އާމިނަތު ޖީޒާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/56، 95-CR/INDIV/2024/281، 3555-CVC-2023
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 3555-CVC-2023 ގައި އާމިނަތު ޖީޒާ އެދުނު ގޮތަށް މައްސަލަ ނިންމައިދެވޭނެ ތަނެއް ނެތްކަމަށް ނިންމިއެވެ. އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2024/281 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/56 ގައި 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރަޖިސްޓްރާރގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- މ. ލީވާނަށް ވަދެނިކުމެވޭ ގޯޅިއާއި ދޮރުގެ ހުއްދަ ހައުސިންގ މިނިސްޓްރީން ދިން ނަމަވެސް ގޯތީގެ ރަޖިސްޓްރީގައި ނުހިމެނޭތީ، އެ ގޯޅިއަކީ މ. ލީވާނުގެ ބައެއްކަމަށް ކަނޑައަޅައިދިނުމަށް މާލޭ ސިޓީ ކައުންސިލުގެ މައްޗަށް އަމުރުކުރުމަށް އެދި ޖީޒާ ދަޢުވާކުރިއެވެ. ކައުންސިލުން ދިފާޢު ނުކުރުމުން ޣައިރު ޙާޟިރުގައި ޙުކުމްކުރަން އެދުނެވެ. ކޯޓުން ސާފުކުރުމުން ކައުންސިލުން ބުނީ، ގޯޅިއަކީ 3 ބެހެނިވެރިން ހިއްސާވާ މަގެއް ކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަޢުވާ ރައްދުވާ ފަރާތުން ދިފާޢު ހުށަހަޅާފައި ނުވާތީ ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދިފައިވާ މަދަނީ މައްސަލައެއްގައި، ކޯޓުން އެދިގެން ދަޢުވާ ރައްދުވާ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތާމެދު ދަޢުވާކުރާ ފަރާތުގެ ބަހެއް ހޯދުމަކާ ނުލައި އެ މަޢުލޫމާތަށް ބިނާކޮށް ނިންމުމާ ގުޅޭ އިސްތިއުނާފީ ނުކުތާއަކީ، އިސްތިއުނާފުގެ ހުއްދަ ދޭންޖެހޭފަދަ ޤާނޫނީ ބަހުސެއް އޮތް ނުކުތާއެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޖީޒާ ބުނީ، ޣައިރު ޙާޟިރުގައި ޙުކުމްކުރަން އެދިފައިވާއިރު ކައުންސިލަށް ލިޔެ ހޯދި މަޢުލޫމާތަށް ބިނާކޮށް ޙުކުމްކުރީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ކައުންސިލުގެ ލިޔުންތަކަށް ތަޢުނުކުރުމުގެ ފުރުޞަތު ނުދިން ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 111 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި 24 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) އާ ޚިލާފު ނިންމުމެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޖީޒާގެ ނުކުތާއިން އެނގެނީ، ކޯޓުން އެދިގެން ކައުންސިލުން ދިން މަޢުލޫމާތާމެދު އޭނާގެ ބަސް ނުހޯދައި އެއަށް ބިނާކޮށް ސިވިލް ކޯޓު ނިންމުމަށް ވާޞިލުވުމަށް އޭނާ އިންކާރުކުރާކަމެވެ. ޣައިރު ޙާޟިރުގައި ނިންމުމާ ގުޅޭ ކަންކަމަކީ ޤާނޫނީ ބަހުސެއް އުފެއްދިދާނެ ހުށަހެޅުމެއްކަން ހައިކޯޓުގެ 2 ފަނޑިޔާރުންވެސް ފާހަގަކުރިއެވެ. ކައުންސިލުގެ ވާހަކަތަކަށް ތަޢުނުކުރުމުގެ ފުރުޞަތު ނުލިބިފައިވާނަމަ އެއީ މަދަނީ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ޤާނޫނީ ބަހުސެއް އޮތް ހުށަހެޅުމެއް ކަމަށާއި، އެފަދަ ހުށަހެޅުން އިސްތިއުނާފުގެ ފުރަތަމަ މަރުޙަލާއިން ބަލައިނުގަތުމަކީ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ދެކެއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ސިވިލް ކޯޓުގެ 3555-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމި HC-RM/2024/56 ނިންމުން ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، 10 ދުވަހުގެ ތެރޭގައި އާމިނަތު ޖީޒާގެ ފަރާތުން މައްސަލަ އަލުން ހުށަހަޅައިފިނަމަ އެ ފޯމު ބަލައިގަތުމަށް ހައިކޯޓަށް އެންގި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަޢުވާ ރައްދުވާ ފަރާތުން ދިފާޢު ހުށަހަޅާފައި ނުވާތީ ޣައިރު ޙާޟިރުގައި މައްސަލަ ނިންމައިދިނުމަށް އެދިފައިވާ މަދަނީ މައްސަލައެއްގައި، ކޯޓުން އެދިގެން ދަޢުވާ ރައްދުވާ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތާމެދު ދަޢުވާކުރާ ފަރާތުގެ ބަހެއް ހޯދުމަކާ ނުލައި، އެ މަޢުލޫމާތަށް ބިނާކޮށް ކޯޓު ނިންމުމަކަށް ވާޞިލުވެ، ދަޢުވާ ރައްދުވާ ފަރާތުން ދައްކާ ވާހަކަތަކަށް ތަޢުނުކޮށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދަޢުވާކުރާ ފަރާތަށް ލިބިދީފައި ނުވާކަމަށް ބުނެ ކުރާ ހުށަހެޅުމަކީ، މަދަނީ މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ޤާނޫނީ ބަހުސެއް އޮތް ހުށަހެޅުމެކެވެ.
HN2 ޚަޞްމަކަށް އަނެއް ފަރާތުން ދައްކާ ވާހަކަތަކަށް ތަޢުނުކޮށް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިދީފައި ނުވާކަމަށް ބުނެ ކުރާ ފަދަ ހުށަހެޅުންތައް އިސްތިއުނާފީ ފުރަތަމަ މަރުޙަލާއިން ބަލައިނުގަތުމަކީ، އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން އަންނާނެ ކަމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އަޒްމިރާލްދާ ޒާހިރު، އަޙްމަދު މުޢުތަޞިމް ޢަދުނާން، ޢާއިޝާ ޝުޖޫން މުޙައްމަދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2025/SC-HCL/01
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/120
ހުށަހެޅުނު ތާރީޚު: 29 ޑިސެންބަރު 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: އާމިނަތު ޖީޒާ
ޢާންމު ނަން: އާމިނަތު
ދާއިމީ އެޑްރެސް: މ. ހަނަދުވަރީވާދީ، މާލެ
މިހާރުގެ އެޑްރެސް: މ. ހަނަދުވަރީވާދީ، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/56
ހުށަހެޅުނު ތާރީޚު: 10 ސެޕްޓެންބަރު 2024
ނިމުނު ތާރީޚު: 28 އޮކްޓޫބަރު 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1- މ. ހަނަދުވަރީވާދީ، މާލެ، އާމިނަތު ޖީޒާ ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "މ. ލީވާން" އެވެ ކިޔާ ގޯއްޗަށް ވަދެނިކުތުމަށް ހަނި ގޯޅިއެއް ހަދައި އެގޯޅީގައި ތަޅުލާ ބަންދުކުރެވޭ ދޮރެއް ބެހެއްޓުމުގެ ހުއްދައަކަށް އޭރުގެ ކަމާބެހޭ ފަރާތް ކަމަށްވާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރގައި ދެންނެވުމުން އެހުއްދަ މ. ލީވާންއަށް ދެއްވި ނަމަވެސް، ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން އެކަން ގޯތީގެ ރަޖިސްޓްރީގައި ހިމަނާފައި ނުވާތީ، މ. ހަނދުވަރީވާދީގެ ބެހެނިވެރިންގެ ގޮތުގައި ނިސްބަތްވާ އެންމެހައި ފަރާތްތައް މި ގޯޅި ބޭނުންކޮށް އަބަދު ޒުވާބު ކުރުމާއި އަރައިރުންވުމުގައި އުޅެންޖެހުމުން ކުރިމަގުގައި މަސްލަހަތު ގެއްލުމުގެ އިތުރުން ސިލްސިލާ މާރާމާރީތަކެއް އުފެދިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާތީ އެކަމަށް ފުރުސަތު ނުދިނުމުގެ ގޮތުން ބުނެވިދިޔަ ގޯޅިއަކީ މ. ލީވާން އެވެ ކިޔާ ގޯތީގެ ބައެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި މާލޭ ސިޓީ ކައުންސިލް އިދާރާގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އާމިނަތު ޖީޒާ ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވެއެވެ. 22 ނޮވެންބަރ 2023 ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވުނު މި މައްސަލަ ބަލާފައިވަނީ، އެ ކޯޓުގެ ނަންބަރު 3555-CVC-2023 ޤަޟިއްޔާއިންނެވެ.
[2]4.2- ސިވިލް ކޯޓުގެ ނަންބަރު 3555-CVC-2023 ޤަޟިއްޔާއިން ނިންމާފައިވަނީ، އާމިނަތު ޖީޒާގެ ފަރާތުން އެދިފައިވާ ގޮތަށް މައްސަލަ ނިންމައިދެވިދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.
[3]4.3- ސިވިލް ކޯޓުގެ ނަންބަރު 3555-CVC-2023 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި 07 އޮގަސްޓް 2024 ގައި އާމިނަތު ޖީޒާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އާމިނަތު ޖީޒާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (MISL)138-LB/INDIV/2018/448 (22 އޮކްޓޯބަރ 2018) ސިޓީއަށް ބަލާއިރު މ. ހަނދުވަރީވާދީއަށް ދީފައިވާ ދޮރުކެނޑުމުގެ ހުއްދައާއި މ.ހަނދުވަރީވާދީ ބައިކުރުމުގެ ސަބަބުން އެތެރެބަޔަށް (މިހާރު މ.ލީވާން) އަށް ވަންނަން ގޯޅި ހެދުމަށްޓަކައި މިރިޔާސްމަގަށް ހުރި ދެކުނު ފަރާތް އިންފާރު ތެޅުމުގެ ހުއްދައާއި އިންފާރު ރޭނުމުގެ ހުއްދައަކީ އެކަމަށް އަދި އޭރު މ. ހަނދުވަރީވާދީ ގޯތީގެ ބެހެނިވެރިންގެ ފަރާތުން ހުށަހެޅުއްވުމުން ޤަވާއިދާ އެއްގޮތަށް ދީފައިވާ ހުއްދަތަކެއް ކަމަށް އެލިޔުމުގައި ބަޔާންކޮށްފައިވާއިރު، އެލިޔުމަށް އެއްވެސް ރިޢާޔަތެއް ކުރުމުގެ ހަމައެކަނި މާލޭ ސިޓީ ކައުންސިލްގެ ލިޔުމަށް އެކަނި ބިނާކޮށް މައްސަލަ ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ކަމަށެވެ.
[4]4.4- އާމިނަތު ޖީޒާ ހުށަހެޅި އިސްތިއުނާފާ ގުޅިގެން ހައިކޯޓުގެ ނަންބަރު 95-CR/INDIV/2024/281 ރަޖިސްޓްރާރ ގެ ނިންމުމުން ނިންމާފައިވަނީ، އާމިނަތު ޖީޒާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ދަށު ކޯޓުގެ ޙުކުމް ބަދަލުކުރަންޖެހޭ، ނުވަތަ ދަށުކޯޓުގެ ޙުކުމަށް ވާޞިލުވުމުގައި ކުށެއް ހެދިފައިވާކަމަށް ނުވަތަ ޤާނޫނާ ޚިލާފުވެފައިވާކަމަށް ބަޔާންކޮށް ޤާނޫނީ ބަހުސެއް ހުށަހަޅާފައި ނުވާތީއާއި، ދަށުކޯޓުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް ވުޖޫދުގައިވާކަން ބަޔާންކޮށްދީފައި ނުވާތީއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 އަދި 2019/SC-L/91 ނިންމުމާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާގައި ބަޔާންކުރާ ފަދައިން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް މި މައްސަލައިގައި އޮތްކަމަށް ބެލެން ނެތުމުން، ހައިކޯޓުގެ ޤަވާއިދު (2011) ގެ 27 ވަނަ މާއްދާއާ ޙަވާލާދީ މި މައްސަލަ ބަލައި ގަނެވެން ނެތްކަމަށެވެ.
[5]4.5- ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި އާމިނަތު ޖީޒާގެ ފަރާތުން ހުށަހެޅުމުން ހައިކޯޓުގެ ނަންބަރު HC-RM/2024/56 ނިންމުމުން ނިންމާފައިވަނީ ރަޖިސްޓްރާރ ގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށެވެ. މި ނިންމެވުން ނިންމެވީ ހައިކޯޓުން މައްސަލަ މުރާޖަޢާ ކުރެއްވި 03 (ތިނެއް) ފަނޑިޔާރުންގެ ތެރެއިން 02 (ދޭއް) ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
[6]4.6- ހައިކޯޓުގެ ނަންބަރު HC-RM/2024/56 ނިންމުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އާމިނަތު ޖީޒާގެ ފަރާތުން ހުށަހެޅި މައިގަނޑު ނުކުތާތަކަކީ:
4.6-1. ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީކޮށް، ސިވިލް ކޯޓުން، މާލޭ ސިޓީ ކައުންސިލަށް ލިޔެ ހޯދި މަޢުލޫމާތަށް ބިނާވެ ޙުކުމް ކޮށްފައިވަނީ މަދަނީ އިޖުރާޢާތު ޤާނޫނުގެ 123 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
4.6-2. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހުށަހެޅި ލިޔުން ތަކަށް ބަސްބުނެ ތަޢުނުކުރުމުގެ ފުރުޞަތު ޝަރީޢަތުން ދީފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ މިއެވެ.
[7]4.7- މަތީގައި ފާހަގަކުރި ދެ ނުކުތާ ތަފްސީލުކުރަމުން، ހައިކޯޓުގެ ނަންބަރު HC-RM/2024/56 ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 111 ވަނަ މާއްދާއާއި އެޤާނޫނުގެ 123 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ގައި ބަޔާންކުރާ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް އާމިނަތު ޖީޒާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވެއެވެ.
[8]4.8- ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރެއްވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުޙައްމަދު ސަލީމު މި މައްސަލައަކީ ޤާނޫނީ ބަހުސެއް އޮތް މައްސަލައެއްކަމުގައި ދެކޭތީ ރަޖިސްޓްރާރ ގެ ނިންމުން ބާޠިލް ކުރަންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އިސްތިއުނާފު ކޮށްފައިވާ ޤަޟިއްޔާ ނިންމާފައިވަނީ ޣައިރު ހާޒިރުގައި މައްސަލަ ނިންމުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށް، އާމިނަތު ޖީޒާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ 3 އަދި 4 ވަނަ ނުކުތާގެ ތެރޭގައި އިޝާރާތް ކޮށްފައިވާކަމަށް ފަނޑިޔާރު ޢަބްދުލްމާނިއު ޙުސައިންގެ ރައުޔުގައި ވިދާޅުވެ، އެ އިޝާރާތަކީ ވަކި ނުކުތާއެއްގެ ގޮތުގައި އެކަން ބިނާކުރާ ޤާނޫނީ ސަބަބުތަކުގެ ތަފްސީލާއެކު ހުށަހެޅިފައި އޮތްނަމަ، ބުރަދަން ހުރި ބަހުސެއް އުފެއްދިދާނެފަދަ ނުކުތާއަކަށްވުމުގެ ފުރުސަތު އޮތް ކަމަށް ފެނިވަޑައިގަންނަވާކަމަށްވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ނުކުތާއަށް އިޝާރާތްކޮށްފައިވަނީ އެހެން އެތައް މަސްހުނި ވާހަކަތަކެއްގެ ތެރެއިންކަމަށް ވުމުންނާއި، އެކަން ބިނާކުރި ޤާނޫނީ އަސާސެއްގެ އެއްވެސް ތަފްސީލެއް އާމިނަތު ޖީޒާގެ ފަރާތުން ބަޔާންކޮށްފައި ނުވާތީ، އިސްތިއުނާފީ އޮޅި ގިރާކުރާފަދަ ޤާނޫނީ ބަހުސެއް ހުށަހަޅާފައިވާ ކަމަށް ނުފެންނަ ކަމަށެވެ. އަދި މިސަބަބަށްޓަކައި ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.
[9]4.9- ސިވިލް ކޯޓުގެ ނަންބަރު 3555-CVC-2023 ޤަޟިއްޔާގައި ސިވިލް ކޯޓުގައި މި މައްސަލައިގެ ދަޢުވާ ރައްދުވި މާލޭ ސިޓީ ކައުންސިލުން މައުޟޫއީ ގޮތުން މައްސަލައަށް ޖަވާބުދާރީވެފައި ނުވެއެވެ. މާލެ ސިޓީ ކައުންސިލުން ދަޢުވާއަށް ރައްދުދީފައި ނުވާތީ މައްސަލަ ޣައިރު ހާޒިރުގައި ޙުކުމްކޮށްދިނުމަށް އެދި "ކޯޓު އަމުރަށް އެދޭ ފޯމް" އާމިނަތު ޖީޒާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން ސިވިލް ކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގައި ފާހަގަކޮށްފައިވެއެވެ. ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މައުޟޫއީ ގޮތުން ޖަވާބުދާރީވެފައި ނުވިނަމަވެސް މ. ލީވާންއަށް ވަދެނިކުމެވާ ގޯޅިއާ ގުޅޭގޮތުން ސިވިލް ކޯޓުން މަޢުލޫމާތު ސާފުކުރުމުން މާލޭ ސިޓީ ކައުންސިލުން ދިން ޖަވާބުގައި، މ. ހަނދުވަރީވާދީ އެވެ ކިޔާ ގޯއްޗަކީ ޝަރީޢަތުން މި ގޯތީގެ 3 ބެހެނިވެރިންނަށް ހަމަހަމަވާގޮތަށް މުޅި ގޯތީގެ ބޮޑުމިނުން 198 އަކަފޫޓުގެ ގޯޅިމަގެއް ނެގުމަށްފަހު ކޮންމެ ބެހެނިވެރިއަކަށް 843 އަކަފޫޓުގެ މަގުން 3 ބަޔަށް ބައިކޮށް، މ. ހައިކަލް އާއި މ. ހަނދުވަރީވާދީ އާއި މ. ލީވާން ނަމުގައި ވަކި ރަޖިސްޓްރީއެއް ހަދާފައިވާ ގޯއްޗެއްކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ގޯތި ބައިކޮށް ނަގާފައިވާ ގޯޅި މަގަކީ މި 3 ފަރާތުގެ ބިމުން ހަމަހަމަ ވާގޮތަށް 3 ފަރާތް ހިއްސާވާގޮތަށް ނަގާފައިވާ ގޯޅިމަގެއްކަމަށާއި ވަކި ފަރާތެއް ހިއްސާވާ ވަކި ފަރާތެއްގެ އިމުގައިވާ ގޯޅި މަގެއް ނޫންކަމަށް މާލޭ ސިޓީ ކައުންސިލުން ސިވިލް ކޯޓަށް މަޢުލޫމާތު ދީފައިވެއެވެ.
[10]4.10- މާލޭ ސިޓީ ކައުންސިލުން ސިވިލް ކޯޓުގައި މައްސަލައަށް ރައްދުދީ ދަޢުވާގެ ދިފާޢު ހުށަހަޅާފައި ނުވިނަމަވެސް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 111 ވަނަ މާއްދާގައި ބަޔާން ކުރާފަދައިން ދަޢުވާލިބޭފަރާތާ ދެކޮޅަށް ޣައިރު ޙާޟިރުގައި މައްސަލަ ނިންމައި ދިނުމަށް އެދިފައިވަނީކޮށް، މައުޟޫއީ ޖަވާބަށް ފުރުސަތު ހުޅުވޭގޮތަށް މާލޭ ސިޓީ ކައުންސިލުން ހޯދި މަޢުލޫމާތާ ގުޅޭ ގޮތުން ސިވިލް ކޯޓުން މައްސަލަ ހުށަހެޅި ފަރާތާ ސުވާލުކޮށް ބަހުސް ކުރުމަށް ފުރުސަތު ދީފައި ވާކަން އެނގޭކަންނެވެ. ޣައިރު ޙާޟިރުގައި މައްސަލަ ނިންމާފައި އޮތުމާގުޅޭގޮތުން ހުށަހެޅި ހައިކޯޓުގައި ބަޔާންކުރި ކަންކަމަކީ ގާނޫނީ ބަހުސެއް އުފެއްދިދާނެ ފަދަ ހުށަހެޅުމެއްކަމަށް ހައިކޯޓުން މި މައްސަލަ މުރާޖައާކުރެއްވި 02 (ދޭއް) ފަނޑިޔާރުކުވެސް ފާހަގަކުރައްވާފައިވެއެވެ.
[11]4.11- އާމިނަތު ޖީޒާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އެ ނުކުތާއިން، ކޯޓުން އެދިގެން މާލޭ ސިޓީ ކައުންސިލުން ފޯރުކޮށްދިން މަޢުލޫމާތާމެދު އާމިނަތު ޖީޒާގެ ބަހެއް ހޯދުމަކާއި ނުލައި، އެ މަޢުލޫމާތަށް ބިނާކޮށް ސިވިލް ކޯޓުގެ ނިންމަށް ވާސިލުވެފައިވާތީ، އާމިނަތު ޖީޒާ އެކަމަށް އިންކާރުކުރާކަން އެނގެއެވެ. މާލޭ ސިޓީ ކައުންސިލުން ޝަރީޢަތަށް ހާޒިރުވެ ދައްކާ ވާހަކަތައް ތައުނުކޮށް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިދީފައި ނުވަނީ ނަމަ މަދަނީ މައްސަލައެއްގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމުގައި ޤާނޫނީ ބަހުސެއް އޮތް ހުށަހެޅުމެއްކަމަށް ދެކެމެވެ. އަދި މިފަދަ ހުށަހެޅުންތައް، އިސްތިއުނާފީ ފުރަތަމަ މަރުޙަލާއިން ބަލައިނުގަތުމަކީ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަން އަންނާނެ ކަމެއް ކަމުގައި ދެކެމެވެ.
[12]4.12- އެހެންކަމުން، އާމިނަތު ޖީޒާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ޤާނޫނީ ބަހުސެއް ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ދެކެމެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 3555-CVC-2023 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އާމިނަތު ޖީޒާގެ ފަރާތުން ހުށަހެޅުމުން އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ފެންނާތީ މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އާމިނަތު ޖީޒާގެ ފަރާތުން އެ މައްސަލަ އަލުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ އެ ފޯމު ބަލައިގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
އަޒްމިރާލްދާ ޒާހިރު
އަޙްމަދު މުޢުތަޞިމް ޢަދުނާން
ޢާއިޝާ ޝުޖޫން މުޙައްމަދު
23 ރަޖަބް 1446
22 ޖަނަވަރީ 2025
ފުޓްނޯޓު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A060959
- ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
- މަދަނީ އިޖުރާޢާތު ޤާނޫނުގެ 123 ވަނަ މާއްދާ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 111 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 123 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 123 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2010) ގެ 5 ވަނަ މާއްދާގެ (ށ) ގެ (3)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 43 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2019/SC-L/87 (ޝަމްސުލް މުނާ ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޚުމ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.