް އެދިފައިވާ 200.00ރ. (ދުއިސައްތަ ރުފިޔާ) އަކީ ބަދަލުގެ ގޮތުގައި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ 08 ސެޕްޓެމްބަރު 2024 ގައެވެ.
[3]4.3. އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 3431/Cv-C/2023 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅިއެވެ. އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާއަކީ އެއްބަސްވުމުގެ 12.3 ގެ ދަށުން USD 16,008.00 (ސޯޅަހާސް އަށެއް އެމެރިކާ ޑޮލަރު) އާއި ބައުންސް ވެފައިވާ ޗެކަށް 200.00ރ. (ދުއިސައްތަ ރުފިޔާ) ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާއާއި، ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާއާއި ކޯސްޓްލައިން އިންވެސްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާއާއި ސިވިލް ސަރވިސް ކޮމިޝަން ވ. މުޞްޢަބު ޢަބްދުﷲ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފަށްކަމަށެވެ.
[4]4.4. "ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން" 23 އޮކްޓޫބަރު 2024 ގައި އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ހައިކޯޓުން ފޮނުވިއެވެ. މި އެންގުމުގައި މި މައްސަލައަކީ ހައިކޯޓުން ބަލައިގަނެފައިވާ މައްސަލައެއްކަމަށާއި، މި އެންގުން އަންގާތާ ގިނަވެގެން ރަސްމީ 05 (ފަހެއް) ދުވަހުގެ ތެރޭގައި (31 އޮކްޓޫބަރު 2024 ގެ 12:00 ގެ ކުރިން) ރަޖިސްޓްރޭޝަން ފީ ދައްކަންވާނެކަމަށާއި، މި މުއްދަތުގައި ރަޖިސްޓްރޭޝަން ފީ ނުދައްކައިފިނަމަ، މައްސަލައިގެ ދަޢުވާ ފޯމު ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވާކަމަށް ބުނެފައިވެއެވެ. ނަމަވެސް، މި މުއްދަތުގައި އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވެއެވެ.
[5]4.5. ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމުގައި، ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގައި "ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން" 23 އޮކްޓޫބަރު 2024 ގައި މެއިލްކުރި ނަމަވެސް، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީ، ހައިކޯޓުގެ ގަވާއިދުގެ (2011) ގެ 33 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ މައްސަލަ ބަލައިގަނެވެން ނެތްކަމަށް އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އެންގިއެވެ.
[6]4.6. ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް މަސައްކަތްކުރި ނަމަވެސް، ފައިސާ ދެއްކިފައިނުވަނީ ބަނޑޭރި ޕޯޓަލްއަށް މަޢުލޫމާތު ލޯޑްވުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުންކަމަށް ބުނެފައިވެއެވެ. ނަންބަރު HC-RM/2024/72 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ޙަޤީޤަތުގައިވެސް ހުރަސްއެޅުނުކަމަށް ޤަބޫލުކުރެވޭފަދަ ލިޔުމެއް ހުށަހަޅާފައިނުވާތީ، އަދި ފައިސާ ދެއްކިފައިނުވަނީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް އޮވެގެންކަމަށް ދެއްކިފައިނުވާތީ، އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާ ބުނުމަކީ ރަޖިސްޓްރާރގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއްނޫންކަމަށެވެ. އަދި އެ ފަދައިން ބުނާ ބުނުމެއްގެ މައްޗަށް މައްސަލައިގެ ދަޢުވާ ފޯމު ބަލައިގަތުމަކީ އިޖުރާއަތު ނަހަމަ ގޮތުގައި ބޭނުން ހިފުމަށް މަގުފަހިވާ، އަދި ބަންދުކުރަން އުދަނގޫ ދޮރެއް ހުޅުވުމަށް ދެވޭ ފުރުޞަތެއް ކަމުގައިވާތީ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް ނުދެކޭކަމަށެވެ.
[7]4.7 މިއީ ބުނެވުނު "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަލުން ބަލައިދިނުމަށް އެދި އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެވެ.
[8]4.8 މި މައްސަލައިގައި ކަންހިގާދިޔަ ގޮތަށް ރިޢާޔަތްކުރާއިރު، މި މައްސަލައަކީ އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތުގައި އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން، ހައިކޯޓުން ބަލައިގަތުމަށް ނިންމާފައިވާ މައްސަލައެކެވެ. ހައިކޯޓުން މައްސަލަ ބަލައި ގަތްކަން އަންގާ، 31 އޮކްޓޫބަރު 2024 ގެ 12:00 ގެ ކުރިން ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވީ ނަމަވެސް، އެ މުއްދަތުގައި ފީ ދައްކާފައިނުވާތީ، 06 ނޮވެމްބަރު 2024 ގައި ހައިކޯޓުން މައްސަލައިގައި ކަން ހިނގިގޮތް ސާފުކުރިއެވެ. އެގޮތުން، ބެލި ބެލުމުން ރަޖިސްޓްރޭޝަން ފީ ދެއްކިފައިނުވަނީ އިދާރީ އޮޅުމެއްގެ ސަބަބުންކަމަށާއި، މައްސަލައިގައި ދެން ކަންތައްކުރަންވާ ގޮތަކީ ކޮބައިކަން އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސާފުކުރިކަމަށާއި، ފައިސާ ދެއްކުމުގައި ދައްޗެއް ކުރިމަތިވިކަމަށް އެ ދުވަހު އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައި ނުވާކަމަށް މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ ރަޢުޔުގައި ފާހަގަކޮށްފައިވެއެވެ. އަދި ފަހުން ރަޖިސްޓްރޭޝަން ފީ ދެއްކިފައިނުވަނީ ބަނޑޭރި ޕޯޓަލް އިން ފައިސާ ދެއްކުމުގައި ދިމާވި މައްސަލައަކުން ކަމަށް ބުނެފައިވާކަމަށް ފަނޑިޔާރުންގެ ނިންމުމުގައިވެއެވެ.
[9]4.9 މި މައްސަލައިގައި ރަޖިސްޓްރޭޝަން ފީ ދެއްކުމުގެ ފަހު ތާރީޚަކީ 31 އޮކްޓޫބަރު 2024 ކަމުގައި ވެފައި، ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އޮތް ތާރީޚުގެ ފަހުން ދެން އައިސްފައިވަނީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައިވާއިރު، 06 ނޮވެމްބަރު 2024 ގެ ނިޔަލަށް ރަޖިސްޓްރޭޝަން ފީ ނުދެއްކިވާތާ އެކަށީގެންވާ ދިގު މުއްދަތެއް ފާއިތުވެފައި ނުވާކަން އެނގެއެވެ. އަދި ހައިކޯޓުން ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގާފައިވާ މުއްދަތުގައި ފީ ނުދެއްކުމަކީ ހައިކޯޓުގެ ގަވާއިދުގެ ދަށުން ރަޖިސްޓްރާރއަށް ލިބިގެންވާ އިޚްތިޔާރެއް ކަމުގައިވީ ނަމަވެސް، މި މަރުހަލާގައި މި އިޚްތިޔާރުގެ ބޭނުން ކުރުމުގައި ލުއި މިންގަނޑެއް ގެންގުޅެވިދާނެކަމަށް ދެކެމެވެ.
[10]4.10. މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ނިންމުމުގައި، އިސްތިއުނާފީ ދަޢުވާއަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންޖެހޭ މިންގަނޑު ގިރާކުރާ މައްސަލައެއްކަމަށް ކަނޑައަޅާނީ އެ މައްސަލައަކީ އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބުކުރެވޭނޭ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ޤާނޫނީ ބަހުސެއް އޮތް މައްސަލައެއްކަމަށްވާނަމަ ކަމަށް އޮތް އޮތުމަށް ބަލާއިރު، ހުށަހެޅިފައިވާ މައްސަލައަކީ އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ކާމިޔާބުކުރުމުގެ އިހުތިމާލު އޮތް މައްސަލައެއްކަމަށް ބެލެވޭތީ، މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ދެކެމެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 3431/Cv-C/2023 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން، އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ފެންނާތީ މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު
އަޒްމިރާލްދާ ޒާހިރު
މަޙާޒު ޢަލީ ޒާހިރު
23 ރަޖަބް 1446
23 ޖަނަވަރީ 2025
ފުޓްނޯޓު
- [2021] SC 50
- [2021] SC 53
- [2024] SC 35
- [2024 SC 02
- ޤާނޫނު ނަންބަރު 13/2010
- 95-CR/PRIV/2024/51
- ޝަމްސުލްމުނާ ވ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ޕެރެގްރާފް 14
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ގަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2010) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2)
- ސުޕްރީމް ކޯޓުގެ 2019/SC-L/87 (ޝަމްސުލްމުނާ ވ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ [2021] SC 50 (ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް)
- ސުޕްރީމް ކޯޓުގެ [2021] SC 53 (ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ [2024] SC 35 (ކޯސްޓްލައިން އިންވެސްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ [2024] SC 02 (ސިވިލް ސަރވިސް ކޮމިޝަން ވ. މުޞްޢަބު ޢަބްދުﷲ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.