ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 34 · 2022/SC-A/86ސުޕްރީމް ކޯޓު · 11 ޖުލައި 2024

އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓު
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 11 ޖުލައި 2024ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 35 2022/SC-A/86 ޝަރީޢަތް ނިމުނުގޮތް އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 11 ޖުލައި 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2015/HC-A/285 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އއރ ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުޝާދު ޤާނޫނީ ވަކީލު: ލޯޔަރ ޝަޛީމު ލީގަލް އެއިޑް

ޖިނާއީ - މަރުގެ މައްސަލަ – ޤިޞާޞް ހިފުން – ޤާތިލަށް މާފުކުރުން - ވާރިސުން މާފުދިނުން – ވާރިސުން މާފު ދިނުމުން ކަނޑައެޅޭ އަދަބު - ތަޢުޒީރީ އަދަބު - ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު

ފިހުރިސްތު

ފަސްފަހަތް 1

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ 3

އިސްތިއުނާފީ ނުކުތާގެ ރައްދު 3

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ 4

ޤާތިލަށް މާފު ކުރުން 5

އުސޫލުތައް ތަޠުބީޤު ކުރުން 7

ސުޕްރީމް ކޯޓުން އިތުރަށް ފޯރުކޮށްދެވޭނެ ފަރުވާއެއް ނެތްކަމަށް ބުނާ ބުނުމާމެދު 8

ނިންމަން ފެންނަ ގޮތް 8

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 10

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 10

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 10

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 10

ޙުކުމް 10

` އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ‎[2024] SC 35‎ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ފަސްފަހަތް

1. 2013 ޑިސެމްބަރު 24 ވަނަ ދުވަހު 22:30 އެހައިކަށްހައިއިރު އއރ (މީގެ ފަހުން އއރ. ނުވަތަ، އިސްތިއުނާފުކުރާ ކުއްޖާ) އާއި، އިތުރު ކުއްޖަކު، އިތުރު ބަޔަކާއެކު މއ. ޢާއިޝާ، މާލެ، ޙުސައިން ވަޙީދަށް އެ ގޭގެ ކައިރީގައި ޙަމަލާ ދީފައިވެއެވެ. މި ޙަމަލާ ދިނުމުގައި އިސްތިއުނާފު ކުރާ ކުއްޖާގެ އަތުގައި އޮތް 08 އިންޗީގެ ދިގުމިނުގެ ވަޅިއެއް ޙުސައިން ވަޙީދުގެ މެއަށް ހަރާލާފައިވެއެވެ. އަދި މި ޙަމަލާގައި ޙުސައިން ވަޙީދު ނިޔާވެފައިވަނީ އެރޭ 23:10 އެހައިކަށްހައިއިރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެ ޙަމަލާގައި ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށެވެ.

2. މި ހާދިސާއާ ގުޅިގެން ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރާ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުގައި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކުރިއެވެ. އަދި މި ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން ނިންމާފައިވެއެވެ. އަދި މި މައްސަލައަކީ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ މައްސަލައެއް ކަމުގައިވުމުން، މި މައްސަލައިގައި އަދަބު ކަނޑައެޅުމުގައި ޙުސައިން ވަޙީދުގެ ވާރިސުން ޤިޞާޞް ހިފުމާމެދު ދެކޭ ގޮތް ޖުވެނައިލް ކޯޓުން ސާފުކޮށްފައިވެއެވެ.

3. ޤިޞާޞް ހިފުމާމެދު ޖުވެނައިލް ކޯޓުގައި ޙުސައިން ވަޙީދުގެ ވާރިސުންގެ ތެރޭގައި ހިމެނޭ 09 ވާރިސުން ބުނެފައިވަނީ މަރަށް މަރު ހިފުމަށް ބޭނުންވާ ކަމުގައެވެ. ވުމާއެކު އެ ކޯޓުން އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޙުކުމް ކޮށްފައިވެއެވެ. ޖުވެނައިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު ‎39/Jv-C/2014‎ ޤަޟިއްޔާއިންނެވެ.

4. ޖުވެނައިލް ކޯޓުން މައްސަލަ ނިންމުމުން އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އިސްތިއުނާފު ކުރާ ކުއްޖާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އަދި ހައިކޯޓުން މި މައްސަލައިގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް 30 އޭޕްރިލް 2019 ގައި މައްސަލަ ނިންމާފައިވެއެވެ. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު ‎2015/HC-A/285‎ ޤަޟިއްޔާއިންނެވެ.

5. އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދު ކުރިފަހުން 2022 ސެޕްޓެމްބަރ 22 ވަނަ ދުވަހު، މި މައްސަލައިގެ ހާދިސާގައި ނިޔާވެފައިވާ މއ. ޢާއިޝާ، ޙުސައިން ވަޙީދުގެ މަންމަ،1 ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް މި މައްސަލައާ ގުޅިގެން ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީގައި މި މައްސަލައާ ގުޅިގެން ފާހަގަކޮށްފައި އޮތީ ތިރީގައިވާ ޢިބާރާތެވެ.

"ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޅުގަނޑު ހިމެނޭގޮތުން، އަޅުގަނޑުގެ ދަރިފުޅުގެ ހުރިހާ ވާރިޘުން ބުނެފަވަނީ މަރާލެވުނު އަޅުގަނޑުގެ ދަރިފުޅު ޙުސައިން ވަޙީދުގެ މަރުގެ ޖަޒާއެއްގެ ގޮތުން ކުށް ސާބިތުވި ދަޢުވާލިބޭ (ކުއްޖާ)2 މެރުމަށް ނުވަތަ ޤިޞާޞް ހިފުމަށް ބޭނުންވާކަމަށެވެ. އެހެން ނަމަވެސް، މިހާރު އަޅުގަނޑުގެ އެވިސްނުންވަނީ ބަދަލުވެފައިކަން ފަނޑިޔާރު މަނިކުފާނުގެ އަރިހުގައި ދެންނެވީމެވެ.

އަޅުގަނޑުގެ ދަރިފުޅު ޙުސައިން ވަހީދު މަރާލިކަން ސާބިތުވެ މެރުމަށް ޙުކުމްކޮށްފައިވާ މި‎ ‎ސިޓީގައި ބަޔާންކޮށްފައިވާ "ކުއްޖާ"ގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރުމަށް އަޅުގަނޑު މިހާރު އެއްވެސް ވަރަކަށް ބޭނުމެއް ނޫނެވެ. ސަބަބަކީ، "ކުއްޖާ"ގެ ފަރާތުން އަޅުގަނޑުގެ ގާތުގައި މަޢާފަށް އެދިފައިވާތީ، އަޅުގަނޑު "ކުއްޖާ"އަށް މަޢާފުކޮށްދީފީމުއެވެ. މި‎ ‎ސިޓީއަކީ އަޅުގަނޑުގެ އަމިއްލަ އިޚްތިޔާރުގައި ލިޔެފައިވާ ސިޓީއެކެވެ. ޝަރީޢަތުގެ މަޖިލިހުގައި މިސިޓީއާބެހޭ ގޮތުން ސާފުކުރަންޖެހޭ ކަމެއް އޮތްނަމަ، އަޅުގަނޑު ޝަރީޢަތަށް ހާޒިރުކޮށްދެއްވައި އަޅުގަނޑުގެ ބަސް ހޯއްދެވިޔަސް އެންމެ ރަނގަޅުކަމުގައި ދަންނަވަމެވެ."

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ

6. ޙުސައިން ވަޙީދުގެ މަންމަ، އިސްތިއުނާފު ކުރާ ކުއްޖާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ބޭނުންނުވާ ކަމުގައްޔާއި، އިސްތިއުނާފު ކުރާ ކުއްޖާއަށް މަޢާފުކޮށްފި ކަމުގައި ބުނެ އުއްތަމަ ފަނޑިޔާރަށް ސިޓީ ފޮނުވި ފަހުން، އިސްތިއުނާފު ކުރާ ކުއްޖާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‎2015/HC-A/285‎ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

7. މި އިސްތިއުނާފުގައި އިސްތިއުނާފު ކުރާ ކުއްޖާގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްލާމްދީނުގައި ޤިޞާޞް ހިފޭނީ، މަރާލެވުނު މީހާގެ ހުރިހާ ވާރިސުން ޤާތިލުގެ ކިބައިން ޤިޞާޞް ހިފަން ބޭނުންވެގެން ކަމުގައިވާއިރު، އިސްތިއުނާފު ކުރާ ކުއްޖާގެ ކިބައިން ޤިޞާޞް ހިފުމަށް މި ހާދިސާގައި ނިޔާވި ޙުސައިން ވަޙީދުގެ މަންމަ މިހާރު ބޭނުންނުވާ ކަމުގައެވެ. ވުމާއެކު އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ބައި ބާޠިލުކޮށް ދޭންޖެހޭނެ ކަމުގައްޔާއި، އެ ފަދައިން ބާޠިލު ކޮށްދިނުމަށް އިސްތިއުނާފު ކުރާ ކުއްޖާގެ ފަރާތުން އެދޭ ކަމުގައެވެ.

އިސްތިއުނާފީ ނުކުތާގެ ރައްދު

8. އިސްތިއުނާފު ކުރާ ކުއްޖާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ރައްދުދެމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މި މައްސަލައިގައި ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވީ ނަމަވެސް، އިސްތިއުނާފު ކުރާ ކުއްޖާގެ މައްޗަށް ކަނޑައެޅިފައިވާ ޢުޤޫބާތަކީ، މިހާރު އިސްތިއުނާފު ކުރާ ކުއްޖާގެ މައްޗަށް ތަންފީޒު ކުރެވޭނެ ޢުޤޫބާތެއް ނޫންކަމުގައެވެ. އަދި ދައުލަތުން މި ފަދައިން ފާހަގަ ކުރަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ3 29 ވަނަ މާއްދާގެ (ރ) އަދި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ4 74-1 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ކުޑަކުއްޖަކަށް މަރުގެ އަދަބު ނުދެވޭނެ ކަމުގައި ކަނޑައަޅާފައިވާތީ ކަމުގައިކަން ފާހަގަ ކޮށްފައިވެއެވެ.

9. އިތުރަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ކުރާ ކުއްޖާއަކީ، މި ވަގުތު ޖުވެނައިލް ކޯޓުގެ ރީހެބިލިޓޭޝަން އަމުރެއްގެ ދަށުން ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރަމުން އަންނަ ކުއްޖެއް ކަމުގައްޔާއި، މި މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ ކުއްޖާ އެދޭ ފަރުވާއަކީ ޤާނޫނީ ސަބަބަކާހުރެ ހޯދުމަށް އެދިފައިވާ ފަރުވާއެއް ކަމުގައެވެ. އަދި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމެއް ނެތްކަމުގައެވެ. އަދި ދައުލަތުން އެދެނީ އެ ފަދައިން ގޮތެއް ނިންމަންޖެހޭ ކަމެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށް ކަމުގައި ވެސް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ

10. މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި އޮތް ހަމައެކަނި ސުވާލަކީ، ހައިކޯޓުން މައްސަލަ ނިންމުމަށް ފަހު، އިސްތިއުނާފީ މުއްދަތު ފާއިތުވެ ދިއުމަށްފަހު، މަރުވި ކުއްޖާގެ މަންމަ އިސްތިއުނާފު ކުރާ ކުއްޖާއަށް މަޢާފު ކުރުމުން އެކަން ޝަރީޢަތުން ބަލައިގަނެ، ކޯޓުން ކަނޑައަޅާފައިވާ އަދަބުގެ ބަޔަށް ބަދަލު ގެންނަންޖެހޭކަން ނުވަތަ ނޫންކަމެވެ.

ޤާތިލަށް މާފު ކުރުން

11. މަރުގެ މައްސަލަތަކުގައި ޤާތިލަށް މާފު ކުރުމަކީ، މަރުވި މީހާގެ ވާރިސުންގެ ޙައްޤެކެވެ. މިކަން އަލްއިސްރާއު ސޫރަތުގެ 33 ވަނަ އާޔަތުން އެނގެއެވެ.5 އަދި މާފު ކުރުމަކީ، ޝަރުޢީ ނައްޞުތަކުގައި ބާރު އަޅުއްވާފައިވާ ކަމެކެވެ. މިކަން މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުން އެނގެއެވެ.6 އަދި ޞަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުގެ ސުންނަތަށް ބަލާއިރު، އިތުރު އެކަލޭގެފާނުގެ އަރިހަށް ޤިޞާޞްއާ ގުޅުންހުރި މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައެއްގައި މާފު ކުރުމަށް އަމުރު7 ނުކުރައްވާ އެއްވެސް މައްސަލައެއް އިތުރު އެކަލޭގެފާނުގެ އަރިހަށް ހުށަހެޅުނުތަން ފެނިވަޑައި ނުގަންނަވާ ކަމުގައި ރިވާވެފައިވެއެވެ.8

12. ޤާތިލަށް މާފު ކުރުމުގެ ޙައްޤުގެ ބޭނުން ހިފައި، މަރުވި މީހާގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ނަމަވެސް ޤާތިލަށް މާފުކޮށްފި ނަމަ، ޤާތިލުގެ ކިބައިން ޤިޞާޞްއެއް ނުހިފޭނެއެވެ.9 މަރަށް މަރު ނުހިފޭނެއެވެ.

13. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ބަލާއިރު، މަރުގެ މައްސަލަތަކުގައި މަރުވިމީހާގެ ވާރިސުން ޤާތިލަށް މާފު ކުރުމާއި، ޤާތިލާއެކު ޞުލްޙަވުމަކީ10 ޤާނޫނުތަކުގައި‎ ‎ އެކަންކަމުގެ ތަފުސީލުތައް ލިޔެވި، އިންތިޒާމުތަކާއި، އުސޫލުތައް އެކަށައެޅިފައިވާ ކަންކަމެއް ނޫނެވެ. ޤާނޫނުގައި މި ދެންނެވި ފަދަ ކަންކަމުގެ ތަފުސީލުތައް ބަޔާންވެފައި ނުވި ނަމަވެސް، ޝަރީޢަތުގައި ވާރިސުން ޤާތިލަށް މާފު ކުރުމާއި، ޤާތިލާއެކު ސުލްޙަވުމާއި، ޤިޞާޞް ހިފުމަށް ބޭނުންވާކަން ހާމަކުރުމަކީ، ކޯޓުތަކުން އެކަންކަމާމެދު ގޮތްތައް ކަނޑައެޅެމުން އަންނަ ކަންކަމެވެ. އަދި މި ފަދައިން ކޯޓުތަކުން ޢަމަލު ކުރުމުގެ ފުރުސަތު ޤާނޫނުން ލިބިދީފައިވާކަން ވެސް ފާހަގަ ކުރަމެވެ.11

14. އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައިދާ ފަހުން ވާރިސަކު ޤާތިލަށް މަޢާފުކުރުމަކީ ވެސް ވެދާނެކަމެކެވެ. މި ހާލަތުގައި ޝަރުޢީ ގޮތުން ވާރިސުންނަށް ލިބިފައިވާ ޙައްޤުން ވާރިސުން މަޙްރޫމު ކުރެވިގެންވާނެ ކަމުގައި ނުދެކެމެވެ. އަދި އިސްތިއުނާފީ މުއްދަތު ފަހަނަ އަޅައިދާ ފަހުން ވެސް ވާރިސަކު ޤާތިލަށް މާފުކޮށްފި ނަމަ، އެކަމުގެ މައްޗަށް ހުށަހެޅޭ މައްސަލަ ބަލައިގަނެ، ޤާތިލު މެރުމަށް ދަށު މަރުޙަލާއިން ކޮށްފައިވާ ޙުކުމުގެ އެ ބައި އިސްތިއުނާފީ ކޯޓުން ބަދަލު ކުރަންޖެހޭނެ ކަމުގައި ދެކެމެވެ. މި އުސޫލުން ކޯޓަކުން މަރުގެ އަދަބު ކަނޑައެޅުމަށް ފަހު، މެދުވެރިވާ ޝަރުޢީ ނުވަތަ ޤާނޫނީ ހާލަތެއްގެ ސަބަބުން، މަރުގެ އަދަބު ތަންފީޒު ނުކުރެވޭފަދަ ހާލަތެއްގައި، ހުރި މީހަށް ވެސް، މަރުވިމީހާގެ ވާރިސުން މާފުކޮށްފި ނަމަ އެ މައްސަލަ ބަލައިގަނެ، ޤާތިލު މެރުމަށް ދަށު މަރުޙަލާއިން ކޮށްފައިވާ ޙުކުމުގެ އެ ބައި އިސްތިއުނާފީ ކޯޓުން ބަދަލު ކުރަންޖެހޭނެ ކަމުގައި ދެކެމެވެ. އަދި އިސްތިއުނާފީ އެންމެ ފަހު މަރުޙަލާގައި ސުޕްރީމް ކޯޓުން މެރުމަށް ޙުކުމްކޮށްފައިވަނިކޮށް ވާރިސަކު ޤާތިލަށް މާފުކޮށްފި ނަމަވެސް، އެ ޙުކުމުގައިވާ އަދަބުގެ ބައި ސުޕްރީމް ކޯޓުން ބަދަލު ކުރަންޖެހޭނެ ކަމުގައި ދެކެމެވެ. އެހެނީ ޤިޞާޞްގެ މައްސަލަތަކުގައި އަދަބު ކަނޑައެޅުމަކީ، މަރާލެވުނު މީހާގެ ވާރިސުންނަށް ކީރިތި ﷲ ދެއްވާފައިވާ ބާރެކެވެ.12 އަދި ވާރިސަކު މާފުކޮށްފިކަމުގައި ބުނެ ހުށަހެޅޭ މައްސަލަތަކުގައި އެ ވާރިސަކު ކޯޓަށް ހާޒިރުކޮށް، މާފުކުރިކަން ޝަރީޢަތުން ކަށަވަރު ކުރަންޖެހޭނެއެވެ. އެހެނީ، އެންމެ ފުރަތަމަ އަދަބު ކަނޑައެޅިގެންދާނީ ވެސް ވާރިސުން ކޯޓުގައި، ޝަރީޢަތުގެ މަޖިލީހުގައި އެކަމާމެދު ދެކޭ ގޮތް ހާމަކޮށްފައި އޮންނަ އޮތުމުގެ މައްޗަށް ބިނާކޮށެވެ.

އުސޫލުތައް ތަޠުބީޤު ކުރުން

15. މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކޮށް، މއ. ޢާއިޝާ، ޙުސައިން ވަޙީދުގެ އެއް ވާރިސަކު ކަމުގައިވާ އޭނާގެ މަންމަ، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރު ކުރުމުން، އިސްތިއުނާފު ކުރާ ކުއްޖާގެ ކިބައިން ޤިޞާޞް ހިފުމަށް ބޭނުން ނުވާ ކަމުގައްޔާއި، އޭނާ ބޭނުންވަނީ، އިސްތިއުނާފު ކުރާ ކުއްޖާ އަށް މާފު ކުރުމަށް ކަމުގައި ބުނެފައިވެއެވެ. އަދި އެ ފަދައިން މާފުކުރުމަށް ބޭނުންވީ، އިސްތިއުނާފު ކުރާ ކުއްޖާ އޭނާގެ ކިބައިން މާފަށް އެދުމުން ކަމުގައި ބުނެފައިވެއެވެ. އަދި މިއީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން އޭނާ ނިންމާފައިވާ ކަމެއް ނޫންކަމުގައި ބުނެފައިވެއެވެ.

16. ކަންމިހެން އޮތުމުން، މި މައްސަލައިގައި އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް މައްޗަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލުކަމަށް ކަނޑައަޅަން ފެނެއެވެ.

ސުޕްރީމް ކޯޓުން އިތުރަށް ފޯރުކޮށްދެވޭނެ ފަރުވާއެއް ނެތްކަމަށް ބުނާ ބުނުމާމެދު

17. އިސްތިއުނާފީ ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުން އިސްތިއުނާފު ކުރާ ކުއްޖާއަށް ފޯރުކޮށްދެވޭނެ އިތުރު ފަރުވާއެއް އޮތްކަމަށް ނުދެކޭކަމަށެވެ. މިކަމުގެ ތަފުސީލު ކުރިން ބަޔާންވެސް ކޮށްފީމެވެ.

18. ދައުލަތުގެ ފަރާތުން މި މައްސަލައިގެ ޖަވާބުގައި ފާހަގަ ކޮށްފައިވާ ނުކުތާއަށް ބަލާއިރު، އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ކޮށްފައިވާ ޙުކުމަކީ، ޤާނޫނު އެ ޙުކުމް ތަންފީޒު ކުރުމަށް ހުރަސްއަޅާ ޙުކުމެއްކަމާމެދު ބަހުސެއް ނެތެވެ. އެހެން ނަމަވެސް، ޖުވެނައިލް ކޯޓުން އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ކޮށްފައިވާ ޙުކުމުގެ އަދަބު އެހެން އަދަބަކަށް ބަދަލު ކުރެވޭނީ، ޢާންމު އުސޫލުން ޙުކުމުގެ އެބައި މަތީ މަރުޙަލާގެ ކޯޓަކުން ބަދަލު ކުރުމުންނެވެ. އަދި މި ފަދައިން ބަދަލު ކުރުމުން ޙުކުމް ތަންފީޒު ކުރުމާއި، އެ ޙުކުމާ ގުޅިގެން ޤާނޫނީ ގޮތުން އިސްތިއުނާފު ކުރާ ކުއްޖާއަށް ލިބިދާނެ އެހެނިހެން ލުއިތަކެއް ހުރުމަކީ އެކަށީގެންވާ ކަމެވެ.

ނިންމަން ފެންނަ ގޮތް

19. މއ. ޢާއިޝާ، ޙުސައިން ވަޙީދުގެ މަންމަ، އިސްތިއުނާފު ކުރާ ކުއްޖާގެ ކިބައިން ޤިޞާޞް ހިފަން ބޭނުންނުވާ ކަމުގައްޔާއި، އެ ކުއްޖާއަށް މާފުކޮށްފިކަމުގައި ބުނެފައިވާތީ، މި މައްސަލައިގައި އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުގެ ނަންބަރު ‎39/Jv-C/2014‎ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު

‎2015/HC-A/285‎ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލު ކަމުގައި، ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

20. އަދި މި ފަދައިން ވާރިސުން މާފުކުރާ މައްސަލަތަކަކީ، މާފުކުރުމާ ގުޅިގެން ތަޢުރީޒީ އަދަބު ކަނޑައެޅޭ މައްސަލަތަކެއް ކަމުގައިވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 201 ވަނަ މާއްދާގައި، ކުށަށް ކަނޑައެޅޭ އަދަބު އިސްތިއުނާފު ކުރުމަށް މައްސަލައިގެ ދެ ފަރާތަށް ލިބިދީފައިވާ އިޚްތިޔާރަށާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤަށާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ13 63 ވަނަ މާއްދާގައިވާ އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ކުރެވުމުގެ ޙައްޤަށް ރިޢާޔަތްކޮށް، އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލު ކުރުމަށް ފެނެއެވެ.

21. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި މަތީ މަރުޙަލާގެ ކޯޓަކުން ދަށު މަރުޙަލާގެ ކޯޓުތަކަށް މައްސަލަ ތަޙްވީލު ކުރުމާ ގުޅިގެން ބަޔާންވެފައިވާ އުސޫލުތަކުގައި ސީދާ ސުޕްރީމް ކޯޓުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް މައްސަލަ ތަޙްވީލު ކުރުމުގެ އުސޫލުތަކެއް ބަޔާންވެފައި ނުވެއެވެ. މި ކަމުގެ ސަބަބުން ޤާނޫނުގައިވާ އިޖުރާއަތުގެ ތެރެއިން ސުޕްރީމް ކޯޓަށް ފުރަތަމަ މަރުޙަލާގެ ކޯޓަކަށް މައްސަލައެއް ތަޙްވީލު ކުރުމަށް އޮތް ހަމައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގެ ބޭނުން ހިފައި، ފުރަތަމަ މަރުޙަލާގެ ކޯޓަކަށް މައްސަލަ ތަޙްވީލު ކުރުމަށް ނިންމާ ހާލަތުގައި އެ މައްސަލައެއް ފުރަތަމަ މަރުޙަލާގެ ކޯޓަކަށް ތަޙްވީލު ކުރުމަށްޓަކައި ހައިކޯޓަށް ތަޙްވީލު ކުރުމެވެ. ޤާނޫނުގައި މައްސަލައެއް ތަޙްވީލު ކުރުމަށް އޮތް މަގަކީ މިއީ ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން ތަހުވީލު ކުރަން ޖެހެނީ މައުޟޫއީ ގޮތުން މައްސަލަ ބަލަންޖެހޭ ހާލަތުގައި ކަމަށް ވެފައި، ބައެއް ހާލަތްތަކުގައި ތަހުވީލު ކުރަނީ މައުޟޫޢީ ގޮތުން މައްސަލަ ބެލުމަށް ކަމުގައި ނުވާތީ އާއި، ފުރަތަމަ މަރުޙަލާގެ ކޯޓަކަށް މައްސަލަ ތަޙްވީލު ކުރުމަށްޓަކައި އެ މައްސަލައެއް ސުޕްރީމް ކޯޓުން ހައިކޯޓަށް ތަހުވީލު ކުރުމުގެ ސަބަބުން، ފުރަތަމަ މަރުހަލާގެ ކޯޓަށް މައްސަލަ ތަޙްވީލުވުމުގައި އެކަށީގެންނުވާ މުއްދަތެއް ހޭދަވެ، މައްސަލައިގެ ޚަޞްމުން އުފުލަންޖެހޭ ތަކުލީފުތައް ގިނަވެ، ޢަދުލު އިންސާފުގެ ނިޒާމަށް ކުރާ އިތުބާރަށް ބުރޫއެރުމުގެ ފުރުސަތެއް ލިބިގެންދާތީ އަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އިން ސުޕްރީމް ކޯޓަށް ލިބޭ ބާރުގެ ދަށުން މައުޟޫއީ ގޮތުން ބަލަންޖެހޭ މައްސަލަތައް ފިޔަވާ އެހެނިހެން މައްސަލަތައް ސީދާ ފުރަތަމަ މަރުޙަލާގެ ކޯޓަށް ތަޙްވީލު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ފެނެއެވެ‎.‎

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

22. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

23. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

24. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

25. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ މަތީގައިވާ ކަންކަން އެފަދައިން ހުރުމުން،

1- ޖުވެނައިލް ކޯޓުގެ ނަންބަރު ‎39/Jv-C/2014‎ ޤަޟިއްޔާގައި، އިސްތިއުނާފު ކުރާ ކުއްޖާ މެރުމަށް ކަނޑައަޅާފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު ‎2015/HC-A/285‎ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލު ކަމުގައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

2- އަދި މި މައްސަލައިގައި އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލު ކުރުމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު މަޙާޒު ޢަލީ ޒާހިރު ޙުސްނުއްސުޢޫދު (ރިޔާސަތު) ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް

1 ‎އިސްތިއުނާފު ކުރާ ކުއްޖާގެ މަޢުލޫމާތު ހާމަވެދާނެ ކަމަށްޓަކައި ކުއްޖާގެ މަންމަގެ ނަން އެ ވަނީ އުނިކުރެވިފައެވެ.

2 ‎އިސްތިއުނާފު ކުރާ ކުއްޖާގެ މަޢުލޫމާތު ހާމަނުކުރުމުގެ ގޮތުން ނަން އެވަނީ ސިޓީގެ ޢިބާރާތުން އުނިކުރެވިފައެވެ.

3 ‎ޤާނޫނު ނަންބަރު 2019/19

4 ‎ޤާނޫނު ނަންބަރު 2019/18

5 ‎"އަދި ތިޔަބައިމީހުން ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެން މެނުވީ ނުމަރާށެވެ. އަދި އަނިޔާގެ ގޮތުގައި، މަރައިލެވޭމީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން، އެ މީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަޠުލުކުރުމުގައި އޭނާ އިސްރާފުނުކުރާހުށިކަމެވެ.! ހަމަކަށަވަރުން ވަލީވެރިޔާއަކީ ނަސްރު ލިބިގެންވާ މީހެއް ކަމުގައިވިއެވެ."، ކީރިތި ޤުރްއާނުގެ ދިވެހިތަރުޖަމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް 2008

6 ‎"އެ ތަވްރާތުގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (ޤިޞާޞްގެ އުސޫލު) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، ނަފްސަކަށް ނަފްސެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ދަތަކަށް ދަތެކެވެ. ޒަޚްމްތަކަކީ ޤިޞާޞްހުރިކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ ކައްފާރައެކެވެ. އަދި ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ."، ކީރިތި ޤުރްއާނުގެ ދިވެހިތަރުޖަމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް 2008

7 ‎މި ތަނުގައި އިތުރު އެކަލޭގެފާނު "މާފު ކުރުމަށް އަމުރު ނުކުރައްވާ" ކަމުގައި ބަޔާންކޮށްފައި އެވަނީ އެ ޙަދީޘްގެ ލަފުޒުގައި ބަޔާންވެފައިވާ ގޮތަށް މާނަކޮށް ދިނުމުގެ ގޮތުންނެވެ. ނަމަވެސް، މިތަނުގައި ޙަޤީޤި މުރާދަކީ، ވާރިސުން ޤާތިލަށް މާފު ކުރައްވާތޯ ބެއްލެވުމެވެ. އެކަން މި މައުޟޫޢުގައި އައިސްފައިވާ އެހެން ހަދީޘްތަކުން ސާފުވެއެވެ. محمد ناصر الدين الألباتي، صحيح سنن أبي داود, (مكتب المعارف للنشر والتوزيع) جـ 03، صـ 86

8 ‎(ما رأيتُ النبي صلى الله عليه وسلم رفع إليه شيء فيه قصاص إلا أمر فيه بالعفو), الإمام أبو داود سليمان بن الأشعث الأزدي السجستاني، سنن أبي داود، (دار الرسالة العالمية 2009) جـ 06، صـ ‎546‎.

9 ‎الدكتور وهبة الزحيلي، موسوعة الفقه الإسلامي والقضايا المعاصرة، (دار الفكر دمشق، 2012) جـ 06، صـ‎ 271 ‎

10 ‎މި ތަނުގައި "މާފުކުރުމާއި" "ޞުލްޙަވުން" ވަކިވަކިން ގެނެސްފައި އެވަނީ ފިޤުހު ފޮތްތަކުގައި ޝަރުޢީ ދެ އިޞްޠިލާޙެއްގެ ގޮތުގައި އެ ދެ އިޞްޠިލާޙު ބޭނުންކޮށްފައިވާތީ އެ ދެ އިޞްޠިލާޙުގެ ފަރަގު ދެމެހެއްޓުމުގެ ގޮތުންނެވެ.

11 ‎ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާގެ (ހ)

12 ‎ފުޓްނޯޓް 05

13 ‎ޤާނޫނު ނަންބަރު 2019/18

‎2022/SC-A/86‎ ‎[2024] SC 35‎

‎2019/SC-A/300 [2021] SC 77‎8

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ