މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ވަޙީދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/07، 95-CR/MFLC/2024/1، 4320/Cv-C/2021
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 4320/Cv-C/2021 ގައި 30 އޮކްޓޫބަރު 2023 ގައި ޙުކުމްކޮށް، އާދަމް ވަޙީދު ދައްކަންޖެހޭ 18,998/50ރ. ސާބިތުވާކަމަށް ނިންމިއެވެ. އޭގެ އިސްތިއުނާފު މުއްދަތު ހަމަވިފަހުން ހުށަހެޅުނީ ކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/MFLC/2024/1 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/07 ގައި ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- ފައިނޭންސް ލީސިންގ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ އެމްއެފްއެލްސީ 25,132/90ރ. ހޯދުމަށް އާދަމް ވަޙީދުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. 30 އޮކްޓޫބަރު 2023 ގައި ޙުކުމްކުރުމުން 02 ނޮވެންބަރު 2023 ގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދި، ރިޕޯޓު ލިބުނީ 19 ނޮވެންބަރު 2023 ގައެވެ. ހައިކޯޓަށް އިސްތިއުނާފު ހުށަހެޅީ 19 ޑިސެންބަރު 2023 ގައެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރުމުގެ 30 ދުވަހުގެ މުއްދަތު ގުނަން ފަށާނީ ނިންމުން ނިންމި ދުވަހުންތޯ ނުވަތަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބޭ ދުވަހުންތޯއާއި، އެ މާއްދާގެ (ށ) ހިނގާނީ ކޮން ހާލަތްތަކަކަށްތޯއާއި، މުއްދަތު ހަމަވާން ކައިރިވެފައި ރިޕޯޓު ލިބޭ ފަރާތަކަށް އިތުރު ވަގުތު ލިބެންވީ ކޮން އުޞޫލަކުންތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އެމްއެފްއެލްސީ ބުނީ، 2023/SC-HCL/06 ގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި، އެ މާއްދާ ކިޔުމުގައި އިސް ފަސް ތަރުތީބެއް ނުގެންގުޅެވޭނެ ކަމަށާއި، (ހ) ގެ 30 ދުވަހަކީ ނިންމި އިރު ރިޕޯޓު ދިންނަމަ ދެވޭ މުއްދަތެއް ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 16، 142 އަދި 143 ވަނަ މާއްދާއާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 2 އިން 7 އަށް މާއްދާތަކާއި [2021] SC 18 ގެ per incuriam ގެ އުޞޫލާ ޚިލާފު ނިންމުމެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގެ 30 ދުވަސް ގުނަން ފަށާނީ ނިންމުން ނިންމާ ދުވަހުންނެވެ. އެ ޤާނޫނުގެ 269 ވަނަ މާއްދާގެ (ބ) ގެ ދަށުން ޚުލާޞާ ރިޕޯޓު ނިންމާ ދުވަހު ދޫކުރަންޖެހޭއިރު، (ރ) ގެ ދަށުން ފުރިހަމަ ރިޕޯޓު ދޭންވީ 15 ދުވަހުގެ ތެރޭގައެވެ. ޤާނޫނުއަސާސީގެ 283 ވަނަ މާއްދާގެ (ށ) ހިނގާނީ 30 ދުވަހުގެ ފަހުން ރިޕޯޓު ޙަވާލުކުރާ ހާލަތްތަކަށެވެ. ވަގުތު ނުލިބޭކަން ދައްކަންވީ އިސްތިއުނާފުކުރާ ފަރާތުން ކަމަށާއި، ޤާނޫނުއަސާސީގެ 283 ވަނަ މާއްދާގެ (ރ) ގެ ފުރުޞަތު އޮވެއެވެ. ރިޕޯޓު ލިބުނުއިރު މުއްދަތު ހަމަވާން 11 ދުވަސް އޮތުމާއި، އިތުރު ވަގުތު ބޭނުންވި ސަބަބެއް ނުވަތަ 2023/SC-HCL/06 ތަޠުބީޤުނުކުރާނެ ސަބަބެއް ނުދެއްކޭތީ ހައިކޯޓުގެ ނިންމުމަށް ބަދަލުނުގެނެވުނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 4320/Cv-C/2021 ގަޒިއްޔާގެ އިސްތިއުނާފު މުއްދަތު ހަމަވުމަށްފަހު ހުށަހެޅުނީ ކަމަށް ބުނެ ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ 95-CR/MFLC/2024/1 ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2024/07 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރުމަށް އޮތް 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނަން ފަށާނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނިންމުމެއް ނިންމާ ދުވަހުން ފެށިގެންނެވެ. އެ މުއްދަތު ގުނުމުގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބޭ ތާރީޚަށް ރިޢާޔަތް ނުކުރެއެވެ.
HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތަކީ އެންމެ ފުރަތަމަ ޢަމަލުކުރަންޖެހޭ އިޖުރާއަތެވެ. އެ މާއްދާގެ (ށ) ގެ ދަށުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެން މުއްދަތު ގުނަން ފަށާނީ، (ހ) ގައި ބަޔާންކުރާ 30 ދުވަހުގެ ތެރޭގައި ރިޕޯޓު ޙަވާލުކޮށްފައި ނުވެ، އެ މުއްދަތުގެ ފަހުން ޙަވާލުކުރާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތަކަށެވެ.
HN3 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) އަކީ ހަމައެކަނި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށް އިސްތިއުނާފުކުރުމުގެ މުއްދަތު ގުނުމަށް އޮތް މާއްދާއެއް ނޫނެވެ. އެ މާއްދާގެ ދަށުން، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމާއެކު އިސްތިއުނާފުކުރުމާއި ޚުލާޞާ ރިޕޯޓަށް ބިނާކޮށް އިސްތިއުނާފުކުރުން، މި ދެ ޙާލަތު ހިމެނެއެވެ.
HN4 ޙުކުމް ނުވަތަ ނިންމުން ނިންމާ ދުވަހު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާ ދޫކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 269 ވަނަ މާއްދާގެ (ބ) ގެ ދަށުން ކޯޓުތަކަށް ލާޒިމުކަމެކެވެ. މައްސަލަ ބެލި ފަނޑިޔާރުގެ ރައުޔާއި ނިންމުން ބިނާވާ ސަބަބުތައް ހިމެނޭ އެ ޚުލާޞާ ރިޕޯޓަށް ބިނާކޮށް، 283 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލަ އިސްތިއުނާފުކުރެވިދާނެއެވެ.
HN5 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 269 ވަނަ މާއްދާގެ (ރ) ގައި ޙުކުމްކުރާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނަށް ފޮނުވަންވާނެކަމަށް ބަޔާންކޮށްފައިވާތީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކީ ޙުކުމްކުރާ ދުވަހު ދޫކުރަންޖެހޭ ލިޔުމެއް ކަމުގައި ޤާނޫނު ތަޞައްވުރު ނުކުރެއެވެ.
HN6 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލަހުން ލިބުމުގެ ސަބަބުން އިސްތިއުނާފު ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަން ބަޔާންކޮށްދިނުމަކީ އިސްތިއުނާފުކުރުމަށް އެދޭ ފަރާތުގެ ޒިންމާއެކެވެ.
HN7 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބުނާ މުއްދަތު ހަމަވާން ކުޑަތަންވެފައިވަނިކޮށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބޭ ފަރާތްތަކަށް، އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެން މުއްދަތުގައި އިސްތިއުނާފުނުކުރެވުނުކަން ސާބިތުކޮށްދީ، ދަށު ކޯޓުގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ މާއްދާގެ (ރ) ގެ ދަށުން އިސްތިއުނާފުކުރުމުގެ ހުރަހެއް ނެތެވެ.
HN8 ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފުކުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމުގައި، ކޮންމެ މައްސަލައެއްގެވެސް އެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރަންޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، އަޒްމިރާލްދާ ޒާހިރު، މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/08
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/46
ހުށަހެޅުނު ތާރީޚު: 14 ޖުލައި 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ޢާންމު ނަން: އެމްއެފްއެލްސީ
ދާއިމީ އެޑްރެސް: ހ. ފިލިގަސްދޮށުގެ، މާލެ
މިހާރުގެ އެޑްރެސް: ހ. ފިލިގަސްދޮށުގެ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/07
ހުށަހެޅުނު ތާރީޚު: 29 ޖަނަވަރީ 2024
ނިމުނު ތާރީޚު: 29 މެއި 2024
4. ހުށަހެޅިފައިވާ މައްސަލަ
1ފައިނޭންސް ލީސިންގ އުސޫލުން ކޮންސިއުމަރ ޑިއުރަބްލްސް ދޫކުރުމާބެހޭގޮތުން މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެމްއެފްއެލްސީ") އާއި ލ. މާބައިދޫ، ވީނަސް، އާދަމް ވަޙީދުއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންނުދާތީ 02 ސެޕްޓެމްބަރު 2021 ގެ ނިޔަލަށް ނުދައްކާވާ ފައިސާއާއި، ފައިސާ ގަވާއިދުން ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖުރިމަނާއާއި، ލިކުއިޑޭޓެޑް ޑެމެޖަސްއާއި ޤާނޫނީ ވަކީލުންގެ ފީ އާއެކު، ލިބެންޖެހޭ ޖުމްލަ 25,132/90ރ. (ފަންސަވީސް ހާސް އެއްސަތޭކަ ތިރީސް ދެރުފިޔާ ނުވަދިހަ ލާރި) ހޯދުމަށް އެމްއެމްއެލްސީގެ ފަރާތުން އާދަމް ވަޙީދުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2021 ގަޒިއްޔާއިން ދަޢުވާކުރިއެވެ. އެ މައްސަލައިގައި ނިންމީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ ލީސް ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި ލިކުއިޑޭޓެޑް ޑެމެޖަސްއަށްވާ ފައިސާއާއި ވަކީލު ފީ އަށްވާ ފައިސާއާއެކު ޖުމްލަ 18,998/50ރ. (އަށާރަ ހާސް ނުވަސަތޭކަ ނުވަދިހަ އަށްރުފިޔާ/ ފަސްސާސް ލާރި) އަކީ އާދަމް ވަޙީދުގެ ފަރާތުން ދައްކަންޖެހި ނުދައްކާވާ ފައިސާކަން ސާބިތުވާކަމަށެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކުރީ 30 އޮކްޓޫބަރު 2023 ގައެވެ. އެ ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް އެމްއެމްއެލްސީ އިން 02 ނޮވެންބަރު 2023 ގައި އެދުނެވެ. އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިވަނީ 19 ނޮވެންބަރު 2023 ގައެވެ.
2ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2021 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެމްއެފްއެލްސީ އިން 19 ޑިސެންބަރު 2023 ގައި ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 95-CR/MFLC/2024/1 "ރަޖިސްޓްރާރގެ ނިންމުން" ގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2021 ގަޒިއްޔާ އިސްތިއުނާފުކުރުމަށް 2023 ޑިސެންބަރު 19 ވަނަ ދުވަހު ހުށަހަޅާފައިވާއިރު، މައްސަލަ އިސްތިއުނާފުކުރުމަށް ބޭނުންވާނަމަ 2023 ނޮވެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަންޖެހޭތީ، މިއީ އިސްތިއުނާފުގެ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާ މައްސަލައެއްކަމަށްވާތީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 ނިންމުމާ ޙަވާލާދީ މި މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.
3ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް އެމްއެމްއެލްސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި އެ ކޯޓުގެ ނަންބަރު HC-RM/2024/07 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ރަޖިސްޓްރާރގެ ނިންމުން ބާތިލުކުރާނެ ތަނެއް ނެތްކަމަށް ނިންމިއެވެ.
4ހައިކޯޓުގެ ނަންބަރު HC-RM/2024/07 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ އެމްއެމްއެލްސީގެ ފަރާތުން ސުޕްރީމް ކޯޓުގައި އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށްފައިވެއެވެ.
4.1 ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2021 ގަޒިއްޔާ އިސްތިއުނާފު ބަލައިނުގަތުމަށް ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 (ހ) އަދި (ށ) ނުބައިކޮށް މާނަކުރެވިގެން ޤާނޫނުއަސާސީގެ 16، 142 އަދި 143 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނީ އުސޫލަށާއި، ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ބަޔާންކުރާ per incuriam ގެ އުސޫލާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާ.
4.2 ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2021 ގަޒިއްޔާ އިސްތިއުނާފު ބަލައިނުގަތުމަށް ނިންމި ނިންމުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 2، 3، 4، 5، 6 އަދި 7 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
4.3 ސިވިލް ކޯޓުގެ ނަންބަރު 4320/Cv-C/2021 ގަޒިއްޔާ އިސްތިއުނާފު ބަލައިނުގަތުމަށް ނިންމި އަސާސަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނެފައިވާ ޤާނޫނީ އުޞޫލާ ޚިލާފަށް ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 ނިންމުމަށް ބުރަދަންދީގެން ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
5އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އާ ހަވާލާދީ އިސްތިއުނާފުގެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވެއެވެ. އެމްއެމްއެލްސީގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން އިސްތިއުނާފުކުރަމުން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
6ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި މަދަނީ މައްސަލަތައް އިސްތިއުނާފުކުރުމަށް އެދި ހައިކޯޓަށް ހުށަހެޅުމުގައި އެންމެ ފުރަތަމަ ޢަމަލުކުރަންޖެހޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިޖުރާއަތަށް ކަމަށާއި، އެ މާއްދާގެ (ށ) އަށް ޢަމަލުކުރަންޖެހޭނީ (ހ) ގައި ބަޔާންކުރާ އިސްތިއުނާފު ކުރަން ހުށަހެޅުމުގެ 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމަށްފަހުވެސް ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާނަމަ ކަމަށް ބަޔާންކޮށްފައިވެއެވެ.
7މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައިކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ އެ މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައި ނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންކަމަށެވެ.
8HN1HN2މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގެ އިބާރާތަށް ބެލުމުން އިސްތިއުނާފުކުރުމަށް އޮތް 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނުމުގައި ބަލަނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނިންމުމެއް ނިންމާ ދުވަހުން ފެށިގެންނެވެ. އެ މާއްދާގެ (ށ) އިން އިސްތިސްނާއެއް ދީފައިވަނީ އެ 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާނަމަ، ރިޕޯޓު ލިބޭ ދުވަހުން ފެށިގެން މުއްދަތު ގުނަން ފަށާނެކަމަށް ބަޔާންކޮށެވެ.
9އެމްއެފްއެލްސީގެ ފަރާތުން ދެކެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާ ކިޔުމުގައި އިސް ފަސް ތަރުތީބެއް ނުގެންގުޅެވޭނެ ކަމަށާއި، އަދި ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބުނާ 30 (ތިރީސް) ދުވަހުގެ މުއްދަތަކީ މައްސަލަ ނިންމި އިރު ރިޕޯޓު ދިންނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށް ދީފައިވާ މުއްދަތެއްކަމަށެވެ.
10އެމްއެފްއެލްސީ އިން ބުނާ ގޮތަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) މާނަކުރަންވެއްޖެނަމަ، އެ އަކުރުގައިވާ މުއްދަތު ހިނގާނީ ހަމައެކަނި ޙުކުމްކުރާ ދުވަހު ނުވަތަ ނިންމުމެއް ނިންމާ ދުވަހު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރާ ޙާލަތްތަކަށާއި އެ ރިޕޯޓާ ނުލައި ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓަށް ބިނާކޮށް އިސްތިއުނާފުކުރާ މައްސަލަތަކަށް އެކަންޏެވެ.
11HN4ކޯޓުތަކުން ޢަމަލުކުރާ ޢާންމު އުސޫލަކީ، ޙުކުމް ނުވަތަ ނިންމުން ނިންމާ ދުވަހު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާ ދޫކުރުމެވެ. އަދި މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 269 ވަނަ މާއްދާގެ (ބ) އިންވެސް ކޯޓުތަކަށް ލާޒިމުކަމެއްކަން އެނގެއެވެ. ބުނެވުނު ޚުލާޞާ ރިޕޯޓުގައި ހިމެނިގެންވާނީ މައްސަލަ ބެލި ފަނޑިޔާރުގެ ރައުޔު އަދި ނިންމުން ބިނާވާ ސަބަބުތައް ކަމުގައިވާއިރު، މި ޚުލާޞާ ރިޕޯޓަށް ބިނާކޮށް މައްސަލަ އިސްތިއުނާފުކުރެވިދާނެކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގެއެވެ.
12HN5މީގެ އިތުރުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 269 ވަނަ މާއްދާގެ (ރ) ގައި މައްސަލައިގައި ޙުކުމްކުރާތާ ގިނަވެގެން 15 (ދުވަހުގެ) ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނަށް ފޮނުވަންވާނެކަމަށް ބަޔާންކޮށްފައި އޮތުމުން، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަކީ ޙުކުމް ކުރާ ދުވަހު ދޫކުރަންޖެހޭ ލިޔުމެއް ކަމުގައި ޤާނޫނު ތަސައްވުރު ނުކުރެއެވެ. މި އަކުރުގެ އަލީގައި ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގެ ސަރީޙަ އިބާރާތަށް ބަލާއިރު، 30 ދުވަހުގެ މުއްދަތު ގުނަން ފަށާނީ މައްސަލަ ނިންމާ ދުވަހުން ފެށިގެންކަން އެނގެއެވެ. މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރާ ދުވަހުން ފެށިގެންނެއް ނޫނެވެ.
13HN3ވުމާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބުނާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނުމުގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބޭ ތާރީޚަށް ރިޢާޔަތް ނުކުރާކަން އެނގެއެވެ. އަދި އެމްއެފްއެލްސީ އިން ބަޔާންކުރާ ގޮތަށް އެ އަކުރު މާނަކުރަންވެއްޖެނަމަ، އެ އަކުރުގައި ބަޔާންކުރާ 30 ދުވަހުގެ މުއްދަތު ހިނގާ މައްސަލަތައް ހުރުން ނާދިރެވެ. ސަބަބަކީ މައްސަލައެއް ނިންމާ ދުވަހު މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކީ ދޫކުރާ އެއްޗެއް ކަމުގައި ނުވެއެވެ، މަދަނީ އިޖުރާއަތުގެ ޤާނޫނުވެސް އެގޮތަށް ތަސައްވުރު ނުކުރާތީއެވެ. އެމްއެފްއެލްސީ އިން ބުނާ ގޮތަށް މި މާއްދާ މާނަކުރަންވެއްޖެނަމަ 283 ވަނަ މާއްދާގެ (ހ) ގެ ބޭނުން ހިފޭނެކަމުގައި ނުދެކެމެވެ. ސަބަބަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުނު ތާރީޚަށް ބިނާކޮށް އިސްތިއުނާފު ކުރާ ފަރާތްތަކުގެ މުއްދަތު އަބަދުވެސް ގުނަން ފަށާނީ 283 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމުގައިވާތީއެވެ. 283 ވަނަ މާއްދާގެ (ހ) ތަތުބީޤުވުމާ ގާތީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ނުހޯދައި ހަމަ އެކަނި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާސާއަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތްތަކަށެވެ. ނަމަވެސް 283 ވަނަ މާއްދާގެ (ނ) ގެ އިބާރާތުގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޚުލާސާއަށް ބިނާކޮށް އިސްތިއުނާފުކުރުމަށް އެ މާއްދާ ހުރަސް ނާޅާކަމަށް ބަޔާންކޮށްފައި އޮތުމުން، 283 ވަނަ މާއްދާގެ (ހ) އަކީ ހަމައެކަނި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޙުލާސާއަށް ބިނާކޮށް އިސްތިއުނާފުކުރުމުގެ މުއްދަތު ގުނުމަށް އޮތް މާއްދާއެއް ނޫންކަން އެނގެއެވެ. 283 ވަނަ މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމާއެކު އިސްތިއުނާފު ކުރުމާއި ޚުލާސާ ރިޕޯޓަށް ބިނާކޮށް އިސްތިއުނާފު ކުރުން، މި ދެ ހާލަތު ހިމެނޭ ކަމުގައި ދެކެމެވެ.
14އެހެންކަމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 މައްސަލައިގައިވެސް ފާހަގަކޮށްފައިވާ ފަދައިން، އެންމެ ފުރަތަމަ ޢަމަލުކުރަންޖެހޭ އިޖުރާއަތެވެ. އެ މާއްދާގެ (ށ) ގެ ސާފު އިބާރާތުން އިޝާރާތްކޮށްފައިވަނީ އެ މާއްދާގެ (ހ) ގައި ބަޔާންކުރާ 30 ދުވަހުގެ ފަހުން ޙަވާލުކުރާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތަކަށެވެ.
15މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ށ) ގައި އިޝާރާތްކުރާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި އިތުރަށް އެކުލެވިގެންވާނީ އެ މައްސަލައަކާ ގުޅިގެން ދެފަރާތުން ހުށަހެޅި ލިޔެކިޔުންތަކާއި ޝަރީޢަތުގައި އެންމެހައި ފަރާތްތަކުން ދެއްކި ވާހަކަތަކުގެ މަޙްޟަރު ބަޔާންތަކެވެ. ޢަމަލީ ގޮތުން ޝަރީޢަތްތައް ހިނގާގޮތަށް ބަލާނަމަ، ޝަރީޢަތަށް ހުށަހެޅޭ އެންމެހައި ލިޔެކިއުންތައް ދެފަރާތުން ބަދަލުކުރާނެއެވެ. މައްސަލަ ކުރިއަށް ގޮސް ނިންމާއިރު މައްސަލައިގެ ޚަޞްމުންގެ އަތުގައި ނުހުންނާނީ މައްސަލައިގެ މަޙްޟަރު ބަޔާންތައް އެކަނިކަމުގައި ޤަބޫލުކުރެވެއެވެ.
16HN6HN7HN8މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމަށް ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ކޯޓަކުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް، އިސްތިއުނާފެއް ޢާންމުކޮށް ބިނާވަނީ ދަށު މަރުހަލާގައި އެ މައްސަލައެއް ނިންމި ފަނޑިޔާރު ނުވަތަ ޓްރައިބިއުނަލްގެ މެންބަރުންގެ ރައުޔަށް ކަމުގައިވާއިރު، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލަހުން ލިބުމުގެ ސަބަބުން އިސްތިއުނާފު ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަން ބަޔާންކޮށްދިނުމަކީ އިސްތިއުނާފުކުރުމަށް އެދޭ ފަރާތުގެ ޒިންމާއެއް ކަމުގައި ދެކެމެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ރ) ގައި އެ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރެވިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އަދި ދަށު ކޯޓުގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމަ، ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައި އޮތުމުން، 283 ވަނަ މާއްދާގެ (ހ) ގައި ބުނާ މުއްދަތު ހަމަވާން ކުޑަތަންވެފައިވަނިކޮށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބޭ ފަރާތްތަކުން މި އަކުރު ތަތުބީޤުކުރުމުގެ ހުރަހެއް އޮތްކަމުގައި ނުދެކެމެވެ. އަދި މިފަދަ ކަންކަމުގައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފުކުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމުގައި ކޮންމެ މައްސަލައެއްގެވެސް އެ މައްސަލައެއްގައިވާ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭ ކަމުގައި ދެކެމެވެ.
17ހުށަހެޅިފައިވާ މައްސަލައިގައި އެމްއެފްއެލްސީ ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ފޯމުގައި އެމްއެފްއެލްސީގެ މުޅި ބަހުސް ބިނާވެފައި އޮތީ މައްސަލަ ދަށު ކޯޓުން ބެލި ފަނޑިޔާރު ޖޫރިމަނާގެ ފައިސާ ނަގައިދީފައި ނުވުމުގެ މައްޗަށެވެ. އަދި ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ބައެއް ނިންމުންތަކާ ހަވާލާދީ، ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ބައެއް އުސޫލުތަކާ ޚިލާފަށްކަމަށް ބުނާ ބުނުމުގެ މައްޗަށެވެ.
18އެމްއެފްއެލްސީ އަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބުނާ 30 ދުވަހުގެ މުއްދަތު ހަމަވުމަށް 11 ދުވަހަށް ވެފައިވަނިކޮށެވެ. މި 11 ދުވަހުގެ މުއްދަތުގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހުރި އެމްއެފްއެލްސީ ގެ އަތުގައި ނެތް މަޢުލޫމާތަށް ބިނާކޮށް އިސްތިއުނާފީ ބަހުސް ތައްޔާރުކުރުމަށް އިތުރު ވަގުތު ބޭނުންވާ ސަބަބެއް އެމްއެފްއެލްސީ އަށް ބުނެދެވިފައިނުވެއެވެ.
19ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) އަދި (ށ)، ހައިކޯޓުން މާނަކުރުމުގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ، 142 އަދި 143 ވަނަ މާއްދާ އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 2، 3، 4، 5، 6 އަދި 7 ވަނަ މާއްދާއާ ޚިލާފުވަނީ ކިހިނެތްކަން އެމްއެފްލެލްސީއަށް ބުނެދެވިފައިނުވެއެވެ. އަދި ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ބަޔާންކުރާ per incuriam ގެ އުސޫލަށް ރިޢާޔަތްކޮށް، ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 ނިންމުމުގައިވާ އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރަން ނުޖެހޭ ސަބަބެއް އެމްއެފްއެލްސީ އަށް ދެއްކިފައިނުވެއެވެ.
5. ނިންމުން
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަންބަރު HC-RM/2024/07 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު
އަޒްމިރާލްދާ ޒާހިރު
މުޙައްމަދު އިބްރާހީމް
08 ޞަފަރު 1446
12 އޮގަސްޓް 2024
ފުޓްނޯޓު
- [2021] SC 18
- 4/2011
- ޤާނޫނު ނަންބަރު 32/2021
- އެމް.އެފް.އެލް.ސީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުގެ 7.1.4
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ށ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ނ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ރ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 269 ވަނަ މާއްދާގެ (ބ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 269 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2023/SC-HCL/06 (އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް)
- ސުޕްރީމް ކޯޓުގެ [2021] SC 18 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.