ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/SC-HCL/09, 2025/SC-L/57

ޒުނައިރާ ޢަލީ ވ. ޒުހުރާ ޢަބްދުއްރަޙްމާން

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 21 އޮގަސްޓް 2025ދަށު ކޯޓު: ހައިކޯޓު HC-IH/2025/06ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-IH/2025/06، 7/M-8-C/84
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދ. ކުޑަހުވަދޫ ކޯޓުގެ 7/M-8-C/84 ގައި (31 މެއި 1984) ޢަލީ އިބްރާހީމްގެ ތަރިކަ ބަހައި، ލުބޯގަސްދޮށުގެ ގޯތި ލިބިދެވޭނީ ފިރިހެން ދަރިފުޅަށްކަމަށް ނިންމިއެވެ. 2025 ގައި އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ، ހައިކޯޓުގެ ފަނޑިޔާރުން HC-IH/2025/06 (07 ޖުލައި 2025) ގައި ނުދިނެވެ.
ވާޤިޢާ
1984 ގައި ޢަލީ އިބްރާހީމް ނިޔާވުމުން އަނބިމީހާ ޒުހުރާ ޢަބްދުއްރަޙްމާން ހުށަހެޅި ތަރިކައިގެ މައްސަލައިގައި، ބިމަކީ ކޯޓުން ބަހައިދޭ އެއްޗެއް ނޫންކަމަށް ދަރިފުޅު ޒުނައިރާ ޢަލީއަށް އެންގިއެވެ. 1985 ގައި އެ ކުޑަ ދަރިފުޅު ނިޔާވުމުން 24/M-8-C/85 ގައި ގޯތި މަންމަ ޒުހުރާއަށް ލިބޭގޮތަށް ނިންމި ނިންމުން ޒުނައިރާ 5 ޑިސެންބަރު 1985 ގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 85/HC-A/90 ގައި ދެމެހެއްޓިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދ. ކުޑަހުވަދޫ ކޯޓުން 1984 ގައި ނިންމި ތަރިކައިގެ ޤަޟިއްޔާއެއް އިސްތިއުނާފުގެ މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް، އިޖުރާއަތު ނޭނގުމާއި މާލީ ދަތިތަކާއި ޢާއިލީ ޒިންމާތަކަކީ މަޤްބޫލު ސަބަބުތަކެއްތޯ، އަދި އެ ފަރާތުން އެ ކޯޓުގެ އެހެން ޤަޟިއްޔާއެއް ފަހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެ ސަބަބުތަކަށް ބުރަދަނެއް ދެވިދާނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޒުނައިރާ ޢަލީ ބުނީ 7/M-8-C/84 ގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމަށެވެ. މުއްދަތުގައި އިސްތިއުނާފު ނުކުރެވުނީ އިޖުރާއަތު ނޭނގުމާއި، 10 އަހަރު ނުފުރޭ 5 ދަރިންނާއެކު މާލީ ދަތިތަކާއި ޢާއިލީ ޒިންމާތަކާއި، މާލެ އައުމަށް ހުރި ހުރަސްތަކުގެ ސަބަބުން ކަމަށާއި، 1 ސެޕްޓެމްބަރު 1985 ގައި މިނިސްޓްރީ އޮފް ޖަސްޓިސްއަށް ސިޓީއެއް ހުށަހެޅިކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤަޟިއްޔާ ނިމުނު 1984 ގައި ޢަމަލުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 1980 ގެ 9 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި އިސްތިއުނާފުގެ މުއްދަތަކީ 120 ދުވަހެވެ. އެ މާއްދާގެ 3 ވަނަ ނަންބަރާއި ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގައި މުއްދަތު ފާއިތުވުމަށްފަހު މަޤްބޫލު ސަބަބަކަށް ހުއްދަ ދެވޭނެ ނަމަވެސް، އެ ސަބަބު ސާބިތުކުރުމުގެ ޒިންމާ އޮތީ ބުނާ ފަރާތުގައެވެ. ޒުނައިރާ 1985 ގައި 24/M-8-C/85 އިސްތިއުނާފުކޮށްފައިވާތީ، ހުށަހެޅި ސަބަބުތަކަށް ބުރަދަނެއް ނުދެވޭނެއިރު، ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބަލާނެ ސަބަބެއް ނުފެނެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ދ. ކުޑަހުވަދޫ ކޯޓުގެ 7/M-8-C/84 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން HC-IH/2025/06 ގައި ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤަޟިއްޔާ ނިންމި ދުވަސްވަރު ހައިކޯޓުން ޢަމަލުކުރަމުންދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 1980 ގެ 9 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައިވާ ގޮތުން، ރާއްޖެތެރޭގެ ކޯޓަކުން ނިންމާފައިވާ ޤަޟިއްޔާއެއް އިސްތިއުނާފަށް ހުށަހަޅަންވާނީ އެ ޤަޟިއްޔާއެއްގައި ޙުކުމް ކުރިތާ 120 ދުވަހުގެ ތެރޭގައެވެ.

HN2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 1980 ގެ 9 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައިވާ ގޮތުން، އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް ޤަބޫލުކުރެވޭފަދަ ސަބަބެއް ހުށަހަޅައިފިނަމަ، އެ ކަމެއްގެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.

HN3 ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ ދަށުން، ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް، އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެ ކަމެއްގެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

HN4 އިސްތިއުނާފުގެ މުއްދަތުގައި ހުށަނުއެޅުނީ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް މެދުވެރިވެގެން ކަމަށްވާނަމަ، ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ މިންވަރަށް އެ ކަން ސާބިތުކޮށްދިނުމަކީ އެ ފަދައިން ބުނާ ފަރާތެއްގެ ޒިންމާއެކެވެ.

HN5 ޤަޟިއްޔާއެއް ނިންމުމުގެ ފަހުން އެ ކޯޓުން ނިންމި އެހެން ޤަޟިއްޔާއެއް ހުއްދައަށް އެދޭ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން އެނގެން އޮތްނަމަ، ފުރަތަމަ ޤަޟިއްޔާ އިސްތިއުނާފުގެ މުއްދަތުގައި ހުށަނާޅުނު ސަބަބުތަކެއްކަމަށް ބުނެ އިސްތިއުނާފުކުރުމުގެ އިޖުރާއަތު ނޭނގުމާއި މާލީ ދަތިތަކާއި ޢާއިލީ ޒިންމާތައް ފަދަ ސަބަބުތައް ހުށަހެޅުމުން، އެ ސަބަބުތަކަށް ބުރަދަނެއް ދެވިދާނެ ކަމުގައި ނުބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަބްދުﷲ ޙަމީދު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2025/SC-HCL/09

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2025/SC-L/57

ހުށަހެޅުނު ތާރީޚު: 03 އޮގަސްޓު 2025

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ޒުނައިރާ ޢަލީ

ޢާންމު ނަން: ޒުނައިރާ

ދާއިމީ އެޑްރެސް: ދަނބުވިލާގެ، ދ. ކުޑަހުވަދޫ

މިހާރުގެ އެޑްރެސް: ދަނބުވިލާގެ، ދ. ކުޑަހުވަދޫ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-IH/2025/06

ހުށަހެޅުނު ތާރީޚު: 04 މޭ 2025

ނިމުނު ތާރީޚު: 07 ޖުލައި 2025

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 ދ.ކުޑަހުވަދޫ، ލުބޯގަސްދޮށުގެ، އަލްމަރްޙޫމް ޢަލީ އިބްރާހީމް ނިޔާވުމުން، އޭނާގެ ތަރިކައިގެ މައްސަލަ މަރްޙޫމް ނިޔާވިއިރު ހުރި އަނބިމީހާ، ޒުހުރާ ޢަބްދުއްރަޙްމާން ދ. ކުޑަހުވަދޫ ކޯޓަށް ހުށަހެޅިއެވެ. ދ. ކުޑަހުވަދޫ ކޯޓުގެ ޤަޟިއްޔާ ނަންބަރު 7/M-8-C/84 އިން މި ތަރިކައިގެ މައްސަލަ ބެލުމަށްފަހު ނިންމި ނިންމުމުގައި އަލްމަރްޙޫމް ޢަލީ އިބްރާހީމްގެ ގޯއްޗެއް ކަމުގައިވާ ދ. ކުޑަހުވަދޫ، ލުބޯގަސްދޮށުގެ އާ ގުޅޭގޮތުން ބުނެފައިވަނީ އެ ބިމުން ބައެއް ލިބިދިނުމަށް އަލްމަރްޙޫމް ޢަލީ އިބްރާހީމްގެ އަންހެން ދަރިފުޅު ޒުނައިރާ ޢަލީ އެދިފައިވާކަމަށާއި، އެހެން ނަމަވެސް ބިންބިމަކީ އެ ދުވަސްވަރު ކޯޓުން ބަހައިދޭ އެއްޗެއް ނޫންކަމުގައި އެ ކޯޓުން ޒުނައިރާ ޢަލީއަށް އަންގާފައިވާކަމަށެވެ. އަދި، ޒުނައިރާ ޢަލީގެ އަމިއްލަ ގޯއްޗެއްވެސް އޮތުމާއެކު، ޒުނައިރާ ޢަލީ އެދުނުގޮތަށް މައްސަލަ ނިންމެން ނެތްކަމަށާއި، އިސްވެ ބުނެވުނު ގޯތި ލިބިދެވޭނީ އަލްމަރްޙޫމް ޢަލީ އިބްރާހީމްގެ ފިރިހެން ދަރިފުޅު އަދި އަދި ޒުނައިރާ ޢަލީގެ އެއްބަފާ ކޮއްކޮ މުޙައްމަދު ޢަލީއަށް ކަމަށެވެ. ދ. ކުޑަހުވަދޫ ކޯޓުން މި މައްސަލަ ނިންމާފައިވަނީ 31 މެއި 1984 ގައެވެ. އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކޮށްފައި ނުވެއެވެ.

[2]4.2 ދ. ކުޑަހުވަދޫ ކޯޓުން އިސްވެ ބުނެވުނު އެ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާއިން ބެލި މައްސަލަ ނިމުމަށްފަހު، 27 މާރިޗް 1985 ގައި އަލްމަރްޙޫމް ޢަލީ އިބްރާހީމްގެ ފިރިހެން ދަރިފުޅު، އަދި ޒުނައިރާ ޢަލީގެ އެއްބަފާ ކޮއްކޮ، މުޙައްމަދު ޢަލީ ޢުމުރުން 1 އަހަރާއި 11 މަހުގައި ނިޔާވިއެވެ. އަދި އެ ކުއްޖާގެ ތަރިކައިގެ މައްސަލަ ދ.ކުޑަހުވަދޫ ކޯޓަށް 24 ޖޫން 1985 ގައި ޒުނައިރާ ޢަލީގެ ފަރާތުން ހުށަހެޅިއެވެ.

[3]4.3 އިސްވެ ބުނެވުނު މުޙައްމަދު ޢަލީ ތަރިކައިގެ މައްސަލަ ދ.ކުޑަހުވަދޫ ކޯޓުގެ ނަންބަރު 24/M-8-C/85 ޤަޟިއްޔާއިން ބެލުމަށްފަހު ނިންމި ނިންމުމުގައި ބުނެފައިވަނީ، ނިޔާވެފައިވާ ޒުނައިރާ ޢަލީގެ އެއްބަފާ ކޮއްކޮ މުޙައްމަދު ޢަލީގެ ތަރިކައިގައި ހިމެނޭ މައިގަނޑު މުދަލަކީ ދ.ކުޑަހުވަދޫ ލުބޯގަސްދޮށުގޭ ގޯތީގައި ރާނާފައިވާ އިމާރާތްކަމަށްވާތީ، މި ޢިމާރާތް ހުރި ގޯތި ނިޔާވެފައިވާ މުޙައްމަދު ޢަލީގެ މަންމަ ޒުހުރާ ޢަބްދުއްރަޙްމާނަށް ދޭގޮތަށް ހަމަޖެއްސުމަށް ދ. އަތޮޅު އޮފީހުން އަންގަވާފައިވާ ކަމަށާއި، އެ ގެ ޒުހުރާ ޢަބްދުއްރަޙްމާނަށް ލިބޭގޮތަށް ހަމަޖެއްސުމަށް ދ.ކުޑަހުވަދޫ އޮފީހުގެ ނަންބަރު M-8/M-8-C/85/28 (8 އޮގަސްޓް 1985) ސިޓީން އަންގާފައިވާކަމަށެވެ. އަދި މިހެންކަމުން، ދ.ކުޑަހުވަދޫ ލުބޯގަސްދޮށުގޭ ގޯތީގައި ރާނާ ޓިނުން ހިޔާކޮށްފައިވާ އިމާރާތްތަކާ ވަޅުފަދަ ތަންތަނާއި، ތަކެތީގެ މިލްކުވެރި ފަރާތަކީ ނިޔާވެފައިވާ މުޙައްމަދު ޢަލީގެ މަންމަ ޒުހުރާ ޢަބްދުއްރަޙްމާން ކަމުގައެވެ. މި މައްސަލައިގެ ޙުކުމްކޮށްފައިވަނީ 8 އޮގަސްޓް 1985 އެވެ. ދ. ކުޑަހުވަދޫ ކޯޓުގެ މި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ ނިންމުން ޒުނައިރާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ 5 ޑިސެންބަރު 1985 ގައެވެ. މި ހުށަހެޅުމުގައި ޒުނައިރާ ޢަލީގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ދ.ކުޑަހުވަދޫ، ލުބޯގަސްދޮށުގެއަކީ އޭނާގެ މާމަގެ އިރުން ފެށިގެން ޢާއިލީގޮތުން ބެހެމުން އައިސް އޭނާގެ ބައްޕައަށް ލިބުނު ގެއެއް ކަމަށާއި، ދ.ކުޑަހުވަދޫ، ލުބޯގަސްދޮށުގެ އޭނާއަށް ލިބިދިނުމަށް އެދޭކަމަށެވެ.

[5]4.5 އެ މައްސަލަ ހައިކޯޓުގެ ނަންބަރު 85/HC-A/90 ޤަޟިއްޔާއިން ބެލުމަށްފަހު 23 މާރިޗް 1986 ގައި ނިންމާފައިވަނީ، ދ.ކުޑަހުވަދޫ ކޯޓުގެ ނަންބަރު 24/M-8-C/85 ޤަޟިއްޔާއިން ކުޑަހުވަދޫ ލުބޯގަސްދޮށުގެ ބަހާފައިވާގޮތް ރަނގަޅުކަމަށް ފެންނާތީ އެ ޤަޟިއްޔާގެ ޙުކުމަށް ތާއީދުކުރާކަމަށެވެ.

[6]4.6 އެހެންނަމަވެސް، ޒުނައިރާ ޢަލީގެ ބައްޕަ ދ.ކުޑަހުވަދޫ، ލުބޯގަސްދޮށުގެ، އަލްމަރްޙޫމް ޢަލީ އިބްރާހީމް ނިޔާވުމާ ގުޅިގެން މީގެ 39 އަހަރު ކުރިން ދ.ކުޑަހުވަދޫ ކޯޓުން ނިންމާފައިވާ ތަރިކައިގެ މައްސަލައަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، އިސްލާމީ އުސޫލުތަކާ ޚިލާފަށް ބޭއިންސާފުން، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާ، 4 މެއި 2025 ގައި ޒުނައިރާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ޒުނައިރާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މި މައްސަލައިގައިވެސް މައިގަނޑުގޮތެއްގައި ޝަކުވާކޮށްފައިވަނީ ދ.ކުޑަހުވަދޫ، ލުބޯގަސްދޮށުގެ ގޯތި އޭނާއަށް ނުލިބޭ ގޮތަށް މައްސަލަ ނިންމާފައިވާތީ އެކަމާ މެދުގައެވެ.

[7]4.7 ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާ، އިސްތިއުނާފުގެ މުއްދަތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިނުވާ ސަބަބެއްކަމުގައި ޒުނައިރާ ޢަލީގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރުމުގެ އިޖުރާއަތު އޮންނަ ގޮތް ޒުނައިރާ ޢަލީއަށް އެނގިފައި ނުވާކަމަށާއި، މާލީ ހާލަތު ހުރިގޮތުން، މިފަދަ ޤާނޫނީ ކަންކަން ހިނގާގޮތް ސާފުކުރުމަށް ހުރަސްތަކެއް ހުރުމުގެ އިތުރަށް، އެ ޤަޟިއްޔާ ނިންމި ދުވަސްވަރަކީ ޒުނައިރާ ޢަލީގެ 10 އަހަރު ނުފުރޭ 5 ދަރިން ގޮވައިގެން އުޅެން ޖެހުމުގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިލާން ޖެހުނު ދުވަސްވަރެއްކަމަށްވާތީ، އިސްތިއުނާފީ މުއްދަތުގައި ހައިކޯޓަށް މައްސަލަ ހުށަނޭޅުނީކަމަށެވެ. އަދި އެ ދުވަސްވަރު ހައިކޯޓަށް މައްސަލަ ހުށަހަޅަންޖެހެނީ މާލެއަށް އައިސްގެން ކަމަށާއި، އޭގެ އިތުރުން އެ ދުވަސްވަރު ޢާއިލީ ޒިންމާ ބޮޑުވުމުގެ ސަބަބުން މާލެއައުމަށް ހުރަސްތަކެއް ހުރިކަމަށާއި، ނަމަވެސް، މާލެ އައުމުގެ ފުރުސަތު ފަހިވީ އެންމެ އަވަހަކަށް މާލެ އައިސް ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާ ބަލައިދިނުމަށް އެދި 1 ސެޕްޓެމްބަރު 1985 ގައި މިނިސްޓްރީ އޮފް ޖަސްޓިސް އަށް ސިޓީއެއްވެސް ހުށަހެޅިކަމަށެވެ.

[8]4.8 ޒުނައިރާ ޢަލީގެ ފަރާތުން ބުނެވުނު ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅި މި ހުށަހެޅުމާމެދު، [އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް] ނަންބަރު HC-IH/2025/06 (07 ޖުލައި 2025) ގައި، އެ މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ އިސްތިއުނާފުކުރުމަށް ހުއްދަދެވޭނެ ޤާނޫނީ ގޮތުން މަޤުބޫލު ސަބަބެއް ދެއްކިފައިވާކަމަށް ނުފެންނާތީ، ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަކަމަށެވެ.

[9]4.9 މިއީ، ބުނެވުނު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ބާޠިލުކޮށްދިނުމަށާއި، ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާއަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޒުނައިރާ ޢަލީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެވެ.

[10]4.10 އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާއަށް ބަލާއިރު އެ ޤަޟިއްޔާއަކީ، ދ. ކުޑަހުވަދޫ/ ލުބޯގަސްދޮށުގެ ޢަލީ އިބްރާހީމް ނިޔާވެފައިވާތީ، އޭނާގެ ތަރިކަ ބެހުމަށްޓަކައި، ޢަލީ އިބްރާހީމް ނިޔާވިއިރު އިން ހުވަފަތް އަނބި ދ.ކުޑަހުވަދޫ/ ސަނީކޯނަރ ޒުހްރާ ހުށަހެޅުމުން ދ.ކުޑަހުވަދޫ ކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ޢަލީ އިބްރާހީމް ނިޔާވިއިރު ވާރިސުންގެ ގޮތުގައި ތިބީ ބަލިވެ އިން އަނބި ޒުހްރާއާއި އަންހެން ދަރި ޒުނައިރާއެވެ. ދެން ހުރީ ބަލިވެ އިދެވިހޭ ފިރިހެން ދަރި މުޙައްމަދު ޢަލީއެވެ. ޢަލީ އިބްރާހީމްގެ ތަރިކަ އަގުކުރިއިރު ހުރީ އޭނާގެ މަންމަގެ މުދަލުން ލިބުނު -/344ރ (ތިންސަތޭކަ ސާޅީސް ހަތަރުރުފިޔާ) އާއިއެކު މުޅި ތަރިކައިގެ ޖުމްލައަކީ 9898/03ރ. (ނުވަހާސް އަށްސަތޭކަ ނުވަދިހަ އަށްރުފިޔާ ތިންލާރި) އެވެ.

[11]4.11 ބަޔާންކުރެވުނު ތަރިކައިން އަނބި ޒުހްރާއަށް ލިބޭ ޙަލާލުބައި 1/8 (އަށެއް ބައިކުޅަ އެކެއް) އަށްވާ 1237/26ރ. (އެއްހާސް ދުއިސައްތަ ތިރީސް ހަތްރުފިޔާ) ވަކިކޮށް، ދެންހުރި ތަކެތީގެ 1/3 (ތިނެއް ބައިކުޅަ އެކެއް) އަށްވާ އަންހެން ދަރި ޒުނައިރާއަށް 2886/92ރ. (ދެހާސް އަށްސަތޭކަ އަށްޑިހަ ހަރުފިޔާ ނުވަދިހަ ދެލާރި)، އަދި ފިރިހެން ދަރި މުޙައްމަދު ޢަލީއަށް 2/3 (ތިނެއް ބައިކުޅަ ދޭއް) އަށްވާ 5773/85ރ. (ފަސްހާސް ހަތްސަތޭކަ ހަތްދިހަ ތިންރުފިޔާ އަށްޑިހަ ފަސްލާރި) ލިބޭނެކަމަށް ކަނޑައަޅާފައިވެއެވެ.

[12]4.12 މީގެ އިތުރަށް، މި ތަރިކަ ބެހުމުގައި ގޯތިން ބައެއް ހޯދުމުގެ ބޭނުމުގައި ގޯތީގައިވާ ބަދިގޭގެ ބާވެ ހަލާކުވެފައިވާ ގާގަނޑު ދެއްވުމަށް ޒުނައިރާ އެދުނު ކަމަށާއި ނަމަވެސް ޒުނައިރާގެ އަމިއްލަ ގެދޮރު ހުރުމާއެކު ލިބޯގަސްދޮށުގޭގެ ޢިމާރާތާ ގުޅޭ ގާގަނޑުން ބައެއްނަމަވެސް ލިބިދެވެން ނެތްކަމަށާއި އެ ތަކެތި ލިބިދެވޭނި ޢަލީ އިބްރާހީމްގެ ތަޞައްރުފު ނުފުދޭ ކުޑަދަރިފުޅު މުޙައްމަދު ޢަލީއަށް ކަމަށް އަންގައި މި ތަރިކަ ބަހައިދީ އެ މީހަކަށް ލިބިފައިވާ ތަކެއްޗަކީ އެ މީހެއްގެ މިލްކު ތަކެތިކަމުގައި ޙުކުމްކޮށް މައްސަލަ ނިންމާފައިވާކަން ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާގެ ރިޕޯޓުން އެނގެއެވެ. އަދި ބިމަކީ ކޯޓުން ބަހައިދޭ އެއްޗެއް ނޫންކަން ޒުނައިރާއަށް އަންގާފައިވާކަން އެ ޤަޟިއްޔާގައި ހިމެނޭ ލިޔުންތަކުން އެނގެއެވެ.

[13]4.13 ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ 31 މެއި 1984 ގައެވެ. އޭރު ދިވެހިރާއްޖޭގެ ހައިކޯޓުން ޢަމަލުކުރަމުންދިޔަ [ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 1980] ގައި އިސްތިއުނާފުކުރުމާ ގުޅޭ އަޙްކާމުތައް ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، އެ ގަވާއިދުގެ 9ވަނަ މާއްދާގެ 2ވަނަ ނަންބަރުގައި، ރާއްޖެތެރޭގެ ކޯޓަކުން ނިންމާފައިވާ ޤަޟިއްޔާއެއް ނަމަ، އެ ޤަޟިއްޔާއެއްގައި ޙުކުމް ކުރިތާ 120 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް ޤަބޫލުކުރެވޭފަދަ ސަބަބެއް ހުށަހަޅައިފިނަމަ، އެ ކަމެއްގެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާކަން [ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 1980] ގެ 9 ވަނަ މާއްދާގެ 3 ވަނަ ނަންބަރުން އެނގެއެވެ.

[14]4.14 މިހާރު ޢަމަލުކުރަމުންދާ [ހައިކޯޓުގެ ޤަވާޢިދު] ގެ 29ވަނަ މާއްދާއަށް ބަލާއިރު، ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް، އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް ހުށަހަޅައިފިނަމަ އެ ކަމެއްގެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާކަމާއި، އިސްތިއުނާފުގެ މުއްދަތުގައި ހުށަނުއެޅުނީ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް މެދުވެރިވެގެން ކަމަށްވާނަމަ، ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ މިންވަރަށް އެ ކަން ސާބިތުކޮށްދިނުމަކީ، އެ ފަދައިން ބުނާ ފަރާތެއްގެ ޒިންމާއެއް ކަން އެނގެއެވެ.

[15]4.15 ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާ، އިސްތިއުނާފުގެ މުއްދަތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިނުވާ ސަބަބެއްކަމުގައި ޒުނައިރާ ޢަލީގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރުމުގެ އިޖުރާއަތު އޮންނަ ގޮތް ޒުނައިރާ ޢަލީއަށް އެނގިފައި ނުވާތީއާއި، މާލީ ހާލަތު ހުރިގޮތުން، މި ފަދަ ޤާނޫނީ ކަންކަން ހިނގާގޮތް ސާފުކުރުމަށް ހުރަސްތަކެއް ހުރުމުގެ އިތުރަށް، އެ ޤަޟިއްޔާ ނިންމި ދުވަސްވަރަކީ ޒުނައިރާ ޢަލީގެ 10 އަހަރު ނުފުރޭ 5 ދަރިން ގޮވައިގެން އުޅެން ޖެހުމުގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިލާން ޖެހުނު ދުވަސްވަރެއްކަމަށްވާތީ، އިސްތިއުނާފީ މުއްދަތުގައި ހައިކޯޓަށް މައްސަލަ ހުށަނޭޅުނީކަމަށެވެ. މި ސަބަބުތަކުގެ މައްޗަށް ބަލައި އެ މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ މަޤުބޫލު ސަބަބެއް ދެއްކިފައިވާކަމަށް ނުފެންނާތީ، އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަކަމަށެވެ.

[16]4.16 ޒުނައިރާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2025/06 (07 ޖުލައި 2025) [އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް] އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާ ނިންމުމުގެ ފަހުން އެ ކޯޓުން ނިންމާފައިވާ ދ.ކުޑަހުވަދޫ ކޯޓުގެ ނަންބަރު 24/M-8-C/85 ޤަޟިއްޔާގެ ނިންމުން ޒުނައިރާ ޢަލީގެ ފަރާތުން 5 ޑިސެންބަރު 1985 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން އެނގެން އޮންނާތީ، ދ. ކުޑަހުވަދޫ ކޯޓުގެ ނަންބަރު 7/M-8-C/84 ޤަޟިއްޔާ އިސްތިއުނާފުގެ މުއްދަތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިނުވާ ސަބަބުތައް ކަމަށް ބުނެ ޒުނައިރާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ބުރަދަނެއްދެވިދާނެ ކަމުގައި ބެލެވެން ނެތަތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލާނެ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތް ކަމަށް ނުފެނެއެވެ.

5. ނިންމުން

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2025/06 (07 ޖުލައި 2025) [އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް] އަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢާއިޝާ ޝުޖޫން މުޙައްމަދު

ޢަބްދުﷲ ޙަމީދު

ޢަލީ ރަޝީދު ޙުސައިން

27 ޞަފަރު 1446

21 އޮގަސްޓު 2025

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 1980 ގެ 9 ވަނަ މާއްދާގެ 2 ވަނަ ނަންބަރު
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 1980 ގެ 9 ވަނަ މާއްދާގެ 3 ވަނަ ނަންބަރު
  • ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ