ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2026] SC 36 · 2026/SC-A/08ސުޕްރީމް ކޯޓު · 11 އޮކްޓޫބަރު 2026 · ޖިނާއީ – ކުޑަކުދިންގެ މައްޗަށް މަރުގެ އަދަބު

މ.އ.މ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓު · 11 އޮކްޓޫބަރު 2026ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ޖުވެނައިލް ކޯޓުން ދަޢުވާ ސާބިތުކޮށް، ވާރިސުން ޤިޞާޞް ހިފަން އެދުމުން، ކުއްޖާ މެރުމަށް 2013 ގައި ޙުކުމްކުރިއެވެ. 2016 ގައި ހައިކޯޓުން އެ ޙުކުމަށް ތާއީދުކުރިއެވެ. ކުއްޖާ ސުޕްރީމް ކޯޓަށް ކުރި ފުރަތަމަ އިސްތިއުނާފު (2017/SC-A/24) 2021 ގައި ބާޠިލުކުރުމަށްފަހު، 2026 ގައި ދެވަނަ ފަހަރަށް ހުށަހެޅިއެވެ.
ވާޤިޢާ
2012 ފެބްރުއަރީގައި މާލޭގައި ހިނގި ތޫނު ހަތިޔާރުގެ ޙަމަލާއެއްގައި މީހަކު މަރުވުމާ ގުޅިގެން، އޭރު 17 އަހަރުގެ ކުއްޖާއާއި އިތުރު ކުދިންގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ ޖުވެނައިލް ކޯޓުގައި ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުށް ކުރިއިރު 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށުގައި ކަނޑައަޅާފައިވާ މަރުގެ އަދަބު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ދެމިއޮންނާނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުއްޖާ ބުނީ ކުޑަކުދިންގެ ޤާނޫނުތަކުން ކުޑަކުއްޖަކަށް މަރުގެ އަދަބު ދިނުން މަނާކޮށްފައިވާތީއާއި، ފަހުން ލުޔެއްދޭ ޤާނޫނު ހިނގަން ފެށިނަމަ އެ ލުއި ލިބެންވާނެކަމަށް ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައިވާތީ، މަރުގެ އަދަބު ދެމި ނުއޮންނާނެ ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ވެސް އެއްބަސްވެ، އަދަބު ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ތަޙުވީލުކުރަން އެދުނެވެ.
ކޯޓުގެ ސަބަބުތައް
ޤަޞްދުމަރު ސާބިތުވިޔަސް ޤިޞާޞް ހިފުމުގެ ކުރިން ޤިޞާޞް މަނާވާ ސަބަބެއް އޮތްތޯ ބަލަންޖެހެއެވެ؛ ކުށް ކުރީ ކުޑަކުއްޖަކު ކަމަކީ އެ ސަބަބެކެވެ. ކުށް ކުރިއިރު ކުއްޖާ 17 އަހަރުގެ މީހެއް ކަމުން، މިހާރު ހިނގާ ޤާނޫނުތަކުގެ ދަށުން އޭނާއަށް މަރުގެ އަދަބު ނުދެވޭނެއެވެ. އެހެންކަމުން މަރުގެ އަދަބުގެ ބައި ބާޠިލުކޮށް، އަދަބު ކަނޑައެޅުމަށް މައްސަލަ ޖުވެނައިލް ކޯޓަށް ތަޙުވީލުކުރެވުނެވެ. ކުށް ސާބިތުވުން ބަދަލެއް ނުވެއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2013/HC-A/346
ފަހުގެ ތާރީޚު
—

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމުގެ މަރުގެ އަދަބުގެ ބައި ބާޠިލު؛ އަދަބު ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ތަޙުވީލު

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޤަޞްދުގައި މީހަކު މެރިކަން ސާބިތުވުމަކީ ހަމައެކަނި އެކަމަށް ބަލައި ޤިޞާޞް (މަރަށް މަރު) ކަނޑައަޅައި ތަންފީޛުކުރެވޭނެ ކަމެއް ނޫނެވެ؛ އިސްލާމީ ޝަރީޢަތާއި ޤާނޫނުގައި ޤިޞާޞް ހިފުން މަނާވާ ސަބަބެއް އޮތްތޯ ބަލަންޖެހެއެވެ. ކުށުގެ ޢަމަލު ހިންގި ފަރާތަކީ ކުޑަކުއްޖެއް ކަމުގައިވުމަކީ އެފަދަ ސަބަބެކެވެ. (ޕެރ. 15-17)

ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ ދަށުން، ޤުރުއާނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެއްޖެނަމަ އެ ޢުޤޫބާތް ކަނޑައަޅަންވާތީ، މަރަށް މަރު ހިފުމަކީ ރާއްޖޭގެ ޤާނޫނުގައިވެސް ކަނޑައެޅިފައިވާ އަދަބެކެވެ. (ޕެރ. 16)

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން 'ކުޑަކުދިން' ކަމަށް ބެލެވެނީ މީލާދީ ގޮތުން 18 އަހަރު ފުރިހަމަނުވާ ކުދިންނެވެ؛ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 118 ވަނަ މާއްދާގެ ދަށުން، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިންނާ ގުޅޭގޮތުން 'ކުޑަކުއްޖެއް' އަކީ 15 އަހަރު ފުރި، 18 އަހަރު ނުފުރޭ ކުއްޖެކެވެ. (ޕެރ. 18-19)

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ޤާނޫނުތަކުގެ ދަށުން، ކުޑަކުއްޖަކަށް މަރުގެ އަދަބު ނުދެވޭނެއެވެ؛ 18 އަހަރު ފުރުމުގެ ކުރިން ކުރި ކުށަކަށް 18 އަހަރުވުމަށްފަހުވެސް މަރުގެ އަދަބު ނުދެވޭނެއެވެ؛ އަދި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބުގެ 3/4 އަށްވުރެ ބޮޑު ނޫން އަދަބަކަށް އަދަބު ބަދަލުކުރަންވާނެއެވެ. (ޕެރ. 20)

ކުށް ކުރިއިރު 18 އަހަރު ނުފުރޭ މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ނިންމިދާނެ ބުރައެއް މިހާރު ޢަމަލުކުރާ ޤާނޫނުތަކުގެ ދަށުން ނެތުމުން، ކުރިން ކޮށްފައިވާ ޙުކުމެއްގައި ކަނޑައަޅާފައިވާ މަރުގެ އަދަބުގެ ބައި ބާޠިލުކަމަށް ކަނޑައަޅަންވާނެއެވެ. (ޕެރ. 21-23)

ސުޕްރީމް ކޯޓުން އަދަބުގެ ބައި ބާޠިލުކޮށްފިނަމަ، [2024] SC 34 (އ.އ.ރ ވ. ޕްރޮސިކިއުޓަރ ޖެނެރަލް) ގައި ކަނޑައެޅި އުޞޫލަށް ރިޢާޔަތްކޮށް، އަލުން އަދަބު ކަނޑައެޅުމަށް މައްސަލަ ފުރަތަމަ މަރުޙަލާގެ ކޯޓަށް ތަޙުވީލުކުރެވޭނެއެވެ؛ އަދަބު ބާޠިލުވުމުން ކުޑަކުއްޖާ ބަންދުން ދޫވާނެ ޙާލަތުގައި، އަލުން އަދަބު ކަނޑައަޅަންދެން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ނުވަތަ 82 ވަނަ މާއްދާގައިވާ މަރުކަޒެއްގައި ކުއްޖާ ބަންދުކުރުމަށް އަމުރުކުރެވޭނެއެވެ. (ޕެރ. 24-25)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 79، 82، 113 އަދި 118 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 33/2020 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 1-74 ވަނަ މާއްދާގެ (ށ) އާއި (ނ)
  • ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ އާއި 29 ވަނަ މާއްދާގެ (ރ) އާއި (ބ)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާ
  • ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) (ދަޢުވާ ކުރެވުނު މާއްދާ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ބަރޯސާވި)
  • ގަވާއިދު ނަންބަރު 2021/R-82 (ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 158 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (ހ)
  • ކީރިތި ޤުރުއާން، ސޫރަތުލް ބަޤަރާ: 178
  • [2024] SC 34 (އ.އ.ރ ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
  • 2017/SC-A/24 (ސުޕްރީމް ކޯޓު)

ފަނޑިޔާރުން

ބެންޗު
މުޙައްމަދު ސަލީމް، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޙުސައިން ޝަހީދު ތާއީދު ކުރައްވާފައި)

ތަޢާރަފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/346 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މ.އ.މ ގެ (މީގެ ފަހުން ”މ.އ.މ“ ނުވަތަ ”އިސްތިއުނާފުކުރާ ކުއްޖާ“ ކަމަށް ބަޔާންކޮށްފައިވާ) ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2026/SC-A/08 ޤަޟިއްޔާއިން ބެލުނު މައްސަލައިގެ ނިޔާއެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން ”ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް“ ނުވަތަ ”ދައުލަތް“ ނުވަތަ ”އިސްތިއުނާފު ރައްދުވާ ފަރާތް“ ކަމަށް ބަޔާންކޮށްފައިވާ) އެވެ.

މައްސަލައިގެ ފަސްފަހަތް

22012 ފެބްރުއަރީ 19 ވަނަ ދުވަހު މެންދަމު 01:50 އެހައިކަންހައިއިރު، އިސްތިއުނާފުކުރާ ކުއްޖާ އިތުރު ކުދިންތަކަކާއި އިތުރު ބަޔަކާއެކު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކުރިމައްޗަށްވާ ގޮތަށް އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑު ތެރޭގައި ހުރި ސައިކަލެއްގެ މަތީގައި އިން ޢަބްދުލްމުޙީތުގެ ބޮލަށާއި ގައިގެ އެތަން މިތަނަށް ތޫނު ހަތިޔާރުން ޙަމަލާދީ ބޮޑެތި ދަނިކޮށް، 2012 ފެބްރުއަރީ 19 ވަނަ ދުވަހުގެ ފަތިހު 04:40 އެހައިކަންހައިއިރު، ޢަބްދުލްމުޙީތު ނިޔާވިއެވެ.

3މި ހާދިސާއާ ގުޅިގެން، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން އިސްތިއުނާފުކުރާ ކުއްޖާއާއި އިތުރު ކުދިންތަކެއްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ޖުވެނައިލް ކޯޓުގައި ކުރިއެވެ. ޖުވެނައިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 16/Jv-C/2012 ޤަޟިއްޔާއިންނެވެ.

4އިސްތިއުނާފުކުރާ ކުއްޖާގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، މި ހާދިސާގައި ނިޔާވި ޢަބްދުލްމުޙީތުގެ ވާރިޘުންގެ ގޮތުގައި ހިމެނޭ 26 (ސައްބީސް) ވާރިޘުންވެސް ބޭނުންވަނީ ޢަބްދުލްމުޙީތު މަރާލި ޤާތިލުންގެ ކިބައިން މަރަށްމަރު ހިފުމަށް ކަމަށް އެ މީހުން ޝަރީޢަތުގައި ބުނެފައިވާތީ، އިސްތިއުނާފުކުރާ ކުއްޖާއަށް ދޭންޖެހޭ އަބަދަކީ މަރުގެ އަދަބުކަމަށްވުމުން، އިސްތިއުނާފުކުރާ ކުއްޖާ މެރުމަށް 02 މެއި 2013 ވަނަ ދުވަހު ޖުވެނައިލް ކޯޓުން ޙުކުމް ކުރިއެވެ.

5ޖުވެނައިލް ކޯޓުން މައްސަލަ ނިންމުމުން، އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އިސްތިއުނާފުކުރާ ކުއްޖާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އަދި ހައިކޯޓުން މި މައްސަލައިގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް 29 ނޮވެންބަރު 2016 ގައި މައްސަލަ ނިންމާފައިވެއެވެ. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2013/HC-A/346 ޤަޟިއްޔާއިންނެވެ.

6ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/346 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފު ކަމަށް ބުނެ ސަބަބު ބަޔާންކޮށް އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި 19 ފެބްރުއަރީ 2017 ވަނަ ދުވަހު ކުއްޖާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

7ކުއްޖާގެ ފަރާތުން ހުށަހެޅި މައްސަލަ، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/24 ޤަޟިއްޔާއިން ބަލަމުން ދަނިކޮށް، މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި ކުއްޖާގެ ފަރާތުން ސުޕްރީމް ކޯޓަށް ސިޓީ ފޮނުވިއެވެ.

8އިސްވެ ބަޔާންކުރި ސިޓީއާއި ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފަރާތްތައް 2021 ފެބްރުއަރީ 08 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި، ކުއްޖާގެ ފަރާތުން މައްސަލަ ބާޠިލުކޮށްދިނުމަށް އެދުމުން، ކުއްޖާގެ ވަކީލު އަދި ކުއްޖާގެ ބެލެނިވެރިޔާއާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ތަމްސީލުކުރި ފަރާތުންވެސް ކުއްޖާ އެދޭގޮތަށް މައްސަލަ ބާޠިލުކުރަން އެދޭކަމުގައި ބުނެފައިވާތީއާއި، އިސްތިއުނާފު ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ އަލީގައި، އެ ޤާނޫނުގެ 113 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙުކުމް ތަންފީޒު ކުރަމުންދާ ކުދިންގެ މަޢުލޫމާތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންޖެހޭތީ، މި މައްސަލައިގައި ޙަވާލާދޭ ކުޑަކުއްޖާގެ ބައިވެސް އެ އޮފީހުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/24 ޤަޟިއްޔާގެ އިސްތިއުނާފު ފޯމު، 11 ފެބްރުއަރީ 2021 ގައި ބާޠިލުކުރިއެވެ.

9ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ގެ 113 ވަނަ މާއްދާ އާއި، ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ގެ 158 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި މައްސަލާގައި ޙަވާލާދޭ ކުއްޖާ 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިކުރުމަށް 08 މާރިޗު 2022 ދުވަހު ޖުވެނައިލް ކޯޓުން އަމުރު ކުރިއެވެ. އަދި އެ އަމުރުގެ މުއްދަތު ހަމަވުމުން، އިތުރު 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށް އަންގައި ޖުވެނައިލް ކޯޓުގެ ނަންބަރު 147-E/RA/(2)/2026/02 އަމުރު 13 އޭޕްރިލް 2026 ދުވަހު އެ ކޯޓުން ނެރެފައިވެއެވެ.

1026 ޖެނުއަރީ 2026 ވަނަ ދުވަހު، ހައިކޯޓުގެ ނަންބަރު 2013/HC-A/346 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ދެވަނަ ފަހަރަށް ކުއްޖާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު

11ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަށް ބެލުމުން، އިސްތިއުނާފު ކުރާ ކުއްޖާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/346 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އާއި އަދި ކުޑަކުދިންގެ ޢަދަލުގެ ޤާނޫނު އިން، ކުޑަކުއްޖަކަށް މަރުގެ އަދަބު ދިނުން މަނާވުމާއި އަދި ކުށެއްކުރުމާ، އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެކުރި ކުށެއްގެ އަދަބަށް ޤާނޫނުން ގެންނަ ބަދަލަކުން ލުޔެއްދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ޢަމަލުކުރަންފެށުނު ޤާނޫނުގައިވާ އަދަބު ކަމަށް ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް އޮތުމުގެ މައްޗަށްކަން އެނގެން އޮވެއެވެ.

އިސްތިއުނާފީ ނުކުތާގެ ޖަވާބު

12މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މި މައްސަލައިގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ނަމަވެސް، އިސްތިއުނާފު ކުރާ ކުއްޖާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، މިހާރު އިސްތިއުނާފުކުރާ ކުއްޖާގެ މައްޗަށް ތަންފީޒު ކުރެވޭނެ އަދަބެއް ނޫންކަމުގައެވެ.

13ދައުލަތުން މިފަދައިން ފާހަގަކުރަނީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 1-74 ވަނަ މާއްދާގެ (ށ) ގައި، އުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައި ވެސް އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ނުދެވޭނެ ކަމުގައި ކަނޑައަޅާފައިވާތީ ކަމުގައި ބުނެފައިވެއެވެ.

14އިތުރަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރާ ކުއްޖާގެ މައްޗަށް ސާބިތުވި ކުށާ ގުޅިގެން، އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2013/HC-A/346 ޤަޟިއްޔާއިން އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ކޮށްފައިވާ ޙުކުމުގެ އަދަބުގެ ބައި ބާޠިލުކޮށް އަލުން އަދަބު ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް މި މައްސަލަ ތަޙްވީލުކުރާއިރު، ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުމާ ހަމައަށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ވަނަ މާއްދާ ނުވަތަ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަރުކަޒުތަކުގެ ތެރެއިން އެކަށޭނަ މަރުކަޒެއްގައި ކުއްޖާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް އެފަދަ އަމުރެއް ނެރެދިނުމަށް އެދިފައިވެއެވެ.

ޤިޞާޞް ހިފުން ނުވަތަ މަރަށް މަރުގެ އަދަބު ދިނުން

15HN1ޤަޞްދުގައި މީހުން މެރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ޙައްޤަކާނުލައި ޤަޞްދުގައި މީހަކު މަރައިފިނަމަ، އިސްލާމީ ޝަރީޢަތުގައި އޭގެ ޢުޤޫބާތަކީ ޤިޞާޞް ހިފުމެވެ. މަރަށް މަރު ހިފުމެވެ. އެކަން ކީރިތި ޤުރުއާނުގެ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ... ﴿البقرة: ١٧٨﴾ މިވަހީ ބަސްފުޅުން އެނގެއެވެ.

16HN2ޤުރުއާނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީޢަތުގެ އަޞްލުތަކާ އެއްގޮތްވާ ގޮތުގެމެތިން، ޤުރުއާނުގައި ކަނޑައަޅާފައިވާ ޢުޤޫބާތް އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، މަރަށް މަރު ހިފުމުގެ ޢުޤޫބާތަކީ ރާއްޖޭގެ ޤާނޫނުގައިވެސް ކަނޑައެޅިފައިވާ އަދަބެއްކަން އެނގެއެވެ.

17ޤަޞްދުގައި މީހަކު މެރިކަން ސާބިތުވުމަކީ، ހަމައެކަނި އެކަމަށް ބަލައި މަރަށް މަރުހިފުމުގެ އަދަބު ކަނޑައަޅައި ތަންފީޛުކުރެވިދާނެ ކަމެއް ނޫނެވެ. ޤަޞްދުމަރު ސާބިތުވާ ޙާލަތުގައި، އިސްލާމީ ޝަރީޢަތާއި އަދި ޤާނޫނުގައި ޤިޞާޞް ހިފުން މަނާވާ ސަބަބުތަކުގެ ގޮތުގައި ބަޔާންކުރާ ސަބަބެއް އޮތްތޯ ބަލަންޖެހެއެވެ. އެގޮތުން، ކުށުގެ ޢަމަލު ހިންގި މީހާގެ ކިބައިގައި ހުރި ސިފައެއްގެ ސަބަބުން މަރަށް މަރުހިފުން މަނާކުރުމާއި، އަޞްލާއި ފަރުޢު ހިމެނޭ ޙާލަތްތަކާއި، ދީން ތަފާތުވާ ޙާލަތުގައި ޣައިރު މުސްލިމެއްގެ ބަދަލުގައި މުސްލިމެއްގެ މަރު ނުހިފުމާއި، މަރުވި މީހާގެ ވާރިސުން ޤާތިލަށް މަޢާފު ދިނުމާއި އަދި ކުށުގެ ޢަމަލު ހިންގި ފަރާތަކީ ކުޑަކުއްޖެއް ކަމުގައި ވުމީވެސް މަރަށް މަރުހިފުން މަނާވާ ސަބަބުތަކެވެ.

ކުޑަކުދިންގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅުން

18HN3މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުދިންނަކީ، ކުޑަކުދިންގެ ޢާންމު މާނައިގައި ހިމެނޭ ބައެއްކަން، ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކަށް ބެލުމުން އެނގެއެވެ.

19އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއަށް ބަލާއިރު، އެ ޤާނޫނުގައި "ކުޑަކުދިން" ކަމަށް ބުނެފައި ވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ޙާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންނަށެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 118 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، "ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުޑަކުދިންނާ ގުޅޭގޮތުން ކަމުގައިވާނަމަ، މީލާދީގޮތުން ޢުމުރުން 15 (ފަނަރަ) އަހަރު ފުރި، އެހެންނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށެވެ. އެ ނޫން ޙާލަތުގައި އެއީ މީލާދީގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖެކެވެ.

20HN4ކުޑަކުއްޖަކަށް މަރުގެ އަދަބު ދީގެންނުވާނެކަމާއި، ޢުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް، ޢުމުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެކަމާއި، އެއްވެސް ޤާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ޙާލަތުގައި، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ 3/4 (ހަތަރުބައިކުޅަތިންބައި) އަށްވުރެ ބޮޑު ނޫން އަދަބަކަށް ކުޑަކުއްޖާގެ މައްޗަށް ކަނޑައަޅާ އަދަބު ބަދަލުކުރަންވާނެ ކަމަށް، (އިސްވެ ޙަވާލާދިން) ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވެއެވެ.

21HN5މި މައްސަލައިގައި ޙަވާލާދޭ ހާދިސާ ހިނގިއިރު، އިސްތިއުނާފު ކުރާ ކުއްޖާގެ ޢުމުރަކީ 17 (ސަތާރަ) އަހަރެވެ. އެހެންކަމުން، ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގައި، ކުޑަކުއްޖަކަށް މަރުގެ އަދަބު ދީގެންނުވާނެކަމާއި، ޢުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް، ޢުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާތީއާއި، ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަބަދު ދިނުމަށް ނިންމިދާނެ ކަމަށް ބުރައެއް ނުވެއެވެ.

22ކަންމިހެން އޮތުމުން، މި މައްސަލައިގައި އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލުކަމަށް ކަނޑައަޅަން ފެނެއެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

23ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި އަދި ކުޑަކުދިންގެ ޢަދަލުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު އިން، ކުޑަކުއްޖަކަށް މަރުގެ އަދަބު ދިނުން މަނާކޮށްފައިވާތީ، މި މައްސަލައިގައި އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުގެ ނަންބަރު 16/Jv-C/2012 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2013/HC-A/346 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލު ކަމުގައި، ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

24HN6އަދި ސުޕްރީމް ކޯޓުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް މައްސަލަތައް ތަޙްވީލު ކުރުމަށް ސުޕްރީމް ކޯޓުގެ [2024] SC 34 (އ.އ.ރ ވ. ޕްރޮސިކިއުޓަރ ޖެނެރަލް) މައްސަލައިގައި ކަނޑައަޅާފައިވާ، އުސޫލަށް ރިޢާޔަތްކޮށް އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލު ކުރުމަށް ފެނެއެވެ.

25އަދި އަދަބުގެ ބައި ބާޠިލުކުރުމުން، ކުޑަކުއްޖާ ބަންދުން ދޫވާނެތީ، ޖުވެނައިލް ކޯޓުން އަލުން އަދަބު ކަނޑައަޅަންދެން ނުވަތަ އެ ނޫން ގޮތަކަށް އެ ކޯޓުން ކަނޑައެޅުމާއި ހަމައަށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ވަނަ މާއްދާ ނުވަތަ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަރުކަޒުތަކުގެ ތެރެއިން އެކަށޭނެ މަރުކަޒެއްގައި އިސްތިއުނާފުކުރާ ކުއްޖާ ބަންދުގައި ބެހެއްޓުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

26މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

27މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

28މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

29މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން،

1- ޖުވެނައިލް ކޯޓުގެ ނަންބަރު 16/Jv-C/2012 ޤަޟިއްޔާގައި، އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ކަނޑައަޅާފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2013/HC-A/346 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލު ކަމުގައި ކަނޑައަޅައި؛

2- މި މައްސަލައިގައި އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލުކޮށް؛

3- އަދި އިސްތިއުނާފުކުރާ ކުއްޖާގެ މައްޗަށް އަލުން ޖުވެނައިލް ކޯޓުން އަދަބު ކަނޑައެޅުމާއި ހަމައަށް، ނުވަތަ އެ ކޯޓުން އެ ނޫންގޮތަކަށް ކަނޑައެޅުމާއި ހަމައަށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ވަނަ މާއްދާ ނުވަތަ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަރުކަޒުތަކުގެ ތެރެއިން އެކަށޭނެ މަރުކަޒެއްގައި އިސްތިއުނާފުކުރާ ކުއްޖާ ބަންދުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްޠިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު

މުޙައްމަދު ސަލީމް

(ރިޔާސަތު)

ޢަލީ ރަޝީދު ޙުސައިން

މުޙައްމަދު އިބްރާހީމް

ޙުސައިން ޝަހީދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ