ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/SC-HCL/16, 2020/SC-A/26

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މިފްތާޙް

ސުޕްރީމް ކޯޓުހައިކޯޓުގެ HC-N-IH/2019/05 ނިންމުމާ ޚިލާފަށް، މައްސަލަ…
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 އޮކްޓޫބަރު 2020ދަށު ކޯޓު: ހައިކޯޓު HC-N-IH/2019/05ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-N-IH/2019/05، 47/E12C/2017
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ބިރުދެއްކުމުގެ ދަޢުވާ ސާބިތުނުވާކަމަށް މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން 18 ޖުލައި 2018 ގައި ޙުކުމްކުރުމުން، މުއްދަތު ފާއިތުވުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނެވެ. ރިޕޯޓު ލަސްވުމަކީ މަޤުބޫލު ސަބަބެއް ނޫންކަމަށް ބުނެ ހައިކޯޓުން ހުއްދަ ނުދިނެވެ.
ވާޤިޢާ
އަޙްމަދު މިފްތާޙުގެ މައްޗަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ކުރުމުން، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ހެކި ނުލިބޭތީ ދަޢުވާ ސާބިތުނުވާކަމަށް މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރިއެވެ. ރިޕޯޓު ލިބުމުން އިސްތިއުނާފުކުރާނެކަން 2 އޮގަސްޓް 2018 ގައި ހައިކޯޓަށް އެންގިއެވެ. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރީ ޙުކުމްކުރިތާ 203 ދުވަސް ފަހުން، 6 ފެބްރުއަރީ 2019 ގައެވެ. 19 ފެބްރުއަރީ 2019 ގައި އިސްތިއުނާފަށް ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަށު ކޯޓުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުން ލަސްވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މަޤުބޫލު ސަބަބެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އިސްތިއުނާފުގެ މުއްދަތުގައި ދަށު ކޯޓުން ދީފައިނުވާތީ މުއްދަތުގައި ހުށަނޭޅުނު ކަމަށާއި، ރިޕޯޓު ލިބުމުން އިސްތިއުނާފުކުރާނެކަން މުއްދަތުގެ ތެރޭގައި ހައިކޯޓަށް އަންގާފައިވާ ކަމަށާއި، ހުއްދަ ނުދިން ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށެވެ. ރެސްޕޮންޑެންޓުގެ ހުށަހެޅުމެއް ނިންމުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ކޯޓުގެ ސަބަބުތައް
ހެކި ނުލިބޭތީ ދަޢުވާ ސާބިތުނުވާކަމަށް ނިންމި މައްސަލައެއްގައި އިސްތިއުނާފު ބިނާވާ އެންމެ މުހިންމު ލިޔެކިޔުމަކީ ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތަކެވެ. އެ ލިޔެކިޔުން ނެތި އިސްތިއުނާފު ބިނާކުރުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފުގެ ޙައްޤަށް ހުރަސްއެޅޭ ކަމެކެވެ. އެހެންކަމުން، ރިޕޯޓު ލަސްވުމަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުއްދަ ދޭންޖެހޭ، އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެކެވެ.

ނިންމުން

ހައިކޯޓުގެ HC-N-IH/2019/05 ނިންމުމާ ޚިލާފަށް، މައްސަލަ…

ހައިކޯޓުގެ HC-N-IH/2019/05 ނިންމުމާ ޚިލާފަށް، މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތުގައި ހުށަނޭޅުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވާ ފަދަ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ކަމަށް ކަނޑައަޅައި، މި މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ނިންމައި، ނިންމުމުގެ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގައިފި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަޢުވާ ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވާކަމަށް ބުނެ ދަށު ކޯޓުން ނިންމާފައިވާ މައްސަލައެއްގައި، މައްސަލައިގެ އިސްތިއުނާފު އެމައްޗަށް ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކަށްވާނީ މައްސަލައިގައި ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތައް ކަމުގައިވާއިރު، މިފަދަ މުހިންމު ލިޔެކިޔުން ނެތި މައްސަލައިގެ އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭކަމެކެވެ.

HN2 އިސްތިއުނާފުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ ގޮތުން، ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ ފަދަ މަޤުބޫލު ސަބަބެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު:

2020/SC-HCL/16

މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު:

(2020/SC-A/26) 2019/SC-L /168

ހުށަހެޅުނު ތާރީޚު:

30 ސެޕްޓެމްބަރ 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޢާންމު ނަން:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދާއިމީ އެޑްރެސް:

ހ. ވެލާނާގެ / ކ.މާލެ

މިހާރުގެ އެޑްރެސް:

ހ. ވެލާނާގެ / ކ.މާލެ

ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު:

HC-IH/2019/05

ހުށަހެޅުނު ތާރީޚު:

26 ފެބްރުއަރީ 2019ނިމުނު ތާރީޚު:

27 ޖޫން 2019

ހުށަހެޅިފައިވާ މައްސަލަ

[1]މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 47/E12C/2017 ގަޒިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ރ. މަޑުއްވަރީ، ރިނބުދޫގެ، އަޙްމަދު މިފްތާޙުގެ މައްޗަށް ބިރުދެއްކުމުގެ ކުށުގެ ދައުވާކުރިއެވެ. އެ ގަޒިއްޔާގައި މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން 18 ޖުލައި 2018 ގައި ޙުކުމްކޮށްފައިވަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، އަޙްމަދު މިފްތާޙުގެ މައްޗަށް އެ ދައުވާ ސާބިތު ނުވާކަމަށެވެ.

[2]މި މައްސަލައިގައި މާޅޮސްމަޑުލު މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރި ނަމަވެސް، އެ ކޯޓުން ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދައުލަތަށް ދޫކޮށްފައިވަނީ 6 ފެބްރުއަރީ 2019 ގައެވެ. އެއީ މައްސަލައިގައި ހުކުމް ކުރިތާ 203 ދުވަސް ފަހެވެ.

[3]މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 47/E12C/2017 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އިސްތިއުނާފުކުރުމުގެ މުއްދަތުގައި އެ ކޯޓުން ދީފައިނުވާ ކަމަށާއި، ނަމަވެސް ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމުން އެ މައްސަލަ އިސްތިއުނާފުކުރަން ގަސްތުކުރާކަން 2 އޮގަސްޓް 2018 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ފޮނުވި ނަންބަރު 196-A2/95/2018/300 ސިޓީއިން ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގާފައިވެއެވެ.

[4]މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 47/E12C/2017 ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު 6 ފެބްރުއަރީ 2019 ގައި ލިބުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް 19 ފެބްރުއަރީ 2019 ގައި ހުށަހަޅާފައި ވެއެވެ.

[5]އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ތެރޭގައި ހުށަނޭޅުނު ސަބަބެއްކަމުގައި މައްސަލައިގެ ރިޕޯޓު ލިބުން ލަސްވެފައިވާކަމަށް ބުނެ ހުށަހެޅި މި ސަބަބަކީ އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރުމަށް އޮތް އެކަށީގެންވާ މަގުބޫލު ސަބަބެއްކަމަށް ބެލެވެން ނެތްކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ހައިކޯޓުގެ ނަންބަރުHC-N-IH/2019/05 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" ނިންމުމުން ނިންމާފައިވެއެވެ.

[6]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ހައިކޯޓުގެ ނަންބަރު HC-N-IH/2019/05 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" ނިންމުން ނިންމާފައިވަނީ ގާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، މައްސަލަ ބަލައިގަތުމަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި ކޯޓުގެ ނަންބަރު 2020/SC-HCL/16 ފޯމުން ހުށަހެޅުމުން ބެލުނު މައްސަލައެވެ.

[7]މި މައްސަލައިގައި ކަންހިނގާދިޔަ ގޮތަށާއި މައްސަލައިގެ ބާވަތަށް ރިޢާޔަތްކުރާއިރު، މި މައްސަލައަކީ ދައުވާ ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވާކަމަށް ބުނެ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ މައްސަލައެއް ކަމުގައިވާއިރު، މައްސަލައިގެ އިސްތިއުނާފު އެ މައްޗަށް ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކަށްވާނީ މައްސަލައިގައި ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތައްކަން އެނގެން އޮންނައިރު، މިފަދަ މުހިންމު ލިޔެކިޔުން ނެތި މައްސަލައިގެ އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފު ކުރުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭކަމެއް ކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމުން، އިސްތިއުނާފުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ ގޮތުން، މި ސަބަބަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ ފަދަ މަޤުބޫލު ސަބަބެއްކަމަށް ދެކެމެވެ.

ނިންމުން

[8]އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 47/E12C/2017 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިނުވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ އަމިއްލަ ބާރު ނުފޯރާ މަގުބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައިވާތީ، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގައި، މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:

ޙުސްނުއްސުޢޫދު (ރިޔާސަތު)

ޑރ. އަޒްމިރާލްދާ ޒާހިރު

ޢާއިޝާ ޝުޖޫން މުޙައްމަދު

21 ޞަފަރު 1442

08 އޮކްޓޯބަރ 2020

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ