ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2015/SC-A/07, 2020/SC-HCL/01

މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ހައިބްރައިޓް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުސިވިލް ކޯޓުގެ 2060/Cv-C/2012 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 ނޮވެމްބަރު 2020ދަށު ކޯޓު: ހައިކޯޓު (MISL)95-CR/PRIV/2014/21ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
(MISL)95-CR/PRIV/2014/21، 2060/Cv-C/2012
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުލި ހޯދުމަށާއި ތަން ހުސްކޮށްދިނުމަށް ކުރި ދަޢުވާ ސިވިލް ކޯޓުން ޣައިރު ޙާޟިރުގައި ސާބިތުކުރިއެވެ. އިސްތިއުނާފުގެ މުއްދަތު ފާއިތުވުމަށްފަހު ކުންފުނިން ހުއްދައަށް އެދުމުން، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ހައިކޯޓުން ހުއްދަ ނުދިނެވެ.
ވާޤިޢާ
ހައިބްރައިޓް އެންޓަރޕްރައިސަސްއިން މަހަކު 45,000 ރުފިޔާއަށް ކުއްޔަށްދިން ގޭގެ ފަންގިފިލާތަކުގެ ކުލި 2009 ނޮވެންބަރުން ފެށިގެން ނުދައްކާތީ ކުލި ހޯދުމަށާއި، އެއްބަސްވުން ބާޠިލުކޮށް ތަން ހުސްކޮށްދިނުމަށް ދަޢުވާކުރިއެވެ. އެތައް ފަހަރަކު ހާޒިރުވުމަށް އަންގައި އިޢުލާންކުރުމުންވެސް ހާޒިރުނުވުމުން، ކުންފުނީގެ ޣައިރު ޙާޟިރުގައި ޝަރީޢަތް ހިންގައި ދަޢުވާ ސާބިތުކުރިއެވެ. ކުންފުނިން 20 ޖުލައި 2014 ގައި ހުއްދައަށް އެދުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އިސްތިއުނާފުގެ މުއްދަތު ހަމަވުމުގެ ކުރިން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބި، އޭގައި ހިމެނެންޖެހޭ ލިޔެކިޔުން ނުލިބުނުކަން މުއްދަތުގައި ހައިކޯޓަށް ނާންގައި، މުއްދަތު ފާއިތުވުމަށްފަހު ހުށަހެޅި އިސްތިއުނާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުއްދަ ނުދިނުމަކީ ރަނގަޅު ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން ބުނީ ޣައިރު ޙާޟިރުގައި ނިންމުމުން މުއްދަތުގައި އިސްތިއުނާފު ނުކުރެވުނު ކަމަށާއި، ރިޕޯޓު ލިބުނު ނަމަވެސް މަޙްޟަރު ބަޔާންތަކާއި ލިޔެކިޔުން ނުލިބުނު ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ހައިކޯޓުން މައްސަލަ ބަލަންޖެހޭ ކަމަށާއި، އިޢުލާންކޮށް ޣައިރު ޙާޟިރުގައި ހިންގީ ޤަވާޢިދާ ޚިލާފަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ކުރީގެ އިޖުރާއަތުގެ ދަށުން އިސްތިއުނާފުގެ މުއްދަތަކީ 90 ދުވަހެވެ. އިސްތިއުނާފުކުރާއިރު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ އަސްލު ހުށަހަޅަންޖެހެއެވެ. ރިޕޯޓު ލިބުނީ މުއްދަތު ހަމަވުމުގެ ދެ ހަފުތާ ކުރިންނެވެ. ލިޔެކިޔުން ނުހިމެނޭކަން މުއްދަތުގައި ހައިކޯޓަށް އަންގާފައެއް ނުވެއެވެ. އެހެންކަމުން، ހުއްދަ ނުދިން ނިންމުން ރަނގަޅުނޫންކަމަށް ބަލަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތެވެ.

ނިންމުން

ސިވިލް ކޯޓުގެ 2060/Cv-C/2012 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ…

ސިވިލް ކޯޓުގެ 2060/Cv-C/2012 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަކަމަށް ހައިކޯޓުގެ (MISL)95-CR/PRIV/2014/21 ނިންމުމުން ނިންމާފައިވަނީ ރަނގަޅަށްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިފި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުރިން ޢަމަލުކުރަމުން ދިޔަ އިޖުރާއަތުގެ ދަށުން މާލޭގައި ޤާއިމުވެފައިވާ ދަށު ކޯޓުތަކުގެ ޙުކުމްތައް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައި އޮތް މުއްދަތަކީ 90 ދުވަހެވެ. އަދި އެ މުއްދަތުގައި ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަށް އެދި ހައިކޯޓަށް ހުށަހަޅާއިރު، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ އަސްލު ހުށަހަޅަންވާނެއެވެ.

HN2 އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވުމުގެ ކުރިން ދަށު ކޯޓުގެ ރިޕޯޓު ލިބިފައިވީނަމަވެސް، އެ ރިޕޯޓުގައި ހިމެނެންޖެހޭ ލިޔެކިޔުންތައް ރިޕޯޓާއެކު ހިމެނިފައިނުވާކަން އެ މުއްދަތުގައި ހައިކޯޓަށް އަންގާފައިނުވާނަމަ، މުއްދަތުގައި ހުށަހަޅާފައިނުވާތީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަކަމަށް ނިންމާފައިވާ ނިންމުން ރަނގަޅުނޫންކަމަށް ބަލަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ރިޔާސަތު
އަޙްމަދު މުޢުތަޞިމް ޢަދުނާން
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު:

2020/SC-HCL/01

މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު:

(2015/SC-A/07) 2015/SC-L/02

ހުށަހެޅުނު ތާރީޚު:

20 ޖަނަވަރީ 2015މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:

މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް

ޢާންމު ނަން:

މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް

ދާއިމީ އެޑްރެސް:

ގ. މޫންލައިޓް، މާލެ، 2 ވަނަ ފަންގިފިލާ

މިހާރުގެ އެޑްރެސް:

ގ. މޫންލައިޓް، މާލެ، 2 ވަނަ ފަންގިފިލާ

ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު:

(MISL)95-CR/PRIV/2014/21

ހުށަހެޅުނު ތާރީޚު:

20 ޖުލައި 2014ނިމުނު ތާރީޚު:

03 ސެޕްޓެމްބަރ 2014

ހުށަހެޅިފައިވާ މައްސަލަ

[1]ސިވިލް ކޯޓުގެ ނަންބަރު 2060/Cv-C/2012 ޤަޟިއްޔާގައި ހައިބްރައިޓް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު:C-265/2006 ) އިން މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-680/2006) އަށް މ. ކިރަން އެވެ ކިޔާ ގޭގެ ގްރައުންޑް ފްލޯ އާއި، ސެކަންޑް ފްލޯ މަހަކު 45,000.00ރ. (ސާޅީސް ފަސްހާސް ރުފިޔާ) އަށް ކުއްޔަށްދީފައިވާ ކަމަށާއި، މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން 2009 ނޮވެންބަރު މަހުން ފެށިގެން ކުލި ދައްކަމުން ނުދާކަމަށްބުނެ، މި މައްސަލަ ނިމޭ ތާރީޚާ ހަމަޔަށް ކުލި ލިބިގަތުމަށާއި، 20 ސެޕްޓެންބަރު 2006 ގައި ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައި ނުވާކަމަށްބުނެ އެ އެއްބަސްވުން ބާޠިލުކުރުމަށާއި، މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކުށްޔަށް ހިފާފައިވާ މ. ކިރަން އެވެ ކިޔާ ގޭގެ ގްރައުންޑް ފްލޯ އާއި، ފަސްޓް ފްލޯ އާއި، އަދި ސެކަންޑް ފްލޯ ހުސްކޮށްދީ އެތަން ހައިބްރައިޓް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމަށް މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހައިބްރައިޓް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާ ކުރިއެވެ. އެ ޤަޟިއްޔާގައި ސިވިލް ކޯޓުން 09 އޮކްޓޫބަރު 2014 ގައި ޙުކުމްކޮށްފައިވަނީ މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން މ. ކިރަން އެވެ ކިޔާ ގޭގެ ގްރައުންޑް ފްލޯ އާއި، ފަސްޓް ފްލޯ އަދި ސެކަންޑް ފްލޯ 45,000/-ރ. (ސާޅީސް ފަސްހާސް ރުފިޔާ) ގެ ކުއްޔަކަށް ހައިބްރައިޓް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުއްޔަށް ހިފައިގެން އުޅޭކަމާއި، ނޮވެންބަރު 2009 އިން ފެށިގެން ކުލިދައްކަމުން ނުދާކަމާއި، އަދި މިހާރުވެސް މ. ކަރަން އެވެ ކިޔާ ގޭގެ ގްރައުންޑް ފްލޯއާއި، ފަސްޓް ފްލޯ އާއި، އަދި ސެކަންޑް ފްލޯ ބޭނުންކުރަމުންދަނީ މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްކަން ހައިބްރައިޓް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަހުންނާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަމާއި، އެހެންކަމުން ހައިބްރައިޓް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މި ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށެވެ.

[2]ސިވިލް ކޯޓުގެ ނަންބަރު 2060/Cv-C/2012 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް އެދި މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވި ފަހުންނެވެ.

[3]ސިވިލް ކޯޓުގެ ނަންބަރު 2060/Cv-C/2012 ޤަޟިއްޔާ އާ ގުޅިގެން މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ސިވިލް ކޯޓަށް ހާޒިރުކުރަންބޭނުންވެ ހާޒިރު ނުކުރެވިވާތީ، 17 ފެބްރުވަރީ 2014 ގެ 14:00 އަށް މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް އެ ކޯޓަށް ހާޒިރުވުމަށް 09 ފެބްރުވަރީ 2014 ގައި އަންގައި އިޢުލާން ކޮށްފައިވެއެވެ. އަދި އެ އިޢުލާނުގައިވާ ތާރީޚުގައި މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖަވާބުދާރީ ވާނެ ފަރާތެއް ސިވިލް ކޯޓަށް ހާޒިރުނުވެއްޖެނަމަ މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ހާޒިރުގައި މައްސަލަ ހިންގައި ނިންމޭނެކަން އަންގާފައިވެއެވެ.

[4]09 މާރިޗު 2014 ގައި ސިވިލް ކޯޓުގެ ނަންބަރު 2060/Cv-C/2012 ޤަޟިއްޔާ މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ހާޒިރުގައި ނިންމިއެވެ. އަދި ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ދަޢުވާ ލިބޭ މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތް ސިވިލް ކޯޓަށް ހާޒިރުކުރުމަށްޓަކައި އެކިފަހަރު މަތީން ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވައި، ދީފައިވާ އެޑްރެހުގައި ރަތް ޗިޓް ހަރުކުރެވި، އަދި ކޯޓަށް ހާޒިރުވުމަށް އަންގައި އިޢުލާންކުރުމުންވެސް މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހާޒިރުވެފައިނުވާތީ، ދަޢުވާލިބޭ މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޒިރުގައި މައްސަލަ ހިންގައި ކުރިއަށް ގެންދިއުމަށް ދަޢުވާކުރާ ހައިބްރައިޓް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އިޢުތިރާޟުކޮށްފައިނުވާތީ "ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ހާޒިރުގައި މި މައްސަލައިގެ ޝަރީޢަތް ހިންގާފައިވެއެވެ.

[5]20 ޖުލައި 2014 ގައި މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، އެ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާފައިވާތީ މައްސަލަ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެ މައްސަލަ ހުށަހެޅިފައި ނުވާކަމަށްބުނެ، އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވެދިޔަފަހުން މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީ ހުށަހަޅާފައިވެއެވެ.

[6]މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު، މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާކަން މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއަށް އެނގި، އަދި އެ މައްސަލަ އިސްތިއުނާފުކުރުމަށް އެކަށީގެންވާ މުއްދަތެއް މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއަށް ލިބިފައިވާކަން އެނގެންއޮންނާތީ، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްއަށް އަންގާފައިވެއެވެ.

[7]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި، މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު2060/Cv-C/2012 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށާއި، މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލައި، ޢަދުލު އިންޞާފު ޤާއިމްކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭނެ މައްސަލައެއްކަމުގައި ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 2060/Cv-C/2012 ޤަޟިއްޔާ އިން މައްސަލަ ހިންގާފައިވަނީ އިޢުލާނުކުރުމަށް ފަހު ހާޒިރުނުވެގެންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 ވަނަ މާއްދާއާއި، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ 20 ވަނަ މާއްދާގެ 04 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށް ކަނޑައަޅައި، މައްސަލަ ނިންމައި ދިނުމަށް އެދި މޯލްޑިވްސް އެންޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ.

[8]މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކުރާއިރު، މި މައްސަލައަކީ ހެކީންގެ ހެކިބަހުންނާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށް، މައްސަލަ ހުށަހަޅާ ފަރާތުގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ނިންމާފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ. އަދި މި މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ތެރޭގައި ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރެވިފައި ނުވަނީ، މައްސަލަ ހުށަހަޅާ ފަރާތުގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން މި މައްސަލަ ނިންމާފައި ވުމުންކަމަށް މައްސަލަ ހުށަހަޅާ ފަރާތުން ބުނެފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2060/Cv-C/2012 ޤަޟިއްޔާގެ ޙުކުމްކުރިތާ އެއް މަސް ފަހުން، ސިވިލް ކޯޓުން އެ މައްސަލައިގައި ޙުކުމެއް ކޮށްފައިވާކަން މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އެނގިފައިވާ ކަމަށާއި، އެހެންނަމަވެސް، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިބިފައިވަނީ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ދެ ހަފުތާވަރު ކުރިންކަމަށް އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮވެއެވެ.

[9]ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު 2060/Cv-C/2012 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނުއިރު، ޢަމަލުކުރަމުން ދިޔަ އިޖުރާއާތުގެ ދަށުން މާލޭގައި ޤާއިމުވެފައިވާ ދަށުކޯޓުތަކުގެ ޙުކުމްތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައި އޮތް މުއްދަތަކީ 90 (ނުވަދިހަ) ދުވަސްކަން އެނގެން އޮވެއެވެ. އަދި އެ މުއްދަތުގައި، ދަށުކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާއިރު، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ އަސްލު ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، މި މައްސަލަ އެ މުއްދަތުގައި އިސްތިއުނާފުކުރުމަށް އެދި ހުށަހެޅިފައި ނުވަނީ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިބިފައިވީނަމަވެސް، އެ ރިޕޯޓުގައި ހިމެނޭ މަޙްޟަރު ބަޔާންތަކާއި އެނޫންވެސް ލިޔެކިޔުންތައް ލިބިފައިނުވާތީ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވާކަމާއި، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލިބިފައި ނުވިނަމަވެސް، އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވިތާ އެއް ދުވަސް ފަހުން މައްސަލަ ހައިކޯޓަށް ހުށަހެޅިކަން އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައާގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.

[10]މިގޮތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވުމުގެ ދެ ހަފުތާ ކުރިން ދަށުކޯޓުގެ ރިޕޯޓު ލިބިފައި ވީނަމަވެސް، އެ ރިޕޯޓުގައި ހިމެނެންޖެހޭ ބުނެވިދިޔަ ލިޔެކިޔުންތައް އެ ރިޕޯޓާއެކު ހިމެނިފައިނުވާކަން ބަޔާންކޮށް، އެ މުއްދަތުގައި މޯލްޑިވްސް އެމްޕްލޯއިމެންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކަން ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގާފައިނުވާކަން އެނގެއެވެ.

[11]އިސްވެބަޔާންކުރެވުނު ކަންކަން އެގޮތުގައިހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2060/Cv-C/2012 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައިނުވާތީ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް ނިންމާފައިވާ ނިންމުން ރަނގަޅުނޫންކަމަށް ބަލަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ.

ނިންމުން

[12]އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2060/Cv-C/2012 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (MISL)95-CR/PRIV/2014/21 ނިންމުމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:

އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)

ޑރ. އަޒްމިރާލްދާ ޒާހިރު

ޙުސްނުއްސުޢޫދު

10 ރަބީޢުލްއާޚިރު 1442

25 ނޮވެމްބަރ 2020

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ)
  • ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 ވަނަ މާއްދާ
  • ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ)
  • ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ 20 ވަނަ މާއްދާގެ 04 ވަނަ ނަންބަރު

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ