ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/SC-HCL/22, 2023/SC-L/94

ސައުދާ މުޞްޠަފާ ވ. އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 އޮގަސްޓް 2023ދަށު ކޯޓު: ހައިކޯޓު HC-RM/2023/40ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2023/40، 95-CR/INDIV/2023/172، 2023/HC-A/136، 50/VTR/2021
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 50/VTR/2021 ނިންމުން އޯޝަން ރިޖް އިންވެސްޓްމަންޓް ހައިކޯޓުގައި 2023/HC-A/136 ގައި އިސްތިއުނާފުކުރިއެވެ. ސައުދާ ހުށަހެޅި އިތުރު އިސްތިއުނާފު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 286 ވަނަ މާއްދާގެ (ށ) ގެ މުއްދަތު ފާއިތުވި ފަހުން ހުށަހެޅި ކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2023/172 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/40 ގައި އެ ނިންމުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
އޯޝަން ރިޖް އިންވެސްޓްމަންޓްގެ ސެކްރެޓަރީ އަދި އޮފީސް އެޑްމިނިސްޓްރޭޝަން މެނޭޖަރ ސައުދާ، ނުލިބިވާ މުސާރައާއި ގެއްލުމުގެ ބަދަލު ހޯދުމަށް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. ކުންފުނިން ކުރި އިސްތިއުނާފުގެ އެންގުން 30 އެޕްރީލް 2023 ގައި ސައުދާއަށް ފޮނުވިއެވެ. ޓްރައިބިއުނަލުން ނިންމުމުގެ ހިސާބު އިސްލާޙުކޮށް 13 މެއި 2023 ގައި ހިއްސާކުރުމުން، އޭގައިވާ ޢަދަދު ގޯސްކަމަށް ބުނެ ސައުދާ 21 މެއި 2023 ގައި އިތުރު އިސްތިއުނާފު ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 286 ވަނަ މާއްދާގައިވާ 10 ދުވަހުގެ މުއްދަތު، އެ ޤާނޫނުގެ 424 ވަނަ މާއްދާގެ ގޮތުގެމަތިން ގުނުމުން ފާއިތުވި ފަހުން ހުށަހެޅި އިތުރު އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމީ ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯއާއި، އެ ނިންމުމުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ އިސްތިއުނާފުކުރުމުގެ ޙައްޤުން މަޙްރޫމްކުރެވުނުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ސައުދާ ބުނީ، ހައިކޯޓުން އިތުރު އިސްތިއުނާފު ބަލައިނުގަތުމަށް ނިންމާފައިވަނީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤުން މަޙްރޫމްވެގެންދާ ގޮތަށް ކަމަށެވެ. ސުޕްރީމް ކޯޓަށް ހުށަހެޅީ މި އެންމެ ނުކުތާއެވެ.
ކޯޓުގެ ސަބަބުތައް
މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 286 ވަނަ މާއްދާގެ ދަށުން އިތުރު އިސްތިއުނާފު ހުށަހަޅަންޖެހެނީ އިސްތިއުނާފުކުރިކަން ކޯޓުން އަންގާތާ 10 ދުވަހުގެ ތެރޭގައެވެ. އެ ޤާނޫނުގެ 424 ވަނަ މާއްދާގެ ގޮތުގެމަތިން ގުނުމުން މުއްދަތު ހަމަވީ 11 މޭ 2023 ގައެވެ. އިތުރު އިސްތިއުނާފު ހުށަހެޅީ އެ މުއްދަތު ފާއިތުވި ފަހުން ކަމަށްވާތީ، 2018/SC-A/40 ގައި ބަޔާންކޮށްފައިވާ ކަންކަމަށާއި ތާރީޚުތަކަށް ބެލުމުން، އެ ފޯމު ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމީ ޤާނޫނީ ހަމަތަކާ އެއްގޮތަށެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: 2023/HC-A/136 ގެ އިތުރު އިސްތިއުނާފު ބަލައިގަނެވެން ނެތްކަމަށް ކަނޑައެޅި ހައިކޯޓުގެ ރަޖިސްޓްރާރގެ 95-CR/INDIV/2023/172 ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2023/40 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 286 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅަންޖެހެނީ، މައްސަލައެއް އިސްތިއުނާފުކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ.

HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 286 ވަނަ މާއްދާގައި ބަޔާންވެފައިވާ 10 (ދިހައެއް) ދުވަހުގެ މުއްދަތު ހަމަވާ ތާރީޚު ކަނޑައެޅޭނީ، އެ ޤާނޫނުގެ 424 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުއްދަތު ގުނުމުންނެވެ.

HN3 އިތުރު އިސްތިއުނާފުގެ މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު ފާއިތުވި ފަހުން ހުށަހަޅާ އިތުރު އިސްތިއުނާފު ފޯމު ބަލައި ނުގަތުމަކީ، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި ތާރީޚުތަކަށް ބަލާއިރު، ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރެވޭ ނިންމުމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، މުޙައްމަދު އިބްރާހީމް
ރިޔާސަތު
ޢާއިޝާ ޝުޖޫން މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2023/SC-HCL/22

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2023/SC-L/94

ހުށަހެޅުނު ތާރީޚު: 02 އޮގަސްޓް 2023

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ސައުދާ މުޞްޠަފާ

ޢާންމު ނަން: ސައުދާ މުޞްޠަފާ

ދާއިމީ އެޑްރެސް: ގްލޯރީ، ސ. ފޭދޫ

މިހާރުގެ އެޑްރެސް: މ. ވޭލްޝަރކް، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2023/40

ހުށަހެޅުނު ތާރީޚު: 06 ޖޫން 2023

ނިމުނު ތާރީޚު: 19 ޖޫން 2023

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1- ސ. ފޭދޫ، ގްލޯރީ، ސައުދާ މުޞްޠަފާ، 18 ސެޕްޓެންބަރު 2014 އިން ފެށިގެން އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ސެކްރެޓަރީ އަދި އޮފީސް އެޑްމިނިސްޓްރޭޝަން މެނޭޖަރ ކަމުގެ މަޤާމުގައި ވަޒީފާއަދާކުރި މުއްދަތުގައި، 2017 ވަނަ އަހަރުގެ އޮގަސްޓު މަހުން އެ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް މުސާރައިގެ ގޮތުގައި ލިބެންޖެހޭ USD 5000/- (ފަސްހާސް އެމެރިކާ ޑޮލަރު) ލިބިދީފައި ނުވާތީއާއި، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މުސާރަ ދީފައި ނުވާތީ، ސައުދާ މުޞްތަފާ އާއި އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނުލިބިވާ މުސާރައާއި މުސާރަ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސައުދާ މުޞްތަފާ ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމި އެ ޓްރައިބިއުނަލްގެ ނަންބަރު 50/VTR/2021 ނިންމުމާމެދު ހިތްހަމަ ނުޖެހޭތީ، އޯޝަން ރިޖް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، އެ އިސްތިއުނާފީ މައްސަލަ ހައިކޯޓަށް ބަލައިގަނެ، އެ ކޯޓުގެ ނަންބަރު 2023/HC-A/136 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވެއެވެ.

[2]4.2- ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފީ މައްސަލަ ބަލައި ގަތުމަށްފަހު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 286 ވަނަ މާއްދާގެ ދަށުން ސައުދާ މުޞްޠަފާއަށް "މަދަނީ މައްސަލައާ ގުޅިގެން އަންގާ އެންގުން" 30 އެޕްރީލް 2023 ގައި ފޮނުވައި، އެ އެންގުން އަންގާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިތުރު އިސްތިއުނާފެއް ކުރުމުގެ ޙައްޤު ސައުދާ މުޞްޠަފާއަށް ލިބިގެންވާ ކަމަށާއި، އިތުރު އިސްތިއުނާފެއް ކުރާނަމަ އެ އެންގުން އަންގާތާ 10 (ދިހައެއް) ދުވަސްތެރޭ ހުށަހެޅުމަށް އަންގާފައިވެއެވެ.

[3]4.3- ހައިކޯޓުގެ ނަންބަރު 2023/HC-A/136 ޤަޟިއްޔާގެ އިސްތިއުނާފުގެ ޖަވާބު ހުށަހެޅުމަށްޓަކައި މައްސަލަ ދިރާސާކުރުމުގެ ތެރޭގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 50/VTR/2021 ނިންމުމުގައި ހިސާބުކުރުމުގެ އޮޅުންތަކެއް އަރާފައިވާ ކަމަށް ފާހަގަ ކުރެވިގެން އެ ކަންތައްތައް އިސްލާޙު ކުރުމަށް އެދި އެ ޓްރައިބިއުނަލްގައި ސައުދާ މުޞްޠަފާގެ ފަރާތުން އެދުމުން އެ ނިންމުމުގެ ބައެއް އިސްލާޙުކުރުމަށްފަހު 13 މެއި 2023 ގައި ސައުދާ މުޞްޠަފާއާ ހިއްސާކޮށްފައިވާހިނދު، 2019 ޖެނުއަރީ މަހުން ފެށިގެން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި ދުވަހުގެ (23 ފެބްރުއަރީ 2021) ނިޔަލަށް މުސާރައާ އިނާޔަތްތައް ސައުދާ މުޞްޠަފާއަށް ލިބިދީފައި ނުވާކަން ސާބިތުވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައި އޮތް ނަމަވެސް، އެ މުއްދަތުގައި ސައުދާ މުޞްޠަފާއަށް މުސާރައިގެ ގޮތުގައި ދައްކަންޖެހޭކަމަށް ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާ ޢަދަދު އެ އިސްލާޙުކުރެވުނު ޓްރައިބިއުނަލްގެ ނިންމުމުގައި އޮތީ ގޯސްކޮށް އަދި ޤާނޫނާ ޤަވާއިދާ ޚިލާފަށް ކަމުގައި ދެކި ސައުދާ މުޞްޠަފާގެ ފަރާތުން އެ ކަން ހައިކޯޓުގައި އިތުރު އިސްތިއުނާފެއްގެ ގޮތުގައި 21 މެއި 2023 ގައި ހުށަހަޅާފައިވެއެވެ.

[4]4.4- ހައިކޯޓުގެ ނަންބަރު 2023/HC-A/136 ޤަޟިއްޔާގެ އިތުރު އިސްތިއުނާފުގެ ގޮތުގައި ސައުދާ މުޞްޠަފާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެ ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ސައުދާ މުޞްޠަފާގެ ފަރާތުން ހުށަހަޅާފައިވާ އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅަން ބޭނުންކަމުގައިވާނަމަ 2023 މޭ 11 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަންޖެހޭއިރު، ސައުދާ މުޞްޠަފާގެ ފަރާތުން އިތުރު އިސްތިއުނާފު ހުށަހަޅާފައިވަނީ 2023 މޭ 21 ވަނަ ދުވަހު ކަމަށްވާތީ، ސައުދާ މުޞްޠަފާގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 286 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ފަހުން ހުށަހަޅާފައިވާ އިސްތިއުނާފެއްކަމުން، އެ އިތުރު އިސްތިއުނާފުގެ ބަލައިގަނެވެން ނެތްކަމުގައެވެ.

[5]4.5- ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ސައުދާ މުޞްޠަފާގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ރަޖިސްޓްރާރގެ ނިންމުމަށް ތާއިދުކޮށްފައިވެއެވެ.

[6]4.6- އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މި ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ސައުދާ މުޞްޠަފާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެގޮތުން، ސައުދާ މުޞްޠަފާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެއީ، ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރު އިސްތިއުނާފު ބަލައި ނުގަތުމަށް ނިންމާފައިވަނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކުރުމެއް ނެތި، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤުން މަހްރޫމްވެގެންދާ ގޮތަކަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

[7]4.7- މަދަނީ އިޖުރާއާތުގެ ޤާނޫނުގެ 286 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅަންޖެހެނީ އެ މައްސަލައެއް އިސްތިއުނާފުކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މަދަނީ އިޖުރާއާތުގެ ޤާނޫނުގެ 424 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުއްދަތު ގުނުމުން، އެ ޤާނޫނުގެ 286 ވަނަ މާއްދާގައި ބަޔާންވެފައިވާ 10 (ދިހައެއް) ދުވަހުގެ މުއްދަތު ހަމަވާ ތާރީޚަކީ 11 މޭ 2023 ގައިކަން އެނގެން އޮންނަ ހިނދު، ސައުދާ މުޞްޠަފާގެ ފަރާތުން އިތުރު އިސްތިއުނާފުގެ މައްސަލަ ހުށަހަޅާފައިވަނީ ބުނެވުނު މުއްދަތު ފާއިތުވި ފަހުން ކަމަށްވާތީ، އިސްތިއުނާފު ކުރުމުގެ ޙައްޤާއި ގުޅޭގޮތުން އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި ތާރީޚުތަކަށް ބެލުމުން، ސައުދާ މުޞްޠަފާގެ ފަރާތުން ހުށަހެޅި އިތުރު އިސްތިއުނާފު ފޯމު ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމުގައި ދެކެމެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސ. ފޭދޫ، ގްލޯރީ، ސައުދާ މުޞްޠަފާގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2023/HC-A/136 ޤަޟިއްޔާގެ އިތުރު އިސްތިއުނާފެއް ހުށަހެޅުމުން، އެ ހުށަހެޅުން ބަލައިގަނެވެން ނެތްކަމަށް ކަނޑައެޅި އެ ކޯޓުގެ ނަންބަރު 95-CR/INDIV/2023/172 "ރަޖިސްޓްރާރގެ ނިންމުން" އަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ އެކޯޓުގެ ނަންބަރު HC-RM/2023/40 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢަލީ ރަޝީދު ޙުސައިން

ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)

މުޙައްމަދު އިބްރާހީމް

12 ޞަފަރު 1445

28 އޮގަސްޓް 2023

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 32/2021
  2. ނަންބަރު 95-CR/INDIV/2023/172 "ރަޖިސްޓްރާރގެ ނިންމުން" (23 މޭ 2023)
  3. ނަންބަރު HC-RM/2023/40 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" (19 ޖޫން 2023)
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/40 ޤަޟިއްޔާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ