ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 15 · 2024/SC-A/36

ޢއއ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 މޭ 2026ދަށު ކޯޓު: (ނަންބަރު އުނިކުރެވިފައި)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2014/HC-A/195
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޖުވެނައިލް ކޯޓުން (C/2012-Jv/16) ދަޢުވާ ސާބިތުކޮށް، ވާރިޘުން ޤިޞާޞަށް އެދުނުތީ ކުއްޖާ މެރުމަށް 02 މޭ 2013 ގައި ޙުކުމްކުރި ނިންމުމަށް ހައިކޯޓުން 29 ނޮވެންބަރު 2016 ގައި ތާއީދުކުރިއެވެ. 2022 ގައި ޖުވެނައިލް ކޯޓުން ކުއްޖާ ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިކުރަން އަމުރުކުރި ނަމަވެސް، މަތީ ކޯޓަކުން ބާޠިލުނުކުރާހާ ހިނދަކު ޤިޞާޞްގެ އަދަބު ބަދަލުނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ވާޤިޢާ
2012 ފެބްރުއަރީ 19 ގައި، އުމުރުން 17 އަހަރުގެ ކުއްޖާ އިތުރު ބަޔަކާއެކު ގ. ވޭރު، ޢަބްދުލްމުޙީތަށް ތޫނު ހަތިޔާރުން ޙަމަލާދީ އޭނާ ނިޔާވި މައްސަލައެއްގައި، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ޤަޞްދުގައި މީހަކު މަރާލުމުގެ ދަޢުވާ ޖުވެނައިލް ކޯޓުގައި ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ހާދިސާ ހިނގިއިރު 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ޤިޞާޞްގެ ގޮތުން ކަނޑައެޅި މަރުގެ އަދަބަށް ތާއީދުކުރި ހައިކޯޓުގެ ޙުކުމް، 2019 ގައި ޢަމަލުކުރަން ފެށި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ އަލީގައި ދެމިއޮންނާނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުއްޖާގެ ފަރާތުން ބުނީ ހައިކޯޓުގެ ނިންމުމަކީ ޤާނޫނު ނަންބަރު 2019/19 ގެ 29 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށެވެ. ދައުލަތުން ބުނީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 1-74 ވަނަ މާއްދާގެ (ށ) ގެ ސަބަބުން މިހާރު އެ އަދަބު ތަންފީޛު ނުކުރެވޭނެ ނަމަވެސް، ހައިކޯޓުން ނިންމިއިރު ޢަމަލުކުރެވެމުންދިޔައީ ޤާނޫނު ނަންބަރު 91/9 ކަމަށްވާތީ ހައިކޯޓުގެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ނޫން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުގެ ނިންމުމަކީ އޭރު ޢަމަލުކުރެވުނު ޤާނޫނާ މުޠުލަޤަށް ޚިލާފު ނިންމުމެއް ނޫން ނަމަވެސް، ޤަޞްދުމަރު ސާބިތުވުމަކީ ހަމައެކަނި އެކަމަށް ބަލައި ޤިޞާޞް ތަންފީޛުކުރެވޭނެ ކަމެއް ނޫނެވެ؛ ކުށްކުރި ފަރާތަކީ ކުޑަކުއްޖެއްކަމީ ޤިޞާޞް މަނާވާ ސަބަބެކެވެ. މިހާރު ޢަމަލުކުރާ ޤާނޫނުތަކުގައި 18 އަހަރު ނުފުރެނިކޮށް ކުރި ކުށަކަށް މަރުގެ އަދަބު ދިނުން މަނާކޮށްފައިވާތީ، މަރުގެ އަދަބުގެ ބައި ބާޠިލުކޮށް އަދަބު ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ތަޙްވީލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ޖުވެނައިލް ކޯޓާއި ހައިކޯޓުގެ ޙުކުމުގެ މަރުގެ އަދަބުގެ ބައި ބާޠިލު، އަދަބު ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ތަޙްވީލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޖިނާއީ › ޖިނާއީ – ކުޑަކުދިންނަށް މަރުގެ އަދަބު (ޤިޞާޞް)

HN1 ހައިކޯޓުން ޙުކުމްކުރި ވަގުތު ޢަމަލުކުރެވެމުންދިޔަ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށް ނިންމި ނިންމުމަކީ، އޭގެ ފަހުން ޢަމަލުކުރަން ފެށި ޤާނޫނަކާ (ޤާނޫނު ނަންބަރު 2019/19) ޚިލާފުވާތީ، މުޠުލަޤަށް ޤާނޫނާ ޚިލާފު ނިންމުމެކޭ ބުނެވޭނެ ހަމައެއް ނެތެވެ.

HN2 ޙައްޤަކާނުލައި ޤަޞްދުގައި މީހަކު މެރުމުގެ ޢުޤޫބާތަކީ އިސްލާމީ ޝަރީޢަތުގައި ޤިޞާޞް ހިފުމެވެ؛ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ ސަބަބުން މަރަށް މަރު ހިފުމުގެ ޢުޤޫބާތަކީ ރާއްޖޭގެ ޤާނޫނުގައިވެސް ކަނޑައެޅިފައިވާ އަދަބެކެވެ.

HN3 ޤަޞްދުގައި މީހަކު މެރިކަން ސާބިތުވުމަކީ ހަމައެކަނި އެކަމަށް ބަލައި ޤިޞާޞް ކަނޑައަޅައި ތަންފީޛުކުރެވިދާނެ ކަމެއް ނޫނެވެ؛ އިސްލާމީ ޝަރީޢަތާއި ޤާނޫނުގައި ޤިޞާޞް މަނާވާ ސަބަބެއް އޮތްތޯ ބަލަންޖެހޭނެއެވެ. ކުށްކުރި މީހާގެ ކިބައިގައިވާ ސިފައެއް، އަޞްލާއި ފަރުޢު ހިމެނޭ ޙާލަތް، ދީން ތަފާތުވުން، ވާރިޘުން މަޢާފުދިނުން، އަދި ކުށްކުރި ފަރާތަކީ ކުޑަކުއްޖެއްކަމީ އެފަދަ ސަބަބުތަކެވެ.

HN4 ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ޤާނޫނުތަކުގައި ކުޑަކުއްޖަކީ މީލާދީ ގޮތުން 18 އަހަރު ނުފުރޭ ކުއްޖެކެވެ؛ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުޑަކުދިންނާ ގުޅޭގޮތުން އެއީ 15 އަހަރު ފުރި، 18 އަހަރު ނުފުރޭ ކުދިންނެވެ.

HN5 މިހާރު ޢަމަލުކުރާ ޤާނޫނުތަކުގެ ދަށުން ކުޑަކުއްޖަކަށް މަރުގެ އަދަބު ދީގެން ނުވާނެއެވެ؛ 18 އަހަރު ފުރުމުގެ ކުރިން ކުރި ކަމަށް ސާބިތުވާ ކުށަކަށް 18 އަހަރުވުމަށްފަހުވެސް މަރުގެ އަދަބު ދީގެން ނުވާނެއެވެ؛ މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ޙާލަތުގައި، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބުގެ ހަތަރުބައިކުޅަ ތިންބައިއަށްވުރެ ބޮޑުނޫން އަދަބަކަށް ބަދަލުކުރަންވާނެއެވެ. އެހެންކަމުން، ހާދިސާ ހިނގިއިރު 17 އަހަރުގެ ކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ނިންމިދާނެކަމަށް ބުރައެއް ނުވެއެވެ.

HN6 އެހެންކަމުން، ކުޑަކުއްޖަކު މެރުމަށް ކޮށްފައިވާ ޙުކުމާއި، އެއަށް ތާއީދުކުރި ހައިކޯޓުގެ ޙުކުމުގެ އެބައި ބާޠިލުވާނެއެވެ؛ އަދަބު ކަނޑައެޅުމަށްޓަކައި، ފުރަތަމަ މަރުޙަލާގެ ކޯޓަށް މައްސަލަ ތަޙްވީލުކުރުމާބެހޭ [2024] SC 35 ގައި ކަނޑައެޅި އުޞޫލަށް ރިޢާޔަތްކޮށް، މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލުކުރެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ސަލީމް، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ

ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޙުސައިން ޝަހީދު

1.... ތާއީދު ކުރައްވާފައި)

1..... ތަޢާރުފު.

1..... މައްސަލައިގެ ފަސްފަހަތް.

4..... ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ.

5..... އިސްތިއުނާފީ ނުކުތާގެ ރައްދު.

7..... ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނާ ބުނުން.

11..... ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު.

11..... ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު.

11..... ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު.

12..... ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު.

12..... ޙުކުމް بِسْمِ الرَّحْمَنِ އިއަ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2026] SC 15

ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ

ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޙުސައިން ޝަހީދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/ █ ޤަޝިއްޔާގެ އިސްތިއުނާފާއި ގުޅިގެން ބެލި މި ކޯޓުގެ ނަންބަރު 2024/SC-A/36 ޤަޟިއްޔާއިން ބެލުނު މައްސަލައިގެ ނިޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތަކީ، މި މައްސަލާގައި ބަޔާންކުރާ ހާދިސާ ހިނގިއިރު 18 (އަށާރަ) އަހަރު ފުރިފައިނުވާ، ޤާނޫނީ ގޮތުން ކުޑަކުއްޖެއް ކަމުގައިވާތީ، ކުއްޖާގެ ނަން ބަޔާންކުރުމުގެ ބަދަލުގައި މި ނިންމުމުގައި މީގެ ފަހުން އެ ކުއްޖާއާމެދު ޢިޝާރާތްކުރެވިފައިވާނީ ”އިސްތިއުނާފުކުރާ ކުއްޖާ“ މިފަދައިންނެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން ”ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް“ ނުވަތަ ”ދައުލަތް“ ނުވަތަ ”އިސްތިއުނާފު ރައްދުވާ ފަރާތް“ ކަމަށް ބަޔާންކޮށްފައިވާ) އެވެ.

މައްސަލައިގެ ފަސްފަހަތް

22012 ފެބްރުއަރީ 19 ވަނަ ދުވަހު މެންދަމު 01:50 އެހައިކަންހައިއިރު، އިސްތިއުނާފުކުރާ ކުއްޖާ އިތުރު ކުދިންތަކަކާއި އިތުރު ބަޔަކާއެކު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރިމައްޗަށްވާ ގޮތަށް އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑު ތެރޭގައި ހުރި ސައިކަލެއްގެ މަތީގައި ފިން ގައިގެ އެތަން މިތަނަށް ބނު ހަތިޔާރުން ޙަމަލާދީ ބޮޑެތި ޒަޚަމްތަކެއް ދިނެވެ. މި ޙަމަލާގެ ސަބަބުން [REDACTED] ލިބުނު އަނިޔާތަކަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް، 2012 ފެބްރުއަރީ 19 ވަނަ ދުވަހުގެ ފަތިހު 04:40 އެހައިކަންހައިއިރު، [REDACTED] ނިޔާވިއެވެ.

3މި ހާދިސާއާ ގުޅިގެން، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން އިސްތިއުނާފުކުރާ ކުއްޖާއާއި އިތުރު ކުދިންތަކެއްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ޖުވެނައިލް ކޯޓުގައި ކުރިއެވެ. ޖުވެނައިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު Jv-C/2012 [REDACTED] ޤަޟިއްޔާއިންނެވެ.

4އިސްތިއުނާފުކުރާ ކުއްޖާގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، މި ހާދިސާގައި ނިޔާވި [REDACTED] ގޮތުގައި ހިމެނޭ 26 (ސައްބީސް) ވާރިޘުންވެސް ބޭނުންވަނީ [REDACTED] މަރާލި ޤާތިލުންގެ ކިބައިން މަރަށްމަރު ހިފުމަށް ކަމަށް އެ މީހުން ޝަރީޢަތުގައި ބުނެފައިވާތީ، އިސްތިއުނާފުކުރާ ކުއްޖާއަށް ދޭންޖެހޭ އަބަދަކީ މަރުގެ އަދަބުކަމަށްވުމުން، އިސްތިއުނާފުކުރާ ކުއްޖާ މެރުމަށް 02 މެއި 2013 ވަނަ ދުވަހު ޖުވެނައިލް ކޯޓުން ޙުކުމް ކުރިއެވެ.

5ޖުވެނައިލް ކޯޓުން މައްސަލަ ނިންމުމުން، އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އިސްތިއުނާފުކުރާ ކުއްޖާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އަދި ހައިކޯޓުން މި މައްސަލައިގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް 29 ނޮވެންބަރު 2016 ގައި މައްސަލަ ނިންމާފައިވެއެވެ. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު [REDACTED] 2014/HC-A ޤަޟިއްޔާއިންނެވެ.

6ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ށ) އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2015/13/SC ސަރކިއުލަރގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/ ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުމަށް އެދި 18 އޮކްޓޫބަރު 2018 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

7ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި މައްސަލަ، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-JC/03 ޤަޟިއްޔާއިން ބަލަމުން ދަނިކޮށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 74-1 ވަނަ މާއްދާގެ (ށ) ގައި، އުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެކަމަށް ބަޔާންކޮށްފައިވާތީ، އެ މައްސަލަކީ މިހާރު ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ މައްސަލައެއްނޫން ކަމުގައި ބުނެ، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-JC/03 ޤަޟިއްޔާއިން ބަލަމުންގެންދާ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ފަރާތުން 23 ފެބްރުވަރީ 2021 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ސިޓީ ފޮނުވިއެވެ.

8އިސްވެ ބަޔާންކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީގައި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ އަލީގައި، އެ ޤާނޫނުގެ 113 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙުކުމް ތަންފީޛު ކުރަމުންދާ ކުދިންގެ މަޢުލޫމާތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޯޓަށް 1 ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 26/2015) ގެ 1205 ވަނަ މާއްދާގެ (ށ) 2 ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 33/2020) ގެ 1- 74 ވަނަ މާއްދާގެ (ށ) 3 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A1/197/2021/30 ސިޓީ. ހުށަހަޅަންޖެހޭތީ، މި މައްސަލައިގައި ޙަވާލާދޭ ކުޑަކުއްޖާގެ ބައިވެސް އެ އޮފީހުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާކަމަށް ބުނެފައިވާތީ، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-JC/03 ޤަޟިއްޔާގެ މައްސަލަ ހުށަހެޅި ފޯމު، 14 މާރިޗް 2021 ގައި ސުޕްރީމް ކޯޓުން ބާޠިލުކުރިއެވެ.

9ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ގެ 113 ވަނަ މާއްދާ އާއި، ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 158 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި މައްސަލާގައި ޙަވާލާދޭ ކުއްޖާ 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިކުރުމަށް 22 ފެބްރުވަރީ 2022 ދުވަހު ޖުވެނައިލް ކޯޓުން އަމުރު ކުރިއެވެ.

10އިސްވެ ބަޔާންކުރި އަމުރު ނެރުމަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އަޑުއެހުމުގައި، މަތީ މަރުޙަލާގެ ކޯޓަކުން ބާޠިލުނުކޮށް ދެމި އޮތް ހިނދަކު، ކުޑަކުއްޖާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު (މަރަށް މަރު ހިފުމުގެ އަދަބު) އެހެން އަދަބަކަށް ބަދަލު ނުކުރެވޭނެ ކަމަށް ޖުވެނައިލް ކޯޓުން ބުނެފައިވާތީ، ހައިކޯޓުގެ ނަންބަރު 2014/HC-A/ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި 30 ޖުލައި 2024 ވަނަ ދުވަހު ކުޑަކުއްޖާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ

11ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަށް ބެލުމުން، އިސްތިއުނާފު ކުރާ ކުއްޖާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އާއި އަދި ކުޑަކުދިންގެ ޢަދަލުގެ ޤާނޫނު އިން، ކުޑަކުއްޖަކަށް މަރުގެ އަދަބު ދިނުން މަނާވުމާއި ގުޅިގެންކަން އެނގެން އޮވެއެވެ.

12މި އިސްތިއުނާފުގައި އިސްތިއުނާފު ކުރާ ކުއްޖާގެ ފަރާތުން ފާހަގަކޮށްފައިވަނީ، މަރާލިކަން ސާބިތުވެ، އިސްތިއުނާފު ކުރާ ފަރާތް މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/ ޤަޝިއްޔާއިން އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޙުކުމްކޮށްފައިވާ ބައި، ޤާނޫނު ނަންބަރު 19/2019 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ރ) އާއި ޚިލާފު ކަމަށެވެ.

އިސްތިއުނާފީ ނުކުތާގެ ރައްދު

13މި މައްސަލާގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މި މައްސަލައިގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ނަމަވެސް، އިސްތިއުނާފު ކުރާ ކުއްޖާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، މިހާރު އިސްތިއުނާފުކުރާ ކުއްޖާގެ މައްޗަށް ތަންފީޒު ކުރެވޭނެ އަދަބެއް ނޫންކަމުގައެވެ.

14ދައުލަތުން މި ފަދައިން ފާހަގަކުރަނީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ގެ 74-1 ވަނަ މާއްދާގެ (ރ) ގައި، އުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ނުދެވޭނެ ކަމުގައި ކަނޑައަޅާފައިވާތީ ކަމުގައި ބުނެފައިވެއެވެ.

15އިތުރަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރާ ކުއްޖާގެ މައްޗަށް ސާބިތުވި ކުށާ ގުޅިގެން، އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/██ ޤަޟިއްޔާއިން އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޙުކުމްކޮށްފައިވާ ބައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާ ޚިލާފުކަމަށް ބުނެ، އިސްތިއުނާފީ ނުކުތާ ބިނާކޮށްފައި އޮތް އޮތުން ރަނގަޅު ނޫންކަމަށެވެ.

16އޭގެ ސަބަބެއްގެ ގޮތުން ދައުލަތުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/██ ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ 29 ނޮވެންބަރު 2016 ގައިކަމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އަކީ އޭގެ ފަހުން 20 ނޮވެންބަރު 2019 ގައި ޢަމަލުކުރަން ފެށި ޤާނޫނެއް ކަމަށެވެ. މި ޤާނޫނު ވުޖޫދުވުމުގެ ކުރިން ކުޑަކުދިން ކުރާ ކުށްތަކުގައި ޢަމަލުކުރަމުން ދިޔައީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކަމާއި، އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި "މި ޤާނޫނުގެ ދަށުން ކުޑަކުއްޖެއް ކަމުގައި ބެލެވޭ ކުއްޖަކު، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފި ހިނދެއްގައި، އޭނާއަކީ މުކައްލަފަކަށްވާނަމަ، އެކަމެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ މަސްއޫލިއްޔަތު އުފުލުން އޭނާގެ މައްޗަށް ލާޒިމުވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ޙަވާލާދޭ ހާދިސާ ހިނގިއިރު، އިސްތިއުނާފު ކުރާ ކުއްޖާގެ ޢުމުރަކީ 17 އަހަރުކަމާއި، އެހެންކަމުން، އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/██ ޤަޟިއްޔާއިން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެވޭނެ ހަމައެއް ނެތްކަމަށެވެ.

ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނާ ބުނުން

17ހައިކޯޓުގެ ނަންބަރު 2014/HC-A/ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިމިފައިވަނީ ޤާނޫނީ އުޞޫލަކާ ޚިލާފަށް ކަމަށް ފެންނަ ނުކުތާތަކުގެ ގޮތުގައި އިސްތިއުނާފު ކުރާ ކުއްޖާގެ ފަރާތުން ހުށަހަޅާފައިވަނީ 1 (އެކެއް) ނުކުތާއެވެ. އެ ނުކުތާއަކީ، ” މަރާލިކަން ސާބިތުވެ، އިސްތިއުނާފު ކުރާ ފަރާތް މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށް، ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/ ޤަޟިއްޔާއިން އިސްތިއުނާފު ކުރާ ފަރާތް މެރުމަށް ޙުކުމްކޮށްފައިވާ ބައި، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތަށް ރައްކާތެރިކުރުމުގެ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ރ) އާއި ޚިލާފު“ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

18HN1ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، ހައިކޯޓުގެ ނަންބަރު 2014/HC-A/ ޤަޟިއްޔާ އެ ކޯޓުން ނިންމިއިރު، ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން އޭރު ޢަމަލު ކުރެވެމުންދިޔައީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުންނެވެ. އެގޮތުން، އެ ޤާނޫނުގެ ދަށުން ކުޑަކުއްޖެއް ކަމުގައި ބެލެވޭ ކުއްޖަކު، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފި ހިނދެއްގައި، އޭނާއަކީ މުކައްލަފަކަށްވާނަމަ، އެކަމެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ މަސްއޫލިއްޔަތު އުފުލުން އޭނާގެ މައްޗަށް ލާޒިމުވާނެކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ޙަވާލާދޭ ހާދިސާ ހިނގިއިރު، އިސްތިއުނާފު ކުރާ ކުއްޖާގެ ޢުމުރަކީ 17 (ސަތާރަ) އަހަރެވެ. އިސްތިއުނާފީ ނުކުތާގައި ޙަވާލާދޭ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އަކީ އިސްތިއުނާފު ކުރެވޭ މައްސަލަ ހައިކޯޓުން ނިންމި ފަހުން 20 ނޮވެންބަރު 2019 ގައި ޢަމަލުކުރަން ފެށި ޤާނޫނެކެވެ.

19އެހެންކަމުން، މިހާރު ޢަމަލުކުރަމުންދާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިން ޢަމަލުކުރަމުން ގެންދިޔަ ޤާނޫނީ އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށް، އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/█ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ، މުޠުލަޤަށް ޤާނޫނާ ޚިލާފު ނިންމުމެކޭ ބުނެވޭނެ ހަމައެއް އޮތްކަމަށް ނުދެކެމެވެ.

ޤިޞާޞް ހިފުން ނުވަތަ މަރަށް މަރުގެ އަދަބު ދިނުން

20HN2ޤަޞްދުގައި މީހުން މެރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ޙައްޤަކާނުލައި ޤަޞްދުގައި މީހަކު މަރައިފިނަމަ، އިސްލާމީ ޝަރީޢަތުގައި އޭގެ ޢުޤޫބާތަކީ ޤިޞާޞް ހިފުމެވެ. މަރަށް މަރު ހިފުމެވެ. އެކަން ކީރިތި ޤުރުއާނުގެ ޤަ أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ... (البقرة: ١٧٨) މިވަހީ ބަސްފުޅުން އެނގެއެވެ.

21ޤުރުއާނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީޢަތުގެ އަޞްލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޤުރުއާނުގައި ކަނޑައަޅާފައިވާ ޢުޤޫބާތް އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، މަރަށް މަރު ހިފުމުގެ ޢުޤޫބާތަކީ ރާއްޖޭގެ ޤާނޫނުގައިވެސް ކަނޑައެޅިފައިވާ އަދަބެއްކަން އެނގެއެވެ.

22HN3ޤަޞްދުގައި މީހަކު މެރިކަން ސާބިތުވުމަކީ، ހަމައެކަނި އެކަމަށް ބަލައި މަރަށް މަރުހިފުމުގެ އަދަބު ކަނޑައަޅައި ތަންފީޛުކުރެވިދާނެ ކަމެއް ނޫނެވެ. ޤަޞްދުމަރު ސާބިތުވާ ޙާލަތުގައި، އިސްލާމީ ޝަރީޢަތާއި އަދި ޤާނޫނުގައި ޤިޞާޞް ހިފުން މަނާވާ ސަބަބުތަކުގެ ގޮތުގައި ބަޔާންކުރާ ސަބަބެއް އޮތްތޯ ބަލަންޖެހެއެވެ. އެގޮތުން، ކުށުގެ ޢަމަލު ހިންގި މީހާގެ ކިބައިގައި ހުރި ސިފައެއްގެ ސަބަބުން މަރަށް މަރުހިފުން މަނާކުރުމާއި، އަޞްލާއި ފަރުޢު ހިމެނޭ ޙާލަތްތަކާއި، ދީން ތަފާތުވާ ޙާލަތުގައި ޢައިރު މުސްލިމެއްގެ ބަދަލުގައި މުސްލިމެއްގެ މަރު ނުހިފުމާއި، މަރުވި މީހާގެ ވާރިސުން ޤާތިލަށް މަޢާފު ދިނުމާއި އަދި ކުށުގެ ޢަމަލު ހިންގި ފަރާތަކީ ކުޑަކުއްޖެއް ކަމުގައި ވުމީވެސް މަރަށް މަރުހިފުން މަނާވާ ސަބަބުތަކެވެ.

ކުޑަކުދިންގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅުން

23HN4މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުދިންނަކީ، ކުޑަކުދިންގެ ޢާންމު މާނައިގައި ހިމެނޭ ބައެއްކަން، ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކަށް ބެލުމުން އެނގެއެވެ.

24އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއަށް ބަލާއިރު، އެ ޤާނޫނުގައި "ކުޑަކުދިން" ކަމަށް ބުނެފައި ވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ޙާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންނަށެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 118 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، "ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުޑަކުދިންނާ ގުޅޭގޮތުން ކަމުގައިވާނަމަ، މީލާދީގޮތުން ޢުމުރުން 15 (ފަނަރަ) އަހަރު ފުރި، އެހެންނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށެވެ. އެ ނޫން ޙާލަތުގައި އެއީ މީލާދީގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖެކެވެ.

25HN5ކުޑަކުއްޖަކަށް މަރުގެ އަދަބު ދީގެންނުވާނެކަމާއި، ޢުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް، ޢުމުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެކަމާއި، އެއްވެސް ޤާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ޙާލަތުގައި، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ 3/4 (ހަތަރުބައިކުޅަތިންބައި) އަށްވުރެ ބޮޑު ނޫން އަދަބަކަށް ކުޑަކުއްޖާގެ މައްޗަށް ކަނޑައަޅާ އަދަބު ބަދަލުކުރަންވާނެކަމަށް، (އިސްވެ ޙަވާލާދިން) ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވެއެވެ.

26މި މައްސަލައިގައި ޙަވާލާދޭ ހާދިސާ ހިނގިއިރު، އިސްތިއުނާފު ކުރާ ކުއްޖާގެ ޢުމުރަކީ 17 (ސަތާރަ) އަހަރެވެ. އެހެންކަމުން، ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގައި، ކުޑަކުއްޖަކަށް މަރުގެ އަދަބު ދީގެންނުވާނެކަމާއި، ޢުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް، ޢުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް، ޝަރީޢަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެކަމަށް ބަޔާންކޮށްފައިވާތީ، ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަބަދު ދިނުމަށް ނިންމިދާނެކަމަށް ބުރައެއް ނުވެއެވެ.

27HN6ކަންމިހެން އޮތުމުން، މި މައްސަލައިގައި އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލުކަމަށް ކަނޑައަޅަން ފެނެއެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

28ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި 27 އަދި ކުޑަކުދިންގެ ޢަދަލުގެ ޤާނޫނަށް 28 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު 29 އިން، ކުޑަކުއްޖަކަށް މަރުގެ އަދަބު ދިނުން މަނާކޮށްފައިވާތީ، މި މައްސަލައިގައި އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުގެ ނަންބަރު Jv-C/2012/ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2014/HC-A/ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލު ކަމުގައި، ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

29އަދި ސުޕްރީމް ކޯޓުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް މައްސަލަތައް ތަޙްވީލު ކުރުމަށް ސުޕްރީމް ކޯޓުގެ އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލް މައްސަލައިގައި ކަނޑައަޅާފައިވާ، އުސޫލަށް ރިޢާޔަތްކޮށް އަބަދު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލު ކުރުމަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

30މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

31މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

32މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. 30 [2024] SC 35، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 21 ވަނަ ޕެރެގްރާފް، ޞަފުޙާ ނަންބަރު 12

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ މަތީގައިވާ ކަންކަން އެފަދައިން ހުރުމުން، 1- ޖުވެނައިލް ކޯޓުގެ ނަންބަރު Jv-C/2012/ █ ޤަޟިއްޔާގައި، އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ކަނޑައަޅާފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2014/HC-A/ █ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލު ކަމުގައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. 2- އަދި މި މައްސަލައިގައި އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލު ކުރުމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 33/2020 ) ގެ 1- 74 ވަނަ މާއްދާގެ (ށ)
  2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A1/197/2021/30 ސިޓީ.
  3. ޤާނޫނު ނަންބަރު 18/2019
  4. ޤާނޫނު ނަންބަރު 18/2019
  5. ގަވާއިދު ނަންބަރު 2021/R-82
  6. ޖުވެނައިލް ކޯޓުގެ ނަންބަރު ████████████████████ އަމުރު
  7. އބމ
  8. ޤާނޫނު ނަންބަރު 19/2019
  9. ޤާނޫނު ނަންބަރު 18/2019 އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 33/2020)
  10. ޤާނޫނު ނަންބަރު 19/2019 12ފުޓް ނޯޓް 10
  11. ފުޓްނޯޓް 10
  12. ޤާނޫނު ނަންބަރު 19/2019
  13. އބމ
  14. ޤާނޫނު ނަންބަރު 9/91
  15. ފުޓްނޯޓް 9
  16. އބމ
  17. އބމ
  18. އބމ
  19. އބމ
  20. އބމ
  21. "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ޤަތުލު ކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ." ޤުރުއާނުގެ ދިވެހިތަރުޖަމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް 2008
  22. ޤާނޫނު ނަންބަރު 9/2014
  23. ފުޒް ނޯޒް 9
  24. ފުޒް ނޯޒް 10
  25. ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ) އާއި (ބ) ގެ އިތުރުން، ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދަލުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 74-1 ވަނަ މާއްދާގެ (ށ) ޢާއިޑަރު (ނ) ގާއި ކުޑަކުދިންކުރާ ކުށްތަކާއި ގުޅިގެން، ޝަރީޢަތުން އަދަބު ކަނޑައެޅުމާބެހޭ ހަމަތައް ބަޔާންކޮށްފައިވެއެވެ.
  26. [2024] SC 35،َޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 21 ވަނަ ޕެރެގްރާފް، ޞަފުޙާ ނަންބަރު 12
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ، 29 ވަނަ މާއްދާގެ (ރ) އާއި (ބ)
  • ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 113 ވަނަ މާއްދާ އާއި 118 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2020/33 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 1-74 ވަނަ މާއްދާގެ (ށ) އާއި (ނ)
  • ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާ (ޤާނޫނު ނަންބަރު 2015/26 ގެ 3 ވަނަ އިޞްލާޙާއެކު)
  • ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)
  • ކީރިތި ޤުރުއާން، ސޫރަތުލް ބަޤަރާ: 178
  • [2024] SC 35 (އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލް)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ