ޕްރޮސިކިއުޓަރ ޖެނެރަލް ވ. އތމ
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޖުވެނައިލް ކޯޓުން ދަޢުވާ ސާބިތުކޮށް، ވާރިޘުން ޤިޞާޞް ހިފަން އެދުމުން، ކުއްޖާ މެރުމަށް 2015 ގައި ޙުކުމްކުރިއެވެ. ހައިކޯޓުން 2017 ގައި އެ ޙުކުމް ދަމަހައްޓައިފިއެވެ.
- ވާޤިޢާ
- 2013 ޑިސެމްބަރުގައި މާލޭގައި މީހެއްގެ މެޔަށް ވަޅިން ހަރާލުމުން އޭނާ ނިޔާވި ހާދިސާއާ ގުޅިގެން، އޭރު 17 އަހަރުގެ ކުއްޖާގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާ ޖުވެނައިލް ކޯޓުގައި ކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުށް ކުރިއިރު 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި ޖުވެނައިލް ކޯޓުން ކަނޑައަޅައި ހައިކޯޓުން ދަމަހައްޓާފައިވާ މަރުގެ އަދަބު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ދެމިއޮންނާނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 1-74 ވަނަ މާއްދާގެ (ށ) ގެ ދަށުން މަރުގެ އަދަބު ތަންފީޛުކުރުން މަނާވާތީ، [2024] SC 34 އާ އެއްގޮތަށް އެ ޙުކުމް ބާޠިލުކޮށް، އަދަބު ކަނޑައެޅުމަށް މައްސަލަ ޖުވެނައިލް ކޯޓަށް ތަޙުވީލުކުރަން ޕްރޮސިކިއުޓަރ ޖެނެރަލް އެދުނެވެ. ކުއްޖާގެ ފަރާތުން ވެސް އެކަމަށް އެއްބަސްވެ، އަލުން އަދަބު ކަނޑައަޅަންދެން މަރުކަޒެއްގައި ބަންދުކުރުމަށް އިޢުތިރާޒު ނުކުރެއެވެ.
- ކޯޓުގެ ސަބަބުތައް
- ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މިހާރު ޢަމަލުކުރާ ޤާނޫނުތަކުގެ ދަށުން، ކުޑަކުއްޖަކަށް ނުވަތަ 18 އަހަރު ފުރުމުގެ ކުރިން ކުރި ކުށަކަށް މަރުގެ އަދަބު ނުދެވޭނެއެވެ. ކުށް ކުރިއިރު ކުއްޖާ 17 އަހަރުގެ މީހެއް ކަމުން، މަރުގެ އަދަބުގެ ބައި ބާޠިލުކޮށް، [2024] SC 34 ގެ އުޞޫލުން އަދަބު ކަނޑައެޅުމަށް މައްސަލަ ޖުވެނައިލް ކޯޓަށް ތަޙުވީލުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2015/HC-A/286
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމުގެ މަރުގެ އަދަބުގެ ބައި ބާޠިލު؛ އަދަބު ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ތަޙުވީލު
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ގޮތުން ރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކުގެ ދަށުން، މީލާދީ ގޮތުން 18 އަހަރު ފުރިފައިނުވާ މީހުންނަކީ ކުޑަކުދިންނެވެ؛ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން 'ކުޑަކުދިން' ކަމަށް ބެލެވެނީ ގަރުބަގަތީއްސުރެ މީލާދީ ގޮތުން 18 އަހަރު ފުރިހަމަނުވާ ކުދިންނެވެ؛ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 118 ވަނަ މާއްދާގެ ދަށުން، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިންނާ ގުޅޭ ގޮތުން 'ކުޑަކުއްޖެއް' އަކީ 15 އަހަރު ފުރި، 18 އަހަރު ނުފުރޭ ކުއްޖެކެވެ. (ޕެރ. 14-15)
ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ޤާނޫނުތަކުގެ ދަށުން، ކުޑަކުއްޖަކަށް މަރުގެ އަދަބު ދީގެން ނުވާނެއެވެ؛ 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ސާބިތުވާ ކުށަކާ ގުޅިގެން 18 އަހަރުވުމަށްފަހުވެސް މަރުގެ އަދަބު ދީގެން ނުވާނެއެވެ؛ އަދި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބުގެ 3/4 އަށްވުރެ ބޮޑު ނޫން އަދަބަކަށް އަދަބު ބަދަލުކުރަންވާނެއެވެ. (ޕެރ. 16)
ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ދިނުމާއި ތަންފީޛުކުރުމަކީ މިހާރު ޢަމަލުކުރާ ޤާނޫނުތައް ހުއްދަކުރާ ކަމެއް ނޫނެވެ. އެހެންކަމުން، ކުށް ކުރިއިރު 18 އަހަރު ފުރިފައިނުވާ މީހެއްގެ މައްޗަށް ކޮށްފައިވާ ޙުކުމެއްގައި ޤިޞާޞްގެ ގޮތުން ކަނޑައަޅާފައިވާ މަރުގެ އަދަބާއި، އެ ޙުކުމަށް ތާއީދުކޮށް އިސްތިއުނާފީ ކޯޓުން ކޮށްފައިވާ ޙުކުމުގެ އަދަބުގެ ބައި ބާޠިލުކަމަށް ކަނޑައަޅަންޖެހެއެވެ. (ޕެރ. 17-19)
ސުޕްރީމް ކޯޓުން ޙުކުމެއްގެ އަދަބުގެ ބައި ބާޠިލުކޮށްފިނަމަ، [2024] SC 34 (އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގައި ކަނޑައެޅި އުޞޫލަށް ރިޢާޔަތްކޮށް، އަދަބު ކަނޑައެޅުމަށް މައްސަލަ ފުރަތަމަ މަރުޙަލާގެ ކޯޓަށް ތަޙުވީލުކުރެވޭނެއެވެ؛ އަދި އަލުން އަދަބު ކަނޑައަޅަންދެން، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ނުވަތަ 82 ވަނަ މާއްދާގައިވާ ބާވަތުގެ އެކަށީގެންވާ މަރުކަޒެއްގައި ކުއްޖާ ބަންދުކުރުމަށް ކަނޑައެޅިދާނެއެވެ. (ޕެރ. 20-21)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ އާއި 29 ވަނަ މާއްދާގެ (ރ) އާއި (ބ)
- ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 79، 82، 113 އަދި 118 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 33/2020 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 1-74 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 205 ވަނަ މާއްދާގެ (ށ) (ޤާނޫނު ނަންބަރު 26/2015 ގެ ދަށުން ގެނެވުނު 3 ވަނަ އިޞްލާޙާއެކު)
- ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާ (ދަޢުވާ ކުރެވުނު މާއްދާ)
- ގަވާއިދު ނަންބަރު 2021/R-82 (ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 158 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ ސަރކިއުލަރ ނަންބަރު 2015/13/SC
- [2024] SC 34 (އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2018/SC-JC/47 (ސުޕްރީމް ކޯޓު)
ފަނޑިޔާރުން
- ބެންޗު
- ޙުސައިން ޝަހީދު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރަޢުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/286 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލް" ނުވަތަ "ދައުލަތް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2026/SC-A/18 ޤަޟިއްޔާއިން ބެލުނު މައްސަލައެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ އތމ (މީގެ ފަހުން "އތމ" ނުވަތަ "އިސްތިއުނާފު ރައްދުވާ ކުއްޖާ") އެވެ.
މައްސަލައިގެ ފަސްފަހަތް
2އިސްތިއުނާފު ރައްދުވާ ކުއްޖާ، އެހެން ކުއްޖެއް (މީގެ ފަހުން "އހހ.") އާއި އިތުރުބަޔަކާއެކު، 24 ޑިސެމްބަރ 2013 ދުވަހު 22:30 އެހައިކަށް ހާއިރު، ޙުސައިން ވަޙީދު ހުއްޓައި، މި މީހުން އެތަނަށް ގޮސް، އހހ އަތުގައި އޮތް 8 (އަށެއް) އިންޗީގެ ދިގުމިނުގެ ވަޅި ޙުސައިން ވަޙީދުގެ މެޔަށް ހަރާލާފައިވާތީއާއި، މިޙަމަލާގެ ސަބަބުން ޙުސައިން ވަޙީދުއަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް އެރޭ 23:10 އެހައިކަށްހައިއިރު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޙުސައިން ވަޙީދު ނިޔާވެފައިވާތީއާއި، އހހ ޙުސައިން ވަޙީދުއަށް ހަމަލާދިނުމަށްފަހު ދުވެފައި ގޮސް އިސްތިއުނާފު ރައްދުވާ ކުއްޖާ އިން ސައިކަލުގެ ފަހަތަށް އެރުމުން އހޫޙޫގޮވަސް އެރުމުން އިސްތިއުނާފު ރައްދުވާ ކުއްޖާ ސައިކަލުގައި އެތަނުން ގޮސްފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާއާ ޙަވާލާދީ އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ 19 މޭ 2014 ގައި ޖުވެނައިލް ކޯޓަށް ހުށަހެޅިއެވެ. ޖުވެނައިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 39/Jv-C/2014 ޤަޟިއްޔާއިންނެވެ.
3އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، މި ހާދިސާގައި ނިޔާވި ޙުސައިން ވަޙީދުގެ ވާރިޘުންގެ ގޮތުގައި ހިމެނޭ 09 (ނުވައެއް) ވާރިޘުންވެސް ބޭނުންވަނީ ޙުސައިން ވަޙީދުގެ ޤާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށް ކަމަށް އެ މީހުން ޝަރީޢަތުގައި ބުނެފައިވާތީ، އިސްތިއުނާފު ރައްދުވާ ކުއްޖާއަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބުކަމަށްވުމުން، އިސްތިއުނާފު ރައްދުވާ ކުއްޖާ މެރުމަށް 11 މޭ 2015 ގައި ޖުވެނައިލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
4މި ޙުކުމް އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2015/HC-A/286 ޤަޟިއްޔާއިން 22 ނޮވެމްބަރު 2017 ގައި ޖުވެނައިލް ކޯޓުގެ ޙުކުމް ދަމަހައްޓާފައިވެއެވެ.
5ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 205 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/13/SC ސަރކިއުލަރގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/286 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުމަށް އެދި 04 ސެޕްޓެންބަރު 2018 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
6ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-JC/47 ޤަޟިއްޔާއިން ބަލަމުން ދަނިކޮށް ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން، އެ ޤާނޫނުގެ 1-74 ވަނަ މާއްދާގެ (ށ) ގައި، އުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް އުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެކަމަށް ބަޔާންކޮށްފައިވާތީ، އެ މައްސަލަކީ މިހާރު ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ މައްސަލައެއްނޫން ކަމުގައި ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-JC/47 ޤަޟިއްޔާއިން ބަލަމުންގެންދާ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން 04 މާރިޗު 2021 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ސިޓީ ފޮނުވިއެވެ.
7އިސްވެ ބަޔާންކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީގައި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ އަލީގައި، އެ ޤާނޫނުގެ 113 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙުކުމް ތަންފީޛު ކުރަމުންދާ ކުދިންގެ މަޢުލޫމާތު މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންޖެހޭތީ، މި މައްސަލާގައި ޙަވާލާދޭ އިސްތިއުނާފު ރައްދުވާ ކުއްޖާގެ ބައިވެސް އެ އޮފީހުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާކަމަށް ބުނެފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައްސަލަ ބާޠިލު ކޮށްދިނުމަށް އެދުމުން އިސްތިއުނާފު ރައްދުވާ ކުއްޖާއާއި، އެފަރާތުގެ ވަކީލު އަދި ކުއްޖާގެ ބެލެނިވެރިޔާއާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ތަމްސީލު ކުރި ފަރާތުންވެސް މައްސަލަ ބާޠިލުކުރުމާމެދު އިއުތިރާޒު ކޮށްފައިނުވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-JC/47 ޤަޟިއްޔާގެ މައްސަލަ ހުށަހެޅި ފޯމު، 29 މާރިޗް 2021 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާޠިލުކުރިއެވެ.
8އެއަށްފަހު، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ގެ 113 ވަނަ މާއްދާއާއި، ކުޑަކުދިންގެ ޖިނާއީ މައްސަލަތައް ބެލުމުގައި ޖުވެނައިލް ކޯޓުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 158 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްތިއުނާފު ރައްދުވާ ކުއްޖާ 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިކުރުމަށް 07 މާރިޗް 2022 ގައި ޖުވެނައިލް ކޯޓުން އަމުރު ކޮށްފައިވެއެވެ. އަދި އޭގެ ފަހުން އިސްތިއުނާފު ރައްދުވާ ކުއްޖާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިކުރުމަށް 13 އެޕްރީލް 2026 ގައި ޖުވެނައިލް ކޯޓުން އަމުރު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓަށް އަޅުން މައްސަލަ ހުށަހެޅުން
9ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަން ފެށި އިރު ޙުކުމެއް ތަންފީޛުކުރުމަށްޓަކައި ބަންދުގައި ތިބި ކުދިންގެ ޙުކުމް ޖުވެނައިލް ކޯޓަށް މުރާޖަޢާކުރެވިދާނެކަމަށް އެ ޤާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، މި މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް ކޮށްފައިވާ ޙުކުމް މުރާޖަޢާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A1/147/2021/17 (01 ފެބުރުވަރީ 2021) ސިޓީއިން ޖުވެނައިލް ކޯޓުގައި އެދިފައިވާކަމަށާއި، ނަމަވެސް، ޖުވެނައިލް ކޯޓުން އެ ޙުކުމް މުރާޖަޢާކޮށްދީފައި ނުވާކަމަށާއި، ޙުކުމް މުރާޖަޢާނުކުރި ވަކި ސަބަބެއް އެ ކޯޓުން ލިޔުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ހިއްސާކޮށްފައި ނުވިނަމަވެސް، މި ބާވަތުގެ މައްސަލަތަކުގައި ކުދިންގެ މައްޗަށް ނެރެފައިވާ ރިހެބިލިޓޭޝަން އަމުރާ އެއްގޮތަށް ކުދިން އިސްލާޙީ ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާ މިންވަރު ބެލުމަށްޓަކައި ޖުވެނައިލް ކޯޓުގައި ތާވަލުކުރެވޭ ރިވިއު ބައްދަލުވުންތަކުގައްޔާއި މި ބާވަތުގެ ޙުކުމްތަކާމެދު ޢަމަލުކުރާނެ ގޮތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ބައްދަލުކޮށް ޖުވެނައިލް ކޯޓުން ކޮށްފައިވާ މަޝްވަރާތަކުގައި، ކުއްޖަކު މެރުމަށް ކޮށްފައިވާ ޙުކުމެއް މަތީ މަރުޙަލާގެ ކޯޓަކުން ދަމަހައްޓާފައިވަނިކޮށް އެ ޙުކުމް ޖުވެނައިލް ކޯޓަށް މުރާޖަޢާކުރެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނަކަމުގެ މަޢުލޫމާތު ދީފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/286 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަލުން ހުށަހެޅިއެވެ.
10އިސްތިއުނާފު ރައްދުވާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކުރި ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އަލުން އިސްތިއުނާފު ކޮށްފައިވަނީ، ޤިޞާޞްގެ ޙުކުމް ތަންފީޛުކުރެވުމުގެ ކުރިއަށް ޤިޞާޞް މަނާކުރާ ސަބަބެއް މެދުވެރިވެއްޖެނަމަ، އިސްތިއުނާފީ ކޯޓަކުން އެ ޙުކުމް ބާޠިލްކުރުމަށްފަހު އިތުރު އަދަބެއް ކަނޑައެޅުމަށްޓަކައި މައްސަލަ ބެލި ކޯޓަށް ތަޙުވީލްކުރަންވާނެކަމަށް ދެކިގެންނެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ
11ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/286 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ސަބަބަކީ، އިސްތިއުނާފު ރައްދުވާ ކުއްޖާގެ ކިބައިން ޤިޞާޞް ހިފުމަށް ޖުވެނައިލް ކޯޓުގެ ނަންބަރު 39/Jv-C/2014 ޤަޟިއްޔާއިން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/286 ޤަޟިއްޔާއިން ތާއީދުކޮށް ކޮށްފައިވާ ޙުކުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 1-74 މާއްދާގެ (ށ) ގެ ދަށުން ތަންފީޛުކުރުން މަނާކުރާ ޤާނޫނީ ޙާލަތެއް މެދުވެރިވެފައިވާ ޙުކުމަކަށްވާތީ އިސްތިއުނާފު ރައްދުވާ ކުއްޖާ މެރުމަށް ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2024] SC 34 ޤަޟިއްޔާއާ އެއްގޮތަށް ބާޠިލުކުރަންޖެހޭކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
12މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވަނީ އިސްތިއުނާފު ރައްދުވާ ކުއްޖާގެ ކިބައިން ޤިޞާޞް ހިފުމަށް ޖުވެނައިލް ކޯޓުގެ ނަންބަރު 39/Jv-C/2014 ޤަޟިއްޔާއިން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/286 ޤަޟިއްޔާއިން ތާއީދުކޮށް، އިސްތިއުނާފު ރައްދުވާ ކުއްޖާ މެރުމަށް ޙުކުމްކޮށްފައިވާ ބައިގައި ގޮތެއް ކަނޑައަޅަންޖެހޭކަމަށް ކަނޑައަޅައި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 1-74 މާއްދާއާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލުކޮށްދިނުމަށާއި، އަދި އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް އަލުން ޖުވެނައިލް ކޯޓުން އަދަބު ކަނޑައެޅުމާއި ހަމައަށް، ނުވަތަ އެ ކޯޓުން އެ ނޫންގޮތަކަށް ކަނޑައެޅުމާ ހަމައަށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ވަނަ މާއްދާ ނުވަތަ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަރުކަޒުތަކުގެ ތެރެއިން އެކަށޭނަ މަރުކަޒެއްގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ބަންދުކުރުމަށް ކަނޑައަޅައި ދިނުމަށެވެ.
އިސްތިއުނާފީ ނުކުތާގެ ރައްދު
13މި މައްސަލާގައި ހުށަހަޅާފައިވާ އިސްތިއުނާފާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފަރާތުން މިކޯޓުގައި ބުނެފައިވަނީ، މައްސަލަ އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވާ ފަދައިން، އިސްތިއުނާފު ރައްދުވާ ކުއްޖާގެ ކިބައިން ޤިޞާޞް ހިފުމަށް ޖުވެނައިލް ކޯޓުގެ ނަންބަރު 39/Jv-C/2014 ޤަޟިއްޔާއިން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/286 ޤަޟިއްޔާއިން ތާއީދުކޮށް، އިސްތިއުނާފު ރައްދުވާ ކުއްޖާ މެރުމަށް ޙުކުމްކޮށްފައިވާ ބައިގައި ގޮތެއް އަލުން ކަނޑައަޅަންޖެހޭ ކަމަށާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 1-74 މާއްދާއާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލުކޮށް ދިނުމަށް އެދޭކަމަށެވެ. އަދި ދައުލަތުން އެދޭ ފަދައިން އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް އަލުން ޖުވެނައިލް ކޯޓުން އަދަބު ކަނޑައެޅުމާއި ހަމައަށް، ނުވަތަ އެ ކޯޓުން އެ ނޫންގޮތަކަށް ކަނޑައެޅުމާއި ހަމައަށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ވަނަ މާއްދާ ނުވަތަ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަރުކަޒުތަކުގެ ތެރެއިން އެކަށޭނަ މަރުކަޒެއްގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ބަންދުކުރުމަށް އިއުތިރާޒު ނުކުރާކަމަށެވެ.
ކުޑަކުދިންގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅުން
14HN1މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުދިންނަކީ، ކުޑަކުދިންގެ ޢާންމު މާނައިގައި ހިމެނޭ ބައެއްކަން، ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކަށް ބެލުމުން އެނގެއެވެ.
15އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއަށް ބަލާއިރު، އެ ޤާނޫނުގައި "ކުޑަކުދިން" ކަމަށް ބުނެފައި ވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ޙާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންނަށެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 118 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، "ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުޑަކުދިންނާ ގުޅޭގޮތުން ކަމުގައިވާނަމަ، މީލާދީގޮތުން ޢުމުރުން 15 (ފަނަރަ) އަހަރު ފުރި، އެހެންނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށެވެ. އެނޫން ޙާލަތުގައި އެއީ މީލާދީގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖެކެވެ.
16HN2ކުޑަކުއްޖަކަށް މަރުގެ އަދަބު ދީގެންނުވާނެކަމާއި، ޢުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް، ޢުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެކަމާއި، އެއްވެސް ޤާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ޙާލަތުގައި، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ 3/4 (ހަތަރުބައިކުޅަތިންބައި) އަށްވުރެ ބޮޑު ނޫން އަދަބަކަށް ކުޑަކުއްޖާގެ މައްޗަށް ކަނޑައަޅާ އަދަބު ބަދަލުކުރަންވާނެކަމަށް، (އިސްވެ ޙަވާލާދިން) ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވެއެވެ.
17HN3މި މައްސަލާގައި ޙަވާލާދޭ ހާދިސާ ހިނގިއިރު، އިސްތިއުނާފު ރައްދުވާ ކުއްޖާގެ ޢުމުރަކީ 17 (ސަތާރަ) އަހަރެވެ. އެހެންކަމުން، ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގައި، ކުޑަކުއްޖަކަށް މަރުގެ އަދަބު ދީގެންނުވާނެކަމާއި، ޢުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް، ޢުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެންނުވާނެކަމަށް ބަޔާންކޮށްފައިވާތީ، ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ދިނުމާއި ތަންފީޒުކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއްނޫންކަން އެނގެއެވެ.
18ކަންމިހެން އޮތުމުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމުގެ އަދަބުގެ އެބައި ބާޠިލުކަމަށް ޤާނޫނީ ގޮތުން ކަނޑައަޅަން ޖެހެއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
19ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުން، ކުޑަކުއްޖަކަށް މަރުގެ އަދަބު ދިނުން މަނާކޮށްފައިވާތީ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުގެ ނަންބަރު 39/Jv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2015/HC-A/286 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އަދަބުގެ ބައި ބާޠިލު ކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
20HN4އަދި ސުޕްރީމް ކޯޓުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް މައްސަލަތައް ތަޙްވީލު ކުރުމަށް ސުޕްރީމް ކޯޓުގެ އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2024] SC 34 މައްސަލައިގައި ކަނޑައަޅާފައިވާ، އުސޫލަށް ރިޢާޔަތްކޮށް އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލު ކުރުމަށް ފެނެއެވެ.
21މި ގޮތަށް ނިންމުމާއެކު، އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް އަލުން ޖުވެނައިލް ކޯޓުން އަދަބު ކަނޑައެޅުމާއި ހަމައަށް، ނުވަތަ އެކޯޓުން އެ ނޫންގޮތަކަށް ކަނޑައެޅުމާއި ހަމައަށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ވަނަ މާއްދާ ނުވަތަ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަރުކަޒުތަކުގެ ތެރެއިން އެކަށޭނަ މަރުކަޒެއްގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ބަންދުކުރުމަށްވެސް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
22މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
23މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
24މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
25މި މައްސަލައިގައި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމާއެކު،
(1) ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އިން، ކުޑަކުއްޖަކަށް މަރުގެ އަދަބު ދިނުން މަނާކޮށްފައިވާތީ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުގެ ނަންބަރު 39/Jv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/286 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އަދަބުގެ އެ ބައި ބާޠިލު ކަމުގައި ކަނޑައަޅައި،
(2) ސުޕްރީމް ކޯޓުން ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް މައްސަލަތައް ތަޙްވީލު ކުރުމަށް ސުޕްރީމް ކޯޓުގެ އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2024] SC 34 މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލަށް ރިޢާޔަތްކޮށް އަދަބު ކަނޑައެޅުމަށްޓަކައި، މި މައްސަލަ ޖުވެނައިލް ކޯޓަށް ތަޙްވީލުކޮށް،
(3) އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް އަލުން ޖުވެނައިލް ކޯޓުން އަދަބު ކަނޑައެޅުމާއި ހަމައަށް، ނުވަތަ އެކޯޓުން އެ ނޫންގޮތަކަށް ކަނޑައެޅުމާއި ހަމައަށް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 79 ވަނަ މާއްދާ ނުވަތަ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ މަރުކަޒުތަކުގެ ތެރެއިން އެކަށޭނަ މަރުކަޒެއްގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ބަންދުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު
ޙުސައިން ޝަހީދު
(ރިޔާސަތު)
ޢަލީ ރަޝީދު ޙުސައިން
މުޙައްމަދު އިބްރާހީމް
މުޙައްމަދު ސަލީމް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.