ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 35 2022/SC-A/76
ޝަރީޢަތް ނިމުނުގޮތް ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 14 ޖުލައި 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/250 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-109/2007) ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު (C-129/94 ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ޞަފާ ޝަރީފް، ހިސާން އެންޑް ސަފާ އެލް.އެލް.ޕީ
ޢަބްދުﷲ ޢަލީ، ވޮލެންސް ލޯޔަރސް އެލް.އެލް.ޕީ ޖޫރިމަނާ ފައިސާ، penalty clause، ގެއްލުމުގެ ބަދަލު، ލިކުއިޑޭޓެޑް ޑެމެޖަސް، liquidated damages، އިންވޮއިސްއާއި އެއްބަސްވުމެއްގައިވާ ތަފާތު
ފިހުރިސްތު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 1
ތަޢާރުފު 1
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް 2
ހައިކޯޓުން މައްސަލަ ނިންމިގޮތް 3
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް 4
އިންވޮއިސްއަކުން ޖޫރިމަނާއަށްވާ ފައިސާ ނެގިދާނެތޯ 6
ދެފަރާތު ދެމެދު އެއްބަސްވުމެއް އޮތްނަމަ ހައިކޯޓުގެ ނިންމުން ޤާނޫނީ ގޮތުން ރަނގަޅުތޯ 11
ފޯސް މެޖަރ އަދި ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަން 15
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 16
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 16
ޙުކުމް 16
` ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް [2024] SC 35 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1. މިއީ ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-129/94، މީގެ ފަހުން "ކޯސްޓްލައިން އިންވެސްޓްމަންޓްސް") އާއި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-109/2007، މީގެ ފަހުން "ދަ ހޯކްސް") އާ ދެމެދު ކުރެވިފައިވާ ތެލުގެ ވިޔަފާރިއަކާ ގުޅިގެން އުފެދިފައިވާ ޚުޞޫމާތެކެވެ.
2. ދަ ހޯކްސްއިން ކޯސްޓްލައިން އިންވެސްޓްމަންޓްސްއަށް 12 ފެބްރުއަރީ 2020 އިން ފެށިގެން 29 މާރިޗް 2020 އާ ދެމެދު 15 (ފަނަރަ) ފަހަރެއްގެ މަތިން ޑީސަލް ވިއްކާފައިވެއެވެ. ދެފަރާތު ދެމެދު ޚުސޫމާތް އުފެދުނީ މި ވިޔަފާރީގެ މުޢާމަލާތަށް ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ފައިސާ ނުދެއްކުމުންނެވެ.
3. ދަ ހޯކްސްއިން ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1414/Cv-C/2020 ގަޒިއްޔާއިން ދަޢުވާ އުފުލުމުން އެ މައްސަލަ ނިމުނީ ދަ ހޯކްސްއާ އެއްކޮޅަށެވެ. އަދި މި ނިންމުމަށް ހައިކޯޓުގެ ނަންބަރު 2021/HC-A/250 ގަޒިއްޔާގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ތާއީދުކޮށްފައެވެ.
4. މިއީ ބުނެވުނު ހައިކޯޓުގެ ނަންބަރު 2021/HC-A/250 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައާ މެދު މި ކޯޓުން ކަނޑައެޅި ނިޔާއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
5. ދަ ހޯކްސްއިން ކޯސްޓްލައިން އިންވެސްޓްމަންޓްސްއަށް 12 ފެބްރުއަރީ 2020 އިން ފެށިގެން 29 މާރިޗް 2020 އާ ދެމެދު 15 (ފަނަރަ) ފަހަރެއްގެ މަތިން ވިއްކާފައިވާ ޑީސަލްއަށް ދައްކަންޖެހި ނުދައްކާވާ US$773,955.39 (ހަތްލައްކަ ހަތްދިހަތިންހާސް ނުވަސަތޭކަ ފަންސާސް ފަހެއް އެމެރިކާ ޑޮލަރު ތިރީސް ނުވައެއް ސެންޓް) އާއި އެ ފައިސާ ދައްކަންޖެހޭ ދުވަހާ ހަމައަށް ދައްކާފައިނުވާތީ، އެ ފައިސާ ދައްކާ ތާރީޚާ ހަމައަށް އަރާ ޖޫރިމަނާގެ ފައިސާ ޝަރީޢަތް މެދުވެރިކޮށް އެކީ އެއްފަހަރާ ހޯދުމަށް ދަޢުވާކުރިއެވެ.
6. ސިވިލް ކޯޓުން އެ މައްސަލައިގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން އެހައިތަނަށް ނުދައްކާވާ ފައިސާއާއި އެ ފައިސާއާ އެއްވަރުގެ ޢަދަދެއް ޖޫރިމަނާގެ ގޮތުގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ދައްކަންޖެހޭކަމަށް ޙުކުމްކުރިއެވެ. އަދި އެ ޙުކުމުގައި ޖޫރިމަނާގެ ޢަދަދު އެވަގުތު ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ދައްކަންޖެހި ނުދެއްކި އޮތް ޢަދަދާ އެއްވަރުގެ ޢަދަދެއް ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުގެ ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް1 ގަޒިއްޔާއާއި އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް2 ގަޒިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް އެ ކޯޓުން ރިޢާޔަތްކުރުމަށް ފަހުގައެވެ.
7. މި މައްސަލައިގެ ދަޢުވާ ހުށަހެޅުނު ފަހުން ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ދެފަހަރެއްގެ މަތިން ޖުމްލަ US$100,000.00 (އެއްލައްކަ އެމެރިކާ ޑޮލަރު) ދައްކާފައިވާކަމަށް ދަ ހޯކްސްއިން ބުނެފައިވާތީ އެ ފައިސާ އުނިކުރުމުން، ދައްކަންޖެހި ނުދައްކާ އޮތް މިންވަރަކީ US$673,955.39 (ހަލައްކަ ހަތްދިހަތިންހާސް ނުވަސަތޭކަ ފަންސާސް ފަހެއް އެމެރިކާ ޑޮލަރު ތިރީސް ނުވައެއް ސެންޓު) ކަމަށް ކަނޑައަޅައި އަދި ޖޫރިމަނާގެ ގޮތުގައި އަޞްލު ޢަދަދާއި އެއްވަރު ޢަދަދެއްކަމުގައިވާ US$673,955.39 (ހަލައްކަ ހަތްދިހަ ތިންހާސް ނުވަސަތޭކަ ފަންސާސް ފަހެއް އެމެރިކާ ޑޮލަރު ތިރީސް ނުވައެއް ސެންޓު) އާއެކު ޖުމްލަ US$1,347,910.78 (އެއްމިލިޔަން ތިންލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ދިހައެއް އެމެރިކާ ޑޮލަރު ހަތްދިހަ އަށެއް ސެންޓު) ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން ދަ ހޯކްސްއަށް ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
8. ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1414/Cv-C/2020 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މި އިސްތިއުނާފު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ސިވިލް ކޯޓުން ޖޫރިމަނާގެ ފައިސާ ނަގައިދިނުމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ޖޫރިމަނާގެ ބައި ބާޠިލުކޮށްދިނުމަށް އެދިއެވެ.
9. ހައިކޯޓުގެ ނަންބަރު 2021/HC-A/250 ގަޒިއްޔާގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ. އަދި އެ ކޯޓުން ކަނޑައަޅާފައިވަނީ ސިވިލް ކޯޓުން ރިޢާޔަތްކުރި ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކަކީ އެއިރު ޢަމަލުކުރަމުން ދިޔަ އުސޫލުކަމަށެވެ. ނަމަވެސް މިހާރު ޢަމަލުކުރަމުންދާ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް3 ގަޒިއްޔާގައިވާ އުސޫލުތަކަށް ރިޢާޔަތްކުރާއިރުވެސް، ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޖޫރިމަނާގެ ޢަދަދަކީ އުޤޫބާތެއް ދިނުމުގެ ގޮތުން ހިމަނާފައިވާ ޖޫރިމަނާއެއްކަމަށް ބުރަނުވެވޭކަމަށެވެ.
10. މި ޖޫރިމަނާގެ ޢަދަދަކީ އަދަބެއްގެ ގޮތުން ހިމަނާފައިވާ ޖޫރިމަނާއަކަށްވުރެ ބޮޑަށް ދަ ހޯކްސްއަށް ލިބޭނެކަމަށް އަންދާސާކުރެވޭ ގެއްލުމުގެ މިންވަރުގެ ތެރެއަށް ވަދެގެންދާނެ ޢަދަދެއްކަމަށް ބުރަވެވޭކަމަށާއި، އެހެންކަމުން، ސިވިލް ކޯޓުން ނަގައިދީފައިވާ ޖޫރިމަނާ ފައިސާ ނަގައިދީފައިވަނީ ޕެނަލްޓީ ކްލޯޒްއާ ގުޅޭގޮތުން ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވެއެވެ.
11. ތަފާތުވި ފަނޑިޔާރު ފާޠިމަތު ފަރުހީޒާގެ ރައުޔުގައި، މި މައްސަލައިގައި ހިމެނޭ އިންވޮއިސްގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ހިމަނާފައިވާ ޢިބާރާތަކީ، ފައިސާ ލިބެންވާ ފަރާތަށް އިންވޮއިސްގައިވާ ގޮތަށް ފައިސާ ނުލިބިއްޖެނަމަ ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށްޓަކައި ހިމަނާފައިވާ އިބާރާތަކަށްވުރެ ބޮޑަށް، އެ އިންވޮއިސްގައި ބަޔާންކޮށްފައިވާ ފައިސާ ނުދައްކައިފިނަމަ، ފައިސާ ދައްކަންޖެހޭ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ ޢިބާރާތެއްކަމަށް ބެލެވޭތީ، ޖޫރިމަނާ ފައިސާ ނަގައިދިނުމުގައި މިހާރު ޢަމަލުކުރެވޭ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު މިއީ ނަގައިދެވިދާނެ ފައިސާއެއްކަމަށް ބުރަނުވެވޭކަމަށް ބަޔާންކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
12. ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2021/HC-A/250 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ އަންނަނިވި 04 (ހަތަރެއް) ނުކުތާ އިސްތިއުނާފަށް ހުށަހަޅާފައިވެއެވެ.
12.1 ހައިކޯޓުގެ ނިންމުމުގައި ޖޫރިމަނާ ނަގައިދިނުމަށް ބަރޯސާވާ އެމާއްދާ އަކީ ޕެނަލްޓީ ކްލޯޒްއެއް ނޫން ކަމަށް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
12.2 ސިވިލް ކޯޓުން ނަގައިދީފައިވާ ޖޫރިމަނާއަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ހައިކޯޓުގެ ޙުކުމުގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެފަދަ ނިންމުންތަކަށް ރިޢާޔަތް ކުރުމެއް ނެތި ކަމަށްވާތީ އެކަމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
12.3 އިންވޮއިސްތަކަށް ފައިސާ ނުދެއްކުނީ ކޮވިޑް-19 ގެ ޙާލަތުގައި ވިޔަފާރި ބަންދުކޮށްފައި ހުރުމުގެ ސަބަބުން ކަމަށްވެފައި، ޖޫރިމަނާ ނަގައިދީފައި ވަނީ އެމުއްދަތުގައި ކަމަށްވެފައި، އެ ނުކުތާ އަކީ ޝަރީޢަތުން ގޮތެއް ކަނޑައަޅަން ޖެހޭ ނުކުތާއެއް ނޫންކަމަށް ބުނެ ނިންމާފައި އޮތް އޮތުން ކޮންޓްރެކްޓާ ބެހޭ ޢާއްމު އުޞޫލުތަކުގެ ތެރެއިން ފޯސް މެޖަރ އަދި ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަންއާ ޚިލާފުކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
12.4 ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި ދަ ހޯކްސްއަށް އެވަރުގެ ގެއްލުމެއް ލިބުނުކަން، އެފަރާތުން ބުނި ބުނުން ފިޔަވާ، ގެއްލުން ލިބުނުކަން ސާބިތު ކުރަން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާއިރު، ނަގައިދީފައިވާ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑު ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
އިންވޮއިސްއަކުން ޖޫރިމަނާއަށްވާ ފައިސާ ނެގިދާނެތޯ
13. މި ގަޒިއްޔާގައި "ޖޫރިމަނާ" މި ލަފްޒު ބޭނުންކޮށްފައިވަނީ މި މައްސަލައިގައި ހިމެނޭ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން ދުވާލެއްގެ މައްޗަށް އަރާ %0.50 ގެ ޗާޖަށެވެ.
14. ހުށަހެޅިފައިވާ މައްސަލައިގައި ހިމެނެނީ ދަ ހޯކްސްއިން ކޯސްޓްލައިން އިންވެސްޓްމަންޓްސްއަށް 12 ފެބްރުއަރީ 2020 އިން ފެށިގެން 29 މާރިޗް 2020 އާ ދެމެދު 15 (ފަނަރަ) ފަހަރެއްގެ މަތިން ޑީސަލް ވިއްކާފައިވާތީވެ، ޑީސަލްއަށްވާ ފައިސާ ދެއްކުމަށް ފޮނުވާފައިވާ އިންވޮއިސްތަކެކެވެ. ލިޔުމުން އޮތް އެއްބަސްވުމެއް ނެތެވެ.
15. މި އިންވޮއިސްތަކުގައި ހިމެނޭ ފައިސާ އިންވޮއިސްތަކުގައި ބުނާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ފައިސާ ނުދައްކާ އިތުރުވާ ކޮންމެ ދުވަހަކަށް %0.50 ގެ ރޭޓުން ޗާޖު ކުރެވޭނެކަމަށް އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާއިރު، އިންވޮއިސްގެ އެއްވެސް މައްސަލައެއް އުޅޭނަމަ 2 ދުވަހުގެ ތެރޭގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ދަ ހޯކްސްއަށް އަންގަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
16. ސިވިލް ކޯޓުން މައްސަލަ ބެލިއިރު ކަނޑައަޅާފައިވަނީ ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން އިންވޮއިސްތަކުގައި ބުނާ ޖޫރިމަނާއަށް (ފައިސާ ނުދައްކާ ދުވާލެއްގެ މައްޗަށް އަރާ %0.50 ގެ ޗާޖަށް) އެއްބަސްނުވާކަމަށް ނުވަތަ އެކަން ޤަބޫލުނުކުރާކަމަށް އެ ކުންފުނިން ބުނި ނަމަވެސް، އެކަން އެ ކުންފުންޏަށް ސާބިތުކޮށްދެވިފައި ނުވާތީ، ދެ ފަރާތުދެމެދު ޒިމްނީ ކޮންޓްރެކްޓެއް އުފެދިފައިވާ ކަމަށެވެ.4 މި ނިންމުމަށް ވާސިލުވުމަށްޓަކައި އެ ކޯޓުން ރިއާޔަތްކުރީ އެއިރު ޢަމަލުކުރަމުން ދިޔަ ސުޕްރީމް ކޯޓުގެ ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް5 ގަޒިއްޔާއާއި އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް6 ގަޒިއްޔާއަށެވެ.
17. ހައިކޯޓުން ސިވިލް ކޯޓުގެ މި ނިންމުމަށް ތާއީދު ކުރިނަމަވެސް، ސުޕްރީމް ކޯޓުން ފަހުން ޢަމަލު ކުރަމުންދިޔަ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާއަށް ރިޢާޔަތްކޮށްފައިވެއެވެ.
18. ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި އިރުޝާދު ދީފައިވަނީ ދެފަރާތު ދެމެދުވާ އެއްބަސްވުމެއްގެ ދަށުން ލިކުއިޑޭޓެޑް ޑެމެޖަސްއާއި ޕެނަލްޓީ ކްލޯޒްއެއްކަމަށް ބެލެވިދާނެ މާއްދާތައް ފަރަގުކުރާނެ ގޮތާ ގުޅޭގޮތުންނެވެ. އެ ގަޒިއްޔާގައިވާ އުސޫލުތައް ބިނާވަނީ އިނގިރޭސި ކޮމަން ލޯގެ ބައެއް ގަޒިއްޔާތަކަކަށް ކަމުގައިވާއިރު، އިނގިރޭސި ވިލާތުގައި ދެ ވިޔަފާރި ދެމެދުކުރާ މުޢާމަލާތްތަކުގައި އެއްބަސްވުމެއް ނެތްނަމަވެސް އިންވޮއިސްގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ، "ލޭޓް ފީ" (late fee) ގެ ނަމުގައި އިތުރަށް ފައިސާ ނެގުމުގެ ބާރު ސީދާ ޤާނޫނުން އެފަދަ ވިޔަފާރިތަކަށް ލިބިދެވެއެވެ.7 އަދި ޤާނޫނުން މިގޮތަށް ފައިސާ ނެގިދާނެ އެންމެ ބޮޑު ޢަދަދު ކަނޑައަޅާފައިވާއިރު، ޤާނޫނުން މިކަންކަން ތަންޒީމުކުރަނީ ވިޔަފާރިތަކުން އެހެން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދެއްކުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
19. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިފަހުން ނިންމާފައިވާ ބައެއް ގަޒިއްޔާތަކަށް ބަލާއިރު، އެއްބަސްވުމެއް ނެތި އިންވޮއިސްތަކެއްގައި ބަޔާންކުރާ ޖޫރިމަނާ ފައިސާއާ ގުޅޭ ގޮތުން އަޙްމަދު ޢާމިރު ވ. ދިވެހި ރައްޔިތުންގެ ޕާޓީ8 ގަޒިއްޔާގައި ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތައް ތަޠުބީޤުކޮށްފައިވެއެވެ. އަޙްމަދު ޢާމިރު ގަޒިއްޔާގައި ސުޕްރީމް ކޯޓުން ޙުކުމްކުރީ 11 އޮގަސްޓް 2021 ގައެވެ. އަދި އެ މައްސަލައިގައި ނިންމާފައިވަނީ އިންވޮއިސްތަކުގައިވާ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ހިމަނާފައިވާ އިބާރާތަކީ ގެއްލުމެއް ފޫބެއްދުމަށްވުރެ ފައިސާ ދައްކަންޖެހޭ ފަރާތަށް ކުރިމަތިކުރާ އުޤޫބާތެއްގެ ގޮތުގައެވެ.
20. އޭގެ ފަހުން ސުޕްރީމް ކޯޓުން ނިންމި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގަޒިއްޔާގައި ދެފަރާތު ދެމެދުވާ އެއްބަސްވުމެއްގެ ދަށުން ނަގާ ފައިސާއާއި އިންވޮއިސްއެއްގައި ކަނޑައަޅައި ޖޫރިމަނާ ފައިސާގެ ތަފާތަށް އަލިއަޅުވާލާފައިވެއެވެ.9 މި ގަޒިއްޔާ ނިންމާފައިވަނީ 4 ނޮވެންބަރު 2021 ގައެވެ. މި ގަޒިއްޔާގައި ދެފަރާތު ދެމެދު ލިޔުމުން އެއްބަސްވުމެއް އޮތެވެ. ނަމަވެސް އެ އެއްބަސްވުމުގައި ޖޫރިމަނާ ފައިސާ ނެގިދާނެ ގޮތެއް ބަޔާންކޮށްފައި ނުވެއެވެ. ޖޫރިމަނާއަށްވާ ފައިސާގެ ވާހަކަ ބަޔާންކޮށްފައި އޮތީ ޚިދުމަތް ދިން ފަރާތުން އަނެއް ފަރާތަށް ފޮނުވި އިންވޮއިސްގައެވެ. ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުގައި ކޮންޓްރެކްޓެއް އުފެދޭނެ ގޮތް ބަޔާންކުރުމަށްފަހު، އެއް ފަރާތުން އަނެއް ފަރާތަށް ފޮނުވާ އިންވޮއިސްއަކަށް އަނެއް ފަރާތުން އިއުތިރާޒު ނުކޮށް ހަނުހުރުމަކުން، އައު ކޮންޓްރެކްޓެއް އުފެދި، ޒިމްނީ ގޮތުން އިންވޮއިސްގައިވާ ކަންކަމަށް އެފަރާތުން އެއްބަސްވީ ކަމުގައި ނުބެލެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.10
21. ވުމާއެކު، ސެންޓަރ އެންޓަރޕްރައިސަސް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލަކީ ދެފަރާތު ދެމެދު އެއްބަސްވުމެއް އޮވެގެން މެނުވީ ޖޫރިމަނާ ފައިސާ ފަދަ އިތުރު ފައިސާ ނުނެގޭނެކަމެވެ. އަދި އެއް ފަރާތުން އަނެއް ފަރާތަށް ފޮނުވާ އިންވޮއިސްއަކަށް އެއް ފަރާތުން އިއުތިރާޒު ނުކުރުމުން ދެފަރާތު ދެމެދު ރުހި ޤަބޫލުވެ ކޮންޓްރެކްޓެއް އުފެދުނީ ކަމުގައި ނުބެލެވޭނެކަމެވެ.
22. ސެންޓަރ އެންޓަރޕްރައިސަސް ގަޒިއްޔާގައި ސުޕްރީމް ކޯޓުން ޙުކުމްކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން، 28 ނޮވެންބަރު 2021 ގައި މި ކޯޓުގެ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާ ނިންމިއެވެ.11 އެ ގަޒިއްޔާގައި ހިމެނެނީ އިންވޮއިސްއެއްގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާގެ މައްސަލައެކެވެ. އެ ގަޒިއްޔާގައި ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތައް ތަޠުބީޤުކޮށް ޖޫރިމަނާ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެ ގަޒިއްޔާގައި އެއްވެސް ވަރަކަށް އެއްބަސްވުމަކާއި އިންވޮއިސްއަކާ ދެމެދު އޮތް ފަރަގަކަށް އަލިއަޅުވާލާފައިނުވެއެވެ.
23. އިންވޮއިސްއަކުން ޖޫރިމަނާއަށްވާ ފައިސާ ނެގިދާނެތޯ ކުރާ ސުވާލަށް ޖެހިލާނަމަ، ސެންޓަރ އެންޓަރޕްރައިސަސް ގަޒިއްޔާގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. މިހާރު ބަލަމުން މިދާ މައްސަލައިގައި ދަ ހޯކްސްއާއި ކޯސްޓްލައިން އިންވެސްޓްމަންޓްސްއާ ދެމެދު ލިޔުމުން ވަކި އެއްބަސްވުމެއް ވެފައި ނެތެވެ. ދެފަރާތު ދެމެދު ވި މުޢާމަލާތަކީ ޑީސަލް ގަނެ ވިއްކުން ކަމުގައިވާއިރު، ދަ ހޯކްސްއިން ކޯސްޓްލައިން އިންވެސްޓްމަންޓްސްއަށް ޑީސަލް ފޯރުކޮށްދިންއިރު އިންވޮއިސްއަކުންކުރާ ޝަރުޠަކަށް ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން އިއުތިރާޒުނުކޮށް ހަނުހުރުމަކުން، މި ދެ ފަރާތު ދެމެދު އެއްބަސްވުމެއް ވުޖޫދެއްނުވެއެވެ. އެއްބަސްވުމެއް ވުޖޫދުވުމުގެ އަސާސީ ޝަރުޠުތައް ކަމުގައިވާ ހުށަހެޅުން، ޤަބޫލުކުރުން، މުޤާބިލު ދިނުން، ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން، ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު އަދި ރުހުން އޮތުމުގެ ޝަރުޠުތައް ފުރިހަމަނުވެއެވެ. އިންވޮއިސްއެއްގައިވާ ޝަރުޠެއް ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ މައްޗަށް ޤާނޫނީ ގޮތުން ބަނދެވޭ ވަސީލަތެއް ނެތެވެ.
24. މި ވިސްނުމަށްދާނަމަ، ދަ ހޯކްސްއާއި ކޯސްޓްލައިން އިންވެސްޓްމަންޓްސްއާ ދެމެދު ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ނުދެއްކިއްޖެނަމަ ޖޫރިމަނާކުރުމާ ބެހޭ ގޮތުން ވަކި ގޮތަކަށް އެއްބަސްވެފައި ނުވާތީ، ހަމައެކަނި އެއް ފަރާތުން ތައްޔާރުކުރާ އިންވޮއިސްއަށް ބިނާކޮށް ޖޫރިމަނާ ފައިސާއަކީ ޝަރީޢަތުން ނަގައިދެވިދާނެ ފައިސާއެއް ނޫނެވެ. އަދި މިއީ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތައް ތަޠުބީޤުކުރަންޖެހޭ ހާލަތެއްވެސް ނޫނެވެ.
25. މިއާ ޚިލާފަށް ޖޫރިމަނާ ފައިސާއާ ގުޅޭ ގޮތުން ވަކި ގޮތަކަށް ދެފަރާތުން އެއްބަސްވެފައި އޮތްނަމަ، ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައިވާ އުސޫލުތައް ތަޠުބީޤުކުރަން ޖެހޭނެއެވެ.
26. މި މައްސަލައިގައިވާ ދެބަސްވުން އުފެދުމުގެ ކުރިންވެސް ދަ ހޯކްސްއާއި ކޯސްޓްލައިން އިންވެސްޓްމަންޓްސްއާ ދެމެދު ތެލުގެ ވިޔަފާރި ކުރާތާ ގާތްގަނޑަކަށް 5 ވަރަކަށް އަހަރު ވެދާނެކަމަށް ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެއްވެސް އިންވޮއިސްއަކަށް ފައިސާ ނުލިބި ނުވާނެކަމަށް ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ބުނެފައިވެއެވެ.
27. ޖޫރިމަނާއަކީ ދެފަރާތުން އެއްބަސްވެފައިވާ ކަމެއްކަމަށް ބެލެވޭނީ މީގެ ކުރިންވެސް އެއް ފަރާތުން އަނެއް ފަރާތަށް ޖޫރިމަނާ ކުރުމުން ޖޫރިމަނާ ފައިސާ ދައްކަމުން ދިޔަނަމައެވެ. އެ ހާލަތުގައި ދެފަރާތު ދެމެދު ޖޫރިމަނާ ދެއްކުމާ ގުޅޭ ގޮތުން އާދަކާދައިގެ ތެރެއިން ޒިމްނީ ގޮތުން އެއްބަސްވެފައިވާކަމަށް ބެލެވިދާނެއެވެ.12
28. އިސްވެ ބަޔާންވެދިޔަ ފަދައިން، ޖޫރިމަނާ ކުރުމާ ގުޅޭ ގޮތުން ދެފަރާތު ދެމެދު ވަކިގޮތަކަށް އެއްބަސްވެފައިނުވާ ހާލަތުގައި، އަދި ޤާނޫނަކުންވެސް އެއް ވިޔަފާރިން އަނެއް ވިޔަފާރީގެ ކިބައިން ޖޫރިމަނާ ނެގުމާބެހޭ ވަކި އުސޫލުތަކެއް ކަނޑައަޅާފައި ނުވާ ހާލަތުގައި، އެއް ފަރާތުން އަންގާ އެންގުމެއްގެ މައްޗަށް އެކަނި ބިނާކޮށް ޖޫރިމަނާ ފައިސާއަކީ އަނެއް ފަރާތުގެ ކިބައިން ނަގައިދެވިދާނެ ފައިސާއެއް ނޫނެވެ.
29. އެހެންކަމުން، ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ކިބައިން ދަ ހޯކްސްއަށް އިންވޮއިސްތަކުގައިވާ ޖޫރިމަނާއަށްވާ ފައިސާ ނަގައިދޭންޖެހޭކަމަށް ސިވިލް ކޯޓުގެ ނަންބަރު 1414/Cv-C/2020 ގަޒިއްޔާގައާއި ހައިކޯޓުގެ ނަންބަރު 2021/HC-A/250 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމުގައި އަހުރެން ދެކެމެވެ.
ދެފަރާތު ދެމެދު އެއްބަސްވުމެއް އޮތްނަމަ ހައިކޯޓުގެ ނިންމުން ޤާނޫނީ ގޮތުން ރަނގަޅުތޯ
30. ހައިކޯޓުގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައިވާ އުސޫލުތައް ތަޠުބީޤުކުރުމުންވެސް ސިވިލް ކޯޓުން ނަގައިދީފައިވާ ޕްރިންސިޕަލް ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޖޫރިމަނާ ފައިސާއަކީ ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ކިބައިން ދަ ހޯކްސްއަށް ނަގައިދެވިދާނެ ފައިސާއެއް ކަމަށެވެ.
31. ބަހުސްގެ ބޭނުމަށްޓަކައި މި މައްސަލައިގައި ދެފަރާތު ދެމެދު ޖޫރިމަނާ ނެގުމާގުޅޭ ގޮތުން އެއްބަސްވުމެއް އޮތްކަމަށް ބަލަމާ ހިނގާށެވެ. ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެ ޚުލާޞާއަކީ، ލިކުއިޑޭޓަޑް ޑެމޭޖަސްގެ މާއްދާއެއްގެ ދަށުން ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީ، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާސާއެއްތޯ (ލިކުއިޑޭޓަޑް ޑެމޭޖަސްގެ މާއްދާއެއްތޯ) ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ (ޕެނަލްޓީ ކްލޯޒްއެއްތޯ) ބެލުމަށްފަހު، ލިކުއިޑޭޓަޑް ޑެމޭޖަސްއަށްވާނަމަ، ފައިސާ ނަގައިދިނުމެވެ. އެހެންގޮތަކަށް ބުނާނަމަ، މިހާރު ޢަމަލުކުރަމުންދާ އުޞޫލުތަކުގެ ދަށުން، ޕެނަލްޓީ ކްލޯޒްއެއްގެ ޝަރުޠު ފުރިހަމަވާ މާއްދާއަކީ ކޯޓުތަކުން ތަންފީޒުކޮށްދޭނެ މާއްދާއެއް ނޫނެވެ.
32. ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައާއި ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް13 ގަޒިއްޔާގައި އާއި އަދި މޫސާ ޙުސައިން ވ. އިބްރާހީމް ޔޫސުފް14 ގަޒިއްޔާގައި އާއި އަދި އެ ގަޒިއްޔާއަށްފަހު ނިންމި އެމް- ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް ވ. ޑްރީމްސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް15 ގަޒިއްޔާގައި އެއްބަސްވުމުގައިވާ މާއްދާއެއްގައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްތޯ ނުވަތަ ޕެނަލްޓީ ކްލޯޒްއެއްތޯ ފަރަޤުކުރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމަށެވެ.
(ހ) ކަމާގުޅޭ މާއްދާއަކީ އަސާސީ އިލްތިޒާމަކާ ޚިލާފުވުމުގެ ސަބަބުން އުފެދިފައިވާ ސާނަވީ އިލްތިޒާމެއްތޯ،
(ށ) އަސާސީ އިލްތިޒާމް އަދާކުރުމުގައި މައުސޫމް ފަރާތު (އެއްބަސްވުމާ ޚިލާފުނުވާ ފަރާތް) ގެ ޞައްޙަ މަޞްލަޙަތުގެ ތަބީޢަތާއި މިންވަރު،
(ނ) ސާނަވީ އިލްތިޒާމުގެ ނަތީޖާއަކީ މައުސޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތާ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތެއް އެއްބަސްވުމާ ޚިލާފުވި ފަރާތުން ތަޙައްމަލުކުރުން.
33. ދަ ހޯކްސްއާއި ކޯސްޓްލައިން އިންވެސްޓްމަންޓްސްއާ ދެމެދު ޑީސަލް ގަނެ ވިއްކުމަށް އެއްބަސްވިއިރު، ޖޫރިމަނާއާ ގުޅޭ ގޮތުންވެސް އެއްބަސްވެފައިވާކަމަށް ބަލައިފިނަމަ، ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ އަސާސީ އިލްތިޒާމަކީ ޑީސަލްއަށްވާ ފައިސާ ދެއްކުމެވެ. އަދި އެ ފައިސާ ނުދެއްކުމުގެ ސަބަބުން ސާނަވީ އިލްތިޒާމް ކަމުގައިވާ ޖޫރިމަނާ އުފަންވާނެއެވެ.
34. ދަ ހޯކަސްއިން ކޯސްޓްލައިން އިންވެސްޓްމަންޓްސްއަށް ޑީސަލް ފޯރުކޮށްދީފައިވާއިރު، އެ ތަކެއްޗަށް ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވެއެވެ. ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ބުނަނީ އެއިގެ ކުރިން 5 އަހަރުގެ މުއްދަތަކަށް ދެފަރާތު ދެމެދު ތެލުގެ ވިޔަފާރި ކޮށްފައިވާއިރު، ގަވާއިދުން ފައިސާ ދައްކާފައިވާނެ ކަމަށާއި، ނަމަވެސް މި މައްސަލައިގައި ހިމެނޭ މުޢާމަލާތްތަކުގައި ފައިސާ ދެއްކިފައިނުވަނީ ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިއަށް އައި ހީނަރުކަމުގެ ސަބަބުން ކަމަށެވެ.16
35. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2021/HC-A/250 ގަޒިއްޔާގެ އަޢުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވަނީ، ތެޔޮ ފަދަ ގަނެވިއްކުމުގައި އަވަހަށް ރޯލުކުރާ ބާޒާރުގައި އަގު ބަދަލުވަމުންދާ ތަކެތީގެ ވިޔަފާރިކުރާ ފަރާތަކަށް ތެލުގެ މުޢާމަލާތަކުން ލިބެންޖެހޭ ފައިސާ ލިބެންޖެހޭ ތާރީޚަށް ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން، ހަމަ ހަޤީޤަތުގައިވެސް ގެއްލުންތަކެއް ވާނެކަމަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބެލުމުން ދޭހަވާކަމަށެވެ. އަދި ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޖޫރިމަނާގެ ޢަދަދަކީ އުޤޫބާތެއް ދިނުމުގެ ގޮތުން ހިމަނާފައިވާ ޖޫރިމަނާއެއްކަމަށް ނުބެލެވޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
36. ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ގެއްލުން ލިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިފަދަ ގެއްލުމަކީ ހަމައެކަނި ކޮވިޑް-19 ގެ ހާލަތުގައި ނުވަތަ ހަމައެކަނި ތެލުގެ ވިޔަފާރިތަކަށް ޚާއްސަވާ ގެއްލުމެއް ނޫނެވެ. ކޮންމެ ވިޔަފާރިއަކަށްވެސް އެ ވިޔަފާރިއަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވާނަމަ ގެއްލުންވާނެއެވެ.
37. ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައިވާ އުސޫލުތަކަކީ ޢާންމު އުސޫލުން ގެއްލުމުގެ ބަދަލު ސާބިތުކޮށްދިނުމެއް ނެތި، ލިކުއިޑޭޓެޑް ޑެމެޖަސް ޝަރީޢަތުން ނަގައިދެވިދާނެ ހާލަތްތައް ކަނޑައަޅާ އުސޫލުތަކެކެވެ. އެ ގަޒިއްޔާގައިވާ އުސޫލުތައް ތަޠުބީޤުކުރުމާއެކު ހުއްޓުވިގެން ދަނީ ގެއްލުމުގެ ބަދަލު ސާބިތުކޮށްދިނުމެއް ނެތި، އެކަށީގެންނުވާ ބޮޑެތި ޢަދަދުތައް ޝަރީޢަތުން ނަގައިދިނުމެވެ. އެ އުސޫލުތައް ތަޠުބީޤުކުރުމުން އެއްބަސްވުމުގައިވާ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްކަމަށް ކަނޑައެޅޭ ހާލަތްތަކުގައި، އެއް ފަރާތުން އެދޭ ޢަދަދު ނަގައިދެވެން ނެތްކަމަށް ކަނޑައެޅުމުގެ މާނައަކީ އެ ފަރާތަށް އެއްވެސް ގެއްލުމެއް ލިބިގެންނުވާކަމަށް ޝަރީޢަތުން ކަނޑައެޅުމެއް ނޫނެވެ. ނަމަވެސް ގެއްލުމުގެ ނަމުގައި އެކަށީގެންނުވާ ބޮޑެތި ޢަދަދުތައް ޝަރީޢަތުން ނަގައިނުދޭނެކަމެވެ.
38. މި މައްސަލައިގައި ފައިސާ ދައްކަންޖެހޭ މުއްދަތުގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ފައިސާ ނުދެއްކުމުން، ދަ ހޯކްސްއަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއްވާނެއެވެ. ނަމަވެސް އެ ގެއްލުމަކީ ދަ ހޯކްސްއިން ކޯސްޓްލައިން އިންވެސްޓްމަންޓްސްއަށް ވިއްކި ޑީސަލްގެ އަގަށްވުރެ އެތައް ގުނައެއް ބޮޑު ޢަދަދެއް ހެއްޔެވެ؟ އެތައް ގުނައެއް ބޮޑު ޢަދަދެއް ކަމުގައިވާނަމަ، ގެއްލުން ހިސާބުކޮށްފައިވަނީ ކޮން ކަންތައްތަކަކަށް ބިނާކޮށް ކިހިނެތް ހެއްޔެވެ؟
39. ސިވިލް ކޯޓުގައި ދަ ހޯކްސްއިން ކުރި ޖޫރިމަނާގެ ޢަދަދު ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ދައްކަންޖެހޭ ޕްރިންސިޕަލް ޢަދަދަށްވުރެ ބޮޑެވެ. އެހެންކަމުން ސިވިލް ކޯޓުން އެ ޢަދަދު ޕްރިންސިޕަލް ޢަދަދާ އެއް ޢަދަދަކަށް ކުޑަކުރިއެވެ. ހައިކޯޓުން މި ނިންމުމަށް ތާއީދުކުރިއިރު، ސަބަބުވެރި މީހެއްގެ މިންގަނޑުން ގެއްލުމެއް ލިބޭނެކަމަށް ބުނާއިރު، ލިބުނު ގެއްލުމަކީ ޕްރިންސިޕަލް ޢަދަދާ އެއްވަރެއްގެ ގެއްލުމެއްކަމަށް ނިންމީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަމެއް އެނގޭކަށް ނެތެވެ. ދަ ހޯކްސްއަށް ލިބިދާނެކަމަށް ހަމަ ހަޤީޤަތުގައިވެސް އަންދާސާ ކުރެވޭ ގެއްލުން އެނގޭނެ އެއްވެސް ލިޔެކިޔުމެއްވެސް ދަ ހޯކްސްގެ ފަރާތުން ހުށަހަޅާފައިނުވެއެވެ.
40. ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ދައްކަންޖެހޭކަމަށް ދަ ހޯކްސްއިން ކަނޑައެޅި ޖޫރިމަނާގެ ޢަދަދަކީ ޕްރިންސިޕަލް ޢަދަދަށްވުރެ ބޮޑު ޢަދަދެއް ކަމުގައިވާއިރު، އަދި އެ ޢަދަދު ސިވިލް ކޯޓުން ކުޑަކޮށްދިނީ އެވަގުތު ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ނުދައްކާ އޮތް ޕްރިންސިޕަލް ޢަދަދާ އެއްވަރުގެ ޢަދަދަކަށް ކަމުގައިވާއިރު، މިއީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ޙިމާޔަތްކުރެވޭ ޞައްޙަ މަޞްލަޙަތާއި ނުބައްދަލު ބުރައަކަށް ނޫނީ ނުވާނެއެވެ.
41. އެހެންކަމުން، ދަ ހޯކްސްއަށް ލިބުނު ގެއްލުމަކީ އެވަގުތު ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ނުދައްކާ އޮތް ޢަދަދާ އެއްވަރުގެ ޢަދަދެއްކަން ކަނޑައެޅުމުގައި ހައިކޯޓުން އެއްވެސް ހެއްކަކަށް ރިޢާޔަތްކޮށްފައިނުވެއެވެ. އަދި އެއީ ހަމަ ހަޤީޤަތުގައިވެސް ދަ ހޯކްސްއަށް ލިބޭނެކަމަށް އަންދާސާކުރެވޭ ގެއްލުންކަމާމެދު އެއްވެސް ވަރަކަށް ބަލާފައިނުވެއެވެ.
42. ވުމާއެކު، މި މައްސަލައިގައި ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޒިއްޔާގައިވާ އުސޫލުތައް ހައިކޯޓުން ތަޠުބީޤުކޮށްފައިވަނީ ރަނގަޅަކަށް ނޫނެވެ. އެ އުސޫލުތައް ތަޠުބީޤުކުރަންޖެހޭ ގޮތަށް ތަޠުބީޤުކުރިނަމަ ޖޫރިމަނާއަށްވާ ފައިސާ ދަ ހޯކްސްއަށް ނަގައިދެވޭނެ ހަމައެއް ނެތެވެ.
ފޯސް މެޖަރ އަދި ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަން
43. ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ބުނެފައިވަނީ އިންވޮއިސްގެ ދަށުން ޖޫރިމަނާ ފައިސާ ނަގައިދިނުމަކީ ކޮންޓްރެކްޓާބެހޭ އުޞޫލުކަމަށްވާ ފޯސް މެޖަރ އަދި ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަންއާ ޚިލާފުކަމެއް ކަމަށެވެ. އެގޮތުން ފައިސާ ދެއްކިފައިނުވަނީ ކޮވިޑް-19 އާ ގުޅިގެން ރިޒޯޓު ބަންދުކުރަންޖެހި ވިޔަފާރި ހުއްޓުމަކަށް އައިސްފައިވާތީކަމަށެވެ.
44. ދަށު ކޯޓުގައިވެސް އަދި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައިވެސް ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ބުނެފައިވަނީ ޖޫރިމަނާއަށް އެއްވެސް އިރެއްގައި އެއްބަސްވެފައިނުވާކަމަށެވެ. އެއްބަސްވެފައިނުވާކަމަކަށް ކޮންޓްރެކްޓްއާ ގުޅޭ ޢާންމު އުސޫލުތަކެއް ނުހިނގާނެއެވެ.
45. އެހެންކަމުން، މި ނުކުތާގައި އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.
46. އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2021/HC-A/250 ގަޒިއްޔާގެ ނިންމުން ބާޠިލުކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 1414/Cv-C/2020 ގަޒިއްޔާގެ ޙުކުމުގައި ޖޫރިމަނާ ފައިސާ ނަގައިދިނުމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
47. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
48. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއެކު،
(1) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/250 ގަޒިއްޔާގެ ޙުކުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ނޫންކަމުން އެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި،
(2) ސިވިލް ކޯޓުގެ ނަންބަރު 1414/Cv-C/2020 ގަޒިއްޔާގެ ޙުކުމުގައި ހަމައެކަނި ޖޫރިމަނާއަށްވާ ފައިސާ ނަގައިދިނުމަށް ނިންމާފައިވާ ނިންމުމުގެ ބައި ބާޠިލުކަމަށް ކަނޑައަޅައި، އެ ގަޒިއްޔާގައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާފައިވާ ޑީސަލްއަށް ދައްކަންޖެހޭ ފައިސާއާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން އަޒްމިރާލްދާ ޒާހިރު މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1 2013/SC-A/27
2 2015/SC-A/16
3 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ގަޒިއްޔާ
4 ސިވިލް ކޯޓުގެ ނަންބަރު 1414/Cv-C/2020 ގަޒިއްޔާގެ 4 ވަނަ ނުކުތާގެ (ށ)
5 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ގަޒިއްޔާ
6 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ގަޒިއްޔާ
7 Late Payment of Commercial Debts (Interest) Act 1998
8 [2021] SC 71
9 [2021] SC 99
10 އބމ، ޕެރެގްރާފް 37
11 [2021] SC 107
12 ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް [2021] SC 79، ފަނޑިޔާރު ޙުސްނުއްސޫޢޫދުގެ ރައުޔުގެ 27 ވަނަ ޕެރެގްރާފްގައި އާދަކާދައިގެ ތެރެއިން ދޭހަކުރާ ޒިމްނީ މާއްދާތަކާބެހޭ ގޮތުން ބަޔާންކޮށްފައިވެއެވެ.
13 [2022] SC 21
14 [2022] SC 85
15 [2023] SC 07
16 ސިވިލް ކޯޓުގެ ނަންބަރު 1414/Cv-C/2020 ގަޒިއްޔާގައިވެސް އަދި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައިވެސް މިކަންކަން ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
2022/SC-A/76 [2024] SC 35
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.