ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕަރއިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2015/SC-A/24
ޝަރީޢަތް ނިމުނުގޮތް
ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު
19 މޭ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2012/HC-A/332
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް، ބަދަލުގައި: ބަދަލުގައި:
މުޙައްމަދު ޖިލްވާޒް ޖައުފަރު، މ. ފާމްދޭރިގެ 2C، މާލެ ޢަބްދުﷲ ނާޝިތު، މ. ނިޔަދުރުގެ، މާލެ
ޤާނޫނީ ވަކީލު: މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ޖަހާމުގުރިގެ، ގދ. ގައްދޫ
މަޒްލާން ރަޝީދު ޤާނޫނީ ވަކީލު:
(މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް) މޫސާ ޢާލިމް
) އެސް.އެޗް.ސީ ލޯޔަރސް އެލް.އެލް.ޕީ)
މަދަނީ - އެއްބަސްވުމާ ޚިލާފުވުން - ލިކުއިޑޭޓަޑް ޑެމޭޖަސް - ޝަރުޠު ޖަޒާޢީ Penalty Clause)) - މުޤާބިލް (Consideration) - ސަބް-ކޮންޓްރެކްޓް - ޑިލޭ ޑެމޭޖަސް - އެޑްމިނިސްޓްރޭޓިވް ޗާޖް - ފައިނޭންސް ޗާޖް - ކައުންޓަރ ކްލެއިމް`
ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް[2021] SC 53
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރަފް
މިއީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 9 ބުރީގެ އެކޮމޮޑޭޝަން ޢިމާރާތެއް ހެދުމަށްޓަކައި ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން: "ޖައުސާ") އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (މީގެ ފަހުން: "އެމް.އެން.ޑީ.އެފް") އާ ދެމެދު ކުރެވުނު ކޮންޓްރެކްޓް (މީގެ ފަހުން "މައި ކޮންޓްރެކްޓް") ގައި ހިމެނޭ ބައެއް މަސައްކަތް ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން: "ނަމީރާ") އަށް ސަބްކޮންޓްރެކްޓް ކުރުމަށް ޖައުސާއާއި ނަމީރާއާ ދެމެދު 2008 ފެބުރުވަރީ 14 ވަނަ ދުވަހު ވެވުނު ސަބް ކޮންޓްރެކްޓާއި 2008 އޭޕްރީލް 10 ވަނަ ދުވަހު ވެވުނު ސަބްކޮންޓްރެކްޓާ ގުޅިގެން އުފެދިފައިވާ ޙުޞޫމަތެއްގެ މައްސަލައެކެވެ.
ނަމީރާއިން ދެ ސަބްކޮންޓްރެކްޓާ ޚިލާފުވެފައިވާކަމަށް ބުނެ، ޖައުސާގެ ފަރާތުން 28 ޖުލައި 2011 ގައި ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. ސިވިލް ކޯޓުގައި ޖައުސާއިން ކުރި ދަޢުވާ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1581/Cv-C/2011 ޤަޟިއްޔާއިންނެވެ.
ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާ ޚިލާފަށްކަމަށްބުނެ، ނަމީރާއިން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރި އިސްތިއުނާފް ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2012/HC-A/332 ޤަޟިއްޔާއިންނެވެ.
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/332 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ނަމީރާއިން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
މަތީގައި ބަޔާންކުރެވުނު ފަދައިން އެމް.އެން.ޑީ.އެފް ގެ 9 ބުރީގެ ޢިމާރާތް ހެދުމަށް ޖައުސާއަށް ލިބުނު ކޮންޓްރެކްޓުގެ ދަށުން، ޖައުސާއާއި ނަމީރާއާ ދެމެދު ދެ ސަބްކޮންޓްރެކްޓެއް ކޮށްފައިވެއެވެ. ފުރަތަމަ ސަބްކޮންޓްރެކްޓު ކުރީ 14 ފެބުރުވަރީ 2008 ގައެވެ. މި ސަބްކޮންޓްރެކްޓުގެ 10.1 ވަނަ މާއްދާގައި ބުނަނީ މި ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން ކުރުމަށް އެއްބަސްވި މަސައްކަތް މި ސަބްކޮންޓްރެކްޓުގައި ސޮއިކުރި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށެވެ. ދެވަނަ ސަބްކޮންޓްރެކްޓު ކުރީ 10 އެޕްރީލް 2008 ގައެވެ. މި ސަބްކޮންޓްރެކްޓުގެ 10.1 ވަނަ މާއްދާގައި ބުނަނީ މި ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން ކުރުމަށް އެއްބަސްވި މަސައްކަތް މި ސަބްކޮންޓްރެކްޓުގައި ސޮއިކުރި ތާރީޚުން ފެށިގެން 7 (ހަތެއް) މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށެވެ.
އިސްވެ ބުނެވުނު ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން ކުރަން އެއްބަސްވި މަސައްކަތް ފުރިހަމަކުރުމުގައި މާލީގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުންނާއި ތަކެތީގެ ގޮތުން ޖައުސާގެ އެހީތެރިކަމަށް ނަމީރާއިން އެދުމުން، އެ މަސައްކަތް ފުރިހަމަކުރުމުގައި މާލީގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުންނާއި ތަކެތީގެ ގޮތުން ޖައުސާއިން އެހީތެރިކަން ފޯރުވައިދީފައިވެއެވެ.
ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން ނިންމަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ މުއްދަތުގައި ކޮށް ނިންމާފައެއް ނުވެއެވެ. މި މަސައްކަތްތައް، މަސައްކަތްތައް ނިންމަން އެއްބަސްވި މުއްދަތުގައި ނިންމާފައިނުވަނީ އެ މަސައްކަތްތަކާ ގުޅިގެން ޖައުސާއިން ފަހިކޮށްދޭންޖެހޭ ކަންކަން ފަހިކޮށްދީފައި ނުވާތީ ކަމަށް ނަމީރާއިން ބުނެއެވެ.
ޖައުސާއިން ނަމީރާއާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދަޢުވާ
ޖައުސާއިން ނަމީރާގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރީ، ޖައުސާއާއި ނަމީރާއާ ދެމެދު ކުރެވުނު ދެ ސަބްކޮންޓްރެކްޓާ ނަމީރާއިން ޚިލާފުވެފައިވާތީ އެ ޚިލާފުވުމުގެ ސަބަބުން ޖައުސާއަށް ލިބެންޖެހޭ ފައިސާއާއި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ޖައުސާއިން ސިވިލް ކޯޓުގައި 3 (ތިނެއް) ކަމަކަށް އެދިފައިވެއެވެ.
ފުރަތަމަ ކަމަކީ، ޖައުސާއާއި ނަމީރާއާ ދެމެދު ކުރެވުނު ދެ ސަބްކޮންޓްރެކްޓަކީ ނަމީރާގެ އަމިއްލަ ޚަރަދުގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާ މުޢާމަލާތަކަށް ވީނަމަވެސް ނަމީރާގެ އަތުގައި ފައިސާ ނެތުމުގެ ސަބަބުންނާ އަދި ޢިމާރާތް ނިންމަންޖެހޭ މުއްދަތުގައި ނިންމައި އެމް.އެން.ޑީ.އެފް ގެ 9 ބުރީގެ ޢިމާރާތް އެމް.އެން.ޑީ.އެފް އާ ހަވާލުކުރުމަށް ޖައުސާއަށް މަޖުބޫރުވާތީ، ނަމީރާއަށް ނުނިންމުނު މަސައްކަތް ނިންމުމަށް ޖައުސާއިން ކޮށްފައިވާ ޚަރަދުގެ ބަދަލު ނަމީރާއިން ލިބިދިނުން.
ދެވަނަ ކަމަކީ، ދެ ސަބްކޮންޓްރެކްޓުގެ ދަށުން ޖައުސާއިން ކޮށްފައިވާ ޚަރަދާއި ގުޅިގެން ހިނގާފައިވާ އެޑްމިނިސްޓްރޭޓިވް ކޯސްޓާ އަދި ފައިނޭންސް ކޯސްޓުގެ ފައިސާ ނަމީރާއިން ދޭންޖެހޭ ކަމަށް ކަނޑައަޅައިދިނުން.
ތިންވަނަ ކަމަކީ، ދެ ސަބްކޮންޓްރެކްޓާ ނަމީރާއިން ޚިލާފުވުމުގެ ސަބަބުން ލިކުއިޑޭޓަޑް ޑެމޭޖަސް ނެގުމުގެ ޙައްޤު ޖައުސާއަށް ލިބިދޭކަމަށާއި އެގޮތުން ފައިސާދައްކާ ޚަލާޞްކުރާ ތާރީޚާއި ހަމަޔަށް އަރާ ފައިސާ (ލިކުއިޑޭޓަޑް ޑެމޭޖަސް) ޖައުސާއަށް ދެއްކުމަށް ނަމީރާއަށް އެންގުން.
ނަމީރާއިން ސިވިލް ކޯޓުގައި ކުރި ރައްދު ދަޢުވާ (ކައުންޓަރ ކްލެއިމް)
ސިވިލް ކޯޓުގައި ޖައުސާއިން ކުރި ދަޢުވާއާ ގުޅިގެން ނަމީރާއިން ސިވިލް ކޯޓުގައި ރައްދު ދަޢުވާ ކުރިއެވެ. ނަމީރާއިން ކުރި ރައްދު ދަޢުވާގައި 3 (ތިނެއް) ކަމަކަށް އެދިފައިވެއެވެ.
ފުރަތަމަ ކަމަކީ، ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން ކޮށްފައިވާ މަސައްކަތަށް ޖައުސާއިން ފައިސާ ދައްކާފައިނުވާކަމަށް ކަނޑައަޅައިދިނުން.
ދެވަނަ ކަމަކީ، ޖައުސާއާއި ނަމީރާއާ ދެމެދު 14 ފެބުރުވަރީ 2008 ގައި ކުރި ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއަށް ނުލިބިވާ 518,247/85ރ. (ފަސްލައްކަ އަށާރަހާސް ދުއިސައްތަ ސާޅީސްހަތްރުފިޔާ އަށްޑިހަފަސްލާރި) ލިބިދިނުން.
ތިންވަނަ ކަމަކީ، ޖައުސާއާއި ނަމީރާއާ ދެމެދު 10 އެޕްރީލް 2008 ގައި ކުރި ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއަށް ނުލިބިވާ 1,018,368/06ރ. (އެއްމިލައަން އަށާރަހާސް ތިންސަތޭކަ ފަސްދޮޅަސްއަށްރުފިޔާ ހަލާރި) ލިބިދިނުން.
ނަމީރާއިން ކުރި ރައްދު ދަޢުވާ ބިނާކޮށްފައި ވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ކަމަށް ނަމީރާއިން ބުނެއެވެ.
ފުރަތަމަ ކަމަކީ، ދެ ސަބްކޮންޓްރެކްޓްއާ އެއްގޮތަށް މަސައްކަތް ނިންމިފައިނުވަނީ އެޑްވާންސް ފައިސާ ލިބެންޖެހޭ މުއްދަތުގައި އެ ފައިސާ ލިބިފައިނުވުމުންކަން.
ދެވަނަ ކަމަކީ، ދެ ސަބްކޮންޓްރެކްޓުގައި ބުނާ "ސްކޯޕް އޮފް ވޯރކްސް" އަށް ބަދަލުތަކެއް އައިސްފައިވާކަން.
ތިންވަނަ ކަމަކީ، ދެ ސަބްކޮންޓްރެކްޓުގައި ބުނާ މުއްދަތުގައި މަސައްކަތް ނިންމޭވަރަށް "މޭސަނަރީ ވޯރކްސް" ޖައުސާއިން ކުރިއަށް ގެންގޮސްފައި ނުވާކަން.
ހަތަރުވަނަ ކަމަކީ، މަސައްކަތާ ގުޅިގެން ތައްޔާރު ކުރެވޭ ކުރެހުންތަކަށް އެމް.އެން.ޑީ.އެފް ގެ އެޕްރޫވަލް ލިބުން ލަސްވެފައިވާކަން.
އެމް.އެން.ޑީ.އެފް ގެ ފަރާތުން މައި ކޮންޓްރެކްޓުގެ މުއްދަތު ޖައުސާއަށް އިތުރުކުރި ކުރުން، ޖައުސާއާއި ނަމީރާއާ ދެމެދު ވެފައިވާ ދެ ސަބްކޮންޓްރެކްޓުގެ މުއްދަތަށް ޖައުސާއިން އިތުރު ކޮށްދޭންޖެހޭނެ ކަމަށް ނަމީރާއިން ބުނެފައިވެއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2011 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވަނީ، ނަމީރާއިން ކުރުމަށް ޙަވާލުވެފައިވާ މަސައްކަތް ނުނިމި ލަސްވާ ކޮންމެ ދުވަހަކަށް އެއްބަސްވުމުގެ އަގުގެ 0.1% (ސެމެއް ޕޮއިންޓް އެކެއް އިންސައްތަ) ގެ މަގުން ދެއްކުމަށް ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާތީ، ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި 8,332,054/22ރ. (އަށްމިލިއަން ތިންލައްކަ ބައްތިރީސްހާސް ފަންސާސްހަތަރުރުފިޔާ ބާވީސްލާރި) ނަގައިދިނުމަށާއި، ނަމީރާއިން ދެ ސަބްކޮންޓްރެކްޓުގައިވާ މަސައްކަތް ނިންމުމަށް ނުކުޅެދުމުގެ ސަބަބުން ޖައުސާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮތުމުން، މި ދެ އެއްބަސްވުމުގެ ދަށުން ޖައުސާއިން ޚަރަދުކޮށްފައިވާ ފައިސާއަށްވާ 3,802,771/32ރ. (ތިންމިލިއަން އަށްލައްކަ ދެހާސް ހަތްސަތޭކަ ހަތްދިހައެއްރުފިޔާ ބައްތިރީސްލާރި) ނަގައިދިނުމަށާއި، ނަމީރާއިން ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމުގައި ދަޢުވާކުރާފަރާތުން ބައިވެރިވި ބައިވެރިވުމަށް މި ދެ އެއްބަސްވުމަށް ހިނގާފައިވާ އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖްއިން ރިޓެންޝަން ފައިސާގެ ގޮތުގައި ދަޢުވާލިބޭފަރާތުން ދަޢުވާކުރާ ފަރާތުގައި ބަހައްޓާފައިވާ ފައިސާ އުނިކޮށް، 12,779,418/96ރ. (ބާރަމިލިއަން ހަތްލައްކަ ހަތްދިހަނުވަހާސް ހަތަރުސަތޭކަ އަށާރަރުފިޔާ ނުވަދިހަހަލާރި) އަކީ ނަމީރާއިން ދެފަރާތުގެ މެދުގައިވެފައިވާ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ނަމީރާއިން ޖައުސާއަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅާ، ޖައުސާއަށް މި ފައިސާ ލިބިދިނުމުގެ ގޮތުން 2012 ޖުލައި 03 ވަނަ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުންގޮސް، އެފައިސާ ދައްކާ ޙަލާޞްކުރުމަށް ނަމީރާއަށް އަންގައި ޙުކުމްކޮށެވެ. ސިވިލް ކޯޓުން އެފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބަލައެވެ.
ފުރަތަމަ ކަމަކީ، ނަމީރާއިން ކުރި ރައްދު ދަޢުވާއަށް ޖައުސާއިން އިންކާރުކޮށްފައިވާތީ އަދި ޖައުސާއާއި ނަމީރާއާ ދެމެދު ވެފައިވާ ދެ ސަބްކޮންޓްރެކްޓުގައި ވެސް އަގު ދެއްކުމަށް ދެފަރާތުން އެއްބަސްވެފައިވަނީ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ތާވަލުގައިވާ ގޮތުގެ މަތިން މަސައްކަތް ނިމެމުންދާވަރަކުން މަސައްކަތުގެ އަގު ދެއްކުންކަމުގައިވެފައި، މިގޮތުގެ މަތިން ނަމީރާއިން އިންވޮއިސް ކުރުމުން އެފަދަ އިންވޮއިސްއަކަށް ޖައުސާއިން ފައިސާ ދައްކާފައިނުވާކަން ޘާބިތުކޮށްދޭ އެއްވެސް ހެއްކެއް ނަމީރާއިން ހުށަހަޅާފައިނެތަތީ ނަމީރާއަށް ލިބެންޖެހޭ ފައިސާއެއް ނުލިބިވާކަމަށް ބެލެވެން ނެތްކަން.
ދެވަނަ ކަމަކީ، ނަމީރާގެ ފަރާތުން ކުރުމަށް އެއްބަސްވި މަސައްކަތް އެއްބަސްވިގޮތަށް ނަމީރާއަށް ނުކުރެވިވާތީ އެމަސައްކަތް ފުރިހަމަކުރުމުގައި މާލީގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުންނާއި ތަކެތީގެ ގޮތުން ޖައުސާއިން އެހީތެރިކަން ފޯރުކޮށްދޭންޖެހުމުން، އެކަމުގެ ސަބަބުން ޖައުސާއަށް ލިބުނު ގެއްލުމުގެ ބަދަލު ނަމީރާގެ ކިބައިން ލިބިގަތުމުގެ ޙައްޤު ޖައުސާއަށް ލިބިގެންވާކަން.
ތިންވަނަ ކަމަކީ، ނަމީރާގެ ސަބަބުން މަސައްކަތް ނިންމަންޖެހޭ ދުވަހަށް މަސައްކަތް ނުނިމި ލަސްވުމުން، ލަސްވާ ކޮންމެ ދުވަހަކަށް އެއްބަސްވުމުގެ އަގުގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) ގެ މަގުން ލިކުއިޑޭޓަޑް ޑެމޭޖަސް ދެއްކުމަށް ނަމީރާއިން އެއްބަސްވެފައިވާތީ، ދެ ސަބްކޮންޓްރެކްޓުގެ 9.2 ވަނަ މާއްދާގެ ދަށުން، ލިކުއިޑޭޓަޑް ޑެމޭޖަސް ނެގިދާނެކަން. 14 ފެބުރުވަރީ 2008 ގައި ކުރެވުނު ސަބްކޮންޓްރެކްޓްގެ ދަށުން 18 ޖޫން 2012 ގެ ނިޔަލަށް ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި 4,527,540/27ރ. (ހަތަރުމިލިއަން ފަސްލައްކަ ހަތާވީސްހާސް ފަސްސަތޭކަ ސާޅީސްރުފިޔާ ހަތާވީސްލާރި) ނަމީރާގެ ފަރާތުން ޖައުސާއަށް ދައްކަންޖެހޭކަމަށް ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2011 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 5.11 ގެ (ހ) ގެ (ii) ގައި ބުނެފައިވެއެވެ. އަދި 10 އެޕްރީލް 2008 ގައި ކުރެވުނު ސަބްކޮންޓްރެކްޓުގެ ދަށުން 18 ޖޫން 2012 ގެ ނިޔަލަށް ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި 3,804,513/95ރ. (ތިންމިލިއަން އަށްލައްކަ ހަތަރުހާސް ފަސްސަތޭކަ ތޭރަރުފިޔާ ނުވަދިހަފަސްލާރި) ނަމީރާގެ ފަރާތުން ޖައުސާއަށް ދައްކަންޖެހޭނެކަމަށް ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2011 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާގެ 5.11 ގެ (ހ) ގެ (i) ގައި ބުނެފައި ވެއެވެ. ލިކުއިޑޭޓަޑް ޑެމޭޖަސް ގެ ގޮތުގައި ނަމީރާއިން ޖައުސާއަށް ދައްކަންޖެހޭ ޖުމްލަ އަދަދަކީ 8,332,054/22ރ. (އަށް މިލިއިން ތިންލައްކަ ތިރީސް ދެހާސް ފަންސާސް ހަތަރު ރުފިޔާ ބާވީސް ލާރި) އެވެ.
ހަތަރުވަނަ ކަމަކީ، ލިކުއިޑޭޓަޑް ޑެމޭޖަސް ކަނޑައެޅި ނުއެނގޭ ފަދައަކުން މާޒީއަށް ހިނގާގޮތަށް، ލިކުއިޑޭޓަޑް ޑެމޭޖަސް ނަގައިދެވޭނެ ތަނެއްނެތްކަން.
ފަސްވަނަ ކަމަކީ، ޖައުސާއާއި ނަމީރާއާ ދެމެދު ކުރެވުނު ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން ކުރަންޖެހޭ މަސައްކަތަށް ޖައުސާއިން ޚަރަދު ކޮށްފައިވާކަން އެނގެން އޮތަތީ ޖައުސާއިން ކޮށްފައިވާ ޚަރަދުގެ ބަދަލު ނަމީރާގެ ކިބައިން ލިބުމުގެ ޙައްޤު ޖައުސާއަށް ލިބިގެންވާކަން. 10 އެޕްރީލް 2008 ގައި ކުރެވުނު ސަބްކޮންޓްރެކްޓުގެ ދަށުން ޖައުސާއިން 1,694,227/14ރ. (އެއްމިލިއަން ހަލައްކަ ނުވަދިހަހަތަރުހާސް ދުއިސައްތަ ހަތާވީސްރުފިޔާ ސާދަލާރި) ޚަރަދުކޮށްފައިވާކަމަށް އަދި 14 ފެބުރުވަރީ 2008 ގައި ކުރެވުނު ސަބްކޮންޓްރެކްޓުގެ ދަށުން ޖައުސާއިން 2,108,544/18ރ. (ދެމިލިއަން އެއްލައްކަ އަށްހާސް ފަސްސަތޭކަ ސާޅީސްހަތަރުރުފިޔާ އަށާރަލާރި) ޚަރަދުކޮށްފައިވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2011 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 5.11 ގެ (ށ) ގައި ބުނެއެވެ.
ހަވަނަ ކަމަކީ، ޖައުސާއާއި ނަމީރާއާ ދެމެދު ކުރެވުނު ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން ކުރަންޖެހޭ މަސައްކަތް ޖައުސާއިން ކުރަންޖެހުން އެއީ ޖައުސާއިން އަންދާޒާކޮށްފައިނުވާ އަދި އެމައްޗަށް ރޭވުންތެރިކަމެއް ބަހައްޓާފައިނުވާ ކަންކަމަށްވާތީ، އެކަންކަމާ ގުޅިގެން ޖައުސާއިން އިތުރަށް ކުރަންޖެހުނު ޚަރަދުތަކުގެ ބަދަލު ނަމީރާގެ ކިބައިން ލިބިދިނުމަކީ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އަދި ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން ޢަދުލުވެރި ބަދަލެއްކަމުގައި ސިވިލް ކޯޓުން ދެކޭކަން. ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2011 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާގެ 5.11 ގެ (ނ) ގެ (ii) ގައި ބުނަނީ "... ނަމީރާ އިން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމުގައި ޖައުސާ އިން ބައިވެރިވި ބައިވެރިވުމަށް ދެ އެއްބަސްވުމަށް ހިނގާފައިވާ އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖަށްވާ ޖުމްލަ 950,692/83ރ. (ނުވަލައްކަ ފަންސާސްހާސް ހަސަތޭކަ ނުވަދިހަ ދެރުފިޔާ އަށްޑިހަ ތިންލާރި) އަކީ ނަމީރާ އިން ޖައުސާއަށް ދޭންޖެހޭ ބަދަލެއް ކަމަށެވެ." އަދި ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2011 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 5.11 ގެ (ނ) ގެ (iii) ގައި ބުނަނީ "ނަމީރާގެ ކިބައިން ބަދަލު ނަގައިދިނުމުގައި ދެފަރާތްދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ރިޓެންޝަން ފައިސާގެ ގޮތުގައި ނަމީރާ އިން ޖައުސާގައި ބަހައްޓާފައިވާ އެކުޖުމްލަ 306,099/40ރ. (ތިންލައްކަ ހަހާސް ނުވަދިހަނުވަރުފިޔާ ސާޅީސްލާރި) އުނިކުރަންޖެހޭނެކަމަށެވެ."
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމަވާފައިވާ ގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/332 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވަނީ، ޖައުސާއިން ޚަރަދުކޮށްފައިވާ ފައިސާއަށްވާ 3,802,771/32ރ. (ތިންމިލިއަން އަށްލައްކަ ދެހާސް ހަތްސަތޭކަ ހަތްދިހައެއް ރުފިޔާ ބައްތިރީސްލާރި) އާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ ދެ އެއްބަސްވުމުގެ ދަށުން ހިންގާފައިވާ އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖަށްވާ 950,692/83ރ. (ނުވަލައްކަ ފަންސާސްހާސް ހަސަތޭކަ ނުވަދިހަދެ ރުފިޔާ އަށްޑިހަތިން ލާރި) އަކީ ނަމީރާއިން ޖައުސާއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ތާއިދުކުރާކަމަށާއި، ދެ ފަރާތުން އެއްބަސްވެފައިވާ ދެ އެއްބަސްވުމުގެ ދަށުން ލިކިއުޑޭޓަޑް ޑެމޭޖެސްގެ ގޮތުގައި8,332,054/22 ރ. (އަށްމިލިއަން ތިންލައްކަ ބައްތިރީސްހާސް ފަންސާސްހަތަރު ރުފިޔާ ބާވީސް ލާރި) ނަމީރާއިން ޖައުސާއަށް ދައްކަންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ބާޠިލްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާކަމަށާއި، ދެ އެއްބަސްވުމުގެ ދަށުންވެސް ލިކުއިޑޭޓަޑް ޑެމޭޖަސްއަކީ ޖައުސާއަށް ނަގައިދެވޭނެ ފައިސާއެއްކަމާއި، އެހެންނަމަވެސް ލިކުއިޑޭޓަޑް ޑެމޭޖޭސް ނެގޭނެ މުއްދަތު ކަނޑައެޅުމަށްފަހު، އެ ފައިސާއިން ނަމީރާއިން ޖައުސާގައި ބަހައްޓާފައިވާ ރިޓެންޝަން ފައިސާއަށްވާ އަދަދު އުނިކުރުމަށްފަހު ނަމީރާއިން ޖައުސާއަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް މައްސަލަ ތަޙުވީލުކޮށް ޙުކުމްކޮށްށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބަލައެވެ.
ފުރަތަމަ ކަމަކީ، ދެ ސަބްކޮންޓްރެކްޓުގެ ދަށުން މަސައްކަތްކޮށް ނިންމަންޖެހެނީ ނަމީރާގެ އަމިއްލަ ޚަރަދުގައިކަމަށް ބަޔާންކޮށްފައިވީނަމަވެސް، ނަމީރާއަށް ކުރިމަތިވެފައިވާ މާލީ ސަބަބުތަކަށްޓަކައި، ޖައުސާގެ ފަރާތުން އެ ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ގަތުމަށްޓަކައި ފައިސާ ޚަރަދުކޮށްފައިވާކަން އެނގޭކަން.
ދެވަނަ ކަމަކީ، 14 ފެބުރުވަރީ 2008 އަދި 10 އެޕްރީލް 2008 ގައި ވެވުނު ދެ ސަބްކޮންޓްރެކްޓުގައިވާ މަސައްކަތް، އެ ދެ ސަބްކޮންޓްރެކްޓުގައި ކަނޑައަޅާފައިވާ ތާރީޚަށް ނިންމާފައިނުވާކަން މި މައްސަލާގައި ހުށަހެޅުނު ލިޔެކިޔުންތަކުންނާއި މައްސަލައާ ގުޅިގެން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭކަން.
ތިންވަނަ ކަމަކީ، ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން ކުރަންޖެހޭ މަސައްކަތް ފަށަންޖެހޭ ތާރީޚުކަމަށް ބަޔާންކޮށްފައިވަނީ، އެޑްވާންސް ފައިސާ ލިބޭތާ 15 ދުވަހުގެ ތެރޭގައިކަމަށްވާއިރު، އެޑްވާންސް ފައިސާ ލިބިފައިނުވާތީ މަސައްކަތް ލަސްވަމުންދާވާހަކަ ނަމީރާގެ ފަރާތުން ޖައުސާއާ ޙިއްޞާކޮށްފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ އެއްވެސް ލިޔުމަކުން އެނގެން ނެތްކަން އަދި މަސައްކަތް ލަސްވުމުގެ ސަބަބުން އެއްބަސްވުމުގައިވާ މުއްދަތުގައި މަސައްކަތް ނުނިމިދާނެކަން އަންގައި، ނުވަތަ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ނަމީރާއިން ޖައުސާގައި އެދިފައިވާކަން ހުށަހެޅިފައިވާ އެއްވެސް ލިޔުމަކުން އެނގެން ނެތްކަން.
ހަތަރުވަނަ ކަމަކީ، ޢިމާރާތުގެ "މޭސަންރީ ވޯރކްސް" ނުނިމި ލަސްވެފައިވާކަން ނުވަތަ "ސްކޯޕް އޮފް ވޯރކްސް" އަށް ބަދަލުތަކެއް އައިސްފައިވާކަން ނަމީރާގެ ފަރާތުން މި މައްސަލައިގައި ހުށަހެޅި އެއްވެސް ލިޔުމަކުން އެނގެންނެތްކަން.
ފަސްވަނަ ކަމަކީ، ސައިޓް އިންޖިނިއަރ، ފަސްޓް ލެފްޓިނެންޓް އަޙްމަދު ޝާރިމުގެ ހެކިބަހުން، ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާގެ ފަރާތުން ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭ މުއްދަތުގައި ކޮށްނިންމާފައި ނުވަނީ ޖައުސާއިން ފަހިކޮށްދޭންޖެހޭ ކަންކަން ފަހިކޮށް ނުދިނުމުގެ ސަބަބުން ކަން އެނގެން ނެތްކަން.
ހަވަނަ ކަމަކީ، އެމް.އެން.ޑީ.އެފް ގެ އެޕްރޫވަލް ހޯދަންޖެހޭ، މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ، އެޕްރޫވަލް ހޯދުމަށް ނަމީރާއިން އެދިފައިވާ ތާރީޚުތައް އެނގެން ނެތްކަމާއި އަދި އެގޮތަށް އެދުމަށްފަހު، އެމް.އެން.ޑީ.އެފް އިން އެޕްރޫވަލް ދިނުމަށް ދިގު މުއްދަތެއް ނަގާގައިވާކަން އެނގޭނެފަދަ އެއްވެސް ކިތާބީ ހެއްކެއް ނަމީރާއިން ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާކަން.
ހަތްވަނަ ކަމަކީ، އެމް.އެން.ޑީ.އެފް އާއި ޖައުސާއާ ދެމެދު ކުރެވުނު މައި ކޮންޓްރެކްޓުގެ މުއްދަތު އެކި ފަހަރުމަތިން އިތުރުކޮށްދީފައިވީ ނަމަވެސް، ދެ ސަބްކޮންޓްރެކްޓުގެ މުއްދަތު އިތުރު ކޮށްދިނުމަކީ ޖައުސާއާއި ނަމީރާއާ ދެމެދު ވެފައިވާ ދެ ސަބްކޮންޓަރެކްޓުގެ މުއްދަތު އޮޓޮމެޓިކުން އިތުރުވާނެ ސަބަބެއް ނޫންކަން. އަދި ނަމީރާއިން، ދެ ސަބްކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް އެދި ޖައުސާގައި އެއްވެސް ފަހަރަކު އެދިފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތްކަން.
އަށްވަނަ ކަމަކީ، މަސައްކަތުގެ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ނުނިމި، ލަސްވެފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2011 ޤަޟިއްޔާގައި ސާބިތުނުވާކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަން.
ނުވަވަނަ ކަމަކީ، ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން އަދާކުރަންޖެހޭ އިލްތިޒާމްތައް ނަމީރާއިން އަދާކުރުމަށް ނުކުޅެދުމުގެ ސަބަބުން ދެ ސަބްކޮންޓްރެކްޓުގެ ދަށުން އުފެދޭ ކަންކަމުގެ އަސަރު އެމް.އެން.ޑީ.އެފް އާއި ޖައުސާއާ ދެމެދު ކުރެވުނު މައި ކޮންޓްރެކްޓަށް ފޯރާނެކަމަށްޓަކައި، އަދި އެފަދަ ކޮންމެ ކަމަކީ އެކަމުގެ ޒިންމާ އެމް.އެން.ޑީ.އެފް އާއި ޖައުސާއާ ދެމެދު ކުރެވުނު މައި ކޮންޓްރެކްޓުގެ ކޮންޓްރެކްޓަރގެ ހައިސިއްޔަތުން ޖައުސާއިން އުފުލަންޖެހޭ ކަމަށްވާތީ، ނަމީރާއިން އަދާކުރަންޖެހޭ އިލްތިޒާމް އަދާކުރުމަށް ނަމީރާއިން ނުކުޅެދުމުގެ ސަބަބުން، ނަމީރާއިން އަދާކުރަންޖެހޭ އިލްތިޒާމްތަކާއި މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ޖައުސާއިން މާލީ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުންނާއި ތަކެތީގެ ގޮތުން އެ މަސައްކަތުގައި ހިއްސާވެފައިވާކަން ދެ ފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގެން އޮތަތީ، ޖައުސާއިން އަންދާޒާ ކޮށްފައިނުވާނެ އަދި އެ މައްޗަށް ރޭވުންތެރިކަން ބަހައްޓާފައިނުވާނެ ކަންކަމަށް ވާތީއާއި އެކަންކަން އެގޮތުގައި ޖައުސާއިން ކުރަންޖެހުމުން އަދި އެކަންކަން ޖައުސާއިން ކުރަންޖެހުނީ ނަމީރާގެ ސަބަބުން ކަމަށްވާތީ، އެކަންކަމާ ގުޅިގެން ޖައުސާއިން އިތުރަށް ކުރަންޖެހުނު ޚަރަދުތަކުގެ ބަދަލު ނަމީރާގެ ކިބައިން ޖައުސާއަށް ލިބިދެވުމަކީ މި މައްސަލާގައި ކަންހިނގާދިޔަ ގޮތަށް ބަލާއިރު، އަދި ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ޢަދުލްވެރި ބަދަލެއްކަމަށް ޝަރީޢަތަށް ފެންނަކަން.
ދިހަވަނަ ކަމަކީ، އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖް ޝަރީޢަތުން ނަގައިދިނުމަށް ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނުނީ އުޞޫލުތަކާ ޚިލާފުވާގޮތެއް ނަމީރާއަށް ބުނެދެވިފައިނުވާކަން.
އެގާރަވަނަ ކަމަކީ، އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖައުސާއިން ކޮންމެ އެއްބަސްވުމަކަށް ޚަރަދުކުރި އަދަދުގެ %10 (ދިހައެއް އިންސައްތަ) ކަން އަދި ފައިނޭންސް ޗާޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖައުސާއިން ކޮންމެ އެއްބަސްވުމަކަށް ޚަރަދުކޮށްފައިވާ ޚަރަދުގެ %15 (ފަނަރަ އިންސައްތަ) ކަން ސިވިލް ކޯޓަށް ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގޭކަން.
ބާރަވަނަ ކަމަކީ، އެއްބަސްވުންތަކުގައިވާ ގޮތަށް ނަމީރާގެ އަމިއްލަ ޚަރަދުގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ނަމީރާއިން ނުކުޅެދުމުގެ ސަބަބުން ޖައުސާއިން ނަމީރާއަށް ފައިސާ ދީފައިވާކަން އެނގޭތީ، އެފައިސާ ޖައުސާއިން ނަމީރާއަށް ދައްކަންޖެހޭ އަދަދުން އުނިކުރަން ދެފަރާތުން އެއްބަސްވިކަމަށް ނަމީރާއިން ހައިކޯޓުގައި ފާހަގަކުރިނަމަވެސް، ބުނެވިދިޔަގޮތަށް އުނިކުރަން އެއްބަސްވީ ނަމީރާއިން މަސައްކަތްތައް ނިމުނުވަރަކުން އިންވޮއިސް ފޮނުވުމުން ކަމަށާއި އަދި މިހާތަނަށް ނަމީރާއިން ޖައުސާއަށް ފޮނުވާފައިހުރި އިންވޮއިސްތަކަށް ފައިސާ ދައްކާފައިވާނެކަމަށް ޖައުސާއިން ބުނެފައިވާއިރު، އަދި ޖައުސާއިން ނަމީރާއަށް ކޮންމެވެސް އަދަދެއްގެ ފައިސާ ލިބިފައިވާކަމާ މެދު ނަމީރާއިން ވެސް އިންކާރުކޮށްފައި ނުވާތީ، ޖައުސާއަށް ފައިސާ ދެއްކުމަށް އަންގައި ފޮނުވާފައިވާ އިންވޮއިސްއަކަށް ޖައުސާއިން ފައިސާ ދައްކާފައިނުވާކަން ނަމީރާއަށް ސާބިތުކޮށްދެވިފައި ނުވާކަން.
ތޭރަވަނަ ކަމަކީ، ލިކުއިޑޭޓަޑް ޑެމޭޖަސް (ކޮންޓްރެކްޓް ޕްރައިސްގެ ދަށުން ދުވާލަކަށް 0.1% (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ)) ހިސާބުކޮށްފައިވަނީ 18 ޖޫން 2012 ގެ ނިޔަލަށްކަމަށްވާއިރު، އެ މަސައްކަތަކީ އެއިރުވެސް ދެފަރާތް ދެމެދު ވެފައިވާ ދެ ސަބްކޮންޓްރެކްޓުގެ ދަށުން އެމް.އެން.ޑީ.އެފް އާއި ޖައުސާއާ ދެމެދު ކުރެވުނު މައި ކޮންޓްރެކްޓުގެ ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން ޖައުސާއިން ކުރަމުން ދިޔަ މަސައްކަތެއްކަން ސިވިލް ކޯޓުން ކަށަވަރު ކޮށްފައިނުވާތީ، އަދި އެމް.އެން.ޑީ.އެފްގެ ކުރިމަތީގައި ޖައުސާއިން އުފުލަންޖެހޭ ޒިންމާތައް ނިމުމަކަށް އައިސްފައިވާ ތާރީޚެއް ކަށަވަރުކުރުމަށްފަހު ޖައުސާއާއި ނަމީރާއާ ދެމެދު ވެވުނު ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނެގޭނެ ލިކުއިޑޭޓަޑް ޑެމޭޖަސް ނެގޭނީ އެމް.އެން.ޑީ.އެފް ގެ ކުރިމަތީގައި ޖައުސާއިން އެ ދެ ސަބްކޮންޓްރެކްޓުގެ ދަށުން އުފުލަންޖެހޭ ޒިންމާތައް ނިމުމަކަށް އައިސްފައިވާ ތާރީޚުގެ ނިޔަލަށް ކަމަށް ހައިކޯޓުގެ މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުން އިއްތިފާޤުވެފައިވާކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/332 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ގޮތުން، ނަމީރާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މައިގަނޑު 6 (ހައެއް) ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޖައުސާއާއި އެމް.އެން.ޑީ.އެފްއާ ދެމެދު ވެފައިވާ މައި ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށްދީފައިވާއިރު، އެ މުއްދަތަކީ މަސައްކަތުގެ ބާވަތާ ގުޅިގެން ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއަށް ވެސް ލިބެންޖެހޭ މުއްދަތެއް ކަމަށްވާއިރު، އެ މުއްދަތު ލިބިދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ދެ ސަބްކޮންޓްރެކްޓުގެ 9.1 ވަނަ މާއްދާއަށް ބަލާއިރު، ދެ ސަބްކޮންޓްރެކްޓުގައި ސޮއިކުރެވުނު ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެޑްވާންސް ޕޭމަންޓް ލިބެންޖެހޭނެ ކަމަށާއި ދެ ސަބްކޮންޓްރެކްޓުގެ 11.1 ވަނަ މާއްދާގައި ބުނަނީ މަސައްކަތް ފަށަން ޖެހެނީ އެޑްވާންސް ޕޭމަންޓް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކަމަށާއި 14 ފެބުރުވަރީ 2008 ގައި ސޮއިކުރި ސަބްކޮންޓްރެކްޓުގެ ދަށުން ލިބެންޖެހޭ އެޑްވާންސް ޕޭމަންޓް ލިބިފައިވަނީ އޭގެ 4 (ހަތަރެއް) މަސްދުވަސް ފަހުންކަމަށާއި އެޑްވާންސް ފައިސާ ނުދީވާކަން ސާބިތު ކުރެވޭނަމަ، އެކަމުގެ މައްޗަށް ކޮންޓްރެކްޓުގެ ތަރަހައިގެ ތެރެއިން ލިބެންޖެހޭ ލުއިތައް މައުސޫމު ފަރާތަށް ލިބިދީފައިވޭތޯ ނުވަތަ ނުވޭތޯ ޝަރީޢަތުން ބަލައި، އެފަދައިން މައުސޫމު ފަރާތަށް ޙައްޤު ހޯދައިދިނުމަކީ ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ބަލަންޖެހޭ ކަމެއްކަމަށާއި އެހެންނަމަވެސް މިއިން އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
ތިންވަނަ ނުކުތާއަކީ، ނަމީރާއާއި ޖައުސާއާ ދެމެދު ކުރެވިފައިވާ ދެ ސަބްކޮންޓްރެކްޓުގެ ދަށުން މަސައްކަތް ނިންމަންޖެހޭ ތާރީޚަށް މަސައްކަތް ނިންމިފައިނުވާ ސަބަބަކީ ދެ ސަބްކޮންޓްރެކްޓުގެ ދަށުން ކުރަންޖެހުނު މަސައްކަތުގެ "ސްކޯޕް އޮފް ވޯރކްސް" ބަދަލުވެގެންކަމަށާއި "މޭސަންރީ ވޯރކްސް" ނިމިފައިނުވާތީ އާއި އެމް.އެން.ޑީ.އެފް އިން އެޕްރޫވް ކުރަންޖެހޭ ބައެއް ކުރެހުންތައް އެޕްރޫވް ނުވެ ލަސްވުމުގެ ސަބަބުން ކަމާއި އެއީ ނަމީރާގެ ބާރުން ބޭރުގައިވާ ކަމަކުން މަސައްކަތް ލަސްވުން ކަމަށް ބަލަންވާނެކަމަށާއި، އިމާރާތުގެ ބައެއް ފްލޯތަކުގެ ފްލޯ ޕްލޭންތަކަށް ފަހުންގެނެވުނު ބަދަލުތަކާ ގުޅިގެން ކުރަންޖެހުނު މަސައްކަތުގެ ކުރެހުން މުޅިން ބަދަލުވެގެން ދިޔަކަމަށާއި، އައު "ފްލޯ ޕްލޭން" އާ އެއްގޮތަށް ފާރުތައް ނުރޭނިހުރެ އެ ފާރުތަކުގައި އަޅަންޖެހޭ ވަޔަރިންގ މަސައްކަތް ނުނިމޭނެކަމުގެ މައްޗަށް ނަމީރާއިން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ބަލައި ވަޒަންކޮށްފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، ޖައުސާގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައި، ހޯދުމަށް އެދިފައިވާ އަދި ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނެގުމަށް ޙުކުމް ކުރައްވާފައިވާ އެޑްމިނިސްޓްރޭޓިވް ޗާޖާއި، ފައިނޭންސް ޗާޖަކީ ދެފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވެފައިވާ ބަދަލުތަކެއް ނުވަތަ ގެއްލުންތަކެއް ނޫންކަމަށާއި، އަދި އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖުގެ ގޮތުގައި ނެގުމަށް ކަނޑައަޅާފައިވާ މިންވަރަށް ޖައުސާއަށް ގެއްލުން ލިބިފައިވާކަން އެފަރާތަށް މުސްތަޤިއްލު ގޮތެއްގައި ސާބިތު ކުރެވިފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
ފަސްވަނަ ނުކުތާއަކީ، ނަމީރާއާއި ޖައުސާއާ ދެމެދު ކުރެވުނު ދެ ސަބްކޮންޓްރެކްޓުގައި މަސައްކަތް ނިންމުމަށް އޮންނަ ތާރީޚަށް މަސައްކަތް ނުނިމިއްޖެނަމަ، ފާއިތުވެގެންދާ މުއްދަތަކަށް ކޮންމެ ދުވަހަކަށް ހިސާބު ކުރެވޭ މިންވަރަކުން ނެގޭނެ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ވާހަކަ އެއްބަސްވުމުގެ 9.2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި ލިކުއިޑޭޓަޑް ޑެމޭޖަސް ނެގެންޖެހޭނީ ސީދާ ނަމީރާގެ އިހުމާލުން ދެ ސަބްކޮންޓްރެކްޓުގައިވާ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަށް މަސައްކަތް ނުނިމި ލަސްވެގެން ގޮސްފިނަމަ ކަމަށާއި، އެހެންނަމަވެސް، ޖައުސާއާއި އެމް.އެން.ޑީ.އެފް އިން ފަހިކޮށްދޭންޖެހޭ ކަންކަން ދެ ސަބްކޮންޓްރެކްޓުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ފުރިހަމަ ކުރެވިފައިނުވާކަން އެ ދެ ފަރާތުން ބަދަލުކޮށްފައިވާ ސިޓީތަކުން ސާފުކޮށް އެނގޭއިރު، ދެ ސަބްކޮންޓްރެކްޓުގައިވާ ތާރީޚަށް އެކަނި ބަލައި، މައްސަލައިގެ އިތުރު ވާޤިޢާއަކަށް ބެލުމެއްނެތި، ލިކުއިޑޭޓަޑް ޑެމޭޖަސް ނަގައިދިނުމަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ނުޙައްޤުން ލިބޭ މަންފާއެއް ކަމަށާއި، މިޙާލަތުގައި ލިކުއިޑޭޓަޑް ޑެމޭޖަސް ނަގަންޖެހޭ ފުރުޞަތެއް ނެތަތީ ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާގައި ކުރައްވާފައިވާ ޙުކުމަކީ އިންސާފުވެރި އަދި ޢަދުލުވެރި ޙުކުމެއްކަމަށް ނުދެކޭކަމަށް ބުނެ ފާހަގަކުރި ނުކުތާ.
ހަވަނަ ނުކުތާއަކީ ނަމީރާއާއި ޖައުސާއާ ދެމެދު ކުރެވިފައިވާ އެއްބަސްވުންތަކުގެ ދަށުން ނަމީރާގެ ފަރާތުންކޮށްފައިވާ މަސައްކަތްތަކަށް ޖައުސާއިން ފައިސާ ދައްކާފައިނުވާ ކަމަށާއި، މިގޮތުން އެ ދެ އެއްބަސްވުމުގެ ދަށުން ޖައުސާއިންކޮށްފައިވާ ޚަރަދުކަނޑައި ނަމީރާއަށް ދެ އެއްބަސްވުމުގެ ދަށުން އެކު ޖުމްލަ 1,536,615/91ރ. (އެއްމިލިޔަން ފަސްލައްކަ ތިރީސްހަހާސް ހަ ސަތޭކަ ފަނަރަ ރުފިޔާ ނުވަދިހަ އެއް ލާރި) ލިބެންޖެހި ނުލިބިވާކަމަށް ބުނެ މި މައްސަލައިގެ ތެރެއިން ސިވިލް ކޯޓުގައި ނަމީރާގެ ފަރާތުން ރައްދު ދަޢުވާ ކޮށްފައިވާކަމަށާއި، މަސައްކަތްކޮށް ނިންމާފައިވީނަމަވެސް، އިންވޮއިސް ނުކޮށްވާކަމުގެ މައްޗަށް އެކަނި ބައްލަވައި، އަދި އިންވޮއިސް ނުކޮށްވަނީ ކޮން ސަބަބަކާހެދި ކަން ބެއްލެވުމެއްނެތި ސިވިލް ކޯޓުން މި ރައްދު ދަޢުވާގައި ނަމީރާގެ ފަރާތުން އެދިފައިވާ ޤާނޫނީ ފަރުވާ ލިބިދީފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/332 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ނަމީރާއިން ހުށަހަޅާފައިވާ ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން ޖައުސާއިން މައިގަނޑު 4 (ހަތަރު) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ހެކީގެ ގޮތުގައި ދަށުކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަނާޅާ އިސްތިއުނާފީ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ފެށުނުފަހުން، އިތުރު ލިޔެކިއުން ހުށަހެޅުމުގެ ފުރުޞަތު ދެވިގެން ދިއުމަކީ ޖައުސާގެ ޙައްޤަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާ.
ދެވަނަ ނުކުތާއަކީ، ދެ ސަބްކޮންޓްރެކްޓުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓް ހަމައަށް ނަމީރާއާ ހަވާލުކުރެވިފައިވާނެ ކަމަށާއި އެކަން ލިޔުމުން ސާބިތުކޮށްދެވިފައި ވާނެކަމަށާއި އެޑްވާންސް ފައިސާދިނުން ލަސްވެފައި ނުވާނެކަމަށް ބުނެ ޖައުސާއިން ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ނަމީރާއިން ކުރަން ޙަވާލުވި މަސައްކަތް ކުރުން ލަސްވެފައިވާކަން ލިޔެކިޔުންތަކުގެ ތާރީޚަށް ބެލުމުން ސާބިތުވާކަމަށާއި އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚުގެ ފަހުންވެސް ނަމީރާގެ މަދު މުވައްޒަފުންލައްވައި މަސައްކަތް ކުރުވާފައިވަނީ ދެ ސަބްކޮންޓްރެކްޓަށް ބަދަލުތަކެއް ގެނެސްގެން ނޫންކަމަށާއި ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގައި ބުނާފަދަ ލުޔެއް ލިބިގެންވެސް ނޫން ކަމަށާއި އެއްބަސްވުމުގައި، މަސައްކަތް ވަގުތަށް ނުނިންމައިފިނަމަ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ލަސްވާ ކޮންމެ ދުވަހަކަށް ކޮންޓްރެކްޓް އަގުގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) ޗާޖުކުރެވޭނެ ކަމަށް އެއްބަސްވެފައި އޮތަތީ، ލަސްވާ ލަސްވުމަށް ޖޫރިމަނާ ދޭންޖެހޭނެކަމަށާއި ދެ ސަބްކޮންޓްރެކްޓުގެ 10.3 ވަނަ މާއްދާގައިބުނާ އިތުރު މުއްދަތު ދޭންޖެހޭ ޙާލަތު ވުޖޫދުގައި ނުވަނީސް އޮޓޮމެޓިކުން މަސައްކަތް ނިންމުމަށް ލިކިއުޑޭޓަޑް ޑެމޭޖަސް ނުހިނގާގޮތަށް އިތުރު މުއްދަތު ދިނުމަކަށް ޖައުސާގެ މައްޗަކަށް އެއްބަސްވުން ލާޒިމެއް ނުކުރާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، ނަމީރާއިން މަސައްކަތް ނިންމުމަށް ލަސްވުމުގެ ސަބަބުން ޖައުސާއަށްވި ގެއްލުން ނަމީރާއިން ފޫބައްދައިދޭން ޖެހޭނެ ކަމަށާއި އެޑްމިނިސްޓްރޭޓިވް ކޯސްޓް، ފައިނޭންސް ކޯސްޓް އަދި މަސައްކަތުގެ އަގު ނަމީރާގެ އަތުން ލިބިގަތުމަކީ ޖައުސާގެ އަތުންދިޔަ ސީދާ ޚަރަދު ނަމީރާގެ އަތުން ޖައުސާއަށް ލިބިގެން މެނުވީ ޖައުސާއަށް ލިބެންޖެހޭ ޙައްޤު ނަފާ ރިކަވަރ ކުރެވޭނެ ހަމައެކަނި ގޮތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކަށް ޤާނޫނު ޠަޠުބީޤު ކުރުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނެގޮތް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާގޮތަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވެނީ އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަތުތަކެއް ހުރެއްޖެނަމަ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމައެވެ. ޖައުސާގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާއަށާއި ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި ފާހަގަ ކުރި ކަންކަމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި ފާހަގަކުރި ކަންކަމަށާއި ނަމީރާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކަށާއި ޖައުސާގެ ފަރާތުން ދިފައިވާ ޖަވާބަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނު ޠަޠުބީޤުކޮށް ގޮތް ނިންމަންޖެހޭ މައިގަނޑު 4 (ހަތަރެއް) ކަމެއް އޮތްކަމަށް އަހުރެން ދެކެމެވެ.
ފުރަތަމަ ކަމަކީ، ނަމީރާއާއި ޖައުސާއާ ދެމެދު ކުރެވުނު ދެ ސަބްކޮންޓްރެކްޓުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ނަމީރާއިން ނިންމަން އެއްބަސްވި މަސައްކަތް ނަމީރާއަށް ދިމާވި ދަތިތަކާހެދި ނުކުރެވި ލަސްވާތީ ނަމީރާގެ އެދުމަށް ޖައުސާއިން ތަކެތީގެ ގޮތުންނާއި ފައިސާގެ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ދިނުން، ކޮންޓްރެކްޓެއްގެ ގޮތުގައި ތަންފީޒު ކުރެވެންޖެހޭ ޤާނޫނީ ހަމައަކީ ކޮބައިތޯ ބެލުން. ("ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނު ޠަޠުބީޤުކޮށް ގޮތް ނިންމަންޖެހޭ ފުރަތަމަ ކަންތައް").
ދެވަނަ ކަމަކީ، ދެފަރާތް ދެމެދު ކުރެވިފައިވާ ދެ ސަބްކޮންޓްރެކްޓުގައި ހިމެނިފައިނުވާ އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖު، ނަމީރާގެ އެދުމަށް ޖައުސާއިން އިތުރަށް ކުރި ޚަރަދުގެ %10 (ދިހައެއް އިންސައްތަ) އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި އަދި ފައިނޭންސް ޗާޖުގެ ގޮތުގައި ޖައުސާއިން އިތުރަށް ކުރި ޚަރަދުގެ %15 (ފަނަރަ އިންސައްތަ) އަކީ ޤާނޫނީ ހަމަތަކުގެ މަތިން ނަގައިދެވިދާނެ އެއްޗެއްތޯ ބެލުން. ("ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނު ޠަޠުބީޤުކޮށް ގޮތް ނިންމަންޖެހޭ ދެވަނަ ކަންތައް")
ތިންވަނަ ކަމަކީ، ޖައުސާއާއި ނަމީރާއާ ދެމެދު ކުރެވުނު ދެ ސަބްކޮންޓްރެކްޓުގެ 9.2 ވަނަ މާއްދާގައި ބުނާ ލިކުއިޑޭޓަޑް ޑެމޭޖަސް ނަގައިދެވިދާނެތޯ ބެލުން. ("ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނު ޠަޠުބީޤުކޮށް ގޮތް ނިންމަންޖެހޭ ތިންވަނަ ކަންތައް")
ހަތަރުވަނަ ކަމަކީ، ނަމީރާއިން ކުރި ރައްދު ދަޢުވާ ޞައްޙަތޯ ބެލުން. ("ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނު ޠަޠުބީޤުކޮށް ގޮތް ނިންމަންޖެހޭ ހަތަރުވަނަ ކަންތައް")
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނު ޠަޠުބީޤުކޮށް ގޮތް ނިންމަންޖެހޭ ފުރަތަމަ ކަންތައް
ދެ ސަބްކޮންޓްރެކްޓުގައި ހިމެނޭ މަސައްކަތް ފުރިހަމަކުރުމުގައި މާލީގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުންނާއި ތަކެތީގެ ގޮތުން ޖައުސާއިން ނަމީރާއާށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ދެފަރާތުގެ ބަހުން އެނގެއެވެ. ނަމީރާގެ އެދުމަށް، ޖައުސާއިން އެހީތެރިކަން ފޯރުކޮށްދިން ދިނުމަކީ ތަންފީޒުވަމުންދިޔަ ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން އަދާކުރަންޖެހޭ ޒިންމާ ނުވަތަ އެ ޒިންމާއިން ބައެއް ޖައުސާއިން އަދާކުރުމެވެ. މި އައު މުޢާމަލާތަކީ، ކޮންޓްރެކްޓެއް އުފަންކުރުވި މުޢާމަލާތެއްތޯ ބަލާއިރު، މި މުޢާމަލާތުގައި ކޮންޓްރެކްޓެއްގައި ހުރުން ޤާނޫނު ލާޒިމްކުރާ އުންޞުރުތައް ހަމަވެފައި، އަދި އެއިން އުންސުރެއް ނަފީކުރާ އެހެން ސަބަބަބެއް ނެތް ނަމަ، ދެ ފަރާތުންމެ އައު ކޮންޓްރެކްޓާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން ތަންފީޒު ކުރަންޖެހޭނެއެވެ. ކޮންޓްރެކްޓެއްގައި ހުރުމަށް އާންމު ގޮތެއްގައި ބޭނުންވާ އުންޞުރުތަކަކީ، ހުށަހެޅުމާއި ޤަބޫލު ކުރުމާއި މުޤާބިލާއި ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުމާއި ކޮންޓްރެކްޓެއް އުފެއްދުމުގެ ޤާބިލިއްޔަތުކަން އޮތުމުގެ އިތުރަށް ރުހުން އޮތުމެވެ. ދެފަރާތް ދެމެދު ބަދަލު ކުރެވިފައިވާ ލިޔުންތަކަށާއި ކޯޓު މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދެފަރާތް ދެމެދުގައި ވާހަކަދެކެވި ލިޔެކިއުން ބަދަލުކުރެވި، ހުށަހެޅުމާއި ޤަބޫލުކުރުން އެކުލެވި، ގާނޫނީ ގޮތުން ގުޅުން އުފެއްދުމުގެ ނިޔަތުގައި ދެފަރާތުން މަސައްކަތްކޮށްފައިވާކަން އެނގެއެވެ. އަދި ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތުކަން އޮތުމުގެ އިތުރަށް ރުހުން އޮތްކަން، މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި 20 ޖުލައި 2020 ގައި ބޭއްވުނު ތިންވަނަ އަޑުއެހުމުގައި ނަމީރާއިން ދައްކާފައިވާ ވާހަކައިން އެނގެއެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނު ބުނަނީ ޤާނޫނު އެހެންގޮތަކަށް ކަނޑާނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫން ކަމަށެވެ. އަދި ކޮންޓްރެކްޓުކުރެވޭ ގޮތަކީ އެކަކު އަނެކަކުގެ މައްޗަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލު ކުރުމެވެ. ޙަސަން ޙަލީމް ވ ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ގައި ކޮންޓްރެކްޓް އޮންނަގޮތާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނަނީ:
"ޤާނޫނުގައި ވަކި ޚާއްޞަގޮތަކަށް އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމްނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ 'ރިޟާއީ' (consensual) ކޮންޓްރެކްޓެއްކަމާއި، އެފަދަ ކޮންޓްރެކްޓަކީ، އޭގެ ޒާތުގައި ކިތާބީ ކޮންޓްރެކްޓަކަށް ވާން ނުޖެހޭކަމާއި، ޘާބިތުކުރުމަށްޓަކައި ލިޔެވިފައި އޮތުން ޝަރުޠުކުރެވުމަކީ އޭގެ ޒާތުގައި ކޮންޓްރެކްޓުގެ ވުޖޫދު ނަފީކުރެވޭނެކަމެއް ނޫންކަމާއި، ކޮންޓްރެކްޓުގެ ވުޖޫދަކީ ތަފާތު ވަސީލަތްތަކުން ޘާބިތު ކުރެވިދާނެ އެއްޗެއްކަން އެނގެން އޮންނަ ކަމެވެ."
ތަންފީޒުވަމުންދިޔަ ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށް ނަމީރާއިން ނުކުޅެދުމުގެ ސަބަބުން، ޖައުސާގެ އެހީތެރިކަމަށް އެދުމުން އެކަމުގައި ޖައުސާއިން އެހީތެރިވި އެހީތެރިވުމުގެ މުޤާބިލަކީ ކޮބައިތޯ ބަލާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނު ގައި މުޤާބިލާބެހޭ ގޮތުން އެއްވެސް އުޞޫލެއް ކަނޑައަޅާފައި ނުވާކަން ފާހަގަ ކުރަމެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އެ ނިންމުންތަކުގައި މުޤާބިލަކީ ކޮންޓްރެކްޓް ފުރިހަމަވުމަށް ކޮންމެހެން ފުރިހަމަވާންޖެހޭ އުންޞުރެއްކަމަށް ޤަބޫލުކޮށްފައިވެއެވެ. މިގޮތުން ފާހަގަ ކުރެވޭ އެއް ނިންމުމަކީ އިބްރާހިމް ރަޝީދު މޫސާ، ޢަބްދުﷲ ފާރޫޤު ޙަސަން ވ. މުޙައްމަދު ޒާހިރު ޙުސައިން އެވެ. މި ޤަޟިއްޔާގައި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވެފައިވަނީ: "... އެއްބަސްވުމުގެ ބައިވެރިންނަށް އިލްތިޒާމެއް އަދި އެ ބައިވެރިން މި މުޢާމަލާތަށް ދޭ ހިއްސާއެއްވެސް ބަޔާންކުރެވިފައިނުވާއިރު، މި އެއްބަސްވުމުގެ ދަށުން ބަދަލުކުރެވޭ މުޤާބިލެއް ނެތްކަން އެނގޭހިނދު، އެ އެއްބަސްވުމަކީ އޭގެ ޒާތުން އެ މައްޗަށް ޢަމަލުކުރެވޭނެ ފަދައަކުން އަދި ޤާނުނީގޮތުން ބަނދެވޭނެ ފަދައަކުން އޮތް އެއްބަސްވުމެއް ނޫން ކަމަށެވެ".
ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ ބޭނުމަށް މުޤާބިލަކީ ކޮންޓްރެކްޓެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރަތަށް ވާ ވައުދެއްގެ ރައްދުގައި ވައުދު ރައްދުވާ ފަރާތުން ވައުދުވީ ފަރަތަށް ދޭ އަގު ނުވަތަ ކޮށްދޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ނުވަތަ ދޫކޮށްލާ ހައްގެވެ. ކޮންޓްރެކްޓެއްގައި މުޤާބިލް އެކުލެވިފައިވޭތޯ ދެނެގަތުމުގައި ކޮންޓްރެކްޓް ކުރި ފަރާތްތަކުން ކޮންޓްރެކްޓް ކުރުމުގެ މަޤްޞަދަށް ބަލަންޖެހޭނެއެވެ. މުޤާބިލުގައި ދޭވޭ ނުވަތަ ބަދަލުކުރެވޭ އެއްޗަކީ އަގު ކުރެވޭ އެއްޗަކަށް ވުން ލާޒިމްވާނެއެވެ.
ޖައުސާއާއި ނަމީރާއާ ދެމެދު ވެފައިވާ ދެ ސަބްކޮންޓްރެކްޓް ގައި ބުނާ މަސައްކަތް ނިންމުމަށް ނަމީރާގެ އެދުމަށް ޖައުސާއިން މާލީ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުންނާއި ތަކެތީގެ ގޮތުން ދިން އެހީތެރިކަމަކީ ޖައުސާއިން މި އެއްބަސްވުމަށް ދިން މުޤާބިލެވެ. އަދި ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނަމީރާއިން ނިންމަންޖެހޭ މަސައްކަތް ނިންމުމަށް މަގު ފަހިވުމަކީ އޭގެ ފައިދާ ނަމީރާއަށް ލިބުމެވެ.
ދެފަރާތް ދެމެދު ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ޖައުސާއިން ކުރި ޚަރަދު އަނބުރާ ދެއްކުމަށް ނަމީރާއިން އެއްބަސްވެފައިވާކަން މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި 2017 އޮގަސްޓު 02 ވަނަ ދުވަހު ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި ނަމީރާއިން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
ދެ ސަބްކޮންޓްރެކްޓުގެ ދަށުން، ނަމީރާއިން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށް ނުކުޅެދުމުގެ ސަބަބުން، ނަމީރާއިން ޖައުސާގެ އެހީތެރިކަމަށް އެދުމުން، ނަމީރާއިން ޖައުސާއަށް އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވި އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ދެމެދުގައި އުފެދުނު އައު ކޮންޓްރެކްޓަކީ ކޮންޓްރެކްޓެއްގައި ހުރުން ޤާނޫނު ލާޒިމްކުރާ އުންޞުރުތައް ފުރިހަމަވާ ކޮންޓްރެކްޓަކަށްވާތީ މި އައު ކޮންޓްރެކްޓަށް ދެފަރާތުން ޙުރުމަތްތެރިކޮށް ހިތަންޖެހޭނެކަމަށް އަހުރެން ދެކެމެވެ.
ސުޕްރީމް ކޯޓުން ޤާނޫނު ޠަޠުބީޤުކޮށް ގޮތް ނިންމަންޖެހޭ ދެވަނަ ކަންތައް
ދެ ސަބްކޮންޓްރެކްޓުގެ ދަށުން، ނަމީރާއިން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށް ނުކުޅެދުމުގެ ސަބަބުން، ނަމީރާއިން ޖައުސާގެ އެހީތެރިކަމަށް އެދުމުން، ނަމީރާއިން ޖައުސާއަށް އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވި އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ދެމެދުގައި އުފެދުނު އައު ކޮންޓްރެކްޓުގެ ދަށުން އެޑްމިނިސްޓްރޭޓިވް ޗާޖު އަދި ފައިނޭންސް ޗާޖު ނެގިދާނެތޯ ބަލާއިރު މި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/332 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާގެ 2 (ނ) ގައި ބުނަނީ:
"... އެޑްމިނިސްޓްރޭޓިވް ޗާޖުގެ އަދަދު ކަނޑައަޅާފައިވަނީ ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮންމެ އެއްބަސްވުމަކަށް ޚަރަދުކުރި އަދަދުގެ %10 (ދިހައެއް އިންސައްތަ) އިން ކަމުގައިވާއިރު، ފައިނޭންސް ޗާޖުގެ އަދަދު ކަނޑައަޅާފައިވަނީ ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮންމެ އެއްބަސްވުމަކަށް ކޮށްފައިވާ ޚަރަދުގެ %15 (ފަނަރަ އިންސައްތަ) އިން ކަން ސިވިލް ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަމާއި، އެއްބަސްވުންތަކުގައިވާ ގޮތަށް ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ އަމިއްލަ ޚަރަދުގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ނުކުޅެދުމުގެ ސަބަބުން، ޖައުސާ ކޮންސްޓްރެކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދީފައިވާކަން އެނގެން އޮންނައިރު، އަދި އެ ފައިސާއިން ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ އަދަދުން އުނިކުރަން ދެފަރާތުން އެއްބަސްވިކަމަށް ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާއިރު، ބުނެވިދިޔަ ގޮތަށް އުނިކުރަން އެއްބަސްވީ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން މަސައްކަތްތައް ނިމުނު ވަރަކުން އިންވޮއިސް ފޮނުވުމުން ކަމަށާއި، އަދި މިހާތަނަށް ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ހުރިހާ އިންވޮއިސްއަކަށް ފައިސާ ދައްކާފައިވާނެކަމަށް ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ބުނެފައިވާއިރު، އަދި އެކުންފުނިން ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ކޮންމެވެސް އަދަދެއްގެ ފައިސާ ލިބިފައިވާކަމާމެދު ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުންވެސް އިންކާރުނުކުރާކަން ފާހަގަކުރެވެން އޮތްއިރު، އިސްވެ ބުނެވުނު ގޮތަށް ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދެއްކުމަށް އަންގައި ފޮނުވާފައިވާ އިންވޮއިސްއަކަށް ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކާފައިނުވާކަން ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ދަށުކޯޓުގައި ސާބިތުކޮށްދެވިފައި ނުވާކަމަށެވެ."
އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖާ ގުޅޭގޮތުން ނަމީރާގެ ފަރާތުން މައިގަނޑުގޮތެއްގައި ބުނެފައިވަނީ ޖައުސާގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގައި ހޯދުމަށް އެދިފައިވާ އަދި ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނެގުމަށް ޙުކުމް ކުރައްވާފައިވާ އެޑްމިނިސްޓްރޭޓިވް ޗާޖާއި، ފައިނޭންސް ޗާޖަކީ ދެފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވެފައިވާ ބަދަލުތަކެއް ނުވަތަ ޑެމޭޖަސްތަކެއް ނޫންކަމަށާއި އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖުގެގޮތުގައި ނެގުމަށް ކަނޑައަޅާފައިވާ މިންވަރަށް ޖައުސާއަށް ގެއްލުން ލިބިފައިވާކަން އެފަރާތަށް މުސްތަޤިއްލު ގޮތެއްގައި ސާބިތު ކޮށްދެވިފައި ނުވާކަމަށެވެ. އަދި މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު މި ކަން ސާބިތުކުރުމެގެ ގޮތުން އެއްވެސް ލިޔުމެއް ޖައުސާގެ ފަރާތުން ހުށަހަޅާފައިވާކަން، ސިވިލް ކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން ނެތްކަމަށެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ކޮންޓްރެކްޓެއްގެ ބައިވެރިޔަކު ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއްކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރިފަރާތުން ބަދަލުދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮންނަކަން ފާހަގަކުރެވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2011 ޤާޟިއްޔާގެ ނިންމުމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/332 ޤަޟިއްޔާގެ ނިންމުމަށް ބަލާއިރު، ނަމީރާގެ އަމިއްލަ ޚަރަދުގައި ދެ ސަބްކޮންޓްރެކްޓުގެ ދަށުން މަސައްކަތްކޮށް ނިންމުމަށް އެއްބަސްވެފައިވީ ނަމަވެސް، ނަމީރާއިން އެ މަސައްކަތްކުރުމަށް ނުކުޅެދުމުގެ ސަބަބުން، ޖައުސާއިން ފޯރުކޮށްދިން އެހީތެރިކަމުގެ ބަދަލުގެ ގޮތުގައި ޖައުސާއިން ޚަރަދުކޮށްފައިވާ 3,802,771/32ރ. (ތިންމިލިއަން އަށްލައްކަ ދެހާސް ހަތްސަތޭކަ ހަތްދިހަ އެއް ރުފިޔާ ބައްތިރީސްލާރި) ނަގައިދީފައިވާކަން އެނގެން އޮތްއިރު، އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި %15 (ފަނަރަ އިންސައްތަ) އަދި ފައިނޭންސް ޗާޖުގެ ގޮތުގައި 10% (ދިހައެއް އިންސައްތަ) ނަގައިދިނުމަށް އެދުނުނަމަވެސް، އެ ފައިސާއަކީ ޖައުސާއިން ޚަރަދުކޮށްފައިވާ ފައިސާގެ އިތުރަށް ހިނގާފައިވާ ޚަރަދެއްކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނެގެން ނެތަތީ އަދި ޖައުސާއަށް އިސްވެ ބަޔާންކުރެވުނު ޚަރަދުތައް ހިނގާފައިވާކަން ސާބިތުކޮށްދެވިފައިނުވާތީ، ޖައުސާއިން ޚަރަދުކޮށްފައިވާ 3,802,771/32ރ. (ތިންމިލިއަން އަށްލައްކަ ދެހާސް ހަތްސަތޭކަ ހަތްދިހަ އެއްރުފިޔާ ބައްތިރީސްލާރި) ގެ އިތުރަށް ޖައުސާއިން އެދުނު އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖް ނަގައިދިނުމަކީ އިންސާފުވެރިގޮތްކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ އެނމެ އިންސާފުވެރިގޮތަކަށްވާނީ، އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން، އެ އެއްބަސްވުމުގެ ބައިވެރިއަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ ލިބުނު ގެއްލުމެއް ޝަރީޢަތަށް ސާބިތުވުމުން އެ ގެއްލުމެއްގެ ބަދަލު ޝަރީޢަތުން ނަގައިދިނުމެވެ.
ސުޕްރީމް ކޯޓުން ޤާނޫނު ޠަޠުބީޤުކޮށް ގޮތް ނިންމަންޖެހޭ ތިންވަނަ ކަންތައް
ޖައުސާއާއި ނަމީރާއާ ދެމެދު ކުރެވުނު ދެ ސަބްކޮންޓްރެކްޓުގެ 9.2 ވަނަ މާއްދާގެ ދަށުން ލިކުއިޑޭޓަޑް ޑެމޭޖަސް ނެގިދާނެތޯ ބަލާއިރު، މި ދެ އެއްބަސްވުމުގެ 9.2 ވަނަ މާއްދާގައި އޮންނަނީ އަންނަނިވި ގޮތަށެވެ.
“Any delay arising out of the sub-contractor’s responsibility, the sub-contractor shall be liable liquidated damages of 0.1% of the contract price for each day delayed in completing the work.”
ދެ ސަބްކޮންޓްރެކްޓުގެ 9.2 ވަނަ މާއްދާގެ މާނައަށް ބަލާއިރު، ސަބްކޮންޓްރެކްޓަރގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގައި ސަބް ކޮންޓްރެކްޓަރގެ ފަރާތުން ލަސްވާ ލަސްވުމުގެ ސަބަބުން މުއްދަތުގައި އެ މަސައްކަތް ނުނިމި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ކޮންޓްރެކްޓުގެ އަގުގެ 0.1% (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) ގެ ރޭޓުން ބަދަލު ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާކަން އެނެގެއެވެ. އަދި އިސްވެ ދެންނެވުނު މާއްދާއަށް ބަލާއިރު މި ނެގޭ ބަދަލަކީ ލިކިއުޑޭޓަޑް ޑެމޭޖޭސްގެ ގޮތުގައި ދެ ސަބްކޮންޓްރެކްޓުގައިވެސް ލިޔެވި ދެ ފަރާތުގެ ދެމެދުގައި އެގޮތަށް އެއްބަސްވެފައިވާ ބަދަލެއްކަން އެނގެއެވެ.
ލިކުއިޑޭޓަޑް ޑެމޭޖަސްއާ ގުޅިގެން ނަމީރާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށްބަލާއިރު ނަމީރާއިން ބުނެފައިވަނީ އިމާރާތުގެ ފްލޯރތަކަށް އައި ބަދަލުތަކާއި ގުޅިގެން ނަމީރާގެ މަސައްކަތާ ގުޅުންހުރި ކަންކަން ފުރިހަމަކުރުމަށް އިތުރު މުއްދަތު ދިނުމަކީ ޢަދުލުވެރި ގޮތްކަމަށާއި އެއީ ދެ ސަބްކޮންޓްރެކްޓުގެވެސް 10 ވަނަ މާއްދާއަށް ޙަވާލާދީ ޢަމަލުކުރަންޖެހޭ ގޮތްކަމަށެވެ.
ލިކުއިޑޭޓަޑް ޑެމޭޖަސްއާ މެދު ސިވިލް ކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ވާހަކަ ދެކެވި އެކަމާމެދު ގޮތްތަކެއް ކަނޑައެޅިފައިވެއެވެ. މިގޮތުން، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ އިމާރާތުގެ "މޭސަންރީ ވޯރކްސް" ނުނިމި ލަސްވެފައިވާކަން ނުވަތަ އެއްބަސްވުމުގެ "ސްކޯޕް އޮފް ވޯރކްސް" އަށް ބަދަލުތަކެއް އައިސްފައިވާކަން ނަމީރާގެ ފަރާތުން މިމައްސަލާގައި ހުށަހެޅި އެއްވެސް ލިޔުމަކުން އެނގެންނެތްކަން ފާހަގަކުރެވޭކަމަށެވެ. އަދި އިސްތިއުނާފުކުރެވޭ މައްސަލާގައި ހެއްކެއްގެ ގޮތުގައި ސިވިލްކޯޓަށް ޙާޟިރުކުރެވުނު ސައިޓް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރި އެމް.އެން.ޑީ.އެފް ގެ ފަސްޓް ލެފްޓިނެންޓް އަޙްމަދު ޝާރިމުގެ ހެކިބަހަށް ބަލާއިރު، އެއްބަސްވުންތަކުގެ ދަށުން ނަމީރާގެ ފަރާތުން ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭ މުއްދަތުގައި ކޮށްނިންމާފައިނުވަނީ ޖައުސާއިން ފަހިކޮށްދޭންޖެހޭ ކަންކަން ފަހިކޮށް ނުދިނުމުގެ ސަބަބުންކަން އެނގެން ނެތްކަމަށެވެ. އަދި އިމާރާތުގެ ގްރައުންޑް ފްލޯއާއި ބޭސްމަންޓް އަދި 8 ވަނަ ފްލޯ ފިޔަވައި އެހެން ހުރިހާ ފްލޯތަކެއްގެ އިލެކްޓްރިކަލް ޑްރޯވިންގްސް 08 މޭ 2008 ގައި އެޕްރޫވް ކުރެވިފައިވާކަން އެނގޭކަމަށާއި އެހެންނަމަވެސް އެއްބަސްވުންތަކުގެ ދަށުން އެޕްރޫވަލް ހޯދުމަށް ނަމީރާގެ ފަރާތުން އެދިފައިވާ ތާރީޚުތައް އެނގެން ނެތްކަމަށާއި، އަދި އެގޮތަށް އެދުމަށްފަހު އެމް.އެން.ޑީ.އެފް އިން އެޕްރޫވަލް ދިނުމުގައި ދިގުމުއްދަތެއް ނަގާފައިވާކަން އެނގޭނެފަދަ އެއްވެސް ކިތާބީ ހެއްކެއް ނަމީރާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ލިކުއިޑޭޓަޑް ޑެމޭޖަސްއާ ގުޅިގެން ޖައުސާއިން ހުށަހަޅާފައިވާ ދައުވާގެ ޖަވާބުގައި ފާހަގަކޮށްފައިވަނީ، ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ލަސްވާ ކޮންމެ ދުވަހަކަށް ކޮންޓްރެކްޓް އަގުގެ 0.1% (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) ނެގޭނެކަމަށް އެއްބަސްވެފައި އޮތުމުން، އެއްބަސްވުމަށް ބަދަލު ގެނައުމެއްނެތި ކުރިއަށް ގެންދެވޭ ގޮތަށް އޮތްކަމަށާއި އެހެންނަމަވެސް، ލަސްވާ ލަސްވުމަށް "ޖޫރިމަނާ" ދޭންޖެހޭނެކަމަށްށެވެ. ޖައުސާއިން ހުށަހަޅާފައިވާ ދައުވާގެ ޖަވާބު ފޯމުގައި "ޖޫރިމަނާ" ދައްކަންޖެހޭނެކަމަށް ބުނެފައިވާތީ، ލިކުއިޑޭޓަޑް ޑެމޭޖަސް އާއި ޖޫރިމަނާއަކީ ތަފާތު ދެ މަފްހޫމްކަން ފާހަގަކުރަމެވެ.
ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ބުނަނީ ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ އެޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެ ކަމަށެވެ. އަދި މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބުނަނީ އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ ބަދަލު ވެސް ދޭންޖެހޭނެ ކަމަށެވެ.
ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވަނީ، ޝަރުޠު ޖަޒާއީއާގުޅޭ ގޮތުން އެއްބަސްވުމުގައި ލިޔެވިފައި ހުންނަ މާއްދާތައް ކޯޓުތަކުން ތަންފީޛުކުރުމުގައި އެ މާއްދާތަކުގައި ނަގައިދެވޭ މިންވަރަކީ، ގެއްލުމުގެ ބަދަލާ ގުޅުން ހުރި މުނާސަބު މިންވަރެއްކަން ކޯޓުތަކުން ވަޒަންނުކުރާނަމަ، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ ކިބައިން އާދަޔާ ޚިލާފު ބޮޑެތި ފައިސާގެ ޢަދަދުތައް ހޯދުމުގެ ނިޔަތުގައި އެފަދަ މައްސަލަތައް ކޯޓުތަކަށް ހުށަނާޅައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. ނަމަވެސް، އެއާ ޚިލާފަށް ގެއްލުމެއް ލިބިފައިވާކަން ނުވަތަ ލިބިދާނެކަން އެއްބަސްވުމުގެ ބައިވެރިންނަށް ތަސައްވަރު ކުރެވޭކަން ކޯޓުތަކުން ވަޒަންކުރާނަމަ، އެފަދަ މައްސަލަތައް އަވަހަށް ކޯޓަށް ހުށަހަޅައި ނިމުމަކަށް ގެންނަން ޝަރުޠު ޖަޒާއީ މާއްދާގެ ދަށުން ބަދަލު ލިބޭ ފަރާތުން މަސައްކަތްކުރާނެ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އުސޫލާ އެއްގޮތަށް ލިކިއުޑޭޓަޑް ޑެމޭޖަސްއާ ގުޅޭގޮތުން އެއްބަސްވުމުގައި ލިޔެވިފައި ހުންނަ މާއްދާތައް ކޯޓުތަކުން ތަންފީޛުކުރުމުގައިވެސް އެ މާއްދާއެއްގެ ދަށުން ނަގައިދެވޭ މިންވަރަކީ ގެއްލުމުގެ ބަދަލާއި ގުޅުންހުރި މުނާސަބު މިންވަރެއްކަން ވަޒަންކުރަންވާނެކަމަށް އަހުރެން ދެކެމެވެ.
އާންމު ގޮތެއްގައި ކޮންޓްރެކްޓެއްގައި ހިމެނިފައިވާ ލިކިއުޑޭޓަޑް ޑެމޭޖޭސް ކޯޓުން ނަގައިދިންކަމުގައި ވިޔަސް، ލިކުއިޑޭޓަޑް ޑެމޭޖަސްގެ އަދަދަކީ ލިބޭނެ ގެއްލުން ކަމަށް ދެފަރާތަށް އަންދާޒާކުރެވިގެން ޖަހާފައިވާ އަދި ޚިލާފުގެ ސަބަބުން ލިބޭނެ ގެއްލުމާ ނުބައްދަލު އަދި އެއީ އުގޫބާތެއް ކަމަށް ބެލެވިދާނޭ އަދަދެއް ނަމަ، އެ ބަދަލަކީ ކޯޓުން ނަގައި ނުދެވޭނެ ބަދަލަކަށް ވެގެންދެއެވެ.
މި މައްސަލައަށް ބަލާއިރު، މި މައްސަލައިގައި ޖައުސާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި އެދިފައިވަނީ ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ނަމީރާއިން ދައްކަންޖެހޭނެ ފައިސާ ދައްކާ ޚަލާޞްކުރާ ދުވަހުގެ ނިޔަލަށް ލިކުއިޑޭޓެޑް ޑެމޭޖަސް ޗާޖު ކުރުމުގެ ޙައްޤު ޖައުސާއަށް ލިބިދީފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ލިކުއިޑޭޓަޑް ޑެމޭޖަސް މާއްދާއެއް ފަރުމާކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދީ އެގޮތަށް އެމާއްދާ ފަރުމާކުރުން މުހިންމެވެ. މިގޮތަށް ފަރުމާކުރުމުގައި، ކޮންޓްރެކްޓާ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ލަފާކުރެވޭ ނުވަތަ އަންދާޒާކުރެވޭ ބަދަލުގެ މިންވަރާއި، ބަދަލު ނަގައިދިނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިތުރު ކަމެއްވާނަމަ އެކަމެއް ކޮންޓްރެކްޓުގައި ބަޔާންކުރެވިފައި އޮތުން މުހިންމެވެ.
މި ޤަޟިއްޔާގެ ދަށުން ޚުޞޫމާތު އުފެދިގެން އުޅޭ ދެ ސަބްކޮންޓްރެކްޓުގެ 9.2 ވަނަ މާއްދާއަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2011 ޤަޟިއްޔާއިން ލިކުއިޑޭޓަޑް ޑެމޭޖަސް ނަގައިދީފައިވަނީ 18 ޖޫން 2012 ގެ ނިޔަލަށްކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 332/HC-A/2012 ޤަޟިއްޔާގައި ބުނަނީ އެމް.އެން.ޑީ.އެފް ގެ ކުރިމަތީގައި ޖައުސާއިން އުފުލަންޖެހޭ ޒިންމާތައް ނިމުމަކަށް އައިސްފައިވާ ތާރީޚެއް ކަށަވަރުކުރެވިފައި ނުވާތީ އެ ތާރީޚު ކަށަވަރުކުރުމަށްފަހު ޖައުސާއާއި ނަމީރާއާ ދެމެދެ ވެވުނު ދެ ސަބްކޮންޓްރެކްޓުގެ ދަށުން ނެގޭނެ ލިކުއިޑޭޓަޑް ޑެމޭޖަސް ނެގޭނީ އެމް.އެން.ޑީ.އެފް ގެ ކުރިމަތީގައި ޖައުސާއިން ދެ ސަބްކޮންޓްރެކްޓުގެ ދަށުން އުފުލަންޖެހޭ ޒިންމާތައް ނިމުމަކަށް އައިސްފައިވާ ތާރީޚުގެ ނިޔަލަށްކަށް އެނގެއެވެ.
މަސައްކަތް ނުނިމި ލަސްވާ ކޮންމެ ދުވަހަކަށް 0.1% (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) ގެ ރޭޓުން ލިކުއިޑޭޓަޑް ޑެމޭޖަސް ބަދަލުގެ ގޮތުގައި ނަގައިދެވޭނެކަމަށް ދެ ސަބްކޮންޓްރެކްޓުގައި ބަޔާންކޮށްފައި އޮންނަ އޮތުމުގެ މައްޗަށް ބަލައި، ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން މި ދެ ސަބްކޮންޓްރެކްޓުގެ 9.2 ވަނަ މާއްދާގެ ދަށުން ލިކިއުޑޭޓަޑް ޑެމޭޖަސް ނަގައިދެވޭނެކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އަހުރެން ފާހަގަކުރި ކަންކަމަށް ބަލާއިރު، ސަބްކޮންޓްރެކްޓުތަކުގައިވާ ލިކުއިޑޭޓަޑް ޑެމޭޖަސްގެ އަދަދަކީ ލިބޭނެ ގެއްލުން ކަމަށް ދެފަރާތަށް އަންދާޒާކުރެވިގެން ޖަހާފައިވާ އަދި ގެއްލުމާ ބައްދަލު އަދަދެއްކަން އެނގެން ނެތަތީވެ މި ބަދަލުގެ ސިފަތު ބަދަލުވެފައިވާކަން އެނގެއެވެ. އަދި ޝަރީޢަތުގެ މަޖިލީހުގައި މިއީ ޖޫރިމަނާއެއް ކަމަށްވެސް ޖައުސާއިން ބުނެފައިވާތީ، ޖައުސާއާއި ނަމީރާއާ ދެމެދުވެފައިވާ ދެ ސަބްކޮންޓްރެކްޓުގެ 9.2 ވަނަ މާއްދާގެ ދަށުން ހޯދުމަށް އެދި ހުށަހަޅާފައިވާ ފައިސާ ނަގައިދެވޭނެ ކަމަކަށް އަހުރެން ނުދެކެމެވެ.
ސުޕްރީމް ކޯޓުން ޤާނޫނު ޠަޠުބީޤުކޮށް ގޮތް ނިންމަންޖެހޭ ހަތަރުވަނަ ކަންތައް
ނަމީރާއިން ސިވިލް ކޯޓުގައި ކުރި ރައްދު ދައުވާއަށް ސިވިލް ކޯޓުން އަދި ހައިކޯޓުންވެސް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ނަމީރާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އެފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދެ ސަބްކޮންޓްރެކްޓްއާ އެއްގޮތަށް މަސައްކަތް ނިންމިފައިނުވަނީ އެޑްވާންސް ފައިސާ ލިބިފައިނުވުމުން ކަމަށާއި ދެ ސަބްކޮންޓްރެކްޓުގައި ބުނާ "ސްކޯޕް އޮފް ވޯރކްސް" އަށް ބަދަލުތަކެއް އައިސްފައިވާ ކަމާއި، ދެ ސަބްކޮންޓްރެކްޓުގައި ބުނާ މުއްދަތުގައި މަސައްކަތް ނިންމޭވަރަށް "މޭސަނަރީ ވާރކްސް" ޖައުސާއިން ކުރިއަށް ގެންގޮސްފައި ނުވާކަމަށާ އަދި މަސައްކަތާ ގުޅިގެން ތައްޔާރު ކުރެވޭ ކުރެހުންތަކަށް އެމް.އެން.ޑީ.އެފް ގެ އެޕްރޫވަލް ލިބުން ލަސްވެފައިވާކަމަށެވެ.
މިގޮތުން ބަލާއިރު، ބުނެވުނު ކަންކަމަކީ ވާގިއީ ނުކުތާތަކެއް ކަމަށްވެފައި، އެކަންކަމާމެދު ސިވިލް ކޯޓު އަދި ހައިކޯޓުގެ މަރުޙަލާގައި ވާހަކަދެކެވި ގޮތްތަކެއް ކަނޑައެޅިފައި ވާތީއާއި، ހައިކޯޓުގެ ނިންމުން ރަނގަޅުނޫންކަން ދަލާލަތުކޮށްދޭ ޤާނޫނީ ބުރަދަންހުރި ހެކިތަކެއް މި ނުކުތާއާ ގުޅިގެން ނަމީރާއިން ހުށަހަޅާފައި ނުވާތީ، މި ނުކުތާ އަހުރެން ބަލައެއް ނުގަންނަމެވެ.
ނިންމުން
ދެ ސަބްކޮންޓްރެކްޓުގެ ދަށުން، ނަމީރާއިން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށް ނުކުޅެދުމުގެ ސަބަބުން، ނަމީރާއިން ޖައުސާގެ އެހީތެރިކަމަށް އެދުމުން، ނަމީރާއިން ޖައުސާއަށް އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވި އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ދެމެދުގައި އުފެދުނު އައު ކޮންޓްރެކްޓަކީ ކޮންޓްރެކްޓެއްގައި ހުރުން ޤާނޫނު ލާޒިމްކުރާ އުންޞުރުތައް ފުރިހަމަވާ ކޮންޓްރެކްޓަކަށްވާތީ ދެފަރާތުންމެ މި އައު ކޮންޓްރެކްޓަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެއެވެ.
އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖް ލިބިދިނުމަށް ޖައުސާއިން އެދިފައިވީނަމަވެސް، ކޯޓުން މިފަދަ ގެއްލުމެއްގެ ބަދަލެއް ނަގައިދެވެނީ އެއީ ހަޤީގަތުގައިވެސް އެފަރާތަކަށް ލިބިފައިވާ ގެއްލުމެއްކަން ކޯޓަށް ސާބިތުކޮށްދޭ ޙާލަތުގައިކަމާއި ޖައުސާއިން ބުނާބުނުން ފިޔަވައި މި ގެންލުން ޝަރީޢަތަށް ސާބިތުކޮށްދެވިފަ ނުވާތީ، ޖައިސާއިން އެދުނު ބަދަލު ނަގައިދެވޭކަށް ނެތެވެ. އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖަކީ ހިނގާފައިވާ ޚަރަދެއްނަމަ، އެކަން ސާބިޠުކޮށްދޭ ހެއްކާއެކު ޖައުސާއާއި ނަމީރާއާ ދެމެދު އުފެދިފައިވާ އައު ކޮންޓްރެކްޓުގެ ދަށުން އެ ބަދަލު ހޯދުމަށް ޖައުސާއަށް ސިވިލް ކޯޓަށް ހުށަހެޅިދާނެކަމުގައި އަހުރެން ދެކެމެވެ.
ދެ ސަބްކޮންޓްރެކްޓްގެ 9.2 ވަނަ މާއްދާގައި ބުނާ ލިކުއިޑޭޓަޑް ޑެމޭޖަސްގެ އަދަދަކީ ލިބޭނެ ގެއްލުން ކަމަށް ދެފަރާތަށް އަންދާޒާކުރެވިގެން ޖަހާފައިވާ އަދި ގެއްލުމާ ބައްދަލު އަދަދެއްކަން އެނގެން ނެތަތީވެ މި ބަދަލުގެ ސިފަތު ބަދަލުވެފައިވެއެވެ. މިހެންވެ، ދެ ސަބްކޮންޓްރެކްޓްގެ 9.2 ވަނަ މާއްދާގެ ދަށުން ހޯދުމަށް އެދި ހުށަހަޅާފައިވާ ފައިސާ ނަގައިދެވިދާނެކަމަށް އަހުރެން ނުދެކެމެވެ.
ނަމިރާއިން ކުޅަ ރައްދު ދައުވާއަށް ބަލާއިރު، އެ ރައްދު ދައުވާގައިބުނާ ކަންކަމަކީ ވާގާއީ ނުކުތާތަކެއް ކަމަށްވެފައި އެކަންކަމާމެދު ސިވިލް ކޯޓު އަދި ހައިކޯޓުގެ މަރުޙަލާގައި ވާހަކަދެއްކި ގޮތް ކަނޑައެޅިފައިވާތީ އަދި ހައިކޯޓުގެ ނިންމުން ރަނގަޅުނޫންކަން ދަލާލަތުކޮށްދޭ ޤާނޫނީ ބުރަދަންހުރި ހެކިތަކެއް މި ނުކުތާއާ ގުޅިގެން ނަމީރާއިން ހުށަހަޅާފައި ނުވާތީ، މި ނުކުތާ އަހުރެން ބަލައެއް ނުގަންނަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1581/Cv-C/2011ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚަރަދުކޮށްފައިވާ ފައިސާއަށްވާ 3,802,771/32ރ. (ތިންމިލިއަން އަށްލައްކަ ދެހާސް ހަތްސަތޭކަ ހަތްދިހައެއް ރުފިޔާ ބައްތިރީސްލާރި) ނަގައިދިނުމަށާއި، މި ފައިސާ ނަގައިދެވޭނީ ނަމީރާ އިން ޖައުސާ އަތުގައި ބަހައްޓާފައިވާ ރިޓެންޝަން ފައިސާ އުނިކުރުމަށްފަހުގައިކަމަށާއި، ޖައުސާ އާއި ނަމީރާއާ ދެމެދު ވެފައިވާ ދެ ސަބްކޮންޓްރެކްޓުގެ ދަށުން ހޯދަން ދައުވާކޮށްފައިވާ ލިކުއިޑޭޓަޑް ޑެމޭޖަސްއަކީ ޖައުސާއަށް ނަގައިދެވޭނެ ފައިސާއެއްނޫންކަމަށާއި ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ދެ އެއްބަސްވުމަށް ޖައުސާގެ އަތުން ހިނގާފައިވާ އެޑްމިނިސްޓްރޭޓިވް ޗާޖާއި ފައިނޭންސް ޗާޖަށްވާ ޖުމްލް 950,692/83ރ. (ނުވަލައްކަ ފަންސާސްހާސް ހަސަތޭކަ ނުވަދިހަދެރުފިޔާ އަށްޑިހަތިންލާރި) އަކީ ހިނގާފައިވާ ޚަރަދެއްކަން ޖައުސާއަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިވާނުވާތީ، އެ ފައިސާ ނަގައިދެވެން ނެތްކަމަށާއި، އެއީ ހިނގާފައިވާ ޚަރަދެއްނަމަ އެ ފައިސާ ހޯދުމަށް ޖައުސާއަށް އައު ދައުވާއެއް ކުރެވިދާނެކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޙްމަދު މުޢުތަޞިމް ޢަދުނާންމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.