ޙައްވާ ޙަސަން ވ. އަލްމަރުޙޫމާ އާމިނަތު ޢަބްދުﷲގެ ވާރިޘުން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-IH/2023/02، 47/O-3-C/2002
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހައްދުންމަތީ މާބައިދޫ ކޯޓުން 47/O-3-C/2002 ގައި 24 އޮކްޓޯބަރު 2002 ގައި ކަނޑައެޅީ ހިބައަކީ ސައްޙަ ހިބައެއް ކަމަށެވެ. އޭގެ އިސްތިއުނާފުކުރުމުގެ ހުއްދައަށް 9 ޖަނަވަރީ 2023 ގައި އެދުމުން، ހައިކޯޓުގެ ފަނޑިޔާރުން HC-IH/2023/02 ގައި އިއްތިފާޤުން ނިންމީ މަޤުބޫލު ސަބަބެއް ނެތި މުއްދަތުގައި ހުށަހަޅާފައިނުވާތީ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.
- ވާޤިޢާ
- އާމިނަތު ޢަބްދުﷲގެ ނަމުގައި ރަޖިސްޓްރީވެފައިވާ ލ. މާބައިދޫ ހުވަނދުމާގެ ގޯތީގައި ހުރި ނުއުފުލޭ މުދަލުގެ 1/2 އޭނާގެ ދަރިފުޅު ފާޠިމަތު ޙަސަނަށް ހިބައިން ދިނުމަށް އެދި 5 ސެޕްޓެމްބަރ 2002 ގައި ހައްދުންމަތީ މާބައިދޫ ކޯޓަށް ހުށަހެޅިއެވެ. އާމިނަތު ޢަބްދުﷲ 22 އޮކްޓޯބަރ 2021 ގައި ނިޔާވިއެވެ. ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު އޭނާގެ އަނެއް ދަރިފުޅު ޙައްވާ ޙަސަނަށް ޖުލައި 2021 ގައި ލިބިފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަށު ކޯޓުގެ ޤަޟިއްޔާ ނިމިފައިވާކަން ނޭނގުމުން އިސްތިއުނާފީ މުއްދަތުގައި އިސްތިއުނާފު ނުކުރެވުނު ކަމަށް ބުނާ ފަރާތަކުން، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު ލިބި މައްސަލަ ނިމިފައިވާކަން އެނގުނުތާ ގާތްގަނޑަކަށް 1 އަހަރާއި 5 މަސް ވީފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުން، މަޤުބޫލު ސަބަބެއް ސާބިތުކޮށްނުދެވޭތީ މައްސަލަ ބަލައިނުގަތް ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ރަނގަޅުތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޙައްވާ ޙަސަން ބުނީ، މަންމަ މައްސަލަ ހުށަހެޅިކަމާއި ކޯޓުގައި މައްސަލަ ހިނގަމުން ދިޔަކަން އޭނާއަށް ނޭނގޭ ކަމަށާއި، ޤަޟިއްޔާގެ މަޢުލޫމާތު އެނގުނީ މަންމަ ނިޔާވިތާ 6 ވަރަކަށް މަސްފަހުން ކަމަށެވެ. ސުޕްރީމް ކޯޓުގައި ބުނީ، ޤާނޫނީ މުއްދަތުގައި އިސްތިއުނާފު ނުކުރެވުނީ މައްސަލަ ނިމިފައިވާކަން ނޭނގުމާއި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބުމުން ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު ޙައްވާ ޙަސަނަށް ޖުލައި 2021 ގައި ލިބިފައިވާއިރު، ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މައްސަލަ ނިމިފައިވާކަން އެނގުނުތާ ގާތްގަނޑަކަށް 1 އަހަރާއި 5 މަސް ދުވަސް ވީފަހުންނެވެ. އެ މުއްދަތުގެ ތެރޭގައިވެސް އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް ކުރިމަތިވެފައިވާކަން އޭނާއަށް ސާބިތުކޮށްދެވިފައި ނުވާތީ، މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓަށް ފެނުނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ހައްދުންމަތީ މާބައިދޫ ކޯޓުގެ 47/O-3-C/2002 ޤަޟިއްޔާގެ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނު މައްސަލަ ބަލައިނުގަތް ހައިކޯޓުގެ ނަންބަރު HC-IH/2023/02 (އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް) ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށު ކޯޓުގެ ޤަޟިއްޔާ ނިމިފައިވާކަން ނޭނގުމުން އިސްތިއުނާފީ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކުރެވުނު ކަމަށް ބުނާ ފަރާތަކުން، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު ލިބި، މައްސަލަ ނިމިފައިވާކަން އެނގުމަށްފަހު ވެސް ލަސްވެގެން އިސްތިއުނާފުކުރާނަމަ، އެ މުއްދަތުގެ ތެރޭގައިވެސް އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް ކުރިމަތިވެފައިވާކަން ސާބިތުކޮށްދޭންޖެހެއެވެ.
HN2 އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް ފުރުޞަތު ލިބި، މަޤުބޫލު ސަބަބެއް ނެތި އިސްތިއުނާފަށް ހުށަހަޅާފައި ނުވާނަމަ، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2023/SC-HCL/16
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2023/SC-L/72
ހުށަހެޅުނު ތާރީޚު: 04 ޖޫން 2023
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޙައްވާ ޙަސަން
ޢާންމު ނަން: ޙައްވާދީދީ
ދާއިމީ އެޑްރެސް: ކުދިރަތްމާގެ، ލ. މާބައިދޫ
މިހާރުގެ އެޑްރެސް: 02-H16-19، ހުޅުމާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-IH/2023/02
ހުށަހެޅުނު ތާރީޚު: 09 ޖަނަވަރީ 2023
ނިމުނު ތާރީޚު: 02 މޭ 2023
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ލ. މާބައިދޫ، ކުދިރަތްމާގެ، ޙައްވާ ޙަސަން ގެ މަންމަ ލ. މާބައިދޫ، ހުވަނދުމާގެ، އާމިނަތު ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި އޮތް ލ. މާބައިދޫ، "ހުވަނދުމާގެ" އެވެ ކިޔާ ބަންޑާރަ ގޯތީގައި ހުރި އެހެނިހެން ނުއުފުލޭ މުދަލާއި ގޯތީގައި ހުރި ގެދޮރުފަދަ އެހެނިހެން އިމާރާތްތަކާއި، ގިފިއްޔާއި، ވަޅުފަދަ ތަންތަނާއި، ގޯތީގައި ހުރި އެހެނިހެން ނުއުފުލޭ މުދަލާއި ގޯތީގައި ހުރި އިންފާރު ތަކާއި މުދަލުގެ 1/2 (ދެބައިކުޅަ އެއްބައި) އާމިނަތު ޢަބްދުﷲގެ މިލްކުން ކަނޑައި، އޭނާގެ ދަރިފުޅު ހުވަނދުމާގެ، ފާޠިމަތު ޙަސަން އަށް ހިބައިން ދިނުމަށް އެދި އާމިނަތު ޢަބްދުﷲގެ ފަރާތުން ހައްދުންމަތީ މާބައިދޫ ކޯޓަށް 5 ސެޕްޓެމްބަރ 2002 ގައި ހުށަހެޅިއެވެ.
[2]4.2 މި މައްސަލަ ހައްދުންމަތީ މާބައިދޫ ކޯޓުގެ ނަންބަރު 47/O-3-C/2002 ގަޒިއްޔާއިން ބެލުމަށްފަހު އެކޯޓުން 24 އޮކްޓޯބަރު 2002 ގައި ކަނޑައަޅާފައިވަނީ އިސްވެބުނެވުނު މުޢާމަލާތަކީ ސައްޙަ ހިބައެއްކަމަށް ޝަރީޢަތަށް ސާބިތުވާކަމަށާއި، 24 އޮކްޓޯބަރު 2002 އިން ފެށިގެން ހިބައިން ދެވުނު މުދަލުގެ މިލްކުވެރި ފަރާތަކީ ފާޠިމަތު ހަސަން ކަމަށެވެ.
[3]4.3 ހައްދުންމަތީ މާބައިދޫ ކޯޓުން މި މައްސަލަ ނިންމާފައިވާ ގޮތާއި މެދު ހިތްހަމަނުޖެހިގެން، މިމައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ޙައްވާ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ 9 ޖަނަވަރީ 2023 ގައެވެ.
[4]4.4 ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ޙައްވާ ޙަސަން ބުނެފައިވަނީ ހައްދުންމަތީ މާބައިދޫ ކޯޓުގެ ނަންބަރު 47/O-3-C/2002 ގަޒިއްޔާ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅިފައި ނުވަނީ މި މައްސަލަ ހައްދުންމަތީ މާބައިދޫ ކޯޓަށް އޭނާގެ މަންމަ ހުށަހެޅިކަންވެސް އަދި އެ ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔަކަންވެސް އޭނާއަށް އެނގިފައިނުވާތީ ކަމަށާއި، އޭނާއަށް މި ގަޒިއްޔާގެ މައުލޫމާތު އެނގުނީވެސް އޭނާގެ މަންމަ 22 އޮކްޓޯބަރ 2021 ގައި ނިޔާވިފަހުން އެއިގެ 6 ވަރަކަށް މަސްފަހުން އެހެން ބަޔަކު އެވާހަކަ ދެއްކުމުންކަމަށެވެ.
[5]4.5 ޙައްވާ ޙަސަންގެ ފަރާތުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމީ ހައްދުންމަތީ މާބައިދޫ ކޯޓުގެ ނަންބަރު 47/O-3-C/2002 ގަޒިއްޔާ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް ޙައްވާ ޙަސަންއަށް ފުރުސަތު ލިބި، މަޤުބޫލު ސަބަބެއް ނެތި އިސްތިއުނާފަށް ހުށަހަޅާފައި ނުވާތީ، މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.
[6]4.6 މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2023/02 (އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް) ނިންމުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ޙައްވާ ޙަސަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން އިސްތިއުނާފު ކުރަމުން ޙައްވާ ޙަސަން ހުށަހަޅާފައިވާ ނުކުތާތަކުގައި ބުނެފައިވަނީ ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފަށް ހުށަހެޅިފައިނުވަނީ މައްސަލަ ނިންމާފައިވާކަން ޙައްވާ ޙަސަންއަށް އެނގިފައި ނެތުމާއި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައި ނެތުމުން ކަމަށެވެ.
[7]4.7 ހައްދުންމަތީ މާބައިދޫ ކޯޓުގެ ނަންބަރު 47/O-3-C/2002 ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓު ޙައްވާ ޙަސަން އަށް ޖުލައި 2021 ގައި ލިބިފައިވާތީ އާއި، ޙައްވާ ޙަސަންގެ ފަރާތުން މި ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މި މައްސަލަ މިގޮތަށް ނިމިފައިވާކަން އެނގުނުތާ ގާތްގަނޑަކަށް 1 އަހަރާއި 5 މަސް ދުވަސް ވީފަހުން ކަމަށްވާތީ، އަދި މި މުއްދަތުގެ ތެރޭގައިވެސް އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް ޙައްވާ ޙަސަންއަށް ކުރިމަތިވެފައިވާކަން އޭނާއަށް ސާބިތުކޮށްދެވިފައި ނުވާތީ މި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުން ރަގަޅު ކަމަށް ފެނެއެވެ.
5. ނިންމުން
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2023/02 (އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް) ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
އަޒްމިރާލްދާ ޒާހިރު
ޙުސްނުއްސުޢޫދު (ރިޔާސަތު)
މަޙާޒު ޢަލީ ޒާހިރު
04 ޛުލްޙިއްޖާ 1444
22 ޖޫން 2023
ފުޓްނޯޓު
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A134106
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A134127
- ރަޖިސްޓްރީ ނަންބަރު O-D/2005/24
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A050989
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2023/02 (އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް) ނިންމުން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
—
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.