ޢަބްދުﷲ ޢަބްދުއްރަހީމް ވ. ކެޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-IH/2023/09، 2460/Cv-C/2020
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކެޑް ކޮންސްޓްރަކްޝަނުން ކުރި ދަޢުވާގައި ސިވިލް ކޯޓުން 2460/Cv-C/2020 ގައި ޢަބްދުﷲ ޢަބްދުއްރަޙީމްގެ ޣައިރު ޙާޟިރުގައި 01 މާރިޗް 2022 ގައި ޙުކުމްކުރިއެވެ. އޭގެ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުން، ރިޕޯޓު ލިބުމުން އެކަށީގެންވާ މުއްދަތެއްގައި ހުށަނޭޅުނުކަމަށް ބުނެ ހައިކޯޓުގެ ފަނޑިޔާރުން HC-IH/2023/09 ގައި ހުއްދަ ނުދިނުމަށް ނިންމިއެވެ.
- ވާޤިޢާ
- ޢިމާރާތުގެ މަސައްކަތުގެ ފައިސާ ނުލިބުނުކަމަށް ބުނެ ކެޑް ކޮންސްޓްރަކްޝަނުން ކުރި ދަޢުވާގައި 677,474/94 ރުފިޔާ ދެއްކުމަށް ޣައިރު ޙާޟިރުގައި ޙުކުމްކުރިއެވެ. ޙުކުމްކުރިކަން އެނގުނީ 11 އޮގަސްޓް 2022 ގައި ކުށުގެ ރެކޯޑް ސާފުކުރުމުން ކަމަށާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުނީ 07 މާރިޗް 2023 ގައި ކަމަށް ބުނެއެވެ. 04 އެޕްރީލް 2023 ގައި ހުއްދައަށް އެދުމުން، ރިޕޯޓު ހުށަނޭޅުނުކަމަށް ބުނެ ހައިކޯޓުން މައްސަލަ އަނބުރާ ފޮނުވިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމުން ރިޕޯޓާއެކު އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އީމެއިލުން ހުށަހަޅާފައިވާއިރު، ރިޕޯޓު ހުށަހަޅާފައިވާކަން ހައިކޯޓުގެ ސަމާލުކަމަށް ނައުމުން ރިޕޯޓު ލިބުމުން އެކަށީގެންވާ މުއްދަތެއްގައި ހުށަނޭޅުނުކަމަށް ބުނެ ހުއްދަ ނުދިނުން ޞައްޙަތޯއާއި، ޣައިރު ޙާޟިރުގައި ނިންމާފައިވާ މައްސަލައެއްގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޢަބްދުﷲ ބުނީ، 04 އެޕްރީލް 2023 ގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއެކު ކަމަށާއި، ހައިކޯޓުން ރިޕޯޓު ނުލިބޭކަމަށް އެންގުމުން އެދުވަހުވެސް ރިޕޯޓު އީމެއިލްކުރި ކަމަށެވެ. އެކަން ދައްކައިދިނުމަށް އީމެއިލްގެ ސްކްރީން ޝޮޓް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ސުޕްރީމް ކޯޓުން ސުވާލުކުރުމުން، ރިޕޯޓު ހުށަހަޅާފައިވާކަން ސަމާލުކަމަށް ނައުމުން 13 އެޕްރީލް 2023 ގެ ސިޓީ ފޮނުވިކަމަށް ހައިކޯޓުން ޖަވާބުދިނެވެ.
- ކޯޓުގެ ސަބަބުތައް
- ހުއްދައަށް އެދި ފޮނުވި އީމެއިލްއާއެކު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ފޮނުވާފައިވާކަން ފާހަގަކުރެވެއެވެ. ފައިލްގައި ހަމައެކަނި "ރިޕޯޓް" ކަމަށް ލިޔެފައިވުމުން ހައިކޯޓުގެ ސަމާލުކަމަށް ނައީކަމަށް ވާން އެކަށީގެންވެއެވެ. ރިޕޯޓު ލިބުމުން ރިޕޯޓާއެކު ހުށަހަޅާފައިވާތީ، އެކަށީގެންވާ މުއްދަތެއްގައި ހުށަނޭޅުނުކަމަށް ބުނެ ހުއްދަ ނުދިނުން ބަދަލުކުރަންޖެހެއެވެ. މައްސަލަ ނިންމީ ޣައިރު ޙާޟިރުގައި ކަމަށްވާތީ، ހުއްދަ ދީގެން އިސްތިއުނާފު ބަލައިގަތުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހެއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ސިވިލް ކޯޓުގެ 2460/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން HC-IH/2023/09 ގައި ނިންމި ނިންމުން ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް އެންގި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމުން، އެ ރިޕޯޓާއެކު އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާނަމަ، ރިޕޯޓު ހުށަހަޅާފައިވާކަން ހައިކޯޓުގެ ސަމާލުކަމަށް ނައުމުގެ ސަބަބުން، ރިޕޯޓު ލިބުމުން އެކަށީގެންވާ މުއްދަތެއްގައި ހުށަހަޅާފައިނުވާކަމަށް ބުނެ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ނިންމާ ނިންމުމަކީ ބަދަލުކުރަންޖެހޭ ނިންމުމެކެވެ.
HN2 ދަށު ކޯޓުގައި މައްސަލަ ހިންގާ ނިންމާފައިވަނީ ޚަޞްމެއްގެ ޣައިރު ހާޒިރުގައިކަމަށްވާނަމަ، އެ މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދިނުމަށްފަހު، އިސްތިއުނާފު ބަލައިގަތުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން، އަޒްމިރާލްދާ ޒާހިރު، މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2023/SC-HCL/20
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2023/SC-L/85
ހުށަހެޅުނު ތާރީޚު: 13 ޖުލައި 2023
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޢަބްދުﷲ ޢަބްދުއްރަހީމް
ޢާންމު ނަން: ޢަބްދުﷲ
ދާއިމީ އެޑްރެސް: މ. ހިލްއިންދަގާރޑްން، މާލެ
މިހާރުގެ އެޑްރެސް: މ. ހިލްއިންދަގާރޑްން، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-IH/2023/09
ހުށަހެޅުނު ތާރީޚު: 10 މެއި 2023
ނިމުނު ތާރީޚު: 12 ޖޫން 2023
4. ހުށަހެޅިފައިވާ މައްސަލަ
1ކެޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން މ. ހިލްއިންދަގާރޑްންގައި 10 ބުރީގެ އިމާރާތުގެ ފައުންޑޭޝަންއާއި، 05 ބުރީގެ އިމާރާތުގައި ކޮށްފައިވާ މަސައްކަތްތަކަށް މަސައްކަތް ޙަވާލުކުރި ފަރާތްކަމަށްވާ މ. ހިލްއިންދަގާރޑްން، ޢަބްދުﷲ ޢަބްދުއްރަޙީމްގެ ފަރާތުން ލިބެންޖެހޭ ފައިސާ އެކުގައި ލިބިފައިނުވާތީ، ޝަރީޢަތް މެދުވެރިކޮށް އެހާތަނަށް ނުލިބިވާ ފައިސާ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 2460/Cv-C/2020 ގަޒިއްޔާއިންނެވެ. އެ ގަޒިއްޔާ ނިންމީ ކެޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދުނު 677,474/94ރ. (ހަލައްކަ ހަތްދިހަ ހަތްހާސް ހަތަރުސަތޭކަ ހަތްދިހަ ހަތަރެއް ރުފިޔާ ނުވަދިހަ ހަތަރުލާރި) ކެޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން އެ ފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް އަންގައި ޢަބްދުﷲ ޢަބްދުއްރަޙީމްގެ ޣައިރު ހާޒިރުގައި ޙުކުމްކޮށެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކުރީ 01 މާރިޗް 2022 ގައެވެ.
2ޢަބްދުﷲ ޢަބްދުއްރަޙީމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2460/Cv-C/2020 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅީ މައްސަލައިގެ އިސްތިއުނާފު މުއްދަތު ފާއިތުވިފަހުން، 4 އެޕްރީލް 2023 ގައެވެ. އިސްތިއުނާފުގެ މުއްދަތުގައި ހުށަނޭޅުނު ސަބަބެއްކަމަށް ޢަބްދުﷲ ޢަބްދުއްރަޙީމްގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ސިވިލް ކޯޓުން ޣައިރު ހާޒިރުގައި ޙުކުމްކޮށް މައްސަލައިގެ ޚުލާޞާ ރިޕޯޓު ޙަވާލުކޮށްފައިނުވާތީ ކަމަށާއި، ސިވިލް ކޯޓުން މައްސަލަ ނިންމިކަން އެނގިފައިވަނީ ކުށުގެ ރެކޯޑް ސާފުކުރިކުރުމުން 2022 އޮގަސްޓް 11 ގައި ކަމަށާއި، ޙުކުމްކޮށްފައިވާކަން އެނގުމާއެކު 23 އޮގަސްޓް 2022 ގައި މައްސަލައިގެ ރިޕޯޓު ހޯދަން ސިވިލް ކޯޓުގައި އެދުނުކަމަށާއި، މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ 07 މާރިޗް 2023 ގައި ކަމަށެވެ.
3ޢަބްދުﷲ ޢަބްދުއްރަޙީމްގެ ފަރާތުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅިއިރު، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހުށަހަޅާފައިނުވާތީ، ރިޕޯޓާއެކު މައްސަލަ އަލުން ހުށަހެޅުމަށްޓަކައި 13 އެޕްރީލް 2023 ގައި މައްސަލަ އަނބުރާ ފޮނުވާލިކަން ހައިކޯޓުގެ ނަންބަރު 95-CR/INDIV/2023/118 (13 އެޕްރީލް 2023) ސިޓީން އެނގެން އޮވެއެވެ.
4އަދި ހައިކޯޓުގެ ނަންބަރު HC-IH/2023/09 "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" ގައި މައްސަލައިގެ ރިޕޯޓު ލިބި އެކަށީގެންވާ މުއްދަތެއްގައި ހުށަހެޅިފައިނުވާތީ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމިއެވެ.
5ބުނެވުނު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން އިސްތިއުނާފުކުރުމަށް ޢަބްދުﷲ ޢަބްދުއްރަޙީމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި އޭނާގެ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2460/Cv-C/2020 ގަޒިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި 04 އެޕްރީލް 2023 ގައި ހުށަހަޅާފައިވާނީ އެ ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއެކު ކަމަށެވެ. އަދި އެކަން އަންގައިދިނުމުގެ ގޮތުން ހައިކޯޓަށް ފޮނުވި އީމެއިލްގެ ސްކްރީން ޝޮޓް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
6އިސްތިއުނާފު ފޯމު ހުށަހެޅި ދުވަހު (04 އެޕްރިލް 2023) ގައި މައްސަލައިގެ ރިޕޯޓު ހުށަހަޅާފައިނުވާކަމަށް ހައިކޯޓުން ޢަބްދުﷲ ޢަބްދުއްރަހީމްއަށް އެންގުމުން، ހަމަ އެ ދުވަހު މައްސަލައިގެ ރިޕޯޓުވެސް އީމެއިލްކޮށްފައިވާނެކަމަށް ބުނެ އީމެއިލްކުރި ޔޫޒަރ އައިޑީގެ ނަން ޢަބްދުﷲ ޢަބްދުއްރަޙީމްގެ ފަރާތުން ހައިކޯޓަށް އީމެއިލްކޮށްފައިވެއެވެ. ނަމަވެސް، އޭގެ ފަހުން، 13 އެޕްރީލް 2023 ގެ ތާރީޚުގައިވާ ސިޓީއިން ރިޕޯޓު ލިބިފައިނުވާކަމަށް އަނެއްކާވެސް ޢަބްދުﷲ ޢަބްދުއްރަޙީމްއަށް ހައިކޯޓުން އަންގާފައިވަނީ 09 މެއި 2023 ގައެވެ.
7މި މައްސަލައިގައި ކަންހިނގާދިޔަ ގޮތް ސާފުކުރުމަށް ހައިކޯޓަށް ސުޕްރީމް ކޯޓުން ލިޔުމުން، ޢަބްދުﷲ ޢަބްދުއްރަޙީމްގެ ފަރާތުން 04 އެޕްރީލް 2023 ގައި ސިވިލް ކޯޓުގެ ނަންބަރު 2460/Cv-C/2020 ގަޒިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ހުށަހަޅާފައިވާކަމަށާއި، 13 އެޕްރީލް 2023 ގެ ސިޓީ ޢަބްދުﷲ ޢަބްދުއްރަޙީމްއަށް ފޮނުވިފައިވަނީ ސިވިލް ކޯޓުގެ ރިޕޯޓު ލިބިފައިވާކަން ހައިކޯޓުގެ ސަމާލުކަމަށް އައިސްފައިނުވާތީކަމަށް ހައިކޯޓުން ޖަވާބުދީފައިވެއެވެ.
8HN1ޢަބްދުﷲ ޢަބްދުއްރަހީމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2460/Cv-C/2020 ގަޒިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ފޮނުވި އީމެއިލްއާއެކު އެ ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ފޮނުވާފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ފައިލްގައި ލިޔެފައިވަނީ ހަމައެކަނި "ރިޕޯޓް" މިހެންނެވެ. އިތުރު ތަފްސީލެއް ނެތެވެ. ރިޕޯޓު ހުށަހަޅާފައިވާކަން ހައިކޯޓުގެ ސަމާލުކަމަށް އައިސްފައިނުވާ ސަބަބަކީ މިއީ ކަމަށްވުން އެކަށީގެންވެއެވެ.
9HN2ވުމާއެކު، ޢަބްދުﷲ ޢަބްދުއްރަޙީމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2460/Cv-C/2020 ގަޒިއްޔާގެ ރިޕޯޓު ލިބުމުން، 04 އެޕްރީލް 2023 ގައި މައްސަލައިގެ ރިޕޯޓާއެކު މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާތީ، ސިވިލް ކޯޓު ރިޕޯޓު ލިބުމުން އެކަށީގެންވާ މުއްދަތެއްގައި ހުށަހަޅާފައިނުވާކަމަށް ބުނެ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭކަމަށް ދެކެމެވެ. އަދި މި މައްސަލަ ސިވިލް ކޯޓުގައި ހިންގާ ނިންމާފައިވަނީ ޢަބްދުﷲ ޢަބްދުއްރަޙީމްގެ ޣައިރު ހާޒިރުގައިކަމަށްވާތީ، މި މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދިނުމަށްފަހު، އިސްތިއުނާފު ބަލައިގަތުމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ދެކެމެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2460/Cv-C/2020 ގަޒިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މ. ހިލްއިންދަގާރޑްން، ޢަބްދުﷲ ޢަބްދުއްރަޙީމްގެ ފަރާތުން ހުށަހެޅުމުން، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، މި މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް މ. ހިލްއިންދަގާރޑްން، ޢަބްދުﷲ ޢަބްދުއްރަޙީމްއަށް އަންގައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢަލީ ރަޝީދު ޙުސައިން
އަޒްމިރާލްދާ ޒާހިރު
މުޙައްމަދު އިބްރާހީމް
27 މުޙައްރަމް 1445
14 އޮގަސްޓް 2023
ފުޓްނޯޓު
- 10 އޮގަސްޓް 2023 ތާރީޚުގައި ހައިކޯޓުގެ ރެޖިސްޓްރޭޝަން އީމެއިލް ސުޕްރީމްކޯޓަށް ދީފައިވާ ޖަވާބު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
—
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.