ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2023/09، 95-CR/PRIV/2023/3، 2020/HC-A/281، TAT-CA-B/2018/010
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ TAT-CA-B/2018/010 ގެ އިސްތިއުނާފަށް ހުއްދަ ދޭން ސުޕްރީމް ކޯޓުން 2021/SC-A/102 ގައި ނިންމުމުން ހައިކޯޓަށް އަލުން ހުށަހެޅިއެވެ. ރަޖިސްޓްރޭޝަން ފީ ނުދެއްކީތީ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/PRIV/2023/3 ގައި މައްސަލަ ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/09 ގައި އެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- 2020/HC-A/281 ގައި ހައިކޯޓުން އިސްތިއުނާފުގެ ފޯމު ބާޠިލުކުރުމުން، އޭގެ އިސްތިއުނާފުގައި ސުޕްރީމް ކޯޓުން 10 ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ ހައިކޯޓުން ބަލައިގަންނަން އެންގިއެވެ. 16 ނޮވެންބަރު 2022 ގައި ހުށަހެޅުމުން 02 ޖަނަވަރީ 2023 ގައި މައްސަލަ ބަލައިގަތްކަން އަންގައި، 05 ދުވަހުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކަން އެންގިއެވެ. ފީ ނުދެއްކުމުން ހައިކޯޓުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލަ ބަލައިނުގަތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުރިން ރަޖިސްޓްރޭޝަން ފީ ދައްކައި ހައިކޯޓުގައި ރަޖިސްޓްރީކުރެވި ހިންގި ޤަޟިއްޔާއެއް އަލުން ހައިކޯޓަށް ހުށަހަޅަން ސުޕްރީމް ކޯޓުން އަންގާ ޙާލަތުގައި، ހައިކޯޓުގެ ގަވާއިދު (2011) ގެ 33 ވަނަ މާއްދާގެ ދަށުން އަލުން ރަޖިސްޓްރޭޝަން ފީ ދައްކަންޖެހޭތޯއާއި، ފީ ނުދެއްކުމުން މައްސަލަ ބަލައިނުގަތުން ރަނގަޅުތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޑީ.އައި ރިޒޯޓްސް ބުނީ، ހައިކޯޓުގެ ގަވާއިދުގެ 33 އަދި 34 ވަނަ މާއްދާގެ ދަށުން ފީ ނަގަނީ ވަކި މައްސަލަތަކަކުން ކަމަށާއި ފީ ދައްކަންޖެހޭނަމަ އެކަން ޢާންމުކޮށްފައި އޮންނަންޖެހޭ ކަމަށާއި (2023/SC-HCL/01)، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4، 5، 40 އަދި 42 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ އިސްތިއުނާފުގެ ޙައްޤު ގެއްލޭ ގޮތަށް ނިންމި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މި މައްސަލައަކީ ކުރިން ހައިކޯޓުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ފީ ދައްކައި ރަޖިސްޓްރީކުރެވި ހިންގި ޤަޟިއްޔާއެކެވެ. ސުޕްރީމް ކޯޓުން އަލުން ބަލަން އަންގާ ޙާލަތުގައި އަލުން ފީ ނެގުމަކީ ފަރުވާ ލިބިދިނުމުގައި މާލީ އިތުރު ބުރައެއް ޚަޞްމަށް އެޅުމެވެ. ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 34 ވަނަ މާއްދާއިން ދޭހަވަނީ ފީ ދައްކަންޖެހޭނަމަ ކޯޓުން ކަނޑައަޅައި ޢާންމުކުރަންވާނެކަމެވެ. އެހެންކަމުން ކުރިން ފީ ދައްކައި ހިންގި ޤަޟިއްޔާ އަލުން ބެލުމުގައި އިތުރު ފީއެއް ނުނެގޭނެއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ރަޖިސްޓްރޭޝަން ފީ ނުދެއްކި ކަމަށް ބުނެ މައްސަލަ ބަލައިނުގަތް ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި HC-RM/2023/09 ނިންމުން ބާޠިލުކޮށް، މި މައްސަލައަކީ ހައިކޯޓަށް އެއްފަހަރު ފީ ދައްކާފައިވާ މައްސަލައަކަށް ވާތީ، 10 ދުވަހުގެ ތެރޭގައި ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ TAT-CA-B/2018/010 މައްސަލަ އަލުން ހުށަހަޅައިފިނަމަ އެ ފޯމު ބަލައިގަތުމަށް ހައިކޯޓަށް އެންގި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓަށް ބަލައިގަނެވޭފަދަ މައްސަލައެއް ރަޖިސްޓްރާރ ބަލައިގަނެ، ޚަޞްމުގެ އަތުން ރަޖިސްޓްރޭޝަން ފީ ނެގުމަށްފަހު މައުޟޫޢީގޮތުން ނުބަލާ ބާޠިލުކުރި ނިންމުމަށް ބަދަލުގެނެސް، ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅައިފިނަމަ ހައިކޯޓުން އަލުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ޙުކުމްކުރާ ޙާލަތުގައި، އަލުން ރަޖިސްޓްރޭޝަން ފީއެއް ނެގުމަކީ އެ ޚަޞްމު އެދޭ ފަރުވާ ލިބިދިނުމުގައި މާލީ އިތުރު ބުރައެއް އުފުލަންޖެހޭ ގޮތަށް ނިންމޭ ނިންމުމެކެވެ.
HN2 ހައިކޯޓަށް ހުށަހަޅާ ފޯމަކާ ގުޅިގެން ފީއެއް ދައްކަންޖެހޭނަމަ، އެކަން ކޯޓުން ކަނޑައަޅައި ޢާންމުކުރެވިފައި އޮންނަންވާނެއެވެ.
HN3 އިސްތިއުނާފުކުރެވިފައިވާ ހައިކޯޓުގެ ޤަޟިއްޔާއަކާ ގުޅިގެން މުޅި މައްސަލަ ނުވަތަ ވަކި ކަންތައްތަކެއް އަލުން ބެލުމަށް ވަކި މުއްދަތެއްގެ ތެރޭގައި ހައިކޯޓަށް ހުށަހެޅުމަށް ސުޕްރީމް ކޯޓުން އަންގާ ޤަޟިއްޔާއަކީ ރަޖިސްޓްރޭޝަން ފީ ދެއްކުމަށްފަހު ހައިކޯޓުގައި ކުރިން ރަޖިސްޓްރީކުރެވި ހިންގާފައިވާ ޤަޟިއްޔާއެއްނަމަ، އެ މައްސަލަ އަލުން ބެލުމުގައި އިތުރު ފީއެއް ނަގަން ނުޖެހޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު، މަޙާޒު ޢަލީ ޒާހިރު، އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)
- ރިޔާސަތު
- އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2023/SC-HCL/17
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2023/SC-L/76
ހުށަހެޅުނު ތާރީޚު: 15 ޖޫން 2023
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް
ޢާންމު ނަން: ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: މ. އޮމަދު ފަންނު، މާލެ
މިހާރުގެ އެޑްރެސް: މ. އޮމަދު ފަންނު، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2023/09
ހުށަހެޅުނު ތާރީޚު: 29 ޖަނަވަރީ 2023
ނިމުނު ތާރީޚު: 17 އޭޕްރިލް 2023
4. ހުށަހެޅިފައިވާ މައްސަލަ
1މި މައްސަލައަކީ ހައިކޯޓުގެ ނަންބަރު 2020/HC-A/281 ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވައި، އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ފޯމު ހައިކޯޓަށް ބަލައިގެންފައިވަނީ، އިސްތިއުނާފީ މުއްދަތު ފާއިތުވިފަހުންކަމަށްވާތީ، އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ފޯމު ބާޠިލުކަމަށް އެ ކޯޓުން ކަނޑައެޅި ކަނޑައެޅުމާ ގުޅިގެން ހައިކޯޓުގެ އެ ނިންމުން ޑީ.އައި ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އެ އިސްތިއުނާފީ މައްސަލައިގައި ނިންމާފައިވާ ނިންމުމާގުޅޭ މައްސަލައެކެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވި ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއެވެ. ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިފައިވަނީ ނަންބަރު 2021/SC-A/02 ޤަޟިއްޔާއިންނެވެ. ބުނެވުނު ޤަޟިއްޔާގެ ޙުކުމްގައި ވަނީ:
"... ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2018/010 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން، އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2020/HC-A/281 ޤަޟިއްޔާގެ ނިންމުމަށް ބަދަލުގެނެސް މި މައްސަލައަކީ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ޑީ.އައި ރިޒޯޓްސްގެ ފަރާތުން ހުށަހަޅައިފިނަމަ އެ ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ."
މިފަދައިންނެވެ.
2އިސްވެ ބަޔާންކުރެވުނު ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2018/010 މައްސަލަ އިސްތިއުނާފު ކުރުމަށް ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 16 ނޮވެންބަރު 2022 ގައި ހައިކޯޓަށް ހުށަހެޅިއެވެ. ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއިން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގަނެފައިވާކަން 02 ޖަނަވަރީ 2023 ގައި އެ ކޯޓުން ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް އެންގިއެވެ. މި އެންގުމުގައި ވަނީ އަންނަނިވި ޢިބާރާތެވެ.
"އިސްވެދެންނެވުނު ފޯމުން ހުށަހަޅުއްވާފައިވާ މައްސަލައަކީ ހައިކޯޓުން ބަލައިގެނެފައިވާ މައްސަލައެއްކަން އަންގަމެވެ.
އިސްތިއުނާފު ރައްދުވާ ފަރާތަށް ރައްދުކުރުމަށްޓަކައި ހުށަހެޅިފައިވާ މައްސަލައިގެ އިސްތިއުނާފު ފޯމާއި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު އަދި އިސްތިއުނާފު ފޯމުގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ 01 ހާޑް ކޮޕީ 05 ޖަނަވަރީ 2023 ގެ ކުރިން ހުށަހެޅުއްވުމަށް އަންގަމެވެ."
މިފަދައިންނެވެ. އަދި އެ އެންގުމުގެ ތިރީގައިވާ ނޯޓުގައި ވަނީ:
"މި އެންގުން އަންގާތާ ގިނަވެގެން 05 ދުވަހުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކަވަން ވާނެއެވެ. މި މުއްދަތުގައި ރަޖިސްޓްރޭޝަން ފީ ނުދައްކަވައިފިނަމަ، މި މައްސަލައިގެ ދަޢުވާ ފޯމު ބަލައިނުގަތުމުގެ އިޙްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ." މިގޮތަށެވެ.
3ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އެންގި އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީ، ހައިކޯޓުގެ ގަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ މައްސަލަ ބަލައިގަނެވެން ނެތްކަމަށް އެ ކޯޓުގެ ނަންބަރު 95-CR/PRIV/2023/3 ރަޖިސްޓްރާރގެ ނިންމުމުން ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް 15 ޖަނަވަރީ 2023 ގައި އެންގިއެވެ.
4ބުނެވުނު ހައިކޯޓުގެ ނަންބަރު 95-CR/PRIV/2023/3 ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޑީ.އައި ރިޒޯޓްސް އިން ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ހައިކޯޓުގެ ނަންބަރު HC-RM/2023/09 ނިންމުމުން ނިންމަވާފައިވެއެވެ.
5މިއީ، ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 95-CR/PRIV/2023/09 ނިންމުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ.
6ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 95-CR/PRIV/2023/09 ނިންމުން އިސްތިއުނާފު ކުރަމުން ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 02 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ؛
6.1- ހައިކޯޓުގެ ގަވާއިދުގެ 33 އަދި 34 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރޭޝަން ފީ ދައްކަންޖެހެނީ ވަކި މައްސަލަތަކަކަށް ކަމަށާއި ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނަމަ އެކަން އާންމުކޮށްފައި އޮންނަންޖެހޭނެ ކަމަށާއި ހައިކޯޓަށް ހުށަހެޅޭ ކޮންމެ ފޯމަކަށް ހައިކޯޓުގެ ގަވާއިދުގެ 33 އަދި 34 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރޭޝަން ފީ ނުނެގޭނެކަން ސުޕްރީމް ކޯޓުގެ އަޙްމަދު ޢިމްރާން އަދި އެހެނިހެން ފަރާތްތަކެއް ވ. އިތާފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް މައްސަލަ އިން އެނގޭއިރު، ތަހުވީލުކުރެވޭ މައްސަލަތައް ނޫން އެހެން މައްސަލަތަކަށް ހައިކޯޓުގެ ގަވާއިދުގެ 33 އަދި 34 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރޭޝަން ފީ ދެއްކުން ލާޒިމުވާ ގޮތަށް މައްސަލަ ނިންމާފައިވުން.
6.2- ރަޖިސްޓްރަރގެ ނިންމުން މުރާޖައާ ކޮށްދިނުން އެދި ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅި ކަންތައްތަކަށް ރިއާޔަތްނުކޮށް، އަދި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 4 ވަނަ މާއްދާ އަދި 5 ވަނަ މާއްދާގައިވާ އެ ގާނޫނުގެ މަގްސަދުތައް ހާސިލުނުވާ ގޮތަށް، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާއިން ކޯޓަށް މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއް ނެތި އަދި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 42 ވަނަ މާއްދާއާ ހިލާފަށް، ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭ އިސްތިއުނާފީ ހައްގު ގެއްލޭ ގޮތަށް، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްނުކޮށް މައްސަލަ ނިންމައިފައިވުން، މިއެވެ.
7ހައިކޯޓަށް މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާރ ނިންމަވާފައިވަނީ، ހައިކޯޓުގެ ގަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ނ) އާ ހަވާލާ ދެއްވައެވެ. އަދި ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން ބާޠިލް ކުރާނެ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމެވުން ބިނާކުރައްވާފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/102 ޤަޟިއްޔާއަކީ ތަޙުވީލު ކުރެވިފައިވާ މައްސަލައަކަށް ނުވާތީވެ، މި މައްސަލައާ މެދު ރަޖިސްޓްރޭޝަން ފީ ހައިކޯޓުގެ ގަވާއިދުގެ 33 ވަނަ މާއްދާއާ އެއްގޮތަށް ދައްކަންޖެހޭ މައްސަލައެއް ކަމަށް ދެކެވަޑައިގަނެއެވެ.
8ހައިކޯޓުގެ ގަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާނީ، ހައިކޯޓަށް މައްސަލަ ހުށަހަޅާ ފޯމު ބަލައިގަތުމަށްފަހު، ހުށަހެޅިފައިވަނީ ހައިކޯޓަށް ބަލައިގަނެވޭފަދަ މައްސަލައެއްކަމުގައިވާނަމަ، އެކަން މައްސަލަ ހުށަހެޅި ފަރާތަށް ރަސްމީ 05 (ފަހެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ ލިޔުމުން އަންގަންވާނެ ކަމަށެވެ. އަދި އެ މައްސަލައެއް ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ވާނެކަމަށެވެ.
9HN3މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މި މައްސަލައަކީ މީގެކުރިން ހައިކޯޓަށް ބަލައިގަނެ ރަޖިސްޓްރީ ކުރެވިގެން ހިންގި ޤަޟިއްޔާއެއްކަން އެ ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް (ނަންބަރު HC-RM/2023/09 ނިންމުން) އަށް ބެލުމުން އެނގެއެވެ. ހައިކޯޓުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުގައި ރަޖިސްޓްރީ ކުރަންވާނީ ހައިކޯޓަށް ބަލައިގަނެވޭ ފަދަ މައްސަލަތައްކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އެ މާއްދާގެ (ށ) ގައި އެ މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރ އަންގާ އެންގުން އަންގާތާ ގިނަވެގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކަންވާނެ ކަމަށް އޮންނަ އޮތުމަށް ބަލާއިރު، ހައިކޯޓުގެ ނަންބަރު 2020/HC-A/281 ޤަޟިއްޔާ އެ ކޯޓުގައި ރަޖިސްޓްރީ ކުރެވި ހިންގިފައިވަނީ ހައިކޯޓު ގަވާއިދުގައި ބުނާ ރަޖިސްޓްރޭޝަން ފީ ދެއްކުމުންކަން އެނގެއެވެ.
10HN1HN2ހައިކޯޓުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މައްސަލައަކީ ހައިކޯޓަށް ބަލައިގަނެވޭފަދަ މައްސަލައަކަށްވާތީ، އެ މައްސަލަ އެ ކޯޓުގެ ރަޖިސްޓްރާރ ބަލައިގަނެ، ޚަޞްމުގެ އަތުން ރަޖިސްޓްރޭޝަން ފީނެގުމަށްފަހު މައްސަލަ މައުޟޫޢީގޮތުން ބެލުމެއްނެތި ބާޠިލްކުރި ކުރުމަށް ބަދަލުގެނެސް ވަކި މުއްދަތެއްގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިނަމަ، ހައިކޯޓުން އަލުން އެ މައްސަލަ ބެލުމަށް އަންގާ ސުޕްރީމް ކޯޓުން ޙުކުމް ކުރާ ޙާލަތުގައި އަލުން ރަޖިސްޓްރޭޝަން ފީއެއް ނެގުމަކީ އެ ޚަޞްމު ހުށަހެޅި މައްސަލައިގެ މައުޟޫޢުގައި އެފަރާތުން އެދޭ ފަރުވާ ލިބިދިނުމުގައި މާލީ އިތުރު ބުރައެއް އުފުލަން ޖެހޭ ގޮތަށް ނިންމޭ ނިންމުމެއްކަމަށް ބުރަވެވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 34 ވަނަ މާއްދާގައި އެ ކޯޓަށް ހުށަހަޅާ ދަޢުވާ ފޯމު ނުވަތަ އަމުރަކަށް އެދި ހުށަހަޅާ ފޯމު ނުވަތަ އެ ނޫންވެސް ފޯމެއް ހައިކޯޓުގައި ރަޖިސްޓްރީ ކުރުމަށްޓަކައި ފީއެއް ދައްކަން ޖެހޭކަމަށް ކޯޓުން ކަނޑައަޅައިފައިވާނަމަ، އެ ފީއެއް ޚަޞްމުގެ ފަރާތުން ކޯޓަށް ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ބަޔާންކުރުމަށް ބަލާއިރު، ދޭހަވަނީ ހައިކޯޓަށް ހުށަހަޅާ ފޯމަކާ ގުޅިގެން ފީ އެއް ދައްކަންޖެހޭނަމަ އެކަން ކޯޓުން ކަނޑައަޅައި ޢާންމުކުރެވިފައި އޮންނަންވާނެކަމެވެ.
11އެހެންކަމުން، އިސްތިއުނާފުކުރެވިފައިވާ ހައިކޯޓުގެ ޤަޟިއްޔާއަކާ ގުޅިގެން މުޅި މައްސަލަ ނުވަތަ ވަކި ކަންތައްތަކެއް އަލުން ބެލުމަށް ވަކި މުއްދަތެއްގެ ތެރޭގައި ހައިކޯޓަށް ހުށަހެޅުމަށް ސުޕްރީމް ކޯޓުން އަންގާ ހައިކޯޓުގެ ޤަޟިއްޔާއަކީ ނުވަތަ މައްސަލައަކީ ރަޖިސްޓްރޭޝަން ފީ ދެއްކުމަށްފަހު ހައިކޯޓުގައި ކުރިން ރަޖިސްޓްރީކުރެވި އެ ކޯޓުގައި ހިންގާފައިވާ ޤަޟިއްޔާއެއް ނުވަތަ މައްސަލައެއްނަމަ، އެ މައްސަލަ އަލުން ބެލުމުގައި އިތުރު ފީއެއް ނަގަން ނުޖެހޭނެކަމަށް ދެކެމެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/102 ޤަޟިއްޔާގައި ބަޔާންކުރާ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-B/2018/010 މައްސަލަ ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އެންގި އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީ، މައްސަލަ ބަލައިގަނެވެންނެތް ކަމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުން ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު HC-RM/2023/09 ނިންމުން ބާޠިލުކޮށް، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އެއްފަހަރު ފީ ދައްކާފައިވާ މައްސަލައަކަށް ވާތީ، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ މައްސަލަ އަލުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ އެ ފޯމު ބަލައިގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
މަޙާޒު ޢަލީ ޒާހިރު
އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)
ޙުސްނުއްސުޢޫދު
16 ޛުލްޙިއްޖާ 1444
04 ޖުލައި 2023
ފުޓްނޯޓު
- ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/01 އިސްތިއުނާފުކުރުމުގެ ހުއްދައާ މެދު ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް (16 ޖަނަވަރީ 2023)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ގަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ ގަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ށ)
- ހައިކޯޓުގެ ގަވާއިދު (2011) ގެ 33 ވަނަ މާއްދާގެ (ނ)
- ހައިކޯޓުގެ ގަވާއިދު (2011) ގެ 34 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 34 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 4 ވަނަ، 5 ވަނަ، 40 ވަނަ އަދި 42 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2021/SC-A/102 (ޑީ.އައި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2023/SC-HCL/01 (އަޙްމަދު ޢިމްރާން އަދި އެހެނިހެން ފަރާތްތަކެއް ވ. އިތާފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.