ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އައިދު ސަޢީދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓު 24/S4C/2024
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަށުކޯޓުން މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުމާމެދު، އިސްތިއުނާފުގެ 10 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ އިޖުރާއަތު ނުފުރިހަމަކޮށް ޢާންމު އިސްތިއުނާފެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި އިސްތިއުނާފު ހައިކޯޓަށް ބަލައިގަނެވޭނެތޯ.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭއިސްތިއުނާފު ފޯމުތައް ބާޠިލު (އިސްތިއުނާފު މުއްދަތު ފާއިތުވުމަށްފަހު ހުށަހެޅި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އެއް ނިންމުމަކުން ނިންމާފައިވާ، ޤާނޫނީ އެއް ނުކުތާއެއްގެ މައްޗަށް އިސްތިއުނާފުކުރެވިފައިވާ ގިނަ ޤަޟިއްޔާތައް، ސުޕްރީމް ކޯޓުގެ 2018/SC-A/31 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް، ފަނޑިޔާރުންގެ އެއް ބެންޗަކުން އެކުއެކީގައި ބަލައި، އެއް ޝަރީޢަތްނިމުނުގޮތެއްގެ ރިޕޯޓެއް ލިޔެވިދާނެއެވެ.
HN2 މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާ ނިންމުމެއް އިސްތިއުނާފުކުރުމުގެ މުއްދަތަކީ ނިންމުން ނިންމާތާ 10 ދުވަސް ކަމާއި، މުއްދަތު ހަމަވެފައިވާ މައްސަލަތައް އިސްތިއުނާފުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ އިޖުރާއަތުކަން ދެފަރާތުން އެއްބަސްވާ ކަމެއްގެ ގޮތުގައި ކޯޓުން ބަލައިގެންފައިވެއެވެ.
HN3 ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޤާނޫނަކުން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދަކުން ވަކި ބާވަތެއްގެ މައްސަލައެއް އިސްތިއުނާފުކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާނަމަ، އެ މައްސަލަތަކުގައި އިސްތިއުނާފުގެ މުއްދަތަކީ އެ ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ކަނޑައެޅިފައިވާ މުއްދަތެވެ.
HN4 ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާއި (ރ) ގައިވާ އިޖުރާއަތަކީ އިސްތިއުނާފުގެ މުއްދަތު ފާއިތުވިފަހުން އިސްތިއުނާފުކުރަން އެދޭނަމަ ހުށަހެޅޭނެ މައި ދޮރެވެ. މުއްދަތުގައި ހުށަނޭޅުނީ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބަކާހުރެކަން ހުށަހަޅާ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ މިންވަރަށް ސާބިތުކޮށްދީފިނަމަ، އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.
HN5 މުއްދަތު ފާއިތުވިފަހުން އިސްތިއުނާފު ހުށަހެޅި މަޤްބޫލު ސަބަބެއް އޮތްތޯ ބެލުމަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ފަނޑިޔާރުން ވަޒަންކުރަންޖެހޭ ކަމެކެވެ. އެ މާއްދާގެ ދަށުން އެފަދަ ހުށަހެޅުމެއް ނުހުށަހަޅާ، އިޖުރާއަތު ދޫކޮށް ޢާންމު އިސްތިއުނާފެއްގެ ގޮތުގައި ހުށަހަޅާ މައްސަލައެއްގައި އެފަދަ ސަބަބެއް ވުޖޫދުގައިވާކަން ވަޒަންކުރެވިދާނެ ކަމެއް ނޫނެވެ.
HN6 ހައިކޯޓުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅުމަކީ 29 ވަނަ މާއްދާގެ ދަށުން މަޤްބޫލު ސަބަބެއް ހުށަހެޅުމުގެ ބަދަލެއް ނޫނެވެ. ދަށުކޯޓުގެ މަޙްޟަރު ލިބުން ލަސްވުން ފަދަ ސަބަބުތަކަކީ ރަޖިސްޓްރާރ ވަޒަންކުރާނެ ކަމެއް ނޫނެވެ. އަދި 'އިދާރީ އޮޅުމެއް' ގެ ސަބަބުން މުއްދަތުގައި އިސްތިއުނާފު ހުށަނޭޅުމަކީ ކޯޓުން ދިފާޢުކޮށްދޭނެ ކަމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އިބްރާހީމް ޝަމީލް
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު
މައްސަލައިގެ ތަޢާރުފު:
1މިއީ، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24,25,26,27,28/S4C/2024 ޤަޟިއްޔާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައި) ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާތަކެކެވެ. މި ޤަޟިއްޔާތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ.ފޭދޫ، އިލާ، މުޙައްމަދު އައިދު ސަޢީދު (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މުޙައްމަދު އައިދު ސަޢީދު" ކަމަށް ބުނެފައި) އެވެ.
2އެގޮތުން، މި ޤަޟިއްޔާތައް ބެލިފައިވަނީ އަންނަނިވި ފަދައިންނެވެ.
1.2.އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24/S4C/2024 ޤަޟިއްޔާގެ ނިންމުން
2.2.އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 25/S4C/2024 ޤަޟިއްޔާގެ ނިންމުން
3.2.އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 26/S4C/2024 ޤަޟިއްޔާގެ ނިންމުން
4.2.އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 27/S4C/2024 ޤަޟިއްޔާގެ ނިންމުން
2.5.އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 28/S4C/2024 ޤަޟިއްޔާގެ ނިންމުން
3HN1ބުނެވުނު ނިންމުންތައް ނިންމާފައިވަނީ އެއް ނިންމުމަކުން ކަމަށްވާތީއާއި، އަދި މި ނިންމުންތައް އިސްތިއުނާފުކޮށްފައިވަނީ ޤާނޫނީ އެއް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު އަށް ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން މި 5 (ފަހެއް) ގަޟިއްޔާ އެކުއެކީގައި ކަމަށް ވުމާއެކު "ޝަރީޢަތްނިމުނުގޮތް" އެއް ރިޕޯޓެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެގޮތުގެމަތިން ލިޔެފައިވަނީއެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
4ދައުލަތުން، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން މަޤްބޫލު ސަބަބެއްނެތި ޢާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) އާއި (ޅ) ގެ ދަށުން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 220 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ރ)ގެ 5 ވަނަ ނަންބަރުގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ 615 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ)ގެ ދަށުން، ޢާންމުތަނެއްގައި ހުރި މީހަކު، އެ މީހެއްގެ ޢަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، މާރާމާރީ ހިންގައި، ތަޅާފޮޅައި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭގޮތަށް އުޅުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 230 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާ 29 ފެބުރުވަރީ 2024 ދުވަހު އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި މުޙައްމަދު އައިދު ސަޢީދުގެ މައްޗަށް އުފުލާފައިވެއެވެ.
5ބުނެވުނު ދަޢުވާތައް ބަލަމުންދިޔައީ، އެ ކޯޓުގެ ނަންބަރު 24,25,26,27,28/S4C/2024 ޤަޟިއްޔާތަކުންނެވެ. ބުނެވިދިޔަ ޤަޟިއްޔާތަކާ ގުޅިގެން އެ ކޯޓުން މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަޔަށް ނުގެންދެވޭނެކަމަށް 31 މާރިޗު 2024 ގައި ނިންމާފައިވެއެވެ.
6އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފި ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
7އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24,25,26,27,28/S4C/2024 ޤަޟިއްޔާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ނިންމުން އިސްތިއުނާފު ކުރުމަށް 02 (ދޭއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؟
1.7. ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ ނިންމުމަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 115 ވަނަ މާއްދާއާއި، 119 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.7. ދެވަނަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ ނިންމުމުގައި، ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)ގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް، ތަޠުބީޤުކޮށްފައިވަނީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
8އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24,25,26,27,28/S4C/2024 ޤަޟިއްޔާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުމަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 115 ވަނަ މާއްދާއާއި، 119 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި،
9އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24,25,26,27,28/S4C/2024 ޤަޟިއްޔާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުމުގައި މި މައްސަލަތަކަކީ މުއްދަތު ހަމަވިފަހުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް ކަނޑައެޅުމުގައި، ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)ގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް، ތަޠުބީޤުކޮށްފައިވަނީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ކަނޑައަޅައި،
10މި މައްސަލަ އޮތް ހިސާބުން އަލުން ކުރިއަށް ގެންދިޔުމަށްޓަކައި ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކޮށްދިނުމަށް އެދޭކަމަށެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކައިގެ ޚުލާސާ
11އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ބޭނުމަށް މައްސަލައިގެ ދަޢުވާ ހުށަހަޅާފައިވަނީ ދަޢުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައިތޯ ބަލަންޖެހޭނީ މަތި މަތިން ކަމަށާއި، މި މައްސަލައިގައި ދަށު ކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ މާނަކޮށް، ވަޒަންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ބޭނުމަށް ބަލަންޖެހޭ މިނަށްވުރެ މާ ފުނަށް ފީނައިގެން ކަމަށެވެ. މީގެ އިތުރުން، ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢަކީ ދިފާޢުން ހުށަހެޅުމުން ވަޒަން ކުރަންޖެހޭ ކަމެއް ކަމަށެވެ.
12އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ތަޙްޤީޤުކުރުމުގެ މުއްދަތު ގުނަން ފެށޭ ތާރީޚަކީ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި "ފުރަތަމަ" ހާޒިރުކުރެވޭތާ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެފަދައިން 94 ވަނަ މާއްދާގެ
(ނ) ގައި ބަޔާންކޮށްފައިނުވަނީ ޤާނޫނުހަދާ މަޖިލީހުން އެފަދައިން ގަސްތުކޮށްކަން ޖުޑީޝަރީ ކޮމިޓީގެ 43 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެން އޮންނަކަމަށާއި، މި މައްސަލައިގައި ތަހްޤީޤްކުރުމުގެ މުއްދަތު ހަމަވާ ތާރީޚް ގުނުމުގައި ބަލަން ޖެހޭނީ 11 ޖަނަވަރީ 2024 ގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރި ތާރީޚުން ފެށިގެން 45 ދުވަސް ކަމަށާ އެއީ 24 ފެބުރުވަރީ 2024 ކަމަށާއި، ފުލުހުންގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ 22 ފެބުރުވަރީ 2024 ގައި ކަމަށެވެ. އަދި އެފަދައިން ގުނުމުން ދަޢުވާކުރުމަށް ލިބިދޭ 15 ދުވަސް ހަމަވާ ތާރީޚަކީ 10 މާރިޗު 2024 ކަމަށާއި، ދަޢުވާ ހުށަހަޅާފައިވަނީ 29 ފެބުރުވަރީ 2024 ގައި ކަމަށްވާތީ މި މައްސަލަ ހުށަހަޅާފައިވަނީ މުއްދަތުގެ ތެރޭގައިކަމަށެވެ.
13އިސްތިއުނާފުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާފަރާތުން ފާހަގަކޮށްފައިވަނީ، "މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް" ނިންމާ ނިންމުން އިސްތިއުނާފުކުރުމަށް ލިބޭ މުއްދަތަކީ 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ކަމަށާއި، މި މައްސަލަ އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ އެ މުއްދަތު ހަމަވާ ތާރީޚް ކަމުގައިވާ 30 އޭޕްރީލް 2024 ގެ އެތައް ދުވަހެއް ފަހުން ޖިނާއީ އާންމު މައްސަލަ އިސްތިއުނާފުކުރުމަށް ލިބޭ 60 (ފަސްދޮޅަސް) ދުވަސް ހަމަވާން ގާތްވެފައި އޮއްވާކަމަށެވެ. މި މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރާރ 1 އޮގަސްޓު 2024 ގައި ނިންމާފައިވަނީ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވާތީ މައްސަލަ ބަލައިނުގަނެވޭނެކަމަށެވެ. އެފަދައިން ރަޖިސްޓްރާރ ނިންމުމުން ދައުލަތުން ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅި ކަމަށާއި، މުރާޖަޢާ ކުރުމަށް ހުށަހެޅި ސަބަބަކީ މައްސަލައިގެ މަޙުޟަރު ބަޔާންތައް ހޯދުމަށް 2 އޭޕްރީލް 2024 ގައި ޕީޖީ އޮފީހުން އެދުމުން މައްސަލައިގެ ފުރިހަމަ މަޙްޟަރު ބަޔާން ލިބިފައިވަނީ 15 ޖުލައި 2024 ގައިކަމަށްވާތީ، ރެޖިސްޓްރާރގެ ނިންމުން ބާޠިލްކުރުމަށް އެދި ކަމަށާއި، ނަމަވެސް، ސ.ފޭދޫ ކޯޓުން 24 އޮކްޓޫބަރު 2024 ގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ހިއްސާކޮށްފައިވާ ސިޓީގައި ދައުލަތުން ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށް އެދި އެ ކޯޓަށް ހުށަހަޅާފައިވަނީ 10 ޖޫން 2024 ގައި ކަމަށާއި، 12 ޖޫން 2024 ގައި ރިޕޯޓު ފޮނުވާފައިވާކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން، އިސްތިއުނާފު ހުށަހެޅުން ލަސްވި މަޤްބޫލު ސަބަބެއް ނެތްކަމަށެވެ. އޭގެ އިތުރުން އިސްތިއުނާފު ހުށަހަޅާފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވާ މައްސަލަތަކުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހަޅަންޖެހޭ އިޖުރާއަތާ ޚިލާފަށް، ހައިކޯޓުގެ ގަވާއިދު 6 ގެ 29 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. ވީމާ، އިސްތިއުނާފު ފޯމު ބާޠިލުކުރުމަށް އެދި އިޖުރާއީ ގޮތުން ހުށަހަޅާ ކަމަށެވެ.
14ބަހުސްގެ ބޭނުމަށް، އިސްތިއުނާފު ބަލައިގަންނަން ނިންމާ ޙާލަތުގައި އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު ޤަޟިއްޔާގެ 25 ވަނަ ޕްރެގްރާފުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ބޭނުމަށް ދައުވާއެއް ކުރުމަށް އޮތް ޤާނޫނީ މުއްދަތު ފަހަނައަޅައި ގޮސްފައިވާނަމަ މައްސަލައިގެ ޝަރީޢަތްކުރާންތަނެއް އޮތްކަމަށް ފަނޑިޔާރު ކަނޑައަޅައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، އެ ނުކުތާއަށް ދަށު ކޯޓުގެ ފަނޑިޔާރު ރިޢާޔަތްކޮށްފައިވާ ކަމަށެވެ. އެ ޤަޟިއްޔާއަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން ދަށުކޯޓުގެ ފަނޑިޔާރު ތަބާވުން ލާޒިމްވާ ޤަޟިއްޔާއެއް ކަމަށާ، ދައުލަތުން ހަވާލާދޭ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދު ޤަޟިއްޔާއަކީ 14 ޖުލައި 2024 ގައި ނިންމާފައިވާ ޤަޟިއްޔާއަކަށް ވީއިރު، އިސްތިއުނާފުކުރެވޭ ނިންމުން ނިންމާފައިވަނީ އެ ޤަޟިއްޔާ ނިމުމުގެ މާކުރިން ކަމަށެވެ.
15އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާފަރާތް 11 ޑިސެންބަރު 2023 ގައި ހައްޔަރުކޮށް 12 ޑިސެންބަރު 2024ގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް، 11 ޖަނަވަރީ 2024 ގައި ބަންދުން ދޫކޮށްލާފައިވާކަމަށާއި، ނަމަވެސް، އެ އަމުރު ހައިކޯޓުން ބާޠިލުކޮށް އަލުން ބަންދުކުރުމަށް އަމުރުކުރުމުން މުޙައްމަދު އައިދު ސަޢީދު އަލުން ބަންދުކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި ދަޢުވާ ކުރިއިރުވެސް މުޙައްމަދު އައިދު ސަޢީދު ހުރީ 6 ޤާނޫނުއަސާސީގެ 156 ވަނަ މާއްދާއިން ހައިކޯޓަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ހައިކޯޓުގެ ޤަވާޢިދު 2011. މީގެފަހުން ހައިކޯޓުގެ ގަވާއިދު ކަމަށް ބުނެފައި. 7 ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/42,43 ޤަޝިއްޔާ. 8 ހައިކޯޓުގެ ނަންބަރު 2020/HC-A/183 ޤަޝިއްޔާ. ބަންދުގައި ކަމަށާ، އެހެންކަމުން މި މައްސަލައިގައި ހިނގާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ
(ށ) ގައިވާ އިޖުރާއަތު ކަމާމެދު ބަހުސެއް ނެތްކަމަށެވެ. އަދި މި މައްސަލައިގެ ދަށު ކޯޓުގެ އަޑުއެހުންތަކުގައި ފުލުހުންގެ ފަރާތުން މައްސަލަ ތަޙްޤީޤުކޮށް ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި ތާރީޚުކަމަށް އެކި ފަހަރު މަތިން ދައުލަތުން އެކި ތާރީޚް ބުނެފައިވާ ކަމަށާއި، މިހާރު ވަކާލާތު ކުރަނީ ކުރިން ދައުލަތުން ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަދީމް ޤަޟިއްޔާގައި ވަކާލާތުކޮށްފައިވާ ގޮތާ ޚިލާފަށްކަމަށެވެ. އެގޮތުން އެ ޤަޟިއްޔާގައި ވަކާލާތުކޮށްފައިވަނީ ފުލުހުންގެ ފަރާތުން ތަހްޤީޤު ނިންމައި ހުށަހެޅީ ކަމަށް ބަލާނީ ދައުލަތުން އެންޓްރީ ތައްގަނޑު ޖަހާ ތާރީޚްކަމަށް ބުނި ނަމަވެސް، މި މައްސަލައިގައި އެދެނީ ފުލުހުންގެ ފަރާތުން ފޯމުގައި ލިޔެ ފޯމު ހުށަހެޅި ތާރީޚަކީ ތަޙްޤީޤް ނިމުނު ތާރީޚް ކަމަށް ބަލައިދިނުމަށް ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަދީމް ޤަޟިއްޔާގައިވާ އުޞޫލުން ބަލާއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ތަޠުބީޤުކުރިނަމަވެސް، މި މައްސަލަ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާކުރަން ހުށަހަޅާފައިވަނީ ތަޙްޤީޤުކުރުމަށް ލިބިދޭ 45 (ސާޅީސްފަސް) ދުވަސް ހަމަވި ފަހުން ކަމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:
16އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24,25,26,27,28/S4C/2024 ޤަޟިއްޔާތަކުގައި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފުކުރުމުގެ މުއްދަތު ފަހަނައަޅައިދިޔަ ފަހުންކަމުގައި ވާތީ، މި މައްސަލަތަކަކީ ހައިކޯޓުން ބަލައިގަނެ ކުރިއަށް ގެންދެވޭނެ މައްސަލަތަކެއް ނޫންކަމަށް ކަނޑައަޅައި އިސްތިއުނާފު ފޯމު ބާތިލުކުރުމަށާއި،
17އިސްތިއުނާފީ މައްސަލަތައް ހައިކޯޓަށް ބަލައިގަނެ ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅާނަމަ، މި މައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލައަކީ މުއްދަތު ފަހަނައަޅައިދިޔަފަހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަނެ ދަޢުވާ އުފުލި މައްސަލައެއްކަމުގައިވާތީ، މި މައްސަލައިގައި ޕްރޮސިކިއުޝަނުން އެދިފައިވާ ފަދައިން މައްސަލަތައް ދަށު ކޯޓަށް ތަހުވީލުކުރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި،
18އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24,25,26,27,28/S4C/2024 ޤަޟިއްޔާތަކުގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަމުގައި ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
19މި މައްސަލައިގެ މައުލޫއަށް ގޮތެއް ކަނޑައެޅުމުގެ ކުރިން ފުރަތަމަ ގޮތެއް ކަނޑައަޅަންޖެހެނީ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒާ ގުޅޭ ގޮތުންނެވެ. އެގޮތުން އިސްތިއުނާފު ރައްދުވާފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދެކަމެކެވެ. އެއީ؛
19.1. މި މައްސަލަ އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ މި ބާވަތުގެ މައްސަލަތައް އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވި ފަހުން ކަމަށްވީހިނދު، މުއްދަތު ފާއިތުވިފަހުން އިސްތިއުނާފު ހުށަހެޅުމަށް ހުއްދަ ދޭންޖެހޭފަދަ މަޤުބޫލު ސަބަބެއް ނެތްކަމަށެވެ.
19.2. މި މައްސަލައިގައި ދައުލަތުން އިސްތިއުނާފު ހުށަހަޅާފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވުމުން ދެން ކަން ކުރަންޖެހޭ އުސޫލާ ޚިލާފަށް، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ އިޖުރާއަތާ ޚިލާފަށް ކަމަށްވުން، މިއެވެ.
20HN2އިސްތިއުނާފު މުއްދަތު ހަމަވެފައިވާ މައްސަލަތައް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅަން އޮތް އިޖުރާއަތަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތު ކަމާމެދު ދައުލަތުން އެއްބަސްވެއެވެ. އަދި، މިފަދަ ބާވަތުގެ މައްސަލަތައް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އިސްތިއުނާފުކުރާ ނިންމުން ނިންމާތާ 10 (ދިހައެއް) ދުވަސްކަމާމެދު ވެސް ދައުލަތުން އެއްބަސްވެއެވެ. މި އިސްތިއުނާފު ހުށަހަޅާފައިވަނީ މި މުއްދަތު ހަމަވިފަހުން ކަމާމެދު ދައުލަތުން އެއްބަސްވެއެވެ. އަދި، މުއްދަތު ހަމަވާ މައްސަލަތަކުގައި ހައިކޯޓަށް އިސްތިއުނާފުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ އިޖުރާއަތުކަމާމެދު ދައުލަތުގެ ޚިލާފެއްނެތެވެ.
21HN5ވީމާ، މުއްދަތު ފާއިތުވިފަހުން އިސްތިއުނާފު ހުށަހެޅި މަޤުބޫލު ސަބަބެއް އޮތްތޯ ބެލުމުގެ ކުރިން، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއާ ޚިލާފަށް ޢާންމު އިސްތިއުނާފު ހުށަހަޅާފަދައިން ހުށަހަޅާފައިވަނީ މަޤްބޫލު ސަބަބެއް އޮވެގެންތޯ ބެލުން މުހިއްމުކަމުގައި ދެކެމެވެ. ސަބަބަކީ މުއްދަތު ފާއިތުވިފަހުން އިސްތިއުނާފު ހުށަހެޅި މަޤުބޫލު ސަބަބެއް އޮތްތޯ ބެލުމަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ބަލައި ވަޒަންކުރަންޖެހޭ ކަމަކަށްވާތީއެވެ. އެ އިޖުރާއަތު ދޫކޮށް މައްސަލަ މި މަރުޙަލާއަށް އައިސްފާވާ މަގަކީ އިޖުރާއަތުތަކާ ބީރައްޓެހި މަގަކަށް ވީހިނދު، އެ މަގަށް ދައުލަތުގެ މިސްރާބު އަޅަންޖެހުނީ ހަމަ ހަޤީޤަތުގައިވެސް މަޤުބޫލު ސަބަބެއް އޮވެގެންތޯ ބެލުމަށެވެ.
22ޝަރީޢަތުން މި ސުވާލު ދައުލަތާ ކުރުމުން، ދައުލަތުން ބުނެފައިވަނީ މި މައްސަލައިގެ އިސްތިއުނާފު ހުށަހެޅުމަށް ފަހު ރަޖިސްޓްރާރ މި މައްސަލަ ބަލައިނުގަތުމަށް ނިންމުމާ ހަމައަށް މި މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވެފައިވާކަން ދައުލަތަށް އެނގިފައިނުވާކަމަށެވެ. އަދި ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއާ ޚިލާފަށް ޢާންމު އިސްތިއުނާފު މައްސަލައެއްގޮތަށް އިސްތިއުނާފު ފޯމު ހުށަހަޅާފައިވަނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށެވެ. އަދި އެ "އިދާރީ އޮޅުން" އިތުރަށް ދިފާޢު ކުރުމުގެ ގޮތުން ދައުލަތުން ހުށަހަޅާފައިވާ "ބަހުސަކީ" ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތަކީ "mere formality" އެއް ކަމަށެވެ. ނުވަތަ އެއްވެސް އަސާސެއްނެތި ހަމައެކަނި ފުރިހަމަކޮށްލަންޖެހޭ އިޖުރާއަތެއް ކަމަށެވެ.
23HN3HN4ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއަކީ ހައިކޯޓަށް މައްސަލަތައް އިސްތިއުނާފުކުރުމަށް ހުށަހެޅޭނެ މުއްދަތު ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ނުވަތަ އެ ފަދަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކުން، ވަކި ބާވަތެއްގެ މައްސަލައެއް އިސްތިއުނާފުކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާނަމަ އެ ފަދަ މައްސަލަތަކުގައި އިސްތިއުނާފުގެ މުއްދަތުކަމުގައި ބަލަންވާނީ އެ ޤާނޫނެއްގައި ނުވަތަ އެ ގަވާއިދެއްގައި ކަނޑައެޅިފައިވާ މުއްދަތު ކަމަށެވެ. އަދި އެ މާއްދާގެ (ނ) އާ (ރ) އަކީ ބުނެވިދިޔަ މުއްދަތު ފާއިތުވުމުން ދެން އިސްތިއުނާފުކުރަން އެދޭ ފަރާތަކުން ޢަމަލު ކުރަންޖެހޭ އުޞޫލެވެ. އެގޮތުން ހައިކޯޓުގެ ގަވާއިދު 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހު، އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެކަމެއްގެ އިސްތިއުނާފު ޤަބޫލު ކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާކަމަށެވެ. އަދި އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ އެފަދަ ޙާލަތެއް މެދުވެރިވެގެން ކަމަށްވާނަމަ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ކުރެވޭ މިންވަރަށް އެކަން ސާބިތުކޮށްދިނުމަކީ އެ ފަދައިން ބުނާ ފަރާތެއްގެ ޒިންމާއެއްކަމަށެވެ. ޚުލާސާއަކީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކުރާ އިޖުރާއަތަކީ އިސްތިއުނާފު މުއްދަތު ފާއިތުވިފަހުން ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރަން އެދޭ ނަމަ އެކަމެއް ހުށަހެޅޭނެ މައި ދޮރެވެ. އެ ދޮރުން ވަނުމަށް ލިބިދެވޭ ތަޅުދަނޑިއަކީ އިސްތިއުނާފު މުއްދަތު ފާއިތުވިފަހުން މައްސަލަ ހުށަހަޅަން އެދޭ ފަރާތަށް މުއްދަތުގައި އިސްތިއުނާފު ހުށަހެޅިފައިނުވާ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް އޮތުމެވެ. އެކަން ފަނޑިޔާރުން ވަޒަންކުރާ މަހައްލަކީ ހައިކޯޓުގެ ގައިވާއިދު 29 ވަނަ މާއްދާއިން އެފަދަ ހުށަހެޅުމެއް ހުށަހެޅުމުންނެވެ.
24HN6މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވެފައިވާކަން މި ކޯޓުގެ ރަޖިސްޓްރާރ އެންގުމުން، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅި ސަބަބަކީ ދަށު ކޯޓުގެ މަހްޟަރު ބަޔާނެއް ލިބުން ލަސްވުމާ ގުޅިގެން ކަމަށް ދައުލަތުން ބަޔާންކުރިނަމަވެސް، އެންމެ ފުރަތަމަ މައްސަލަ ހުށަހެޅުނު އިރު އެފަދަ އެއްވެސް އިޝާރާތެއް ކޮށްފައިނުވެއެވެ.
25ހަމައެހެންމެ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާ ގެ ދަށުން، އިސްތިއުނާފުކުރުމުގެ މުއްދަތުގެ ތެރޭގައި ހުށަނޭޅުނު މަޤްބޫލު ސަބަބެއް ހުށަހެޅުމުގެ ބަދަލުގައި، ދަޢުލަތުން ހުށަހެޅީ، ހައިކޯޓުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާގެ ނިންމުން މުރާޖަޢާކުރުމަށެވެ.
26އެހެންނަމަވެސް، މި މައްސަލައިގައި މަހްޟަރު ބަޔާންތަކެއް ނުލިބި އިސްތިއުނާފު ހުށަހެޅުން ލަސްވެފައިވާކަމީ ރަޖިސްޓްރާރއަށް ހުށަހެޅިފައިވާ ކަމެއް ނޫނެވެ. އަދި އެއީ ރަޖިސްޓްރާރ ވަޒަންކުރާނެ ކަމެއްވެސް ނޫނެވެ. އިސްވެ ބަޔާންކުރި ފަދައިން އެއީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ފަނޑިޔާރުން ވަޒަންކުރަންޖެހޭ ކަމެކެވެ. އެ މާއްދާއިން އެފަދަ ހުށަހެޅުމެއް ހުށަނާޅާ، އެފަދަ ސަބަބެއް ވުޖޫދުގައިވާކަން ވަޒަންކުރުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ.
27އަހުރެންނަށް މި މައްސަލައިގައި ފެންނާން އޮތް ހަޤީޤަތަކީ "އިދާރީ އޮޅުމެއް"ގެ ސަބަބުން އިސްތިއުނާފު މުއްދަތު ތެރޭގައި ދައުލަތައް މައްސަލަ ހުށަނޭޅުމުން، ކޯޓުން އެކަން ދިފާޢުކޮށްދިނުމަށް ދައުލަތުން އެދުމެވެ.
ނިންމަންފެންނަ ގޮތް
28އިސްވެ ބަޔާންކުރި ކަންކަން އެހެން ހުރުމުން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24,25,26,27,28/S4C/2024 ޤަޟިއްޔާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވަނީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވާ އިޖުރާއަތާ ޚިލާފަށްކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/50,51,52,53,54 ޤަޟިއްޔާގެ އިސްތިއުނާފު ފޯމުތައް ބާޠިލުކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
29މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް ތާއިދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
30މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް ތާއިދުކުރަމެވެ.
ޙުކުމް
ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 24,25,26,27,28/S4C/2024 ޤަޝިއްޔާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 2024/HC-B12/50,51,52,53,54 ޤަޝިއްޔާތަކުގެ އިސްތިއުނާފު ފޯމުތައް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޝިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ. މި ޤަޝިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ދިރިކަންނަމު .
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި.
- ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރު: 02/FAM/2021 (27 ޖަނަވަރީ 2021) ގައި ފާސްކުރައްވާފައިވާ އުޞޫލު.
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 226/2024/S/3 ދަޢުވާ ހުށަހަޅާ ފޯމު (29 ފެބުރުވަރީ 2024).
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/42,43 ޤަޟިއްޔާ.
- ހައިކޯޓުގެ ނަންބަރު 2020/HC-A/183 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 10 ޝަރީޢަތް ނިމުނު ގޮތް 2024/HC-B12/50,51.52.53,54
- ހައިކޯޓުގެ ނަންބަރު 2024/HC-B12/34 ޤަޟިއްޔާ.
- ހައިކޯޓުގެ ނަންބަރު 2024/HC-B12/34 ޤަޟިއްޔާ.
- މި މައްސަލައާގުޅިގެން 30 އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/196/2024/17,18,19,20,21 ރަޖިސްޓްރާރގެ ނިންމުން (01 އޮގަސްޓު 2024).
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ގަވާއިދު 2011 ގެ 29 ވަނަ މާއްދާ (ށ)، (ނ)، (ރ)
- ހައިކޯޓުގެ ގަވާއިދު 2011 ގެ 17 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 156 ވަނަ މާއްދާ (ހައިކޯޓުގެ ގަވާއިދު ހަދާފައިވާ ބާރު)
- ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތައް ވ. ފުރަނަ ހޯލްޑިންގްސް) ޤަޟިއްޔާ
- ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ FAM/2021/02 (27 ޖަނަވަރީ 2021) އުޞޫލު (މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.