ޙަސަން ވަޙީދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-IH/2024/07، 1093/Cv-C/2023
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 1093/Cv-C/2023 ޤަޟިއްޔާގައި ޙަސަން ވަޙީދުގެ އުފަން އަހަރަކީ 1968 ކަމަށް ކަނޑައެޅެން ނެތްކަމަށް 22 ފެބްރުއަރީ 2024 ގައި ޙުކުމްކުރިއެވެ. މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނުއިރު، ހައިކޯޓުގެ ފަނޑިޔާރުން HC-IH/2024/07 ގައި ބުނި ސަބަބަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވާ މަޤްބޫލު ސަބަބެއް ނޫންކަމަށް ނިންމިއެވެ.
- ވާޤިޢާ
- ޙަސަން ވަޙީދުގެ އުފަން އަހަރަކީ 1958 ކަމަށް ބަލަމުން އަންނަނީ ރަސްމީ ލިޔުމަކަށް ބިނާނުކޮށް ކަމަށާއި، އަސްލު އުފަން ތާރީޚަކީ ގދ. އަތޮޅު އޮފީހުގެ ސެޓްފިކެޓުގެ ކޮޕީގައިވާ 06 ޑިސެމްބަރު 1968 ކަމަށް ބުނެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ މައްޗަށް ދަޢުވާކުރިއެވެ. ޙުކުމްގެ ޝަރީޢަތް ނިމުނުގޮތް 27 ފެބްރުއަރީ 2024 ގައި އީމެއިލްކޮށް، 17 މާރިޗްގައި ރިޕޯޓަށް އެދުމުން 20 މާރިޗްގައި ދޫކޮށް، ހުއްދައަށް އެދުނީ 22 އެޕްރީލް 2024 ގައެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުން މައްސަލަ ނިމުމަށްފަހު ދުވަސްކޮޅެއްގެ ތެރޭގައި "ޝަރީޢަތް ނިމުނުގޮތް" ފަރާތާ ހިއްސާކޮށް، ރިޕޯޓަށް އެދުނުތާ ތިން ވަނަ ދުވަހު ރިޕޯޓު ދޫކޮށްފައިވާއިރު، ޝަރީޢަތް ނިމުނުގޮތުގެ ވަގުތީ އަދި ދާއިމީ ރިޕޯޓު ލަސްވުމަކީ އިސްތިއުނާފުގެ މުއްދަތުގައި މައްސަލަ ހުށަނޭޅުނުކަމަށް ބުނާ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވާ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޙަސަން ވަޙީދު ބުނީ، އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރެވުނީ ސިވިލް ކޯޓުން މައްސަލަ ނިމުނުގޮތުގެ ވަގުތީ ރިޕޯޓާއި ދާއިމީ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން ކަމަށާއި، އެހެންކަމުން މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޝަރީޢަތް ނިމުނުގޮތް މައްސަލަ ނިމުނުތާ 4 ދުވަސް ފަހުން ހިއްސާކޮށް، އޭގައި އިސްތިއުނާފުގެ މުއްދަތާއި އެއަށް ބިނާކޮށްވެސް އިސްތިއުނާފު ކުރެވޭނެކަން ބަޔާންކޮށްފައިވެއެވެ. މުއްދަތު އެނގިހުރެ ރިޕޯޓަށް އެދުނީ މުއްދަތު ހަމަވާން ގާތްގަނޑަކަށް 6 ދުވަސް އޮއްވާ ކަމަށާއި، އެދުނުތާ ތިން ވަނަ ދުވަހު ރިޕޯޓު ދޫކުރިއިރު، ހުށަހެޅީ މުއްދަތު ހަމަވިތާ ގާތްގަނޑަކަށް 28 ދުވަސް ފަހުން ކަމަށްވާތީ، ރިޕޯޓު ލަސްވުމަކީ އެކަށީގެންވާ ސަބަބެއް ކަމުގައި ނުބެލެވެއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ޙަސަން ވަޙީދުގެ އުފަން ތާރީޚާ ގުޅޭ ސިވިލް ކޯޓުގެ 1093/Cv-C/2023 ޤަޟިއްޔާ މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިން ހައިކޯޓުގެ HC-IH/2024/07 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައެއްއާމެދު ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓުން މައްސަލަ ނިމުމަށްފަހު ދުވަސްކޮޅެއްގެ ތެރޭގައި "ޝަރީޢަތް ނިމުނުގޮތް" ފަރާތަކާ ހިއްސާކޮށްފައިވެ، އެ ލިޔުމުގައި އިސްތިއުނާފުކުރުމުގެ މުއްދަތާއި ޝަރީޢަތް ނިމުނުގޮތަށް ބިނާކޮށްވެސް އިސްތިއުނާފު ކުރެވިދާނެކަން ބަޔާންކޮށްފައިވާނަމަ، ޝަރީޢަތް ނިމުނުގޮތުގެ ވަގުތީ ނުވަތަ ދާއިމީ ރިޕޯޓު ލަސްވުމަކީ އިސްތިއުނާފުގެ މުއްދަތުގައި މައްސަލަ ހުށަނޭޅުނުކަމަށް ބުނާ އެކަށީގެންވާ ސަބަބެއް ކަމުގައި ނުބެލެވޭނެއެވެ.
HN2 އިސްތިއުނާފުކުރުމުގެ މުއްދަތު އެނގިހުރެ، މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދި، އެދުނުތާ ދުވަސްކޮޅެއްގެ ތެރޭގައި ރިޕޯޓު ލިބިފައިވާއިރު، މުއްދަތު ހަމަވިތާ ގިނަ ދުވަސް ފަހުން މައްސަލަ ހުށަހަޅާ ފަރާތަކަށް، ރިޕޯޓު ލަސްވުމަކީ މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ދެވޭނެ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް ކަމުގައި ނުބެލެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު، އަޒްމިރާލްދާ ޒާހިރު، މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/16
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/69
ހުށަހެޅުނު ތާރީޚު: 19 ސެޕްޓެންބަރު 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޙަސަން ވަޙީދު
ޢާންމު ނަން: ޙަސަން ވަޙީދު
ދާއިމީ އެޑްރެސް: މ. މެލޯޑިއަމް، މާލެ
މިހާރުގެ އެޑްރެސް: މ. މެލޯޑިއަމް، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-IH/2024/07
ހުށަހެޅުނު ތާރީޚު: 22 އޭޕްރީލް 2024
ނިމުނު ތާރީޚު: 05 އޮގަސްޓު 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1. މ. މެލޯޑިއަމް، ޙަސަން ވަޙީދުގެ އުފަން އަހަރަކީ 06 ޑިސެމްބަރު 1958 ކަމަށް ބަލަމުން އަންނަނީ ރަސްމީ އެއްވެސް ލިޔުމެއްގެ މައްޗަށް ބިނާކޮށްކަން އެނގެން ނެތްކަމަށާއި، ތަކުރާރުކޮށް އުފަން އަހަރަށް އިންކާރު ކުރުމުންވެސް އައިޑީކާޑު ހަދާފައިވަނީ ޔުނިޓުގައި ހުރި މަޢުލޫމާތުގެ މައްޗަށް ކަމަށާއި، އެ އައިޑީކާޑު ބޭނުންކުރަންޖެހުނީ އެނޫން އެހެން ގޮތެއް ނެތިގެން އެކި ސަބަބުތަކާހުރެ ރާއްޖެއިން ބޭރަށް ދާންޖެހޭތީ މަޖުބޫރުވެގެން ކަމަށާއި، ޙަސަން ވަޙީދު ޤަބޫލުކުރާ އަސްލު އުފަން ތާރީޚަކީ ގދ. އަތޮޅު އޮފީހުން ހަދާދީފައިވާ ޙަސަން ވަޙީދުގެ އުފަން ދުވަހުގެ ސެޓްފިކެޓުގައިވާ 06 ޑިސެމްބަރު 1968 ކަމަށާއި، އެއީ ޙަސަން ވަޙީދުގެ މަންމައަށް ގދ. އަތޮޅު އޮފީހުން ހަދާދީފައިވާ އުފަންދުވަހުގެ ސެޓްފިކެޓުގެ އަޞްލާ އެއްގޮތް ކޮޕީއެއްކަމަށް ލިޔެ އަތޮޅު އޮފީހުގެ ތައްގަނޑު ޖަހާދީފައިވަނީ ސެޓްފިކެޓުގެ އަޞްލު ގެއްލިގެން ނުވަތަ ހަލާކުވެގެން އެކަން އަތޮޅު އޮފީހަށް އަންގާފައިވާތީ ކަމަށާއި، އެހެންކަމުން ޙަސަން ވަޙީދުގެ އުފަން އަހަރަކީ 06 ޑިސެމްބަރު 1968 ކަމަށް ކަނޑައަޅައި، ޙުކުމްކޮށްދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މައްޗަށް ޙަސަން ވަޙީދު ދަޢުވާކުރިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ 1093/Cv-C/2023 ގަޒިއްޔާއިންނެވެ.
[2]4.2. އެ ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ޙަސަން ވަޙީދު އެދިފައިވާގޮތަށް ޙަސަން ވަޙީދުގެ އުފަން އަހަރަކީ 06 ޑިސެމްބަރު 1968 ކަމަށް ކަނޑައެޅެން ނެތްކަމަށެވެ. މި ގޮތަށް ސިވިލް ކޯޓުން ނިންމާފައިވަނީ، ޙަސަން ވަޙީދު ބުނާ އުމުރު ސާބިތުކޮށްދޭން ހުށަހަޅާފައިވަނީ ގދ. އަތޮޅު އޮފީހުގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއެއްކަމަށް ބުނާ ލިޔުމެއް އެކަނި ކަމަށްވެފައި، މި ލިޔުމުގެ ޞައްޙަކަމާމެދު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ސުވާލު އުފައްދާފައިވާތީ އަދި މި ލިޔުން ފިޔަވައި ސާބިތުކުރުމަށް އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ، ހަމައެކަނި މި ލިޔުމަށް ބިނާކޮށް ޙަސަން ވަޙީދުގެ ފަރާތުން އޭނާގެ އުފަން ދުވަސްކަމަށް ބުނާ 06 ޑިސެމްބަރު 1968 އަކީ ޞައްޙަ އުފަން ތާރީޚެއްކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާކަމަށެވެ.
[3]4.3. ސިވިލް ކޯޓުގެ 1093/Cv-C/2023 ގަޒިއްޔާ އެ ކޯޓުން ނިންމީ 22 ފެބްރުއަރީ 2024 ގައެވެ. މައްސަލައިގެ "ޝަރީޢަތް ނިމުނު ގޮތް" 27 ފެބްރުއަރީ 2024 ގައި ޙަސަން ވަޙީދުއާ އީމެއިލް މެދުވެރިކޮށް ސިވިލް ކޯޓުން ހިއްސާކޮށްފައިވެއެވެ. އެ ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް ޙަސަން ވަޙީދުގެ ފަރާތުން އެދިފައިވަނީ 17 މާރިޗް 2024 ގައެވެ. އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަސަން ވަޙީދުއަށް ސިވިލް ކޯޓުން ދޫކޮށްފައިވަނީ 20 މާރިޗް 2024 ގައެވެ.
[4]4.4. މި މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވީފަހުން، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޙަސަން ވަޙީދުގެ ފަރާތުން 22 އެޕްރީލް 2024 ގައި ހައިކޯޓަށް ހުށަހެޅިއެވެ. އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ކުރެވިފައި ނުވާ ސަބަބެއްކަމުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފޯމުގައި ޙަސަން ވަޙީދުގެ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިމުނުގޮތުގެ ވަގުތީ ރިޕޯޓު އަދި ދާއިމީ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން ކަމަށެވެ.
[5]4.5. އަދި ހައިކޯޓުގެ ނަންބަރު HC-IH/2024/07 (އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް) ގައި އެ މައްސަލަ ބެލި ފަނޑިޔާރުން ނިންމާފައިވަނީ، އިސްތިއުނާފުކުރަން ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަނޭޅުނުކަމަށް ބުނާ ސަބަބަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ އަމިއްލަ ބާރު ނުފޯރާފަދަ މަގުބޫލު ސަބަބެއް ކަމުގައި ނުބެލެވޭތީ، އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަކަމަށެވެ.
[6]4.6. މިއީ ބުނެވުނު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޙަސަން ވަޙީދުގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން އެ މައްސަލާގައި ނިންމިގޮތެވެ.
[7]4.7. މި މައްސަލައިގައި ކަންހިނގާދިޔަ ގޮތަށް ބަލާއިރު، މި މައްސަލައިގައި ޙުކުމްކުރެވުނީ 22 ފެބްރުއަރީ 2024 ގައި ކަމަށްވާއިރު، އޭގެ 4 ދުވަސް ފަހުން މައްސަލައިގެ ނިމުނުގޮތް ޙަސަން ވަޙީދުއަށް އީމެއިލްއިން ފޮނުވާފައިވެއެވެ. ސިވިލް ކޯޓުން މައްސަލަ ނިމުނުއިރު "ޝަރީޢަތް ނިމުނުގޮތް" ގައި އިސްތިއުނާކުރުމުގެ މުއްދަތާއި މައްސަލައިގެ ޚުލާޞާ (ޝަރީއަތް ނިމުނުގޮތް) އަށް ބިނާކޮށްވެސް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް ޙަސަން ވަޙީދުގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފުގެ މުއްދަތު ހަމަވާން ގާތްގަނޑަކަށް 6 ވަރަކަށް ދުވަސް އޮއްވައި 17 މާރިޗް 2024 ގައެވެ. އަދި 20 މާރިޗް 2024 ގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިވާކަން އެނގެން އޮންނައިރު، އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ 22 އެޕްރީލް 2024 ގައެވެ. އެއީ އިސްތިއުނާފުގެ މުއްދަތު ހަމަވިތާ ގާތްގަނޑަކަށް އަށާވީސް ދުވަސް ފަހުންނެވެ.
[8]4.8. އެހެންކަމުން، ޝަރީޢަތް ނިމުނުގޮތުގެ ވަގުތީ އަދި ދާއިމީ ރިޕޯޓު ލަސްވުމުގެ ސަބަބުން އިސްތިއުނާފުގެ މުއްދަތުގައި މައްސަލަ ހުށަނޭޅުނުކަމަށް ޙަސަން ވަޙީދު ބުނާއިރު، ސިވިލް ކޯޓުން މައްސަލަ ނިމުނުތާ 4 ދުވަސްފަހުން "ޝަރީޢަތް ނިމުނުގޮތް" ޙަސަން ވަޙީދުއާ ހިއްސާކޮށްފައިވާކަން އެނގޭތީއާއި، އިސްތިއުނާފުކުރުމުގެ މުއްދަތު ޙަސަން ވަޙީދުއަށް އެނގިފައި އޮވެ، ރިޕޯޓަށް އެދި ހުށަހަޅާފައިވަނީ އިސްތިއުނާފުގެ މުއްދަތު ހަމަވާން ކައިވެރިވެފައި ވަނިކޮށްކަމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް ޙަސަން ވަޙީދު އެދުނުތާ ތިންވަނައަށް ވީ ދުވަހު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަސަން ވަޙީދުއަށް ސިވިލް ކޯޓުން ދޫކޮށްފައިވާކަން އެނގެން އޮންނާތީ، މި މައްސަލައިގެ "ޝަރީޢަތް ނިމުނުގޮތް" އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލަސްވުމުގެ ސަބަބުން އިސްތިއުނާފުގެ މުއްދަތުގައި މައްސަލަ ހުށަނޭޅުނުކަމަށް ޙަސަން ވަޙީދު ބުނާ ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެން ނެތެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު HC-IH/2024/07 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައެއްއާމެދު ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޙުސްނުއްސުޢޫދު
އަޒްމިރާލްދާ ޒާހިރު
މުޙައްމަދު އިބްރާހީމް
19 ރަބީޢުލްއާޚިރު 1446
22 އޮކްޓޯބަރ 2024
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ގަވާއިދު (2011) ގެ 29 ވަނަ މާއްދާގެ (ނ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.