މުޙައްމަދު ޒިޔާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-IH/2024/22، 02/I9C/2023
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- އަލްމަރުޙޫމް މުޙައްމަދު އިސްމާޢީލްގެ ތަރިކަ ބެހުމުގެ މައްސަލާގައި ދިއްދޫ މެޖިސްޓްރޭޓް ކޯޓުން 02/I9C/2023 ގައި 06 ޑިސެންބަރު 2023 ގައި "ޗާންދަނީވިލާ" ގޯއްޗާއި އޭގައިވާ މުދަލުގެ މިލްކުވެރިކަން ވާރިސުންނަށް ހަމަހަމައަށް ލިބޭކަމަށް ނިންމިއެވެ. ޒިޔާ 02 ޑިސެންބަރު 2024 ގައި ހުށަހެޅި ހުއްދައިގެ މައްސަލާގައި ހައިކޯޓުގެ ފަނޑިޔާރުން HC-IH/2024/22 ގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދުގެ ނަމުގައިވާ "ޗާންދަނީވިލާ" ގޯތި -/250,000 ރުފިޔާއަށް ޒިޔާއަށް ވިއްކި ކަމަށާއި، މިލްކުވެރިކަން ބަދަލުކުރުމުގެ މައްސަލަ ނިމުމުގެ ކުރިން ވިއްކި މީހާ ނިޔާވެ ފޯމު ބާޠިލުވުމުން ވާރިސުންނާ ސުލްޙަވެރިކަމާއެކު ޙައްލުކުރަން މަސައްކަތްކުރި ކަމަށާއި، މިލްކުވެރިކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުމުން ތަރިކައިގެ ޙުކުމް ކުރިތާ އަހަރެއްހާ ދުވަސް ފަހުން ހުއްދައަށް އެދުނު ކަމަށް ޒިޔާ ބުންޏެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަރިކައިގެ މައްސަލައެއްގައި މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމް، ކުރިތާ އަހަރެއްހާ ދުވަސް ފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) އާއި (ރ) ގެ ދަށުން އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް ސާބިތުނުވެ 6 މަސްދުވަހުގެ މުއްދަތު ފާއިތުވެފައިވާތީ ހުއްދަ ނުދިން ހައިކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޒިޔާ ބުނީ، މެޖިސްޓްރޭޓް ކޯޓުގެ ޙުކުމަކީ ފާޅުކަންބޮޑު ގޮތެއްގައި ޢަދުލުއިންސާފަށް ހުރަސްއެޅޭ ނިންމުމަކަށްވާއިރު ހުއްދަ ނުދިނީ އުޞޫލާ ޚިލާފަށް ކަމަށާއި، ވިއްކި މީހާ ދިރިހުއްޓާ ކުރި ސައްޙަ މުޢާމަލާތުގެ ލިޔުންތަކާއި ހެކިވެރިން ހުއްޓައި ތަރިކައިގެ މައްސަލާގައި އޭނާ ބައިވެރިނުކޮށް ނިންމި ޙުކުމުގެ ހުއްދަ ނުދީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި 42 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތައް ގެއްލުވާލި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރަންވީ 30 ދުވަހުގެ ތެރޭގައެވެ. (ރ) ގެ ދަށުން ފަހުން ހުށަހެޅޭނީ އަމިއްލަ ބާރު ނުފޯރުވޭ ސަބަބެއް ސާބިތުކޮށް 6 މަސްދުވަހުގެ ތެރޭގައެވެ. ޙުކުމް ކުރީ 06 ޑިސެންބަރު 2023 ގައި، ހުށަހެޅީ 02 ޑިސެންބަރު 2024 ގައެވެ. ބަޔާންކުރި ސަބަބުތަކަކީ އަމިއްލަ ބާރު ނުފޯރުވޭ ސަބަބުތަކެއްކަން ޒިޔާއަށް ބުނެދެވިފައިނުވާއިރު 6 މަސްވެސް ފާއިތުވެފައިވާތީ، ހައިކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ 02/I9C/2023 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ ފަނޑިޔާރުންގެ HC-IH/2024/22 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.
HN2 އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރެވޭނީ، މުއްދަތުގައި އިސްތިއުނާފުކުރެވިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެންކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީ، ދަށު ކޯޓުގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމައެވެ.
HN3 އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އިސްތިއުނާފުކުރެވިފައިނުވާ ސަބަބުތައް ބަޔާންކޮށްފައިވިޔަސް، އެ ސަބަބުތަކަކީ އިސްތިއުނާފުކުރުމަށް ހުރަސްއެޅޭފަދަ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބުތަކެއްކަން ބުނެދެވިފައިނުވާނަމަ، މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފުކުރުމުގެ ޝަރުޠު ފުރިހަމަވިކަމަށް ނުބެލެވޭނެއެވެ.
HN4 ދަށު ކޯޓުގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލައަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) އާއި (ރ) އާ ޚިލާފަށް އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވިފަހުން ހުށަހަޅާ މައްސަލައެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، މުޙައްމަދު އިބްރާހީމް، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2025/SC-HCL/03
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2025/SC-L/13
ހުށަހެޅުނު ތާރީޚު: 02 ފެބްރުވަރީ 2025
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: މުޙައްމަދު ޒިޔާ
ޢާންމު ނަން: މުޙައްމަދު
ދާއިމީ އެޑްރެސް: ބާދޭޞަބާ، އދ. ދިއްދޫ
މިހާރުގެ އެޑްރެސް: ބާދޭޞަބާ، އދ. ދިއްދޫ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-IH/2024/22
ހުށަހެޅުނު ތާރީޚު: 02 ޑިސެންބަރު 2024
ނިމުނު ތާރީޚު: 21 ޖަނަވަރީ 2025
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 މި މައްސަލައަކީ އަރިއަތޮޅު ދެކުނުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I9C/2023 ޤަޟިއްޔާގެ ޙުކުމް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅިފައި ނުވާ ސަބަބުތައް ބަޔާންކޮށް، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި، އދ. ދިއްދޫ، ބާދޭޞަބާ، މުޙައްމަދު ޒިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެކެވެ.
[2]4.2 އަރިއަތޮޅު ދެކުނުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I9C/2023 ޤަޟިއްޔާއަކީ އަލްމަރުޙޫމް މުޙައްމަދު އިސްމާޢީލްގެ ތަރިކަ ބެހުމަށް އެދި ވާރިސުންގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ 06 ޑިސެންބަރު 2023 ގައި ނިންމާފައިވަނީ އދ. ދިއްދޫ، "ޗާންދަނީވިލާ" އެވެކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި، ނުއުފުލޭ މުދަލާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިކަން އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދުގެ ވާރިސުންގެ މައްޗަށް ހަމަހަމައަށް ލިބިގެންވާ ކަމަށް ކަނޑައަޅައެވެ.
[3]4.3 އަރިއަތޮޅު ދެކުނުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I9C/2023 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ޒިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ 02 ޑިސެންބަރު 2024 ގައެވެ. އިސްވެ ދެންނެވުނު ޤަޟިއްޔާ މުޙައްމަދު ޒިޔާގެ ފަރާތުން އިސްތިއުނާފުގެ މުއްދަތުގައި ހުށަނޭޅުނު ސަބަބުތަކުގެ ތެރޭގައި، އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ޗާންދަނީވިލާ" ގޯތި މުޙައްމަދު ޒިޔާއަށް -/250,000 (ދެލައްކަ ފަންސާސްހާސް ރުފިޔާ) ވިއްކާފައިވުމާއި، ގޯތީގެ މިލްކުވެރިކަން ބަދަލުކުރުމުގެ މައްސަލަ އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައި ވަނިކޮށް އެ މައްސަލައިގެ ޙުކުމް ނުކުރެވެނީސް އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދު ނިޔާވުމާއި ގުޅިގެން ކޯޓުން އެ މައްސަލައިގެ ފޯމު ބާޠިލުކުރުމާއި، ވާރިސުންނާއެކު ސުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރި ކަމަށާއި އަދި 2024 ވަނަ އަހަރު ވާރިސުންގެ ފަރާތުން ގޯތީގެ މައްސަލަ ނިމިފައިވާކަމަށް ބުނެ ސިޓީއެއް ފޮނުވުމާ ގުޅިގެން، މިލްކުވެރިކަމުގެ މައްސަލަ ކޯޓަށް ހުށަހެޅުމުން، ކޯޓުން މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ނިންމާފައިވުމުން، މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅީ ކަމުގައެވެ.
[4]4.4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2024/22 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" ގައި، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ނިންމާފައިވެއެވެ. އެގޮތަށް އެ ކޯޓުން ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވާތީއާއި އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އިސްތިއުނާފު ކުރެވިފައި ނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެންކަން ފާހަގަކޮށްފައިވީ ނަމަވެސް އެފަދަ ކަމެއް މެދުވެރިވި ސަބަބު ސާބިތުކޮށް ދެވިފައި ނުވާތީ އާއި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވަނީ ދަށު ކޯޓުގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތުވެސް ފާއިތުވި ފަހުން ކަމުގައި ވާތީއެވެ.
[5]4.5 ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ މުޙައްމަދު ޒިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 02 (ދޭއް) ނުކުތާ ހުށަހަޅާފައި ވެއެވެ. އެ ނުކުތާތަކަކީ:
4.5.1- އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I9C/2023 ޤަޟިއްޔާ ނިންމާފައިވަނީ ފާޅުކަންބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭ ގޮތަށް ކަމުގައިވީހިނދު، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދެއްވުމަށް ހައިކޯޓުގެ ނަންބަރު HC-IH/2024/22 ނިންމެވުމުން ކަނޑައަޅާފައިވަނީ އިސްވެ ދެންނެވި އުސޫލަށް ރިޢާޔަތް ކުރެއްވުމެއް ނެތި އުސޫލާ ޚިލާފަށް ކަމުގައިވުން؛
4.5.2- އދ. ދިއްދޫ "ޗާންދަނީވިލާ" އެވެ ކިޔުނު ގޯއްޗާގުޅޭ ގޮތުން ކުރެވުނު މަދަނީ މުޢާމަލާތަކީ އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދު ދިރިދުނިޔޭގައި ކުރެވިފައިވާ ސައްޙަ މުޢާމަލާތެއް ކަމާއި އެކަމުގެ ލިޔުންތަކާއި ހެކިވެރިން ތިބިހިނދު، އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދުގެ ތަރިކައިގެ މައްސަލައިގައި މުޙައްމަދު ޒިޔާއަށް ބައިވެރިނުވެވޭ ގޮތަށް އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I9C/2023 ޤަޟިއްޔާގައި ނިންމަވާފައިވާއިރު، އެކަމަށް ބެއްލެވުމެއްނެތި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދެއްވުމަށް ހައިކޯޓުގެ ނަންބަރު HC-IH/2024/22 ނިންމެވުމުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ އާއި 42 ވަނަ މާއްދާއިން ލިބިދޭ ހައްގުތައް ގެއްލިގެންދާ ގޮތަށް ކަމުގައިވުން، މިއެވެ.
[6]4.6 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ސައްބީސްވަނަ ބާބުގައި މަދަނީ މައްސަލަތައް މަތީ މަރުޙަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރާނެ އިޖުރާއަތުތައް ބަޔާންކޮށްފައިވާއިރު މި ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، ހައިކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅޭނީ ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި މި މާއްދާގެ (ރ) ގައި ބަޔާންކުރަނީ، "މި މާއްދާގެ (ހ) ގައި އިސްތިއުނާފު ކުރުމަށް ކަނޑައާޅާފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރެވިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފު ކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އަދި ދަށު ކޯޓުގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމަ، ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފު ކުރެވިދާނެއެވެ."
[7]4.7 އަރިއަތޮޅު ދެކުނުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 02/I9C/2023 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ 06 ޑިސެންބަރު 2023 ގައި ކަން އެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި، މުޙައްމަދު ޒިޔާގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ 02 ޑިސެންބަރު 2024 ގައި ކަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.
[8]4.8 އެހެންކަމުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މި މައްސަލަ ހުށަހަޅާފައިވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިފަހުން އަދި އެ ޤަޟިއްޔާ ނިންމިތާ އަހަރެއްހާ ދުވަސް ފާއިތުވިފަހުން ކަން ސާފެވެ. އަދި އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އިސްތިއުނާފު ކުރެވިފައި ނުވާ ސަބަބުތައް ބަޔާންކޮށްފައިވާއިރު، އެ ސަބަބުތަކަކީ އިސްތިއުނާފު ކުރުމަށް ހުރަސްއެޅޭފަދަ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބުތަކެއްކަން މުޙައްމަދު ޒިޔާއަށް ބުނެދެވިފައި ނުވެއެވެ. މީގެ އިތުރުން، މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް ހުށަހަޅާފައިވަނީ ދަށު ކޯޓުގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތު ފާއިތުވިފި ފަހުންކަން އެނގެން އޮތުމުން މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) އާއި (ރ) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިފަހުން ހުށަހެޅި މައްސަލައެއް ކަން އެނގެއެވެ.
[9]4.9 ވުމާއެކު، މުޙައްމަދު ޒިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ބުނެދެވިފައި ނުވެއެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2024/22 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" އަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު
މުޙައްމަދު އިބްރާހީމް
ޢަލީ ރަޝީދު ޙުސައިން
29 ޝަޢްބާން 1446
27 ފެބްރުވަރީ 2025
ފުޓްނޯޓު
- އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް ނަންބަރު HC-IH/2024/22 (21 ޖަނަވަރީ 2025)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ހ)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.