ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/SC-HCL/28, 2023/SC-L/120

ސައުދާ މުޞްޠަފާ ވ. އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 27 ނޮވެމްބަރު 2023ދަށު ކޯޓު: ހައިކޯޓު HC-RM/2023/54ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2023/54، 95-CR/INDIV/2023/233، 50/VTR/2021
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން 50/VTR/2021 މައްސަލަ 27 ޖޫން 2022 ގައި ނިންމިއެވެ. އޭގެ އިސްތިއުނާފު 12 ޖޫން 2023 ގައި ހުށަހެޅުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4 ވަނަ މާއްދާއާއި 2023/SC-HCL/06 އަށް ހަވާލާދީ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2023/233 ގައި ބަލައިނުގަތެވެ. ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/54 ގައި އިއްތިފާޤުން އެ ނިންމުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފެއް ކަމުގައިވާ ސައުދާ މުޞްޠަފާ ނުލިބި ހުރި މުސާރައާއި ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ޓްރައިބިއުނަލުގައި އޭނާއާ އެއްކޮޅަށް ނިމުނެވެ. ރިޕޯޓަށް 20 ޖުލައި 2022 ގައި އެދުނު ނަމަވެސް ފައިސާ ދައްކަން އެންގީ 28 ޖަނަވަރީ 2023 ގައެވެ. ފައިސާ 15 މާރޗް 2023 ގައި ދައްކައި، 27 އޭޕްރީލް 2023 ގައި ލިބުނު ރިޕޯޓުގެ ހިސާބު ޖެހުމުގެ ކުށްތައް އިސްލާހުކޮށް 13 މެއި 2023 ގައި ރިޕޯޓު ހަވާލުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓްރައިބިއުނަލުގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ލަސްވެ، އޭގައިވާ ހިސާބު ޖެހުމުގެ ކުށްތައް އިދާރީ ގޮތުން އިސްލާހުކުރުމަށް ޚަޞްމު މަސައްކަތްކުރި ޙާލަތެއްގައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ކޮން ތާރީޚަކުންތޯއާއި، ޚުލާސާ ރިޕޯޓާއެކު އިސްތިއުނާފު ނުކުރުމުން އިސްތިއުނާފުގެ ޙައްޤު ގެއްލޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ސައުދާ މުޞްޠަފާ ބުނީ، ހައިކޯޓުން މައްސަލަ ބަލައިނުގަތީ ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްނުކޮށް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭ ގޮތަށް ކަމަށާއި، ރިޕޯޓުގައި ފައިސާގެ އަދަދު ނުބައިކޮށް ހިސާބުކޮށްފައިވާތީ އިދާރީ ގޮތުން އިސްލާހުކުރުމަށް މަސައްކަތްކުރި ކަމަށާއި، އަދަދުތައް އިސްލާހުކޮށްފިނަމަ އިސްތިއުނާފުކުރުމުގެ ބޭނުމެއް ނެތް ކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ރ) ގެ ދަށުން 6 މަސްދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމުގެ ފުރުޞަތު އޮތް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ރިޕޯޓާ ހަވާލުވުމާ ގުޅޭ ލިޔެކިޔުން ނެތުމާއި ޓްރައިބިއުނަލުގެ މަޢުލޫމާތުގައި މައްސަލަ ހުރުމުން ކަންހިނގީ ސައުދާ ބުނާ ގޮތަށް ކަމަށް ބަލަންޖެހެއެވެ. ހިސާބު ޖެހުމުގެ ކުށް އިދާރީ ގޮތުން އިސްލާހުކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން SCPD-02/2021 ގައި އިރުޝާދު ދީފައިވާތީ، މައްސަލަ ކާމިޔާބުވި ފަރާތުން ކުށް އިސްލާހުކުރުމަށް މަސައްކަތްކުރުމަކީ އޮތް ކަމެކެވެ. ރިޕޯޓު ލިބުނީ 13 މެއި 2023 ގައި ކަމަށް ބެލުމުގެ މަންފާ ސައުދާއަށް ލިބިދޭންޖެހޭއިރު، 12 ޖޫން 2023 ގައި ހުށަހެޅި އިސްތިއުނާފަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ މުއްދަތުގެ ތެރޭގައި ހުށަހެޅި އިސްތިއުނާފެކެވެ. ޚުލާސާ ރިޕޯޓާއެކު އިސްތިއުނާފު ނުކުރުމަކީ އިސްތިއުނާފީ ޙައްޤަށް އުނިކަމެއް އަންނަ ކަމެއްކަމުގައި ބެލުން އަދުލުވެރި ނޫނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނިންމުން ބާޠިލު: ހައިކޯޓުގެ ރަޖިސްޓްރާރގެ 95-CR/INDIV/2023/233 ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2023/54 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ބާތިލުކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 50/VTR/2021 މައްސަލައިގެ ނިންމުން އިސްތިއުނާފުކުރަން އެދޭނަމަ 27 ނޮވެންބަރު 2023 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމުގެ ފުރުޞަތު ސައުދާ މުޞްޠަފާއަށް ލިބިގެންވާކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ރިޕޯޓާ ހަވާލުވުމަށް އެންގި ތާރީޚާއި ރިޕޯޓާ ހަވާލުވި ތާރީޚާ ގުޅޭ ލިޔެކިޔުން ފެންނަން ނެތި، ޓްރައިބިއުނަލުން ހައިކޯޓަށް ފޯރުކޮށްދީފައިވާ މަޢުލޫމާތުގައި މައްސަލަތަކެއް ހުރިކަން ފާހަގަވާނަމަ، ރިޕޯޓާ ހަވާލުވުމަށް އެންގުމުގެ އަދި ރިޕޯޓާ ހަވާލުވުމުގެ ކަންކަން ހިނގާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ފަދައިން ކަމަށް ބަލަންޖެހެއެވެ.

HN2 މައްސަލައެއްގައި އަތުލިޔުމުގެ ނުވަތަ ހިސާބު ޖެހުމުގެ ކުށެއް ޖެހިއްޖެނަމަ އެކަން އިދާރީ ގޮތުން އިސްލާހުކުރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން އިރުޝާދު ދީފައިވާތީ، ޓްރައިބިއުނަލުން ދޫކުރި މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައިވާ އެފަދަ ކުށެއް އިދާރީ ގޮތުން އިސްލާހުކޮށްދެއްވާތޯ ޚަޞްމަކު މަސައްކަތްކުރުމަކީ އޮތް ކަމެކެވެ. މައްސަލަ ނިމުނީ އެ ޚަޞްމާ އެއްކޮޅަށް ކަމުގައިވެ، ކުށް އިސްލާހުކޮށްފިނަމަ އިސްތިއުނާފުކުރުމުގެ ބޭނުމެއް ނުއޮންނާނެ ޙާލަތެއްގައި މިކަމަށް އިތުރު ބުރަދަނެއް ދެވެއެވެ.

HN3 ޓްރައިބިއުނަލުން މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރުން ލަސްވެ، ފުރަތަމަ ދޫކުރި ރިޕޯޓުގައި ކުށް ހުރިކަން ޚަޞްމު ފާހަގަކުރުމުން ޓްރައިބިއުނަލަށް ފެންނަ އިސްލާހުތައް ގެނެސް އިސްލާހުކުރި ރިޕޯޓު ހަވާލުކޮށްފައިވާ ޙާލަތެއްގައި، ކަންހިނގާފައިވާ ގޮތަށް ބަލައި، އެ ޚަޞްމަށް ރިޕޯޓު ލިބިފައިވަނީ އިސްލާހުކުރި ރިޕޯޓު ހަވާލުކުރި ތާރީޚުގައި ކަމަށް ބެލުމުގެ މަންފާ އެ ޚަޞްމަށް ލިބިދޭންޖެހެއެވެ.

HN4 ރިޕޯޓު ދޫކުރުން ލަސްވެ، ރިޕޯޓުގައިވާ ކުށް އިސްލާހުކުރުމަށް މަސައްކަތްކުރަމުން ދިޔަ ޙާލަތެއްގައި، ޚުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ޚަޞްމަކު އިސްތިއުނާފުކޮށްފައި ނުވުމަކީ، އޭނާގެ އިސްތިއުނާފީ ޙައްޤަށް އުނިކަމެއް އަންނާނެ ކަމެއް ކަމުގައި ބަލައިގެން ކުރިއަށް ދިއުމަކީ އެންމެ އަދުލުވެރި ގޮތް ނޫނެވެ.

HN5 މައްސަލަ ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރިޕޯޓު ހަވާލުކޮށްފައި ނުވާ ޙާލަތެއްގައި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ޚަޞްމާ ޙަވާލުކުރި ތާރީޚުން ފެށިގެން 30 (ތިރީސް) ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާ އިސްތިއުނާފަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބުނާ މުއްދަތުގެ ތެރޭގައި ހުށަހަޅާ އިސްތިއުނާފެއް ކަމަށް ބަލައި، ހައިކޯޓުން ބަލައިގަންނަންޖެހޭ އިސްތިއުނާފެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
ރިޔާސަތު
ޢާއިޝާ ޝުޖޫން މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2023/SC-HCL/28

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2023/SC-L/120

ހުށަހެޅުނު ތާރީޚު: 31 އޮކްޓޯބަރު 2023

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ސައުދާ މުޞްޠަފާ

ޢާންމު ނަން: ސައުދާ މުޞްޠަފާ

ދާއިމީ އެޑްރެސް: ގްލޯރީ، ސ. ފޭދޫ

މިހާރުގެ އެޑްރެސް: މ. ވޭލްޝާރކް، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2023/54

ހުށަހެޅުނު ތާރީޚު: 07 އޮގަސްޓް 2023

ނިމުނު ތާރީޚު: 08 ނޮވެމްބަރު 2023

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 ސ. ފޭދޫ، ގްލޯރީ، ސައުދާ މުޞްޠަފާ، 18 ސެޕްޓެންބަރު 2014 އިން ފެށިގެން އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ސެކްރެޓަރީ އަދި އޮފީސް އެޑްމިނިސްޓްރޭޝަން މެނޭޖަރ ކަމުގެ މަޤާމުގައި ވަޒީފާއަދާކުރި މުއްދަތުގައި، 2017 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އެ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ -/US$5000 (ފަސްހާސް އެމެރިކާ ޑޮލަރު) ލިބިދީފައި ނުވާތީއާއި، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މުސާރަ ދީފައި ނުވާތީ، ސައުދާ މުޞްތަފާ އާއި އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނުލިބިވާ މުސާރައާއި މުސާރަ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސައުދާ މުޞްތަފާ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅިއެވެ.

[2]4.2 ޓްރައިބިއުނަލްގެ ނަންބަރު 50/VTR/2021 މައްސަލައިގައި ބެލުނު މައްސަލައިގެ ނިންމުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، ސައުދާ މުޞްތަފާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ސައުދާ މުޞްތަފާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނުގެ ޢާންމު މަޤްޞަދު ކަމުގައިވާ އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބަލައި ގޮތެއް ނިންމުމަށް މަގުފަހިކުރުމަށް އޮންނަ އޮތުމާ ޚިލާފަށް ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، އެ މާއްދާއަށާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 އަދި ހައިކޯޓުގެ ނަންބަރު 2023/HC-A/60 "އިޖުރާއީ އިޢުތިރާޝާމެދު ނިންމި ގޮތް" އަށް ހަވާލާދީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

[3]4.3 ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ސައުދާ މުޞްތަފާގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ރަޖިސްޓްރާރގެ ނިންމުމަށް ތާއިދުކޮށްފައިވެއެވެ.

[4]4.4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މި ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ސައުދާ މުޞްތަފާގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤު ގެއްލޭ ގޮތަށް ކަމުގައެވެ.

[5]4.5 މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޓްރައިބިއުނަލްގެ ނަންބަރު 50/VTR/2021 މައްސަލައިގައި ބެލުނު މައްސަލަ ނިމިފައިވަނީ 27 ޖޫން 2022 ގައެވެ. އަދި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ، 12 ޖޫން 2023 ގައެވެ.

[6]4.6 ސައުދާ މުޞްޠަފާގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބަލައި ހައިކޯޓުގެ ފަނޑިޔާރުން ގޮތް ނިންމުމުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

(ހ) މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހައިކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅަންޖެހެނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލް އިން މައްސަލަ ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައިކަމާއި، ރިޕޯޓު ހަވާލުކުރާ ތާރީޚުން އިސްތިއުނާފުގެ މުއްދަތު ގުނަން ފަށާނީ މައްސަލަ ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރިޕޯޓު ހަވާލުކޮށްފައި ނުވާނަމަ ކަމަށާއި؛

(ށ) އިސްތިއުނާފު ކުރުމަށް އެދޭނަމަ މައްސަލައިގެ ޚުލާސާ ރިޕޯޓާއެކު އިސްތިއުނާފު ކުރުމަށް ހުށަހެޅިދާނެ ކަމަށާއި، ބުނެވުނު 30 (ތިރީސް) ދުވަހުގެ މުއްދަތު ފަހަނައަޅާ ދަންދެން މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބަރޯސާވެ އިސްތިއުނާފު ކުރުމަށް އެދި ހުށަނޭޅުމަކީ އެކަށީގެންވާ މަޤުބޫލު ސަބަބެއް ނޫން ކަމުގައިވާއިރު، ސައުދާ މުސްޠަފާގެ ފަރާތުން ޚުލާސާ ރިޕޯޓާއެކު އިސްތިއުނާފު ކުރުމަށް ހުރަހެއް އޮތްނަމަ، ނުވަތަ މައްސަލައިގެ ރިޕޯޓާއެކު މެނުވީ އިސްތިއުނާފަށް ހުށަނޭޅޭނެ ސަބަބެއް އޮތްނަމަ، އެކަން ފާހަގަކޮށްފައި ނުވާކަން؛

(ނ) މަދަނީ މައްސަލައެއް ހައިކޯޓަށް އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު ގުނުމުގައި ހުރި އޮޅުންތައް ސުޕްރީމް ކޯޓުގެ 2023/SCPD-01 ޕްރެކްޓިސް ޑައިރެކްޝަން މެދުވެރިކޮށް ހައްލުކުރެވިފައި ވާއިރު، ސައުދާ މުސްޠަފާއަށް މުއްދަތު ގުނުމުގައި އޮޅުންއަރާފައިވާކަމަށް ބެލެވެން ނެތްކަން؛

(ރ) ހައިކޯޓަށް އިސްތިއުނާފު ކުރެވުނު މައްސަލަ ނިމުނުތާ 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވެފައިވަނީ 21 އޯގަސްޓް 2022 ގައި ކަމުގައިވާއިރު، ސައުދާ މުޞްޠަފާ ޓްރައިބިއުނަލްގެ ރިޕޯޓާއި ހަވާލުވެފައިވަނީ 27 އޭޕްރީލް 2023 ގައި ކަން، އަދި މި ލަސްވި ލަސްވުމަކީ އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއް މެދުވެރިކޮށް ވީ ލަސްވުމެއްކަން އެނގެން ނެތްކަމާއި، މައްސަލައިގެ ޚުލާސާ ރިޕޯޓާއެކު އިސްތިއުނާފު ކުރުމަށް ހުށަނޭޅި ސަބަބު ބަޔާންކޮށްދީފައި ނުވާކަން.

[7]4.7 ހައިކޯޓުން އިސްތިއުނާފު ބަލައި ނުގަތުމަށް ނިންމި ސަބަބުތަކަށް ހަވާލާދީ ސައުދާ މުޞްޠަފާގެ ފަރާތުން ބުނެފައިވަނީ:

(ހ) ޓްރައިބިއުނަލްގައި ސައުދާ މުޞްޠަފާ ހުށަހެޅި މައްސަލަ އޭނާއަށް ކާމިޔާބު ވެފައިވާނަމަވެސް، މައްސަލައިގެ ރިޕޯޓު ލިބުނު އިރު އޭނާއަށް ލިބެންވާ ފައިސާގެ އަދަދު ހިސާބުކޮށްފައިވަނީ ނުބައިކޮށްކަން ފާހަގަކުރެވި، ޓްރައިބިއުނަލްއިން ސައުދާ މުޞްޠަފާއަށް ލިބެންޖެހޭ ކަމަށް ކަނޑައަޅާފައިވާ އަދަދު މަދުވެފައިވާތީ، އެކަން އިދާރީގޮތުން އިސްލާހުކުރުމަށް މަސައްކަތްކުރި ކަމަށާއި؛

(ށ) އޭގެ އިތުރުން، އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފަށް އިތުރު އިސްތިއުނާފެއް ހުށަހެޅުމުގެ މަސައްކަތް ކުރެވުނު ނަމަވެސް، އެ ފުރުސަތު ނުލިބުނު ކަމަށާއި؛

(ނ) ސައުދާ މުސްޠަފާ އެދިގެން ޓްރައިބިއުނަލްގެ ފަރާތުން ރިޕޯޓު ރަނގަޅުކޮށް 13 މެއި 2023 ގައި ލިބިދީފައިވާ ނަމަވެސް، އެ އިސްލާހުތަކުގެ ތެރޭގައި ފައިސާގެ އަދަދުތަކާ ގުޅުން ހުރި އިސްލާހުތައް ހިމަނާފައިނުވާތީ، އަލުން އެ އިސްލާހުތައް ގެނެސްދިނުމަށް އެދި ހުށަހެޅިކަމަށާއި، އެގޮތުން ޓްރައިބިއުނަލްއަށް ގަބޫލުކުރެވުނު އިސްލާހުތައް ގެނެސް ރިޕޯޓު ހަވާލުކޮށްފައިވަނީ 9 ޖުލައި 2023 ގައި ކަމަށާއި؛

(ރ) 13 މެއި 2023 ގައި ޓްރައިބިއުނަލްއިން އިސްލާހުކުރި ފުރަތަމަ ރިޕޯޓު ލިބުމުން، އަދަދުތައް އިދާރީގޮތުން އިސްލާހު ނުވާނެކަން ސާފުވުމުން އިސްތިއުނާފު ހުށަހެޅުމުގެ މަސައްކަތް ފެށީ ކަމަށާއި، ޓްރައިބިއުނަލްއިން އަދަދުތައް އިސްލާހު ކުރިނަމަ އިސްތިއުނާފު ހުށަހެޅުމުގެ ބޭނުމެއް އަދި ޒަރޫރަތެއްވެސް ނެތްކަން؛

(ބ) މައްސަލައެއް އިސްތިއުނާފު ކުރެވިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމަ، ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފުކުރުމުގެ ފުރުސަތު އޮތްކަން މިއެވެ.

[8]4.8 މި މައްސަލައިގައި ހައިކޯޓުގެ "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ކަންކަމަށް ބެލުމުން، ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށްޓަކައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް އީމެއިލް މެދުވެރިކޮށް 29 ޖަނަވަރީ 2023 ގައި ސައުދާ މުޞްޠަފާއަށް އަންގާފައިވާކަމާއި، އެ ފައިސާ 31 ޖަނަވަރީ 2023 ގައި ސައުދާ މުސްޠަފާ ދައްކާފައިވުމުން، ހަމަ އެ ތާރީޚުގައި (31 ޖަނަވަރީ 2023 ގައި) ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓާ ހަވާލުވުމަށް ސައުދާ މުޞްޠަފާއަށް އެންގުމުން، އޭނާގެ ފަރާތުން ރިޕޯޓާއި ހަވާލުވެފައިވަނީ 27 އޭޕްރީލް 2023 ގައިކަމުގައި ޓްރައިބިއުނަލްއިން ހައިކޯޓަށް މައުލޫމާތު ދީފައިވެއެވެ.

[9]4.9 އެހެންނަމަވެސް، ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން، ސައުދާ މުސްޠަފާއަށް ޓްރައިބިއުނަލްގެ ރިޕޯޓު ލިބިގަތުމަށް ދައްކަންޖެހޭ ފައިސާ 'ބަނޑޭރި ޕޭ' މެދުވެރިކޮށް ދެއްކުމަށް އަންގާފައިވަނީ 28 ޖަނަވަރީ 2023 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:45 ގައި ޓްރައިބިއުނަލްއިން ފޮނުވި އީ-މެއިލް އެއްގެ ޒަރިއްޔާއިންކަން އެނގެން އޮވެއެވެ. އަދި 'ބަނޑޭރި ޕޭ' މެދުވެރިކޮށް، ރިޕޯޓަށްވާ ފައިސާ ދެއްކުމަށް ސައުދާ މުސްތަފާގެ ފަރާތުން ފެބްރުއަރީ އަދި މާރޗް މަހު މަސައްކަތްކޮށްފައިވާކަން އެނގެން އޮތް ހިނދު، އެ ފައިސާ ދައްކާފައިވަނީ 15 މާރޗް 2023 ގައިކަންވެސް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެއެވެ. ސައުދާ މުސްޠަފާގެ ފަރާތުން ރިޕޯޓު ހޯދުމަށް ފައިސާ ދެއްކި ތާރީޚުގެ ގޮތުގައި ހައިކޯޓުންވެސް ފާހަގަކުރައްވާފައިވަނީ މި (15 މާރޗް 2023 ގެ) ތާރީޚުކަން ފާހަގަކުރަމެވެ.

[10]4.10 މީގެ އިތުރުން، ސައުދާ މުޞްޠަފާއަށް ރިޕޯޓާއި ހަވާލުވުމަށް ޓްރައިބިއުނަލްއިން އަންގާފައިވަނީ 27 އޭޕްރީލް 2023 ގައި ކަމުގައިއާއި، ހަމަ އެދުވަހުގެ ސައުދާ މުޞްޠަފާ އެ ރިޕޯޓާއި ހަވާލުވެފައިވާ ކަމުގައި އޭނާ ބުނާއިރު، މިކަމާ ގުޅޭ ލިޔެކިޔުން ފެންނަން ނެތުމުންނާއި، ޓްރައިބިއުނަލްއިން ހައިކޯޓަށް ފޯރުކޮށްދީފައިވާ މަޢުލޫމާތުގައި މައްސަލަތަކެއް ހުރިކަން ފާހަގަވާތީ، ރިޕޯޓާއި ހަވާލުވުމަށް އެންގުމުގެ އަދި އެ ރިޕޯޓާ ހަވާލުވުމުގެ ކަންކަން ހިނގާފައިވަނީ ސައުދާ މުޞްޠަފާ ބަޔާންކުރާ ފަދައިން ކަމަށް ބަލަންޖެހޭ ކަމުގައި ދެކެމެވެ.

[11]4.11 ރިޕޯޓު ތައްޔާރު ކުރުމާއި ހަވާލު ކުރުމުގެ ކަންކަން ހިނގާފައިވަނީ އިސްވެ ބަޔާންކުރެވުނު ގޮތަށްކަމަށް ވާއިރު، ސައުދާ މުސްތަފާއަށް ޓްރައިބިއުނަލް އިން ދޫކޮށްފައިވާ ޚުލާސާ ރިޕޯޓުގައާއި އިސްލާހުކޮށް އޭނާއާ ހަވާލުކުރެވުނު މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ގައިވެސް ހިސާބު ޖެހުމުގައި އަރާފައިވާ އޮޅުން ކަމަށް ސައުދާ މުސްތަފާ ބުނާ އަދަދުތައް ހުރީ ހަމައެފަދައިން ކަން ފާހަގަވެއެވެ. އަދި 27 އޭޕްރީލް 2023 ގައި ޓްރައިބިއުނަލްގެ ފަރާތުން ފުރަތަމަ ފަހަރަށް ރިޕޯޓު ދޫކުރިއިރު، އެ އަދަދުތައް ހުރީ ހަމަ ޚުލާސާ ރިޕޯޓުގައި ހުރިގޮތަށްކަން ފާހަގަވުމުން، ސައުދާ މުޞްޠަފާގެ ފަރާތުން އޭނާއަށް ލިބިދިން ރިޕޯޓުގައިވާ 'ކުށްތައް' އިސްލާހުކޮށްދިނުން އެދި ޓްރައިބިއުނަލްއާ މުޢާމަލާތްކޮށްފައިވާކަން ހުށަހަޅާފައި ލިޔެކިޔުމުން އެނގެއެވެ. މައްސަލައެއްގައި އަތުލިޔުމުގެ ނުވަތަ ހިސާބު ޖެހުމުގެ ކުށެއް ޖެހިއްޖެނަމަ އެކަން އިދާރީ ގޮތުން އިސްލާހުކުރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން އިރުޝާދު ދީފައިވާތީ، ޓްރައިބިއުނަލްގެ ފަރާތުންވެސް އިދާރީ ގޮތުން އެފަދަ ކުށެއް އިސްލާހު ކޮށްދެއްވާތޯ މަސައްކަތްކުރުމަކީ އޮތް ކަމެކެވެ. މި މައްސަލައިގައި މިކަމަށް އިތުރު ބުރަދަނެއް ދެވެނީ، އެ މައްސަލަ ޓްރައިބިއުނަލްގައި ނިމުނީ ސައުދާ މުޞްޠަފާއާ އެއްކޮޅަށް ކަމަށް ވުމުން، އޭނާ ފާހަގަކޮށްފައިވާ ކުށަކީ ހަމަ ހަޤީޤަތުގައިވެސް އިދާރީ ކުށެއް ކަމުގައިވާނަމަ، އަދި ޓްރައިބިއުނަލްއިން އެ ކުށް އިސްލާހުކޮށްފިނަމަ، ސައުދާ މުޞްޠަފާ ފާހަގަކޮށްފައިވާ ފަދައިން، އޭނާގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރުމުގެ ބޭނުމެއް އޮންނާނެކަމަށް ބުރަނުވެވޭތީއެވެ.

[12]4.12 ކުށް އިސްލާހުކުރުމަށް ސައުދާ މުޞްޠަފާ އެދުމުން، ޓްރައިބިއުނަލް އިން ދެ ފަހަރެއްގެ މަތިން، 13 މެއި 2023 ގައި އަދި 03 ޖުލައި 2023 ގައި، އިސްލާހުކުރެވުނު ރިޕޯޓު ސައުދާ މުޞްޠަފާއަށް ރައްދުކޮށްފައިވާކަން ލިޔެކިޔުމުން އެނގެއެވެ.

[13]4.13 ކަންވެފައިވަނީ އިސްވެ ބަޔާންކުރި ފަދައިން ކަމުގައިވުމުން، ސައުދާ މުޞްޠަފާ ދެކޭ ގޮތުގައި އޭނާގެ އިސްތިއުނާފުގެ ޙައްޤު އުފަންވަނީ އިސްލާހުކުރި ރިޕޯޓު އޭނާއަށް ރައްދުކުރި ތާރީޚު، ނުވަތަ 13 މެއި 2023 ގައެވެ. މިއީ، އެކަށީގެންވާ ޤަބޫލުކުރުމެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ޓްރައިބިއުނަލްއިން މައްސަލަ ނިމިފައިވަނީ 27 ޖޫން 2022 ގައި ކަމުގައިވެފައި، މައްސަލައިގެ ރިޕޯޓު ހޯދުމަށް 20 ޖުލައި 2022 ގައި އެދިފައިވާހިނދު، ރިޕޯޓަށް ފައިސާ ދައްކަން އަންގާފައިވަނީ 28 ޖަނަވަރީ 2023 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްކަމުގައި ވުމުންނާއި، ފައިސާ ދެއްކުމަށް މަސައްކަތްތަކެއް ކޮށް ސައުދާ މުޞްޠަފާއަށް ރިޕޯޓު ލިބިގަތުމަށްޓަކައި ދައްކަންޖެހޭ ފައިސާ ދެއްކިފައިވަނީ 15 މާރޗް 2023 ކަން އެނގެން އޮތުމުންނާއި، ސައުދާ މުޞްޠަފާއަށް ފުރަތަމަ ރިޕޯޓު ދޫކޮށްފައިވަނީ 27 އޭޕްރީލް 2023 ގައިވާ ހިނދު، އެރިޕޯޓުގައި ކުށް ހުރިކަން ސައުދާ މުޞްޠަފާގެ ފަރާތުން ފާހަގަކުރުމުން، ސައުދާ މުޞްޠަފާ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ޓްރައިބިއުނަލްއަށް ފެންނަ އިސްލާހުތައް ގެނައުމަށް ފަހު، ސައުދާ މުޞްޠަފާއާ އިސްލާހުކުރި ރިޕޯޓު ހަވާލުކޮށްފައިވަނީ 13 މެއި 2023 ގައިކަން އެނގެން އޮތުމުގެ އިތުރުން، ސައުދާ މުޞްޠަފާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ބަޔާންކުރުމުގައި "މައްސަލައިގެ ފަސްފަހަތް" މި ސުރުޙީގެ ދަށުގައި އިސްވެ ފާހަގަކުރި ކަންކަން ހިމަނާފައިވާތީ، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލައި، ސައުދާ މުޞްޠަފާއަށް ރިޕޯޓު ލިބިފައިވަނީ 13 މެއި 2023 ގައި ކަމަށް ބެލުމުގެ މަންފާ ސައުދާ މުޞްޠަފާއަށް ލިބިދޭންޖެހޭ ކަމުގައި ދެކެމެވެ. އަދި ހަމައެއާއެކު، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލައި، ޚުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ސައުދާ މުޞްޠަފާގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވުމަކީ، އޭނާގެ އިސްތިއުނާފީ ޙައްޤަށް އުނިކަމެއް އަންނާނެ ކަމެއް ކަމުގައި ބަލައިގެން ކުރިއަށް ދިއުމަކީ އެންމެ އަދުލުވެރި ގޮތް ކަމުގައިވެސް ނުދެކެމެވެ.

[14]4.14 ސައުދާ މުޞްޠަފާގެ ފަރާތުން ޓްރައިބިއުނަލްގެ ނަންބަރު 50/VTR/2021 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ 12 ޖޫން 2023 ގައި ކަމުގައިވެފައި، މި ތާރީޚަކީ ސައުދާ މުޞްޠަފާއާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރި ތާރީޚުން (13 މެއި 2023 އިން) ފެށިގެން 30 (ތިރީސް) ވަނަ ދުވަސް ކަމުގައިވާތީ، ސައުދާ މުޞްޠަފާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބުނާ މުއްދަތުގެ ތެރޭގައި ކަމަށް ބަލައި، ސައުދާ މުޞްޠަފާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ހައިކޯޓުން ބަލައިގަންނަންޖެހޭ ކަމުގައި ދެކެމެވެ.

[15]4.15 އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 54/HC-RM/2023 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމުގައި ނުދެކެމެވެ.

5. ނިންމުން

އިސް ބަޔާންވެ ދިޔަ ކަންކަން އެގޮތަށް ހުރުމުން، ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް (ނަންބަރު 93-CR/INDIV/2023/233) ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 54/HC-RM/2023 'ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް' ބާތިލުކޮށް، ސައުދާ މުޞްޠަފާގެ ފަރާތުން ޓްރައިބިއުނަލްގެ ނަންބަރު 50/VTR/2021 މައްސަލައިގައި ގެ ނިންމުން އިސްތިއުނާފުކުރަން އެދޭނަމަ، މިއަދު (27 ނޮވެންބަރު 2023) އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ސައުދާ މުޞްތަފާއަށް ލިބިގެންވާކަމުގައި ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

މަޙާޒު ޢަލީ ޒާހިރު

ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)

ޙުސްނުއްސުޢޫދު

13 ޖުމާދަލްއޫލާ 1445

27 ނޮވެމްބަރ 2023

ފުޓްނޯޓު

  1. ނަންބަރު 95-CR/INDIV/2023/233 "ރަޖިސްޓްރާރގެ ނިންމުން" (24 ޖުލައި 2023)
  2. ނަންބަރު HC-RM/2023/54 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" (08 އޮކްޓޫބަރު 2023)
  3. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 50/VTR/2021 "މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު"
  4. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2023/233 "ރަޖިސްޓްރާރގެ ނިންމުން" (24 ޖުލައި 2023)
  5. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ)
  6. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ށ) އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް"
  7. ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-HCL/06 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް"
  8. މައްސަލައަކީ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ކުރިން ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، މިއީ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 37 ވަނަ މާއްދާ އިސްލާހު ކުރުމުގެ ކުރިން ދުވަސް ގުނި ގޮތުން 30 ދުވަހުގެ މުއްދަތު ހަމަވާ ދުވަސް.
  9. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ރ)
  10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 54/HC-RM/2023 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" (08 އޮކްޓޫބަރު 2023) ގައި ހަވާލާދީފައިވާ ޓްރައިބިއުނަލްގެ ނަންބަރު 200-L/95/2023/24 (16 ޖުލައި 2023) ސިޓީ އަދި މި މައުލޫމާތު ހުރި ލިޔެކިޔުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިފައި ނެތްކަން ފާހަގަވެއެވެ.
  11. ޓްރައިބިއުނަލްގެ m1@employmenttribunal.gov.mv އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ އީމެއިލް.
  12. ސައުދާ މުސްތަފާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު" ގެ 3.3 އިން 3.5 ގެ ނިޔަލަށް އޭނާގެ ފަރާތުން ރިޕޯޓު ހޯދުމަށްޓަކައި ފައިސާ ދެއްކުމުގައި މެދުވެރިވި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިމަނާފައިވެއެވެ.
  13. [email protected] އީމެއިލް މެދުވެރިކޮށް ސައުދާ މުސްޠަފާއަށް 26 ފެބްރުއަރީ 2023 ގެ މެންދަމު 1.15 ގައާއި، 12 މާރޗް 2013 ގެ މެންދަމު 1:07 ގައާއި، 15 މާރޗް 2023 ގެ ރޭގަނޑު 11:36 ގައި ފޮނުވާފައިވާ އީމެއިލް އަދި 15 މާރޗް 2023 ގައި މިނިސްޓްރީ އޮފް ފިނޭންސްއަށް ފައިސާ ދެއްކިކަން އަންގައިދޭ ބޭންކް އޮފް މޯލްޑިވްސް ޕިލިކ ގެ ޓްރާންސެކްޝަން ޑީޓެއިލްސް.
  14. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2023/54 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" (08 އޮކްޓޫބަރު 2023) ގެ 1.4 ވަނަ ނުކުތާ.
  15. ސުޕްރީމް ކޯޓަށް ޑޮކިއުމަންޓް 5 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުން.
  16. ސުޕްރީމް ކޯޓަށް ޑޮކިއުމަންޓް 6 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުން.
  17. ސައުދާ މުސްތަފާގެ ފަރާތުން 10 މެއި 2023 ގައި ޓްރައިބިއުނަލްއަށް ފޮނުވި ސިޓީއާއި؛ ލެކްސާވީ ޗޭމްބަރސްގެ ނަންބަރު 2023/LXC/245 (21 މެއި 2023) ސިޓީ އާއި؛ ލެކްސާވީ ޗޭމްބަރސްގެ ނަންބަރު 2023/LXC/252 (31 މެއި 2023) ސިޓީ.
  18. ސުޕްރީމް ކޯޓުގެ ނަންބަރު SCPD-02/2021 ޕްރެކްޓިސް ޑައިރެކްޝަން (18 ޖަނަވަރީ 2021)
  19. ޓްރައިބިއުނަލްގެ m1@employmenttribunal.gov.mv އީމެއިލް މެދުވެރިކޮށް 13 މެއި 2023 ގެ ރޭގަނޑު 07:19 ގައި ފޮނުވާފައިވާ އީމެއިލް.
  20. ޓްރައިބިއުނަލްގެ ނަންބަރު 200-M1/PRIV/2023/144 ސިޓީ (03 ޖުލައި 2023).
  21. މިއީ ދެފަހަރެއްގެ މަތިން ރިޕޯޓު އިސްލާހުކޮށްފައި ކޮށްފައިވާ ދެ މުޢާމަލާތެއްކަން ނުވަތަ ރިޕޯޓު އިސްލާހު ކުރުމަށް ފަހު އެއްފަހަރު އީމެއިލް މެދުވެރިކޮށް، އަދި ދެވަނަ ފަހަރު ސިޓީ މެދުވެރިކޮށް އެއް ރިޕޯޓެއް ހަވާލުކުރުމަށް ކޮށްފައިވާ މުޢާމަލާތެއްކަން ސާފުކޮށް އެނގޭކަށް ނެތެވެ.
  22. ލެކްސާވީ ޗޭމްބަރސްގެ ފަރާތުން 20 ޖުލައި 2022 ގެ މެންދުރު 1:00 ގައި ކަމާގުޅޭ ފޯމާއެކު ޓްރައިބިއުނަލްއަށް ފޮނުވާފައިވާ އީމެއިލް.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 4 ވަނަ މާއްދާ
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ހ)
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ށ)
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ރ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 37 ވަނަ މާއްދާ (1 ވަނަ އިސްލާހު ގެނައުމުގެ ކުރިން)
  • ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން 2023/SCPD-01
  • ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން SCPD-02/2021 (18 ޖަނަވަރީ 2021)
  • ސުޕްރީމް ކޯޓުގެ 2023/SC-HCL/06
  • ހައިކޯޓުގެ 2023/HC-A/60 (އިޖުރާއީ އިޢުތިރާޝާމެދު ނިންމި ގޮތް)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ